އަންދަލުސްގެ ބާޒު – 8

(19 އޮކްޓޯބަރު 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގައުމު ވިއްކާ މީހުން

(1)

ރޭގަނޑުގެ ވަގުތެވެ. ތަނަކީ ކަސްތިއްޔާގެ ޝާހީ ގަނޑުވަރެވެ. ރާނީ އިޒަބެއްލާއާއި ރަސްގެފާނު ފެރްނާންޑޯ އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށް ބަހައްޓައިފައި ހުރި، ރަތުރަނުން ކުރެހުން އަޅައިފައިވާ ދެ ގޮނޑީގައި އިށީނދެގެން ތިއްބެވެ. ދެ މީހުންމެ ތިބީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

އިޒްބެއްލާ ހިނިތުންވެލެވޭތޯ މަސައްކަތް ކުރަމުން އަހައިފިއެވެ. [މާ މޮޅިއެއް ވެފައި ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ؟ ގްރަނާދާގެ ޖިޒީގެ ޢަދަދަކީ މާ ކަންބޮޑުވާ ވަރުގެ ޢަދަދެއް ކަމަކަށް އަހަންނަކު ނުދެކެމެވެ. އެއީ ތިޔަހައި ބޮޑަށް ފިކުރު ކުރާ ވަރުގެ ކަމެއް ނޫނެވެ.]

[އަހަރެންގެ ލޮބުވެތި ރަނިކަމަނާއެވެ. އަހަރެން ފިކުރު ބޮޑުވެފައި މި އިންނަނީ ޖިޒީއަކާ ގުޅިގެންނެއް ނޫނެވެ. އަބުލްޙަސަން އަހަރެމެންނަށް އެ ފޮނުވާ ޖިޒީއަށްވުރެ މާ ބޮޑު އެއްޗެއް، ސަރަޙައްދީ އިމުގައި ހުންނަ ބުރުޒުތައް ބަލަހައްޓާން އަހަރެމެން ޚަރަދު ކުރަމުއެވެ. އަހަރެން މި ވިސްނަނީ އަބުލްޙަސަން ޖިޒީ ދޭން ދެކޮޅު ހެދި ސަބަބާ މެދުގައެވެ. އޭނާ އެ ދެކޮޅުހެދީ ތިމާގެ ބާރު މާ ގަދަވެއްޖެކަމުގެ ޔަގީންކަން ލިބުނީމައެވެ. ގްރަނާދާގެ ތަޚުތަށް އެރުމުގެ ޝައުގުވެރިކަން ހުރި އެހެން މީހަކު ނެތްކަމީ އަހަރެމެންގެ ނަސީބު ދެރަ ކަމެވެ. މިހައިތަނަށް ކަން ހިނގައިފައިވާ މަގަށް ބަލާއިރު އަހަރެމެންގެ ކަނޑީގެ ބާރު ގަދަކަމުން ލިބުނު ފައިދާއަށްވުރެ، އިސްލާމުންގެ ބައިބައިވުމުން ލިބުނު ފައިދާ މާ ބޮޑެވެ.]

ރާނީ އިޒަބެއްލާ ބުނެފިއެވެ. [ގްރަނާދާގެ އިސްލާމުން އެއްބައިވަންތަ ވެގަތަސް އެމީހުންނަކަށް އަހަރެމެންނާ ދެކޮޅަށް ތެދުވާން ކެރޭނޭ ހެންނެއް ހިޔެއް ނުވެއެވެ. ކޯރްދޮބާއާއި ތޮލޭދޯއާއި ސެބިއްޔާގެ ބާޣީންނަށް ޖެހުނު ދަތުރު އެ މީހުންގެ ހިތަކުން އަދި ނުފިލާނެއެވެ.]

ފެރްނާންދޯ ބުންޏެވެ. [ތިޔަ ދައްކަނީ އިސްޕޭނީންނާއި ބަރްބަރީންނާއި ޢަރަބި ނަސްލުގެ މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރަމުން ގެންދިޔަ ދުވަސްވަރުގެ ވާހަކައެވެ. އެ ދުވަސްވަރުގެ ކާމިޔާބީގެ މައިގަނޑު ސަބަބަކީ އަހަރެމެންގެ ބާރު ގަދަ ކަމެއް ނޫނެވެ. އިސްލާމުންގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން އަހަރެމެންނަށް ކާމިޔާބީ ލިބުނީއެވެ. އަހަރެމެންގެ ތެރޭގައި މި އޮތް ކަހަލަ އެކުވެރިކަމަކާއި އެއްބައިވަންތަކަމެއް އެ މީހުންގެ ތެރޭގައި އޮތް ނަމަ އަހަރެމެންނަށް ކާމިޔާބީއެއް ލިބުނީސް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.]

އިޒަބެއްލާ ޖަވާބުގައި ބުނެލިއެވެ. [އެ މީހުންގެ ބައިބައިވުމަކީ މުޤައްދަސް މަރިޔަމްގެފާނު އަހަރެމެންގެ މައްޗަށް ލެއްވި ނަސީބެކެވެ.]

[ކޮރްދޯބާއާއި ތޮލޭދޯގެ އިސްލާމުން ބައިބައި ވީފަދައިން މަރިޔަމްގެފާނުގެ ރަޙްމަތާއެކު ގްރެނާދާގެ އިސްލާމުންވެސް ބައިބައިވެ އަރައިރުންވާނޭ ނަމަ ކޮންފަދަ ހެއްޔެވެ. އެބައިމީހުންގެ އެކުވެރިކަމަކީ ބޮޑެތި ދުޝްމިނުން ކުޑަކަކޫ ޖައްސައިލާވަރުގެ ކަމެއްކަން އަހަރެން ދަންނަމެވެ. އެބައިމީހުން އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިވެގެންފި ނަމަ ވައިގެ ތެރޭގައި ބުރަމުންދާ ކުދި ހިރަފުސްކޮޅުކޮޅުފަދަ ވެދެއެވެ. އެއްބައިވަންތަ ވެއްޖެނަމަ ބޮޑެތި ޠޫފާނަށްވެސް ގުޑުވައިނުލެވޭފަދަ ވަރުގަދަ ފަރުބަދަތަކަކަށް ވެއެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި ގްރަނާދާގެ އިސްލާމީ ޢިލްމުވެރިން ގެންދަނީ ދީނުގެ ވާހަކަ ދައްކައި، ޖޯޝް އުފައްދައިގެން އެބައިމީހުން ކުރިއަށް ނެރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެއީ ތެދެއް ކަމުގައި ވަނީނަމަ އަބުލްޙަސަންގެ ވާހަކައަކީ ހޮޅި ވާހަކައެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އޭނާ ބުނާ ގޮތުގައި މިހާރު ގްރަނާދާގައި ރަންރިހީގެ ބޭނުން ކޮށްގެން ފައިސާ ޖެހުމުގެ ބަދަލުގައި އެ ގެންދަނީ އެކަތައިގެ ކަނޑި އުފައްދަމުންނެވެ. އޭ މަގޭ ލޯބިވާ ރަނިކަމަނާއެވެ. އަހަރެން މިހައިތަނަށް އުއްމީދުކޮށްގެން މިހިރީ ގްރަނާދާގެ ދާޚިލީ ހަނގުރާމައިގެ ފައިދާ ލިބިގަނެވޭނޭ ކަމުގައެވެ.]

[ގްރަނާދާގައި ދާޚިލީ ހަނގުރާމައެއް ނުފެށުނަސް އަހަރެމެންގެ އަސްކަރީ ބާރުގަދަކަން ދައްކައިލުން މަޑުޖައްސައިލާކަށް ނުފެނެއެވެ. ތައްޔާރުވުމުގެ ފުރުސަތު ދުޝްމިނުންނަށް ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ.]

[އަހަރެންވެސް ދެކޭ ގޮތަކީ ތިޔައީއެވެ. އެކަމަކު ކައުންޓް ސަންތިއާގޯގެ މޮޔަކަމުން އަހަރެމެންގެ ސިފައިންގެ އަގު ވެއްޓުމާއެކު ފަސްބައިގައި ޖެހުނު ކަޅު ލައްތައް އަދިވެސް މި އުޅެނީ ފިލުވައިނުލެވިގެންނެވެ.]

ރާނީ އިޒަބެއްލާ ބުންޏެވެ. [ސަރަޙައްދީ ބާޒަކީވެސް ވަކި ދައުލަތެއްގެ މައްޗަށް ވެރިކަންކުރާ އަމިއްލަ ވެރިކަމެއް އޮތް މީހަކު ކަމުގައި ގަބޫލުކޮށް އޭނާޔާއެކު ގްރަނާދާއާ ދެކޮޅަށް މުޢާހަދާއެއް ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟]

[ނޫނެކެވެ. ތިޔައީ ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަބުލްޙަސަން އަހަރެމެންނާ ދެކޮޅަށް ބަޣާވާތެއް ކުރާ ދަނޑިވަޅު ސަރަޙައްދީ ބާޒު އޭނާގެ މަދަދުގާރަކަށް ވެދާނެތީ އަހަރެން ބިރުގަނެއެވެ.]

އެ ވަގުތު ސިފައިންގެ މީހަކު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އަދަބުވެރިކަމާއެކު ކުރުނީސްކޮށްފައި ބުނެފިއެވެ. [އަބޫ ދާވޫދު އައިސް އެބަހުއްޓެވެ. ޢިއްޒަތްތެރި ރަސްގެފާނުގެ ފައިންޕުޅު ދެކޭން އިޒުނަފުޅަކަށް އެބަ އެދެއެވެ.]

ފެރްނާންޑޯ ނުރުހިފައި ބުންޏެވެ. [އޭނާ އައުމާއެކު އަހަރެންގެ ކުރިމައްޗަށް ގެންނާށޭ އަހަރެން އޮންނާނީ ބުނެފައެވެ.]

އޭނާ ބުނި ވާހަކައަށްވުރެ ބޮޑަށް ސިފައިންގެމީހާ ބިރުގަތީ އަޑުގައި ހުރި ނުރުހުމުގެ ރާގު ދެކެއެވެ. އެހެންވީމާ އަވަސްއަވަހަށް ކުރުނީސްކޮށްފައި ނުކުމެގެން ހިނގައްޖެއެވެ.

އިޒަބެއްލާ ބުނެފިއެވެ. [ގްރަނާދާއަށް ގޮސްފައިވެސް އަހަރެމެންނަށް ވަފާތެރިކަންމަތީ އަބޫ ދާވޫދު ހުންނާނޭ ކަމުގެ ޔަގީންކަން އެބަ އޮތް ހެއްޔެވެ؟]

ފެރްނާންދޯ ބުންޏެވެ. [މުޣީރާ މަޅީގައި ޖައްސައިގެން ހައްޔަރުކުރުވީ އޭނާއެވެ. އެހައިތަނުން އެ ވަނީ އަހަރެމެންގެ އިތުބާރު އޭނާއަށް ލިބިފައެވެ.]

އެކަމަކު ގްރަނާދާގެ ޝާހީ ގަނޑުވަރުގެ އިތުބާރު ހޯދުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ.

(2)

އަބޫދާވޫދު އެތެރެއަށް ވަދެއްޖެއެވެ. އެއީ އުމުރުން ފަންސަޔާޅީސް ނުވަތަ ފަންސާސް އަހަރުގެ މީހެކެވެ. ބުރުސޫރައަށް ބަލާއިރު ޢަރަބި އިސްޕޭނީ ނަސްލުގެ މީހަކު ކަމަށް ފެނެއެވެ. އޭނާގެ ހުރީ ދެވަން ތުނބުޅިއެކެވެ. އެކަމަކު މޫނުމަތީން ޒުވާނެއްގެ ތާޒާކަން ފެންނާން ހުއްޓެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖުއްބާއެކެވެ.

އަބޫ ދާވޫދު ކުރިއަށް ޖެހިލުމަށް ފަހު ފުރަތަމަ ބޮސްދިނީ ރާނީ އިޒަބެއްލާގެ އަތްތިލައިގައެވެ. އޭގެ ފަހުން ރަސްގެފާނު ފެރްނާންދޯގެ އަތްތިލައިގައި ބޮސްދީފައި ދެ ފިޔަވަޅެއް ފަހަތަށް ޖެހިލައި އަދަބުވެރިކަމާއެކު ކޮޅަށް ހުރެއްޖެއެވެ.

ހުސް ގޮނޑިއަކަށް އިޝާރާތްކޮށްފައި ފެރްނާންދޯ ބުނެފިއެވެ. [އިށީންނާށެވެ.]

އަބޫ ދާވޫދު ޖެހިލުންވެފައި ހުރެގެން ބުނެފިއެވެ. [މަނިކުފާނަށް ކިޔަމަންތެރި މި އަޅާއަށް ތިޔަ އަމުރުފުޅާ ޚިލާފުވާކަށް ނުކެރޭނެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ ޢިއްޒަތްތެރި ރަސްގެފާނާއި ރަނިކަމަނާގެ ކުރިފުޅުމަތީގައި ކޮޅަށް ހުރެވުމަކީވެސް މި އަޅާއަށް ލިބޭ މަތިވެރި ޝަރަފެކެވެ.]

ފެރްނާންދޯ ހިނިތުންވެލައިފައި ބުންޏެވެ. [އިށީންނާން މި އަމުރުކުރަނީ ރަސްގެފާނާއި ރަނިކަމަނާއެވެ.]

[މި އަޅާއަކަށް ނުކިޔަމަންތެރިވާކަށް ނުކެރޭނެއެވެ.] މިހެން ބުނެފައި އަބޫ ދާވޫދު އިށީނދެއްޖެއެވެ.

ފެރްނާންދޯ ބުންޏެވެ. [އޭ އަބޫ ދާވޫދާއެވެ. އަހަންނަށް ހީވާ ގޮތުގައި ގުދުރަތުގެ ނިޝާންތައް އަހަރެމެންގެ ރާހިބުންނަށް ކަޝްފުވުމުގެ ކުރީން ކަލެއަށް އެނގިދެއެވެ. ކަލޭގެ ބުއްދިވެރިކަން އަޖުމަ ބަލައިލާން އަދިވެސް ބޭނުމެވެ. ނިކަން ބުނެބަލާށެވެ. މިއަދު އަހަރެމެންނަށް މި ކުރިމަތިވީ މައްސަލައަކީ ކޮބައިހެއްޔެވެ؟]

އަބޫ ދާވޫދު ޖަވާބުދިނެވެ. [މި ނިކަމެތި އަޅާގެ ބުއްދިވެރިކަން ދެއްކުމަކީ މަނިކުފާނަށް ކުރެވޭ އިހާނަތެކެވެ. އެކަމަކުވެސް ދަންނަވައިފާނަމެވެ. މާތް ސާހިބާ ބޭނުންފުޅުވަނީ އަޅުގަނޑު ގްރަނާދާއަށް ފޮނުއްވާށެވެ.]

ފެރްނާންދޯ ބުންޏެވެ. [ކަލޭ ރާހިބެއްގެ ހެދުން އަޅައިގެން ހުރެ ތިޔަހެން ބުނިނަމަ އަހަރެން ބުނާނީ އެއީ ކަރާމާތާއި މުޢުޖިޒާތުގެ ވާހަކައެއް ކަމުގައެވެ. އެކަމަކު ކަލެއަކީ އެހެން ހުރިހައި އެއްޗަކަށްވުރެ ބޮޑަށް ބުއްދިއަށް ބަރޯސާވާ މީހަކުކަން އަހަރެން ދަންނަމެވެ. ބުނެބަލާށެވެ. އަހަރެން ކަލޭ ގްރަނާދާއަށް ފޮނުވާން ބޭނުންވާކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟]

[އަބުލްޙަސަން ޖިޒީ ދޭން ދެކޮޅު ހަދައިފިކަން ނިކަމެތި އަޅާއަށް އޮތީ އެނގިފައެވެ. ރަސްގެފާނު އަމީރުން އެއްކުރައްވައިގެން ޖަލްސާއެއް ބޭއްވިކަންވެސް އޮތީ އެނގިފައެވެ. ނިކަމެތި އަޅާ ބަލައި ސާހިބާ ފޮނުއްވީ އެ ޖަލްސާ ނިމުނުތަނާއެވެ. މިފަދަ ޙާލަތެއްގައި މި އަޅާގެ ފުށުން ޢިއްޒަތްތެރި ރަސްގެފާނު ބޭނުންފުޅު ވާނޭ ކަންތައް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ނުވިއެވެ. އަބުލް ޙަސަނާ ކުރިމަތިލާން މި އަޅާ ފޮނުއްވާން ގަސްތުކުރައްވާ ނަމަ އެ ކަމެއް ކުރާން އޮތް ތަނަކީ ހަމައެކަނި ގްރަނާދާކަން ކަށަވަރެއް ނޫންތޯއެވެ.]

[އެހެން ވެއްޖެއްޔާ ގްރަނާދާއަށް ގޮސް ކުރާންޖެހޭ ކަމަކީ ކޮބައިކަންވެސް މިހާރު އޮންނާނީ ކަލެއަށް ވިސްނައިގަނެވިފައިތާއެވެ.]

[އާދޭހެވެ. ގްރަނާދާގައި ބައިބައިވުން އުފެއްދުމަށްޓަކައި މި އަޅާއަށް ކުރާން ޖެހޭ ކަމަކީ ވެރިކަމަށް އަންނާން އަބުލްޙަސަނާ ވާދަކުރާނޭ އެހެން މީހަކު ނެރުމެވެ. މިފަދައިން ނެރޭނީ ކާކުތޯ ކަނޑައެޅުމަކީ ގްރަނާދާއަށް ގޮސްގެން ނޫނީ ކަނޑައެޅޭނޭ ކަމެއް ނޫނެވެ.]

[އައެްޒަޣަލާ ބެހޭ ގޮތުން ކަލޭ ދެކޭ ގޮތަކީ ކޮބައި ހެއްޔެވެ؟]

[އައްޒަޣަލް ޖެހޭނީ އޭނާގެ އަޚާގެ އަތަށް ކަމުގައި ގަބޫލުކުރެވެއެވެ. އެކަމަކު…]

[އެކަމަކު ކީކޭ ހެއްޔެވެ؟]

[ޔަގީންކަމާއެކު އަދި ދަންނަވާކަށް ނުކެރޭނެއެވެ. އެކަމަކު މި ފަހަކުން ލިބިފައިވާ ޚަބަރުތަކަށް ބަލާއިރު އަބުލްޙަސަންގެ ދަރިންގެ ތެރެއިން އެކަކުގެ ބޭނުން ހިފިދާނެއެވެ. އޭނާގެ ދަރިއަކު ކަމުގައިވާ އަބޫ ޢަބްދުﷲ ހުންނަނީ ބާވަތަކުގެ ޝައްކެއްގެ ތެރޭގައެވެ. އޭނާއަށް ހީވާ ގޮތުގައި އަބުލްޙަސަން އުޅެނީ އޭނާގެ ދޮން އަމާގެ ދަރިއަކު ވަލީ ޢަހްދަކަށް ހަދާށެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަބުލްޙަސަން އޭނާގެ ކްރިސްޓިއަން އަނބިމީހާ ދެކެ ވަނީ މާ ވަރުގަދަ ލޯތްބެކެވެ.]

ފެރްނާންދޯ އުފާވެރި ރާގަކަށް ބުނެފިއެވެ. [އެހެންވެއްޖެއްޔާ ލަސް ކުރަނީ ކީއްކުރަން ހެއްޔެވެ؟ އަބޫ ޢަބްދުﷲ ހުރީ ޝައްކެއްގެ މަތީގައި ކަމަށް ވަންޏާ އަވަހަށް ގޮސް އޭނާގެ ޝައްކު އެއީ ޙަޤީޤަތެއް ކަމަށް ހަދާށެވެ. މާދަމާ ދަތުރަށް ނުކުންނާށެވެ.]

އަބޫ ދާވޫދު ބުންޏެވެ. [ނިކަމެތި އަޅާ ތައްޔާރެވެ. އެކަމަކު މިވަރުގެ ބޮޑު ކަމެއް ކުރާން ދާއިރު އެކުގައި މި އަޅާގެ ޢާއިލާ ގެންދާން ބޭނުމެވެ. ޢިއްޒަތްތެރި ސާހިބާގެ ލަޝްކަރަށްޓަކައި ގްރަނާދާގެ ދޮރާށިތައް ހުޅުވައިލެވޭންދެން ގްރަނާދާގައި ހުންނާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެ ރަށުގައި އުޅެނިކޮށް މިއަޅާޔާ މެދު ކިރިޔާވެސް ޝައްކެއް އުފެދިއްޖެނަމަ ހުރިހައި މަސައްކަތެއް ފަނުފުލުން ހިނގައިދާނެއެވެ. އެހެންވީމާ ގްރަނާދާއަށް އަރާން ބޭނުން ވަނީ އަމިއްލަ ރަށުން ބޭރުކޮށްލާފައިވާ މުހާޖިރެއްގެ ގޮތުގައެވެ. އެ ރަށަށް ގޮސް މި އަޅާއަށްވުރެ ބޮޑަށް މި އަޅާގެ އަނބިމީހާއާއި ދަރީން ޢިއްޒްތެރި ސާހިބާއަށް އެއްޗެހި ގޮވައި ސާހިބާގެ އަނިޔާވެރިކަމުގެ ވާހަކަދައްކާނެއެވެ. އެ ރަށުގެ މީހުން ޝައްކު ނުކުރާނޭ ގޮތަކީ އެއީއެވެ. އަނބިމީހާ ގެންދާން ބޭނުންވާ އަނެއް ސަބަބަކީ އޭނާ މެދުވެރިކޮށްގެން އަބުލްޙަސަންގެ ގަނޑުވަރަށް ވަންނާނޭ މަގެއް ހޯދުމެވެ.]

ފެރްނާންދޯ ބުންޏެވެ. [އަބޫ ދާވޫދާއެވެ. އެންމެ ރަނގަޅެވެ. ކަލޭގެ ޚިދުމަތްތައް ހުހަކާ ނުލާނެ ކަމުގެ ޔަގީންކަން ދެމެވެ. ގްރަނާދާ ހިފުމަށް ފަހު އެ ރަށުގެ އެންމެ ފުރަތަމަ ގަވަރުނަރަކަށް ހަދާނީ ކަލެއެވެ. އަންދަލުސްގެ ރަސްކަން އަހަރެންގެ ޢާއިލާއަށް އޮތްހައި ހިނދަކު ކަލޭގެ ޢާއިލާގެ މަތީން ގަވަރުނަރުކަމެއް ނުނެގޭނެއެވެ. ކަލޭ ބޭނުމިއްޔާ މި ވާހަކަ ލިޔެފައި އަހަރެން ސޮއިވެސް ކޮށްފާނަމެވެ.]

[ސާހިބާގެ ބަސްފުޅުގެ ޔަގީންކަން ލިޔުމަކަށްވުރެ ވަކީން ކުޑައެއް ނޫނެވެ.]

[އެންމެ ރަނގަޅެވެ. މި ރޭ ފަތިހު އަހަންނާ ބައްދަލުކުރާށެވެ. ކަލޭގެ ދަތުރުގެ ހުރިހައި ޚަރަދެއް ކުރާނީ ޝާހީ ޚަޒާނާއިންނެވެ.]

(3)

ބޯކޮށް ވާރޭ ވެހެނީއެވެ. ހަތަރު އަހުގެ ބަގީ އަސްގާޑިޔަލެއް ކިސަޑުން ފުރިފައިވާ މަގުތަކުން ދުއްވައިފައި އައިސް ފެރްނާންޑޯގެ ރަސްކަމުގެ ސަރަޙައްދުގައި ހުރި ބުރުޒެއްގެ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ބުރުޒުގެ ފާރަވެރިން ދުވެފައި އައިސް އަސްގާޑިޔާ ވަށައިލައިފިއެވެ.

ޒުވާން އޮފްސަރަކު ކުރިއަށް ޖެހިލައި ގާޑިޔަލުގެ ދޮރު ހުޅުވައިލައިފިއެވެ. އެއީ އެތާނގައި އެ ވަގުތު ތިބި ސިފައިންގެ އިސް ވެރިޔާއެވެ. އޭނާ ގާޑިޔަލުގެ އެތެރެއަށް ބޯދީ ބަލައިލުމަށް ފަހު ބުންޏެވެ. [މަނިކުފާނު ވަޑައިގަންނަވާ ވާހަކަ ގަވަރުނަރު އޮތީ އަޅުގަނޑަށް އަންގަވައިފައެވެ. އައު އަސް އެހެރީ ތައްޔާރަށެވެ. މިހައި ވިއްސާރަ ރެޔަކު އަސްގާޑިޔަލުގައި ދަތުރުފުޅު ކުރެއްވުމަކީ ފަސޭހަފުޅު ކަމެއް ނޫނެވެ. އެހެންވީމާ ވާރޭ ހުއްޓައިލައި ފަރުބަދަމަތީން ފައިބާ ފެންގަނޑު މަޑުޖެހިލާންދެން މިތާނގައި މަޑުކުރައްވާން ބޭނުންފުޅުވާނަމަ ހުރިހައި އިންތިޒާމެއް އޮތީ ހަމަޖެހިފައެވެ. ފަރީއްކޮޅުވެސް ހުރީ ތައްޔާރަށެވެ.]

އަބޫ ދާވޫދު ބޭރަށް ބަލައިލުމަށް ފަހު ބުންޏެވެ. [މި މޫސުމަކީ އަހަރެން ދަތުރުކުރާން ވަރަށް އެކަށޭނަ، ފައްކާ މޫސުމެކެވެ. ކައި ނިމިގެން އަހަރެމެން ދަތުރު ކުރިއަށް ގެންދާނީއެވެ. އަދި ދަތުރާ ބެހޭ ބައެއް އިރުޝާދު ކަލޭމެންނަށް ދޭންވެސް އަހަރެން ބޭނުން ވެއެވެ.]

[މަނިކުފާނުގެ ކޮންމެ އަމުރުފުޅަކަށް އަޅުގަނޑުމެން ހިތާއި ރޫޙުން ތަބާވާނަމެވެ. އަވަހަށް އެތެރެއަށް ވަޑައިގަންނަވާށެވެ.]

އަބޫ ދާވޫދާއެކު އޭނާގެ އަނބިމީހާއާއި ޒުވާން ދެ އަންހެން ދަރިން ގާޑިޔަލުން ފައިބައިފިއެވެ. އެ ތަނުން އެއް ކުއްޖަކުގެ ނަމަކީ އެންޖެލާއެވެ. އެއީ ދެން އިން ކުއްޖާއަށްވުރެ ދެތިން އަހަރު ހަގު ކުއްޖެކެވެ. އޭނާގެ ނޫ ދެ ލޮލާއި ވަށް މޫނާއި މުށި ކުލައިގެ އިސްތަށިގަނޑު ވައްތަރީ މަންމަޔާއެވެ. މޫނުމަތީން ފެންނަނީވެސް މަންމަގެ ފާއިތުވެފައިވާ ޒުވާންކަމެވެ.

ދެވަނަ ކުއްޖާގެ ނަމަކީ ރަބީޢާއެވެ. މި ދެކުދީންނަކީ އެއްބަފާ ދެ ކުދީންނެވެ. އެންޖެލާގެ މަންމަ މާރިއާ އަކީ ރަބީޢާގެ ދޮން މަންމައެވެ.

ރަބީޢާގެ ކަޅުކުލައިގެ ވިދުން ގަދަ ދެ ލޯ، އެންޖެލާގެ ދެމައިންގެ ލޮލާ މުޅީން ތަފާތެވެ. އިސްކޮޅަށް ބަލާއިރުވެސް އެ ދެމައިންނަށްވުރެ ރަބީޢާ ދިގެވެ. މޫނުމަތީގައި ހުރި ދޮން ކުލައިގެ ތެރެއިން ފިޔާތޮށިކުލަ ފާޅުވާއިރު ހީވަނީ ކިރާއި މާމުއިގެ ތެރެއަށް ފިޔާތޮށިކުލަ އެއްކޮށްގެން ކުރެހުންތެރިއަކު ކުރަހައިފައިވާ ރީތި ތަސްވީރެއް ހެންނެވެ. މޫނުމަތީން ފައުޅުވާން ހުރި ސީރިއަސްކަމާއި ލާނެތް އަސަރުތަކާއެކު ގުދުރަތުން ވަނީ އަންހެންވަންތަކަމުގެ އަސަރު އެކުލެވޭ ފިސާރި ރީތި ނަމޫނާއެއްގެ ގޮތުގައި އޭނާ ލައްވައިފައެވެ.

އެންޖެލާއާއި ރަބީޢާގެ ވަރަށް ކުޑަކުޑަ ވައްތަރުކަމެއްވެސް އެބަހުއްޓެވެ. އެ ވައްތަރުކަން އިހުސާސްކުރެވުނު ކަމުގައި ވިޔަސް ބަޔާންކުރާން އެނގޭވަރެއް ނުވެއެވެ. ދެ ކުދީންވެސް ނުހަނު ރީއްޗެވެ. އެންޖެލާގެ ރީތިކަމަކީ ސަހަރާގައި ފޮޅިފައިވާ މަލެއްގެ ހިނިތުންވުން ކަމުގައި ވަނީނަމަ، ރަބީޢާގެ ރީތި ކަމަކީ ފޮޅޭން ގާތްވެފައިވާ ނާޒުކު މަލެއްގެ ހިނިތުންވުމެވެ.

ސިފައިންގެ އޮފްސަރުގެ އާރުކާޓީކަމުގައި ގޮސް އެންމެން ވަނީ ކިއްލާގެ ބޮޑު ކޮޓަރިއަކަށެވެ. ކޮޓަރީގެ މެދުގައި، ވަށައިގެން ގޮނޑި ޖަހައިފައި ހުރި މޭޒެއްގެ ދޮށުގައި އެންމެން އިށީނދެއްޖެއެވެ.

ޚައްދާމުން ރިހީގެ ތަށިތަކާއި ތަބަށްތަކުގައި ހުރި ކާނާ ގެނެސް މޭޒުމަތީގައި އަތުރައިފިއެވެ. އަބޫ ދާވޫދުގެ އިޝާރާތަކަށް  ސިފައިންގެ އޮފްސަރުވެސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކާނާއަށް އިންސާފުކުރުމުގެ ތެރޭގައި އަބޫ ދާވޫދު އޮފްސަރާ ސުވާލު ކޮށްލިއެވެ. [ގްރަނާދާގެ ފުރަތަމަ ފާރަ ބުރުޒު ހުރީ މި ހިސާބާ ކިހައި ދުރުމިނެއްގައި ހެއްޔެވެ؟]

އޮފްސަރު ޖަވާބުދިނެވެ. [ގާތްގަނޑަކަށް އަށް މޭލުގެ ދުރުމިނުގައެވެ. އެކަމަކު ތިން މޭލަށް ދަތުރުކުރެއްވޭއިރު މަނިކުފާނު ހުންނަވާނީ ގްރަނާދާގެ އިމުގެ ތެރޭގައެވެ. އަޅުގަނޑު އެ ބުރުޒުތަކުގެ އޮފްސަރުންނަށް އަންގައިލީމާ މަނިކުފާނުގެ ސަލާމަތީ ކަންތައްތަކަށް އެ މީހުން ސަމާލުކަން ދޭނެއެވެ. އެހެންނަމަވެސް ގަވަރުނަރު އަންގަވައިފައި އޮތީ އެ މީހުންނަށް އެއްވެސް އިޝާރާތެއް ނުކުރާށެވެ.]

އަބޫ ދާވޫދު ބުންޏެވެ. [ގަވަރުނަރު ޢަމަލުކުރެއްވީ އަހަރެން އެންގި ގޮތަށެވެ. އަހަރެން އެ ސަރަޙައްދަށް މި ވަންނަނީއަކީ ރަސްގެފާނުގެ މަންދޫބެއްގެ ގޮތުގައެއް ނޫނެވެ. އަހަރެން މި ދަނީ މުސްލިމް މުހާޖިރެއްގެ ގޮތުގައެވެ.]

[މަނިކުފާނުގެ ބޭނުންފުޅަކީ އެ މީހުންނަށް އޮޅުވައިލެއްވުން ކަމުގައި ވަނީނަމަ ގާޑިޔާކޮޅުގައި ދަތުރުފުޅު ނުކުރައްވާށެވެ. އަދި މި މަގުންވެސް ވަޑައިނުގަންނަވާށެވެ. ފައިމަގުގައި ނުވަތަ އަހުގައި އެހެން މަގަކުން ވަޑައިގަތުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެހެން ނޫނީ އަޅުގަނޑުމެން ފާރަވެރިވާން ތިއްބައި މަނިކުފާނަށް  އެ ހިސާބަށް ވަޑައިގެންނެވުން ވާނީ އެމީހުންގެ ހިތުގައި ޝައްކު ހިނގާނޭ ކަމަކަށެވެ.]

[އަހަންނަށް އެނގިފައި އޮތް ގޮތުގައި ކަސްތިއްޔާއާއި ގްރަނާދާގެ ރައްޔިތުން އެއްވެސް ހުރަހަކާ ނުލައި މި މަގުން ދަތުރުކޮށް އެބަ އުޅެއެވެ. އަހަރެންގެ ދަތުރު މި ގޮތަށް ރޭވީ އެކަމަށް ރިޢާޔަތްކޮށްފައެވެ. އެހެންވީމާ މި ގޮތް ކާމިޔާބު ވާނޭ ކަމަށް އަހަންނަށް ގަބޫލު ކުރެވެއެވެ. ކަލޭމެންގެ ވިހި އަސްވާރުން އަހަރެމެންގެ ފަހަތުން ފޮނުވާށެވެ. ގްރަނާދާއާ ކައިރިވީމާ އަހަރެމެންގެ ގާޑިޔާގެ ދުވެލި ބާރުކޮށްލާނަމެވެ. އަސްވާރުން ދައްކާން ވާނީ އަހަރެމެން އަތުލައިގަންނާން ފަހަތުން އަންނަ ކަހަލަ ގޮތެކެވެ. ގްރަނާދާގެ ސިފައިންނަށް ކްރިސްޓިއަނުން އަހަރެމެންގެ ފަހަތުން އަންނަތަން ފެނުނީމާ ދޭތެރެއަށް ވަންނާނެކަން ޔަގީނެވެ. އެމީހުން އަހަރެމެންނަށް އެހީތެރިވާނެއެވެ. ކަލޭގެ ސިފައިން އެމީހުންނާ ދެކޮޅަށް ކުޑަކޮށް ގޮތް ދައްކައިލާފައި އެނބުރި އަންނަ ގޮތަށް ހަމަޖައްސާށެވެ.]

[ތިޔައީ ވަރަށް ރަނގަޅު ޚިޔާލުފުޅެކެވެ. އެކަމަކު މިއީ ވަރަށް ބޮޑަށް ހަލާކުވެފައި އޮތް އުނދަގޫ މަގެކެވެ. ބާރަށް ދުއްވުމުގެ ތެރޭގައި މަނިކުފާނުގެ ގާޑިޔާކޮޅަށް ނުރައްކަލަކާ ކުރިމަތިވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ.]

އަބޫ ދާވޫދު ބުންޏެވެ. [މި ކަހަލަ ޙާލަތްތަކުގައި ކުދިކުދި ގެއްލުމަކަށް ބެލުމެއް ނޯންނާނެއެވެ. އަހަރެމެންގެ މީހަކު ކުޑަކޮށް ޒަޚަމް ވިޔަސް ނުވަތަ އަހަކަށް ތީރެއްގެ ޙަމަލާ އެރިޔަސް އެއީ އެވަރުގެ ކަމެއް ނޫނެވެ.]

[އެންމެ ރަނގަޅެވެ. ސިފައިންނާއެކު އަޅުގަނޑުވެސް މި ޙަރަކާތުގައި ބައިވެރިވާނަމެވެ.]

އޮފްސަރުގެ އިޝާރާތަކަށް ނޯކަރަކު ސިފައިންގެ މީހަކަށް ގޮވައި ގެނެސްފިއެވެ. އޮފްސަރު އޭނާއަށް އަމުރުކުރިއެވެ. [ވިހި އަސްވާރުންނަށް ތައްޔާރުވާން އަންގާށެވެ. އަހަރެމެން މި އުޅެނީ ޚާއްސަ ޙަރަކާތެއްގައި ނުކުންނާށެވެ.]

މި އަމުރު ކުރުމަށް ފަހު އަބޫ ދާވޫދާ ދިމާއަށް ބަލައިލާފައި ބުންޏެވެ. [ސަރަޙައްދީ ބާޒުގެ ޚަބަރު މަނިކުފާނަށް ލިބިވަޑައިގެންފައި އޮންނާނެކަން އަޅުގަނޑަށް ޔަގީނެވެ.]

މި ވާހަކައިގެ އަޑު އިވުމާއެކު އަބޫ ދާވޫދުގެ އަނބިމީހާއާއި ދެ ދަރިން ސިހިފައި އޮފްސަރާ ދިމާއަށް ބަލާން ފަށައިފިއެވެ. އަބޫ ދާވޫދު ހަމަޖެހިލައިގެން އިނދެ ޖަވާބުދިނެވެ. [ތިޔަ މީހަކުގެ ވާހަކަ އަހަރެން އަޑުއެހީމެވެ. އެކަމަކު އޭނާގެ ސަރަޙައްދު އޮތީ މި ތަނާ ވަރަށް ދުރުގައެވެ.]

[ތިޔައީ ތެދުފުޅެކެވެ. އޭނާގެ ސަރަޙައްދު އޮތީ ވަރަށް ދުރުގައެވެ. އެކަމަކު އޭނާގެ ބައިވެރިން ތިން ފަހަރެއްގެ މަތީން އަޅުގަނޑުމެންގެ އަސްތައް ފޭރިގަނެގެން ގެންގޮސްފިއެވެ.]

[ކޮން އިރަކު ހެއްޔެވެ؟] އެންޖެލާ އަހައިލިއެވެ.

[މި ދިޔަ އަހަރުއެވެ. މި އަހަރަކު އަދި އަހަރެމެންނަކަށް މާ ބޮޑު ސަމާލުކަމެއް އެމީހުންނެއް ނުދެއެވެ. މި ދިޔަ އަހަރު ހަފްތާއެއް ވާންދެން މިތަން ހިފައިގެންވެސް ތިއްބެވެ.]

އެންޖެލާ އަހައިފިއެވެ. [އޭނާ ދުށިން ހެއްޔެވެ؟ އެއީ ކިހިނެއް ހުންނަ މީހެއް ހެއްޔެވެ؟]

[އޭނާ އަޅުގަނޑުމެންގެ ކުރިމަތީގައި ނިގާބު ނުނަގައެވެ. އެހެންވީމާ މޫނެއް ނުދެކެމެވެ. އަޑުން ފާހަގަ ކުރެވޭ ގޮތުގައި އެއީ އުމުރުން އެހައި ދުވަސްވީ މީހެއް ނޫނެވެ.]

މާރިއާ އަހަފިއެވެ. [ކަލޭމެން އޭނާ މި ތަނުން ނެރުނީ ކިހިނެއް ހެއްޔެވެ؟]

[އޭނާ އަމިއްލައަށް މި ތަން ދޫކޮށްލައިފައި ދިޔައީއެވެ. އޭނާ އައީ އަހަރެމެންގެ އަތުގައި ބާކީވެފައި ހުރި ގޮދަނާއި އަސްތައް ފޭރިގަންނާށެވެ. އެ އެއްޗެހި ހިފައިގެން ދިޔައީއެވެ.]

އެންޖެލާ ބުންޏެވެ. [އެއީ ވަރަށް އަނިޔާވެރި މީހެކޭ ކިޔާތީ އަޑު އެހީމެވެ.]

އޮފްސަރު ބުންޏެވެ. [އޭނާގެ ކިބައިން ފެނުނު އެންމެ ކަމުދާ ކަމަކީ އަނިޔާވެރިއަކަށް ނުވުމެވެ. އޭނާ ހަތިޔާރު ނެތް މީހަކާ ނުބެހެއެވެ. ބަލިކަށި މީހެއްގެ މައްޗަކަށް އަތެއް ނުއުފުލައެވެ. ވެއްޓިފައި އޮތް ދުޝްމަނަކަށް ޙަލަމައެއް ނުދެއެވެ. އެއީ އަޅުގަނޑުމެންގެ ވެރިކަމުގެ ދުޝްމިނެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކު އެއީ ވަރަށް މުރުއްވަތްތެރި ދުޝްމިނެކެވެ.]

އަބޫ ދާވޫދު ބުންޏެވެ. [ކަލޭގެ ތެދުވެރިކަމަށް އަހަރެން ތާރީފުކުރަމެވެ. ކަލެއެކޭ އެއްފަދައިން ސެއިންޓް ސަންތިއާގޯއަކީވެސް ސަރަޙައްދީ ބާޒަށް ވަރަށް ބޮޑަށް ތާރީފުކުރައްވާ ބޭފުޅެކެވެ.]

އެންޖެލާ އަހައިފިއެވެ. [ބައްޕާއެވެ. އަޅުގަނޑުމެން މިދާ މަގުމަތީގައި އޭނާޔާ ބައްދަލު ވެއްޖެއްޔާ ހަދާނީ ކިހިނެއްތޯއެވެ؟]

މާރިއާ ނުރުހިފައި ބުންޏެވެ. [ހެޔޮ ގޮތް ދައްކަވާތޯ ދުޢާކުރާށެވެ.]

އަބޫ ދާވޫދު ބުންޏެވެ. [މަގުމަތީން އަހަރެމެންނާ ދިމާވެއްޖެއްޔާ އޭނާ އަހަރެމެންނަށް ބާރަށް ދުވާ ރަނގަޅު އަސް ހޯދައިދޭނެކަން ކަށަވަރެވެ.]

ރަބީޢާ އަހައިފިއެވެ. [އޭނާއަށް ބާޒޭ ކިޔަނީ ކީއްވެގެންތޯއެވެ؟]

އޮފްސަރު ބުންޏެވެ. [އޭނާއަށް އެ ނަން ދެއްވީ ކައުންޓް ސަންތިއާގޯއެވެ. އެއީ އޭނާގެ ހަލުވިކަމާއި ކުޅަދާނަކަމާއި ވިސްނުންތޫނުކަން ބާޒަކަށްވުރެ ވަކީން ދެރަ ނޫންވީމައެވެ.]

އަބޫ ދާވޫދު އަހައިފިއެވެ. [އެއީ މުޣީރާގެ ދަރިއެއް ހެއްޔެވެ؟]

[ތިޔަ ކަމުގައި ދެ ޚިޔާލެއް ދައުރުކުރެއެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއީ މުޣީރާގެ ދަރިއެކެވެ. އަނެއް ބަޔަކު ބުނަނީ އެއީ މަޣްރިބްގެ (މޮރޮކޯ) މީހަކު ކަމުގައެވެ.]

އަބޫ ދާވޫދު ބުންޏެވެ. [އެއީ ކާކުކަން ލަހެއް ނުވެ އެނގިދާނެއެވެ.]

އޮފްސަރު އަހައިލިއެވެ. [އޭނާއަށް ޙަމަލަދެއްވާން މާތްވެގެންވާ ރަސްގެފާނު ކަނޑައެޅުއްވީތޯއެވެ؟]

އަބޫ ދާވޫދު ޖަވާބުދިނެވެ. [އެއީ ސީދާ ރަސްގެފާނު ޙަމަލައެއް ދެއްވާ ވަރުގެ އަސްކަރީ ބާރެއް ލިބިފައިވާ މީހެއް ނޫނެވެ. އޭނާގެ ހަނގުރާމައިގެ އުކުޅުތައް ދަންނަ ހުސިޔާރު މީހަކު ޢައްޔަން ކުރެއްވީމާ އޮންނާނީ މައްސަލަ ހައްލު ކުރެވިފައެވެ.]

(4)

އަދިވެސް ބޯކޮށް ވާރޭ ވެހެނީއެވެ. ދޮޅު މޭލެއްހައި ތަނަށް ދަތުރު ކުރެވުމާއެކު ގާޑިޔަލުގެ ދުވެލި ބާރުކޮށްލާން އަބޫ ދާވޫދު އަންގައިފިއެވެ. ފަހަތުން އައި އަސްވާރުން، އޮފްސަރު އިޝާރާތް ކޮށްލީމާ ހުއްޓިއްޖެއެވެ. ގާޑިޔާ މޭލެއްހައި ތަން ދުރަށް ދިއުމާއެކު އަސްވާރުން ގާޑިޔަލުގެ ފަހަތުން ދުއްވާން ފަށައިފިއެވެ.

ބޯ ވާރެޔާއެކު ވާދީގެ ތިރި ބައެއް ދިމަދިމައިގައި ފެން ބޮޑުވެފައި އޮތުމުގެ ސަބަބުން މަގު ވަނީ ފޮރުވޭގޮތް ވެފައެވެ. އެހެންވީމާ އަބޫ ދާވޫދުގެ ބާރުއެޅުމާއެކުވެސް ގާޑިޔާ ދުއްވާ މީހުން ގެންދިޔައީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނޭ ކަމަށް ބަލައި ފަރުވާތެރިވަމުންނެވެ. ގާޑިޔަލާއި ފަހަތުން އަންނަ އަސްވާރުންނާ ދެމެދުގެ ރާސްތާ ގާތްވުމާއެކު އަސްވާރުން ދުވެލި މަޑުކޮށްލައެވެ. އެއީ އެކަށީގެންވާ ދުރުމިނެއްގައި ތިބެގެން، ފަހަތުން އާދެވޭނޭ ގޮތް މެދުވެރި ކުރުމަށްޓަކައެވެ.

ފެން ބޮޑުވުމުގެ ސަބަބުން މަގުގެ ބައެއް ދިމަދިމައިން ވަނީ ވަޅު ހެދި، ހަލާކުވެފައެވެ. ވަޅުތަކަށް ވެއްޓި، އަރަމުން ދިޔަ ގާޑިޔާ ހީވަނީ ފުމެމުންދާ ހެންނެވެ. އަބޫ ދާވޫދްގެ އަނބިމީހާއާއި ހަގު ދަރިފުޅު އެންޖެލާ ގެންދިޔައީ މަޑުން ދުއްވާށޭ ކިޔަމުންނެވެ. ޚުދު އަބޫ ދާވޫދްގެ ބޯ އެތައް ފަހަރަކު އަނބިމީހާގެ ބޮލުގައި ނުވަތަ ދަރިފުޅުގެ ބޮލުގައި ޖެހިއްޖެއެވެ. އެކަމަކު އަނބިމީހާއާއި ދަރިފުޅުގެ އާދޭހުގެ އަޑު އޭނާއަކަށް އިވުނު ކަމަކަށް ނުވިއެވެ. މިފަދަ ގޮތަކަށް ގާޑިޔާ ދުއްވާފައި ދަނިކޮށް ވަޅުގަނޑެއްގެ ތެރެއަށް ޖެހުނު ގޮތަކުން މާރިޔާގެ ބޯ ގޮސް ގާޑިޔަލުގެ ހިޔަލުގައި ވަރަށް ބާރަށް ޖެހިއްޖެއެވެ. އޭނާ ހަޅޭއް ލަވައިގެންފައި ބުންޏެވެ. [ގާޑިޔާ ހަމަ މިހާރު ހުއްޓުވާށެވެ. އެހެން ނޫނީ އަހަރެން ފުންމައިލަފާނަމެވެ. ކަލެޔަކީ ވަޙުޝީއެކެވެ. ތިޔަ އުޅެނީ އަހަންނާއި އަހަސރެންގެ ދަރިފުޅު މަރައިލާށެވެ. ކަލޭގެ ނިޔަތް ރަނގަޅު ނޫންކަން މާކުރިން އަހަންނަށް އެނގިއްޖެއެވެ. ކަލޭ ބޭނުން ވަނީ ގްރަނާދާއަށް ދެވުމުގެ ކުރީން އަހަރެމެން ދެމައިންގެ ކިބައިން ސަލާމަތްވާށެވެ. ކަލާނގެއަށްޓަކައި ބުނަމެވެ. މި ގާޑިޔާގަނޑު ހުއްޓުވާށެވެ.]

ދެވަނަ ލޮޅުމުގައި އެންޖެލާއާއި ރަބީޢާއާ ދެކުދިންގެ ބޯ ޖެހިއްޖެއެވެ. އެޔާއެކު ގާޑިޔާ ހުއްޓައިލާށޭ ކިޔައިގެން އެންޖެލާ އާދޭސް ކުރާން ފަށައިފިއެވެ. އަބޫ ދާވޫދް ބުންޏެވެ. [ކަލޭވެސް މަންމަ ކަހަލަ ފިނޑި ކުއްޖަކަށް ވާނެކަން އެނގޭނަމަ އަހަންނާއެކު ނުގެނައީމުހެވެ. ރަބީޢާ ނިކަން ދެކިބަލާށެވެ. އުފްވެސް ކިޔައި ނުލައި އެ އިނީއެވެ.]

އަބޫ ދާވޫދް މިހެން ބުނުމާއެކު މާރިޔާއާއި އެންޖެލާ ރުޅި ބޭލީ ރަބީޢާއަށެވެ.

މާރިޔާ ބުންޏެވެ. [ރަބީޢާ އެ އިނީ އޭނާޔާ އެއް ދީނެއްގެ ބަޔަކުގެ ގާތަށް ދެވޭތީ އުފަލުންނެވެ.]

އެންޖެލާ ބުންޏެވެ. [ކަމެއްދަމެއް މެދުވެރިވެއްޖެއްޔާ އެންމެ ފުރަތަމަ ބައްޕަ ސަމާލުކަން ދެއްވާނީ އޭނާއަށްކަން ރަބީޢާއަށް އެނގެއެވެ.]

މި ދެމައިންގެ ނުރުހުމުގެ ބަސްތަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މާރިޔާ ބުންޏެވެ. [ބައްޕާއެވެ. މަންމައާއި އެންޖެލާއާ ދިމާއަށް އެއްޗެތި ކިޔުއްވަނީ ކީއްކުރައްވަންތޯއެވެ؟ ގާޑިޔާ މަޑުކުރައްވަން އަންގަވާށެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މާރިޔާއެވެ. ކުޑަކޮށް ކެތްތެރިވެލާށެވެ. އަހަރެމެން މިހާރު މިތިބީ ގްރަނާދާގެ އިމުގެ ތެރޭގައެވެ. އަހަރެމެން މކިތިބަ ހާލަތު ގްރަނާދާގެ މީހުންނަށް ފެނުމާއެކު އެ މީހުން ހުރަސް އަޅާން އަންނާނެއެވެ. އެންމެ ފުރަތަމަ އަހަރެން މި ދަތުރުގެ ވާހަކަ ދެއްކީމާ ކަލޭ ވީ އުފަލެއްގެ ބޮޑުކަމުން ފުމެނެގި ހަނދާނެއް ނެތް ހެއްޔެވެ؟ މިހާރު ކުޑަކުޑަ ބުރައެއް އުފުލާން ޖެހުނީމާ ތިޔަ ޝަކުވާ ކުރަނީއެވެ. ބާރާއި ގަދަރުވެރިކަން ހޯދާން ކުރާ މަސައްކަތުގައި ނުރައްކާތެރި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެއެވެ.]

މާރިޔާ ރުޅި އައިސްފައި ބުންޏެވެ. [ކަލެއަކީ ބޮޑު މޮޔައެކެވެ. މި ޠޫފާނުގެ ތެރޭގައި ކަލޭގެ އިންތިޒާރުގައި ތިބޭނީ ކޮން ބައެއް ހެއްޔެވެ؟ އެމީހުން މިހާރު ތިބޭނީ ފާރަހިޔާތަކުގައި އަރާމުކުރާށެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އެކަމަކުވެސް އެ މީހުންގެ ފާރަވެރިންނަށް ފެންނަ ހިސާބަށް އަހަރެމެން ދާން ޖެހޭނީ މި ފަދަ ހާލެއްގައެވެ. އަހަރެމެން މިއީ ފިލައިގެން އައި ބައެއްކަމުގެ ޔަގީންކަން ދެވޭނޭ ގޮތެއް މި ނޫނީ ނެތެވެ. ފަހަތުން އެ އަންނަ ބަޔަކީ އަހަރެމެން އަތުލައިގަންނާން އަންނަ ބަޔަކުކަމުގެ ޔަގީންކަންވެސް ދެވޭނޭ ގޮތަކީ މިއީއެވެ.]

ގާޑިޔާ މިހާރު ދުއްވަމުން އެ ދަނީ ތަންކޮޅެއް އުސްކޮށް އޮތް އެހެން މަގުމަގަށްވުރެ ރީތި މަގެއްގައެވެ. އެހެންވީމާ މާރިޔާއާއި އެންޖެލާގެ އަނގަ ތަންކޮޅެއް މަޑުވެއްޖެއެވެ.

ގާޑިޔާ ދުއްވާމީހާ ގޮވައިލިއެވެ. [އަސްވާރަކު އަންނާތީ އެބަ ފެނެއެެވެ.]

[ބޭނުންވާ ގޮތް ވުމުގެ މަގު ހުޅުވެނީއެވެ. އަސްވާރު ގޮސް އޭނާގެ ބައިވެރިންނަށް އަންގާނެއެވެ.]

މިހެން ބުނެފައި އަބޫ ދާވޫދް ގާޑިޔަލުގެ ކުޑަދޮރުން ބޭރަށް ބޯދީ، ފަހަތް ބަލައިލިއެވެ. އަދި ފަހަތުން އަންނަ އަސްވާރުންނަށް އަތުން އިޝާރާތްކޮށްލިއެވެ. އަދި ގާޑިޔާ ބާރަށް ދުއްވާންވެސް އަންގައިފިއެވެ.

ކުޑައިރުކޮޅެއް ފަހުން ގާޑިޔާ އެ މަގުން ތިރިއަށް ފައިބާން ފަށައިފިއެވެ. ދުއްވާމީހާ އަނެއްކާވެސް ބާރަށް ގޮވައިލިއެވެ. [ވާދީގައި އެ އޮތީ ވަރަށް ފެން ބޮޑުވެފައެވެ. މަގެއް ނުފެނެއެވެ. މާ ބާރަށް ދިއުން ރައްކާތެރި ކަމަކަށް ނުވާނެއެވެ.]

އަބޫ ދާވޫދް ބުންޏެވެ. [ރައްކާތެރިކަމާއެކު ދުއްވާށެވެ. އެކަމަކު މަޑުކޮށްގެން ނުވާނެއެވެ. ދެ ގުނަ އިނާމު ދޭނަމެވެ.]

މާރިޔާއާއި އެންޖެލާގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. އަބޫ ދާވޫދް ދެމައިންގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުންޏެވެ. [ގާޑިޔާ ދުއްވާމީހާއަކީ މޮޔައެއް ނޫނެވެ. ތިރިއަށް ފޭބުމާއެކު އޭނާ ދުވެލި މަޑުކުރާނެއެވެ.]

އަބޫ ދާވޫދް ބޭރު ބަލައިލުމަށް ފަހު އަނެއްކާވެސް އަސްވާރުންނަށް އިޝާރާތެއް ކޮށްފިއެވެ. އެޔާއެކު އެ މީހުން ދުވެލި ބާރުކޮށްލިއެވެ.

ވާދީގައި ފެން ބޮޑުވެފައިވާ ވަރުން ހީވަނީ ކޯރެއްހެންނެވެ. އެކަމަކު އިނާމުގެ ދަހިވެތިކަމުގައި ގާޑިޔާ ދުއްވާމީހާ މޭމަތީގައި އިޝާރާތުން ސަލީބެއް ކުރަހައިލުމަށް ފަހު ގާޑިޔާ ފެންގަނޑުގެ ތެރެއަށް ބާލައިފިއެވެ. ދެތިން ފަހަރަކު ފެންގަނޑުގެ ތެރޭގައި އަސްތައް މަގުން ފައިބައިފިއެވެ. ކުރީގައި އޮތް ދެ އަސް ބޮޑު ހިލައެއްގައި ޖެހިފައި ވެއްޓިއްޖެއެވެ. ގާޑިޔާ ލަތްކަކާއެކު ހުއްޓިއްޖެއެވެ. ގާޑިޔާ ދުއްވާމީހާ އެއް އަހުގެ ބުރަކަށިމައްޗަށް ވެއްޓިއްޖެއެވެ. އަދި ކައްސާލައިގެން ފެންގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. ދެތިން ސިކުންތެއްގެ ތެރޭގައި ގާޑިޔާ އަނެއްކާވެސް ދުއްވައިގެންފިއެވެ. މި ފަހަރު އެއްވެސް ހުރަހަކާ ނުލައި އޮމާންކަމާއެކު ދުވެފައި ގޮސް ގާޑިޔާ ހާމަ މަގަށް ނުކުމެއްޖެއެވެ.

އިތުރު ކުންނެއް ހުރަށް ކޮށްފައި ގޮސް ގާޑިޔާ ނުކުތީ ހާމަ މައިދާނަކަށެވެ. އެތެރޭގައި އިން އަބޫ ދާވޫދަކަށް ގާޑިޔާ ދުއްވާ މީހާ ނެތްކަމެއް ނޭނގެއެވެ. މަގު ދޫކޮށް ގާޑިޔާ މިހާރު ދުވެފައި ދަނީ މައިދާނެއްގައެވެ. ގާޑިޔާ މާ ބޮޑަށް ހެލެން ފެށްޓީމާ ދެތިން ފަހަރަކު އަބޫ ދާވޫދް، ގާޑިޔާ ދުއްވާމީހާއަށް ގޮވައިލިއެވެ. ޚަބަރެއް ނުވީމާ ބޭރު ބަލައިލީއިރު ގާޑިޔާ ދުއްވާމީހާ ފެންނާކަށް ނެތެވެ. ގާޑިޔާ މިސްރާބު ޖަހައިފައި ހުރީ ބޮޑު ހިލައަކާ ދިމާއަށެވެ. އެ ހިލައިގައި ގޮސް ޖެހިއްޖެއްޔާ ގާޑިޔަލުގައި ތިބި މީހުންކުރެ އެކަކުވެސް ސަލާމަތެއް ނުވާނެއެވެ.

ފަހަތުން އަންނަ އަސްވާރުން ތިބީ މާ ދުރުގައެވެ. ކުއްލިއަކަށް ޖަންގަލި ތެރެއިން ހަތިޔާރުއެޅި ތިރީހަކަށް ނުވަތަ ސާޅީހަކަށް އަސްވާރުން ނުކުމެއްޖެއެވެ. އެންމެ ކުރީގައި އޮތީ ކަޅު އަހަކެވެ. އެ އަސް ދުއްވަން އިނީ މޫނު ނިވައިކޮށްގެން އިން މީހެކެވެ. އޭނާގެ ހުދު ޢަބާ ދިޔައީ ވައިގެ ތެރޭގައި ވިހުރުވެމުންނެވެ. މޫނު ނިވައިކޮށްގެން އިން މީހާގެ އިޝާރާތަކަށް ﷲ އަކްބަރުގެ ނަޣާރާ ކުރުމަށް ފަހު ޖަންގަލި ތެރެއިން ނުކުތް މީހުންގެ ތެރެއިން އެއް ބަޔަކު މިސްރާބުޖެހީ ފަހަތުން އަންނަ އަސްވާރުންނާ ދިމާއަށެވެ. މޫނު ނިވައިކުރި މީހާ އަސްގާޑިޔަލުގައި ޖަހައިފައިވާ ދެ އަހާ ދިމާއަށް ދެތިން ތީރު ދޫކޮށްލުމާއެކު ގާޑިޔަލުގެ މިސްރާބު ބަދަލުވެއްޖެއެވެ.

އަސް ގާޑިޔާ ދުވެފައި ދަނީ ދުއްވާމީހަކާ ނުލައިކަން އެނގުމާއެކު މޫނު ނިވައިކޮށްގެން ހުރި މީހާ ގާޑިޔަލާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ބާރަށް ދުއްވައިފައި ގޮސް ގާޑިޔާ ދަމަމުން ދިޔަ އަހާ އެއްވަރު ކުރުމަށް ފަހު ހުސިޔާރު ކަމާއެކު ފުންމައިގެން ގޮސް ޖެހުނީ އެ އަހުގެ ބުރަކަށި މައްޗަށެވެ. އޭނާއަށް ރަނގަޅަށް ސަމާލު ނުވެވިގެން އުޅެނިކޮށް ގާޑިޔަލުގެ އެއް ފުރޮޅު ހިލައެއްގައި ޖެހިފައި ނެއްޓިއްޖެއެވެ. އެޔާއެކު ގާޑިޔާ އަރިއަޅައިލައިފިއެވެ. އަހުގެ ފައިގައި އައްސައިފައި ހުރި ބަންދު ނެއްޓިއްޖެއެވެ. އެކަމަކު ބޮލުގެ ބަންދު ނުނެއްޓެއެވެ. އެހެންވީމާ އަރިއަޅައިލައިފައި އޮތް ގާޑިޔާ ދަމަމުން ގެންދިޔައެވެ. މޫނު ނިވައިކުރިމީހާ އަހުގެ ލަގަނުގައި ހިފައިފިއެވެ. ގައިގައި ހުރިހައި ބާރެއް ލައިފައި އަސް ހުއްޓުވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. ގާޑިޔާ ބިންމަތީގައި ކޭއްތެމުން ލޫދެމުން ގޮސް އެންމެ ފަހުން ހުއްޓިއްޖެއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަހަތުން އައިސް އަސްވާރުންގެ ފަހަތުން ދިޔަ މީހުން އެނބުރި އަތުވެއްޖެއެވެ. އެ މީހުން އައީ އަސްގާޑިޔާ ދުއްވާމީހާވެސް ގޮވައިގެންނެވެ. މޫނު ނިވައިކުރިމީހާ އެއް ފަރާތުގައި ޒަޚަމްވެފައި ތިބި މީހުންނާ ދިމާއަށް އިޝާރާތްކޮށްލިއެވެ. [އެ މީހުން ޒަޚަމް ނުވާނެ ގޮތްހެދޭތޯ އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އެވަރެއް ނުކުރެވުނެވެ. އަހަރެން އުއްމީދުކުރާ ގޮތުގައި އެ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެއެވެ. ގާޑިޔަލުގެ އެތެރޭގައި އެމީހުން ސާމާނުވެސް އެބަހުއްޓެވެ. އެވެސް ގެންނާށެވެ.]

އަބޫ ދާވޫދް އިރުކޮޅަކަށް ހޭނެތިފައި ކަހަލަ ގޮތަކަށް އޮތުމަށް ފަހު ކުއްލިއަކަށް ފުންމައިގެން ތެދުވެ އިށީނދެއްޖެއެވެ. ލެއިން ތަތްތެޅިފައިވާ ނިތްކުރީގައި އަތް ކާއްތައިލުމަށް ފަހު ފުރަތަމަ ބަލައިލީ މޫނު ނިވައިކޮށްގެން ހުރި މީހާއަށެވެ. އެޔަށް ފަހު އޭނާގެ ބައިވެރިންނަށެވެ. [ޝުކުރިއްޔާ.]

އެޔަށް ފަހު އަބޫ ދާވޫދް ބަލައިލީ އޭނާގެ އަނބިމީހާއާއި ދެ ދަރިންނާ ދިމާއަށެވެ.

[މާރިޔާ… ރަބީޢާ… އެންޖެލާ…]

މާރިޔާ ކުޑަކޮށް ކުކުރައިލުމަށް ފަހު ލޯ ހުޅުވައިލިއެވެ. އަދި އަހަރެންގެ އެންޖެލާ ކޮބައިހެއްޔޭ ކިޔައިފައި ކައިރީގައި އޮތް އެންޖެލާގެ ކޮނޑުގައި ހިފައި ތަޅުވަން ފަށައިފިއެވެ. އެންޖެލާގެ ތުންފަތުން ހުރީ ލޭ އައިސްފައެވެ. ދެ ފަހަރަކު ކުކުރައިލުމަށް ފަހު އޭނާ މަންމަޔާ ދިމާއަށް ބަލައިލިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.