އަންދަލުސްގެ ބާޒު – 18

(11 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުޖާހިދާއި ޣައްދާރު

(1)

އެކި ކަހަލަ ޚިޔާލުތައް ކުރަމުން އަބޫ ދާވޫދް ދަރުބާރާ ދިމާއަށް އެބަހަރަ ދެއެވެ. އޭނާގެ ޚިޔާލަށް ފެންނަނީ ބަދްރު ބިން މުޣީރާއަށް ވާނެ ގޮތެވެ. އޭނާގެ ނިމުމާއެކު ގްރަނާދާގެ ކުރިމަގު ދަރުބާރުގައި ބައްޓަން ވެގެންދާ ގޮތެވެ.

އޭނާ ހިނގަހިނގައި ހުރެފައި ބައެއް ފަހަރު ހުއްޓެއެވެ. އެހެން ހިނދުކޮޅަކު ހުރެފައި ވަކި ގޮތެއް ނުނިންމައި އަނެއްކާވެސް ހިނގައިގަނެއެވެ. ކެތްތެރިކަން ކޮޅުން ލައިފިކަމުގެ އިހުސާސް އޭނާއަށް މީގެ ކުރިން ދުވަހަކުވެސް ކުރެވިފައެއް ނެތެވެ. މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ވަނީ އޭނާގެ ކާމިޔާބީގެ ކުންނާ ހަމައަށް ވާސިލުވުމުގެ މަގު ކޮށައި ސާފުކޮށްފައެވެ. ބަދްރު ބިން މުޣީީރާ ހީލަތްތެރިކަމުގެ މަޅީގައި ޖެއްސުމަކީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ވަރުގަދަ މަސައްކަތެވެ. އޭގެ ބަދަލުގައި ފެރްނާންދޯގެ ކިބައިން ކިތަންމެ ބޮޑު އިނާމަކަށްވެސް އެދެވިދާނެކަން އޭނާއަށް އެނގެއެވެ. ސަރަހައްދީ ބާޒުގެ ގައިގައި ހިލިހިލާ ޖަހައިގެން ކުރިފުޅުމައްޗަށް ހާޒިިރުކޮށްދޭނޭކަމުގެ ޔަގީންކަން އަބޫ ޢަބްދުﷲއަށް އޭނާ އެރުވީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. އެކަމަކު އެ ދުވަހު އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. އަބޫ ދާވޫދް ވައިގެ ތެރޭގައި ހިންގަވައިފައި ވަޑައިގަންނަވާތަން ފެނުނަސް ތިޔަ ވާހަކަ ގަބޫލެއް ނުކުރެވޭނެއެވެ. އެކަމަކު މިއަދު އަބޫ ޢަބްދުﷲއާއި ދަރުބާރުގެ އިސް ބޭފުޅުންނަށް ވަނީ އޭނާގެ ކުޅަދާނަކަމުގެ ކުރިމަތީގައި އިސްޖައްސަވަން މަޖުބޫރުވެވަޑައިގެންފައެވެ. އެ ބޭފުޅުން މިއަދު އެ ތިއްބެވީ އޭނާގެ އަތުގައި ހުރި ކުޅޭކުޅޭ ބުދުތަކަކަށް ވެވަޑައިގެންފައެވެ. ގްރަނާދާގެ ތަޚުތާއި ތާޖަށް ވެރިވުމުގެ ފުރުސަތު މި އަދި މި އޮތީ އޭނާގެ ކުރިމަތީގައި ހުޅުވިފައެވެ. ވަގުތު އައިސް މި އޮތީ ޖެހިފައެވެ. އަބޫ ޢަބްދުﷲއަކީީ އޭނާގެ ސިޔާސީ ކުޅިގަނޑުގައި ބޭނުންކުރަން ލިބިފައި އޮތް ކުޅިއެކެވެ. ބޭނުން ވަގުތަކު އޭނާ އެއްފަރާތް ކުރެވިދާނެއެވެ. މަލްޚާއަށް ހަމަލަދޭން ހުތްލައިގެން ފެރްނާންދޯއަށްޓަކައި ގްރަނާދާގެ ދޮރާށީ ހުޅުވައި ދިނުމަކީީ މިހާރު އޭނާއަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެކަމަކު ރަބީޢާގެ ޚިޔާލު ކުރެވުމާއެކު އޭނާގެ ވިސްނުން އެހެން ދިމާއަކަށް ދަތުރުކުރާން ފަށައިފިއެވެ. [އަހަރެން މިކުރާހައި މަސައްކަތަކީ ރަބީީޢާއާއި އެންޖެލާއާ ދެކުދިންނަކކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އަންހެނުން ކަމުގައި ހެދުމަށްޓަކައި ކުރާ މަސައްކަތެއް ނޫން ހެއްޔެވެ؟ އެ މޮޔަ ދަރިގަނޑު އެ ވަނީ ބަދްރުގެ ލޯބީގައި މޮޔަވެފައެވެ. ބަދްރުގެ މަރު ބަރުދާސްކުރުމަކީ ރަބީޢާއަށް ކުރެވޭނޭ ކަމެއް ބާވައެވެ؟ ރަބީޢާއަށް އެހައި ބޮޑު ހިތާމައަކާ ކުރިމަތި ކުރުވައިފައި ގްރަނާދާގެ ތަޚުތަށް އަރައި އިިންނައިރު އަހަރެން އުފާވާނެ ހެއްޔެވެ؟ ސަރަހައްދީ ބާޒުގެ ފުރާނަ ސަލާމަތް ކުރެވޭނޭ ގޮތެއް އެބައޮތް ބާވައެވެ؟ އަހަރެންގެ ކުރިމަގު ނުރައްކަލެއްގެ ތެރެއަށް ނުވެއްޓި ސަލާމަތް ވާނޭ ގޮތެއް އެބައޮތް ހެއްޔެވެ؟]

އޭނާގެ ސިކުނޑިން މި ސުވާލަށް ލިބޭ ޖަވާބަކީ ނޫނެކޭއެވެ. މި ނޫން ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. މިރޭ، ބަދްރު ބިން މުޣީރާއަށް ހަދާނޭ ގޮތެއް ނިންމާނޭކަން އޭނާއަށް އެނގެއެވެ. އޭނާގެ އުއްމީދުގެ ހުރިހައި ބިނާއެއް ފުނޑުފުނޑު ނުކޮށް ބަދްރަށް އެހީތެރިވުމަކީ ކުރެވޭނޭ ކަމެއް ނޫންކަންވެސް އެނގެއެވެ. އޭނާގެ ހިތަށް އެރިއެވެ. [ކޮންމެވެސް ގޮތަކުން އަހަންނަށް އޭނާ ސަލާމަތް ކުރެވުނަސް އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އުފެދުނު ވަރުގަދަ ނަފުރަތު ފޮހެއެއް ނުލެވޭނެއެވެ. ރަބީޢާގެ ފިރިއަކަށް އޭނާ ވިޔަސް، އަހަރެންގެ ހުރިހައި އެދުމަކާ އޭނާ ދެކޮޅު ހަދާނެއެވެ. އޭނާ ހުންނާނީ އަހަރެންގެ މަގަށް ހުރަސް އަޅާ ބޮޑު ފަރުބަދައެއްގެ ގޮތުގައެވެ. އެ ފަރުބަދަ ފުނޑުފުނޑުނުކޮށެއް އަހަންނަކަށް ކުރިއަށް ފިޔަވަޅެއް ނޭޅޭނެއެވެ. ރަބީޢާގެ ފިރިއަކަށް ވިޔަސް އޭނާ ދާނީ އަހަންނާ ދުރުވަމުންނެވެ. އެންމެ ފަހުން އަހަންނާއި އޭނަޔާ ދެމެދުގެ ކަނޑުގެ ފުން ކަމުން އެކަނޑު ހުރަސްކުރުންވެސް އޮންނާނީ ނުކުރެވޭވަރުގެ ކަމަކަށް ވެފައެވެ. ރަބީޢާގެ އުފަލަށްޓަކައި އޭނާ ސަލާމަތް ކޮށްދީފައި ދެން އަހަންނަށް އޮންނާނީ އެންމެ މަގެކެވެ. އެއީ އަހަރެންގެ ހުރިހައި އުއްމީދަކާއި ހުވަފެނެއް ދޫކޮށްލާފައި އެކަހެރިކަމުގައި މުޅި އުމުރު ހޭދަކުރުމެވެ. ނޫނެކެވެ. ނޫނެކެވެ. އެއީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ރަބީޢާއާ މެދު މިހައި ކަންބޮޑުވެގެން އަހަރެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ހައެއްކަ ދުވަސް ވާންދެން އޭނާ ހިތާމައިގައި އުޅޭނެއެވެ. އަހަރެން އޭނާއަށް ވިސްނައިދީފާނަމެވެ. އިސްޕޭނުގައި ފެރްނާންދޯ ނޫނީ އަހަންނާ އެއް ފެންވަރުގެ މީހަކުު ނުހުންނާނެއެވެ. ރަސްރަސްކަލުން އަހަރެންގެ ސުފުރާމަތީގައި އިށީނދެވުނީމާ އުފާކޮށް، ފަޚުރުވެރިވާނެއެވެ. ރަބީޢާ ހިމެނޭނީ ރަނިންގެ ތެރޭގައެވެ. އޭނާ ވާނީީ ރަސްދަރިކަނބަލަކަށެވެ. އެހެންވާ ދުވަހަކު އޭނާގެ ބައްޕައަކީ ދުޝްމިނެއް ނޫންކަން އޭނާއަށް އެނގޭނެއެވެ.]

(2)

ދަރުބާރުގެ ހުރިހައި ދޮރެއްގެ ދޮށުގައި ފާރަވެރިން އެބަތިއްބެވެ. އަބޫ ދާވޫދަށް މަރުހަބާކިޔަން ނުކުތީ ގަނޑުވަރުގެ ސަލާމަތީ ކަންތައްތަކުގެ ވެރިޔާއެވެ. އޭނާ ވަނުމާއެކު އިހުތިރާމު އަދާކުރުމުގެ ގޮތުން އެންމެން ކޮޅަށް ތެދުވެއްޖެއެވެ. އޭނާ އަތުން އެމީހުންގެ އިހުތިރާމަށް ޖަވާބުދެމުން ހިނގައިފައި ގޮސް އަބޫ ޢަބްދުﷲގެ ކުރިފުޅުމައްޗަށް ހުއްޓި ކުރުނީސްކޮށްފިއެވެ. އަދި އެއް ފަރާތުގައި ހުހަށް ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

އަމީރުންގެ ގޮނޑިގޮނޑީގެ ދެ ސަފުގެ މެދުގައި ބަދްރު ބިން މުޣީީރާ ހުންނެވިއެވެ. އަތްޕުޅުގައި ހުރީ ބިޑި އަޅުވައިފައެވެ. ގަދަ ކޯފާގެ ސަބަބުން މޫނުފުޅު ހުރީ ރަތްވެފައެވެ.

ޖެހިގެން ހުރި ގޮނޑީގައި އިންމީހާޔާ ވައިއަޑުން ސުވާލުކޮށްލީމާ އަބޫ ދާވޫދަށް އެނގުނު ގޮތުގައި ބަދްރު މިހާރު ވާހަކަފުޅު ދައްކަވައި ނިންމަވައިފިއެވެ. އެ އަމީރު ބުނި ގޮތުގައި ބަދްރުގެ ވާހަކަފުޅަކީ ދަރުބާރުގައި ތިބި އެންމެންވެސް ނުރުހުނު ވާހަކަފުޅެކެވެ. އަބޫ ޢަބްދުﷲއާ މެދު އޭނާ ވިދާޅުވި ކަމަށް ވެއެވެ. [ކަލެޔަކީ ނިޔަތް ނުބައި މީހެކެވެ. ނުވަތަ މޮޔައެކެވެ. މި ދެ ގޮތުންކުރެ ކޮންމެ ގޮތެއް ވިޔަސް ކަލެއަކީ ހަމްދަރުދީވާން ޖެހޭ މީހެކެވެ.]

އިރުކޮޅެއް ވާންދެން އެކަކު އަނެކަކާ ވާހަކަދައްކަމުން ގެންދިޔައެވެ. އަބޫ ޢަބްދުﷲ އިންނެވީ ހައިރާންފުޅުކަމާއި، ކަންބޮޑުވެވަޑައިގަތުމާއި ކޯފާޔާއެކު ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވާށެވެ. އެހެން އިންނަވައިފައި ވިދާޅުވެއްޖެއެވެ. [އަހަރެން ކަލެއަށް އަދިވެސް ފުރުސަތެއް ދީފީމެވެ. އަހަރެންގެ ވެރިކަން ގަބޫލުކޮށްފިއްޔާ ދުވަސްކޮޅަކު ގްރަނާދާގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލާނަމެވެ.]

ޖަވާބުގައި ބަދްރު ވިދާޅުވިއެވެ. [ތިޔަ ވާހަކައިގެ ޖަވާބު އަހަރެން ދީފީމެވެ. އަހަރެން މިއީ ފިނޑި ސޮހޮލުން ގާތު މައާފަށް އެދި އާދޭސްކުރާ މީހަކީމެއް ނޫނެވެ. ކަލެއަކީ ﷲގެ ބާޣީއެކެވެ. ގައުމަށް ޣައްދާރުވެފައިވާ މީީހެކެވެ. އުފަން ބަފާގެ ދުޝްމިނެކެވެ. ކަލޭ ކަހަލަ ވިޔާނުދާ މީހެއްގެ ވެރިކަން އަހަރެން ގަބޫލެއް ނުކުރާނަމެވެ.]

މިހެން ވިދާޅުވެފައި އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ކަލޭ އޮޅުކޮށްގެން ގެންގުޅޭނަމޭ ހިތައި ތިޔަ ގެންގުޅޭ މީހާއަކީ ނުރައްކާތެރި، ވިހަގަދަ ހަރުފައެކެވެ. ކަލޭ ހީީކުރަނީ މި ކަލޭގެ ވިހަ ލާނީ ހަމައެކަނި ކަލޭގެ ދުޝްމިނުންގެ ގަޔަށް ކަމަށް ހެއްޔެވެ؟ މީނާގެ ގޮތް އަދި ކަލެއަށް ނޭނގެނީއެވެ. މިއީ އެކަކުގެވެސް އެކުވެރިއެއް ނޫނެވެ. ކަލޭ ހީކޮށްގެން ތިޔަ ހުންނަނީ އަހަރެން ކަލެޔާ ހަނގުރާމަކުރަން އުޅުނު ކަމަށް ނޫން ހެއްޔެވެ؟ އަހަންނަކީ ކުށްވެރިއެއް ކަމަށް ތިޔަ ކަނޑައަޅަނީ އެހެން ވެގެން ނޫންހެއްޔެވެ؟ މި ކަނޑީގެ ނަމުގައިި ބުނަން ހެއްޔެވެ؟ މިއީ ދުޝްމިނުންގެ ލެއިން އެތައް ފަހަރަކު ފެންވަރައިފައިވާ ކަނޑިއެކެވެ. އަހަރެންގެ ހިތުގައި ކަލެޔާ ހަނގުރާމަކުރުމުގެ އެދުމެއް އޮތްނަމަ އަލްޙަމްރާގެ އުސް ފާރަކަށް އަހަރެންގެ ލަޝްކަރު މަތައެއް ނުކުރެވޭނެއެވެ. އަހަރެން އުޅުނީ ކޮންމެވެސް ގޮތަކުން ކަލޭ ހަމަ މަގަށް އެޅުވޭތޯ މަސައްކަތްކުރާށެވެ. ކަލޭގެ ބައިވެރިއެއްގެ ދަޢުވަތަކަށް މި ގަނޑުވަރަށް އައީ އެހެން ވެގެންނެވެ. އަހަންނާމެދު ކަލޭ ބޭނުން ގޮތަކަށް ފައިސަލާކުރެވިދާނެއެވެ. އެކަމަކު އެއީ އަހަރެން މިއީީ ކުށްވެރިއެއް ކަމަށް ސާބިތުކުރެވޭނޭ ކަމެއް ނޫނެވެ. އަދި ކަލޭ ތިޔައީ އަހަންނާމެދު ވަކި ގޮތަކަށް ފައިސަލާ ކުރެވޭ ވަރުގެ ގާޒީއެއް ކަމަށް އަހަރެން ގަބޫލުކުރަން ޖެހޭ ސަބަބެއްވެސް ނޫނެވެ. އަހަރެން ކަލޭގެ ބައްޕަ ގަބޫލުކުރީވެސް އޭނާއަކީ ގްރަނާދާގެ ރަސްގެފާނަށް ވީތީއެއް ނޫނެވެ. އޭނާ ސަންގުމަރުމަރުގެ ގަނޑުވަރެއްގައި ދިރިއުޅުއްވާތީީއެއްވެސް ނޫނެވެ. އަހަރެން އޭނާޔާ ގުޅުނީ އޭނާ ފެރްނާންދޯއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރެއްވީީތީއެވެ. ކަލެއަކީ ފެރްނާންދޯ ގެންގުޅޭ ކުޅޭކުޅޭ ބުދެކެވެ. އަހަރެން ކަލޭގެ އަތްމައްޗަށް ބައިއަތު ހިފާނެއޭ ކަލޭގެ ހިތަށް އެރީ ކިހިނެއް ހެއްޔެވެ؟]

އަބޫ ދާވޫދް އޭނާގެ ކައިރީގައި އިށީނދެގެން ތިބި އަމީރުން ގާތު ކޮންމެވެސް އެއްޗެކޭ ބުނުމަށް ފަހު ތެދުވެއްޖެއެވެ. [މާތްވެގެންވާ ރަސްގެފާނެވެ. މިހައިތަނަށް މި ކުށްވެރިޔާ ދެއްކި ވާހަކަތަކަށް ބަލާއިރު މީނާއަށް އަޅުގަނޑުމެންނަށް ދެވޭން އޮތް އެންމެ ބޮޑު އަދަބެއް ހައްގުވެއްޖެ ކަމަށް އަމިއްލައަށް ސާބިތުކޮށް ދީފިއެވެ. އެހެންވީމާ އަޅުގަނޑަށް ފެންނަނީ މީނާއަށް އަދަބެއް ކަނޑައެޅުއްވުމަށް ފަހު ދަރުބާރު ނިންމަވައިލައްވާށެވެ. މަނިކުފާނާ މުޚާތަބުކޮށް އަދި މަނިކުފާނުގެ ބައިވެރިންނާ މުޚާތަބުކޮށް މި ކުށްވެރިޔާ ދެއްކި އަދަބު ކުޑަ ވާހަކަތަކަކީ އާދައިގެ ކަމަކަށް ހަދައިފައި ދޫކޮށްލާވަރުގެ ވާހަކަތަކެއް ނޫނެވެ.]

އަމީރުން އަބޫ ދާވޫދްގެ ވާހަކައަށް ތާއީދުކޮށްފިއެވެ.

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މިކަހަލަ މީހުން ބައިވެރިން ކަމުގައި ދެކޭ މީހަކީީ ބަދުނަސީބު މީހެކެވެ. އަބޫ ޢަބްދުﷲއެވެ. މިއީ ގައުމުގެ މުޅަމަސް ކައިގެން ބޮޑުވަމުންދާ މިނިކާދޫނި ތަކެކެވެ. މިބައިމީހުންނަށް އިތުބާރުކޮށްގެން ކަލޭ ތިޔަ ގެންދަނީ އަމިއްލައަށް ހަލާކުވަމުންނެވެ. އަދި ގްރަނާދާވެސް ތިޔަ ގެންދަނީ ހަލާކުގެ ތެރެއަށެވެ.]

އަބޫ ޢަބްދުﷲ ތެދުވެވަޑައިގެންފިއެވެ. ކޯފާގެ ސަބަބުން ތުރުތުރު އަޅާ ހާލުކޮޅުގައި ވިދާޅުވިއެވެ. [ބަދްރު ބިން މުޣީީރާއަކީ ގްރަނާދާގެ ވެރިކަމުގެ އެންމެ ވަރުގަދަ ދުޝްމިނުކަމުގައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުން އޭނާ މަރަން އަހަރެން ހުކުންކޮށްފީމެވެ. މާދަމައަށް އިރު އެރުމުގެ ކުރީން އޭނާ ގަތުލުކޮށްލާން ވާނެއެވެ.]

ބަދްރު ބިން މުޣީރާ ފަރުބަދައެއްހެން ސާބިތުކަމާއެކު ކޮޅަށް ހުންނެވިއެވެ. އޭނާގެ ހިމޭން ދޫފުޅުން ވިދާޅުވަމުން ގެންދެވިއެވެ. [އަހަރެން މިހައިތަނަށް އައީީ މަރާ ފީކޯތްކުޅެމުންނެވެ. ކަލެއަށް އަހަރެން މަރުގެ ތުންފަތްމައްޗަށް ގެންދެވިދާނެއެވެ. އެކަމަކު އަހަރެންގެ ހިިނިތުންވުން ފޮހެއެއް ނުލެވޭނެއެވެ. މި ހިނިތުންވުމަކީ އަހަރެން ކަނޑީގެ ހިޔަލުގައްޔާއި ދުނީގެ ވާރޭގެ ތެރެއިން ދަސްކުރި ހިނިތުންވުމެކެވެ. މި ހިނިތުންވުން އެންމެ ފަހު ވަގުތާ ހަމައަށް ގެންދާނީީ ކަލޭގެ ފިނޑިކަމާއި ޗާލާކުކަމާއި މައްކާރީއަށް މަލާމާތް ކުރަމުންނެވެ.]

(3)

އަބޫ ދާވޫދް އޭނާގެ ކުރިމަތީގައި ހުންނެވި ޢަޒުމުފުޅާއި ހިތްވަރުފުޅު ގަދަކަމުގެ ނަމޫނާއަށް ބަލަމުން ގެންދިޔައެވެ. އެ ވަގުތު އޭނާގެ ކުރިމަތީގައި ގްރަނާދާގެ ތަޚުތާއި ތާޖުގެ އަގުވެސް ހެޔޮވެގެން ދިޔަ ކަހަލައެވެ. އޭނާ ހިތާހިތާ ކިޔައިލިއެވެ. [މީހަކު މަރާމެދު މިހައި ބޮޑަށް ފަރުވާ ކުޑަކޮށްލާނޭ މުދަލެއް، ފައިސާއެއް މި ދުނިޔޭގައި ލައްވައިފައި ވޭބާވައެވެ؟ މިބައިމީހުން ދިރިހުރުމާއި މަރާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށް ދެކެނީ ކޮން ކަހަލަ ޖަޒުބާތެއްގެ ސަބަބުން ހެއްޔެވެ؟ މި ހިތްވަރުގަދަ މީހާ އޭނާގެ ޖައްލާދު އެހައި ކައިރިން ފެނުނީމާވެސް އެހެރަގެން ހިނިތުންވަނީއެވެ. ރަބީޢާ އަހަރެން ދިން ބޭސް ޒަހަރު ކަމަށް ގަބޫލުކުރުމާއެކުވެސް ބޮއިލީއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މަރާއި ދިރިހުރުމުގެ ހުރިހައި ސިއްރެއް އެމީހުންނަށް އެނގުނީ ހެއްޔެވެ؟ ނުވަތަ ދިރިހުރުމުގެ އަރާމާއި ލައްޒަތު ރަނގަޅަށް ފެނިފައި ނުވަނީ ހެއްޔެވެ؟ ރެޔާއި ދުވާލު މަރަށް ބިރުން ބޮނދަމުން އުޅޭ ދިރިއުޅުމަކަށް ދިރިއުޅުމުގެ ލައްޒަތޭ ކިއިދާނެ ހެއްޔެވެ؟ އަހަރެން އަންދަލުސްގެ ތަޚުތަށް އަރައިފާނަމެވެ. އޭރުން މަރުގެ ކުރިމަތީގައި ހިނިތުންވާން ދަސްވާނެ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ ކާމިޔާބީއަކާއެކު އަހަންނަށްޓަކައި މަރުގެ މޫނު ދަނީ ހުތުރުވަމުން ބިރުވެރިވަމުންނެވެ.]

މަރުގެ ކުރިމަތީގައި ހިނިތުންވެ، މަރު ގަބޫލުކުރުމަކީ އިންސާނާ އޭނާގެ ދިރިއުޅުމުގައި ހޯދާ އެންމެ ބޮޑު ކާމިޔާބީ ކަމުގައި އޭނާއަށް އިހުސާސްކުރެވުނީ މިއަދުއެވެ. އެއީ އެންމެ ވަރުގަދަ ފަތަޙައެވެ. މި ފަތަޙަ ހާސިލުކުރެވެނީ ދިރިހުރުމާއި މަރަކީވެސް ހަމައެކަނި ﷲއަށްޓަކައި ވަގުފުކޮށްފައިވާ އެއްޗަކަށް ހަދާ މީހުންނަށެވެ. އޭނާގެ ހިތަށް އެރިއެވެ. [ބަދްރު ބިން މުޣީރާ ހަނގުރާމަކުރަނީ އަހަރެންހެން އަމިއްލަ ފައިދާއަކަށް ނޫނެވެ. ﷲ އަށްޓަކައެވެ. އޭނާ މަރުގެ ކުރިމަތީގައި ވަރުގަދަ ފަރުބަދައެއްހެން ކޮޅަށް އެހެރީ އެ ހަގީގަތުގެ އެހީގައެވެ. އަހަންނަށްވެސް މަރުގެ މައްޗަށް ބާރު ފޯރުވޭނޭ ނަމައެވެ.]

އަބޫ ދާވޫދް ތެދުވެގެން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ. ފާރަވެރިން ބަދްރު ބިން މުޣީރާ ގޮވައިގެން ހިނގައްޖެއެވެ. އަމީރުންނާއި ޢިލްމުވެރިން، ފަހަރަކު މީހަކު އައިސް އަބޫ ދާވޫދްގެ ކާމިޔާބީއަށްޓަކައި އޭނާއަށް ތަހުނިޔާ ކިޔަން ފަށައިފިއެވެ. އެކަމަކު އޭނާއަށް އިހުސާސް ކުރެވެނީ އެމީހުން އޭނާއަށް މަލާމާތް ކުރަނީ ކަމުގައެވެ. އެވަގުތު ނޯކަރަކު އައިސް ބުނެފިއެވެ. [އަބޫ ޢަބްދުﷲ މަނިކުފާނުގެ އިންތިޒާރުގައި އެބައިންނެވިއެވެ.]

ކުޑައިރުކޮޅެއް ފަހުން އަބޫ ދާވޫދް އިނީ ރީތި، ތަނަވަސް ކޮޓަރިއެއްގައި އަބޫ ޢަބްދުﷲގެ ކުރިފުޅުމަތީގައެވެ. ބަދްރު ބިން މުޣީރާގެ ކުރިފުޅުމަތީގައި އިން އިރު އިހުސާސްކުރެވުނު ނިކަމެތިކަމާއި، އަގެއް ނެތްކަމުގެ އިހުސާސް އަބޫ ޢަބްދުﷲގެ ކުރިފުޅުމަތީީގައި އިނދެވުނީމާ މަޑުމަޑުން ކުޑަވާން ފަށައިފިއެވެ. ގްރަނާދާގެ އައު ރަސްގެފާނު އޭނާ ދެކެވަޑައިގަންނަވަނީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ މަލަކޫތީ މަޚްލޫގެއްގެ ގޮތުގައެވެ. އޭނާ ކޮޓަރިއަށް ވަނީމާ ތެދުވެވަޑައިގެން ސަލާން ކުރެއްވުމަށް ފަހު ގުދުވެވަޑައިގެން އޭނާގެ އަތުގައި ބޮސްދެއްވައިފިއެވެ. ވާހަކަފުޅު ދެއްކެވުމުގައިވެސް އަބޫ ޢަބްދުﷲގެ އަޑުފުޅު ވަރަށް މައިތިރިއެވެ. އަދަބުވެރިއެވެ. އަބޫ ޢަބްދުﷲ މީގެ ފަހުން އޭނާގެ ކޮންމެ އިޝާރާތެއް ތިމަން މަނިކުފާނަށް ވާނީ އަމުރަކަށޭ ވިދާޅުވީމާ އަބޫ ޢަބްދުﷲގެ މޭ ފުފިއަރައިފިއެވެ. އިހަށް ހުރި ބޮޑާކަން އަނބުރައި އަތުވެއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. [މީގެ އިރުކޮޅެއް ކުރީން އަހަރެންގެ ޚިޔާލު ދަތުރުކުރަމުން ދިޔައީ ނުބައި މަގަކުންނެވެ. ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަބޫ ޢަބްދުﷲވެސް އެ އުޅުއްވާ ދުނިޔޭގައި އުޅޭ މީހުންނެވެ. އެ ދުނިޔޭގެ އެއްހާސް މީހުންނަށްވުރެ އަހަރެން މާ ބުއްދިވެރިއެވެ. އަބޫ ޢަބްދުﷲ ކަހަލަ އެތައް ހާސް މީހުން އެއްފަހަރާ އަހަރެން ޖަހާހައި ބެރަކަށް ނެށްޓުވުމަކީ އެއްވެސް ކަމެއް ނޫނެވެ. އަހަރެން މިހާރު މި ވަނީ ކާމިޔާބީގެ މަގު ކޮށައި އަލިކޮށްފައެވެ. އަހަރެން ހިނގާނީ އެ މަގުގައެވެ. ކޮންމެ އައު ކާމިޔާބީއަކާއެކު އަހަންނަށް އިހުތިރާމްކުރާ މީީހުން ދާނީ ގިނަވަމުންނެވެ. ދުނިޔޭގައި ނުފުއްދޭ އެއްވެސް ކަމެއް އޮތްކަމުގެ އިހުސާސެއް މަރުވާއިރުވެސް އަހަންނަކަށް ނުކުރެވޭނެއެވެ. ބަދްރު ބިން މުޣީރާއާމެދު ވިސްނުމަކީ އަހަރެން ކުރަންޖެހޭ ކަމެއް ނޫނެވެ. އޭނާގެ ދުނިޔެއާއި އަހަރެންގެ ދުނިޔެއާ މުޅީން ތަފާތެވެ. އޭނާޔާމެދު ވިސްނައި، ކަންބޮޑުވުމަކުން އަހަންނަށް ކުރާނޭ ފައިދާއެއް ނެތެވެ. އަހަރެންގެ ދުނިޔެއަކީީ އަބޫ ޢަބްދުﷲ ކަހަލަ ސޭކުން ދިރިއުޅޭ ދުނިޔެއެވެ. އަހަރެން ދުނިޔެއަށް ފޮނުއްވައިފައި މިިވަނީ އެކަހަލަ އެތައް ލައްކަ ބައެއްގެ މައްޗަށް ވެރިކަން ކުރާށެވެ. އިންސާނުންގެ ބައިގަނޑުތައް ލަވަމުން ދާށެވެ.] ޚިޔާލުތައް ގިނަވަމުން ގޮސް އެންމެ ފަހުން ރަބީޢާގެ ޚިޔާލުވެސް ކުރެވިއްޖެއެވެ. އެޔާއެކު އޭނާ ހޭއަރައިގެން ސުވާލުކުރަން ފެށީމާ ދޭނީ ކޮން ޖަވާބެެއް ބާވައޭ ހިތައި ކަންބޮޑުވާން ފަށައިފިއެވެ. [އޭނާ ކަަންބޮޑުވެފައި ހުރި ވަރުން ނިދާބޭހުގެ އަސަރު ނުކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބުނާނީ ކީީކޭ ހެއްޔެވެ؟ އެންޖެލާވެސް އެއިނީ ދައްތަގެ ކޮޅަށެވެ. މިހާރުވެސް ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައި ހުންނާނެކަން ނޭނގެއެވެ. ދައްތަގެ ލޯތްބާއި ހަމްދަރުދީީގައި އޭނާ ބައިލާ ކަރުނައިގެ ސަބަބުން އަހަރެން ވަރަށް ކަންބޮޑުވާނެއެވެ.]

އަބޫ ދާވޫދް ފަދައިން އަބޫ ޢަބްދުﷲވެސް އިންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. ހިތްޕުޅަށް އެރިއެވެ. [ބަދްރު ހައްޔަރުކުރި ޚަބަރު މިހާރު އޮންނާނީ ގަނޑުވަރުގައި އަންހެނުން ދިރިއުޅޭ ބަޔަށް ފޯރައިފައެވެ. މޫސާ ހައްޔަރުކުރީމާވެސް މަންމާފުޅާއި އަނބިމީހާ ތިން ދުވަސް ވާންދެން ނުކައެވެ.]

އޭނާ އަބޫ ދާވޫދާ ދިމާއަށް ބައްލަވައިލައްވައިފައިި އޭނާ ވިދާޅުވިއެވެ. [އަހަރެން އޮންނާނީ އޭނާ ގަތުލު ކުރުމާއެކު ވަގުތުން އަހަންނަށް އަންގާށޭ ބުނެފައެވެ. މި ކަންތައް ނުނިމެނީސް އަހަރެން އަންހެނުން އުޅޭ ބަޔަކަށް ނުދާނަމެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނު ތިޔަ ފިކުރުފުޅު ކުރައްވަނީ ރަބީޢާގެ ކަންތަކާހެދި ކަމަށް ވެދާނެއެވެ. އެއީ އަޅުގަނޑު ހީކޮށްގެން ހުރި ކަހަލަ ކަމެއް ނޫނެވެ. ރަބީޢާއަކީ ވަރަށް ނާޒުކު ހިއްސެއްގެ ކުއްޖެކެވެ. ކޮޓަރިއަށް ދިޔަ ގޮތަށް އޭނާ ހޭނެތިއްޖެއެވެ. އެ ވަގުތު ކުޅަ ކަމެއް ކުޅައީ ހަމަ ހެއިން ބޭރުގައިކަން އަޅުގަނޑަށް ޔަގީނެވެ.]

އަބޫ ޢަބްދުﷲ ކުޑަކޮށް ވިސްނަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [އެއްޗެކޭ ހީފުޅު ނުކުރައްވާނެ ކަމަށް ހީކުރަމެވެ. އޭނާ އެކަމެއް ކުޅައީ ހަމަހޭގައި ކަމުގައި ވިޔަސް އަޅުގަނޑު ހައިރާނެއް ނުވާނެއެވެ. ގްރަނާދާގެ އެތައް ހާސް އަންހެންކުދިންނެއް އޭނާ އެކުރާ ޚިޔާލު އެބަކުރެއެވެ. އޭނާގެ ސިފަ ފެނިފައި އަޅުގަނޑުގެވެސް ހިތަށް އެރިއެވެ. އަޅުގަނޑަކީ އަންހެންކުއްޖަކަށް ވީނަމަ އެހެރަ ރީތިކަމަކާއި ފިރިހެންވަންތަކަމެއް ދެކިފައި ފިދާވީމުހެވެ. އެކަމަކު ރަބީޢާ ވަރަށް އަވަހަށް އޭނާގެ މަތީން ހަނދާން ނައްތައިލާނޭ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.]

މައުޟޫއު ބަދަލުކޮށްލުމުގެ ބޭނުމުގައި އަބޫ ދާވޫދް ބުނެފިއެވެ. [މައްޔިތާއަށް ކުރަން ޖެހޭ ހުރިހައި ކަމެއް ނިިންމައިފައި ނޫނީ އެމީހުން މަނިކުފާނާ ހަމައަކަށް ނާންނާނެއެވެ. އެހެންވީމާ ފޫހިފުޅު ފިލުވައިލައްވާން ރާޒުވާގަނޑެއް ޖަހައިލުން ކިހިނެއް ވާނެތޯއެވެ؟]

އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [ތިޔަ ވިދާޅުވީ ހަމަ އަޅުގަނޑުގެ ހިތަށް މި ވަގުތު އެރި ވާހަކައެވެ. އެކަމަކު އަޅުގަނޑުގެ ޝަރުތެއް އެބައޮތެވެ. ރޭގަނޑުގެ ބާކީ އޮތްބައި ދެމީހުން ހޭދަކުރާނީ މިތާނގައެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މެންދުރުވާންދެންވެސް އަޅުގަނޑު މިއިން ގޮނޑިން ނުތެދުވެ އިނދެދާނަމެވެ.]

(4)

ބަދްރު ބިން މުޣީރާ ގޮޅިއަށް ގެންދެވުނީ ވަރަށް ހަނިކޮށް އޮތް ދަތި މަގަކުން ލައިފައެވެ. އެ ގޮޅިއަކީ އެންމެ ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަބު ދިނުމަށް ޚާއްސަކޮށްފައި ހުންނަ ގޮޅިއެކެވެ. އޭނާ ގެނެވުނީ ފާރަވެރިންގެ އަށް މީހުންގެ ބެލުމުގެ ދަށުގައެވެ. މަގުމަތީގައި ތަންތަންކޮޅުގައި ފާރަވެރިން ހަތިޔާރާއެކު ތިއްބެވެ. ގޮޅީގެ އެތެރޭގައި ދަންމަރެއް ދިއްލައިފައި ހުއްޓެވެ. ޖައްލާދު އެތެރޭގައި ބަދްރުގެ އިންތިޒާރުގައި ހުއްޓެވެ. ފާރަވެރިން ބަދްރުގެ އަތްޕުޅުގައި އަޅުވައިފައިވާ ބިޑީގައި ޗޭނެއް ޖަހައިފިއެވެ. ޗޭނުގެ އެއްކޮޅު ހުރީ ފާރުގައި ހަރުކޮށްފައެވެ. މިއިން އެއްވެސް ކަމަކާ ބަދްރު ދެކޮޅެއް ނުހައްދަވައެވެ.

ސަލާމަތީ ކަންކަމުގެ ވެރިޔާގެ އިޝާރަތަށް ސިފައިން ގޮޅިން ނުކުމެއްޖެއެވެ. އޭނާ ދޮރު ލެއްޕުމަށް ފަހު ބަދްރު ބިން މުޣީރާއާ ދިމާއަށް ބަލައިލިއެވެ. [މިއީ ރަސްމީ ކަމެކެވެ. އެކަމަކު ދަންނަވަންތޯއެވެ؟ މަނިކުފާނު އަވަހާރަވުމުން ކުރާ ހިތާމައަށްވުރެ ބޮޑު ހިތާމައެއް އަޅުގަނޑު އެހެން މީހަކު މަރުވެގެންނެއް ނުކުރާނަމެވެ. އެހެންވީމާ މިހާރު އަޅުގަނޑު މި ދަންނަވަނީ މިތާނގެ ވެރިއެއްގެ ގޮތުގައެއް ނޫނެވެ. މަނިކުފާނުގެ ހަމްދަރުދެއްގެ ގޮތުގައެވެ. އަޅުގަނޑު ދަންނަވައިލާން ބޭނުންވަނީ އެންމެ ސުވާލެކެވެ. އެންމެ ފަހު ވަގުތު މަނިކުފާނު ބޭނުންފުޅުވާ އެއްވެސް ކަމެއް އެބައޮތްތޯއެވެ؟ އަޅުގަނޑަށް ކޮށްދެވޭން އޮތް ކޮންމެ ކަމެއް ކޮށްދޭނަމެވެ.]

ބަދްރު ވިދާޅުވިއެވެ. [މިި ކަމުގައި ކަލޭ ތިޔަވަނީ މަޖުބޫރު ހާލަތެއްގައި ކަމަށް އަހަރެން ގަބޫލުކުރަމެވެ. އަހަރެން ބޭނުން ވަނީ އެންމެ ކަމެކެވެ. މިއީީ ކަލެއަށް ކުރެވޭނޭ ކަމެއް ނަމަ ކޮށްދެއްޗެވެ. އަބޫ ޢަބްދުﷲ ނުވަތަ އަބޫ ދާވޫދް ނުވަތަ އެ ދެމީހުންގެ ބައިވެރިއަކުގެ މަރުގެ ހުކުން ކުރެވި އެ ހުކުން ތަންފީޒުކުރަން ކަލެޔާ ހަވާލުވެއްޖެނަމަ މި ގޮޅީގައި އެއިން މީހަކަކށް މަރުގެ އަދަބު ނުދިނުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. އެފަދަ މީހަކުގެ ލެޔާއި އަހަރަންގެ ލެޔާ އެކުވުމަކީ އަހަރެން އެދޭކަމެއް ނޫނެވެ.]

އޭނާ އަހައިލިއެވެ. [ރަބީޢާއަށް އެއްވެސް މެސެޖެއް ފޮނުއްވަން މަނިކުފާނު ބޭނުންފުޅުތޯއެވެ؟]

[ނޫނެކެވެ. ރަބީޢާއަށް މެސެޖެއް ފޮނުވާން އަހަންނަކަށް އެއެްވެސް މީހަކުގެ ބޭނުމެއްވެސް އަދި އެއްވެސް ވަސީލަތެއްގެ ބޭނުމެއްވެސް ނުޖެހޭނެއެވެ. އޭނާ އަހަރެންގެ ރޫޙުގެ އަޑުއަހާނެއެވެ. ކަލޭގެ މަސައްކަތާއިގެން ކުރިއަށް ދާށެވެ.]

ސަލާމަތީ ވެރިޔާ ދެން ބަލައިލީ ޖައްލާދާ ދިމާއަށެވެ. ވެރިޔާގެ ލޮލުން ކަރުނަ ފައިބާތަން ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި، މިއަދު ނޫނީ އޭނާ ނުދެކެއެވެ. ވެރިޔާ އަތުން އިޝާރަތް ކުރުމަށް ފަހު ޖައްލާދަށް ފުރަގަސް ދީފިއެވެ. އަދި ޖީބުން ރުމާލެއް ނަގައި ލޯ ފޮހެލިއެވެ.

އެވަގުތު ގޮޅީގެ ދޮރުގައި ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ. ސަލާމަތީ ވެރިޔާ ޖައްލާދުގެ އަތުގައި ހިފައި އޭނާގެ މަސައްކަތް ހުއްޓުވައިފިއެވެ. އަދި ދޮރު ބުޑަށް ގޮސް އަހައިލިއެވެ. [ކާކު ހެއްޔެވެ؟]

ޖަވާބުގައި އިވުނީ ޖެހިލުންވުން އެކުލެވިފައިވާ އަޑެކެވެ. [އަވަހަށް ދޮރު ހުޅުވާށެވެ.]

އޭނާ އަވަސްއަވަހަށް މަކުޑި ނެއްޓުމަށް ފަހު ދޮރު ހުޅުވައިލިއެވެ. އޭނާއަށް ފެނުނު މަންޒަރަކުން ހައިރާކަން އިންތިހާއަށް އަރައިގެން ހިނގައްޖެއެވެ. އޭނާގެ ކުރިމަތީގައި މި ތިއްބެވީ ގަނޑުވަރުގެ އިންތިޒާމީ ވެރިޔާއާއި، އަބޫ ޢަބްދުﷲގެ މުސްކުޅިފުޅު މަންމާފުޅާއިި، އަނބިކަނބަލުންނާއި، އެންޖެލާއެވެ.

އިންތިޒާމީ ވެރިޔާ ގޮޅީގެ އެތެރެއަށް ނަޒަރު ހިންގައިލުމަށް ފަހު ހިތްހަމަޖެހުމުގެ ނޭވައެއް ލިއެވެ. [އަޅުގަނޑުމެންނަށް ކިރިޔާ އާދެވުނީއެވެ. މި ބޭކަނބަލުން ބޭނުންފުޅުވަނީ ރަސްގެފާނުގެ އެންމެ ބޮޑު ދުޝްމިނު ގަތުލު ކުރެވޭ މަންޒަރު ލޯފުޅުން ދެކިވަޑައިގަންނަވާށެވެ.]

ސަލާމަތީ ވެރިޔާ ކަންބޮޑުވެފައި ބުނެފިއެވެ. [މި ބޭކަނބަލުންގެ އެދުންފުޅު ފުރިހަމަކޮށް ދިނުމަކީ އަޅުގަނޑުގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަމަކު ރަސްގެފާނުގެ ކޯފާއިން އަޅުގަނޑު ސަލާމަތްކޮށް ދެއްވުމުގެ ޒިންމާ ގަބޫލުފުޅު ކުރައްވާން ވާނެއެވެ.]

އަބޫ ޢަބްދުﷲގެ މަންމާފުޅު ގޮޅީގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. [އިނާމެއް ލިބޭނެ ކަމަށް އުއްމީދުކުރުން މާ ރަނގަޅެވެ. މިއަދު އަހަރެންގެ ދަރިފުޅު އެހެރީ ވަރަށް ބޮޑު ދުޝްމިނެއްގެ މައްޗަށް ކާމިޔާބީ ހޯދައިގެންނެވެ. ދުޝްމިނުންގެ މައްޗަށް މި ކާމިޔާބީ ހޯދުނީ އަހަރެމެންގެ ސިފައިންގެ ހުސިޔާރުކަމުންނެވެ. އެހެންވީމާ އެ އެންމެންނަށް އަހަރެންގެ ފަރާތުން އިނާމު ދޭށެވެ. އަހަރެން މިތަނަށް އައިކަން އަބޫ ޢަބްދުﷲއަށް އެއްގޮތަކަށްވެސް އަންގައިގެން ނުވާނެއެވެ. އޭނާއަކީ ވަރަށް ރުންކުރު ކުއްޖެކެވެ. ކުދިކުދި ކަންކަމާވެސް މާ އަވަހަށް ރުޅިއާދެއެވެ.]

ހުރިހައި ބޭކަނބަލުން އެތެރެއަށް ވެންނެވީީމާ ސަލާމަތީ ވެރިޔާ ދޮރު ލައްޕައި މަކުޑި އަޅުވައިފިއެވެ. [ކުށްވެރިޔާއާ ވާހަކަފުޅު ދައްކަވަން ތިޔައިން ބޭކަނބަލަކު ބޭނުންފުޅުތޯއެވެ؟]

އަބޫ ޢަބްދުﷲގެ މަންމާފުޅު ވައި އަޑުފުޅުން ސުވާލުކޮށްލެއްވިއެވެ. [ކަލޭވެސް ގަބޫލުކުރަނީ ބަދްރު ބިން މުޣީރާއަކީ ކުށްވެރިއެއް ކަމަށް ހެއްޔެވެ؟]

ސަލާމަތީ ވެރިޔާ ހައިރާންވެފައި އެކަމާނާޔާ ދިމާއަށް ބަލައިލިއެވެ. އަބޫ ޢަބްދުﷲގެ މަންމާފުޅު ކަރުފުޅުގައި އޮތް ހާރުކޮޅު ނަންގަވައިފައި އޭނާގެ އަތަށް ދެެއްވައިފިއެވެ. [މިއީ ކަލޭގެ އިނާމެވެ.]

އަބޫ ޢަބްދުﷲގެ އަނބިކަނބަލުން އޭނާ އަޅުއްވައިގެން އިންނެވި ޖަވާހިރުޖެހި ރަން އުޅާކޮޅު ބާއްލުއްވައި ޙަބްޝީ ޖައްލާދާ ދިމާއަށް ދިއްކޮށްލެއްވިއެވެ. އޭނާ ހަދާނޭ ގޮތް ބޮޑުވެފައި ސަލާމަތީ ވެރިޔާއާ ދިމާއަށް ބަލައިލިއެވެ. ވެރިޔާ ލޮލުން އިޝާރަތެއްކޮށްލިއެވެ. [މާތްވެގެންވާ ރާނީއެވެ. ކަމަނާ އަމުރުފުޅު ކުރައްވާށެވެ. އިނާމެއްގެ ދަހިވެތިކަމާ ނުލައިވެސް ވިދާޅުވި ކަމެއް އަޅުގަނޑުމެން ކުުރާނަމެވެ. މި ހާރުކޮޅާއި އުޅާފުޅު ގެންދަވާށެވެ.]

އަބޫ ޢަބްދުﷲގެ މަންމާފުޅު ވިދާޅުވިއެވެ. [އަލްޙަމްރާގެ ގުއްބުތަކާއި މަތިވެރިކަން މިހާރު ފުލޯކު ވާހަކައަކަށް ވެފައިވާ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު ވަފާތެރިންނަށް އިނާމެއް ނުދެވޭ ވަރުގެ ހާލަތަކަށް ރަސްގެފާނުގެ މަންމައާއި އަނބިމީހާ އަދި ނުއެއް ވެއްޓެއެވެ. އަހަރެމެން މިއީ ފަގީރުން ކަމަށް އަހަރެމެންގެ ހިތަށް ވައްދައިދޭން މަސައްކަތް ނުކުރާށެވެ. އަހަރެމެން ބޭނުން ވަނީ މި ހިލައިގެ ގަހަނާ ސަރަހައްދީީ ބާޒުގެ މައްޗަށް ހޭދަކޮށްލާށެވެ.]

އިންތިޒާމީ ވެރިޔާ، ސަލާމަތީ ވެރިޔާއާ ދިމާއަށް ބަލައިލާފައި ބުނެފިއެވެ. [ތިޔަ ވިސްނަނީ ކޮން ކަމަކާ ހެއްޔެވެ؟ އަހަރެން މި އައީ ހުރިހައި އިންތިޒާމެއް ކޮށް ނިންމައިފައެވެ. އަވަހަށް އޭނާ ދޫކޮށްލާށެވެ.]

ސަލާމަތީ ވެރިޔާގެ އިޝާރަތަކަށް އަބޫ ޢަބްދުﷲގެ އަނބިކަނބަލުންގެ އަތްޕުޅުން ޖައްލާދު އަވަސްއަވަހަށް އުޅާކޮޅު އަތުލައިފިއެވެ.

ބަދްރު ބިން މުޣީރާ އިންނެވީ އެ ބޭފުޅުންނަށް ފުރަގަސް ދެއްވައިގެންނެވެ. އެހެންނަމަވެސް އެބޭފުޅުން ދެއްކެވި ވާހަކަފުޅު އަޑު އައްސަވައިފިއެވެ. އޭނާގެ ލޯފުޅުން ޝުކުރުވެރިކަމުގެ ކަރުނަފޮދު އޮހެނީއެވެ. އެއީ ކުޑަ ހިނދުކޮޅަކަށްވެސް އަޅުތަކުންގެ ހާލު ބެއްލެވުމުން ދުރުހެލިވެ ވޮޑިނުގަންނަވާ މަތިވެރި ﷲއަށް ޝުކުރުވެރިވެވަޑައިގަތުމުގެ ޖަޒުބާތުގެ އަސަރެވެ.

ޖައްލާދު ހިލިހިލާ ނައްޓައިލައިފިއެވެ.

ބަދްރު ބިން މުޣީރާ ތެދުވެވަޑައިގެން އޭނާގެ މުހުސިނުންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. އަބޫ ޢަބްދުﷲގެ މަންމާފުޅު ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ދަރިފުޅާއެވެ. އަހަރެން މިއީީ މަންމައެއް ކަމުގައި ބަލާށެވެ. އަހަރެމެން މި އަދާކުރީ އަހަރެމެންގެ ވާޖިބެކެވެ. އެކަމަކު މިއީ ހެޔޮ ކަމެއް ކަމުގައި ބަލާނަމަ ފުރުސަތު ލިބޭ ދަނޑިވަޅު އަބޫ ޢަބްދުﷲގެ ކިބައިން ބަދަލު ހިފުމުގެ ބަދަލުގައި އޭނާއަކީ ރަހުމުކުރަން ޖެހޭ މީހަކު ކަމުގައި ބަލައިދެއްޗެވެ.]

ބަދްރު ބިން މުޣީރާ ޖަވާބުދެއްވިއެވެ. [އަޅުގަނޑު މިހާރުވެސް ދެކެނީ އެއީ ރަހުމުކުރަން ޖެހޭ މީހަކު ކަމުގައެވެ. ގައުމު ވިއްކާލި މީހުންގެ ކުރިމަތީގައި އޭނާ މަޖުބޫރުވެފައި އިންތަން އަޅުގަނޑު ދުށީމެވެ.]

އަބޫ ޢަބްދުﷲގެ އަނބިކަނބަލުން ލޯފުޅުން ކަރުނަފޮދު އޮހޮރުއްވަމުން ވިދާޅުވިއެވެ. [އަޅުގަނޑަށް ވައުދެއް ވެވަޑައިގަންނަވާށެވެ. އުއްމީދު ކަނޑުއްވައިލައްވައި ގްރަނާދާގެ މަތިން ހަނދުމަފުޅު ނައްތަވައިނުލައްވައްޗެވެ. ހަމައެކަނި ގްރަނާދާގެ އަންހެނުންނެއް ނޫނެވެ. މުޅި އަންދަލުސްގެ ހުރިހައި އިސްލާމް އަންހެނުން ދެކެނީ މަނިކުފާނަކީ އެބައިމީހުންގެ މުހުސިނަކު ކަމުގައެވެ.]

އެ ވާހަކަފުޅުގެ ސަބަބުން ބަދްރުގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. [އަޅުގަނޑުގެ އުޚުތާއެވެ. ގްރަނާދާއަކީ އިސްލާމީ އަންދަލުސްގެ އެންމެ ފަހުގެ އުއްމީދެވެ. އަޅުގަނޑާއި އަޅުގަނޑުގެ ބައިވެރިން އެންމެ ފަހުގެ ނޭވަޔާ ހަމައަށް ގްރަނާދާ ހިމާޔަތްކުރުމުގައި ދެމިތިބޭނަމެވެ.]

އަބޫ ޢަބްދުﷲގެ މަންމާފުޅު ވިދާޅުވިއެވެ. [މިއީ ވާހަކަދެއްކުމުގައި މާ ގިނަ ވަގުތު ހޭދަކުރެވޭން އޮތް ދަނޑިވަޅެއް ނޫނެވެ. އަބޫ ޢަބްދުﷲގެ ބައިވެރިޔަކު މިތަނަށް އަތުވެދާނެތީ އަހަރެން ބިރުގަނެއެވެ. އަހަރެމެން ދަރިފުޅު ސަލާމަތް މިކުރީ އަމިއްލަ ޒިންމާގައެވެ. އަބޫ ޢަބްދުﷲއަށް އެނގުނަސް އަހަރެމެން ސަލާމަތުން ތިބޭނޭކަމުގެ ޔަގީންކަން އެބައޮތެވެ. އެހެންނަމަވެސް ދަރިފުޅު ސަލާމަތް ކުރުމުގައި އެހީތެރިވި އެހެން މީހުންގެ ސަލާމަތާ މެދު ވިސްްނަން ޖެހެއެވެ. އެންމެ ރަނގަޅު ގޮތަކީ އަބޫ ޢަބްދުﷲ ހަމަ މަގަށް އެޅޭންދެން ދަރިފުޅު އިހަށް ފާޅުނުވެ ސިއްރިޔާތުގައި އުޅުމެވެ. އެހެންނޫނީ ދަރިފުޅުގެ ބަދަލުގައި އެ އެހީތެރިން ހުރަގެއަށް ވަންނަން ޖެހިދާނެއެވެ. އެހެން ވެއްޖެނަމަ އަލްޙަމްރާގެ މައްޗަށް ޣައްދާރުންގެ ބާރު ގަދަވެގެން ހިނގައިދާނެއެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ފިކުރުފުޅު ނުކުރައްވާށެވެ. ވަރަށް ގާތް، އިތުބާރުކުރެވޭ ދެތިން މީހަކަށް ނޫނީ އަޅުގަނޑު ދިރިހުރި ކަމުގެ އެއްވެސް ހިލަމެއް ނުވާނެއެވެ. ބޮޑު މަގުސަދަކަށްޓަކައިި އަޅުގަނޑު ފިލައިގެން އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ.]

[ﷲ ދަރިފުޅު ސަލާމަތުން ލަހައްޓަވައި އެހީީތެރިވެވޮޑިގަންނަވާށިއެވެ.]

(5)

އެންޖެލާ މިހައިތަނަށް އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ބަދްރު އޭނާޔާ ދިމާއަށް ބައްލަވައިލެއްވީމާ ކުޑަކޮށް ކައިރިއަށް ޖެހިލުމަށް ފަހު ވައި އަޑުން ބުނެލިއެވެ. [ރަބީޢާއާ މެދު ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އޭނާއަށް މިތަނަށް ނާދެވުނީއެވެ.]

އަބޫ ޢަބްދުﷲގެ އަނބިކަނބަލުން ވިދާޅުވިއެވެ. [ވަގުތު ފާއިތުނުވަނީސް އަހަރެމެންގެ ސަމާލުކަމަށް މައްސަލަ ގެނައީތީ އެންޖެލާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަމެވެ.]

ބަދްރު ބިން މުޣީރާގެ ތުންފަތްޕުޅު މައްޗަށް އިހުސާންތެރިކަން ގަބޫލުކުރައްވާކަމުގެ އަސަރު ދައްކުވައިދޭފަދަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. [އެންޖެލާއެވެ. އެންޖެލާގެ ޑަކްޓަރު އެންޖެލާއާ ބެހޭ ގޮތުން އަހަންނާ ސުވާލުކުރާނެކަން ޔަގީނެވެ. އޭނާއަށް މެސެޖެއް ދޭން ބޭނުމިއްޔާ އަހަރެން މިހިރީ މެސެންޖަރަކަށްވާން ތައްޔާރަށެވެ.]

އެންޖެލާގެ ހަށިގަނޑުގައި ހުރި ހުރިހައި ލެއެއް އޭނާގެ ކޮލަށް ޖަމާވީ ކަހަލައެވެ. އެ ކޮޓަރިއަށް ވަނުމަށް ފަހު އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ބަޝީރުގެ ހާލުކޮޅު ނޭނގޭތީީ އޮތް ކަންބޮޑުވުމެވެ. އެކަމަކު އޭނާ ހުރީ އެ ވާހަކަ ދައްކާން ނުކެރިފައެވެ. އެފަދަ ފުރުސަތެއް ލިބޭނޭ ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ވާހަކައެއް ނުދެއްކުނީހެވެ. ބަދްރުގެ ސުވާލުން އޭނާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވުނު ފަދައެވެ. [އެއީ އަޅުގަނޑުގެ މުހުސިނެކެވެ. އެހެންވީމާ އަޅުގަނޑުގެ ހަދިޔާއެއްގެ ގޮތުގައި މި ރުމާ އޭނާއަށް ދެއްވާށެވެ.]

އެންޖެލާ ޖެހިލުންވެފައި ހުރެގެން ބަދްރުގެ އަތްޕުޅަށް ރަތްކުލައިގެ ކުޑަރުމާލެއް އަރުވައިފިއެވެ.

ދެކެވުނު ވާހަކަތައް ޝާހީ ބޭކަނބަލުންނަށް ވަރަށް ރަނގަޅަށް ވިސްނިިވަޑައިގެންފިއެވެ. އެހެންވީމާ އެއިން ކަމަކާ ގުޅޭ ގޮތުން އެ ބޭފުޅުން އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.

ނިޒާމީ ވެރިޔާގެ ވިދާޅުވުމަކަށް ބަދްރު ބިން މުޣީރާ ބަލިމީހުން އުފުލާ އަށިގަނޑެއް ކަހަލަ އެއްޗެއްގައި އޮށޯވެވަޑައިގެންފިއެވެ. އޭނާގެ ގައިކޮޅުގައި ހުދު ފޮތިގަނޑެއް އަޅައި ނިވައިކޮށްފިއެވެ.

ސަލާމަތީ ވެރިޔާ ގޮޅީގެ ދޮރު ހުޅުވައިފިއެވެ. އެންމެ ފުރަތަމަ ނުކުމެވަޑައިތީ އަންހެނުންނެވެ. ގޮޅީގެ ފާރަވެރިޔާއާ ދެތިން ފިޔަވަޅެއް ދުރުގައި ގަނޑުވަރުގެ މުވައްޒިފަކު ދަހި ގޮތަކަށް ލަސްލަހުން އަސްރަފީ ބަހަމުން އެބަގެންދެއެވެ. އެކަމަކު ޝާހީ އާއިލާގެ ބޭފުޅުން ފެނުމާއެކު އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ކޮތަޅުގައި ހުރި ހުރިހައި އަސްރަފީއެއް ބަހައި ނިންމައިލައިފިއެވެ.

ކުޑަ އިރުކޮޅެއް ވާންދެން ސަލާމަތީ ވެރިޔާ ގޮޅީގެ އެތެރޭގައި ބަލަހައްޓައިގެން ހުއްޓެވެ. ޝާހީ އާއިލާގެ ބޭފުޅުން ތަންކޮޅެއް ދުރަށް ވަޑައިގަތީމާ ބޭރަށް ނުކުމެ ފާރަވެރިންނާ މުޚާތަބުކޮށް ބުންޏެވެ. [ރަސްގެފާނު އަންގަވައިފައި އޮތީ ކުށްވެރިޔާގެ މަރުގެ ޚަބަރު އަހަރެމެން ނޫން މީހަކަށް އެނގިގެން ނުވާނޭ ކަމަށެވެ. ޝާހީ އާއިލާގެ ބޭކަނބަލުން މިތަނަށް ވަޑައިގަތީ ރަސްގެފާނުގެ އަމުރުފުޅު ހޯއްދަވައިގެންނެއް ނޫނެވެ. މިކަން ރަސްގެފާނަށް އެނގިވަޑައިގަތީމާ އެ ބޭކަނބަލުންނަށް އެއްވެސް ކަމެއް ނުކުރެއްވަމީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އަހަރެމެންގެ ދުވަސް ދާނެކަން ޔަގީނެވެ.]

އޭނާގެ އަމުރަށް ގަބުރު ނެރެން ހަތަރު މީހަކު ގޮޅީގެ ތެރެއަށް ވަދެއްޖެއެވެ. ބާކީ ތިބި މީހުން އެތަނުން ދާން އަންގައިފިއެވެ.

ކުޑަ އިރުކޮޅެއް ފަހުން ބަދްރު ބިން މުޣީރާ އޮންނެވި އަށިގަނޑު ކޮނޑަށް ލައިގެން ހަތަރު މީހުން ގޮޅިން ނުކުމެއްޖެއެވެ. ކުރީގައި ތިބެގެން ދިޔައީ ގަނޑުވަރުގެ ސަލާމަތީ ވެރިޔާއާއި އިންތިޒާމީ ވެރިޔާއެވެ. އެކި ގޯޅިތަކުން ލައިފައި ގޮސް ފާރެއްގެ ދޮށަށް ހުއްޓިއްޖެއެވެ. އެ ހިސާބުން ކުރިއަށް ދާނޭ މަގެއް ފެންނާކަށް ނެތެވެ. ސަލާމަތީ ވެރިޔާ އޭނާގެ އަތުގައި އޮތް ދަންމަރު ނިޒާމީ ވެރިޔާގެ އަތަށް ދީފައި ފާރުގައި ހަރުކޮށްފައި ހުރި ދަގަނޑު އަތްގަނޑަކަށް އަނބުރައިލައިފިއެވެ. އެޔާއެކު ފާރުގައި ރެނދެއް ލައިފިއެވެ. އެ ރެނދު މަޑުމަޑުން ބޮޑުވަމުން ގޮސް ދެ މީހަކަށް ވަދެވޭ ވަރުގެ ދޮރަކަށް ވެއްޖެއެވެ. އެތަން ހުޅުވުމާއެކު ފެން ދެމޭ އަޑުވެސް އިވޭން ފަށައިފިއެވެ. އެންމެން އެ ދޮރުން ބޭރަށް ނުކުމެއްޖެއެވެ. ބޭރުގައި ގާތްގަނޑަކަށް އަށެއްކަ ގަޒުގެ ފުޅާމިނުގައި އަދި ފަސް ގަޒުގެ އުސްމިނުގައި އޮތް ޕްލެޓްފޯމެއް ފެނިއްޖެއެވެ. އެ ޕްލެޓްފޯމުގެ ދަށުން ކޯރެއްގެ ފެންގަނޑު ދެމެމުން ދެއެވެ. ސަލާމަތީ ވެރިޔާގެ އިޝާރަތަކަށް ފާރަވެރިން އަށިގަނޑު ބިންމަތީގައި ބަހައްޓައިފިއެވެ. އެޔަށް ފަހު އޭނާ ނިޒާމީ ވެރިޔާގެ ކަންފަތްދޮށުގައި ސިއްރުން ވާހަކައެއް ބުނެލީމާ އޭނާ ފާރަވެރިންނާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [ކަލޭމެންނަކީ އެތައް އަހަރެއް ވާންދެން އަހަރެން ގާތުގައި ވަފާތެރިކަމާއެކު މަސައްކަތް ކޮށްފައިވާ ބައެކެވެ. އެހެންވީމާ އަހަރެން ދެކޭ ގޮތުގައި ކަލޭމެންނަށް ކަމެއް ސިއްރު ކުރުމަކީ ކަލޭމެންގެ ވަފާތެރިކަމަށް ކުރެވޭ އިހާނަތެކެވެ. ކަލޭމެންނަށް ވަރަށް ބޮޑު ސިއްރެއް ހާމަކުރަން އަހަރެން ބޭނުމެވެ.]

އޭނާގެ ކަންބޮޑުވުން ފެނުނީމާ އެތަނުން ފާރަވެރިޔަކު ބުނެފިއެވެ. [ތިޔަ ވިދާޅުވާ ސިއްރަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. އެންމެ ފަހު ނޭވަޔާ ހަމައަށް އެ ސިއްރު ފައުޅުނުކޮށް ހިފަހައްޓާނޭ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަމެވެ. އެ ވާހަކަ ނުދެއްކެވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑުމެން ކޮނޑުމަތީގައި މި އުފުލީ ގަބުރެއް ނޫންކަމާއި ދިރިއޮތް މީީހަކުކަން އަޅުގަނޑުމެންނަށް އެނގެއެވެ.]

ސަލާމަތީ ވެރިޔާ އަނގަޔަކުންް ނުބުންޏެވެ. ނިޒާމީ ވެރިޔާ އޭނާގެ ދަބަހުން އަސްރަފީ ކޮތަޅެއް ނަގައި ފާރަވެރިންގެ ތެރެއިން އެކަކަށް ފޯރުކޮށްލަމުން ބުންޏެވެ. [މިއީ ކަލެޔާއި ކަލޭގެ ބައިވެރިންގެ އިނާމެވެ.]

އޭނާ ބުންޏެވެ. [ނޫނެކެވެ. ނޫނެކެވެ. ގްރަނާދާގެ އަހުލުވެރިންނަށްޓަކައި ސަރަހައްދީ ބާޒު ދިރިދުނިޔޭގައި ހުންނެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އިނާމެވެ.]

އިނާމާ މެދު އިރުކޮޅެއް ވާންދެން ވާހަކަ ދެކެވުމަށް ފަހު ސަލާމަތީވެރިޔާގެ އެދުމާވެސް އެކު ފާރަވެރިން އަސްރަފީ ކޮތަޅު އަތުލައިފިއެވެ.

[އަހަރެމެން މަސައްކަތް މި ކުރަނީ އެ މީހުންގެވެސް ފުރާނަ ސަލާމަތްކުރަން ކަމާމެދު އެހެން ފާރަވެރިންގެ ހިތުގައި އެއްވެސް ޝައްކެއް އެބައޮތް ހެއްޔެވެ؟]

[ނޫނެކެވެ. އަޅުގަނޑުމެންގެ ގިނަ މީހުންވެސް ތިބީ ރާނީގެ ހިތްޕުޅަށް ރަހުމުފުޅު ވަންނާނޭ ގޮތް މެދުވެރި ކުރައްވާތޯ އެދިއެދިއެވެ. މިކަހަލަ ގޮތަކަށް ކަންތައް ވެގެން ހިނގައިދާނޭ ކަމަކަށް އަޅުގަނޑު ހިއެއް ނުކުރަމެވެ. އެކަމަކު ގޮޅީގެ ތެރެއިން ލޭގެ އެންމެ ތިތްކެއްވެސް ނުފެނުނީމާ އަޅުގަނޑުގެ ހިތް ހަމަޖެހިއްޖެއެވެ.]

އިންތިޒާމީ ވެރިޔާ ބުނެފިއެވެ. [ތިޔަ އުނިކަން މިހާރު ޖައްލާދު އޮންނާނީ ފުރިހަމަކޮށް ނިންމައިފައެވެ.]

ބަދްރު ބިން މުޣީރާ ގައިކޮޅުމަތީގައި އޮތް ފޮތިގަނޑު ނަންގަވައި އެއްލައިލެއްވުމަށްވުމަށް ފަހު ތެދުވެވަޑައިގެންފިއެވެ. [ހީވާ ގޮތުގައި ދިރިތިބީންގެ ދުނިޔެއަށް އެނބުރި އައުމުގެ ހުއްދަ މިހާރު އަޅުގަނޑަށް ލިބިއްޖެއެވެ.]

ވެރިންނާއި ފާރަވެރިން، ފަހަރަކު މީހަކު އައިސް ބަދްރާ ސަލާންކޮށްފިއެވެ.

އިންތިޒާމީ ވެރިޔާ ބުންޏެވެ. [ކޯރުގެ އައްސޭރިޔާ ހަމައިން އަޅުގަނޑުމެންގެ ބާރު ކެނޑިގެން ދާނެއެވެ. ވަރަށް އޮއިބާރެވެ. އަނެއްކޮޅުން ފިނި މޫސުންކަމުގައި ވާތީ ފެންގަނޑު ވަރަށް ފިންޏެވެ. މަނިކުފާނުގެ މުލައްދަނޑިފުޅަށް އިތުބާރު ނުކުރެއްވޭ ނަމަ އަޅުގަނޑުމެން ކޮންމެވެސް އެހެން ގޮތެއް އިންތިޒާމުކޮށްފާނަމެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ފިކުރުފުޅު ނުކުރައްވާށެވެ. އަޅުގަނޑުގެ ޖައްލާދުގެ ކަނޑީން އަޅުގަނޑުގެ ކަނދުރާ ސަލާމަތްކޮށްދެއްވި ކަލާނގެ އެ ހަލަބޮލި ރާޅުތަކުންވެސް އަޅުގަނޑު ސަލާމަތްކޮށް ދެއްވާނެއެވެ.]

އިންތިޒާމީ ވެރިޔާ ބުންޏެވެ. [އެންމެ ރަނގަޅެވެ. ﷲ މަނިކުފާނު ސަލާމަތުން ލަހައްޓަވާށިއެވެ. މަނިކުފާނު އަލްޙަމްރާއަށް ވެދެވަޑައިގަތީ ވަގު ރާސްތާއަކުންނެވެ. ތިޔަ ނުކުމެވަޑައިގަންނަވަނީވެސް ވަގު ރާސްތާއަކުންނެވެ. އަލްޙަމްރާގެ ބޮޑެތި ދޮރާށިތައް މަނިކުފާނަށްޓަކައި ހުޅުވައިލެވޭ ދުވަހަކަށް އަޅުގަނޑުމެން އިންތިޒާރު ކުރާނަމެވެ.]

ބަދްރު ބިން މުޣީރާ އެންމެންނާ ވަދާއުގެ ސަލާން ކުރެއްވުމަށް ފަހު ވަޑައިގެން ކޯރަށް ފުންމަވައިލައްވައިފިއެވެ.

(6)

ކޯރުގެ އަނެއް ފަރާތު އައްސޭރީގައި ހިލައެއްގެ މަތީގައި ބަދްރު ބިން މުޣީރާ އިށީނދެވަޑައިގެންފިއެވެ. ވަރުބަލިފުޅު ފިލުއްވައިލެއްވުމަށްޓަކައެވެ. ވިލާތައް ފިލައިގޮސް އުޑުމަތި އަލިވެއްޖެއެވެ. ތަރިތައް ސާފުކޮށް ފެންނާން ފަށައިފިއެވެ. އިރުކޮޅަކު އިންނެވުމަށް ފަހު ތެދުވެވަޑައިގަންނަވާން އުޅުއްވިތަނާ ފިޔަވަޅުތަކެއްގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ ވަޑައިގެން ގަހެއްގެ ފުރަގަހަށް ވެދެވަޑައިގެންފިއެވެ. އިރުކޮޅަކަށް ފަހު މަޑުމަޑުން ސިއްރު ފިޔަވަޅުފުޅުތަކެއް އަޅުއްވަމުން އެ އަޑެއް އަންނަ ދިމާއަށް ހިންގަވައިގެންފިއެވެ. އެ މީހުން ފެނިވަޑައިގަންނަވާކަށް މާ ގިނަ އިރެއް ނުވިއެވެ.

އެތަނުން އެކަކު މަޑުމަޑުން ބުނެފިއެވެ. [ހާދަހާ ގިނަ އިރެއް ވެއްޖެއެވެ. އިރުކޮޅަކުން އިރުއަރައިފާނެއެވެ.]

ދެވަނަ މީހާ ބުނެފިއެވެ. [އެކަމަކު އަޅުގަނޑުމެން އިންތިޒާރު ކުރާނޭ ކަމެއް ނެތޭވެސް އޭނާ ވިދާޅުވިއެއް ނޫންތޯއެވެ؟ ކާމިޔާބީ ލިބިވަޑައިގެންފިނަމަ އެތާނގައި ތަންކޮޅެއް ގިނައިރު ހުންނަވާން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކޭ ވިދާޅުވިއެއް ނޫންތޯއެވެ؟]

[އެކަމަކު ހަރުގަނޑުން މީހަކު ބާލުއްވައިގެން އަޅުގަނޑުމެންނަށް ޚަބަރެއް ކުރަވާނޭ ކަމަށްވެސް ވިދާޅުވިއެވެ.]

[އެ ފުރުސަތު ލިބިވަޑައިނުގަތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިތުރަށް އިންތިޒާރު ކުރައްވާން ބޭނުންފުޅިއްޔާ މިތާނގައި މަޑުކޮށްލެއްވުމަކީ އެންމެ ރަނގަޅު ގޮތެވެ.]

ބަދްރު ބިން މުޣީރާ ގޮވައިލެއްވިއެވެ. [މަންޞޫރު!]

ދެ ބޭފުޅުން ދުވެވަޑައިގެން ވަޑައިގެން ބަދްރުގެ ގައިކޮޅުގައި އޮޅުލައިވަޑައިގެންފިއެވެ. ދެވަނަ ބޭފުޅަކީ ބަޝީރް ބިން ޙަސަނެވެ.

ދެ ބޭފުޅުންގެ ސުވާލުތައް ގިނަކަމުން ކަންބޮޑުވެވަޑައިގެން ބަދްރު ވިދާޅުވިއެވެ. [އިހަށް މިތަނުން ނުކުމެވޭތޯ ބަލަމާ ހިންގަވާށެވެ.] ހިންގަވަމުން ވަޑައިގެން ބަދްރު، ބަޝީރް ކަންފަތްޕުޅު ދޮށުގައި ވައިއަޑުފުޅުން އެއްޗެކޭ ވިދާޅުވުމަށް ފަހު އޭނާގެ އަތްޕުޅަށް ކުޑަރުމާލެއް ދެއްވައިފިއެވެ.

މަންޞޫރު އޭނާޔާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [މަނިކުފާނު ތިޔަ ވަޑައިގަތީ އަމިއްލަފުޅު އިޚްތިޔާރުގައި ނޫންހެން ވަރަށް ބޮޑަށް ހީވެއެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ.]

ބަޝީރް ބިން ޙަސަން ވިދާޅުވިއެވެ. [މިހާރު އަޅުގަނޑުމެންނަށް ނުރައްކާތެރި ސަރަހައްދުން ބޭރަށް ނުކުމެވިއްޖެއެވެ. ދެން ހުރިހައި ވާހަކައެއް ވިދާޅުވެދެއްވާށެވެ.]

ދަތުރުފުޅުމަތީގައި ބަދްރު ކަންތައް ހިނގައިދިޔަ ގޮތުގެ ތަފުސީލު ދެއްވައިފިއެވެ. ކޯހެއްގެ ދުރުމިނަށް ވަޑައިގަތުމަށް ފަހު ވެދެވަޑައިގެންނެވުނީ ބަގީޗާއެއްގެ ތެރެއަށެވެ. އެ ބަގީޗާގެ ތެރޭގައި ވީރާނާވެފައިވާ ގެއެއް ހުއްޓެވެ. ގޭތެރޭގައި ފަސް މީހަކު ތިއްބެވެ. އެ މީހުން ތިބީ އެ ބޭފުޅުން ވަޑައިގަންނަވާން ތައްޔާރުކޮށްފައިވާ އަސްކޮޅުތަކާ ހަވާލުވެގެންނެވެ.

ތިން ބޭފުޅުން އަސްކޮޅަށް ސަވާރުވެވަޑައިގެންފިއެވެ. ބަޝީރު ސުވާލުކުރެއްވިއެވެ. [ވަޑައިގަންނަވާން ގަސްތުކުރައްވަނީ ކޮން ދިމާއަކަށްތޯއެވެ؟]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ތަންކޮޅަކަށް ގޮސްފައި އަޅުގަނޑު ތިޔަ ބޭފުޅުންނާ ވަކިވާނަމެވެ. އަޅުގަނޑު ދާނީ މި ފަސް މީހުން ގޮވައިގެންނެވެ. އިރުއެރުމާއެކު މަންޞޫރު ވަޑައިގެން ރަސްގެފާނުގެ ސިފައިން މަލަޚާއަށް ފުރުވައިލައްވާށެވެ. އެޔަށް ފަހު ލަޝްކަރަކާއިގެން އަޅުގަނޑާ ހަމައަށް ވަޑައިގަންނަވާށެވެ. ބަޝީރުވެސް މަލަޚާއަށް ވަޑައިގަންނަވާށެވެ. އައްޒައިޣަރީއާއި އައްޒަޣަލްގެ އަރިހުގައި ކަންތައް ހިނގައި ދިޔަ ގޮތް ރަނގަޅަށް ވިދާޅުވެ ދެއްވާށެވެ. އަދި ދުވަސްކޮޅެއް ވާންދެން އަޅުގަނޑު ސިއްރިޔާތުގައި އުޅުމަކީ އެންމެ މަސްލަހަތު ބޮޑު ގޮތް ކަމުގައި އެ ބޭފުޅުންނަށް ދަންނަވާށެވެ. އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިން އަޅުގަނޑުގެ މަރުގެ ޚަބަރު ފެރްނާންދޯއަށް ފޮނުވާނެއެވެ. އެޔާއެކު އޭނާ ހަނގުރާމައަށް ތައްޔާރުވާނެއެވެ. މައިދާނުގައި މުގާބިލާ ކުރެއްވުމުގެ ބަދަލުގައި ފަހަތަށް ޖެހިވަޑައިގެން އަޅުގަނޑުމެންގެ ސަރަހައްދަށް ވެދެވަޑައިގަންނަވާން އައްޒަޣަލަށް މަޝްވަރާ ދެއްވާށެވެ. ފެރްނާންދޯ ފަހަތުން އަތުވެއްޖެއްޔާ އަޅުގަނޑުމެން އޭނާ އިނދަޖައްސައިލާނަމެވެ. އަބޫ ޢަބްދުﷲގެ ރުހުމާވެސް އެކު ފެރްނާންދޯ ގްރަނާދާއަށް އައިސް ޖާގަ ޖެހުމަށް ފަހު މަލަޚާއަށް މިސްރާބު ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަހަލަ ހާލަތެއް މެދުވެރި ވެއްޖެނަމަ ރަސްގެފާނުގެ ލަޝްކަރުން ކުރިއަށް ޖެހި، ފެރްނާންދޯގެ ލަޝްކަރު ހުއްޓުވަން މަސައްކަތް ކުރާނީއެވެ. ކުޑަކޮށް ހަނގުރާމަކޮށްލުމަށް ފަހު ޖަންގަލި ތެރެއަށް ވަންނާނީއެވެ. ވަގުތު ޖެހުނީމާ އަޅުގަނޑު އެ ލަޝްކަރަށް އިރުޝާދު ދެއްވަން މަންޞޫރު ފޮނުވާނަމެވެ. މި ދެ ގޮތުންކުރެ ކޮންމެ ގޮތަކަށް ކަންތައް ދިމާވީނަމަވެސް މަލަޚާގެ ރައްކާތެރިކަމަށްޓަކައި ލަޝްކަރުގެ އެއްބައި ބާއްވަވަން މަޝްވަރާ ދެއްވާށެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.