ރަޙްމަތުގެ ނަބިއްޔާގެ ވާހަކަ – 13

(11 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބިންމަތީގައި ނަންފުޅަކީ محــمّــــد އެވެ.

عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ހަތްދުވަސްފުޅުވީ ދުވަހު ޢަޤީޤާ ކަތިލައްވައި ޤުރައިޝުންނަށް ދަޢުވަތުދެއްވިއެވެ. ޢަޤީޤާ ކަތިލުމަކީ އިބްރާހީމީ ސުންނަތްތަކުގެ ތެރެއިން އޭރުވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ނުގޮސް އޮތް ކަމެކެވެ. عــبـــدالمـطَّــلِــب ގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ނަންދެއްވީ محــمّــــد ގެ ނަމުންނެވެ. އެ ނަންފުޅަކީ ޤުރައިޝުންގެ ނަންކިޔުމުގެ އާދަޔާ ޚިލާފު ނަންފުޅެކެވެ. އެހެންކަމުން ޤުރައިޝުން އެކަމާ ސުވާލުކުރިއެވެ. عــبـــدالمـطَّــلِــب ގެފާނު ޖަވާބުދެއްވިއެވެ. "އަހަރެން އެދެނީ އުޑުގައި މާތް اللّــــه އަހަރެންގެ މިދަރިކަލުންނަށް ތާރީފުކުރެއްވުމެވެ. ބިންމަތީގައި ޚަލްޤުތަކުން މި ދަރިފުޅަށް މާތްކޮށްހިތައި ސަނާކިޔުމެވެ."

ســيّـــدة آمـــنـــــة ވިދާޅުވާގޮތުގައި އެކަމަނާގެ ދަރިކަލުންގެ ނަންފުޅެއްކަމުގައި ހުވަފެންފުޅުގައި ބިޝާރަތު ލިބިވަޑައިގެންފައިވަނީ أحمـــد އެވެ. އެ ބިޝާރަތު ލިބިވަޑައިގެންނެވީ هـــاجـــــــر އަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ إسمـــــاعـــيــــل ކަމުގައި އިލްހާމްކުރެއްވި ފަރާތްޕުޅުންނެވެ. مــــــريـــــــم ގެފާނަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ عيسـى ކަމުގައި ބިޝާރަތު ލިބިވަޑައިގެންނެވި މަސްދަރުންނެވެ. محــمّــــد އާއި أحمـــد އަކީ މާނައިގެގޮތުން ވަރަށް ކައިރި ދެނަމެވެ. ދާދި އެއްމާނައެއްގެ ދެނަމެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީޘްކުރައްވައިފައިވެއެވެ. "އުޑުގައި އަހުރެންގެ ނަމަކީ أحمـــد އެވެ. ބިމުގައި محــمّــــد އެވެ."

ކިރުފޮދު ހިއްޕެވުން

ســيّـــدة آمـــنـــــة އެކަމަނާގެ ދަރިކަލުންނަށް ކިރުފޮދު އެރުއްވީ ހަތްދުވަހުއެވެ. މައްކާގެ އަޝްރާފުންގެ އާދަޔަކީ ކުދީންގެ އުމުރުން ހަތްދުވަސްވުމުން އެކުދީން ކިރުމައިންނާ ހަވާލުކުރުމެވެ. ކައުސާހިބާގެ އުމުރުފުޅުން ހަތްދުވަސްފުޅުވުމުން އިތުރު ސާހިބާ ހަވާލުކުރެވުނީ ކިރުމައިކަނބަލަކާއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ދެވަނަޔަށް ކިރުފޮދު އެރުއްވި ބޭކަނބަލަކީ ثــــويــبـــــة الأسـلـمـيّــــة އެވެ. ثــــويــبـــــة ހަފުތާތަކެއްވަންދެން އިތުރު ސާހިބާއަށް ކިރުފޮދު އެރުއްވިއެވެ. އާޔާއެއްގެ ހައިސިއްޔަތުން އެދަރިކަލުން ބެލެހެއްޓެވީ އެކަމަނާއެވެ. ثــــويــبـــــة ވަނީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުބޭބޭފުޅު حــمــــــزة رضـــــى اللّــــه عــنــــه އަށްވެސް ކިރުފޮދު އަރުއްވައިފައެވެ. އިތުރު ސާހިބާގެ ބޮޑުދައިތާފުޅު أمـيـمــة ގެ ދަރިކަލުން عــبـــد اللّــــه بـــن جـحــش رضـــــى اللّــــه عــنــــه އަށާއި އިތުރު ސާހިބާގެ ބޮޑުދައިތާފުޅު بـــــرّة ގެ ދަރިކަލުން عــبـــد اللّــــه بـــن عــبـــدالأســــــد رضـــــى اللّــــه عــنــــه އަށްވެސް ކިރުފޮދު އަރުއްވައިފައެވެ.

ރަޙުމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިރުމައިކަނބަލުން އައްސައްޔިދާ ޙަލީމަތުއް ސަޢުދިއްޔާއާ އެކަމަނާގެ ވަންހައިގެ މީހުން ދިރިއުޅުނު ސަރަޙައްދު __ ޙުދައިބިއްޔާގެ ކައިރި ( އެޓްލަސް ސީރަތެ ނަބަވީ. ޑރ. ޝައުޤީ އަބޫޚަލީލު )

ثــــويــبـــــة އަކީ އިތުރު ސާހިބާގެ ބޮޑުބޭބޭފުޅެއްކަމުގައިވާ أبــــو لـــهـب ގެ އަޅެކެވެ. ބަޔެއް ރިވާޔަތްތަކުގައިވާގޮތުން أبــــو لـــهـب ވަނީ އެކަމަނާ މިނިވަންކުރައްވައިފައެވެ. آمـــنـــــة ގެފާނު އިތުރު ސާހިބާ ރައްކައުވިރޭ އެ އުފާވެރިކަމުގެ ޚަބަރާއިގެން أبــــو لـــهـب ގެ އަރިހަށް ދިޔުމުންނެވެ. ނަމަވެސް އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން أبــــو لـــهـب އެކަމަނާ މިނިވަނެއް ނުކުރައްވައެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أمّ المــؤمــنـــيـــن السّــيّــدة خــــديجــــــة رضــــــى اللّــــه عـــنـــهــــا އާ ކާވެނިބައްލަވައިގެންނެވުމުން خــــديجــــــة ގެފާނު ثــــويــبـــــة މުކާތިބު އަޅަކަށް ހަދައިދިނުން އެދިވަޑައިގެން أبــــو لـــهـب ގެ އަރިހުން އެކަން އެދިވަޑައިގެންނެވިއެވެ. أبــــو لـــهـب ހުށަހަޅުއްވާ ކޮންމެ އަގެއް ދެއްވާގޮތަށެވެ. އެކަމަކު أبــــو لـــهـب އެކަން ގަބޫލެއް ނުކުރެއްވިއެވެ.

ކޮންމެއަކަސް ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަމަނާ ދުނިޔޭގައި އިންނެވިހައި ދުވަހު އެކަމަނާއަށް ކަމޭހިއްތެވިއެވެ. ޚިދުމަތްކުރެއްވިއެވެ. އިތުރު ސާހިބާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާއިންވެސް އެކަމަނާއަށް ފައިސާއާއި ހެދުންކޮޅާއި އެހެނިހެން ތަކެތި ހަދިޔާއަށް ފޮނުއްވަމުން ގެންދެވިއެވެ. ثــــويــبـــــة އަވަހާރަވީ ހިޖުރައިން ހަތްވަނަ އަހަރުއެވެ. އިތުރު ސާހިބާ އެކަމަނާ އަވަހާރަވުމުން އެކަމަނާގެ ދަރިކަލުން مســــروق ކޮބައިތޯވެސް ބެއްލެވިއެވެ. އޭނާއަށް އެހީފުޅުވެވަޑައިގެންދެއްވުމަށްޓަކައެވެ. އެކަމަކު އޭރު مســــروق ވެސް ވަނީ އަވަހާރަވެފައެވެ. ثــــويــبـــــة އިސްލާމްވެވަޑައިގެންނެވިކަމާމެދުވެސް މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ކޮންމެއަކަސް ޖުމްހޫރުންގެ އަރިހުގައި ރާޖިޙު ބަހަކީ އެކަމަނާ އިސްލާމްވެވަޑައިގެންނެވި ކަމުގައި ބުނެވޭ ބަހެވެ.

މައްކާގެ އަޝްރާފުންގެ ބޭފުޅުގެ ނާސަރީ

އެދުވަސްވަރު މައްކާއަކީ ވިޔަފާރީގެ ރަށެކެވެ. އަޙާބީޝުންގެ އަވަށެއްވެސް މައްކާގައި އޮތެވެ. އަނެއްކާ އަޅުންގެވެސް ގިނަބަޔަކު މައްކާގައި ދިރިއުޅެމުން ގެންދެއެވެ. އެހެނިހެން ރަށްރަށުންވެސް ގިނައަދަދެއްގެ މީހުން މައްކާއަށް ވިޔަފާރިކަމު އައިސްގޮސް އުޅެއެވެ. މައްކާގައި ޢަރަބިބަސް ފިޔަވައި އެހެނިހެން ބަސްބަސްވެސް މޮށެކިޔާން ބޭނުންކުރެވެއެވެ. އެހެންކަމުން އެޒަމާނުގެ ނިސްބަތުން މައްކާއަކީ މެޓްރޮޕޮލިޓެން ސިޓީއެކޭ ދަންނަވާނެ ޖާގަ އެބައޮތެވެ. ނަތީޖާއެއްގެ ގޮތުން މައްކާގައި ބޭނުންކުރާ ޢަރަބިބަހާ އެހެނިހެން ބަސްބަހާ ވަނީ ކޮންމެވެސްވަރަކަށް މަސްހުނިވާން ފަށައިފައެވެ. އަނެއްކޮޅުން ޢަރައްބެއްގެ އެންމެބޮޑު ޝަރަފަކީ އޭނާގެ ބަހަކީ ޚާލިޞް ޢަރަބިބަސް ކަމުގައިވުމެވެ. ޢަރަބީންނަކީ އެބައިމީހުންގެ ބަސްވާރުކަމާމެދު ފަޚުރުވެރިވާ ބަޔެކެވެ. އެމީހުން ޢަރަބީން ފިޔަވައި އެހެން ކޮންމެ މީހަކާމެދު ބުނަނީ ޢަޖަމީއެއް ކަމުގައެވެ. މަންމަނެއް ކަމުގައެވެ. އެހެންކަމުން ޤުރައިޝުންގެ އެންމެންވެސް އެންމެބޮޑަށް ސަމާލުކަންދޭ އެއްކަމަކީ، ތިމާގެ ދަރިފުޅަކީ ޚާލިޞް ޢަރަބިބަހުން ވާހަކަދައްކާ ބަސްތައް ފޮނި ބަސްވާރަކަށް ހެދުމެވެ. ޤުރައިޝުން އެކަމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމާ ވިދިގެން އެމާތް ސާހިބާގެ ކާފާފުޅު އެކަލޭގެފާނު އުރުވަޑުއްވައިގެން ގެފުޅުގެ ތެރޭގައި ހުންނަވައި ކުރެއްވި ދުޢާފުޅުގައިވެސް ވަނީ އެމާތް ސާހިބާއަކީ ކުޅަދާނަފުޅު ބަސްވާރެއް ކަމުގައްޔާއި ދޫފުޅުފަސޭހަ ބަސްމޮށުންތެރިޔަކު ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. އެކަމުންވެސް އެނގެނީ އެޒަމާނުގެ ޢަރަބީންގެ ތެރޭގައި ބަހަށް ކުޅަދާނަވުމަކީ ކިހައި މުހިންމު ކަމެއްކަމެވެ.

އެދުވަސްވަރު މައްކާއަކު ސްކޫލެއް ނުހުރެއެވެ. އެއްވެސް ބާވަތެއްގެ ފަންނެއް އުނގަންނައިދޭ މަރުކަޒެއްވެސް ނުހުރެއެވެ. އެހެންކަމުން މައްކާގެ އަމީރުން އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ބޮޑުކުރުވަނީ ބާދިޔަތުގައެވެ. ބަދަވީ ޤަބީލާތަކުގެ ތެރޭގައެވެ. އެބޭފުޅުންގެ ބަހަކީ މަސްހުނިވުމެއްނެތް ޚާލިޞް ޢަރަބިބަސް ކަމުގައި ހެއްދެވުމަށްޓަކައެވެ. ޖަމަލަށް ސަވާރުވެވަޑައިގަތުމާއި އަސްދުއްވެވުމާއި ހުސިޔާރުކަމާއި ކެރުމާއި މިނޫންވެސް ޢަރަބިވަންތަ ސިފަތައް އަށަގެންނެވުމަށްޓަކައެވެ.

ބަދަވީ އަންހެނުން ކޮންމެ އަހަރަކުވެސް ކިރުދޭނެކުދީން ހޯދާން މައްކާއަށް އާދެއެވެ. އެބައިމީހުން ޤުރައިޝްވަންހައިން ކިރުދޭނެ ކުދީން ހޯދައިގެން ގެންދަނީ ބާދިޔަތަށެވެ. އެކުދީންގެ އުމުރުން ގާތްގަނޑަކަށް ހައަހަރު ހަތްއަހަރު ވަންދެން ބާދިޔަތުގައި އެކުދީން ގެންގުޅެއެވެ. އެބައިމީހުންގެ ދަރީންނާއެކުގައެވެ. ދޭތެރެދޭތެރެއިން މައްކާއަށް އެކުދީންގެ މައިންބަފައިންގެ ގާތަށް ގެނެއެވެ. އެބައިމީހުންގެ އަތުން އިނާމާއި ހަދިޔާ ހޯދައިގެން އަނެއްކާވެސް އެކުދީން ގޮވައިގެން ދަނީ ބާދިޔަތަށެވެ. ސަހަރާތަކުގައްޔާއި ޖަންގަލިތަކުގައި ދިރިއުޅޭ ބަދަވީންގެ ފޭލިގެތަކުގެ އަވަށްއަވަށަކީ މައްކާގެ އަޝްރާފުންގެ ތުއްޕުޅު ބޭފުޅުންގެ ނާސަރީއެވެ. އެބޭފުޅުންގެ ފަށާތަޢުލީމުގެ މަދަރުސާއެވެ. އެބޭފުޅުން އެމާޙައުލުން ޢަރަބިބަސް އުނގެނިވަޑައިގަންނަވައެވެ. ސަހަރާވީ ދިރިއުޅުމުގެ އަދަބު އަޚްލާޤު ދަސްފުޅު ކުރައްވައެވެ. ބަދަވީ ޤަބީލާތަކުގެ ތެރެއިން ބަޔެއް ޤަބީލާތަކަކީ ކުދީން ތަރުބިޔަތުކުރަން ޚާއްޞަގޮތެއްގައި މަޝްހޫރުވެފައިވާ ޤަބީލާތަކެވެ. އެފަދަ މަޝްހޫރު އެއް ޤަބީލާއަކީ މައްކާގެ އިރުދެކުނުގައި ދިރިއުޅުނު سـعــد بــــن بــكــــــر ވަންހައެވެ. އެ ވަންހަޔަކީ ހަވާޒިނުވަންހައިގެ ގޮތްޕެކެވެ. ޢަރަބިބަހަށް ކުޅަދާނަވުމުގެގޮތުންވެސް މަޝްހޫރު ވަންހައެކެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކިރުފޮދު ހިއްޕަވާން އުޅުއްވީ އެ ވަންހައިގެ ތެރޭގައެވެ. އިތުރު ސާހިބާ އެއްފަހަރަކު ޙަދީޘްކުރެއްވިއެވެ. "އަހުރެންނަކީ ތިޔަބައިމީހުންކުރެ އެންމެބޮޑަށް ޢަރަބިބަސް ދަންނަ މީހާއެވެ. އެހެނީ އަހަންނަކީ ޤުރައިޝަކީމެވެ. އަހުރެން ކިރުބުއިމުގެ އުމުރު ހޭދަކުރީ سـعــد بــــن بــكــــــر ވަންހައިގެ މީހުންގެ ތެރޭގައެވެ."

މިދެންނެވި ގޮތުގެމަތީން ޤުރައިޝުންގެ އެންމެ ކުރިޔަށްތިއްބަވާ ބޮޑުންގެ ބޭފުޅުން ތަރުބިޔަތުވެވަޑައިގަންނަވަމުން ވަޑައިގަތީ سـعــد بــــن بــكــــــر ވަންހައިގެ މީހުންގެ ތެރޭގައެވެ. ޤުރައިޝްވަންހައިގެ ބޮޑުން އެބޭފުޅުންގެ ބޭފުޅުން ބަދަވީންގެ ނާސަރީއަށް ފޮނުއްވަމުން ގެންދެވުމުގެ ބަޔެއް އެހެނިހެން ސަބަބުތައްވެސް ހުއްޓެވެ. އެއް ސަބަބަކީ އެދުވަސްވަރު ސަހަރުތަކުގައި ޢާންމުގޮތެއްގައި ގިނަގިނައިން ވަބާއީ ބަލިތައް ފެތުރުމެވެ. أبـــــرهـــــــة މައްކާއަށް ދެއްވި ޙަމަލަޔަށްފަހު މައްކާގައި ދޭތެރެ ދޭތެރެއިން ކަށިވިދުރިއާއި ހިމަބިހިވެސް ހިލިގަންނަގޮތް ދިމާވެއެވެ. ސަހަރުތަކަށްވުރެ ބާދިޔަތުގައި ވައިފެން ރަނގަޅެވެ. އެހެންކަމުން ޢާންމުކޮށް ވަބާއީ ބަލިތަކެއް ނުއުޅެއެވެ. ހާމަ ވައިގެ ތެރޭގައި ޤުދުރަތީ މާޙައުލުގައި ކުދީން މާއަވަހަށް ހެދިބޮޑުވެއެވެ. ކުދީންގެ ކިބައިގައި ކެރުމާއި ހުސިޔާރުކަން އުފެދެއެވެ. ޤުރައިޝުންގެ ކާބަފައިންނަކީ ސަހަރާވީ ބަދަވީންނެވެ. ބާދިޔަތުގައި ޙާކިމެއް ރައްޔިތެއްގެ ފަރަގެއް ނުހުރެއެވެ. އޮންނަނީ މިނިވަންކަމެވެ. ހަމަހަމަކަމެވެ. ޢަރަބީންނަކީ ޝަޚުޞީ މިނިވަންކަމަށް ޤަދަރުކުރާ ބަޔެކެވެ. ކުޑަކުދީން މިނިވަން ބަދަވީ ޤަބީލާތަކުގައި ބޮޑެތިވުމުން މިނިވަން މުޖުތަމަޢުގެ ހޭޑިފޭޑިއާއި އަދަބުސަދަބު ދަސްވެއެވެ. ކާބަފައިންގެ ޝަޚުޞިއްޔަތު އެކުދީންގެ ކިބައިގައި އާލާވެއެވެ.

ޢަރަބި ބާދިޔަތުގެ މަންޒަރެއް. ރަޙުމަތުގެ ނަބިއްޔާޞައްލަﷲ ޢަލައިހި ވަސައްލަމަ ކިރުފޮދު ހިއްޕަވާން ހުންނެވީ މިފަދަ ބާދިޔަތެއްގައި.( ފޮޓޯ: އެޓްލަސް ސީރަތެ ނަބަވީ . ޑރ . ޝައުޤީ އަބޫޚަލީލު )

ބާދިޔާތަކުގައި އޮންނަނީ ފޭލިގޭގެ ދިރިއުޅުމެވެ. އެބައިމީހުން ޤާފިލާތަކުގައި ރޭގަނޑު ދަތުރުކުރަނީ ތަރިތަކުން މިސްރާބު ހިފައިގެންނެވެ. އެ މާޙައުލުގައި ބޮޑެތިވާ ކުދީންނަށް އެހުރިހައިކަމެއް ދަސްވެއެވެ. ބަދަވީ އަންހެނުންނަކީ ކުދީން ގެންގުޅުމުގެ ތަޖުރިބާކާރުންނެވެ. އެބައިމީހުން ކުދީންނަށް ކިރުދީ ގެންގުޅުމަކަށް ފައިސާއަކުން އަގެއް ނާތުލައެވެ. އެބައިމީހުންގެ ނަޒަރުގައި އެއީ ހުތުރު ކަމެކެވެ. ކުދީންނަށް ކިރުދީ ގެންގުޅެ ހެދުމުން އެކުދީންނާއި އެކުދީންގެ ކިރުމައިންނާއި އާޔާއިންނާއި އެބައިމީހުންގެ ފިރީންނާއި ދަރީންގެ މެދުގައި ތިމާގެކަމުގެ ގުޅުމެއް އުފެދެއެވެ. އެ ގުޅުން ދެފަރާތުގެ މުޅި އުމުރަށް ދެމިއޮވެއެވެ. ލޭގެ ގުޅުމެކޭ އެއްގޮތަށް ކިރުގެ ތިމާގެކަމުގެ ގުޅުމަކީވެސް ޢަރަބީންގެ ތެރޭގައި ވަރަށްބޮޑަށް އަހަންމިއްޔަތުދެވޭ ގުޅުމެކެވެ. ޙުރުމަތްތެރި ގުޅުމެކެވެ. ބަދަވީ އަންހެނުން ކިރުދީ ގެންގުޅޭ ކުދީން އެކުދީންގެ ކިރުމައިންނާއި އާޔާއިންނާ މައިދަރިކަމުގެ ގުޅުން ބާއްވައެވެ. އެބައިމީހުންގެ ބޭނުންތަކާމެދު ޚިޔާލު ބަހައްޓައެވެ. ޙަޔާތުގައި އެކިއެކި ކަންކަމަށް ބޭނުންވާ ތަކެތީގެ ތެރެއިން ސަހަރާތަކާއި ބާދިޔާތަކުން ލިބޭން ނުހުންނަ ތަކެތި އެއުރެންނަށް ހޯދައިދެއެވެ. ސަހަރުގެ ކުއްޖަކު ބަދަވީ އަންހެނެއްގެ ގާތުން ކިރުބޮއިފި ކަމުގައިވާނަމަ އެކުއްޖަކު ބޮޑުވުމަށްފަހު ކިރުގެ މަންމައިންނާއި ކިރުގެ ބައްޕައިންނާއި އަޚުން އުޚުތުންނާ ގުޅުން ބާއްވައެވެ.

ކައުސާހިބާގެ ކިރުމައިކަނބަލުން

سـعـــد ވަންހައިގެ އަންހެނުންގެ ތެރެއިން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ކިރުފޮދު އެރުއްވީ أبـــو ذويــب ގެ ދަރިކަނބަލުން حــلـيـمــــة السـّعــــديّــــة އެވެ. އެކަމަނާގެ ފިރިކަލުންގެ ނަންފުޅަކީ حـــارث بـــن عــبـــدالـــعــــزّى އެވެ. حـــارث ގެ ކުންޔަތުގެ ނަންފުޅަކީ أبـــو كـبـشــه އެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު ޤުރައިޝުންގެ ބޮޑުންވަނީ إبـــن أبـــــى كـبـشــه ގެ ވަނަމުން އިތުރު ސާހިބާއާ މުޚާޠަބުކޮށްފައެވެ. އިތުރު ސާހިބާއަށް މަލާމާތްކޮށް ތައުހީނުކުރުމުގެ ގޮތުންނެވެ. އިތުރު ސާހިބާއަށްވުރެ ކުރީންވެސް حــلـيـمـــة ގެފާނު ވަނީ عــبـــدالمـطَّــلِــب ގެފާނުގެ ކާފަދަރިކަލަކަށް ކިރުފޮދު އަރުއްވައިފައެވެ. އެބޭފުޅަކީ أبــــوسفـيــــان بـــن حـــارث بـــن عــبـــدالمـطَّــلِــب އެވެ. ކައުސާހިބާ ކިރުފޮދު ހިއްޕަވާ އުމުރުފުޅަށް އެޅުނުއިރު އެމާތް ސާހިބާގެ ބޮޑުބޭބޭފުޅު حــمــــــزة ހުންނެވީ ކިރުފޮދު ހިއްޕެވުމަށްޓަކައި سـعـــد ވަންހައިގެ މީހުންގެ ތެރޭގައެވެ. އެހެންކަމުން هـــاشــــم ވަންހައިގެ ބޭކަލުންނަކީ سـعـــد ވަންހައިގެ މީހުންނަށް އިތުރު ތަޢާރުފަކަށް ބޭނުންވާ ބޭކަލުންނެއް ނޫނެވެ.

إبـــن إسحـــاق ރިވާކުރައްވައިފައިވެއެވެ. حــلـيـمـــة ގެފާނު ވިދާޅުވިއެވެ. ކިރުދޭނެ ކުދީން ހޯދާން މައްކާއަށް އައި ســعــد ވަންހައިގެ އަންހެނުންގެ ޖަމާޢަތެއްގައި އަހަރެންވެސް މައްކާއަށް އަތުވެއްޖައީމެވެ. އަހަރެންގެ ފިރިކަލުންނާއި އަހަރެންގެ ކިރުބޯ ތުއްތު ކުއްޖަކާ އެކުގައެވެ. އެދުވަސްވަރަކީ ރަށްތަދު ތަދުމަޑުކަމުގެ ދުވަސްވަރެކެވެ. އަހަރެން އައީ އަހަރެންގެ ހުދުކުލައިގެ ޙިމާރަކަށް ސަވާރުވެގެންނެވެ. އަހަރެމެންނާއެކު އަހަރެމެން ކިރުބޯން ގެންގުޅޭ ޖަމަލުވެސް ގެނައީމުއެވެ. މާތް اللّــــه އަށްޓަކައި ބުނަމެވެ. އެ ޖަމަލުން އެންމެ ކިރުތިއްކެއްވެސް ނުލިބެއެވެ. އަނެއްކޮޅުން އަހަރެންގެ އަތުގައި ކިރުނެތިގެން އަހަރެންގެ ދަރިފުޅު ރޯވަރުން އަހަރެމެން ދެމަފިރީންނަށް ރޭގަނޑަކު ލޮލުފިޔަ ޖެހޭވަރެއް ނޫނެވެ. ޖަމަލަށް ކާންދޭނެ އެއްޗެއް ދަރިފުޅަށްދޭނެ ކިރެއް އަހަރެންގެ އަތަކު ނެތެވެ. އަހަރެމެން ތިބީ ވާރޭވެހި ތަދުމަޑުކަން ފިލާތޯ ދުޢާކޮށްކޮށެވެ. އަހަރެންގެ ޙިމާރުވެސް ހިކިކަމާއި އަނަރޫފަކަމުން ދުވެވެނީ ވަރަށް މަޑުންނެވެ. އަހަރެމެން ވެފައިވަނީ ޤާފިލާގެ އެހެންމީހުންނަށް ޖެހިފައިވާ ވަރަށްބޮޑު ބުރައަކަށެވެ. (އައްރަޙީޤުލް މަޚްތޫމި)

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.