(1 ޖަނަވަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަރަހުށި މާތް اللّــــه ވަނީ عــبـــدالمـطَّــلِــب ގެފާނަށް ވެރިކަމާއި މުދަލާއި ބޭފުޅުން ދެއްވުމުގައި ނުހަނު ދީލަތިވަންތަވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ އުފަން ބޭފުޅުން އެބަތިއްބެވިއެވެ. ކާފަމާފަ ވިދާޅުވާ ބޭފުޅުން އެބަތިއްބެވިއެވެ. އެކަމަކު އެންމެ ލޯބިފުޅުވާ ދަރިކަލުން عــبـــد اللّــــه އެއް ނެތެވެ. މިހާރު عــبـــد اللّــــه ގެ ހުވަފަތް އަނބިކަނބަލުންވެސް މިދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. عــبـــدالمـطَّــلِــب ގެފާނު ســيّـــدة آمـــنـــــة ފަސްދާނުލެއްވުމަށްފަހު ލޮބުވެތި ޔަތީމު ދަރިކަލުން محــمّــــد ގޮވައިގެން ވަޑައިގެންނެވީ މައްކާއަށެވެ. عــبـــدالمـطَّــلِــب ގެފާނު މަސައްކަތްޕުޅަކަށް ހެއްދެވީ ކައުސާހިބާ އަބަދުވެސް އުފާފުޅު ކުރުއްވުމެވެ. عــبـــدالمـطَّــلِــب ގެފާނު ގެއިންބޭރަށް ތަނަކަށް ވަޑައިގަންނަވާނަމަ ކާފަދަރިކަލުން އަރިހުގައި ގެންދަވައެވެ. عــبـــدالمـطَّــلِــب ގެފާނަކީ ޤުރައިޝުންގެ أمــيــــــر އެވެ. މައްކާގެ ވެރިޔާއެވެ. އެކަލޭގެފާނަށްޓަކައި كــعـــبـــة ގެ ހިޔަލުގައި ދޫލަކޮޅެއް ފަތުރައިލެވެއެވެ. އެކަލޭގެފާނު އެ ދޫލަކޮޅުގައި އިށީނދެވަޑައިގެންނެވުމުން އެހެންމީހުން އިށީނދެ ތިބެނީ ކުރިފުޅުމަތީގައެވެ. ބިންމަތީގައެވެ. ޚުދު އެކަލޭގެފާނުގެ ބޭފުޅަކުވެސް އެ ދޫލަކޮޅުގައި އިށީނދެވަޑައެއް ނުގަންނަވައެވެ. އެކަމަކު عــبـــدالمـطَّــلِــب ގެފާނު ތުއްޕުޅު ކާފަދަރިކަލުން އެ ދޫލަކޮޅުގައި ބައިންދަވައިގެން އިސްތަށިފުޅާއި ބުރަކަށިފުޅުގައި ފިރުންމަވައެވެ.
ކައުސާހިބާގެ ބޮޑުބޭބޭފުޅުން އެއްފަހަރަކު އެކަލޭގެފާނު އެ ދޫލަކޮޅުގެމަތީން ނަންގަވަން އުޅުއްވިއެވެ. ނަމަވެސް އިތުރު ސާހިބާ އަލުން އިށީނދެވަޑައިގަންނަވަނީއެވެ. އެތަން ފެނިވަޑައިގެންނެވުމުން عــبـــدالمـطَّــلِــب ގެފާނު އެކަން މަނާކުރެއްވިއެވެ. އެކަލޭގެފާނުގެ ބޭފުޅުންނަށް ވިދާޅުވިއެވެ. އަހަރެންގެ މި ބަރަކާތްތެރި ދަރިކަލުން މިތަނުން ނުނަގާށެވެ. އެއާއެކު ކުއްލިޔަކަށް ވިދާޅުވި ޅެންބައިތެއްގެ މާނައިގައިވެއެވެ.
"މި އުރަކޮޅު ލެވިފައިވާ ގެފުޅަކީ ޝައްކެއްނެތް ގޮތުގައި ބަރަކާތްތެރި މާތް ގެފުޅެކެވެ. މިގެފުޅުގެ މާތްކަމާއި މަތިވެރިކަމުގެ ސަބަބުތަކުގެ ތެރެއިންވާ އެއްސަބަބަކީ ޝައްކެއްނެތް ގޮތުގައި އަހަރެންގެ މިދަރިކަލުންނެވެ." (ޢަބްދުލްމާލިކު މުޖާހިދު)
عــبـــدالمـطَّــلِــب ގެފާނު މެންދުރު އަރާމުކުރައްވާ ގަޑީގައި ގޭގެ އެއްވެސް މީހަކަށް އެކަލޭގެފާނުގެ އަރިހަށް ދާކަށެއް ނުކެރެއެވެ. ނަމަވެސް އެ ޚާއްޞަ ވަގުތުގައިވެސް އިތުރު ސާހިބާއަށް ވަނީ ކާފާފުޅުގެ އަރިހަށް ވަޑައިގެންނެވުމުގެ އިޒުނަފުޅު ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާގެ އުމުރުފުޅުން އަށްއަހަރުފުޅުގައި ކާފާފުޅުގެ އަރިހުގައި ދާރުއްނަދުވާއަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެއީ ޤުރައިޝްވަންހައިގެވެސް އެހެން އެއްވެސް ކުއްޖަކަށް ލިބިފައިނުވާ ޝަރަފެކެވެ. އިތުރު ސާހިބާގެ އުމުރުފުޅުން އަށްއަހަރުފުޅު ފުރުނުތަނާ އޯގާވެރިކަމާއި ކުލުނުވެރިކަމުގެ އެ ހިޔާވަހިކަމުންވެސް މަޙްރޫމުވެވަޑައިގެންފިއެވެ. ލޮބުވެތި ކާފާފުޅު އަވަހާރަވެއްޖެއެވެ. عــبـــدالمـطَّــلِــب ގެފާނު ފަސްދާނުލެވުނީ ޙަޖޫނުގައެވެ. އެކަލޭގެފާނުގެ ކާފައިކަލެއް ކަމުގައިވާ قُـصَـــيّ ގެ އަރިހުގައެވެ.
عــبـــدالمـطَّــلِــب ގެފާނު އަވަހާރަވުމުގެ ކުރިން ވަނީ ކައުސާހިބާގެ ހުރިހައިކަމެއް ބެލެހެއްޓެވުންވަނީ އެކަލޭގެފާނުގެ ދަރިކަލުން أبــــوطــالــب އާ ހަވާލުކުރައްވައިފައެވެ. އަޅުގަނޑު ކުރީންވެސް ލިޔެފައިވާ ފަދައިން أبــــوطــالــب ގެފާނަކީ عــبـــدالمـطَّــلِــب ގެފާނުގެ ބޭފުޅުންގެ ތެރެއިން ކައުސާހިބާގެ ބައްޕާފުޅު عــبـــداللّــــه ގެފާނާ އެއްކިހުނުފަން ބޭކަލެކެވެ. أبــــوطــالــب ގެފާނު އިތުރު ސާހިބާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެކަންކަން ބެލެހެއްޓެވީ، ބައްޕާފުޅުގެ ވަޞިއްޔަތަކާ ގުޅިގެން ހަވާލުވެވަޑައިގަންނަވާން ޖެހިވަޑައިގެންނެވި ޒިންމާއެއް އަދާކުރައްވާ ސިފަޔަކަށް ނޫނެވެ. އަދި ކީއްތޯއެވެ؟ أبــــوطــالــب ގެފާނު ކައުސާހިބާގެ ކަންތައްތައް ބެލެހެއްޓެވީ އެކަލޭގެފާނުގެ އުފަން ބޭފުޅުންނާއި ޚުދު އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށްވުރެވެސް އިސްކަން ދެއްވައިގެންނެވެ. أبــــوطــالــب ގެފާނަކީ عــبـــدالمـطَّــلِــب ގެފާނު ފަދަ މުއްސަނދިފުޅު ބޭކަލެއް ނޫނެވެ. ބައްލަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ގިނަ، އަތްޕުޅުމަތިދަތި ބޭކަލެކެވެ. އެކަމަކު އެވަގުތަކަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ފަރީއްކޮޅެއް އެންމެކުރީން އިތުރު ސާހިބާއަށް އަރުއްވައެވެ. أبــــوطــالــب ގެފާނު ފަރީއްކުޅުއްވަނީ އޭގެފަހުންނެވެ. އިތުރު ސާހިބާ އަވަހާރަފުޅުލެއްޕެވުމުން ފެނިވަޑައިގަންނަވާ ހިސާބުގައި އޮންނަވައިގެން މެނުވީ أبــــوطــالــب ގެފާނު އަވަހާރަފުޅެއް ނުލައްޕަވައެވެ.
މޫނުފުޅުގެ ބަރަކާތުން ވާރޭވެހިއްޖެ
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ތުއްޕުޅުއިރު أبــــوطــالــب ގެފާނުގެ ބެއްލެވުމުގެ ދަށުގައި ހުންނެވި ދުވަސްވަރުގެ ޚާއްޞަ ހާދިސާއެއްގެ ވާހަކަ جَــلْـــهَــمَـــةُ بــــن عُـــــرُفُـطَـــةُ ގެ އަރިހުން ރިވާކުރައްވައި إبـــن عَسَــاكِــــــرُ ލިޔުއްވައިފައިވެއެވެ.
جَــلْـــهَــمَـــةُ ވިދާޅުވެފައިވެއެވެ. އަހަރެން އެއްފަހަރަކު މައްކާއަށް ދިޔައިރު މައްކާގެ އަހްލުވެރީން އުޅެނީ ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ރަށްތަދުވެ ވަރަށް ކަންބޮޑުވެގެންނެވެ. މައްކާގައި ރޯގާތައްވެސް ވަރަށްގިނައެވެ. قـــــريـش ން أبــــوطــالــب ގެފާނުގެ އަރިހަށްގޮސް ދެންނެވިއެވެ. "މުޅި ވާދީ (މައްކާ) ގައި ޢާންމުވެފައި މިވަނީ ތަދުމަޑުކަމެވެ. ކުޑަކުދީންތައް ތިބީ މަރުގެ ތުންފަތްމަތީގައެވެ. މިކަން ފިއްލަވާތޯ ކަލޭގެފާނު ދުޢާފުޅު ކޮށްދެއްވާށެވެ. أبــــوطــالــب ގެފާނު އެކަން ޤަބޫލުކުރެއްވިއެވެ. އެކަލޭގެފާނު ދުޢާކޮށްދެއްވާން ނުކުމެވަޑައިގެންނެވިއިރު އަރިހުގައި ގެންނެވި ތުއްޕުޅު ބޭފުޅަކު ހީވަނީ ކަޅުވިލާގަނޑެއްގެ ތެރެއިން ފާއްދާލި އިރެއް ހެންނެވެ. އެބޭފުޅެއްގެ ވަށައިގެން އެހެން ކުޑަކުދީންތަކެއްވެސް ތިއްބެވެ. أبــــوطــالــب ގެފާނު ވަޑައިގެންނެވީ އެބޭފުޅެއްގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. أبــــوطــالــب ގެފާނު ވަޑައިގެން ގެފުޅުގެ ދޮރުކޮޅުމަތީގައި ހުއްޓިވަޑައިގެން އިރުކޮޅަކު ހުންނަވައިލައްވައިފައި އެއްކަލަ ބޭފުޅާ ނަންގަވައި ގެފުޅުގެ ބިތްކޮޅުގައި ޖައްސައިލައްވައިފައި ބިންމަތީގައި ބަހައްޓަވައިފިއެވެ. އެބޭފުޅެއްގެ އިނގިލިފުޅުގައި ހިއްޕަވައިގެން ޙަރަމްފުޅުން ނުކުމެވަޑައިގަންނަވާން ހިންގަވައިގެންފިއެވެ. އޭރު އުޑުމަތީގައި ހުޅުނބުފަތެއްހައިވަރުގެވެސް ވިލާކޮޅެއް ނެތެވެ. ނަމަވެސް ބަލަބަލައި ތިއްބައި އެކިދިމަދިމާއިން ވިލާތައް އައިސް އެއްލާން ފަށައިފިއެވެ. أبــــوطــالــب ގެފާނަށް ގެކޮޅަށް ވަޑައިގެންނެވޭހައި އިރުކޮޅެއްވީތަނާ ވާރޭވެހޭން ފަށައިފިއެވެ. ވާރޭވެހުނުލެއް ގިނަކަމުން ވާދީތަކުގައި ސައިލުތައް ހެދިއްޖެއެވެ. ސަހަރުތަކާއި ޖަންގަލިތަކަށް އާރޯކަން އަތުވެއްޖެއެވެ. ރަށް ތިޔާގިވެއްޖެއެވެ. (އައްރަޙީޤުލް މަޚްތޫމި)
بُحـَـيـــــرَا ރާހިބުގެ ވާހަކަ
أبــــوطــالــب ގެފާނުގެ ހިތްޕުޅުގައި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާމެދު އުފެދިފައިވަނީ އަންތަރީސްވާފަދަ ކުލުނުފުޅެކެވެ. އެހެންކަމުން أبــــوطــالــب ގެފާނު ތުއްޕުޅު ސާހިބާ އެކަލޭގެފާނުގެ އަރިހަކުން ވަތްކެއް ނުކުރައްވައެވެ. ދަތުރުފުޅެއް ކުރެއްވިކަމުގައިވިޔަސް ރަށުގައި ހުންނެވިކަމުގައި ވިޔަސްވެހެވެ. ނަމަވެސް أبــــوطــالــب ގެފާނު އެފަހަރު ޝާމުކަރަޔަށް ކުރައްވާ ދަތުރުފުޅުގައި ޤަޞްދުކުރެއްވީ ތުއްޕުޅު ސާހިބާ ރަށުގައި ބަހައްޓަވާށެވެ. أبــــوطــالــب ގެފާނުގެ އެދަތުރުފުޅުގެ ވާހަކަޔަކީ އެވާހަކައިގެ ސަނަދުގެ ހައިސިއްޔަތާމެދު ޝައްކުތަކެއްހުރި ވާހަކައެކެވެ. أبــــوطــالــب ގެފާނަކީވެސް ވިޔަފާރިވެރިޔެކެވެ. އެކަލޭގެފާނަކީ މާތަނަވަސް ބޭކަލެއްކަމުގައި ނުވިޔަސްވެހެވެ. قـــــريـش ންނަކީ ވިޔަފާރިވެރީންނެވެ. އެބައިމީހުން ކޮންމެ އަހަރަކުވެސް ޝާމްކަރަޔަށާއި ޔަމަނުކަރަޔަށް ވިޔަފާރި ދަތުރުކުރެއެވެ. أبــــوطــالــب ގެފާނު އެދަތުރުފުޅު ކުރެއްވިއިރު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޢުމުރުފުޅަކީ ގާތްގަނޑަކަށް ބާރަ އަހަރުފުޅެވެ. أبــــوطــالــب ގެފާނު ހަމަޖައްސަވައިފައިވަނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެދަތުރުފުޅުގައި ނުގެންދަވާ ގޮތަށެވެ. ދަތުރުގެ އުނދަގޫފުޅުކަމާ ހުރެއެވެ. ނުވަތަ އެނޫންވެސް ސަބަބަކާ ހުރެއެވެ. ކޮންމެއަކަސް أبــــوطــالــب ގެފާނު ފުރައިވަޑައިގަންނަވާ ވަގުތު ޖެހިއްޖެއެވެ. އެކަލޭގެފާނު ދަތުރުފުޅަށް ނުކުމެވަޑައިގެންނެވުމާއެކު ތުއްޕުޅު ސާހިބާ أبــــوطــالــب ގެފާނާ އޮޅުލައިވަޑައިގެންފިއެވެ. އިތުރު ސާހިބާގެ ހިތްޕުޅުގައި ޖައްސަވައިފައި ވަޑައިގަންނަވާކަށެއް أبــــوطــالــب ގެފާނަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އިތުރު ސާހިބާ ގޮވައިގެން ދަތުރަށް ފުރައިވަޑައިގެންފިއެވެ.
أبــــوطــالــب ގެފާނު އެދަތުރުފުޅުގައި ވަޑައިގެންނެވީ ޝާމުކަރައިގެ ބުޞްރާއަށެވެ. ބުޞްރާއަކީ ޝާމްކަރައިގެ ޙައުރާން ޕްރޮވިންސުގެ މަރްކަޒީ ރަށެވެ. އެރަށަކީ ޖަޒީރަތުލްޢަރަބުގައި ރޯމަނުން ކޮލޮނައިޒުކޮށްފައިހުރި ތަންތާނގެ ވެރިރަށެވެ. އެރަށުގައި ޖަރުޒީސެވެ ކިޔުނު ރާހިބަކު ހުންނަވައެވެ. އޭނާ މަޝްހޫރުވެފައިވަނީ بُحـَـيـــــرَا ގެ ނަންފުޅުންނެވެ. އޭނާ ޢަރަބި ޤާފިލާ މަޑުކޮށްލާއިރަށް ފައްޅީން ނުކުމެވަޑައިގެން ޤާފިލާގެ ތެރެޔަށް ވަޑައިގެންފިއެވެ. އޭނާ ޢަރަބި ޤާފިލާއަށް ގޮވައިލުމަކަށް ދަޢުވަތު ދެއްވިއެވެ. އޭނާއަކީ އޭގެކުރީން އެފައްޅީގެ ކައިރީގައި ޤާފިލާއެއް މަޑުކުރިކަމުގައިވިޔަސް ފައްޅީގެ ކުޑަދޮރަކުން ބޯދިއްކޮށްލައްވާ ބޭކަލެއްވެސް ނޫނެވެ. މިވާހަކައިގެ ރިވާޔަތުގައިވާގޮތުން އޭނާއަށް ވަނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ފާހަގަކުރެއްވިފައެވެ. އެމާތް ސާހިބާގެ ބައެއް ޢަލާމާތްތަކުގެ ސަބަބުންނެވެ. އޭނާ ތުއްޕުޅު ސާހިބާގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. މިއީ سـيّـــد الــعــالمـــيــــن އެވެ. اللّــــه މީނާ رحـمــة لّـلعــالمــيـــن އެއްކަމުގައި ލައްވައިފައި ފޮނުއްވާނެއެވެ. أبــــوطــالــب ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް އެކަން އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟ بُحـَـيـــــرَا ވިދާޅުވިއެވެ. ތިޔަބައިމީހުން އެއޮތްފެންނަ އުސްތަނުން މިދިމާޔަށް ފޭބިއިރު ސަޖިދަނުކުރާ ގަހެއްވެސް އެންމެ ހިލައެއްވެސް ނެތެވެ. އެތަކެއްޗަކީ ނަބީބޭކަލަކު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ސަޖިދަކުރާނެ އެއްޗެއްސެއް ނޫނެވެ. މީގެއިތުރަށް މިކަލޭގެފާނުގެ ނަބީކަމުގެ ސިއްކަފުޅުންވެސް އަހަންނަށް މިކަލޭގެފާނު ފާހަގަކުރެވެއެވެ. އެ ސިއްކަފުޅު އެހެރީ މިކަލޭގެފާނުގެ ދެބޮނބިފަޅިފުޅުގެ ދެމެދުގައެވެ. އާފަލެއްގެ ބޮޑުމިނުގައެވެ. މިވާހަކަތައް އަހަރެމެންގެ ފޮތްތަކުގައިވެސް އެބަހުއްޓެވެ. (އައްރަޙީޤުލް މަޚްތޫމި)
މި ރިވާޔަތްވަނީ ތަފާތު އުސްލޫބުތަކުން ރިވާވެފައެވެ. އެކަމަކު ޙައިރާންވާންޖެހޭ ކަމަކީ މިވާހަކަޔަށް ޢާންމުކޮށް މުސްލިމުން ޝައުޤުވެރިވާ ވަރަށްވުރެ މާބޮޑަށް ކްރިސްޓިޔަނުން ޝައުޤުވެރިވާކަމެވެ. ސަރ ވިލިޔަމް މުއިރެވެ، ޑްރެޕަރެވެ، މާރގޯލިޔޫސެވެ އަދި މިނޫންވެސް އެތައް ބަޔެކެވެ. އެމީހުން މި ހާދިސާއާމެދު ދެކެނީ ކްރިސްޓިޔަނިޓީއަށް ލިބުނު ވަރަށްބޮޑު ފަތަޙައެއް ކަމުގައެވެ. އެބައިމީހުން ދަޢުވާކުރަނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދީނުގެ ޙަޤީޤަތާއި ސިއްރުތައް ދަސްފުޅުކުރެއްވީ އެ ރާހިބުގެ ކިބައިން ކަމުގައެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިސްލާމްދީނުގެ ހުރިހައި ޢަޤީދާތަކެއްގެ ބިންގާ އެޅުއްވީ بُحـَـيـــــرَا ދަންނަވައިދިން ނުކުތާތަކުގެ މައްޗަށް ކަމުގައެވެ. އިސްލާމްދީނުގެ ހުރިހައި ފުރިހަމަ އުސޫލުތަކެއްގެ ފެށޭ ނުކުތާއަކީ އެއީ ކަމުގައެވެ.
މި ރިވާޔަތަކީ ޞައްޙަ ރިވާޔަތެއްކަމުގައި ކްރިސްޓިޔަން މުސަންނިފުން ޤަބޫލުކުރާނަމަ ޙަޤީޤަތުގައި ޤަބޫލުކުރާންޖެހޭނީ ރިވާޔަތުގައިވާ ގޮތަށެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް بُحـَـيـــــرَا ރާހިބު އެއްވެސް އެއްޗެއް އުނގަންނައިދެއްވި ކަމަކަށެއް އެ ރިވާޔަތްތަކަކު ނެތެވެ. އަނެއްކާ ދާދިކުޑައިރުކޮޅަކަށް بُحـَـيـــــرَا އާ ބައްދަލުވެވަޑައިގެންނެވި އުމުރުފުޅުން ބާރަ އަހަރުގެ ތުއްޕުޅު ބޭފުޅަކަށް ދީނުގެ ހުރިހައި ރަމްޒުތަކަކާއި ފުން އަސާސްތަކެއް އެކުޑަ ވަގުތުކޮޅުން ދަސްފުޅުވުމާއި ދަސްފުޅުކޮށް އެރުވުމަކީ ސަލާމަތް ބުއްދިޔަށް ޤަބޫލުކުރެވޭވެސް ކަމެއް ނޫނެވެ. އެކަމަކީ އާދަޔާ ޚިލާފު ގޮތަކަށް ހިނގިކަމެއް ކަމުގައިވާނަމަ އެކަމުގައި بُحـَـيـــــرَا ގެ މެދުވެރިވުމެއް އޮންނާކަށެއް ލާޒިމެއްވެސް ނޫނެވެ.
ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި މި ރިވާޔަތަކީ އެއްވެސްގޮތަކުން އިތުބާރު ކުރެވޭފަދަ ރިވާޔަތެއް ނޫނެވެ. މި ރިވާޔަތުގައި އައިސްފައިވާ ހުރިހައި ގޮތްތަކަކީވެސް މުރްސިލު ގޮތްތަކެވެ. ވާހަކަ ރިވާކުރާ މީހާ ހާދިސާ ހިނގިއިރު އެތަނަކު ނެތެވެ. ހާދިސާ ހިނގިއިރު އެތާނގައި ހާޒިރުވެހުރި މީހެއްގެ ނަމެއް ބަޔާންކޮށްފައެއް ނެތެވެ. (ސީރަތު ޝިބްލީ)
ތުއްޕުޅުއިރުގެ ދިރިއުޅުއްވުން
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ ތުއްޕުޅުއިރުވެސް ހުރިހައި މާތް ޚަޞީލަތްޕުޅުތަކަކުން ސިފަ ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނަކީ އެހެނިހެން ތުއްތުކުދީން ފަދައިން ދަހިވެތި ބޭކަލެއް ނޫނެވެ. ހެނދުނު ފަރީއްކޮޅެއް ލިބިވަޑައިނުގެންނެވި ކަމުގައިވިޔަސް ދުވަހަކު ޝަކުވާއެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ލަދުވެތި ބޭކަލެކެވެ. ސާފުތާހިރުކަމަށް ލޯބިކުރައްވާ ބޭކަލެކެވެ. އެދުވަސްވަރު މައްކާގެ ކޮންމެ ގޯޅިއެއްގައި ރާހަދާ ތަނެއް ހުއްޓެވެ. މަދު އިސްތިސްނާއެއް ފިޔަވައި ކޮންމެ ގެޔަކީވެސް ރާޚާނާއެކެވެ. ޖުވާ ކުޅުމަކީ ޢާންމު ކަމެކެވެ. އެފަދަ ފާސިދު ވެއްޓެއްގައި ބޮޑުފުޅުވިއިރުވެސް އެމާތް ސާހިބާގެ އަޚްލާޤީ ދާވަނިކޮޅުގައި ކުޑަވެސް ލަކެއް ނުޖެހެއެވެ. ކިލާކޮޅެއް ހޭކިލައިފައެއް ނުވެއެވެ. މިލަކޮޅެއް ނެތެވެ. ރާގެ އެންމެ ތިއްކަރެއްގައިވެސް ދުވަހަކު ޖެހިވަޑައެއް ނުގަންނަވައެވެ. ޖުވާ ކުޅޭ ވަސީލަތެއްގައި އަތްޕުޅު ބީއްސަވައިފައެއް ނުވެއެވެ. އެމާތް ސާހިބާގެ މަންމާފުޅާއި ބައްޕާފުޅުގެ ހަމައެކަނި ނަންފުޅަށް ވިސްނައިވަޑައިގަންނަވާށެވެ. އާދެ، ބައްޕާފުޅުގެ ނަންފުޅަކީ عــبـــداللّــــه އެވެ. މައިކަނބަލުންގެ ނަންފުޅަކީ آمـــنـــــة އެވެ. އެ ދެކަނބަލުންނަށް އެފަދަ ނަންފުޅުތަކެއް ލިބިވަޑައިގެންފައިވުމަކީވެސް ޢިލްމުވެރީންގެ ނަޒަރުގައި ދަލާއިލުއްނުބުއްވަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ބައްޕާފުޅުގެ ލޭފޮދާ ގުޅިފައިވަނީ މާތް اللّــــه ގެ ޢުބޫދިއްޔަތެވެ. މައިކަނބަލުންގެ ކިރުފޮދާ ގުޅިފައިވަނީ އަމަންއަމާންކަމެވެ.
އިސްވެދެންނެވި ފަދައިން ބޮޑުބޭބޭފުޅު أبــــوطــالــب އަކީ އަހުލުޢިޔާލުން ގިނަ ބޭކަލެކެވެ. އަތްޕުޅުމަތި ދަތި ބޭކަލެކެވެ. އެހެންކަމުން ތުއްޕުޅުއިރުއްސުރެ ދިރިއުޅުއްވުމަށްޓަކައި ނުހަނު ތެދުވެރިކަމާއެކު ނުހަނު ބުރަކޮށް މަސައްކަތްޕުޅުކުރެއްވިއެވެ. އެހެނިހެން ނަބީބޭކަލުން ފަދައިން ބަކަރި ހުއިހެއްޕެވިއެވެ عــقـبــــة بــــن أبـــــى مـعـيط ގެ ބަކަރިތައް ހުއިހައްޕައި ދެއްވިއެވެ. ނުހަނު ކުޑަކުޑަ އުޖޫރަޔަކަށެވެ. އިންސާނުންގެ ގޮވިކަމާ ހަވާލުވެވަޑައިގަންނަވަންވާއިރު ހިތްޕުޅު މަޑުވެ ކުލުނުވެރިކަމާއި އޯގާވެރިކަމުގެ ސިފަ ލިބިވަޑައިގެންނެވުމަށްޓަކައެވެ.
الإمـــام إبــــن تـيـمــيّـــة ލިޔުއްވައިފައިވެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ފަސްދޮޅަސްތިން އަހަރުފުޅު ދުނިޔޭގައި ހޭދަކުރެއްވިއެވެ. އެކަމަކު ދުވަހަކު އިތުރުފުޅެއް ނުހައްދަވައެވެ. ދުވަހަކުވެސް ޚިޔާނާތްތެރިވެވަޑައެއް ނުގަންނަވައެވެ. ހަޑިހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ދޫފުޅު އަބަދުވެސް ގެންގުޅުއްވީ ބުއްދިފުޅުގެ ބާރުފުޅުގެ ދަށުގައެވެ. ނަބީކަން ލިބިވަޑައިގެންނެވުމުގެ ކުރީން ޖާހިލިއްޔަތުގެ އިންތިހާދަރަޖައިގެ ފާފަވެރި މާޙައުލުގައިވެސް އެމާތް ސާހިބާ ދިރިއުޅުއްވި މިސާލެއް ނުވާފަދަ ޠާހިރު ދިރިއުޅުއްވުމާމެދު ވިސްނައިލުމުން އެ ފާފަވެރި ފާސިދު މާޙައުލުންވެސް އެމާތް ސާހިބާގެ ވުޖޫދު ފެނިފައިވަނީ އެ އަނދިރި މާޙައުލުގައި ވިދައި ބަބުޅަބަބުޅައިހުރި ސާދަވިލޭރޭގެ ހަނދެއް ފަދައިންނެވެ.
(ނުނިމޭ)

