އަންދަލުސްގެ ބާޒު – 19

(18 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޅު ހެދުން އެޅި މީހާ

(1)

ބަދްރު ބިން މުޣީރާ އަވަހާރަވީ ޚަބަރު އަންދަލުސްގެ ހަތަރުފަރާތަށް ފެތުރިގެން ދިޔައީ ހިކި ހުއި ދަނޑެއްގައި ރޯކޮށްލީމާ އަނދައިގެން ދާހައި ހަލުވިކަމާ އެކުގައެވެ. އަބޫ ޢަބްދުﷲ ބޭނުންވީ އެ ޚަބަރު ގްރަނާދާގެ ރައްޔިތުންނަށް ސިއްރު ކޮށްފައި ބާއްވާށެވެ. އެކަމަކު އަބޫ ދާވޫދް ބުނި ގޮތުގައި އެ ޚަބަރު އާއްމު ވެގެން ދިޔައީމާ އަބުލްޙަސަން މާޔޫސްވެވަޑައިގަންނަވާނެއެވެ. އެހެންވީމާ ގްރަނާދާގެ ޚަޠީބުންނަށް އިރުޝާދު ދެވުނީީ އެ ޚަބަރު ވީހައިވެސް ބޮޑަކަށް ފަތުރާށެވެ.

ފެރްނާންދޯއާ ހަމައަށް ޚަބަރު ގެންގޮސް ދިނީީ އަބޫ ދާވޫދް ފޮނުވި މަންދޫބެކެވެ. އޭނާ ފެރްނާންދޯއަށް ދިން މެސެޖަކީ މިއީ އަބުލްޙަސަނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނާން އެންމެ ރަނގަޅު ދަނޑިވަޅު ކަމުގައެވެ.

އަބޫ ޢަބްދުﷲ ގަބޫލުކޮށްގެން ހުރީ ވަރަށް ބޮޑު ދުޝްމިނެއްގެ ކިބައިން ސަލާމަތްވީ ކަމުގައެވެ. އެކަމަކު ސަރަހައްދީ ބާޒުގެ ލަޝްކަރު ގްރަނާދާ ހިސާރުކޮށްގެން ތިބި ތިބުމަކީ އޭނާ ވަރަށް ކަންބޮޑުވީ ކަމެކެވެ. އެހެންނަމަވެސް އެ ލަޝްކަރު އެނބުރި ދާކަމުގެ ޚަބަރު ލިބުނީމާ އޭނާގެ އުފަލުގެ ކޮޅެއް ނެތެވެ. ދެތިން ދުވަހެއް ފަހުން އޭނާއަށް ޚަބަރު ލިބުނު ގޮތުގައި މަލަޚާގައިި އޮތް އަބުލްޙަސަންގެ ލަޝްކަރުވެސް އެތަން ދޫކޮށް ދާން ނިންމައިފިއެވެ. އެ ޚަބަރު ލިބުމާއެކު އޭނާ ގަނޑުވަރުގައި އުފާ ފާޅުކުރުމުގެ ހަފްލާއެއް ބާއްވައި ދީނާއި ގައުމު ވިއްކައިލީ މީހުންނަށް އިނާމު ބަހައިފިއެވެ.

ހައެއްކަ ދުވަސް ފަހުން ފެރްނާންދޯގެ މަންދޫބަކު އޭނާގެ ގާތަށް އަތުވެއްޖެއެވެ. އޭނާ ޚަބަރު ދިން ގޮތުގައި ފެރްނާންދޯގެ ލަޝްކަރު ދެތިން ހަފުތާއެއްގެ ތެރޭގައި އަންދަލުސްގެ ހުޅަނގު އައްސޭރިއަށް އަންނާނެއެވެ. އޭނާ ބުންޏެވެ. [ސަރަހައްދީ ގަބީލާތައް ބަލިކުރަމުން ލަޝްކަރުގެ ބޮޑު ބައެއް ކުރިއަރަމުން ދާނީ އިރުމައްޗާއި އުތުރުން ނެވާދާ ފަރުބަދައާ ދިމާއަށެވެ. ދެވަނަ ލަޝްކަރު މިސްރާބު ޖަހާނީީ ކަދީޒާއި ހެރޭޒް ދެލާ ރޮންތޭރާ އާ ދިމާއަށެވެ. ދެ ލަޝްކަރު ބައްދަލުވާނީ ނެވާދާ ފަރުބަދަޔާ ހަމައިންނެވެ. އޭގެ ފަހުން އައްސޭރިފަށުގެ ހުރިހައި ރަށެއް ހިފާނީއެވެ. މި ހަނގުރާމަ ކުރިއަށް ދާއިރު ރަސްގެފާނު (އަބޫ ޢަބްދުﷲ) ގްރަނާދާއިން ނުކުމެ މަލަޚާއަށް ހަމަލަދޭށެވެ. އަހުރެން ގަބޫލުކުރާ ގޮތުގައި މި ކުރު މުއްދަތުގެ ތެރޭގައި ރަސްގެފާނަށް މަލަޚާ ފަތަހަކުރެވެން ވާނެއެވެ. ދުޝްމިނުންނަށް މާ ބޮޑު ގަދައެއް ދެއްކޭނޭ ކަމަކަށް އަހުރެންނަކަށް ނުފެނެއެވެ. އެކަމަކުވެސް އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ކަދީޒްގެ ވެރިޔާ ރަސްގެފާނަށް އެހީތެރިވާން އަންނާނެއެވެ.]

އަބޫ ޢަބްދުﷲ ގަބޫލުކުރި ގޮތުގައި ބަދްރު ބިން މުޣީރާ މަގުން އެއްފަރާތް ކޮށްލެވުނީމާ ފެރްނާންދޯގެ މަގު ކޮަށައިި އަލިކުރެވުނީއެވެ. އޭނާ ހީކޮށްގެން ހުރީީ ފެރްނާންދޯ އޭނާގެ ބޮލުގައި އިތުރު ހަނގުރާމައެއްގެ ބުރަ ނާޅުވާނޭ ކަމަށެވެ. މިޔާ ޚިލާފަށް ފެރްނާންދޯ ޠޫފާނެއްހެން އަރައިގެން އައިސް މަލަޚާ ހިފައި ދުޝްމިނުން ތަޅައި މަރައި ހުސްކޮށްލުމަށް ފަހު މުޅި އަންދަލުސްގެ ރަސްކަލަކީ އޭނާ ކަމަށް ކަނޑައަޅައި ނިންމައިފައި އެނބުރި ހިނގައިދާނޭ ކަމަށެވެ. ފެރްނާންދޯގެ މެސެޖު ލިބުނީީމާ އޭނާ ކަންބޮޑުވެފައި އަބޫ ދާވޫދާ ސުވާލުކޮށްފިއެވެ. [މިހާރުގެ ހާލަތަށް ބަލާއިރު އަޅުގަނޑަށްޓަކައިި އެންމެ ރައްކާތެރި ތަނަކީ އަލްޙަމްރާގެ ހަތަރު ފާރުން އެތެރެކަން ފެރްނާންދޯއަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ސަރަހައްދީ ބާޒު މަރުވީމާ ގްރަނާދާގެ ރައްޔިތުން އެތިބީ އަޅުގަނޑާ ފާޑަކަށް ދެކޮޅުވެރި ރޫޙެއްގައެވެ. ލަޝްކަރަށް ބަލާނަމަ އަޅުގަނޑަށް ހީވާ ގޮތުގައި ބައްޕަޔާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އޭގެ ތެރެއިން ބަޔަކު އަންނަ ރުޅީގައި ބައްޕަގެ ކޮޅަށް އެނބުރުމަކީ އެކަށީގެންވާ ކަމެކެވެ.]

ފެރްނާންދޯގެ މަސްލަހަތަކީ ކޮބައިކަން އަބޫ ދާވޫދަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އަބޫ ޢަބްދުﷲއަށް ފުރިހަމައަށް ފުރިހަމައަށް އިތުބާރު ނުކުރާކަންވެސް އެނގެއެވެ. އެހެންވީމާ މަލަޚާއަށް އަބޫ ޢަބްދުﷲ ލައްވައި ހަމަލަދޭން ބޭނުންވާ ސަބަބަކީ ބައްޕަޔާއި ދަރިފުޅާ ދެމެދު އޮތް ހުރަސް، ބޮޑުވެގެން ގޮސް ދުވަހަކުވެސް ސުލްހަވެރި ނުވާ މިންވަރަށް ބޮޑު ކުރުމެވެ. އެހެންވީމާ އަބޫ ދާވޫދް ކިޔައިފިއެވެ. [ފެރްނާންދޯ ބޭނުންފުޅު ވަނީ ދުޝްމިނުންގެ ސަމާލުކަން ތިން ދިމާއަކަށް ބެހިފައި އޮންނާނޭ ގޮތް ހެއްދެވުން ކަމުގައި ވެދާނެއެވެ. މަނިކުފާނު ހަނގުރާމަ ކުރައްވާން ދެކޮޅު ހައްދަވައިފިއްޔާ އޭނާ ދެއްވާން ގަސްއތުކުރައްވާ އިނާޔަތްތައް ނުދެއްވުމަކީ ދުރުކަމެއް ނޫނެވެ. އެހެންވީމާ އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މަލަޚާއަށް ހަމަލަދެއްވުމެވެ. ސަހަރައްދީ ބާޒު މަރުވެއްޖެއެވެ. އޭނާގެ ބައިވެރިން އެނބުރި ގޭގެއަށް ވަދެއްޖެއެވެ. ފެރްނާންދޯ ވަޑައިގަތުމުގެ ކުރިން މަލަޚާ ފަތަހަ ކުރެއްވޭ ގޮތް ވުމަކީީ އެކަށީގެންވާ ކަމެކެވެ. މަލަޚާ ފަތަހަ ކުރެއްވުނީމާ ހުޅަނގު ފަޅީގެ ބާޣީ ވެރިންނާއި ގަބީީލާތައް މަނިކުފާނަށް ކިޔަމަންތެރިވާނެއެވެ. އެހެންވީމާ ފެރްނާންދޯގެ އިހުސާންތެރިކަމުގެ ދަށުގައި ހުންނަވާކަށް މަނިކުފާނަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [އަޅުގަނޑު މިހިރީ މަލަޚާއަށް ހަމަލަދޭން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑު ހަމަލަދޭނީ ފެރްނާންދޯގެ ލަޝްކަރު ސަރަހައްދީ ރަށްތަކަށް ވަނީީމައެވެ.]

އަބޫ ދާވޫދް އަހައިފިއެވެ. [އިޒުނަފުޅު އޮތިއްޔާ ތިޔަ ވިދާޅުވި ގޮތަށް ޖަވާބެއް ލިޔެފައި ފޮނުވައިލަންތޯއެވެ؟]

[އާނއެކެވެ. އެކަމަކު އަޅުގަނޑު ފިނޑިވެ ފަހަތަށް ޖެހުނީ ނޫންކަމާއި ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅީކަމަށް ރަސްގެފާނަށް ގަބޫލުފުޅު ކުރެއްވޭ ކަހަލަ ގޮތަކަށް ލިޔުއްވާށެވެ.]

(2)

އަބުލްޙަސަން އޮންނެވީ ވައުބަލި ޖެހިވަޑައިގަތުމުގެ އިތުރަށް ލޯފުޅު އަނދިރިވެސް ވެފައެވެ. އިސްވެރީންގެ އެދިވަޑައިގަތުމުގެ މަތީން ކޮއްކޯފުޅު އައްޒަޣަލް ވެރިއަކަށް ހައްދަވައިފިއެވެ.

ފެރްނާންދޯ އޭނާގެ ގުނައި އަދަދު ނުކުރެވޭވަރުގެ ބޮޑު ލަޝްކަރާއެކު ކަސްތިއްޔާއިން ނުކުމެގެން އައިސް ކޯރްދޮބާގެ ބަނޑުދޮށުގައި ޖާގަ ޖަހައިފިއެވެ. ބޭނުމަކީ އަންދަލުސްގައި އޮތް އިސްލާމުންގެ ހަމައެކަނި ދިފާޢީ ކިއްލާއަށް ވަރުގަދަ ހަމަލައެއް ދޭން ތައްޔާރުވުމެވެ. އޭނާ އޮތީ ގްރަނާދާގެ ހުޅަނގު ދެކުނުގެ ރަށްތައް ފަތަހަ ކުރުމަށް ފަހު ސިޔެއްރާ ނެވާދާއާ ދިމާއަށް އަންނާން، ސެވިއްޔާއާއި ކަދީޒާއި ހެރޭޒް ދެލާ ރޮންތޭރާގެ ކްރިސްޓިއަން ވެރިންނަށް އަންގައިފައެވެ. އެޔަށް ފަހު ބާކީ އޮތް ލަޝްކަރު އޭނާ ހަވާލުކުރީ ތަޖުރިބާކާރު ޖެނެރަލުންގެ ބަޔަކާއެވެ. އެ މީހުންނަށް އިރުޝާދު ދިނީ އުތުރު އިރުމަތީ އައްސޭރިފަށުގެ ގަބީލާތައް ފަތަހަކޮށް އަޅުވެތިކުރާށެވެ.

ފެރްނާންދޯގެ ލަޝްކަރު ބަދްރު ބިން މުޣީީރާގެ މިނިވަން ސަރަހައްދަށް ވަނީމާ މާކަ ބޮޑު ދެކޮޅުވެރި ކަމެއް ނުފެނުނެވެ. ފުރަގަހުންނާއި ދެ ފަރާތުން ބައެއް ކަހަލަ ކުދި ހަމަލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އިތުރު އުނދަގުލެއް ނުޖެހެއެވެ. ކްރިސްޓިއަނުން ކުރި އަރައިގެން އައި އައުމުގައި ވަރަށް ގިނަ އަވަށްތައް ލޫޓުވައި ސުންނާފަތިކޮށް ހަދައިފިއެވެ. ލިބުނު ހިތްވަރާއެކު ސަރަހައްދީ ބާޒުގެ ސަރަހައްދުގެ ތެރެއަށް ވަދެގެން ދާން ފަށައިފިއެވެ. އެއް ދުވަހަކު ވީރާނާ ވެފައި އޮތް އަވަށަކަށް ވެރިވެގަތުމަށް ފަހު ޖެނެރަލަކު އޭނާގެ ލަޝްކަރާ މުޚާތަބުކޮށް ބުންޏެވެ.

[ހިތްވަރުގަދަ ފަހުލަވާނުންނޭވެ! ސަރަހައްދީީ ބާޒުގެ ހުއްދަޔާ ނުލައި ދޫންޏަކަށް ފިޔައެއްވެސް ޖަހައިނުލެވޭ ގޮތަށް އޮތް ސަރަހައްދު މިހާރު މި އޮތީ އަހަރެމެންގެ ބާރުގެ ދަށުގައެވެ. ބާޣީންގެ ހިތްވަރު އެލިިއްޖެއެވެ. އެބައި މީީހުންގެ ކޮމާންޑަރުން އިނދަޖެހި، ބަލިވެއްޖެއެވެ. އަހަރެމެންގެ ރަސްގެފާނަށް ހީފުޅު ކުރެއްވިފައި އޮތީ ވަރަށް ބޮޑު ދެކޮޅުވެރިކަމަކާ ކުރިމަތިލާން އަހަރެމެންނަށް ޖެހިދާނޭ ކަމުގައެވެ. އެކަމަކު އަހަރެމެންގެ އަސްތަކުގެ ފައިތިލައިގެ އަޑު އިވިފައި ބިރުން އެ ފިނޑީން ދުވެ ފިލައިފިއެވެ. އަހަރެމެންގެ ކަނޑިތައް މިހިރީ ދުޝްމިނުންގެ ލޭ ބޯން ތައްޔާރަށެވެ. އެކަމަކު މަލަޚާއަށް ފޯރުމުގެ ކުރީން މި ކަނޑިތަކުގެ އަލާ ކެނޑޭނޭ ކަމަކަށް ނުފެނެއެވެ. އެހެންވީމާ އަރާމު ކުރުމުގެ ބަދަލުގައި ނުހުއްޓި ކުރިއަށް ދާންވީއެވެ. ކަދީޒާ ވީ ދިމާއިން މަލަޚާއަށް ދަތުރުކުރަމުންދާ އަހަރެމެންގެ އަޚުން އަހަރެމެންނަށްވުރެ ކުރިން އެ ހިސާބަށް ދާގޮތް ނުވުމަކީ އެންމެ ރަނގަޅު ގޮތެވެ. އެމީހުންނަށްވުރެ ކުރީން އަހަރެމެންނަށް ދެވޭތޯ ބަލަމާ ބަހީއެވެ.]

ވިދިގެން އައި ދުވަހު މި ލަޝްކަރު ޖަންގަލީގެ ތެރެއިން ދަތުރުކޮށްފައި ދަނިިކޮށް އިހަށް ހީވެސް ކުރެވިފައި ނެތް ކަހަލަ މުސީބާތަކާ ކުރިމަތިވެއްޖެއެވެ. ކުއްލިއަކަށް ޖަންގަލިތެރެއިން ނުކުތް ހާހެއްހައި އަސްވާރު ލަޝްކަރުގެ ފުރަގަހުން ހަމަލަދީފިއެވެ. މާ ގިނަ އިރުތަކެއް ނުވެ ތިންހާހެއްގައި މީހުން ގަތުލުކުރުމަށް ފަހު އެމީހުން ޖަންގަލީގެ ތެރެއަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ.

ބަދްރު ބިން މުޣީރާގެ އެންމެ ބޮޑު ކާމިޔާބީއަކީ ކުދިކުދި ހަމަލަދީ ލައްވަމުން ފަރުބަދަތަކުގެ މަތީންނާއި ދަތި މަގުތަކުން ގެންދަވައި ދުޝްމިނުންގެ ލަޝްކަރު ޖަންގަލި ތެރެއަށް ވެއްދެވުމެވެ. މިހެން ހެއްދެވީމާ އެ ލަޝްކަރު އޮތީ ވަށައިގެން ބެދި، ތާށިވެފައެވެ. ކްރިސްޓިއަން ލަޝްކަރުގެ ބައެއް މީހުން އެބައި މީހުންގެ ވެރިންނަށް އެކިި ކަހަލަ މަޝްވަރާ ދިނެވެ. އޭގެ ތެރޭގައި އެނބުރި ދިއުންވެސް ހިމެނެއެވެ. އެކަމަކު ވެރިން ތިބީ ކާމިޔާބީގެ މަސްތުގައި ޖެހިފައެވެ. އެހެން ނޫންނަމަ އާދައިގެ ހާލަތުގައި އެފަދަ މަގުތަކަށް އެމީހުންވެސް ނުކުންނަނީ ވަރަށް ބަލައިގެން ފަރުވާތެރިކަމާ އެކުގައެވެ. އެކަމަކު އެ ދުވަހު އެމީހުން ހީކޮށްގެން ތިބީ ސަރަހައްދީ ބާޒު މަރުވުމުން އޭނާގެ ބައިވެރިން ތިބީ ފިނޑިވެ ބަލިވެފައި ކަމުގައެވެ. ކަޅު ހެދުން އެޅި ފަހުލަވާނެއްގެ ގިޔާދަތުގައި ނުކުތް ލަޝްކަރުން އެމީހުން ބަލިކޮށް ގިއްގަޅުވައިލީ ފަސޭހަކަމާ އެކުގައެވެ. އެކަމަކުވެސް އިސްލާމުންނާ ކުރިމަތިނުލައި އެނބުރި ދާކަށް އެމީހުންގެ ހިތެއް ހަމައެއް ނުޖެހުނެވެ.

އެއް ދުވަހަަކު މެންދުރު ފަހުގެ ވަގުތެއްގައި ކްރިސްޓިއަން ލަޝްކަރުގެ ބަޔަކު އިސްލާމުން ފަހައި ގޮސް ހާމަ ވާދީއެއްގެ ތެރެއަށް ނުކުމެއްޖެއެވެ. ކުރިމަތީގައި ހުރީ ހައްތަހައިވެސް އުސް ފަރުބަދައެވެ. އެހެންވީމާ ލަޝްކަރުގެ ކޮމާންޑަރުން އެންގީ އެތާނގައި ގާފިލާ ޖަހާށެވެ. ބަޔަކު ހަމަލައެއް ދީފާނެތީ ފާރަލާން ފަރުބަދަތަކާ ދިމައިގައްޔާއި ދެ އަރިމަތީގައި ބައެއް މީހުން ތިބޭންވެސް އޭނާ އަމުރު ކުރިއެވެ. ދުވާލުގެ ހުރިހައި ވަގުތެއް ހަޅޭއްލެވުމާއި ސަކަރާތުގެ ތެރޭގައި ދުއްވައިލުމަށް ފަހު ރޭގަނޑު ދެބަނޑަށް ކައިގެން، ރަނގަޅަށް ރާ ބޮއިގެން އެންމެން ނިދައިފިއެވެ. ފާރައަށް ތިބި މީހުންނަށް އިތުބާރު ކުރުމަށް ފަހު ކޮމާންޑަރުންނާއި އިސް މީހުންވެސް ނިދައިފިއެވެ.

ރޭގަނޑުގެ ތިންވަނަ ދަމަށް އަޅައިގަތްތަނާ ކުއްލިއަކަށް އިވުނީ ފާރައަށް ތިބި މީހުންގެ ހަޅޭކުގެ އަޑެވެ. ކޮމާންޑަރުން ބިރުން ތިބެ ފޭލިގެތަކުން ބޭރަށް ނުކުމެއްޖެއެވެ. ބަލައިލީއިރު ކަމަކުދާކަށް ނެތެވެ. މުޅި ތަނަށް ވެރިވެފައިވަނީ ބިރުވެރި ހަޅޭކުގެ އަޑެވެ. ގިނަ ފޭލިގެތަކުގައި ހުރީ ހުޅު ރޯކޮށްފައެވެ. ކްރިސްޓިއަން ލަޝްކަރީން ކަނޑިއަށް ސަމާލުވެލީތަނާ ދުނީގެ ވާރޭ ވެހޭން ފަށައިފިއެވެ. ރޯކޮށްފައި ހުރި އަލިފާނުގެ އަލީގައި ތީރުވެރީންނަށް އަމާޒު ހިފާކަށް އުނދަގުލެއް ނުވިއެވެ.

އަނދިރި ތަންތަނަށް ޖެހި ސަލާމަތްވާން ކޮމާންޑަރުން، ލަޝްކަރަށް އަންގައިފިއެވެ. އެމީހުން އަނދައަނދައި ހުރި ފޭލިގެތަކާ ދުރަށް ޖެހި އަނދިރިކޮށް އޮތް ހިސާބަށް ޖެހޭން ފަށައިފިއެވެ. ކުއްލިއަކަށް ހުރިހައި ދިމާއަކުން ﷲ އަކްބަރުގެ އަޑު އިވޭން ފަށައިފިއެވެ. ދެން ފެނުނީ ފަރުބަދަތަކުގެ މަތީން އިސްލާމުންގެ ފަހުލަވާނުން ފައިބާން ފެށިތަނެވެ. އެމީހުން އައި ގޮތަށް އައިސް ކާފަރުންގެ ލަޝްކަރުގެ މައްޗަށް ޖެހިގަތީ ފުރިހަމަ ބާރާއެކުގައެވެ. ދެ ފަރާތުގެ ލަޝްކަރުގެ ކަނޑިތައް ޖެހި ކަނި ބުރައިގެން ދާން ފަށައިފިއެވެ.

ކާފަރުންގެ ކޮމާންޑަރުން އުއްމީދުކުރީ އިސްލާމުންގެ ލަޝްކަރުގެ އަދަދު އެހައި ގިނަ ނުވާނޭ ކަމުގައެވެ. އެހެންވީމާ އެބައިމީީހުންގެ ލަޝްކަރު ބައިބަޔަށް ބެހިލައި ފަރުބަދަތަކުގެ މައްޗަށް އަރައި އިސްލާމުންގެ މައްޗަށް ގަދަވެގަންނާން މަސައްކަތް ކުރާން ކޮމާންޑަރުން ގޮވައިލައިފިއެވެ. އެކަމަކު ހިލައާއި ދުނީގެ ވާރޭގެ ތެރެއިން ދެމިގަނެވޭނޭ މަގެއް އެމީހުންނަކަށް ނުފެނުނެވެ. އިރުއަރާންދެން އެމީހުން ތިބީ މި ހާލަތުގައެވެ. ކޮމާންޑަރުންނަކަށް ލަޝްކަރުގެ ހާލެއް ނޭނގެއެވެ. ލަޝްކަރަކަށް ކޮމާންޑަރުންގެ ހާލެއް ނޭނގެއެވެ. ގަސްގަހުގެ ފުރަގަހަށާއި ހިލަހިލައިގެ ފުރަގަހަށް ވަދެ ފުރާނަ ސަލާމަތް ކުރެވޭތޯ ބެލުން ނޫން ކަމެއް އެ މީހުންނަކަށް ނުކުރެވެއެވެ. އިސްލާމުންގެ ލަޝްކަރުން ކާފަރުންގެ ވަރަށް ގިނަ އަސްވެސް އަތުލައިގެންފިއެވެ. މިހާރު އެ އަސްއަހަށް ސަވާރުވެގެން ތިބީވެސް އިސްލާމުންނެވެ. ބާކީ އަސްތަކުގެ ލަގަން ކަނޑައިލުމުގެ ސަބަބުން އެ ސޮރުމެން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ކާފަރުންގެ ބައެއް މީހުން އަހުގެ ފައިދަށުވެ މަރުވެއްޖެއެވެ. އިރުއެރީމާ ކާފަރުންނަށް ފާހަގަ ކުރެވުނު ގޮތުގައި އިސްލާމުންގެ އެތައް ބަޔަކު ދަނީ އެމީހުންގެ އަތުން ޖަހައިގަތް އަސްއަހަށް ސަވާރު ވެގެން ތިބެ ލޮންސިން އެ މީހުންނަށް ހަމަލަދެމުންނެވެ. ކްރިސްޓިއަން ކޮމާންޑަރުން ހީކޮށްގެން ތިބީ އިރު އަރައި އަލިވުމާއެކު އިސްލާމުންގެ ލަޝްކަރު މައިދާން ދޫކޮށް ފިލައިގެން ހިނގައިދާނޭ ކަމުގައެވެ. އެކަމަކު އިސްލާމުންގެ ޖޯޝް ފެނިފައި އެ މީހުންނަށް ޔަގީން ކުރެވުނީ މި ވާދީީ ޚިޔާރުކޮށްފައި މިވަނީ ފައިސަލާކުރުވަނިވި، ވަރުގަދަ ހަނގުރާމައެއް ކުރުމުގެ ނިޔަތުގައި ކަމެވެ. މަރުވެގެން މައިދާނަށް ވެއްޓިފައި ތިބި ކާފަރުންގެ އަދަދަކީ ހިތްވަރު އެލޭން ފުދޭވަރުގެ އަދަދެކެވެ. މުޅި ލަޝްކަރުގެ އަދަދަށް ބަލާއިރު ކާފަރުންގެ ލަޝްކަރު އިސްލާމުންގެ ލަޝްކަރަށްވުރެ ފަސް ގުނަ ގިނައެވެ. އެކަމަކު ވާދީގެ ތެރޭގައި ދެވުނު ވަރުގަދަ ހަމަލާގެ ސަބަބުން ކާފަރުންގެ ފިޔަވަޅު ލުހިގެން ހިނގައްޖެއެވެ. ވުމާއެކު އިސް ކޮމާންޑަރު ނިންމީ ދިފާޢީ ހަނގުރާމައެއް ކުރަމުން، ފަހަތަށް ޖެހެމުން ގޮސް ވާދީން ނުކުންނާށެވެ. ވާދީން ނުކުމެގެން ގޮސް ތަންކޮޅެއް ހަނި މަގަކަށް ނުކުމެވުނީމާ މިހާރު ދެން ދުންޏާއި ލޮންސީގެ ހަމަލައިން މިންޖު ވެވުނީ ކަމަށް އެމީހުން ހީކުޅައެވެ. އެކަމަކު މިތަނުންވެސް ހަމަޖެހުމުގެ ނޭވައެއް ލެވޭނޭ ފުރުސަތެއް ނުލިބުނެވެ. ހިލަތަކުގެ ފުރަގަހުން ﷲ އަކްބަރުގެ ނަޣަރާގެ އަޑު އިވިއްޖެއެވެ. އެޔާއެކު ދުންޏާއި ހިލައިގެ ވާރޭ ވެހޭން ފަށައިފިއެވެ.

އެއް ހިިލަ އިސް ކޮމާންޑަރުގެ ބޮލުގައި ޖެހިފައި އޭނާ ކަނޑައި ވައްޓާލި ރުއްގުޅިއެއްހެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާގެ މަރާއެކު ކާފަރުންގެ ލަޝްކަރުގެ ހިތްވަރު އެލިއްޖެއެވެ. ކޮމާންޑަރުގެ ނައިބުގެ އަމުރު އައީީ ވީހައިވެސް އަވަހަކަށް އެތަނުން ނުކުންނާށެވެ. ލަޝްކަރު އެގޮތް މިގޮތުން އެ ދަތި ހިސާބުން ނުކުމެއްޖެއެވެ. އަނެއްކާވެސް ނުކުމެވުނީ ކުޑަ ވާދީއަކަށެވެ. އެތަނަށް ނުކުމެ ބަލައިލީއިރު ލަޝްކަރުގެ ޖުމުލަ އަދަދު ކަމަށްވާ ފަންސާސް ހާހުން ބާކީ ތިބި އަށެއްކަ ހާސް މީހުންނެވެ. ފަހަތުން ހަމަލައެއް އަތުވެދާނެތީ ގަތް ބިރެއްގެ ސަބަބުން އެބައިމީހުން ނޭވައެއް ލާންވެސް މަޑެއް ނުކުރިއެވެ.

ވާދީގައި ދަތުރުކުރަމުން ދެ ކޯހެއްހައި ދުރަށް ގޮސް ޖަންގައްޔެއްގެ ތެރެއަށް ވަންނާން ފަރިކޮށްލީތަނާ ގަސްތަކުގެ ތެރެއިން ހާހެއްހައި ހަނގުރާމަވެރިން ނުކުމެއްޖެއެވެ. އެބައިމީހުންގެ ހަމަލާގެ ސަބަބުން ކްރިސްޓިއަން ލަޝްކަރު މުޅީން ސުންނާފަތިވެގެން ހިނގައްޖެއެވެ. މި އެއްހާސް މީހުންގެ ލަޝްކަރުގެ ކުރީގައި ހުއްޓައި ފެނުނީ ކަޅު ހެދުން އެޅި ސަވާރީއެކެވެ. އެއީ އެ މީހަކު ހައްޔަރު ކުރުމުގެ އެދުމުގައި ކާފަރުންގެ ލަޝްކަރު ޖަންގަލި ތެރެއަށް ވަން މީހާއެވެ. ދެ ހާހެއްގައި ކްރިސްޓިއަނުން ފިލައިގެން ޖަންގަލިތެރެއަށް ވަދެގެން ހިނގައްޖެއެވެ. ބާކީ ތިބި މީހުން އިރުކޮޅަކު ހަނގުރާމަ ކުރުމަށް ފަހު ބަލި ގަބޫލުކޮށް ހަތިޔާރު ބަހައްޓައިފިއެވެ.

(3)

މަލަޚާއަށް އައްޒައިޣަރީ އައްޔަނުކުރެއްވުމަށް ފަހު ފަސް ހާސް ފަހުލަވާނުންނާއިގެން އައްޒަޣަލް ކޯރްދޮބާއާއި ކަސްތިއްޔާއާއި ކަދީޒްގެ ފިނޑި ލަޝްކަރާ ދިފާޢީ ހަނގުރާމައިގެ ހަމަލާތަކެއް ދެއްވުމަށް ފަހު މަޑުމަޑުން ފަހަތަށް ޖެހިވަޑައިގަންނަވަމުން ގެންދެވިއެވެ. މިހެން ވަޑައިގެން ނެވާދާ ފަރުބަދައިގެ ބުޑަށް ވަޑައިގެންނެވުނީމާ ސަރަހައްދީ ބާޒުގެ އިންތިޒާރުގައި ގާފިލާ ޖައްސަވައިފިއެވެ.

ފެރްނާންދޯއަށް ލިބެމުން ދިޔަ ޚަބަރަކީ ބާޒުގެ ސަރަހައްދުގައި އޭނާގެ ލަޝްކަރަށް ކާމިޔާބީ ލިބެމުންދާ ކަމުގެ ޚަބަރެވެ. އައްޒަޣަލް ކުޑައިކޮށް ހަނގުރާމަ ކޮށްލެއްވުމަށް ފަހު ފަހަތަށް ޖެހިވަޑައިގެން ނެވާދާ ފަރުބަދަޔާ ދިމާއަށް ވަޑައިގެންނެވި ޚަބަރު މީނާއަށް ލިބުނީމާ ކާފަރުންގެ ލަޝްކަރުގެ ކޮމާންޑަރަށް އެންގީ އައްސޭރިިފަށުގެ ރަށްރަށާ ދިމާއަށް ދިއުމުގެ ބަދަލުގައި އައްޒަޣަލްގެ ލަޝްކަރު ހަތަރު ފަރާތުން ވަށައިލާށެވެ. އެޔަށް ފަހު ގްރަނާދާއަށް، އަބޫ ޢަބްދުﷲއަށް އެންގީ ވަގުތުން މަލަޚާއަށް ހަމަލަދޭށެވެ.

އަބޫ ޢަބްދުﷲއަށް ޚަބަރު ލިބުނު ގޮތުގައި މަލަޚާގެ ލަޝްކަރުގެ ބޮޑު ބައެއް ދިޔައީ އައްޒަޣަލްގެ އަރިހުގައެވެ. ރަށުގެ ހިމާޔަތުގައި މަސައްކަތްކުރަން އައްޒައިޣަރީގެ އަރިހުގައި ތިބީ މަދު ބައެކެވެ. އެހެންވީމާ ކާމިޔާބީގެ ޔަގީންކަމާއެކު އޭނާ މަލަޚާއަށް ހަމަލަދީފިއެވެ. ފެރްނާންދޯ ގެންފައި ތިބި ކޮމާންޑަރުންގެ އިތުރަށް އިސްލާމުންގެ ކުރިމަގާ މެދު މާޔޫސް ވެފައި ތިބި މީހުންނާއި ދިރި ތިބުމަށްޓަކައި ފެރްނާންދޯގެ ހިތް އުފާކުރުވަން މަސައްކަތްކުރާ އެތައް ބަޔަކު ގްރަނާދާގެ ލަޝްކަރުގައި ހިމެނެއެވެ.

އަބޫ ޢަބްދުﷲގެ ލަޝްކަރު ގްރަނާދާއިން ނުކުތް ދުވަހުގެ އެއް ދުވަސް ކުރިން ބާޒުގެ ވާދީގައި ފެރްނާންދޯގެ ލަޝްކަރު އޮތީ ބަލިވެ އިނދަޖެހިފައެވެ. އޭގެ ތިން ދުވަސް ފަހުން ސަރަހައްދީ ބާޒުގެ ލަޝްކަރު ގޮސް އައްޒަޣަލްގެ ދިދައިގެ ދަށަށް ޖަމާވެއްޖެއެވެ. އައްޒަޣަލްގެ ލަޝްކަރުގެ އެއްވެސް މީހަކަށް ދުޝްމިނުންގެ ލަޝްކަރުގެ އަދަދެއް ނޭނގެއެވެ. އެކަމަކު އެ މީހުން ވަރަށް ބޮޑު ބައްޔަކުން ބަލިވީ ޚަބަރު ލިބުނީމާ ވަރަށް ބޮޑަށް ހިތްވަރު އާލާވެއްޖެއެވެ. އައްޒަޣަލް ބަދްރު ބިން މުޣީރާއާއި މަންޞޫރު ބިން އަޙްމަދާއެކު ވަޑައިގެން ވަށައިގެން ހުރި ފާރަޖަހަތައް މުއާއިނާކޮށް ބެއްލެވިއެވެ. އައްޒަޣަލްގެ އަރިހުގައި ހުންނެވި މޫނުފޮރުވި ފަހުލަވާނަކު ފެނުނީމާ ލަޝްކަރުގެ މީހުން ހީކުޅައީ ބަދްރު ބިން މުޣީރާ ޝަހީދުވީމާ ﷲ ތަޢާލާ އެ މީހުންގެ މަދަދުގާރެއްގެ ގޮތުގައި އަނެއްކާވެސް ބަޠަލަކު ފޮނުއްވީ ކަމުގައެވެ. ބަދްރު ޖާގަ ޖައްސަވައިގެން އިންނެވީ ތަންކޮޅެއް ދުރުގައެވެ. ބަދްރުގެ ސިއްރު ދެނެތިބި ހައެއްކަ މީހުން ފިޔަވައި އެއްވެސް މީހަކަށް އެ ހިސާބަށް ދިއުމުހެ ހުއްދައެއް ނެތެވެ.

އަލްޕުޚަރަސްްގެ ހަނގުރާމަވެރި ގަބީލާތަކުގެ ސިފައިން ބައިބަޔަށް އައިސް އައްޒަޣަލްގެ ލަޝްކަރާ ގުޅެމުން ދަނީއެވެ. ބާޒުގެ ވާދީގައި މުޖާހިދުންނާއެކު ހަނގުރާމަ ކުރުމުގެ ފުރުސަތު އެ މީހުންނަށް މި ލިބުނީ އެތައް ޒަމާނަކަށް ފަހުގައެވެ. ބަދްރު ބިން މުޣީރާގެ ގާއިމުމަގާމެއް ކަމުގައި އެ މީީހުން ބަލަނީ މަންޞޫރު ބިން އަޙްމަދެވެ. އެހެންވީީމާ އެ މީހުން އައްޒަޣަލް އަރިހުން އެދުނީ އެމީހުންގެ ކޮމާންޑަރަކަށް މަންޞޫރު ހައްދަވައި ދެއްވާށެވެ. ބަދްރު ބިން މުޣީރާގެ އަމުރުފުޅަށް މަންޞޫރު ވަނީ ހަނގުރާމައިގެ ޗާޓެއް ތައްޔާރު ކުރައްވައިފައެވެ. އެޔަށް ފަހު ގަބީލާތަކުގެ މުޖާހިދުން ހުރިހައި މަގަކަށް ބައްސަވައިލެއްވިއެވެ. އެ މީހުންނަށް އަންގަވައިފައި އޮތީ ކްރިސްޓިއަން ލަޝްކަރު ކުރިއަށް ދިޔައީމާ ފަހަތަށް ދޫކޮށްފައި ދާތަން ހިފައިގެން ފާރައަށް ތިބޭށެވެ.

ބާޒުގެ ވާދީއަށް ހަމަލަދިން ލަޝްކަރަށް ވީ ގޮތެއް މިބައި މީީހުންނަކަށް އެނގިފައެއް ނެތެވެ. ފަސް ދުވަސް ވާންދެން ނެވާދާ ފަރުބަދައިގެ ބުޑުގައި ގާފިލާ ޖަހައިގެން ކޮމާންޑަރުގެ އަމުރެއްގެ އިންތިޒާރުގައި ތިބެއްޖެއެވެ. އެހެންނަމަވެސް ގަބީލާތަކުގެ ލަޝްކަރުން ދެތިން ފަހަރަކު ދިމާކޮށްލީމާ މިބައި މީހުންނަށް ކުރިއަށް ދާން މަޖުބޫރު ވެއްޖެއެވެ. ފެރްނާންދޯގެ ލަޝްކަރުން ބައެއް އަވަށްއަވަށަށް ހަމަލަދީީ، ދެތިން ފިރިހެނުންނާއި އަންހެނުންގެ ބަޔަކު ހައްޔަރު ކުރުމަށް ފަހު އައިސް މި ސަރަހައްދަށް ވަދެއްޖެއެވެ. އޭރު ސަރަހައްދީ ބާޒުގެ ލަޝްކަރު އޮތީ ކެތްތެރިކަމެއް ނެތި އިންތިޒާރުގައެވެ.

ބަދްރު ބިން މުޣީރާ އޭނާ އަމިއްލަފުޅަށް ހޮއްވެވި ހާހެއްހައި މުޖާހިދުންނާއެކު ވަޑައިގެން ދުޝްމިނުންނާ ހަމަލަދެއްވައި ލަޝްކަރު ބަލި ކުރެއްވުމަށް ފަހު ފަރުބަދަ މައްޗަށް އަރައިިވަޑައިގެންފިއެވެ. ވީ ކިހިނެއްކަން ކްރިސްޓިއަން ލަޝްކަރަށް ރަނގަޅަށް ސާފު ނުކުރެވިގެން އުޅެނިކޮށް ޚަބަރު ލިބުނީ ގަބީީލާތަކުގެ ލަޝްކަރުން ހަމަލަދިން ޚަބަރެވެ. ރަނގަޅަށް ހަނގުރާމައިގެ ތެރެއަށް ވަދެވޭ ވަރަށްވުރެ އެ މަގު ހަންޏެވެ. އެހެންވީމާ ކްރިސްޓިއަން ކޮމާންޑަރުން ލަޝްކަރަށް އެންގީ ހަލުވިކަމާއެކު ކުރިއަށް ދާށެވެ. މި މަގުން ގޮސް ފަރުބައެއްގެ މައްޗަށް އެރީމާ އަނެއް ފަރާތުން ފެންނާން އޮތީ ވާދީއެކެވެ. ފުރަގަހުން ދިން ހަމަލައިގެ ވަރުގަދަ ކަމަށް ވިސްނައިފައި ކޮމާންޑަރު އެންގީ އެ ވާދީއަށް ފައިބާށެވެ. ވާދީގެ ތެރެއިން ދެ ކޯހެއްހައި ދުރަށް ދެވުނީމާ ތިރި ދިމާއިން ފެންނަނީީ ބޯ ޖަންގައްޔެކެވެ. އުސް ދިމާއިން ދެ ފަރުބަދަ ދެމެދުން މަގެއް ފެންނާން އޮތެވެ.

އެއްކޮޅުން ކޮމާންޑަރުންނަށް ގަބޫލު ކުރެވުނު ގޮތުގައި ޖަންގަލިތެރޭގައި ގަބީލާތަކުގެ ލަޝްކަރާ މުގާބިލާ ކުރުމަކީ ވަރަށް އުބނދަގޫ ކަމަކަށް ވާނެއެވެ. އަނެއް ކޮޅުން ގަތް ބިރަކީ ހަނިި މަގަކަށް ވަދެވިދާނޭ ކަމުގެ ބިރެވެ. އޭނާ ލަޝްކަރު ހުއްޓުވުމަށް ފަހު މަގު ބަލައިލާން ދެ ފަރާތަށް މީހުން ފޮނުވައިފިއެވެ. އެޔަށް ފަހު އިސްލާމުންގެ ލަޝްކަރަށް އިންތިޒާރުކުރާން ފަށައިފިއެވެ. ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ލަޝްކަރުގެ ބައެއް މީހުން އައިސް އިސްލާމުން ދިން ހަމަލައިން ވީ ގެއްލުމުގެ ވާހަކަ ބުނެފިއެވެ.

ތިރީގައި އޮތް ޖަންގައްޔާ ދިމާއަށް ފޭބި މީހުން ކުރިމަތިލާން ޖެހުނީ އިސްލާމުންގެ ތީރުވެރިންނާއެވެ. އެބައި މީހުން ދުވެފައި އައިސް ދިނީ ޖަންގަލި ފުރެންދެން ތީރުވެރިން ތިބިކަމުގެ ޚަބަރެވެ.

އުސް ދިމާއިން ފެންނާން އޮތް މަގުގެ ޚަބަރު ބަލައިލާން ދިޔަ މީހުން ބުނި ގޮތުގައި އެމީހުން ދިހަ ވަރަކަށް ކޯސް ދުރަށް ގޮސް ބެއްޔެވެ. އެ މަގުގެ ބައެއް ތަންތަން ހުރީ ވަރަށް ހަނިކޮށް ކަމަށާއި ބައެއް ތަންތަން ފުދޭވަރަކަށް ފުޅާ ކަމަށްވެސް އެމީހުން ބުންޏެވެ. ދެ ފަރާތުގައިވެސް ހުރީީ ވަރަށް އުސް ފަރުބަދައެވެ. މަގުމަތިން އިސްލާމުންގެ މީހަކު ނުދެކޭ ކަމަށްވެސް އެ މީހުން ބުންޏެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ވާދީން ލައިފައި ދެ ދުވަހަށް ދަތުރުކޮށްލެވުނީމާ ގޮސް ގުޅެނީ ތިޔާގި ދަނޑުތަކަކާއެވެ. އެހައިތަނުން އަލްޕުޚަރަސްގެ އަވަށްތައް ފެށުނީއެވެ.

ކްރިސްޓިއަން ކޮމާންޑަރަށް ފެނުނު ގޮތުގައި އެއީވެސް ރައްކާތެރި މަގެއް ނޫނެވެ. އެކަމަކު ވާދީގައި ޖާގަ ޖަހައިގެން ތިބުމަކީވެސް ހަތަރު ފަރާތުން ވަށައިލަފާނޭ ކަމުގެ ބިރު އޮތް ކަމެކެވެ. މީގެ އިތުރަށް އިސްލާމުންގެ ލަޝްކަރު ފަރުބަދަމަތީންނާއި ޖަންގަލީގެ ތެރެއިން ނުކުމެ ހަނގުރާމަ ނުފެށި ކަމުގައި ވިޔަސް ކުއްލި ހަމަލަތަކުގައި އޭނާގެ ލަޝްކަރަށް ބޮޑެތި ގެއްލުން ކުރުމުގެ ބިރުވެސް ކުޑައެއް ނޫނެވެ. ވައަތް ފަރާތުގައި އޮތީ ޖަންގައްޔެވެ. އެ ދިމާއިން އިސްލާމުން ބަލިކޮށްފައި ނުކުމެގެން ދިއުމަކީ މުސްތަހީލު ކަމެކެވެ. ފުރަގަހުން ފެންނާން އޮތީ އައި މަގެވެ. އެ މަގުން ދާނަމަ އަނެއްކާވެސް އެއްކަލަ ހަނި މަގުތަކުން ދަތުރުކުރަން ޖެހޭނެއެވެ. އައި މަގުމަތީގައި ބޮޑެތި ގެއްލުންތައްވީ ރާސްތާއަކީ އެއީއެވެ. މީގެ އިތުރަށް އެ މަގުން ދާން އެނބުރިލުމާއެކު ޖަންގަލިތެރޭގައި އޮތް ލަޝްކަރު ފަރުބަދަ މައްޗަށް އަރައި އެ ދިމާއިން މަގު ބަންދު ކޮށްލާނެކަންވެސް އޭނާއަށް އެނގެއެވެ. ހަދާނޭ އެއްވެސް ގޮތެއް ނުވިސްނުމުން އޭނާ ނިންމީ ކަނާތްފަރާތުން ފެންނާން އޮތް މަގުން ކުރިއަށް ދާށެވެ. މިހެން ދާ ދިއުމުގައި މަގުގެ ހަނި ދިމާއަކާ އަރައި ހަމަވީމާ ދެ ފަރާތުން ފެންނާން އޮތް ފަރުބަދަތަކުގެ މައްޗަށް ފައިމަގުގައިދާ ހަނގުރާމަވެރިން އަރަނީއެވެ. ފުޅާތަނަކާ އަރައި ހަމަވީމާ އެ މީހުން ފައިބަނީއެވެ. ތީރާއި ހިލައިގެ ހަމަލާތަކުން އަސްވާރުން ސަލާމަތްކުރެވޭން ހަމައެކަނި ގޮތަކީ އެއީއެވެ. މި ގޮތުގައި ހަވީރު ވާންދެން ކާފަރުންގެ ލަޝްކަރު ދަތުރުކޮށްފިއެވެ. މަގުމަތީގައި އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ.

އިރު އޮއްސި އަނދިރިވެއްޖެއެވެ. ގާފިލާ ކުރާނޭ ރައްކާތެރި ތަނެއް ކޮމާންޑަރަކަށް ނުފެނުނެވެ. ކަނު އަނދިރީގައި ދަތުރު ކުރުމަށް ފަހު މަގުގެ ހަނި ހިސާބަކަށް ދެއްވިޖެއެވެ. ދެ ފަރާތުގައި ހުރީ އުސް ފަރުބަދައެވެ. އަނދިރިކަން ބޮޑު ކަމުން ގޮސް އަސްތައްވެސް ހިލަހިލައިގައި އަޅައިގަންނަ ގޮތް ވާން ފަށައިފިއެވެ. ލަޝްކަރުގެ މީހުން ކޮމާންޑަރަށް ބައެއް ކަހަލަ ލަފާވ ދޭން ފަށައިފިއެވެ. އެމީހުން ބުނި ގޮތުގައި މި ވާދީގެ ކޮޅެއް ފެންނާކަށް ނެތެވެ. ކަޑައްތުކޮށް ނިމޭނީ ކިހިނެއް، ކޮން އިރަކު ކަމެއް ނޭނގެއެވެ. ފަހަރެއްގައި ކޮޅު ބެދިފައިވާ މަގަކަށްވެސް ވެދާނެއެވެ. މަގު ނިމޭތާނގައި އިސްލާމުން އިންތިޒާރުގައި ތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވީމާ އެ މީހުން ދުށް ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އައި ކޮޅަށް ދިއުމެވެ. ނުވަތަ އަސްތައް މައިދާނަށް ދޫކޮށްލައިފައި އެންމެން ފަރުބަދަ މައްޗަށް އެރުމެވެ. ރޭގަނޑު ކުއްލިއަކަށް އިސްލާމުން ހަމަލައެއް ދީފިނަމަ ދެކޮޅަށް ކަމެއް ކުރެވޭން އޮންނާނީވެސް އެހެން ހެދީމައެވެ. ދުވާލުގެ އަލީގައި ދަތުރުކުރަން ޖެހުނީމާ އަނެއްކާވެސް ފައިމަގުގައިދާ މީހުންނަށް ފަރުބަދަ މައްޗަށް އަރައި މަގު ސާފުކޮށް ދެވޭނޭ ކަމަށް އެ މީހުން ބުނަމުން ގެންދާން ފަށައިފިއެވެ.

މި ބަހުސެއްގައި ތިއްބައި ކުއްލިއަކަށް މަތިން ބޮޑު ހިލައެއް ވެއްޓިއްޖެއެވެ. އެ މީހުން ކަންބޮޑު ވެފައި، އަނދިރީގައި ދެލޯ ބޮޑުކޮށްގެން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް ދެތިން ހިލަ ވެއްޓިއްޖެއެވެ. އެޔާއެކު ޒަޚަމްވާ މީހުންގެ ރޮއިހޭރުމުގެ އަޑުވެސް އިވޭން ފަށައިފިއެވެ. ހިނދުކޮޅަކަށް މަސަލަސްކޮށް އޮތުމަށް ފަހު ވާރޭހެން ހިލަ ވެހޭން ފަށައިފިއެވެ. އަވަހަށް ފަހަތަށް އެނބުރިދާން ކޮމާންޑަރު އަމުރުކޮށްފިއެވެ. އެކަމަކުވެސް ވެހެމުން ދިޔަ ހިލައަކަށް ބަދަލެއް ނައެވެ. ވެހެމުންދާ ހިލައިގެ އަޑާއި މީސްތަކުންގެ ރުއިމުގެ އަޑާއެކު އަސްތައްވެސް އަމިއްލައަށް ކޮޅުކޮޅު މައްޗަށް ދުވާން ފަށައިފިއެވެ. މުޅި ލަޝްކަރު ބޮޑު މުސީބާތެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ފަރުބަދަމަތީން އިވެމުންދަނީ ﷲ އަކްބަރުގެ ނަޣަރާގެ އަޑެވެ.

ކަންތައް މިހިސާބަށް ދިޔައީމާ ކޮމާންޑަރު ލަޝްކަރަށް އެންގީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަސްތައް ދޫކޮށްލައިފައި ފަރުބަދަ މައްޗަށް އަރާށެވެ. އެކަމަކު އެ ހައިޖާނުގެ ތެރޭގައި އޭނާގެ އަޑު އިވުނީ ވަރަށް މަދު މީހަކަށެވެ. ފަރުބަދަ މައްޗަށް އެރުމަކީ ވަރަށް އުނދަގޫ ކަމެއްކަން، އޭނާގެ އަމުރަށް ތަބާވާން އުޅުނު މީހުންނަށް އެނގިއްޖެއެވެ. ގިނަ އަސްވާރުން ތެޅޮފޮޅިގަތީ މަގުގެ ފުޅާ ދިމާއަކަށް ނުކުމެވޭތޯ ބަލާށެވެ.

އިރުއަރާންދެން ކާފަރުންގެ ލަޝްކަރު އުޅުނީ މި ހާލެއްގައެވެ. ވާދީގެ ތެރޭގައި ކޮޅުކޮޅުމައްޗަށް ދުއްވައިގެން ނަމަވެސް ފުރާނަ ސަލާމަތްކުރެވޭތޯ ބެލުމުގައެވެ. ތިރީސް ހާސް މީހުންގެ ތެރެއިން ބާރަވަރަކަށް ހާސް މީހުން ހިލައިގެ ޝިކާރައަކަށްވެ މަރުވެގެން ހިނގައްޖެއެވެ. ފަސް ހާހެއްހައި މީހުން އެގޮތަކުން މިގޮތަކުން ގޮސް ފަރުބަދަ މައްޗަށް އަރައި، ފިލައިގެން ހިނގައްޖެއެވެ. ބާކީ ތިބި މީހުންނަށް އެނބުރި އެބައިމީހުން ދަތުރު ފެށްޓި ހިސާބަށް އާދެވިއްޖެއެވެ. އެކަމަކު އެމީހުންނަކަށް ހަމަޖެހިލާނޭ ފުރުސަތެއް ނުލިބުނެވެ. ޖަންގަލީގެ ތެރެއިން ވަރުބަލިކަމެއް ނެތް ތާޒާ ސަވާރުންތަކެއް ނުކުމެއްޖެއެވެ. އެމީހުންގެ ކޮމާންޑަރަކަށް ހުރިމީހާގެ އަތުގައި އޮތީ ގްރަނާދާގެ ދިދައެކެވެ. މި ލަޝްކަރު އެޔެއްމިޔެއް ނުބަލައި ކާފަރުންގެ މައްޗަށް ޖެހިގެންފިއެވެ. ކްރިސްޓިއަނުންގެ ލަޝްކަރުގެ އަދަދު އަދިވެސް އިސްލާމުންނަށްވުރެ ގިނައެވެ. އެހެންވީމާ އެމީހުންވެސް ހިތްވަރާއެކު މުގާބިލާކުރާން ފަށައިފިއެވެ. ކުޑައިރުކޮޅެއް ފަހުން ފެނުނީ މޫނުނިވައިކޮށްގެން، ކަޅު ހެދުމެއްގައި ހުރި އަސްވާރެއްގެ ބެލުމުގެ ދަށުގައި އިތުރު ފަސް ހާސް މީހުންގެ ލަޝްކަރެއް ފަރުބަދަމަތީން ފޭބި ތަނެވެ. ކޮމާންޑަރުގެ އަތުގައި އޮތް ދިދައިގައި ހުރީ ބާޒެއް ކުރަހައިފައެވެ. އޭނާ ކާފަރުންގެ ލަޝްކަރުގެ ތެރެއަށް ވަދެ، ސަފުތައް ރޫޅައިލައިފިއެވެ. މުޅި މައިދާނުން އިވެނީ އެއް އަޑެކެވެ. [އިސްލާމް ޒިންދާބާދު. ގްރަނާދާ ޒިންދާބާދު. މުޖާހިދުން ޒިންދާބާދު.]

ފެރްނާންދޯގެ ލަޝްކަރުގެ ތިން ހާހެއްހައި މީހުން މައިދާން ދޫކޮށް ޖަންގަލީގެ ތެރެއަށް ވަދެ ފިލައިފިއެވެ. ބާކީ ތިބި މީހުން އަމާންދީ ހަތިޔާރު ބަހައްޓައިފިއެވެ.

އިސްލާމުން ހައްޔަރުކުރި ކާފަރުންގެ ތެރޭގައި ގިނައީ ފެރްނާންދޯގެ މަތީ ދަރަޖައިގެ އޮފުސްރުންނާއި އޭނާ އެކި ދަރަޖަދަރަޖައަށް ކޮލިލައިފައި ތިބި މީހުންނެވެ.

(4)

އަބޫ ޢަބްދުﷲ މަލަޚާއާ ދިމާއަށް ދަތުރު ފަށައިފިއެވެ. އައްޒަޣަލް މަލަޚާ ދޫކުރައްވައި ފަރުބަތަކުގެ މައްޗަށް އަރައިވަޑައިގެންފިކަމާއި ރަށް ހިމާޔަތްކުރާން މި ވަގުތު ތިބީ ވަރަށް މަދު ބަޔަކުކަން އޭނާއަށް އޮތީ އެނގިފައެވެ. މަލަޚާގެ މައްޗަށް ވަގުތުން ބާރު ނުފޯރުވުނުކަމުގައި ވިޔަސް ދެތިން ދުވަހެއްގެ ތެރޭގައި ގަބީލާތަކުގެ ލަޝްކަރު ބަލި ކުރުމަށް ފަހު ފެރްނާންދޯގެ ލަޝްކަރު އޭނާގެ ލަޝްކަރަށް އެހީތެރިވާން އަންނާނޭކަމުގެ ހިތްހަމަޖެހުން އޭނާއަށް ވަނީ ލިބިފައެވެ.

އަބޫ ޢަބްދުﷲގެ ލަޝްކަރާ މުގާބިލާ ކުރުމަށްޓަކައި އައްޒައިޣަރީގެ ގިޔާދަތުގައި ލަޝްކަރެއް މަލަޚާއިން ނުކުމެއްޖެއެވެ. އެ ލަޝްކަރު އަބޫ ޢަބްދުﷲ ގެ ލަޝްކަރަށްވުރެ ކުޑަނަމަވެސް އެބައިމީހުންގެ ޖޯޝާއި އަޒުމު މާ ވަރުގަދައެވެ. ރަށްބޭރުގައި ލަޝްކަރު ރުކުރުވައިލީމާ އައްޒައިޣަރީ ލަޝްކަރާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

[ދުޝްމިނުންގެ އަދަދު އަހަރެމެންނަށްވުރެ ގިނައެވެ. އެކަމަކު ހަނދާންކުރާށެވެ. ޣައްދާރުންގެ ކިބަޔަކު ދުވަހަކުވެސް ހިތްވަރެއް ނުހުރެއެވެ. މިއަދު ތިޔަބައިމީހުން ތިޔަ ހަނގުރާމަކުރަނީ އަމިއްލަ ދީނާއި އިއްޒަތާއި ޝަރަފަށްޓަކައެވެ. މައިދާނުގައި ތިޔަބައިމީހުން ފަހަތަށް ޖެހިއްޖެނަމަ އަބޫ ޢަބްދުﷲ މިރަށުގައި ފެރްނާންދޯގެ ދިދަ ނަގާނެއެވެ. ﷲއަށް އިތުބާރު ކުރާށެވެ. ގައުމު ވިއްކައިލައިގެން އެ އުޅޭ ކުލީ ސިފައިންނަކަށް ތިޔަބައިމީހުންގެ ކުރިމައްޗަކު އެއްވެސް ބާރެއް ނުދެއްކޭނެއެވެ. އަބޫ ޢަބްދުﷲގެ އެންމެ ބޮޑު އެހީތެރިއަކީ ފެރްނާންދޯއެވެ. އެކަމަކު ތިޔަބައިމީހުންނަށް މިހާރު އޮންނާނީ އުފާވެރިކަމުގެ ޚަބަރު ލިބިފައެވެ. ފެރްނާންދޯގެ ލަޝްކަރު، ބާޒުގެ ވާދީގައި އިސްލާމުންގެ މަދު މީސްކޮޅަކާ މުގާބިލާކޮށް ބަލިވެ، އިނދަޖެހިއްޖެއެވެ. މާދަމާ ނުވަތަ އަނެއް ދުވަހު އިރާދަކުރެއްވިއްޔާ އަނެއްކާވެސް އުފާވެރި ޚަބަރެއް ލިބޭނެއެވެ. އެއީ ނެވާދާ ފަރުބަދައިގެ ސަރަހައްދުގައި އޮތް ކާފަރުންގެ ލަޝްކަރަށްވެސް ހަމަ އެ ދަތުރު ޖެހުނުކަމުގެ އުފާވެރި ޚަބަރެވެ. އޭ މުޖާހިދުންނޭވެ! މިއަދު ﷲ ތަޢާލާ ފަތަޙަ އިރާދަކުރައްވާނީ ތިޔަބައިމީހުންގެ ހައްގުގައި ކަމާމެދަކު އަހުރެން ހިތަކު އެއްވެސް ޝައެްކެއް ނެތެވެ.]

އަބޫ ޢަބްދުﷲ ގެ ލަޝްކަރުގެ ގިނަ މީހުން އައީ މަލަޚާ ހިސާރުކުރުމުގެ ނިޔަތުގައެވެ. އައްޒައިޣަރީފަދަ ވަރުގަދަ މުޖާހިދަކާ ހާމައަށް އޮތް މައިދާނެއްގައި ކުރިމަތިލާން ޖެހުމަކީ އެބައިމީހުން ހީކޮށްގެން ތިބި ކަމެއް ނޫނެވެ. ލަޝްކަރުގެ މީހުން ސިހިފައި ތިބެގެން މިވާހަކަ ދައްކަމުން ދަނިކޮށް އައްޒައިޣަރީގެ ލަޝްކަރުގެ އަސްވާރަކު ދެ ލަޝްކަރުގެ މެދަށް، މައިދާނަށް ނުކުމެ ގޮވައިލިއެވެ.

[އިސްލާމުން ހަނގުރާމަކުރަނީ ހަމައެކަނި ހައްގަށްޓަކައެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ތިމަން މިހިރީ ހައްގު ގޮތުގައޭ ހީކުރާނަމަ އަހަރެންގެ ކުރިމައްޗަށް މުގާބިލާކުރަން ނުކުންނާށެވެ. ކަލޭމެންގެ ހިތުގެ އަޑީގެ އަޑަކީ ތިމަންމެން މިތިބީ ހައްގު ގޮތުގައެއް ނޫނޭ ކަމުގައި ވަނީނަމަ ހަނދާންކުރާށެވެ. އަހަރެމެންގެ ކުރިމައްޗަކު ކަލޭމެންނަކަށް ފައިތިލަ ސާބިތެއް ނުކުރެވޭނެއެވެ. ކަލޭމެން އައިސް ތިޔަ ތިބީ ފެރްނާންދޯގެ އެހީތެރިކަން ލިބޭނޭ ކަމަށް ގަބޫލުކޮށްގެން ނޫން ހެއްޔެވެ؟ އެކަމަކު ބުނަން ހެއްޔެވެ؟ އޭނާގެ ލަޝްކަރުގެ އެންމެ މީހަކުވެސް ކަލޭމެންނަށް އެހީތެރިވާކަށް ނާންނާނެއެވެ. ބާޒުގެ ވާދީގައި އޭނާގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައި މީހުން ގަތުލުވެއްޖެއެވެ. ނެވާދާ ފަރުބަދައިގެ ސަރަހައްދުގައި ބާކީ އޮތް ލަޝްކަރު ވަށައިލައިގެން މިހާރު އަހަރެމެންގެ އިސް ކޮމާންޑަރާއި އޭނާގެ ލަޝްކަރު އެބައޮތެވެ. އޭ އަބޫ ޢަބްދުﷲއެވެ. ހަނގުރާމަކުރަން ބޭނުމިއްޔާ މައިދާނަށް ނުކުންނާށެވެ. ކަލެއަށް ޖެހޭ ދަތުރު ފެނިފައި މަގުއޮޅިފައި ތިބި އެހެން މީހުން ފަހަރެއްގައި ހެޔޮ މަގަށް އެނބުރިދާނެއެވެ.]

އަބޫ ޢަބްދުﷲ އޭނާގެ ލަޝްކަރާ ދިމާއަށް ބަލައިލިއެވެ. އެމީހުންގެ މޫނުމަތީން ފެންނާން ހުރި މާޔޫސީގެ އަސަރު ފާހަގަ ކުރެވުނީމާ ބުނެފިއެވެ. [އެއީ ދޮގެކެވެ. އެއްވެސް ބަޔަކަށް ފެރްނާންދޯގެ ލަޝްކަރު ބައްޔެއް ނުކުރެވޭނެއެވެ.]

އަބޫ ޢަބްދުﷲގެ އިޝާރާތަކަށް ލަޝްކަރުގެ ތެރެއިން ބަރްބަރީންގެ އިސް މީހަކު މައިދާނަށް ނުކުމެއްޖެއެވެ. މަލަޚާގެ މުޖާހިދު ލޮންސި އަތުކޮޅަށް ދަމައިލިއެވެ. އަދި އަހުގައި ބުރެއް ޖަހައިލުމަށް ފަހު އެކަލޭގެއަށް ހަމަލަދީފިއެވެ. އިރުކޮޅެއް ނުވެ ފެނުނީ އެކަލޭގެ ބިންމައްޗަށް ވެއްޓި މަރަށް ތެޅިތެޅި އޮއްވައެވެ.

އައްޒައިޣަރީގެ ލަޝްކަރު އޮތީ އޭނާގެ އިޝާރާތަކަށް އިންތިޒާރުކޮށްގެންނެވެ. އޭނާ ލޮންސި އުފުއްލައިލެއްވުމަށް ފަހު ﷲ އަކްބަރުގެ ނަޣަރާ ކުރެއްވިއެވެ. މަލަޚާގެ މުޖާހިދުން އަރައިގެން އައި ޠޫފާނެއް ފަދައިން އަބޫ ޢަބްދުﷲގެ ލަޝްކަރާ ހަމަލަދީފިއެވެ.

ގަޑިއެއްހައި އިރުފަހުން ފެނުނީ ގައުމު ވިއްކާލި ބާގައިގެ މީހުންގެ ހަތަރު ސަތޭކައެއްހައި މީހުން މަރުވީމާ މައިދާން ދޫކޮށް ގްރަނާދާއާ ދިމާއަށް ދުއްވައިގަތް ތަނެވެ. އައެްޒައިޣަރީގެ ލަޝްކަރު އެމީހުން ފަހައި ތަންކޮޅަކަށް ދިޔައެވެ. އެހެންނަމަވެސް މަލަޚާގެ ރައްކާތެރިކަމަށް ވިސްނާވަޑައިގެންފައި އައްޒައިޣަރީ ލަޝްކަރަށް އެންގެވީ އެނބުރި އަންނާށެވެ.

އަބޫ ޢަބްދުﷲއަށް އެނބުރި ގްރަނާދާއަށް އާދެވުމުގެ ކުރީން ރަށުގެ އަހުލުވެރިންނަށް ބާޒުގެ ވާދީގައްޔާއި ނެވާދާގެ ސަރަހައްދުގައި އިސްލާމުންނަށް ލިބުނު ކާމިޔާބީގެ ޚަބަރު ލިބިއްޖެއެވެ. ބާޒާރާއި މަގުތައް މަތީގައި އުފާވެރިކަމުގެ ހަފުލާތައް ބާއްވާން ފަށައިފިއެވެ. ބައެއް މީހުން މިސްކިތަށް އަރައި އައްޒަޣަލްއަށް ދިގު އުމުރުފުޅެއް ދެއްވުން އެދި ދުޢާވެސް ކުރަމުން އެބަ ގެންދެއެވެ. އަނެއް ބަޔަކު ހަތަރުއަނގޮޅިތަކުގައި ޅެންވެރިންގެ މެހެފިލްތައް ބާއްވަމުން ގެންދެއެވެ. މީހުން ޖަމާވެ ޅެންވެރިން ސަރަހައްދީ ފަހުލަވާނުންނާއި ގަބީލާތަކުގެ މުޖާހިދުންނަށް ސަނާ ކިޔައި، ކިޔަމުން ދިޔަ ޅެންތައް އަޑު އަހަމުން ގެންދަނީއެވެ.

އަބޫ ޢަބްދުﷲ އަލްހަމްރާއަށް ވަންތާ މާ ގިނަ އިރެއް ނުވެ ރަށު ތެރެއަށް އޭނާގެ ނާކާމިޔާބީގެ ޚަބަރު ފެތުރިގެން ހިނގައްޖެއެވެ. އެޔާއެކު ގަނޑުވަރުގެ ދޮރުމައްޗަށް ރައްޔިތުން އެއްވެއްޖެއެވެ. ފާރަވެރިން ދޮރުކޮޅުތައް ލައްޕައި ތަޅުލައިފިއެވެ.

ގަނޑުވަރަށް ވަނުމަށް ފަހު އެންމެ ފުރަތަމަ އަބޫ ޢަބްދުﷲ ވާހަކަދެއްކީ އޭނާގެ ނައިބާއެވެ. ނައިބު ބުންޏެވެ. [ދެ މައިދާނުގައިވެސް ކްރިސްޓިއަން ލަޝްކަރަށް ލިބުނު ނާކާމިޔާބީގެ ވާހަކައިގެ ތެދުދޮގު އަޅުގަނޑު ބަލައިފީމެވެ. ފެރްނާންދޯގެ ލަޝްކަރު ބަލިވެގެން ދުއްވައިގަތީމާ އެތަނުން ކޮންމެވެސް ގޮތަކުން ސަލާމަތްވެގެން އައި ހަތަރު މީހަކު ގްރަނާދާގެ ކައިރީގައި އޮތް އަވަށަކަށް ވަނެވެ. އެ މީހުން އަޅުގަނޑާ ހަމައަށް ގެނެސްދިނީ އެ އަވަށުގެ ވެރިމީހާއެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކީ ބާޒުގެ ވާދީގައި ހަނގުރާމަކުރި މީހެކެވެ. އަނެއް ތިން މީހުންނަކީ ނެވާދާގައި އައްޒަޣަލްގެ ހަމަލަތަކުން ސަލާމަތްވެގެން އައި ތިން މީހުންނެވެ. ދެ ލަޝްކަރުވެސް ބަލިވެއްޖެ ކަމުގެ ޚަބަރު އެ ހަތަރު މީހުން ކިޔައިދިނެވެ. ގްރަނާދާއަށް އަންނަ މަގުމަތީގައި ހުރި ފާރަޖަގަހަތަކުގައި ތިބި މީހުންގެ ފަރާތުންވެސް ލިބުނީ ހަމަ އެކަހަލަ ޚަބަރުތަކެވެ. އެމީހުން ބުނި ގޮތުގައި ކްރިސްޓިއަން ލަޝްކަރުން ފިލައިގެން ދުވަމުން ދިޔަ ބައިގަނޑުތައް އެމީހުންނަށްވެސް ވަނީ ފެނިފައެވެ. މި ރަށުގެ ރައްޔިތުންގެ މެދުގައި މި ޚަބަރުތަކުގެ ސަބަބުން ވަނީ ބާވަތެއް ޖޯޝަކާއި ފޯރިއެއް އުފެދިފައެވެ. ބޮޑު މުފްތީ ފިޔަވައި މަނިކުފާނަށް ވަފާތެރި އެންމެން ވަނީ ގަތުލުވެފައެވެ. އެމީހުން ގަތުލުކުރީ ދަރިވަރުންނެވެ. މަނިކުފާނާއެކު ހަނގުރާމައަށް ނުކުތް އެތައް ބައެއްގެ ގޭގައި ރޯކޮށްލައިފިއެވެ.]

ދިމާވީ މައްސަލަތަކާމެދު ފިކުރުކޮށް މަޝްވަރާ ކުރުމަށްޓަކައި ހުރިހައި އަމީރުން އެއްކުރާން އަބޫ ޢަބްދުﷲ އަންގައިފިއެވެ. މި އަމުރެއް ކުރުމަށް ފަހު ގޮސް އެހެން ކޮޓަރިއަކަށް ވަދެއްޖެއެވެ. އަދި ނޯކަރަކު ގެނެސްފައި އަބޫ ދާވޫދް ގޮވައިގެން އަންނާށޭ ބުނެފިއެވެ. ނޯކަރު ދިޔައީމާ އޭނާ ކޮޓަރިތެރޭގައި ކުރުކާލި ކަނޑާން ފަށައިފިއެވެ. ކުޑަ އިރުކޮޅަކުން ނޯކަރު އެނބުރި އަތުވެއްޖެއެވެ. އޭނާ ބުނި ގޮތުގައި އަބޫ ދާވޫދް ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ.

އަބޫ ޢަބްދުﷲ ކަންބޮޑުވެފައި އަހައިލިއެވެ. [އޭނާ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟]

ނޯކަރު ޖަވާބުދިނެވެ. [އޭނާ ދިޔަތަނެއް އެނގިވަޑައިގަންނަވާނީ ހަމައެކަނި ސިފައިންގެ ވެރިޔާއަށެވެ. އޭނާ ވަޑައިގެން ބޭރުގައި މަނިކުފާނުގެ އިޒުނަފުޅަކަށް އެދިވަޑައިގެން އެބަ ހުންނެވިއެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [އަވަހަށް އޭނާ ގެންނާށެވެ.]

ކުޑަ އިރުކޮޅަކުން އަލްޙަމްރާގެ ސިފައިންގެ ވެރިޔާ އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. އަބޫ ޢަބްދުﷲއަށް ކުރުނީސްކޮށްފައި އިސްޖަހައިލައިގެން ހުރެއްޖެއެވެ.

އަބޫ ޢަބްދުﷲ ސުވާލުކުރިއެވެ. [އަބޫ ދާވޫދް ދިޔަ ތަނެއް ކަލެއަށް އެނގޭ ހެއްޔެވެ؟]

ސިފައިންގެ ވެރިޔާ ބުންޏެވެ. [އޭނާ އަޅުގަނޑު ގާތު ވިދާޅުވީ މަނިކުފާނުގެ އަމުރުފުޅެއް ތަންފީޒުކުރައްވާ ވާހަކައެވެ. ވަޑައިގަންނަވާ ތަނެއް ވިދާޅެއް ނުވެއެވެ.]

[އޭނާ ދިޔައީ ގްރަނާދާއިން ބޭރަށް ހެއްޔެވެ؟]

[މިތަނުން ވަޑައިގަތީ ގާޑިޔާކޮޅެއްގައެވެ. ބޭނުންފުޅުވާ ސާމާނުވެސް ގެންދެވިއެވެ.]

[އޭނާގެ ގެއަށްގޮސް ޚަބަރު ބަލައިފައި އަންނާށެވެ… ނޫނެކެވެ. ކަލޭ ދާނެ ކަމެއް ނެތެވެ. އަހަރެން ހިނގައިދާނަމެވެ.]

އަބޫ ޢަބްދުﷲ ހިނގައިގަތުމާއެކު ސިފައިންގެ ވެރިޔާ ބުންޏެވެ. [އޭނާގެ ގެ ހުރީ ހުހަށެވެ.]

[ކީކޭހެއްޔެވެ؟]

[ގޭގެ އެންމެންވެސް ހިނގައްޖެއެވެ.]

އަބޫ ޢަބްދުﷲ ވަރަށް ރުޅި އައިސްފައި ސިފައިންގެ ވެރިޔާއާ ދިމާއަށް ބަލައިލިއެވެ. [އެމީހުން ދިޔައީ ކޮން އިރަކު ހެއްޔެވެ؟]

[މިއަދުގެ މެންދުރުއެވެ.]

[ކަލޭ އެމީހުން ނުހިފެހެއްޓީ ކީއްވެގެން ހެއްޔެވެ؟]

[މަނިކުފާނުގެ އަމުރުފުޅަކާ ނުލައި އެވަރުގެ ކަމެއް އަޅުގަނޑަށް ކުރެވޭނީ ކިހިނެއްތޯއެވެ؟]

[އޭނާގެ ގާތަށް އެއްވެސް މީހަކު އައި ހެއްޔެވެ؟]

[ނާދެއެވެ. ކްރިސްޓިއަނުން ބަލިވީ ކަމުގެ ޚަބަރު ލިބިވަޑައިގަތީމާ އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައިކަމަށް އަޅުގަނޑަށް އޮތީ އެނގިފައެވެ.]

[އޭނާ ދިއުމުގެ ކުރިން އަހަންނަށް އެއްވެސް މެސެޖެއް ދިން ހެއްޔެވެ؟]

[ނުދެއްވައެވެ. އޭނާ ވިދާޅުވީހައިވެސް ވާހަކައަކީ މަނިކުފާނުގެ އަމުރުފުޅެއް ތަންފީޒު ކުރެއްވުމުގެ ގޮތުން ވަޑައިގަންނަވާ ވާހަކައެވެ. އަލްޙަމްރާ ގަނޑުވަރު ދޮށަށް މީހުން އެއްވެފައި އޮތީމާ އޭނާ ނުކުމެވަޑައިގަތީ ފުރަގަހުގެ ދޮރުކޮޅަކުންނެވެ. އެއްވެސް މީހަކަށް އޭނާ ފެނިގެން ވަކި މީހަކު ދެނެގެންފާނެތީ ވަޑައިގެންނެވީ މޮރޮކޯގެ ވިޔަފާރިވެރިއެއްގެ ހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.]

ސިފައިންގެ ވެރިޔާ ފޮނުވައިލުމަށް ފަހު އަބޫ ޢަބްދުﷲ އިރުކޮޅެއް ވާންދެން ފިކުރުކުރާން އިނެވެ. އެޔަށް ފަހު އެ ކޮޓަރިން ނުކުމެގެން ގޮސް އަމީރުން ތިބި ކޮޓަރިއަށް ވަދެއްޖެއެވެ.

އަބޫ ޢަބްދުﷲގެ ބައިވެރިން ތިބީ ކުރިއަށް ކުރާ ކޮންމެ ހަނގުރާމައެއްގައި އިސްލާމުން ބަލިވާނޭ ކަމުގެ ޔަގީންކަމާއެކު ކްރިސްޓިއަނުންނާ ބައިވެރިވެގެންނެވެ. އެމީހުން އެހެން ނުހަދައިފިނަމަ ފެރްނާންދޯ، އެމީހުންނަކީ ޣައްދާރުން ކަމަށް ބަލައި ހަރުކަށި އަދަބު ދޭނޭކަމަށް އަބޫ ދާވޫދް އޮތީ ބުނެފައެވެ. އެކަމަކު ފެރްނާންދޯގެ ލަޝްކަރު ބަލިވުމާއި، އަބޫ ދާވޫދަށް ވީގޮތެއް ނޭނގުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައެވެ.

އަބޫ ޢަބްދުﷲ ކޮޓަރިއަށް ވަދެ ބަލައިލީއިރު ގިނަ ގޮނޑި ހުރީ ހުހަށެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމުގެ ގޮތުން ސުވާލުކޮށްލީމާ އެނގުނު ގޮތުގައި ކްރިސްޓިއަނުން ބަލިވީ ޚަބަރު ލިބުނީމާ ބައެއް އަމީރުން އެކި ދިމަދިމާއަށް ހިނގައްޖެއެވެ. ބައެއް މީހުން އައްޒަޣަލްގެ ލަޝްކަރާ ގުޅުން އެކަށީގެންވެއެވެ. އަނެއް ބަޔަކު ގޮސް ގުޅުނީ ގްރަނާދާގައި މުޒާހިރާކުރަމުން ގެންދާ މީހުންނާ ކަމަށް ވެއެވެ.

އަބޫ ޢަބްދުﷲ އަހައިލިއެވެ. [ދެން ހަދާނޭ ގޮތަކާމެދު އޮތް ރައުޔަކީ ކޮބައި ހެއްޔެވެ؟]

އަމީރުން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. ހިނދުކޮޅަކަށް ފަހު އެކަކު ތެދުވެ ވާހަކަދައްކާން ފަށައިފިއެވެ.

[މާތްވެގެންވާ ރަސްގެފާނެވެ. އައްޒަޣަލްގެ ލަޝްކަރު އިސާހިތަކު ގްރަނާދާގެ ދޮރާށިދޮށަށް ޖަމާވެދާނެއެވެ. ޢާއްމު ރައްޔިތުންގެ ފޯރިއާއި ޖޯޝް ހުރި ގޮތަށް ބަލާއިރު އަލްޙަމްރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ފުރާނަޔާއިގެން ސަލާމަތެއް ނުވެވޭނެއެވެ. ރައްޔިތުންގެ ލީޑަރުންގެ ގޮތުގައި މިހާރު އެތިބީ އަޅުގަނޑުމެން އެ ބަޔަކަށް ވަރަށް ބޮޑަށް އިތުބާރުކުރި މީހުންނެވެ. މަލަޚާގައި ތަޖުރިބާކުރި ނާކާމިޔާބީއަށް ފަހު އައްޒަޣަލާ ހަނގުރާމަ ކުރުމުގެ ހިތްވަރެއް އަޅުގަނޑުމެންގެ ލަޝްކަރަކު ނުހުންނާނެއެވެ. އައްޒަޣަލް ގްރަނާދާގެ މައްޗަށް ގަދަވެގެންފިނަމަ ހަމައެކަނި ސަރަހައްދީ ބާޒުގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އަޅުގަނޑުމެން އެންމެން ދަންޖައްސާނެކަން ކަށަވަރެވެ. އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެންމެ ގޮތެކެވެ. އެއީ ފެރްނާންދޯގެ ހިމާޔަތް ހޯދުމެވެ. ފެރްނާންދޯ މި ފަހަރު ހަނގުރާމައަށް ފޮނުއްވީ ކުޑަ ލަޝްކަރެއް ކަމަށް ވެދާނެވެ. އޭނާއަކީ ބަލިވެވަޑައިގަތީމާ ހިމޭނުން ހުންނަވާނޭ ބޭފުޅެއް ނޫނެވެ. ބަދަލު ހިއްޕަވާނޭކަން ޔަގީނެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގްރަނާދާއަކީ އަޅުގަނޑުމެންނަށްޓަކައި ރައްކާތެރި ތަނެއް ނޫނެވެ. މިއީ ރައްކާތެރި ތަނެއްނަމަ އަބޫ ދާވޫދް ކުއްލިއަކަށް އެކަހަލަ ގޮތަކަށް ނުއެއް ގެއްލުނީހެވެ. މި ވަގުތު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ކަމަކީ އައްޒަޣަލްގެ ބަދަލުހިފުމުން ކޮންމެވެސް ގޮތަކުން ސަލާމަތްވާނޭ މަގެއް ހޯދުމެވެ.]

ދެން ތިބި އަމީރުންވެސް، ފަހަރަކު މީހަކު ތެދުވެ، އެ ވާހަކަތަކަށް ތާއީދުކޮށް ވާހަކަދައްކައިފިއެވެ. އަބޫ ޢަބްދުﷲ އިސް ޖަހައިލައިގެން ކުޑަ އިރުކޮޅަކު ވިސްނައިލާން އިނދެފައި ބުންޏެވެ. [އެންމެންނަށްވެސް ފެންނަނީ ތިޔަހެން ކަމުގައި ވަންޏާ އަހަރެން ދެކޮޅެއް ނުހަދާނަމެވެ.]

ފުރަތަމަ ވާހަކަދެއްކި މީހާ ހިތް ހަމަޖެހުމުގެ ނޭވައެއް ލައިފައި ބުންޏެވެ. [އެންމެ ރަނގަޅެވެ. އެހެންވީމާ އަޅުގަނޑުމެން ވީހައިވެސް އަވަހަކަށް މިތަނުން ނުކުންނާނަމެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ވާނީ ރޭގަނޑެވެ. އެކަމަކު އެއްވެފައި ތިބި މީހުންގެ ފަރާތުން ބަޔަކު މިރޭ ގަނޑުވަރު ވަށައިގެން ފޯރިމަރަމުން އެބަ ގެންދެއެވެ. އެހެންވީމާ މާދަމާ ރެއަށް ތައްޔާރުވާނީއެވެ.]

އަބޫ ޢަބްދުﷲ މަޖިލިސް ނިންމައިލައިފިއެވެ. އެކަމަކު އިރުކޮޅަކު މަޑުކޮށްލާން ބޮޑު ވަޒީރު ގާތު ބުނެފިއެވެ. ކުޑަ އިރުކޮޅެއް ވާންދެން ކުރިމަގާމެދު އެކި ކަހަލަ ވާހަކަދައްކާން ދެ މީހުން ތިއްބެވެ.

ވާހަކަދައްކަމުން ގޮސް އަބޫ ޢަބްދުﷲ ބުނެފިއެވެ. [މިހައި ބޮޑު ގެއްލުމެއް ލިބުމާއެކުވެސް އަހަރެންގެ އަތުން ގެއްލިފައިވާ ތަޚުތާއި ތާޖު ހޯދައި ދިނުމަށްޓަކައި ފެރްނާންދޯ އަނެއްކާވެސް ހަނގުރާމައެއް ކޮށްފާނެ ކަން ޔަގީން ހެއްޔެވެ؟ ބަލިކަށި އެކުވެރިއަކަށްޓަކައި ހަނގުރާމަ ކުރުމުގެ ބަދަލުގައި އަހަރެންގެ ބޮޑުބޭބެއަކީ ބާރުގަދަ ދުޝްމިނެއް ކަމަށް ބަލައި މަސްލަހަތު އިސްކޮށް އެ ދިމާއަށް އަތް ދިއްކުރުމަކީ ނުވާނެ ކަމެއް ހެއްޔެވެ؟ މަސްލަހަތަށްޓަކައި ބައްޕައާއި ބޮޑުބޭބެއާއެކު ސުލްހަވެރިވުމުގެ އެދުމުގައި ފެރްނާންޑޯ އަހަރެމެން ދެމީހުން އެމީހުންނާ ހަވާލު ނުކުރާނެ ހެއްޔެވެ؟]

ވަޒީރު ވިސްނައިލައިފައި ބުންޏެވެ. [ތިޔަކަން އެނގޭނީ ކުރިމަގުގައި ހިނގާ ކަންތައްތަކަށް ބެލީމައެވެ. އަޅުގަނޑުމެން މި އަޅާ ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއްތޯ ނުވަތަ ނުބައި ފިޔަވަޅެއްތޯ ކަނޑައަޅަން އެނގޭނީ ކަން ހިނގާ ގޮތަކުންނެވެ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ކުރިމަގު ފެރްނާންދޯއާ ހަވާލުކޮށްގެން ނޫންތޯއެވެ؟ އެހެންވީމާ އޭނާގެ ގާތަށް ދިއުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ. އަބޫ ދާވޫދް އެތަނަށް ވަޑައިގެންފިއެވެ. އޭނާ ހުންނަވަނިކޮށް ފެރްނާންދޯ މަނިކުފާނުގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅާ ދިމާއަށް ސުލްޙައިގެ އަތްޕުޅު ދިއްކުރެއްވުން ވާނީ ބޮޑު މުއުޖިޒާތަކަށެވެ. ފިކުރުފުޅު ބޮޑު ނުކުރައްވާށެވެ. ބަލިވެވަޑައިގަތުމުގެ ބަދަލު ހިއްޕެވެންދެން ފެރްނާންދޯއަށް އަޅުގަނޑުމެންގެ ބޭނުންތެރިކަން ފިލައި ނުގޮސް އޮންނާނެއެވެ.]

އަލްޙަމްރާގެ ސަލާމަތީ ވެރިޔާ ކޮޓަރިއަށް ވަދެ ކުރުނީސް ކުރުމަށްފަހު ބުނެފިއެވެ. [އިރުމަތީ ސަރަހައްދުގެ ގަވަރުނަރު ޢިއްޒަތްތެރި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމުގެ އިޒުނަފުޅަކަށް އެދިވަޑައިގެން އެބަހުންނެވިއެވެ.]

އަބޫ ޢަބްދުﷲ ނުރުހުމުގެ ގޮތަކަށް ބަލައިލައިފައި ބުންޏެވެ. [އަހަރެން މިއިނީ ބޮޑު ވަޒީރާ ވާހަކަދައްކަން ކަމެއް ކަލެއަކަށް ނޭނގޭ ހެއްޔެވެ؟]

އޭނާ ބުންޏެވެ. [މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑު އޭނާ ގާތު އެތައް ފަހަރަކު ތިޔަހެން ދަންނަވައިފީމެވެ. އެކަމަކު އޭނާ ދުލެއް ނުދެއްވިއެވެ. އޭނާ އައީ ވަރަށް މުހިއްމު ޚަބަރަކާއިގެންނެވެ.]

ވަޒީރު އަހައިފިއެވެ. [އޭނާ އަލްޙަމްރާއަށް ވަނީ ކީއްކުރަން، ކިހިނެއް ހެއްޔެވެ؟]

އޭނާ ބުނެފިއެވެ. [މިއަދު ހަވީރު ޢިއްޒަތްތެރި ރަސްގެފާނު ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރީން ޢިއްޒަތްތެރި އަންހެން ބޭފުޅަކު ގަނޑުވަރަށް ވަޑައިގަތެވެ. އެއީ މާތްވެގެންވާ ރާނީ ކޮންމެ ވަގުތަކުވެސް އަލްޙަމްރާއަށް ވެދެވަޑައިގަތުމުގެ އިޒުނަފުޅު ދެއްވައިފައިވާ ބޭފުޅެކެވެ. އޭނާ ރާނީގެ އަރިހަށް ވަޑައިގަންނަވަނީ ކޮންމެވެސް މެސެޖަކާއިގެންނެވެ. އެ ބޭފުޅާ ދެންނެވި ވާހަކައަކާ ގުޅިގެން ގަވަރުނަރު ގަނޑުވަރަށް ގެންނާން އެންގެވީ ރާނީއެވެ.]

އަބޫ ޢަބްދުﷲ ސުވާލުކޮށްލިއެވެ. [ރާނީ އޭނާޔާ ބައްދަލުކޮށްފި ހެއްޔެވެ؟]

[އާދޭހެވެ. އޭނާ ޢިއްޒަތްތެރި ރަސްގެފާނުގެ އަރިހަށް ގެންނާން އެންގެވީ ރާނީއެވެ. އަދި މަނިކުފާނުގެ އިޒުނަފުޅަކަށް އެދި ދަންނަވާން އެންގެވީވެސް ރާނީއެވެ.]

އަބޫ ޢަބްދުﷲ އަނެއްކާވެސް ސުވާލުކުރިއެވެ. [މިހާރު އޭނާ ކޮބައިހެއްޔެވެ؟]

[ދޮރުކޮޅުމަތީގައި އެބަހުންނެވިއެވެ. އޭނާ ބޭނުންފުޅުވީ އަމީރުންނާ ބައްދަލު ކުރެއްވި ވަގުތު މަނިކުފާނުގެ ފައިންޕުޅު ދެކެވަޑައިގަންނަވާން ވަންނަވާށެވެ. އަޅުގަނޑަށް އޭނާ މައިތިރި ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [އޭނާ ގެނައި ޚަބަރަކީ ފެރްނާންދޯ ބަލިވީ ޚަބަރު ކަމުގައި ވަނީނަމަ އެ ޚަބަރުގެ ބޭނުމެއް އަހަންނަކަށް ނެތެވެ. އެހެންވީމާ އޭނާ ގެންނާނޭ ކަމެއް ނެތެވެ.]

[ޢިއްޒަތްތެރިރަސްގެފާނެވެ. މާތްވެގެންވާ ރާނީ ވިދާޅުވީ މަނިކުފާނުގެ ފައިންޕުޅު އޭނާއަށް ދެއްކެވުމަކީ ކޮންމެހެންވެސް ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައެވެ.]

[އަބޫ ޢަބްދުﷲ ބުންޏެވެ. [އެންމެ ރަނގަޅެވެ. އޭނާ ގެންނާށެވެ.]

ސަލާމަތީވެރިޔާ ކުރުނީސް ކޮށްފައި ނުކުމެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން އިސްކޮޅުން ދިގު، ރޫފަ ރަނގަޅު ޒުވާނަކު އެތެރެއަށް ވަދެއްޖެއެވެ. އޭނާގެ ނިތްކުރިވަނީ ފޮތިގަނޑަކުން އައްސައިފައެވެ. އަދި ވައަތްވެސް ވަނީ ކަރަށް އެއްލައިފައިވާ ފޮތިގަނޑަކާއެކު ބަނދެފައެވެ.

[ޢިއްޒަތެތްރި ރަސްގެފާނެވެ.] އޭނާ ކުރުނީސް ކޮށްފައި ބުނެފިއެވެ. [މަނިކުފާނު އަރާމުކުރައްވާ ވަގުތު މިތަނަށް އައުދެވުނީތީ ވަރަށް ބޮޑަށް މާފަށް އެދެމެވެ. އެކަމަކު މަނިކުފާނުގެ ފައިންޕުޅު ދެކިލުން ކޮންމެހެންވެސް ބޭނުން ކަމުގައި އަޅުގަނޑަށް ފެނުނީމާ އައީއެވެ.]

އަބޫ ޢަބްދުﷲ ބުނެފިއެވެ. [ކަލޭ ތިޔަހަރީ ޒަޚަމްވެފައެއް ނޫން ހެއްޔެވެ؟]

ގަވަރުނަރު ފަރުވާކުޑަ ގޮތަކަށް ބުނެފިއެވެ. [އަޅުގަނޑުގެ ޒަޚަމްތައް އެހައި ފުނެއް ނޫނެވެ. އަޅުގަނޑު މި އައީ ވަރަށް ހިތާމަވެރި ޚަބަރަކާއިގެންނެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [ކަލޭ ތިޔަ އައީ އަހަރެންގެ ބޮޑުބޭބެ ގްރަނާދާއަށް ހަމަލަދޭން އުޅޭ ޚަބަރާއިގެން ކަމުގައި ވަނީނަމަ ނުވަތަ ފެރްނާންދޯގެ ލަޝްކަރު މައިދާން ދޫކޮށް ފިލައިގެން ހިނގައްޖެ ކަމުގެ ޚަބަރު ދޭން ކަމުގައި ވަނީނަމަ އެ ހުރިހައި ކަމެއް އަހަންނަށް ވަނީ އެނގިފައެވެ.]

[ޢިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑު މި އައީ އަޅުގަނޑުގެ ސަރަހައްދުގެ ޚަބަރަކާއިގެންނެވެ.]

[އެ މީހުން ބަޣާވާތްކުރީ ދޯއެވެ؟ ތިޔައީ އަހަރެން ޝައުގުވެރިވާ ޚަބަރެއް ނޫނެވެ. ކަލޭގެ ސަރަހައްދުގެ މީހުން ގޮވަމުން ގެންދާ ގޮވެލިފަތި މި ރަށުގެ ބާޣީންގެ ގޮވެލިފައްޗަކަށްވުރެ ވަކީން ނުބައެއް ނުވާނެއެވެ.]

[ނޫނެކެވެ. އަޅުގަނޑު މި އައީ ބާޣީންގެ މަންދޫބެއްގެ ގޮތުގައެއް ނޫނެވެ. އަޅުގަނޑު އައީ އަނިޔާ ލިބެމުންދާ ރައްޔިތުންގެ ހާލަތު މަނިކުފާނަށް ދެންނެވުމުގެ ބޭނުމުގައެވެ. ބަލިވެގެން ފިލަން ދުއްވައިގަތް ކްރިސްޓިއަނުން ގެންދަނީ ސަރަހައްދީ އިމުގައި ބަދަލު ހިފުމުގެ އަނިޔާވެރި ވަހުޝީ އަމަލުތައް ހިންގަމުންނެވެ. އެބައިމީހުން އަޅުގަނޑުމެންގެ ފަނަރަ އަވަށުގައި ރޯކޮށް އަންދައިލައިފިއެވެ. މުދާ ފޭރުމުގެ އިތުރަށް އަޅުގަނޑުމެންގެ ޅަ އަންހެންދަރީންގެ ސާޅީހަކަށް ކުދިން އަސީރުކޮށްގެން ގެންގޮސްފިއެވެ. ސަރަހައްދުގެ އަނެއް ފަރާތުގެ ފާރަޖަގަހަ ތަކުގައި ތިބި ވަރަށް ގިނަ ކްރިސްޓިއަން ސިފައިންވެސް އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެއްޖެއެވެ. އަޅުގަނޑުގެ ބާރުގެ ދަށުގައި ތިބީ މުޅި ޖުމުލަ ފަސް ސަތޭކަ ސިފައިންނެވެ. އޭގެ ތެރެއިން ތިން ސަތޭކަޔާ ގާތްކުރާ ޢަދަދަކަށް ސިފައިން ޝަހީދުވެއްޖެއެވެ. ހަމަލާދޭ މީހުންގެ ޢަދަދު ދަނީ ގިނަވަމުންނެވެ. އެމީހުން ކުޑަކުއްޖަކަށް، އަންހެނަކަށް ނުބަލައެވެ. އަތު ޖެހުނު މީހަކު ކަތިލަމުން ދަނީއެވެ. އެމީހުން އެ ތިބީ އިއުލާނު ނުކޮށް އަޅުގަނޑުމެންނާ ހަނގުރާމަ ފަށައިގެންނެވެ. ސަރަހައްދުގެ އަވަށްތައް ހުސްވަނީއެވެ. އަޅުގަނޑުމެން ވީހައިވެސް އަވަހަކަށް މި ލޫޓުމާރު ކުރުމާއި ގަތުލުޢާއްމު ނުހުއްޓުވައިފިއްޔާ ދެތިން ދުވަހެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްފައި ގްރަނާދާއަށް އަތުވެދާނެއެވެ.]

އަބޫ ޢަބްދުﷲ އަހައިފިއެވެ. [ތިޔަ ހާލަތުގައި އަހަރެންގެ ފަރާތުން ބޭނުން ވެގެން އުޅޭ ކަމަކީ ކޮބައި ހެއްޔެވެ؟]

ޒުވާނާ ޖޯޝާއެކު ބުނެލިއެވެ. [އަޅުގަނޑު އަމިއްލައަށް ދަންނަވާނޭ ވަކި ގޮތެއް، ވަކި ކަމެއް ނެތެވެ. އަޅުގަނޑު މި އައީ ގައުމުގެ މަޒުލޫމު އަންހެނުންނާއި ޅަދަރިންގެ އަޑު ޢިއްޒަތްތެރި ރަސްގެފާނުގެ ކަންފަތްޕުޅާ ހަމައަށް ފޯރުކޮށްދޭށެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ލޫޓުވެމުން ދަނީއެވެ. އެމީހުންގެ ކުރިމަތީގައި އެ މީހުންގެ ޅަދަރިން މަރަމުން ދަނީއެވެ. ޢިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުގެ ރައުޔު ގަބޫލުފުޅު ކުރައްވާނޭ ނަމަ އޮތް ގޮތަކީ އެ އަނިޔާވެރިންނާ ދެކޮޅަށް ހަމަ މި ވަގުތު ހަނގުރާމަ އިއުލާނު ކުރެއްވުމެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [މި ވަގުތު އަހަރެމެން ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ  ދެކޮޅުވެރިންގެ ޖަމާޢަތްތައް އަލްޙަމްރާއާ ދުރަށް ޖެއްސުމުގެ މަސައްކަތެވެ. އަހަރެމެންނަށް ކުރިމަތިވެފައިވާ ދަތިތައް ކަލެއަށް އިހުސާސް ނުކުރެވޭނަމަ އަމިއްލައަށް ގޮސް މި ގަނޑުވަރުގެ ދޮރުކޮޅު މައްޗަށް އެއްވަމުންދާ މީހުން ބަލައިލާށެވެ.]

[އަޅުގަނޑު ތިޔަ މަންޒަރު ދެކެފީމެވެ. މި ހިސާބަށްވެސް އެމީހުންގެ އަޑު އެބަ ފޯރައެވެ. އެމީހުން އެއް އަޑަކުން ގޮވަމުން ގެންދަނީ ކްރިސްޓިއަނުންނަކީ އެމީހުންގެ ދުޝްމިނުން ކަމުގައެވެ. ކްރިސްޓިއަނުން ވަނީ ހިސްޕޭނިއާގައި އިސްލާމުންނަށް ދިރިއުޅޭން ދަތިވާވަރު ކޮށްފައެވެ. މިހާރު މިސްރާބު ޖަހައިފައި ވަނީ ގްރަނާދާއާ ދިމާއަށެވެ. އެމީހުން ގޮވާ ގޮވުމަކީ މިއީއެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [ކަލޭގެ ކަންފަތް ވަރަށް ތޫނެވެ. އެކަމަކު އަބޫ ޢަބްދުﷲއަކީ ޣައްދާރެކޭ، އަލްޙަމްރާ ކުދިކުދި ކޮށްލާނަމޭ ގޮވާ އަޑެއް ކަލެއަކަށް ނީވެއެއް ނޫން ހެއްޔެވެ؟]

ޒުވާން ގަވަރުނަރު ބުންޏެވެ. [ތިޔަ ހުރިހައި އަޑެއް އަޅުގަނޑު އަހައިފީމެވެ. އެކަމަކު އެއީ އަޅުގަނޑުމެންގެ މީހުންނެވެ. އެ މީހުން ދެކޭ ގޮތުގައި މަނިކުފާނަކީ އެ މީހުންގެ މުހާފިޒެވެ. ފާރަވެރިޔާއެވެ. އެ މީހުން އެދި ގޮވަނީ އަންނާން އޮތް ނުރައްކަލާ ކުރިމަތިލުމުގައި އެ މީހުންގެ ރަސްގެފާނު އެ މީހުންގެ ލީޑަރަކަށް ވެވަޑައިގަންނަވާށެވެ. މަނިކުފާނަކީ ދެކޮޅުވެރިއެއް ކަމުގައި އެ މީހުން ދެކޭ ނަމަ މި ގަނޑުވަރުގެ ދޮރުކޮޅު މައްޗަކަށް އެ ގޮތަކަށް އެކެއް ނުވީހެވެ. އެ މީހުން އެ ތިބީ ރުޅި އައިސްފައެވެ. ދެކޮޅުވެރި ރޫޙެއްގައެވެ. އެކަމަކު މަނުިކުފާނުގެ ދެތިން ބަސްފުޅަކުން އެމީހުންގެ ދެކޮޅުވެރިކަމުގެ ރޫޙު ފިނިވެގެން ހިގައިދާނެއެވެ. ހަމައެކަނި މިޔެއް ނޫނެވެ. މަނިކުފާނަށް އެ މީހުންގެ ޖޯޝާއި ފޯރީގެ މިސްރާބު އެހެން ދިމާއަކަށް އަނބުރުއްވައިވެސް ލެއްވިދާނެއެވެ. ސަރަހައްދީ ތަންތާނގައި އެމީހުންގެ އަޚުންނަށް ޖެހިފައިވާ މުސީބާތަކީ ކޮބައިކަން އެ މީހުންނަށް އެނގިފައި މަނިކުފާނު ކްރިސްޓިއަން އަނިޔާވެރިންނަށް އެބައި މީހުންގެ އަނިޔާވެރިކަމުގެ އަދަބު ދެއްވާން ބޭނުންފުޅު ކަމަށް ވިދާޅުވުމާއެކު އެއިން ކޮންމެ މީހަކުމެ މަނިކުފާނުގެ ދިދަކޮޅުގެ ދަށުގައި ހަނގުރާމަކޮށް ޝަހީދުވާން ތައްޔާރު ވެގެންފާނެއެވެ. އެހެން ނޫނީ…]

ގަވަރުނަރު ކުޑަކޮށް ޖެހިލުންވީތަން ފެނުނީމާ އަބޫ ޢަބްދުﷲ އަހައިފިއެވެ. [އެހެން ނޫނީ ކީކޭ ހެއްޔެވެ؟]

ގަވަރުނަރު ބުންޏެވެ. [އެހެން ނޫނީ އެބައިމީހުންގެ އަމިއްލަ ކުރިމަގު އައްޒަޣަލާ ހަވާލުކުރުން ނުބައި ކަމަކަށް ނުވާނެއެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [ އެ މީހުން މިހާރުވެސް އެ ތިބީ އެ މީހުންގެ ކުރިމަގު އައްޒަޣަލާ ހަވާލުކޮށްގެންނެވެ.]

[އެކަމަކު ސަރައްދީ އަވަށްތަކުގައި ކްރިސްޓިއަނުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުން އިސްލާމުންނާ މެދު އެ މީހުންގެ ނިޔަތް އޮތް ގޮތް ވަރަށް ސާފުކޮށް އެނގެއެވެ. އެހެންވީމާ މި ދަނޑިވަޅުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ހަމަލަދެމުންދާ ކްރިސްޓިއަނުންނާ ދެކޮޅަށް ހަނގުރާމަ ފަށްޓާން މަނިކުފާނު ލަޝްކަރަށް އަންގަވައިފިނަމަ އެއިން ކޮންމެ ސިފައިންގެ މީހަކަށް ގްރަނާދާގެ އާއްމުންގެ ދިހަ ފަހުލަވާނުން ނުކުންނަތަން ފެނިވަޑައިގަންނަވާނެއެވެ. މިކަން ކުރައްވައިފިނަމަ ވެގެން ދާނީ މީގެ ކުރީން އަޅުގަނޑުމެން ކުޅަ ހުރިހައި ނުބައި ކަމެއްގެ ކައްފާރާއަކަށެވެ. މަނިކުފާނުގެ ބޮޑުބޭބޭފުޅުވެސް މާޒީގެ ކުރިހައި ދެކޮޅުވެރިކަމެއް ހަނދުމަފުޅު ނައްތަވައިލައްވާނޭކަން އަޅުގަނޑަށް ޔަގީނެވެ.]

އެ ވާހަކަތަކުން އަބޫ ޢަބްދުﷲއަށް އަސަރު ކުރަމުންދާތަން ފެނުނީމާ ވަޒީރު ކުއްލިއަކަށް ބުނެފިއެވެ. [މާތް ވެގެންވާ ރަސްގެފާނުގެ އެއްވެސް އަމަލުފުޅަކީ ނުބައި ކަމެއް ކަމަށް ބުނުމަކީ ކުށެކެވެ. ކަލޭ ތިޔައީ ލަޝްކަރުގެ ޒިންމާދާރު އޮފުސަރެކެވެ.]

[ތިޔަ ވިދާޅުވާ ޒިންމާގެ އިހުސާސް ނުކުރެވޭނަމަ އަޅުގަނޑު މި ދެއްކި ވާހަކަތައް ދެއްކުނީސް ހެންނެއް ހިއެއް ނުވެއެވެ.]

އަބޫ ޢަބްދުﷲ ބުންޏެވެ. [މި ވަގުތު އަހަންނަކަށް ކަންތައް ކުރާނޭ ވަކި ގޮތެއް ނުނިންމޭނެއެވެ. ކަލޭ ގޮސް އަރާމު ކުރާށެވެ.]

ގަވަރުނަރު ބުންޏެވެ. [ޢިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑު ބޭނުން ވަނީ ހަމަ މި ވަގުތު ސަރަހައްދަށް ދާށެވެ. މިހާރު އަޅުގަނޑުމެންގެ އެތައް އަވަށެއް ސުންނާފަތިވެގެން ހިނގައިދާނެއެވެ. އިރުއަރާން ވާއިރަށް މަނިކުފާނަށް ވަކި ގޮތެއް ކަނޑަނޭޅުއްވިއްޖެނަމަ އެންމެ ކުޑަމިނުން އަޅުގަނޑަށް ފަސް ސަތޭކަ ސިފައިން ދެއްވާށެވެ. އެހައިތަނަށް އަޅުގަނޑު ރައްޔިތުންގެ ތެރެއިން ދެ ހާހެއްހައި މީހުން ތައްޔާރު ކުރާނަމެވެ. މަނިކުފާނު ހުންނެވީ ކްރިސްޓިއަނުންގެ އަނިޔާވެރިކަން ބަރުދާސް ކުރައްވާން ތައްޔާރަށް ނޫންކަން އެނގުން ވަރަށް މުހިއްމެވެ.]

ވަޒީރު ބުންޏެވެ. [އަހަރެމެން މިތިބީ ފެރްނާންދޯއާއެކު އެކުވެރިކަމުގެ މުއާހަދާއެއް ކޮށްގެންނެވެ.]

[ތިޔަކަން އޮތީ ތިޔަހެންކަން ނޭނގޭނަމަ ރަސްގެފާނަށް ނުދަންނަވައިވެސް އަޅުގަނޑު ދެ ހާހެއްހައި މީހުންގެ ލަޝްކަރެއް ތައްޔާރުކޮށްގެން ހިނގައްޖައީމުހެވެ.]

[އަހަރެމެން އިހުތިޖާޖު ކުރުމުގެ ގޮތުން ފަތިހު ފެރްނާންދޯގެ އަރިހަށް މަންދޫބަކު ފޮނުވާނަމެވެ. ސަރަހައްދަށް ކްރިސްޓިއަނުން ހަމަލަދިނީ އެ މަނިކުފާނަށް އެނގިވަޑައިގެން ނޫންކަން އަހަންނަށް ޔަގީނެވެ. އެއީ އެ މަނިކުފާނު ރުހިވަޑައިގަންނަވާނޭ ކަމެއް ނޫނެވެ.]

ގަވަރުނަރު ބުންޏެވެ. [ބަކަރިއެއްގެ އިހުތިޖާޖަކުން ހިޔަޅެއްގެ ޚަސީލަތެއް ބަދަލެއް ނުވާނެއެވެ.]

އަބޫ ޢަބްދުﷲ ނުރުހުންވެފައި ބުނެލިއެވެ. [މި ތަނުން ނުކުމެގެން ދާށެވެ. ކަލޭގެ ލަފައަކަށް ބޭނުން ވެއްޖެއްޔާ އަހަރެން ކަލޭ ގެނުވައިފާނަމެވެ. މި ވަގުތު އަހަރެން ބޭނުން ވަނީ އަރާމު ކޮށްލާށެވެ.]

[އެހެންވީމާ ޢިއްޒަތްތެރި ރަސްގެފާނުގެ އަމުރުފުޅަކީ އަޅުގަނޑުމެންގެ އާރެއް ބާރެއް ނެތް ރައްޔިތުން ހާލުގައި ޖެހޭން ދޫކޮށްލުން ކަމުގައި ބަލަންވީތޯއެވެ؟]

އަބޫ ޢަބްދުﷲ ރުންކުރުކަމާއެކު ބުންޏެވެ. [އަހަރެން އަދި އެއްވެސް އަމުރެއް ނުކުރަމެވެ. އިރުއަރަންދެން އިންތިޒާރު ކުރާށެވެ. މާދަމަޔާ ހަމައަށް ކަލެއަކީ އަހަރެންގެ މެހުމާނެކެވެ.]

އެޔަށް ފަހު އަތްތިލަބަޑިއެއް ޖަހައިލީމާ ސަލާމަތީ ވެރިޔާ އެތެރެއަށް ވަދެއްޖެއެވެ. [މީނާ ގެންގޮސް މެހުމާންސަރާއަށް ލާށެވެ.]

ގަވަރުނަރު ކަންބޮޑުވުމާއި ހިތާމަ އެކުލެވޭ ނަޒަރަކުން ރަސްގެފާނާއި ވަޒީރާ ދިމާއަށް ބަލައިލައިފައި އަނގައިންވެސް ނުބުނެ ނުކުމެގެން ހިނގައްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.