ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 11

(27 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

أُبْـــــرَهَـــــــةُ ގެ ލަޝްކަރު އެގޮތުގައި ކުރިޔަށްނުދެވި މަޑުކޮށްގެން ތިއްބައި އަރަހުށި މާތް اللّــــه އެބައިމީހުންގެ ހަލާކު ފޮނުއްވައިފިއެވެ. އެކަލާނގެ ފޮނުއްވީ އަބާބީލު ދޫނިބައިބައިގަނޑުގަނޑެވެ. އެއިން ކޮންމެ ދޫންޏެއްވެސް ތިން ހިލަކޮޅު ގެނެއެވެ. ތުނބުން އެއްހިލަ ދެފައިގެ އިނގިލިތަކުން ދެހިލަކޮޅެވެ. އަބާބީލު ދޫނިތައް އެލަޝްކަރާ ދިމާޔަށް ހިލައުކާން ފެށުމުން އެހިލަތަކުން ޖެހޭމީހުންގެ ގުނަވަންތައް ބުރިވެގެން ފައިބާން ފަށައެވެ. ގިނައިރެއްނުވެ އެމީހަކު މަރުވެދެއެވެ.

ފީލުބާގައި މީހުންގެ ލަޝްކަރު ހަނާވަމުންދިޔައީ ހުސްއެކަނި އަބާބީލު ދޫނިތައް އުކާ ހިލަތަކުގެ ސަބަބަކުން ނޫނެވެ. ހިލަތަކުން ޖެހިފައި މީހުން މަރުވަމުންދާތަން ފެނުމުން އެބައިމީހުންނަށް ލިބުނު ސިހުމާއި ހާސްކަމުގައި ލަޝްކަރު ހާވިޔާވެ ތަނެއްދޮރެއް ނުބަލައި މީހުންތައް އެކިދިމަދިމާޔަށް ދުވާންފެށުމުން މީހުންތައް މުޑިއަރައި ވެއްޓި މީހުންގެ ފައިދަށުވުމުގެ ސަބަބުން މަރުވި މީހުންތައްވެސް މަދެއްނޫނެވެ. ފިލާންދުވާ މީހުންވެސް ދުވަމުންދާ ކޮންމެ މަގެއްގެ މައްޗަށްވެސް ދިޔައީ މަރުވެގެން ވެއްޓެމުންނެވެ. އެ ސަރަޙައްދުގެ ފެންފެންގަނޑުގައިވެސް ތިބީ މަރުވެފައިތިބި މީހުންނެވެ. أُبْـــــرَهَـــــــةُ މަދުމީސްކޮޅަކާއެކު ފިލައިވަޑައިގެން ސަންޢާއާ ދިމާޔަށް ވަޑައިގެންނެވިއެވެ. ނަމަވެސް މާތް اللّــــه އޭނާ ދަތުރުކުރެއްވި މަގުމަތީގައި އޭނާއަށް ފޮނުއްވި އާފާތުގެ ސަބަބުން އޭނާގެ އިނގިލިފުޅުތަކުގެ ބަދަތައްވަނީ ވަކިވެފައެވެ. އޭނާގެ ދެތުންފަތްޕުޅުވަނީ ގިރިފައެވެ. އޭނާ ސަންޢާއާ ދިމާޔަށް ވަޑައިގެން ރަށާ ކައިރިވީތަނާ އޭނާގެ މޭފުޅު ފަޅައިގެންގޮސް ހިތްޕުޅު ބޭރަށް ނުކުމެ އޭނާ އަވަހާރަވެއްޖެއެވެ. (އައްރަޙީޤުލް މަޚްތޫމި)

ހާދިސާ ހިނގައިފައިވަނީ މުޛުދަލިފާއާއި މިނާއާ ދެމެދުގައިވާ ވާދީ މުޙައްޞަބުގެ ކައިރީގައިވާ މުޙައްސަރުގައެވެ.

އަރަހުށި މާތް اللّــــه، أُبْـــــرَهَـــــــةُ ގެ ލަޝްކަރު ހަލާކުކުރެއްވުމަށްފަހު އެހިސާބުގަނޑަށް ވަރަށްބޮޑު ސައިލާބެއް (ފެން ބޮޑުވުމެއް) ފޮނުއްވިއެވެ. އެ ސައިލާބުގެ ރާޅުތަކާއި އޮއިވަރާއެކު ވަނީ މަރުވެފައިވާ މީހުންތަކުގެ ހަށިތައް ގެންގޮސް ކަނޑަށް ބޭރުކޮށްފައެވެ. (އެޓްލަސް ސީރަތެ ނަބަވީ: ޑޮކްޓަރ شــــوقـــــى أبــــو خـــلــيـــل)

އަރަހުށި މާތް اللّــــه ފީލުބާގައިމީހުންގެ މައްޗަށް ބާވައިލެއްވި ކޯފާގެ ވާހަކަ ކީރިތި ޤުރްއާނުގެ ســـــورةالــفـيــل ގައި ވަނީ ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވައިފައެވެ.

"އެތުގެ އެކުވެރީންނާމެދު (އެބަހީ: ފީލުބާގައި މީހުނާމެދު) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަންތައް ކުރެއްވި ގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟ އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟ އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. ގާވެފައިވާ މަށީގެ ހިލަތަކެއް އެދޫނިތައް އެއުރެންނާ ދިމާޔަށް އުކައެވެ. ފަހެ ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ." (ســـــورةالــفـيــل: 5-1)

ކުރީންވެސް ދެންނެވި ފަދައިން عــبـــدالمـطَّــلِــب ގެފާނު قـــــريـش ވަންހައިގެ ބޮޑުންކުރެ ބަޔަކުމީހުން ގޮވައިގެން ގެފުޅުގެ އަރިހަށް ވަޑައިގެން ގެފުޅުގެ ދޮރުކޮޅުގައި ހިފަހައްޓަވައިގެން ހުންނަވައި އެކަލޭގެފާނު ކުރެއްވި ދުޢާފުޅު ކުރެއްވުމަށްފަހު މައްކާގެ އަހްލުވެރިންނާއިގެން ފަރުބަދަތަކުގެ މައްޗަށް ބެހިވަޑައިގެންނެވީއެވެ. އޭގެތެރޭގައި ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މައިކަނބަލުން آمــنــــة ގެފާނުވެސް ހުންނެވިއެވެ. މައްކާގެ އަހްލުވެރީން ފަރުބަދަތަކުގެ މަތީގައި ސިއްރުން ބަލާންތިއްބައި އަރަހުށި މާތް اللّــــه ފީލުބާގައި މީހުންގެ މައްޗަށް އެކަލާނގެ ކޯފާ ފޮނުއްވައި އެމީހުން ހަލާކު ކުރެއްވިތަން ފެނުމުން ހިތްހަމަޖެހިގެންތިބެ ގޭގެއަށް އަތުވެއްޖެއެވެ. އެ ހާދިސާއަށްފަހު ޢަރަބީންގެ ތެރޭގައި عــبـــدالمـطَّــلِــب ގެފާނާއި قـــــريـش ންގެ ޤަދަރު ވަރަށް މަތިވިއެވެ. ޢަރަބީން قـــــريـش ވަންހައިގެ މީހުންނަށް أهـــــل اللّــــه އޭ ކިޔާންފަށައިފިއެވެ.

މި ހާދިސާ ހިނގުމުން ޢަރަބީން މި ހާދިސާގެ މައްޗަށް ބިނާކޮށް އެބައިމީހުންގެ ތާރީޚު ޖަހާންފަށައިފިއެވެ. މި ހާދިސާ ހިނގި އަހަރަށް އެމީހުން ދީފައިވާ ނަމަކީ عــام الــفــيــل އެވެ.

ސީރަތު ޢިލްމުގެ ގިނަ ލިޔުންތެރީން ލިޔުއްވާގޮތުގައި މި ހާދިސާ ހިނގީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ ފަންސާސް ދުވަސް ނުވަތަ ފަންސާސްފަސް ދުވަސް ކުރީންނެވެ. އެހެންކަމުން މި ހާދިސާ ހިނގައިފައިވަނީ މީލާދީ ސަނަތުން 571 ވަނަ އަހަރުގެ ފެބްރުވަރީމަހުގެ ފަހުކޮޅުގައި ނުވަތަ މާރިޗުމަހުގެ ކުރީކޮޅުގައެވެ. ޙަޤީޤަތުގައި މިއީ އަރަހުށި މާތް اللّــــه ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ނަބިއްޔާއާއި كــعـــبـــة اللّــــه ގެފުޅުގެ މަތިވެރިކަން ސާބިތުކޮށްދެއްވުމަށްޓަކައި ފާޅުކުރެއްވި ތަމްހީދީ ނިޝާނެކެވެ. بـيـت المـقــــدّس އަކީ އިސްލާމްދީން ނަބިއްޔާ ފޮނުއްވުމުގެކުރީން ފޮތުގެ އަހްލުވެރީންގެ ޤިބްލައެވެ. އެކަމަކު 578 ޤމ. ގައި ބުޚުތުނައްޞަރު ވަނީ ހައިކަލާއެކު އެރަށް ވީރާނާކޮށްފައެވެ. މީލާދީ ސަނަތުން ހަތްދިހަވަނަ އަހަރު ރޯމަނުންވެސް ވަނީ ހައިކަލް ސުލައިމާނީ އާއެކު އެރަށް ސުންނާފަތިކޮށްފައެވެ. ނަމަވެސް ނަޞާރާ (ކްރިސްޓިޔަން) ޙަބަޝީންނަކަށް ގެފުޅު މުގުރައެއް ނުލެވުނެވެ. އަރަހުށި މާތް اللّــــه ގެފުޅު ޙިމާޔަތްކުރެއްވިއެވެ.

މިހާދިސާ ހިނގައިފައިވަނީވެސް ތާރީޚުގެ ޚާއްޞަ ދައުރެއްގައެވެ. އެހެންކަމުން މި ހާދިސާގެ ޚަބަރުވަނީ އެޒަމާނުގެ ރަށްވެހި ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެދުވަސްވަރު ޙަބަޝާއާ ރޫމީންނާ ދެމެދު ވަރަށް ޚާއްޞަ ގުޅުމެއް އޮތެވެ. އަނެއްކޮޅުން ފާރިސީން ތިބީ ރޫމީންނާއި އެބައިމީހުންގެ ޙަލީފުންނާ (އެކުވެރީންނާ) ގުޅުންހުރި ހުރިހައިކަމެއް "ބޮޑުކުރާ ބިއްލޫރި އަޅައިގެން" ނުހަނު ފަރުވާތެރިކަމާއެކު ބަލަބަލައެވެ. ފާރިސީންވަނީ މި ހާދިސާގެ ހޫނުކަން ނުކެނޑެނީސް ޔަމަންކަރަ ހިފައިފައެވެ. ރޫމީންނާއި ފާރިސީންނަކީ އެދުވަސްވަރު ދުނިޔޭގެ އެންމެ ބޮޑު ދެބާރެވެ. އެހެންކަމުން ފީލުބާގައި މީހުންގެ ހާދިސާ ހިނގުމާއެކު ދުނިޔޭގެ ސަމާލުކަންވީ كــعـــبـــة اللّــــه ގެފުޅުގެ މައްޗަށް ހުއްޓިފައެވެ. ދުނިޔެއަށް ހާމަވެގެންދިޔައީ كــعـــبـــة اللّــــه ގެ މާތްކަމާއި މަތިވެރިކަމެވެ. ޝަރަފުވެރިކަމެވެ. ގެފުޅަކީ އަރަހުށި މާތް اللّــــه ޚާއްޞަގޮތެއްގައި ތަޤްދީސު ކުރައްވައިފައިވާ ތަނެއްކަން ދުނިޔެ ޤަބޫލުކުރިއެވެ. އެހެންކަމުން މައްކާގެ ބޭކަލަކު ކައިރި މުސްތަޤްބަލެއްގައި ނަބީކަމުގެ ދަޢުވާއާއިގެން ތެދުވެވަޑައިގެންނެވުމަކީ މި ވަރުގަދަ ހާދިސާއާ ފިސާރިޔަކަށް ގުޅިފައިވާ ކަމެއްކަމުގައިވަނީ ބެލެވިފައެވެ. ސަބަބުތަކުގެ ޢާންމު ފެންވަރަށްވުރެ މަތިވެރިގޮތެއްގައި އެބޭކަލަކަށް އިލާހީ ތާއީދު ލިބިވަޑައިގެންނެވުމަކީ ވެދާނެކަމެއްކަމީ ދުނިޔޭގެ ވިސްނުމަށް އައިސްފައިވާ ކަމެކެވެ. (އައްރަޙީޤުލް މަޚްތޫމި)

މައްކާގެ ޙަރަމްފުޅު. ހިޖްރައިން 1297 ގައި. ފޮޓޯ: އިސްލާމީ ތަޞާވީރުކާ މަޖްމޫޢާ.ޞަލާޙު އައްޞާޢިދީ

عــبـــدالمـطَّــلِــب ގެފާނު އަވަހާރަވީ އެކަލޭގެފާނުގެ ޢުމުރުފުޅުން އައްޑިހަ ދެއަހަރުއެވެ. (ރަޙްމަތެޢާލަމް، ސައްޔިދު ސުލައިމާން ނަދުވީ) عــبـــدالمـطَّــلِــب ގެފާނު އަވަހާރަވުމަކީ هـــاشــــم ވަންހަޔަށް ކުރިމަތިވި ވަރަށްބޮޑު ކާރިސާއެކެވެ. އެކަލޭގެފާނު އަވަހާރަވުމުން މައްކާގެ ސިޔާސީ މަސްރަޙުން هـــاشــــم ވަންހައިގެ މަޤާމު ކުއްލިޔަކަށް ދަށަށް ހިނގައްޖެއެވެ. އެކަލޭގެފާނު އަވަހާރަވި ދުވަހަކީ މައްކާގެ ސިޔާސީ ވެރިކަމުގެގޮތުން هـــاشــــم ވަންހައިގެ މައްޗަށް އުމައްޔަތުވަންހަ ކުރިހޯދި ދުވަހެވެ. عــبـــدالمـطَّــلِــب ގެފާނުގެ ސިޔާސީ ވެރިކަމުގެ މަސަންދުގައި އިށީނދެވަޑައިގެންނެވީ حـــــــرب بـــن أمـــيّــــة އެވެ. މައްކާގެ ވެރިކަމުގެ މަޤާމުތަކުގެ ތެރެއިން هـــاشــــم ވަންހަޔަށް ބާކީއޮތީ ހަމައެކަނި ސިޤާޔަތުގެ ވެރިކަމެވެ. ޙައްޖާޖީންނަށް ފެންދިނުމުގެ ވެރިކަމެވެ. އެކަމާ ޙަވާލުވެވަޑައިގެންނެވީ عــبـــدالمـطَّــلِــب ގެފާނުގެ ދަރިކަލުން الـعـبّـاس އެވެ. އުމަވީ ޚިލާފަތުގައިވެސް އެކަންއޮތީ عــبّـــاس ގެފާނުގެ ދަރިކޮޅުގެ ބޭފުޅުންނަށެވެ. (ސީރަތު ޝިބްލީ)

عــبـــد اللّــــه ގެފާނު – ރަޙްމަތުގެ ނަބިއްޔާގެ ބަފައިކަލުން

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބަފައިކަލުން عــبـــد اللّــــه ގެފާނަކީ عــبـــدالمـطَّــلِــب ގެފާނުގެ ބޭފުޅުންކުރެ އެންމެ ބުރުސޫރަފުޅު ރީތި އެންމެ ޚުލުޤުފުޅު ހެޔޮ އެންމެ ކިލަނބުކަމެއްނެތް އެންމެ ލޮބުވެތި ދަރިކަލުންނެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ فــاطــمــــة بـنـت عـــمــــــرو بــــن عــائـــد المخـــــزومــــى އެވެ. عــبـــدالمـطَّــلِــب ގެފާނުގެ ބޭފުޅުންކުރެ أبـــوطــالــب ގެފާނާއި الـــزّبــيــــــر އާއި مُــقَـــــوِّم (عـــبــدالــكـعــبــة) އާއި اَرْوَاى އަކީ عــبـــد اللّــــه ގެފާނާ އެއްކިހުނުފަން ބޭފުޅުންނެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ޛަބީޙުގެ ނަންފުޅުންނެވެ. (رحـمــة لّـلعــالمــيـــن)

عــبـــد اللّــــه ގެފާނު ޛަބީޙުގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންނެވުމުގެ ސަބަބަކަށް ވެފައިވަނީ عــبـــدالمـطَّــلِــب ގެފާނު ވިދާޅުވެފައިވާ ނަދުރުފުޅެކެވެ. އެކަލޭގެފާނު ނަދުރު ވިދާޅުވީ އެކަލޭގެފާނަށް ދިހަ ފިރިހެންބޭފުޅުން ލިބިވަޑައިގެން އެހުރިހައި ބޭފުޅުން ބޮޑުފުޅުވެ ނަފުސު ދިފާޢު ކުރެއްވޭވަރު ވެއްޖެކަމުގައިވާނަމަ އެއިން އެއްބޭފުޅަކު كــعـــبـــة اللّــــه ގެ އަރިހުގައި ޤުރްބާން ކުރައްވާށެވެ. عــبـــدالمـطَّــلِــب ގެފާނުގެ ދިހަ ފިރިހެންބޭފުޅުން ފުރާ އުމުރުފުޅަށް އެރުމުން އެކަލޭގެފާނަށް އެކަލޭގެފާނުގެ ނަދުރުފުޅުގެމަތީން ހުވަފެންފުޅުގައި ހަނދުމަފުޅުކޮށް އެރުވުނެވެ. عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ބޭފުޅުން ގެންނަވައި އެކަލޭގެފާނު ބައްލަވައިގެންފައިވާ ނަދުރުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. ނަދުރުފުޅު ފުއްދަވާނެ ވާހަކަ ވިދާޅުވެދެއްވިއެވެ. عــبـــدالمـطَّــلِــب ގެފާނުގެ ހުރިހައި ބޭފުޅުންވެސް އެކަން ޤަބޫލުކުރައްވައި ބައްޕާފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ.

عــبـــدالمـطَّــلِــب ގެފާނު އެޒަމާނުގައި ގެންގުޅުނު ފާލުބަލައިއުޅޭ ތީރުތަކެއްގައި އެބޭފުޅުންގެ ނަންފުޅުތައް ލިޔުއްވިއެވެ. އެއަށްފަހު އެހުރިހައި ބޭފުޅުން ގޮވައިގެން ވަޑައިގެން އެތީރުތައް ހުބަލުގެ ޤައްޔަމާ (ސާދިނާ) ޙަވާލުކުރެއްވިއެވެ. އެކަލޭގެ އެޒަމާނުގައި ލާގޮތަށް ޤުރްޢަތުލުމުން ޤުރްޢަތުން ހޮވުނީ عــبـــد اللّــــه ގެފާނެވެ. عــبـــدالمـطَّــلِــب ގެފާނު عــبـــد اللّــــه ގެފާނުގެ އެއް އަތްޕުޅުގައި ހިއްޕަވައިގެން އަނެއް އަތްޕުޅުން ޚަންޖަރު ހިއްޕަވައިގެން ގެފުޅުގެ އަރިހަށް ވަޑައިގަންނަވާން ހިންގަވައިގެންނެވިއެވެ. އެވަގުތު عــبـــد اللّــــه ގެފާނުގެ އުޚުތުން ކީރިތިކުރައްވާން ފައްޓަވައިފިއެވެ. قـــــريـش ވަންހައިގެ މީހުން (ޚާއްޞަކޮށް عــبـــد اللّــــه ގެފާނުގެ މައިކަނބަލުންގެ ވަންހަކަމުގައިވާ مخـــــزوم ވަންހައިގެ މީހުން) އެކަމާ ނިހާޔަތަށް ދެކޮޅުހަދައިފިއެވެ. عــبـــد اللّــــه ގެފާނުގެ ބޭބޭފުޅު أبـــوطــالــب ގެފާނުވެސް އެކަމާ ހުރަސްއަޅުއްވައިފިއެވެ. عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "އެހެންވީއިރު އަހަރެންގެ ނަދުރު ފުއްދާނީ ކިހިނަކުން ހެއްޔެވެ." އެބައިމީހުން ހުށަހެޅީ އެޒަމާނުގެ މަޝްހޫރު ޢައްރާފާއެއްގެ ގާތަށްގޮސްގެން އެކަމުގެ ޙައްލެއް ހޯދާށެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.