(3 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގައުމާއި ގައުމުގެ ފަހުލަވާނު
(1)
ސަރަހައްދީ ބާޒު އެއް ހާސް ސިފައިންގެ ލަޝްކަރަކާއެކު ގްރަނާދާއަށް އަރައިވަޑައިގެންފިއެވެ. އޭނާގެ އެންމެ ފަހުގެ ފަތަހައިގެ ޚަބަރު އޮތީ ރަސްކަމުގެ ދަށުގައި ހުރި ހުރިހައި ރަށަކަށް ފޯރައިފައެވެ. އެތައް އަހަރެއްގެ އުއްމީދަށް ފަހު ބަދްރުގެ ފައިންޕުޅު ދެކިލުމުގެ އުފާވެރިކަން ގްރަނާދާގެ އަހުލުވެރިންނަށް ލިބުނީއެވެ. ފާތިހެއްގެ އިސްތިގުބާލަށް އެމީހުން މި ނުކުތީ އެތައް އަހަރެންގެ ފަހުންނެވެ. ސަހަރާ ތަންކޮޅެއް ދުރުން ރަސްގެފާނުގެ ނަންފުޅުމަތީގައި ބަދްރު ބިން މުޣީރާއަށް މަރުހަބާ ވިދާޅުވީ މޫސާއާއި އޭނާގެ ލަޝްކަރުގެ ކޮމާންޑަރުންނެވެ. ގްރަނާދާގެ ރަސްގެފާނު އަބުލްޙަސަނާއި ވަލީޢަހްދު އަބޫ ޢަބްދުﷲ މުޙައްމަދާއި ރަސްގެފާނުގެ ކޮއްކޯފުޅު އަބޫ ޢަބްދުﷲ އައްޒަޣަލާ ތިން ބޭފުޅުން ތިއްބެވީ ގަނޑުވަރުގެ ދޮރާށިކޮޅުގެ މަތީގައިވާ ބުރުޒުގައި އެ އުފާވެރި މަންޒަރު ދެކެވަޑައިގަންނަވާށެވެ. މީސްތަކުންގެ އުފާވެރިކަމާއި ޖޯޝު ހުރި މިންވަރުން އާލާވެގެން ދަނީ އަންދަލުސްގެ މުޖާހިދުން އުތުރުގެ ސަރަހައްދުތަކުގެ ހަނގުރާމަތައް ކާމިޔާބު ކުރުމަށް ފަހު އެނބުރި ގްރަނާދާއަށް އަންނަ މަންޒަރުގެ ހަނދާނެވެ.
ގޭގޭގެ ފުރާޅުމަތީގައި ތިބެގެން މީހުން ގެންދިޔައީ މަލުގެ ވާރޭ ވެއްސަމުންނެވެ. ބަދްރު ބިން މުޣީރާ އިންނެވީ އާދައިގެ މަތީން ހުދު ހެދުންކޮޅެއް ތުރުކުރއްވައިގެންނެވެ. އެކަމަކު މިއަދު މޫނުފުޅު ނިވަލެއް ނުކުރައްވައެވެ. އޭނާގެ ކަނާތްޕުޅު ފަރާތުގައި އަސްކޮޅަކަށް ސަވާރުވެވަޑައިގެން އިންނެވީ މޫސާއެވެ. ވައަތްޕުޅު ފަރާތުގައި އިންނެވީ އައްޒައިޣަރީއެވެ. ބަދްރުގެ އަސްކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ހިންގަވައިފައި އެ ވަޑައިގަންނަވަނީ ލަޝްކަރުގެ އެންމެ ހިތްވަރުފުޅު ގަދަ އެއް ފަހުލަވާނަކު ކަމުގައިވާ ނަޢީމް ރިޟްވާނެވެ. ލަޝްކަރުގެ އެންމެ ކުރީގައި މުޖާހިދަކު ބަދްރުގެ ހަނދުފަޅި ޖެހި ދިދަކޮޅު ހިފައިގެން އަންނަ މަންޒަރު ފެނެއެވެ.
މި ޖުލޫސް މަލުގެ ވާރޭގެ ތެރެއިން، މަލުގެ މަތީގައި ދަތުރުކުރަމުން އައިސް ރަށުގެ ދޮރާށްޓާ ހަމައަށް އަތުވެއްޖެއެވެ. އަބުލް ޙަސަން އައްޒަޣަލާ ދިމާއަށް ބައްލަވައިލައްވާފައި ލޯފުޅުން އޮހެމުން ދިޔަ އުފާވެރިކަމުގެ ކަރުނަފޮދު ފޮއްސަވައިލެއްވިއެވެ. [މިއީ އަހަރެމެންގެ މީހަކު ކަމުގެ ޔަގީންކަން އަހަންނަށް ކުރިންވެސް އޮތެވެ.] ދެން ބައްލަވައިލެއްވީ އަބޫ ޢަބްދުﷲއާ ދިމާއަށެވެ. [ދަރިފުޅާއެވެ. އޭނާއަށް މަރުހަބާ ދަންނަވަން ދާންވީހީ ދަރިފުޅެވެ.]
[އަޅުގަނޑުތޯއެވެ؟] އަބޫ ޢަބްދުﷲ ހައިރާންފުޅުވެފައި ސުވާލުކޮށްލެއްވިއެވެ.
[އާނއެކެވެ. އޭނާގެ އަތްތިލައިގައި އެންމެ ފުރަތަމަ ބޮސްދޭ މީހަކަށް ވުމަކީ ދަރިފުޅުގެ ވާޖިބެކެވެ.]
[އޭރުން ޝާހީ ޢާއިލާގެ ހައިބަތަށް ވާނީ ކިހިނެއްތޯއެވެ؟]
އަބުލްޙަސަން ވިދާޅުވިއެވެ. [ާޝާހީ އާއިލާގެ ހައިބަތު އަބަދުވެސް އޮންނަނީ ލަދުވެތިވާން ޖެހޭފަދަ ދަރަޖައަކަށް، އޭނާފަދަ މުޖާހިދުންނަށް ދަރައިފައެވެ.]
އައްޒަޣަލް ވިދާޅުވިއެވެ. [ބޭބޭފުޅު ދަރުބާރަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު ގޮސް އޭނާ ގޮވައިގެން ދަރުބާރަށް އަންނާނަމެވެ.]
އަބުލްޙަސަން ވިދާޅުވިއެވެ. [އަބޫ ޢަބްދުﷲ މިހާރު މިއޮތީ ޝާހީ އާއިލާގެ ހައިބަތުގެ ސުވާލު އުފައްދައިފައެވެ. އެހެންވީމާ ބަދްރު ބިން މުޣީރާގެ އިސްތިގުބާލަށް ނުކުންނާނީ އަހަންނެވެ. ހުރިހައި އަމީރުން ޝާހީ ދަރުބާރަށް އަންނާން އަންގާށެވެ. މާފައްޗެއް ފޮނުވާންވެސް އަންގާށެވެ. އަދި ޖުލޫސް ކުޑައިރުކޮޅަކަށް ދޮރާށި ދޮށުގައި ހިފަހައްޓަން މޫސާއަށް އަންގާށެވެ.]
އޭރު މީސްތަކުން އޮތީ ދޮރާށި ދޮށަށް ޖަމާވެފައެވެ. ބަދްރު ބިން މުޣީރާއަށް ސަނާ ކިޔުމުގެ އަޑުން މުޅި ތަން ވަނީ ގުގުމައިފައެވެ. މޫސާ އަސްކޮޅުގައި ކުރިއަށް ޖެހިވަޑައިގެން މީހުން ދުރަށް ޖައްސަވައި މަގު ތަނަވަސް ކުރައްވައިފިއެވެ. އެކަމަކު ބަދްރުގެ ބައިވެރިން ކުރިއަށް ވަޑައިގަތުމުގެ ކުރީން ދަރުބާރުގެ މޫލަވެރިޔާ ދުވެފައި އައިސް މޫސާގެ ކަންފަތްޕުޅުދޮށުގައި ދަންނަވައިފިއެވެ. [ޝާހީ އަމުރުފުޅު އޮތީ އިއްޒަތްތެރި މެހުމާނުން ކުޑައިރުކޮޅަކު މިތާގައި މަޑުކުރައްވާށެވެ.]
ކުޑައިރުކޮޅެއް ފަހުން އަމީރުންނާއެކު އަބުލްޙަސަން ދޮރާށި ދޮށަށް ނުކުމެވަޑައިގެންފިއެވެ. އެއްވެފައި ތިބި މީހުން ހައިރާންކަމާއެކު މި މަންޒަރު ބަލަމުން ގެންދިޔައެވެ. އަބުލްޙަސަން ހަރުފަތްތަކުން ތިރިއަށް ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަތީމާ މޫސާއާއި އައްޒައިޣަރީ އަސްކޮޅު ފައިބައިވަޑައިގެންފިއެވެ. ބަދްރު ބިން މުޣީރާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިގެން ހުރި ނަޢީމް ބިން ރިޟްވާން ދަންނަވައިފިއެވެ. [މަނިކުފާނުގެ އިސްތިގުބާލުގައި އެ ނުކުމެވެޑައިގަތީ ޚުދު ޢިއްޒަތްތެރި ރަސްގެފާނެވެ.]
އެޔާއެކު ބަދްރު އަސްކޮޅުން ފުންމަވައިލައްވައިފިއެވެ.
(2)
އޭރު އަބުލްޙަސަން ވަޑައިގެން އަރައި ހަމަކުރައްވައިފިއެވެ. އަތްޕުޅުން ސަލާންކުރެއްވުމުގެ ބަދަލުގައި އަބުލްޙަސަން ބަދްރު ބިން މުޣީރާއާ ކޮނޑާއި ކޮނޑު ޖައްސަވައި ސަލާން ކުރެއްވިއެވެ. އަދި އަތްޕުޅުގައި އޮތް މަލުގެ ހާރު ބަދްރުގެ ކަރުފުޅުގައި އަޅުއްވައިފިއެވެ. އެޔަށް ފަހު ބަދްރުގެ ދިދަކޮޅުގައި ބޮސްދެއްވައިފައި ވިދާޅުވިއެވެ. [މޫސާއެވެ. ގްރަނާދާގެ އަހުލުވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދޭށެވެ. މިއަދުން ފެށިގެން ޝާހީ ދަރުބާރުގައި ވިހުރުވޭނީ ބަދްރު ބިން މުޣީރާގެ ދިދަކޮޅެވެ. އަހަރެމެންގެ ދިދަ ބާވެއްޖެއެވެ. ބަދްރު މި ވަޑައިގަތީ އަހަރެމެންގެ އައު ދިދަ ހިއްޕަވައިގެންނެވެ. އަހަރެމެންގެ ކަނޑިތަކުގައި ހުރީ ދަބަރު ޖަހައިފައެވެ. ގުދުރަތުން މި ވަނީ އެކަނޑިތަކުގެ ދަބަރު ފިލުއްވައި އޮފުއަރުއްވާނޭ ބޭފުޅަކު ފޮނުއްވައިފައެވެ. ޢިއްޒަތްތެރި މެހުމާނު އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެންނެވީތީ ޝުކުރު ދަންނަވަމެވެ.]
މޫސާ ހަރުފަތްތަކުގެ މައްޗަށް އަރައިވަޑައިގެން އެއްވެފައި ތިބި މީހުންނާ ދިމާއަށް އެނބުރިވަޑައިގެންފިއެވެ. މީސްތަކުން އެކަކު އަނެކަކަށް ހިމޭންވާން އިޝާރަތްކުރަން ފަށައިފިއެވެ. ގްރަނާދާގެ އަހުލުވެރިން ގަބޫލުކުރާ ގޮތުގައި މޫސާއަކީ އެބައިމީހުންގެ ތަރުޖަމާނެވެ. އޭނާ އަތްޕުޅު މައްޗަށް ނެންގެވުމާއެކު އެންމެންގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. މޫސާ ތަގުރީރު ފަށްޓަވައިފިއެވެ. [1]
[ގްރަނާދާގެ އަހުލުވެރީންނޭވެ! މިއަދު ތިޔަބަމީހުންގެ ކުރިމަތީގައި މި ހުންނެވީ އޭނާގެ ކަނޑިކޮޅުގެ މިޔައިން އަންދަލުސްގެ ތާރީޚު ލިޔުއްވި، އަޒުމުފުޅު ވަރުގަދަ މުޖާހިދެކެވެ. އޭނާ ވަނީ މަދު މުޖާހިދުންކޮޅަކާއެކު ނުކުމެވަޑައިގެން ފެރްނާންދޯގެ ރަހުމުކުޑަ ލަޝްކަރު އެތައް ފަހަރަކު ބަލިކުރައްވައިފައެވެ. ތިޔަބައިމީހުންގެ ސަރަހައްދީ ބާޒު، ބަދްރު ބިން މުޣީރާ އެ ވަޑައިގަތީ ތިޔަބައިމީހުންނަށް އޮތް މެސެޖަކާއިގެންނެވެ. އެއީ މިނިވަންކަމާއި އިއްޒަތަށްޓަކައި ލެއިން ފެންވަރާށާއި އަލިފާނުގެ ތެރެއަށް ފުންމައިލާން ތައްޔާރަށް ތިބޭ ބަޔަކު ބަލިކޮށްލުމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ކުރެވޭނޭ ކަމެއް ނޫންކަމުގެ މެސެެޖެވެ.
ކޯރްދޮބާއާއި ސެބިއްޔާއާއި ތޮލޭދޯގައި ހުރި އަހަރެމެންގެ އަޒްމަތުގެ ދިދަ ވެއްޓުނީ އަހަރެމެން އަމިއްލައަށް ޚިޔާރުކުޅަ މަގެއްގެ ސަބަބުންނެވެ. އެއީ މީގެ ކުރިންވެސް ގައުމުތައް މަތީ ދަރަޖައިން ވެއްޓި ލަދުވެތިކަމާއެކު ވެއްޔާއި މޮޑެވިގެންދިޔަ މަގެވެ. އަހަރެމެންގެ ހިތްވަރުގަދަ ކާބަފައިން އެ ސަހަރުތަކުގައި އެބައިމީހުންގެ ލެއިން ކުރެހި ޗާޓުތައް މިހާރު ވަނީ އަހަރެމެންގެ ކަރުނައިން ދޮވެވި، ފިލައިގޮސްފައެވެ. އިސްލާމުންނޭވެ! ހަނދާންކުރާށެވެ. ތިޔަބައިމީހުން ކޯރްދޮބާގެ ހިތި ނިމުމުން ޢިބްރަތް ހާސިލު ނުކުޅަނަމަ ފެންނާނީ ކުރިމަގުގެ މުވައްރިޚުން ތިޔަބައިމީހުންގެ ދާސްތާނުގެ ގެއްލިފައިވާ ސަފުހާތައް މާޒީގެ ކުނީގެ ތެރެއިން ހޮވައިގެން ނެރެވޭތޯ މަސައްކަތްކުރާ ތަނެވެ.
ކޯރްދޮބާއާއި ސެބިއްޔާގެ އާލީޝާން ރަސްކަން އެބައިމީހުން ވަރުގަދަކަމާއި ހިތްވަރުގަދަކަމާއެކު އަހަރެމެންގެ އަތުން ޖަހައިގަތީއެއް ނޫނެވެ. އެއީ އަހަރެމެން އަމިއްލަ ފިނޑިކަމުން ދޫކޮށްލީ ތަންތަނެވެ. އަހަރެމެންގެ ތަރައްގީއާއި ސަލާމަތްތެރިކަން އޮތީ އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ސީދާމަގުން ހިނގުމުގައެވެ. އަރަބި ސަހަރާތަކުން ނުކުމެގެން އައިސް ހިސްޕާނިޔާގެ ފެހި ވާދީތަކާ ހަމައައަށް އަހަރެމެން އައީ އެކަލޭގެފާނު ދެއްކެވި މަގުން ދަތުރުކޮށްފައެވެ. ކިސްރާއާއި ޤައިސަރުގެ ތާޖު ފައިދޮށުލީވެސް އެ މަގުން ދަތުރުކޮށްފައި ގޮހެވެ. އެފްރިކާގެ ހޫނުގަދަ ސަހަރާތަކާއި އީރާނުގެ އަލްބޮރްޒް ފަރުބަދައިގެ ގަނޑުފެނާ ހަމައަށް އަހަރެމެން ގެންގޮސް ދިނީ އެ މަގެވެ.
އަހަރެމެންގެ ވެއްޓުން ފެށުނީ އެ މަގު ދޫކޮށްލި ހިސާބުންނެވެ. އިސްލާމް ދީނުން ވަނީ އަހަރެމެންނަށްޓަކައި ގުދުރަތުގެ އިނާމުގެ ދޮރު ހުޅުވައިދީފައެވެ. ރަޙްމަތުގެ އެ ދޮރު ބަންދުކުރީ އަހަރެމެންގެ އަތުން، އަމިއްލައަށެވެ. އިސްލާމް ދީން އަހަރެމެންނަށް އަންގަނީ ﷲ އަށްޓަކައި ޖިހާދު ކުރާށެވެ. އެކަމަކު އަހަރެމެން އުޅެގަތީ އަމިއްލަ ގައުމުގެ އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރާށެވެ. އިސްލާމް ދީނުން އަހަރެމެންނަށް ދަސްކޮށް ދިނީ އެއްބައިވަންތަވާށެވެ. އަހަރެމެން ޖަމާއަތްތަކާއި ފިރުގާތަކަށް ބެހިގަތީއެވެ. އިސްލާމް ދީނުން ވަނީ ނަސްލީ އިމްތިޔާޒުގެ ބުދު މުގުރައިލައި އުޚުއްވަތުގެ ބިންގައު އަޅައި ދީފައެވެ. އަރަބީންނާއި އަޖަމީން އެއް ސަފެއްގައި އަތުރައިލައިފައެވެ. އެކަމަކު އަހަރެމެން މިތިބީ އެ ބުދަށް އަނެއްކާވެސް އަތުކުރީން ޖާގަދީގެންނެވެ. އަހަރެމެން އެއްކައުވަންތަ ﷲ ގެ ވައުފަށް ދޫކޮށްލައިފީމުއެވެ. ނަސްލީ އިމްތިޔާޒާއި ގައުމިއްޔަތުގެ ބުދުގެ ކުރިމަތީގައި ސަޖިދަ ޖަހައިފީމުއެވެ. ދުނިޔޭގެ ހުރިހައި ދިމާއަކުންވެސް ފެންނަނީ އެއް ނަސްލުގެ އިސްލާމުންނާއި އަނެއް ނަސްލުގެ އިސްލާމުންނާ ދެމެދު ހަނގުރާމަ ކުރަމުންދާ ތަނެވެ. އެއް ގައުމުގެ އިސްލާމުންނާއި އަނެއް ގައުމުގެ އިސްލާމުންނާ ދެމެދު ހަނގުރާމަ ކުރަމުންދާ ތަނެވެ. އަރަބީން ގެންދަނީ އަޖަމީންގެ ކަރު ބުރިކުރަމުންނެވެ. އަޖަމީން ގެންދަނީ އަރަބީންގެ ކަރު ބުރިކުރަމުންނެވެ. ތުރުކީންނާއި އީރާނީން އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ނުކުމެ، ވަރުގަދަ އިސްލާމީ ފަރުބަދަ ވެލިފުންޏަކަށް ހަދައިފިއެވެ. ތާރީޚު ހެކިވާ ގޮތުގައި އަހަރެމެންގެ އިޖްތިމާއީ ބާރަކީ އަނިޔާވެރިކަމާއެކު ހުރަހަކަށް ވެގަތް ކޮންމެ ފާރެއް ވައްޓާލައި އޮޔާ ބައްސައިލީ ވަރުގަދަ ތޫފާނެކެވެ. އެކަމަކު އަހަރެމެން ނަސްލީ ފިތުނައިގައި ޖެހި ވާވަނުމުގެ ސަބަބުން އެންމެ ބަލިކަށި ގައުމުތަކުގެ އަތުން ބަލިވެ އިނދަޖެހުނީއެވެ. މި ހުރިހައި ކަމެއް މިހެން ވެފައި ވާއިރުވެސް އަހަރެމެން އިބުރަތެއް ހާސިލެއް ނުކުރަމުއެވެ.
ގްރަނާދާގެ އިސްލާމުންނޭވެ! ތިޔަބައިމީހުން ނިކަން އަހަރެންގެ ސުވާލަށް ޖަވާބެއް ދީބަލާށެވެ. އެތައް ގަރުނެއްގެ ވެރިކަމަށް ފަހު، ކޯރްދޮބާއާއި ސެބިއްޔާއާއި އަންދަލުސްގެ އެހެން ސަހަރުތައް އަހަރެމެންގެ އަތުން ބީވެގެން ދިޔައީ ނަސްލީ ފިތުނައިގެ ކަނޑަށް އަހަރެމެން ގެނބިގެން ދިޔައީމައެއް ނޫން ހެއްޔެވެ؟ އިބުރަތެއް ނުލިބޭ ހެއްޔެވެ؟ ކްރިސްޓިއަން ލަޝްކަރުތަކުން އަހަރެމެންގެ ސަހަރުތައް ހިސާރުކުރިއިރު އަންދަލުސްގެ އިސްލާމުންގެ ތެރެއިން އަރަބީންނާއި އިސްޕޭނީންނާއި ބަރްބަރީން ތިބީ އެއް ބަޔަކު އަނެއް ބައެއްގެ ކަރުބުރިކުރަން މަސައްކަތްކޮށްކޮށެވެ. އަންދަލުސްގެ އެއް ސަހަރަށް ފަހު އަނެއް ސަހަރެއް ދިޔައީ އަހަރެމެންގެ އަތްދަށުން ވީއްލިގެންނެވެ. އިސްލާމުން މި ވަނީ އެބައިމީހުން އެތައް ގަރުނެއް ވާންދެން ވެރިކަންކުޅަ ގައުމުގެ އަޅުންނަށް ހަދައިފައެވެ. މިއަދު އަހަރެމެންގެ ބާރުގެ ދަށުގައި މިއޮތީ ގްރަނާދާގެ ކުޑަކުޑަ ރަސްކަން އެކަންޏެވެ. މިއީ އަހަރެމެންގެ އެންމެ ފަހުގެ ޖަގަހައެވެ. ދުޝްމަނުން އެ ގެންދަނީ މިތަންވެސް އަތުލައިގަންނާން މަސައްކަތް ކުރަމުންނެވެ. އެކަމަކު އަދިވެސް އަހަރެމެން ހެއެއް ނާރައެވެ. މިހާރުވެސް އަހަރެމެންގެ ތެރޭގައި ނަސްލީ ފިތުނަވެރިކަން އެބައޮތެވެ. އަދިވެސް އިސްޕޭނީންނާއި އަރަބީންނާއި ބަރުބަރީންގެ ތަފާތު ނައްތައިލާކަށް އަހަރެމެން ތިބީ ތައްޔާރު ވެގެންނެއް ނޫނެވެ.
އަންދަލުސްގެ އިސްލާމުން އެ ގެންދަނީ އެބައިމީހުން އަޅުވެތިކޮށްގެން ތިބި ކްރިސްޓިއަނުންގެ އަނިޔާއާއި ގޯނާއަށް ކެތްކުރަމުންނެވެ. އެއީ ގްރަނާދާގެ އިސްލާމުން އެމީހުންނަށް އެހީތެރިވާން އަންނާނޭ ކަމުގެ އުއްމީދުގައެވެ. އެމީހުންގެ އެންމެ ފަހުގެ އެހީތެރިންނަކީ ތިޔަބައިމީހުންނެވެ. ﷲ އެ ގޮތް އިރާދަ ނުކުރައްވާށިއެވެ. އެކަމަކު އަހަރެމެންނަށް އެ މީހުން ސަލާމަތް ނުކުރެވިއްޖެނަމަ އަންދަލުސްގެ ތާރީޚު ވެގެން ދާނީ އަންނާން އޮތް ނަސްލުތަކަށްޓަކައި ހަމައެކަނި އިބުރަތުން ފުރިގެންވާ ދާސްތާނަކަށެވެ. ވީރާނާ ވެފައިވާ އިމާރާތްތަކަށް ބަލަބަލައިފައި ފަތުރުވެރިން ކިޔާނެއެވެ. މި ތަންތަން އިމާރާތްކުރީ ހަމަ ހަގީގަތުގައިވެސް އިސްލާމުން ހެއްޔެވެ؟
ފެރްނާންދޯ ވަނީ އަހަރެމެންގެ ފަރާތުން ވާރަށް އެދިފައެވެ. ޖަވާބުގައި އަހަރެމެން ބުނެފައި ވާނީ އަހަރެމެންގެ ފައިސާ ޖަހާ ކާރުޚާނާތަކުގައި މިހާރު ހަދަމުން ގެންދަނީ ކަނޑިކަމުގައެވެ. މި ޖަވާބު އަހަރެމެން އޭނާއަށް ދިނީ އަހަރެމެންގެ މިނިވަންކަން އަހަރެމެންގެ ކަނޑިތަކުން ރައްކާތެރިކުރާނޭ ކަމުގެ ޔަގީންކަމާ އެކުގައެވެ.]
މޫސާގެ ތަގުރީރު ނިމުމާއެކު ސަރަހައްދީ ބާޒުގެ ވާހަކަފުޅަކަށް އެދި އެއްވެފައި ތިބި މީހުން ހަޅޭއް ލަވާން ފަށައިފިއެވެ. ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވައިލައްވައިފައި އަބުލްޙަސަން ވިދާޅުވިއެވެ. [މަނިކުފާނުވެސް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާށެވެ. އަޅުގަނޑުގެ ގަނޑުވަރުގެ ކުރިމައްޗަކަށް މިހައި ގިނަ ބަޔަކު މީގެ ކުރީން ދުވަހަކުވެސް އެއްވެފައެއް ނެތެވެ.]
ބަދްރު ބިން މުޣީރާ ކަންބޮޑުވެވަޑައިގެން އެކި ދިމަދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ. މޫސާ ވަޑައިގެން އޭނާގެ އަތްޕުޅުގައި ހިއްޕަވައިގެން ގެންދަވައި ހަރުފަތްތަކުގެ މައްޗަށް އަރުއްވައިފިއެވެ.
އެހައި ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަފުޅު ދެއްކެވުމަކީ ބަދްރަށް މުޅީން އައު ތަޖުރިބާއެކެވެ. ވަރުގަދަ އިމްތިހާނެކެވެ. އިރުކޮޅެއް ވާންދެން ކަންބޮޑުވެވަޑައިގެން މީސްތަކުންނާ ދިމާއަށް ބައްލަވާން ހުންނަވައިފައި ޖެހިލުންވެވަޑައިގަތުމާވެސް އެކު ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.
[ގަރްނާދާގެ ޖޯޝީ އަހުލުވެރިންނޭވެ! މުސާ ބިން ޣައްސާންގެ ވާހަކަފުޅަށް ފަހު އެހެން މީހަކު ދައްކާނޭ ވާހަކައެއް އޮތް ކަމަކަށް އަހަންނަކަށް ނުފެނެއެވެ. ޣާފިލުކަމުގެ ނިދީން ހޭލައްވައިލާން ދެންމެއަކު އިއްވައިލެވުނު އިސްރާފީލުގެފާނުގެ ތާޅަފިލީގެ އަޑު ފަދަ އަޑުފުޅަށް ފަހު އެހެން އަޑެއް އަހާން ތިޔަބައި މީހުން ބޭނުންވާނޭ ކަމަކަށްވެސް ނުފެނެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ވެއްޓެމުން، ނިކަމެތިން ވަމުންދާ ގައުމަކުން މޫސާ ފަދަ މުޖާހިދުން ނެރެވޭނަމަ، އެ ގައުމެއް ބަލިކޮށްލުމަކީ އެއްވެސް ބަޔަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ތިޔަބައިމީހުން ޤާޢިދަކު ކަމުގައި ގަބޫލުކުރާ މީހަކުގެ އެންގުމަށް ތެދުވެރިކަމާއެކު ހެޔޮހިތުން ލައްބައިކައޭ ގޮވައިލުމަކީ ލާޒިމު ކަމެކެވެ. އެ މީހަކުގެ އެންގުމަށް ފުރިހަމައަށް އަމަލުކުރާން ވާނެއެވެ. ހަނދާންކުރާށެވެ! އަމިއްލައަށް މަރުވެގަންނާން އުޅޭ ބަލިމީހަކު ބޭސްފަރުވާއިން ދުޅަހެއު ހާލަތަކަށް ގެނައުމަކީ ދުނިޔޭގެ އެންމެ މޮޅު ޑަކްޓަރަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. ތިޔަބައިމީހުންގެ މިއަދުގެ ހާލަތު އޮތް ގޮތް ނޭނގޭ މީހަކު ނުހުންނާނެއެވެ. ވަށައިގެން އޮތް މާހައުލުގެ ހާލަތު ނޭނގޭ މީހަކުވެސް ނުހުންނާނެއެވެ. ހުރިހައި ފަރާތަކުންވެސް މި ވަނީ މުސީބާތުގެ ކޮޅި ނަގައި ބޯމަތިކޮށްފައެވެ. ކޯރްދޮބާއާއި ސެބިއްޔާގައި ހުރި އަހަރެމެންގެ ވެރިކަމުގެ ގަނޑުވަރުތައް ސުންނާފަތި ކޮށްފިއެވެ. އަހަރެމެން ވަނީ މި ގައުމުގައި އަށް ސަތޭކަ އަހަރު ވާންދެން ވެރިކަން ކޮށްފައެވެ. އޭގެ ފަހުން އަހަރެމެންގެ އެތައް ލައްކަ ބަޔަކު އެދަނީ ދުޝްމިނުންގެ އަޅުވެތިކަމުގެ އުޑީގައި ހިމުން ވަމުންނެވެ. ދުޝްމިނުންގެ ހިތަކު އަހަރެމެންގެ މައްޗަކަށް އެއްވެސް ރަހުމެއް ނެތެވެ. އިންސާފެއް ނެތެވެ. މިއަދު އަހަރެމެންގެ ބާރުގެ ދަށުގައި މިއޮތީ ހަމައެކަނި ގްރަނާދާއެވެ. ކޯރްދޮބާއާއި ސެބިއްޔާއާއި ތޮލޭދޯގައި އެތަންތާގެ އަހުލުވެރިން އެޅި ކަތި ފިޔަވަޅުތައް އަހަރެމެން އަޅާން ފަށައިފިނަމަ މިތަންވެސް އަހަރެމެންގެ އަތުން ބީވެގެން ދިއުމުގެ ބިރު އެބައޮތެވެ. ކްރިސްޓިއަން އަމީރުން އެއްބަޔަކު އަނެއްބަޔަކާ އެއްބައިވަންތަވަނީ އަހަރެމެންނާ ދެކޮޅަށެވެ. އެކަމަކު އަހަރެމެން މި ގެންދަނީ އެއްބަޔަކު އަނެއް ބަޔަކާ ދުޝްމިނުވެ ތޮޅެމުންނެވެ. ކާފަރުން އެކަކު އަނެކަކާ ކޮނޑާއި ކޮނޑު ޖައްސައި ސަލާން ކުރަނީއެވެ. އިސްލާމުން އެކަކު އަނެކެއްގެ ކަރު ބުރިކުރަނީއެވެ. ދުޝްމިނުން ސާބިތު ކުރަމުން އެ ގެންދަނީ ކާފަރުން އެންމެން އެއީ އެއް ބައެއް ކަމެވެ. އަހަރެމެން އިސްލާމުންނަކަށް އަހަރެމެން މިއީ އެއް ބައެއް ކަމަކަށް ނުދެއްކެއެވެ. އެ މީހުން ފަތަޙަކުރުމުގެ ޝައުގުވެރިކަމުގެ ސަބަބުން އެއްބައިވަންތަ ވެއްޖެއެވެ. އަހަރެމެންނަކަށް ބަލިވެދާނެ ކަމުގެ ބިރަށްވެސް އެއްބައެއްވަންތައެއް ނުވެވެއެވެ. މޮރޮކޯގެ އިސްލާމުން ދުޝްމިނުން ކަމުގައި ދެކެނީ އަންދަލުސްގެ އިސްލާމުންނެވެ. ބަރްބަރީ އިސްލާމުން އެތިބީ އަންދަލުސްގެ އިސްލާމުންގެ ލެޔަށް ފެންބޮވައިގެންފައެވެ. ނަތީޖާއަކީ އެއް ރަށަށް ފަހު އަނެއް ރަށެއް އަހަރެމެންގެ އަތުން ބީވެގެން ދިއުމެވެ.
އިސްލާމުންގެ ދުޝްމިނުން އަނެއްކާވެސް އެއްބައިވަންތަ ވަނީއެވެ. އެމީހުންގެ ނަޒަރު މިހާރު ހުއްޓިފައި ހުރީ ގްރަނާދާއާ ދިމާއަށެވެ. އަހަރެމެންނަށް ގްރަނާދާ ހިމާޔަތް ނުކުރެވިއްޖެނަމަ އަންދަލުސްގައި އޮންނާނީ ހަމައެކަނި އިސްލާމުންގެ ނަމެކެވެ. އަބޫ މޫސާ މި ހުރިހައި ވާހަކައެއް ދައްކަވައިފިއެވެ. އަހަރެން ބުނަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. މިހާރު އަލްފޮންސޯގެ ބަދަލުގައި އަހަރެމެންނާ ކަނޑިން ވާހަކަދައްކަން ބޭނުން ވެގެން އުޅެނީ ފެރްނާންދޯއެވެ. އެހެންވީމާ މިއަދުވެސް ކަނޑީގެ ބަހުރުވަ އިސްލާމުން ދަންނަކަން އަންގައިދޭން އެބަޖެހެއެވެ. ގްރަނާދާގެ އަހުލުވެރީންނޭވެ! ގަލަމުގެ ބަދަލުގައި ކަނޑީގެ ބަހުރުވަ ރަނގަޅުވާ ހާލަތެއް އަބަދުވެސް ގައުމުގައުމަށް އާދެއެވެ. މިއަދު މިއޮތީ ތިޔަބައިމީހުންނަށް އެ ވަގުތު އައިސްފައެވެ.]
ބަދްރު ބިން މުޣީރާގެ ވާހަކަފުޅު ނިންމަވައިލެއްވުމާއެކު އަނެއްކާވެސް ނަޣަރާގެ އަޑު އުފުލިގެން ދިޔައެވެ. އަބުލްޙަސަން ވިދާޅުވިއެވެ. [އަޅުގަނޑު މިހިރީ މަނިކުފާނާ ވާހަކަ ދައްކައިލާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. މަރުހަބާގެ ކަންތަކުން އަވަދިވެވަޑައިގަތީމާ އަބޫ މޫސާ މަނިކުފާނު އަޅުގަނޑާ ހަމައަށް ގެންނާނެއެވެ.]
(3)
ސަރަހައްދީ ބާޒު ގްރަނާދާއަށް ވަޑައިގަތްތާ ދިހަވަނައަށް ވީ ދުވަހު ގްރަނާދާގެ އެތައް ހާސް ރައްޔިތުންނެއް ރަށްބޭރަށް ނުކުމެ ތިބީ އަބުލްޙަސަންގެ ލަޝްކަރަށް އަލްވަދާއު ކިޔާށެވެ. އަމިއްލަ ހަމަނުޖެހުންތަކުގެ ތެރޭގައި ޣާފިލުވެގެން ތިބުމުގެ ބަދަލުގައި ވަކި ކޮމާންޑަރެއްގެ ދަށުގައި ދުޝްމިނުންނާ ހަނގުރާމަކުރުމަށްޓައި ގްރަނާދާގެ ލަޝްކަރެއް ފުރައިގެން މިދަނީ އެތައް އަހަރަކަށް ފަހުގައެވެ. އިސްޕޭނީންނާއި ބަރްބަރީންނާއި އަރަބި އާއްމު އިސްލާމުންނާއި ހުރިހައި ނަސްލެއްގެ އަމީރުންނާއި ސިފައިން އެއް ދިދައެއްގެ ދަށަށް ޖަމާވީވެސް އެތައް އަހަރެއްގެ ފަހުންނެވެ.
ފުރައިގެންދާން އަމުރުކުރެއްވުމުގެ ކުރީން އަބުލްޙަސަން ލަޝްކަރު މުޢާއިނާ ކުރެއްވިއެވެ. އެޔަށް ފަހު ބަދްރު ބިން މުޣީރާއާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. [އޭ ބަދްރެވެ. މަނިކުފާނު، ފާރުވެފައިވާ ހިތްތަކަށް ފަރުވާ ދެއްވައިފީމުއެވެ. ﷲ ގަންދީ ދަންނަވަމެވެ. އަރަބީންނާއި ބަރްބަރީންނާއި އިސްޕޭނީން މި ގޮތަށް އެކަތިގަނޑަކަށް ވެގެން ތިބިއްޔާ ގިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް ﷲ ގެ ޙަޟްރަތުގައި ލަދުވެތިވާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެންނަށް އަނެއްކާވެސް ފަރަންސޭސިވިލާތާ ހަމައަށް ދެވޭނޭ ކަމާމެދަކު ޝައްކެއް ނެތެވެ.]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މަނިކުފާނުގެ ކަނޑިކޮޅު އުރަކޮޅުން ބޭރުގައި އޮތްހައި ހިނދަކު ގްރަނާދާގެ ރައްޔިތުން ބައިބައިވެގެން ނުދާނޭކަން އަޅުގަނޑަށް ޔަގީނެވެ. އެބައިމީހުން އެއްބައިވަންތަ ކުރާން ބޭނުން ވެފައި އޮތީ ރަނގަޅު މަންސައެކެވެ. އަޅުގަނޑުމެންގެ ކަނޑިތައް ކްރިސްޓިއަނުންގެ ކަނޑިތަކުގައި ޖެހި ކަނިބުރައިގެން ދާހައި ހިނދަކު ގްރަނާދާގެ އަހުލުވެރިން އެތެރޭގެ މާނައެއް ނެތް އަރައިރުންތަކަކަށް ސަމާލުކަމެއް ނުދޭނެއެވެ.]
މި ދަތުރުފުޅުގައި ބޭބޭފުޅުގެ އަރިހުގައި ވަޑައިގަންނަވާން އައްޒަޣަލް ބޭނުންފުޅުވިއެވެ. އެހެންނަމަވެސް އަބުލްޙަސަން ދެކެވަޑައިގަތީ ވެރިކަމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި، އަދި ޚާއްސަކޮށް ދަރިކަލުން ބެލެހެއްޓެވުމަށްޓަކައި އައްޒަޣަލް ރަށުގައި ގާއިމުވެ ހުންނެވުން މާ ރަނގަޅު ކަމުގައެވެ.
އަބުލްޙަސަންގެ ނާއިބެއްގެ ގޮތުގައި ގެންދެވީ މޫސާ ބިން އަބީ ޣައްސާނެވެ. އަވަހަށް އަރައިގަންނާން ތައްޔާރަށް އޮންނަ ޠޫފާނީ ލަޝްކަރުގެ ގިޔާދަތު ހަވާލުކުރެއްވީ ބަދްރު ބިން މުޣީރާއާއެވެ.
ސަރަހައްދީ އިންމަތީގައި ހުރި ބައެއް ތަންތަން އަތުލެއްވެމަށް ފަހު އަބުލްޙަސަން ޞަޚްރާ ހިސާރު ކުރައްވައިފިއެވެ. މިރަށް ހިސާރުކުރެވުނު ޚަބަރު ގްރަނާދާއަށް އައުމުން ރައްޔިތުންގެ މެދުގައި އުފާވެރިކަން ފެތުރިގެން ހިނގައްޖެއެވެ. ސަޚްރާގެ ކްރިސްޓިއަން ވެރިޔާއަކީ އިސްލާމުންނަށް އަނިޔާކުރުމުގައި އަރައިހުރި މީހެކެވެ. ފެރްނާންދޯއަށް ވުރެ މާނުބައި މީހަކު ކަމަށް ވަނީ މަޝްހޫރުވެފައެވެ. މީނާގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން ރަށް ދޫކޮށް ގްރަނާދާއަށް އަންނަ މީހުންގެ ފަރާތުން އަނިޔާވެރިކަމުގެ ދާސްތާން އަހަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންވީމާ ގްރަނާދާގެ އަހުލުވެރިން މިސްކިތްމިސްކިތަށް އަރައި އަބުލްޙަސަނަށް ކާމިޔާބީއާއި ދިގު އުމުރަކަށް އެދި ދުޢާކުރަމުން ގެންދިޔައެވެ.
އަބުލްޙަސަން ހީފުޅުކުރެއްވީ ޞަޚްރާ ފަތަހަކުރެއްވުމަކީ މާ ފަސޭހަފުޅު ކަމަކަށް ނުވާނޭ ކަމަށެވެ. އެހެންނަމަވެސް ހިސާރު ކުރެއްވިތާ ހަތަރުވަނައަށްވީރޭ ތިންވަނަ ދަމަށް އަޅައިގަތްތަނާ އެ ރަށުގައި ދިރިއުޅޭ ސަރުކާރާ ދެކޮޅު އިސްލާމުންގެ ބަޔަކު ފާރައަށް ތިބި މީހުންނާ ހަމަލާދީ އެ މީހުން މަރައިލުމަށް ފަހު ދޮރާށި ހުޅުވައިދީފިއެވެ. އަބުލްޙަސަންގެ ލަޝްކަރަށް އޮތީ ކުރިން މިކަން މިހެން ކުރާން އުޅޭކަން އަންގައިފައެވެ. އެހެންވީމާ މާ ބޮޑު ހަނގުރާމައަކާ ނުލައި ރަށް ފަތަހަ ކުރެއްވިއްޖެއެވެ.
މި ހަނގުރާމައިގައި ޒަޚަމްވީ ވަރަށް މަދު ބައެކެވެ. އަބުލްޙަސަންގެ އަމުރުފުޅަށް އެމީހުން ގެންދިޔައީ ގަވަރުނަރުގެ ގަނޑުވަރުގެ ބޮޑު ކޮޓަރިއަކަށެވެ. މެންދުރު ވަގުތު، އަބުލްޙަސަނާއި މޫސާއާއި ބަދްރު ބިން މުޣީރާ އެމީހުންގެ ހާލު ބައްލައިލައްވާން ސިފައިންގެ ބަޔަކާއެކު އެ ކޮޓަރިއަށް ވަޑައިގެންފިއެވެ. ޒަޚަމްތަކުގައި ބޭސްއަޅާން އުޅުނު މީހުން މި ބޭފުޅުން ވެދެވަޑައިގަތީމާ އަދަބު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެއްޖެއެވެ. އެހެންނަމަވެސް އޭގެ ތެރެއިން އެކަކަކު ކަހާތަން ހިރުވައިވެސް ނުލައި މީހަކުގެ ކަރުގައި ހުރި ޒަޚަމެއްގައި ބޭސްއެޅުމާއިގެން އެބައުޅެއެވެ. އަބުލްޙަސަން ކައިރިއަށް ވަޑައިގަތީމާވެސް ތެދުވާކަށް ނޫޅުނެވެ. އަޅައިގެން ހުރި ހެދުމުން އެއީ ޑަކްޓަރެއް ހެންނެއް ހިޔެއް ނުވެއެވެ. ވައްތަރީ ސިފައިންގެ މީހަކާއެވެ. އޭނާގެ ދަހަނާއިން ގަދަ ވިދުމެއް އަރައަރައި ހުއްޓެވެ.
އަބުލްޙަސަން ބަލިމީހާޔާ ދިމާއަށް ފުންކޮށް ބައްލަވައިލައްވާފައި ސިއްހީ ފަރުވާދޭ މީހުންގެ ކޮމާންޑަރަށް ގޮވައިލައްވާފައި ވިދާޅުވިއެވެ. [މި މީހާއަށް ކަލޭމެންގެ އެހީތެރިކަން ބޭނުންވެއެވެ.]
ކޮމާންޑަރު ދުވެފައި އައިސް ފަރުވާދޭން ހުރި މީހާ އެއްފަރާތަކަށް ކޮއްޕައިލާން މަސައްކަތްކުރަމުން ބުނެފިއެވެ. [ތިޔައީ އަހަރެމެން ކުރަން ޖެހޭ މަސައްކަތެކޭ ކުރިންވެސް ބުނީމެއް ނޫން ހެއްޔެވެ؟]
ފަރުވާދޭ މީހާ އެ ވާހަކައަށް ސަމާލުކަން ނުދިނީމާ ކޮމާންޑަރު ކުޑަކޮށް ނުރުހިފައި ބުނެފިއެވެ. [އަހަރެންގެ ވާހަކައަށް ސަމާލުކަން ނުދިނަސް އެންމެ ކުޑަމިނުން ޢިއްޒަތްތެރި ރަސްގެފާނަށް އިހުތިރާމް ކުރަން ވާނެއެއް ނޫން ހެއްޔެވެ؟ ސިފައިން އުޅެން ޖެހެނީ ހަނގުރާމައިގެ މައިދާނުގައެވެ. މިތާކު ނޫނެވެ.]
ފަރުވާދޭން ހުރި މީހާ ކޮމާންޑަރާ ދިމާއަށް ބަލައިލާފައި ބުންޏެވެ. [އަހަރެންގެ ވަގުތު ބޭކާރު ނުކުރާށެވެ. މީނާ މި އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ.]
އެމީހާގެ އަޑު އިވިވަޑައިގަތީމާ ބަދްރު ބިން މުޣީރާ ސިހިވަޑައިގަތެވެ. އެހެންނަމަވެސް މޫނު ނިވައިގެން ކޮށްގެން ހުރީމާ އެއީ ކާކުކަމެއް ކުއްލިއަކަށް އެނގިވަޑައެއް ނުގަތެވެ.
ކޮމާންޑަރު އަނެއްކާވެސް ނުރުހުމެ ރާގަކަށް ބުނެފިއެވެ. [މާ ބޮޑަށް ބޭސް އަޅާހިތް ވަންޏާ ބޭރަށް ގޮސް މަރުވެފައި ތިބި ދުޝްމިނުންގެ ތެރެއިން މީހަކުގެ ގައިގައި ބޭސް އަޅާށެވެ.]
ބޭސް އަޅައި ނިންމައިލުމަށް ފަހު ފަރުވާދޭން ހުރިމީހާ ބުންޏެވެ. [އަހަރެން މިއީ ކޮންމެހެން ބޭސް އަޅާ ހިތަކުން އުޅޭ މީހަކީމެއް ނޫނެވެ. އަހަރެންގެ ޝައުގުވެރިކަން ހުންނަނީ ބަލިމީހުންނަށް ބޭސްކުރާށެވެ.]
އަބުލްޙަސަންގެ ހައިރާންކަން ޝައުގުވެރިކަމަށް ބަދަލުވެއްޖެއެވެ. އެކަމަކު ކޮމާންޑަރުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ބަލިމީހާގެ ވިންދު ބަލަމުން އެހެން މީހަކާ ދިމާއަށް ބުނެފިއެވެ. [މީނާ މިތަނުން ނެރެގެން ގެންދާށެވެ. މޮޔަވެފައި ހުރި މީހަކާ ވަރަށް ވައްތަރެވެ.]
ސިފައިންގެ މީހަކު އައިސް ފަރުވާދޭން ހުރި މީހާ ނެރޭން އުޅެގަތުމުން އަބުލްޙަސަން އެކަން މަނާކުރައްވައިފިއެވެ.
ކޮމާންޑަރު ބަލިމީހާގެ ކަރުގައި އަޅައިފައިވާ ބޭސްގަނޑު ނައްޓައިލާން އުޅުނީމާ ފަރުވާދޭ މީހާ އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. [ބޭސްގަނޑު ނަގައިފިއްޔާ މީނާ މަރުވާނެކަން ގައިމެވެ. މިއީ ބޭހަކުން ކުރާނޭ ކަމެއް ނެތް ކަމަށް ބަލައި ކަލޭމެން ދޫކޮށްލީ މީހެއް ނޫން ހެއްޔެވެ؟]
މިހައިތަނަށް ކަންތައް ދިޔައީމާ ބަދްރު ބިން މުޣީރާގެ ހުރިހައި ޝައްކެއް ފިލައްޖެއެވެ. އަޑުގެ އިތުރަށް އެމީހާގެ ދަބަސްވެސް ރަނގަޅަށް ފާހަގަ ކުރެއްވިއްޖެއެވެ. އެއީ ބަދްރުގެ ޒަޚަމްތަކުގައިވެސް އެތައް ފަހަރަކު ބޭސް އަޅައިފައިވާ އަތެކެވެ. އެހެންވީމާ މިހާރަކު އޮޅިވަޑައިގަންނަވާނޭ ޖާގައެއް ނެތެވެ. ބަދްރު ކޮމާންޑަރާ ދިމާއަށް ވިދާޅުވިއެވެ. [ކަންބޮޑުވެނުލައްވާށެވެ. އަޅުގަނޑު މީނާ ދަންނަމަވެ. ބަޝީރް މިތަނަށް ވަޑައިގަތީ ކިހިނެއްތޯއެވެ؟]
ބަޝީރް މޫނުފުޅުގައި އޮތް ނިގާބު ނެންގެވުމަށް ފަހު އަބުލްޙަސަންގެ ކުރިފުޅުމަތީގައި އަދަބު އަދާކުރައްވައިފިއެވެ.
މުސާ ސިހިވަޑައިގެން ސުވާލު ކުރެއްވިއެވެ. [ބަޝީރް ބިން ޙަސަންތޯއެވެ؟ މިތަނަށް ވަޑައިގަތީ ކޮން އިރަކުތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑު އައީ މިއަދުއެވެ.]
އަބުލްޙަސަނާ ދިމާއަށް ބައްލަވައިލައްވާފައި މޫސާ ވިދާޅުވިއެވެ. [މިއީ ބަޝީރް ބިން ޙަސަނެވެ. އަޅުގަނޑުމެންގެ ބާޒުގެ ފިޔަފުޅު ބަލަހައްޓަވާ ބޭފުޅަކީ މިއީއެވެ.]
އަބުލްޙަސަން ޖޯޝާއެކު ބަޝީރާ ކޮނޑުފުޅާއި ކޮނޑުފުޅު ޖައްސަވައި ސަލާން ކުރެއްވިއެވެ. [މަނިކުފާނުގެ ތާރީފުގެ ވާހަކަތައް އަޅުނޑު ވަނީ އަހައިފައެވެ.]
އަބުލްޙަސަންގެ އަތްތިލަފުޅުގައި ބޮސް ދެއްވައިފައި ބަޝީރް ވިދާޅުވިއެވެ. [މާފުކުރައްވާށެވެ. މަނިކުފާނަށް އަދަބު ކުޑަ ކުރެވުނީ ޒަޚަމްވެފައި އޮތް މީހާގެ ހާލު ދެރަކަމުންނެވެ.]
ސިއްހީ ފަރުވާދޭ ސިފައިން ކަންބޮޑުވެފައި ބަލަހައްޓައިގެން އެބަތިއްބެވެ. ބަޝީރް ބިން ޙަސަން އެމީހުންނާ މުޚާޠަބްކުރައްވައި ވިދާޅުވިއެވެ. [އަހަރެން މިއީ ކަލޭމެންގެ މަސައްކަތަށް ހުރަސްއެޅި މީހަކަށް ވާތީ ކުށްވެރިއެއް ކަމަށް ގަބޫލުކުރަމެވެ. އަހަންނަށް ފެނުނީ މި މީހާ ޒަޚަމްވެފައި ބާޒާރުމަތީގައި އޮއްވައެވެ. މަރުވެފައި އޮތް މީހަކު ކަމަށް ބަލައި ކަލޭމެން އޭނާ ބާއްވައިފައި އައީއެވެ. އަހަންނަށް އޭނާގެ ކިބައިން ދިރިއޮތްކަމުގެ އަލާމަތެއް ފެނުނީމާ އަވަހަށް މިތަނަށް ގެނައީއެވެ. ކަލޭމެން ފަރުވާދިނުމުގައި އަވަދިނެތި އުޅޭތަން ފެނުނީމާ އުނދަގޫ ނުކޮށް އަހަރެން އަމިއްލައަށް މީނާގެ ކަންތަކާއިގެން އުޅެގަތީއެވެ.]
ކޮމާންޑަރު ސަލާންކޮށްލުމަށްޓަކައި އަތް ދިއްކޮށްލަމުން ބުންޏެވެ. [ބަޝީރް ބިން ޙަސަންގެ ކުރިފުޅުމަތީގައި އަމިއްލަ ދެރަވަރުކަމަށް އިއުތިރާފުވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ މަތިވެރި ޝަރަފެކެވެ. މަނިކުފާނު މީނާ ގެންނެވިތަން އަޅުގަނޑަށް ފެނުނެވެ. ޑަކްޓަރެއްގެ މަސައްކަތަށްވުރެ ބޮޑަށް އޭނާއަށް ބޭނުންވަނީ މުއުޖިިޒާތެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވުނެވެ. އަންދަލުސްގައި އެފަދަ މުއުޖިޒާތްތައް ނިސްބަތްކުރެވެނީ ހަމައެކަނި ބަޝީރް ބިން ޙަސަނަށެވެ. އަޅުގަނޑުމެންގެ ތެރޭގައި މަނިކުފާނުގެ އެހީފުޅު ބޭނުންވާ ހައެއްކަ މީހުން އަދިވެސް އެބަތިއްބެވެ.]
ޒުވާން ސިފައަކު ބުނެފިއެވެ. [އަޅުގަނޑު ވަނީ ކޯރްދޮބާއިން މަނިކުފާނު ދެކިފައެވެ. އެކަމަކު މިއަދު ދަގަނޑުދަހަނާ އަޅުއްވައިގެން ހުންނެވީމާ ފާހަގަ ނުކުރެވުނީއެވެ.]
ބަޝީރް ވިދާޅުވިއެވެ. [ދަހަނާ އަޅައިގެން ނެތްނަމަ މާބޮޑަށް ބީރައްޓެހިކަން އިހުސާސް ކުރެވުނީހެވެ. ޒަޚަމްވެފައި ތިބި މީހުންގެ ތެރޭގައި އަހަރެމެންގެ މީހުންވެސް ތިއްބެވެ. އެއިން މީހަކަށް އަހަރެން ފާހަގަކުރެވިއްޖެއްޔާ އަޑުގަދަކޮށްގެންފާނެތީ ބިރުވެސްގަތީއެވެ. އެހެންވީނަމަ ކަލޭމެން ޒަޚަމްވެފައި ތިބި މީހުން ދޫކޮށްލާފައި އަހަރެންގެ މައްޗަށް ސަމާލުކަން ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަހަރެންގެ ސަމާލުކަންވެސް ކޮންމެވެސް ވަރަކަށް އެމީހުންގެ ފަރާތުން އެކަހެރިވުމަކީ އެކަށީގެންވާ ކަމެކެވެ.]
އަބުލްޙަސަން ވިދާޅުވިއެވެ. [ތިޔަފަދަ ކަންކަމަށް ސަމާލުކަން ނުދެވުނީތީ ވަރަށް ހިތާމަކުރަމެވެ. މަނިކުފާނު ވަޑައިގެން އެހެން މީހުންނަށްވެސް ފަރުވާ ދެއްވާށެވެ. އޭގެ ފަހުން އަޅުގަނޑާ ބައްދަލުކޮށްލެއްވުންވެސް ވަރަށް ބޮޑަށް އެދެމެވެ.]
އަބުލްޙަސަނާއި ބަދްރު ބިން މުޣީރާއާއި މޫސާއާ ތިން ބޭފުޅުން އެނބުރި ވަޑައިގެންފިއެވެ. ބަޝީރް ބިން ޙަސަން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާކުރެއްވުމާއިގެން އުޅުއްވާން ފައްޓަވައިފިއެވެ. އަންދަލުސްގެ އެހެން ސަހަރުތަކެކޭ އެއްފަދައިން ގްރަނާދާއަށްވެސް ވަނީ ބަޝީރްގެ ކުޅަދާނަފުޅުކަމުގެ ޚަބަރު ފެތުރި މަޝްހޫރުވެވަޑައިގެންފައެވެ. ސިފައިންގެ މީހުންތައް އައިސް އޭނާޔާ ސަލާކޮށް އޭނާގެ އަތްޕުޅުގެ ދަށުގައި މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށް ބުނެ އުފާކުރާން ފަށައިފިއެވެ. އެބައިމީހުންގެ އުފާވެރިކަމުގެ މައިގަނޑު އެއް ސަބަބަކީ ބަޝީރަކީ ސަރަހައްދީ ބާޒުގެ ބައިވެރިއަކަށް ވުންވެސް މެއެވެ.
ކޮމާންޑަރު ކުރެވުނު ކަންތަކާ މެދު ކަންބޮޑުވެފައި އެތައް އިރަކު ހުރުމަށް ފަހު އެންމެ ބަޝީރަށް ދަންނަވައިފިއެވެ. [އަޅުގަނޑު މި ހުންނަނީ މައާފަށް އެދި ދަންނަވާނޭ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ. މަނިކުފާނުގެ ހިތްޕުޅު މިހާރު އަޅުގަނޑުގެ މައްޗަށް ރަނގަޅެއް ނުވާނެއޭ ހިތައި ބިރުންވެސް މެއެވެ.]
ބަޝީރް ވިދާޅުވިއެވެ. [ކަންބޮޑުނުވާށެވެ. އަހަރެން ތިޔަ މަގާމުގައި ހުރިނަމަ ބީރައްޓެއްސަކު އައިސް މި ގޮތަށް އުޅޭތަން ފެނުނީމާ އަމަލުކުރީހީ މާ ހަރުކަށި ގޮތަކަށެވެ.]
މީގެ އިރުކޮޅެއް ކުރީން ބަޝީރް ބިން ޙަސަން ފަރުވާދެއްވި މީހާ ދެބަހޭގައި އޮވެ މަޑުމަޑުން ކުކުރައިލައިފިއެވެ. ބަޝީރް ތަށްޓަކަށް ބޭހެއް އަޅުއްވައިފައި އެހީތެރިއެއްގެ އަތަށް ދެއްވައިފައި ވިދާޅުވިއެވެ. [މާ ގިނަ އިރުތަކެއް ނުވެ މީނާ ހޭއަރައިފާނެއެވެ. ހޭއެރުމާއެކު މި ބޭސް ދޭށެވެ. ބޭސް ބުއިމާއެކު އޭނާއަށް ނިދިދާނެއެވެ. އޭނާގެ ހާލު ބަލައިލާން ހަވީރު އަހަރެން އަންނާނަމެވެ. ނިދާފައި އޮންނައިރު އޭނާޔާ ވާހަކަދައްކަން އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. އަދި ހޭލައްވަންވެސް އުޅެގެން ނުވާނެއެވެ.]
(4)
ބަޝީރާ ވަހަކަފުޅު ދައްކަވައިލާނޭ ވަގުތެއް ބަދްރަށް ލިބިވަޑައިގަތީމާ ކުއްލިއަކަށް ވަޑައިގަތް ސަބަބަކާމެދު ސުވާލު ކުރެއްވިއެވެ. ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑު އެންމެ ދެކޭހިތުން ހުރި މަންޒަރަކީ އަބުލްޙަސަންގެ ލަޝްކަރު ގްރަނާދާއިން ފުރައިގެންދާ މަންޒަރެވެ. އެކަމަކު އަޅުގަނޑަށް ޚަބަރު ލިބުނުއިރު ލަޝްކަރު ފުރައިފިއެވެ. އެހެންވީމާ ދެން ހިތުގައި އެޅީ ހަނގުރާމައިގެ ތެރޭގައި ލަޝްކަރާ ގުޅޭށެވެ. އަޅުގަނޑާއެކު ވަޑައިގަންނަވާން އަބޫ ދާވޫދްވެސް ބޭނުންފުޅުވިއެވެ. އަޅުގަނޑުގެ އެދުމާއި އަބޫ ދާވޫދްގެ ދެންނެވުމާއެކު ފުރައިގެން އައުމުގެ އަމުރުފުޅު މަންޞޫރު ބިން އަޙްމަދު އަޅުގަނޑުމެން ދެ މީހުންނަށް ދެއްވީއެވެ. ލަޝްކަރު އޮތް ހިސާބު އަޅުގަނޑަށް އެނގުނީ ގްރަނާދާއަށް ދިޔައީމައެވެ. އަޅުގަނޑު ހަމަ ވަގުތުން މި ދިމާއަށް މިސްރާބު ޖަހައިފީމެވެ. އާދެވުނު އިރު މި އޮތީ މިތަން ފަތަހަވެފައެވެ.]
ބަދްރު ބިން މުޣީރާ ހިނިތުންވެވަޑައިގަތެވެ. [އަޅުގަނޑު ޒަޚަމެއް ނުވެއެވެ. އެހެންވީމާ އަޅުގަނޑުގެ ބަދަލުގައި ބަޝީރްގެ ބޭސްކޮޅުގެ ފައިދާކުރީ އެހެން މީހުންނަށެވެ. ބަޝީރް މިތަނަށް ވަޑައިގަތީ އަޅުގަނޑާހެދި ނޫންކަން އަޅުގަނޑަށް އެނގެއެވެ.]
[އަޅުގަނޑުގެ މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ މަނިކުފާނުގެ ސަލާމަތްތެރިކަމެވެ.]
[އެންމެ މީހަކުގެ ސަލަމަތާމެދު ވިސްނެވުމަކީ އެހައި ބޮޑަށް ފަޚުރުވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.]
ލޯތްބާއި ގާތްކަން އެކުލެވޭ ނަޒަރުފުޅަކުން ބަޝީރް، ބަދްރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ބަދްރެވެ. އަޅުގަނޑުގެ ކުރިމަތީގައި މަނިކުފާނަކީ ވަކި ފަރުދެއް ނޫނެވެ. ބޮޑު ގައުމެކެވެ. ބޭސްވެރިކަމުގެ ބަހުރުވައިން ދަންނަވާނަމަ މަނިކުފާނަކީ އިސްޕޭނުގެ ޒަޚަމްވެފައިވާ ހަށިގަނޑުގައި ވިންދު ޖަހަޖަހައި އޮތް ހިތެވެ.]
ބަދްރު ވިދާޅުވިއެވެ. [ތިޔައީ ޅެންވެރިންގެ ބަހުރުވައެވެ.]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑު ޅެންވެރިއަކަށް ނުވީތީ ﷲ އަށް ޝުކުރުވެރިވަމެވެ. އައްޒަޣަލްގެ ސުފުރާމަތީގައި އަޅުގަނޑަށް ދެތިން ހަތަރު ޅެންވެރިއަކާ ބައްދަލުވެވުނެވެ. އެމީހުން މަނިކުފާނަށް ސަނާ ކިއުން ހުރީ އަޅުގަނޑުގެ ހިތަށްވެސް ނާރާފަދަ ފެންވަރެއްގައެވެ.]
[އެ މީހުން ކިޔަނީ ކީކޭ ހެއްޔެވެ؟]
[އެމީހުން ކިޔާ ގޮތުގައި މަނިކުފާނު އުދުހިވަޑައިގަނެއެވެ. ކަނޑުގައި ހިންގަވައެވެ. މަނިކުފާނު ފެނުމާއެކު ކަނޑުގެ ރާޅުތައް މައިތިރިވެދެއެވެ. އަދި ކޯރު…]
[ކޯރަށް ވަނީ ކިހިނެކޭތޯއެވެ؟]
[އަޅުގަނޑު މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ހަނދާން ބަލި ނޫންނަމަ އެމީހުން ކިޔާ ގޮތުގައި ފަރުބަދަމަތީން ތިރިއަށް އޮހިގެން އަންނަ ފެންއާރު މަނިކުފާނާ ބައްދަލުވީމާ އަލުން މައްޗަށް އަރައިގެން ހިނގައިދެއެވެ.]
ބަދްރު ވިދާޅުވިއެވެ. [އެއީ ހައްތަހާވެސް މޮޔައިންނެވެ.]
ބަޝީރް ހިނިފުޅު މައިތިރިކުރެއްވޭތޯ މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. [އެންމެން މޮޔައެއް ނޫނެވެ. އެކަކުގެ ޅެމުގައި ބުއްދިވެރި ވާހަކަތަކެއްވެސް ހުއްޓެވެ.]
[އެއީ ކޮން ވާހަކައެއްތޯއެވެ؟]
[އޭނާ ކިޔާ ގޮތުގައި ސަރަހައްދީ ބާޒުގެ އަސްކޮޅުގެ ހުދުކަން މައުންޓް ސިއެރާ ނެވާޑާގެ ސުނޯއަށްވުރެވެސް ބޮޑެވެ. އަދި އެ އަސްކޮޅުގެ ފައި ބިންމަތީގައި ޖެހިލީމާ އެ ބިމަށް ގުޑުން އަރައެވެ. މަނިކުފާނުގެ ކަނޑިކޮޅުގެ ވިދުވަރުގެ ގަދަކަމުން އިރުގެ އަލިވެސް ފަނޑުވެގެން ދެއެވެ.]
ބަދްރު ބަޝީރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ބަޝީރްގެ އުފާފުޅާއި ޖޯޝުގެ ސިއްރަކީ މި ފަތަހަތޯއެވެ؟ ނުވަތަ އެހެން ކަމެއްވެސް އެބައޮތްތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [ހަގީގަތުގައިވެސް އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަޅުގަނޑަށް އިހުސާސްކުރެވޭ ގޮތުގައި އެތައް އަހަރެއްގެ ހުވަފެނުގެ ތައުބީރުގެ ޒަމާން ފެށިއްޖެއެވެ.]
ބަދްރު ސުވާލުކުރެއްވިއެވެ. [އެންޖެލާ ކިހިނެއްތޯއެވެ؟]
ބަޝީރް ވިދާޅުވިއެވެ. [އޭނާގެ ހާލު ރަނގަޅެވެ. ރަބީޢާގެ ވާހަކަ ނޭއްސެވީ ކީއްވެގެންތޯއެވެ؟]
[އޭނާއަށް ކިހިނެއްވީތޯއެވެ؟]
[އައްދޭ… އެކަންވެސް އެނގިވަޑައެއް ނުގަނޭތޯއެވެ؟]
[އޭނާޔާ ބެހޭ ނުބައި ޚަބަރެއް އަނެއްކާ އޮތީތޯއެވެ؟]
ބަޝީރް ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ.
[ތިޔައީ ފައްކާ ޖޯކަރެކެވެ.]
[އޭނާ ބަދްރަށް ސަލާން ދެންނެވިއެވެ.]
[ދޮގު ނުހައްދަވާށެވެ.]
[އެންމެ ރަނގަޅެވެ. އޭނާ މަނިކުފާނުގެ ސަލާމަތަށް އެދި ދުޢާކުރެއެވެ. މިވަރުން ވެއްޖެތޯއެވެ؟]
[ތިޔަ ވާހަކަ ގަބޫލުކުރާކަށް އަޅުގަނޑު ދެކޮޅެއް ނުހަދާނަމެވެ. ދެން ސަމާސާ ހުއްޓަވައިލައްވާފައި ވިދާޅުވެ ބައްލަވާށެވެ. އަބޫ ދާވޫދްގެ ހާލުކޮޅު ކިހިނެއްތޯއެވެ؟]
[އޭނާވެސް ހުންނެވީ ވަރަށް އުފާފުޅުންނެވެ. ގްރަނާދާއަށް ވަޑައިގެންނެވުމާއެކު އައްޒަޣަލް އޭނާ އަބޫ ޢަބްދުﷲގެ ޚާއްސަ އެކުވެރިއަކަށް ހައްދަވައިފިއެވެ. އޭނާ ހުންނަވަން އަލްޙަމްރާ ގަނޑުވަރުން ކޮޓަރިކޮޅެއް ހަމަޖައްސަވައިފިއެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އަބޫ ޢަބްދުﷲއާއި އަބޫ ދާވޫދްގެ އެކުވެރިކަން ވަރަށް ބަދަހިކުރައްވާނެއެވެ.]
މިހައިތަނުން މޫސާ ވަޑައިގަތީމާ ދެ ބޭފުޅުންގެ ވާހަކަފުޅުގެ މިސްރާބު ބަދަލުކޮށް ލައްވައިފިއެވެ. މޫސާ ވަޑައިގަތީ އަބުލްޙަސަން ދެ ބޭފުޅުންނަށް ދަޢުވަތު ދެއްވި ވާހަކަ ދަންނަވާށެވެ.
[1] މޫސާ ބިން އަބީ ޣައްސާންގެ ޖޯޝުން ފުރިފައިވާ ތަގުރީރުތަކާއި ފަސާހަތްތެރިކަމުގެ ވާހަކައަކީ އަދި އަދަށް ދާންދެން ފަނޑުނުވެ ހުރި މަޝްހޫރު ވާހަކަތަކެކެވެ. ހިތްވަރުފުޅު ގަދަކަމަށް ބަލާނަމަ އޭނާއަކީ ހިންދުސްތާނުގެ ސުލްޠާން ޓީޕޫއާއި ތުރުކީގެ އަންވަރު ޕާޝާއާ ތަފާތު ބޭފުޅެއް ނޫނެވެ. އިސްޕޭނުގެ މުވައްރިޚުން އޭނާޔާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ލިޔުއްވައިފައި ވެއެވެ. އަންދަލުސްގައި މުސްލިމުންގެ އޮޑި ތޫފާނީ ހާދިސާތަކުގެ ސަބަބުން ފެތިދާނެހެން ހީވީ ދަނޑިވަޅުގައި މޫސާގެ ޝަޚްސިއްޔަތު ވެގެން ދިޔައީ އަލި ފަތުރާ މުންނާރަކަށެވެ. އަންދަލުސްގެ މުސްލިމުންގެ ވެއްޓުމުގެ ދާސްތާން ފުރިހަމަވީ އެ އަޒުމުފުޅު ވަރުގަދަ މުޖާހިދުގެ ކަނޑިކޮޅު ބިނދުނީމައެވެ. ދާރުލްޙަމްރާގެ ފާރުތަކަށް ލޮޅުން އެރީ އެ ވަރުގަދަ ތަނބު ވެއްޓުނީމައެވެ. އޭނާގެ ތަގުރީރުތަކުގެ ސަބަބުން ގްރަނާދާގެ އަހުލުވެރިން ޣަފްލަތުގެ ނިދީން އެތައް ފަހަރަކު ހޭލެއްވިއެވެ. އޭނާގެ ކަނޑިކޮޅު ވަނީ އެބައިމީހުން ފަތަޙައިގެ މަގަށް އެތައް ފަހަރަކު ނެރެފައެވެ. އެކަމަކު އޭނާއަކަށް އޭނާގެ ގައުމު ގެއްލުމާއި ހަލާކުން މިންޖު ކުރެއްވޭ ގޮތެއް ނުވިއެވެ. އެހެނީ ގައުމުގެ ބޮޑުން ތިބީ އަމިއްލަ ހަލާކާއި މަރުވެގަތުމުގެ ފައިސަލާކޮށް ނިންމައިގެންނެވެ.
(ނުނިމޭ)
