ޞަޙީޙް މުސްލިމް: ހަދީސު ނަންބަރު 10

ޙަދީޘު ނަންބަރު (10)

كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا بَارِزًا لِلنَّاسِ فَأَتَاهُ رَجُلٌ فَقَالَ يَا رَسُولَ اللَّهِ مَا اْلإِيمَانُ قَالَ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكِتَابِهِ وَلِقَائِهِ وَرُسُلِهِ وَتُؤْمِنَ بِالْبَعْثِ اْلآخِرِ قَالَ يَا رَسُولَ اللَّهِ مَا اْلإِسْلاَمُ قَالَ اْلإِسْلاَمُ أَنْ تَعْبُدَ اللَّهَ وَلاَ تُشْرِكَ بِهِ شَيْئًا وَتُقِيمَ الصَّلاَةَ الْمَكْتُوبَةَ وَتُؤَدِّيَ الزَّكَاةَ الْمَفْرُوضَةَ وَتَصُومَ رَمَضَانَ قَالَ يَا رَسُولَ اللَّهِ مَا اْلإِحْسَانُ قَالَ أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنَّكَ إِنْ لاَ تَرَاهُ فَإِنَّهُ يَرَاكَ قَالَ يَا رَسُولَ اللَّهِ مَتَى السَّاعَةُ قَالَ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ وَلَكِنْ سَأُحَدِّثُكَ عَنْ أَشْرَاطِهَا إِذَا وَلَدَتْ اْلأَمَةُ رَبَّهَا فَذَاكَ مِنْ أَشْرَاطِهَا وَإِذَا كَانَتْ الْعُرَاةُ الْحُفَاةُ رُءُوسَ النَّاسِ فَذَاكَ مِنْ أَشْرَاطِهَا وَإِذَا تَطَاوَلَ رِعَاءُ الْبَهْمِ فِي الْبُنْيَانِ فَذَاكَ مِنْ أَشْرَاطِهَا فِي خَمْسٍ لاَ يَعْلَمُهُنَّ إِلاَّ اللَّهُ ثُمَّ تَلاَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ﴿إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي اْلأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ قَالَ ثُمَّ أَدْبَرَ الرَّجُلُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رُدُّوا عَلَيَّ الرَّجُلَ فَأَخَذُوا لِيَرُدُّوهُ فَلَمْ يَرَوْا شَيْئًا فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا جِبْرِيلُ جَاءَ لِيُعَلِّمَ النَّاسَ دِينَهُمْ 1

 

ތަރުޖަމާ (10)

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ގެ ރަސޫލާ އެއްދުވަހު މީސްތަކުންނާއެކު މަސްޖިދުއްނަބަވީގައި އިށީނދެ ވަޑައިގެން އިންނެވިއެވެ. އެހިނދު އެތަނަށް މީހަކު އައެވެ. އެމީހާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އީމާންކަމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެއީ ތިމާ ﷲ އަށް އީމާންވުމާއި އެއިލާހުގެ މަލާއިކަތުންނަށާއި ފޮތްތަކަށާއި އެއިލާހާއި ބައްދަލުވާނެ ކަމަށާއި އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވުމެވެ. އަދި އާޚިރަތް ދުވަހަށް އީމާންވުމެވެ. އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އިސްލާމް ކަމަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އިސްލާމް ކަމަކީ ޙައްޤު ގޮތުގައި ތިމާ، ﷲ އަށް އަޅުކަން ކުރުމެވެ. އަދި އެއިލާހާ އެއްވެސް އެއްޗަކާ ޝަރީކު ނުކުރުމެވެ. އަދި ފަރުޟު ނަމާދު ޤާއިމު ކުރުމާއި ފަރުޟު ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަ ހިފުމެވެ. ތިމާއަށް އެކަމަށް ކުޅަދާނަ ވެއްޖެނަމަ ގެފުޅަށް ގޮސް ޙައްޖު ވުމެވެ. މިބަސްފުޅު އަހާފައި އޭނާ ބުންޏެވެ. ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ދެން އެމީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އިޙްސާންތެރިކަމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އިޙްސާންކަމަކީ ކަލޭ ﷲ ދެކެދެކެހުރެ އަޅުކަން ކުރާ ފަދައިން އަޅުކަން ކުރުމެވެ. މިހެނީ ތިމާއަށް އެއިލާހު ފެންނަ ކަމުގައި ނުވިއަސް، އެއިލާހު، ތިމާ ދެކެވޮޑިގެންވާކަން ދަންނަން ޖެހެއެވެ. ދެން އެމީހަކު ބުންޏެވެ. އެހެން ވެއްޖެނަމަ ނިކަން ޤިޔާމަތުގެ ޢަލާމަތާ ބެހޭގޮތުން ވިދާޅުވެ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ތިޔާއިމެދު ސުވާލުކުރި މީހާއަށް ވުރެން ބޮޑަކަށް ސުވާލު ވެވުނު މީހާއަކަށް އެނގޭނެހެނެއް ހީއެއް ނުވެއެވެ. އެހެނެއްކަމަކު އޭގެ ޢަލާމާތްތައް ތިމަން ބުނެދީފާނަމައެވެ. ޤިޔާމަތް ވާނީ އަންހެންވެރިން، ދަރިންގެ ގޮތުގައި ތިމާގެ ސާހިބުން ވިހަންފެށީމައެވެ. މިއީ އެކަމުގެ ޝަރުޠެކެވެ. އަދި ޤައުމުގެ ނިކަމެތި ފަޤީރުން މީސްތަކުންގެ މައްޗަށް ވެރިންކަމުގައި އިސްކުރެވޭހިނދެވެ. މިއީ ވެސް އެކަމުގެ ޢަލާމަތެކެވެ. އަދި ހުއިހައްޕާ މީހުންފަދަ އާދައިގެ، ކުފޫ ހަމަނުވާ މީހުން އުސް އިމާރާތްތައް ހަދަން ފަށާނެއެވެ. އެކަމުގައި ތިމާމެންގެ ބޮޑާކަމާއި ޢިއްޒަތް ދައްކައިއުޅޭނެއެވެ. މިއީ ވެސް އެކަމުގެ ޢަލާމަތެކެވެ. ދަންނާށެވެ! ފަސް ކަންތަކެއް ވެއެވެ. އެކަންތަކާމެދު ﷲ ނޫން ފަރާތަކަށް އޭގެ ޙަޤީޤަތް އެނގިގެނެއް ނުވެއެވެ. މިހެން ވިދާޅުވެ އިތުރު އެކަލޭގެފާނު އަންނަނިވި އާޔަތް ކިޔަވައި ވިދާޅުވިއެވެ. ﴿إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ  وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا  وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ  إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴿٣٤﴾ 2  މާނައީ: ޤިޔާމަތް ދުވަހާބެހޭ ގޮތުން އެނގިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. ވާރޭ ވެއްސަވަނީ ހަމަ އެއިލާހެވެ. މައިމީހާގެ ރަޙިމުގައި ވާއެއްޗަކާމެދު ދެނެވޮޑިގެންވަނީ ހަމަ އެއިލާހުއެވެ. މާދަން ތިމާ ކުރާނެ ކަމަކާމެދު ހަމަ ތިޔައިން އެކަކަށް ވެސް އެނގިގެނެއް ނުވެއެވެ. އަދި ތިމާ މަރުވެގެންދާނީ ކޮން ބިމެއްގައިކަން ހަމަ ތިޔައިން އެކަކަށްވެސް އެނގިގެނެއް ނުވެއެވެ. ދަންނާށެވެ! ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ބޮޑަށް ޚަބަރު ލިބިވޮޑިގެންވާ އިލާހެވެ. މިއެވެ. ދެން އަބޫހުރައިރާ ވިދާޅުވިއެވެ. (ކީރިތި ރަސޫލާ މިއާޔަތް ކިޔަވައި ވިދާޅުވުމާއެކު) މިމީހަކު ނިކުމެގެން ގޮސްފިއެވެ. އެހިނދު رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. އެމީހާ ނިކަން ގެނެސްބަލާށެވެ! އަވަހަށް އަޞްޙާބު ބޭކަލުން އޭނާ ހޯއްދަވަން ނިކުމެ ވަޑައިގަތެވެ. އެކަމަކު ޖެހުނުތާ ލަކުނުވެސް ނެތެވެ. މިޚަބަރު ލިބިވަޑައިގަތުމުން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. އެއީ ޖިބްރީލެވެ. ވަޑައިގަތީ މީސްތަކުންނަށް އެއުރެންގެ ދީން އުނގަންނަވައި ދެއްވުމަށެވެ. މިއެވެ.


1 – މިރިވާޔަތް ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި އިމާމު މުސްލިމުގެ އިތުރުން ބުޚާރީއާއި ނަސާއީއާއި އިބްނުމާޖާއެވެ.
2 – ސޫރަތު ލުޤްމާން: (34)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.