(12 މާޗް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަޔާތްޕުޅުގެ ލޮބުވެތި ބައިވެރިޔާއެވެ. ދުވާލާއި ރޭގަނޑު އެކުގައި ހޭދަކުރައްވާ އެކުވެރިޔާއެވެ. އެހެންކަމުން އެމާތް ސާހިބާގެ އެތެރެފުށުގެވެސް ބޭރުފުށުގެވެސް އެއްވެސްކަމެއް އެކަމަނާއަށް ވަންހަނާވެފައެއް ނޯވެއެވެ. އެ ޚާއްޞަ ގުޅުންތަކުގެ ސަބަބުން ކައުސާހިބާއާމެދު އެކަމަނާއަށް ވަނީ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާގެ ޚުލުޤުފުޅާއި މިޒާޖުފުޅު އެންމެ ފުރިހަމަޔަށް އެނގިވަޑައިގަންނަވަނީ އެކަމަނާއަށެވެ. އެހެންކަމުން އަރަހުށި މާތް اللّــــه ގެ ހެޔޮތައުފީޤާއި ތާއީދު ކޮންމެ ހިނދަކުވެސް އެމާތް ސާހިބާއާ އެކުގައި ވާނެކަމުގެ އެންމެފުރިހަމަ ޔަޤީންކަން އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާއަކީ އަރަހުށި މާތް اللّــــه ޚިޔާރުކުރައްވައި ކުއްތަންކުރައްވައިފައިވާ ބޭކަލެއްކަމާމެދު އެކަމަނާގެ ހިތްޕުޅުގައި ކުޑަވެސް ޝައްކެއްނެތެވެ. އެހެންކަމުން އެފަދަ ރީތި ސީރަތެއްގެވެރި އަދި އެހައި ތާހިރު ޚަޞީލަތެއްގެވެރި ޝަޚްޞިއްޔަތެއްގެ ވެރިޔަކަށް ޖިންނިޝައިޠާނެއްގެ ނުވަތަ ދެޔޯމާރިދެއްގެ އަސަރެއް ނުފޯރާނެކަން އެކަމަނާޔަށް ކަށަވަރުވެވަޑައިގަންނަވައެވެ. އެފަދަ ކަމެއް މެދުވެރިވުމަކީ އަރަހުށި ހުސްޠާހިރުވަންތަ اللّــــه سبحـــانــــه وتــعــــالــــى ގެ ރަޙްމަތްފުޅާއި އަދި ޙިކުމަތްފުޅާ އޯގާވަންތަކަމާ ޚިލާފު ކަމެއްކަމުގައި އެކަމަނާ ޔަޤީންކުރައްވައެވެ. އެހެންކަމުން ފުރިހަމަ ޔަޤީންފުޅުކަމާއި އިތުބާރު އެކުލެވޭ ލަހެޖާއަކުން ނުހަނު ސާބިތުކަމާއެކު ވިދާޅުވިއެވެ.

"ފަހަރެއްގައިވެސް ތިޔަހެންނަކުން ނުވާނެއެވެ. މާތް اللّــــه ގަންދެއްވަމެވެ. އެކަލާނގެ ކަލޭގެފާނު ފަހަރެއްގައިވެސް ގެއްލެންޏެއް ނުކުރައްވާނެއެވެ. ކަލޭގެފާނަކީ ރަޙިމުގެ ގުޅުމާއި ގާތްތިމާގެފުޅުކަމުގެ ގުޅުމަށް ޙުރުމަތްތެރިކޮށް ހިއްތަވާ ބޭކަލަކީމުއެވެ. މީސްތަކުންގެ ބުރަތައް ލުއިކޮށްދެއްވާ ބޭކަލަކީމުއެވެ. އެކިއެކި ބޭނުންތައް ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވާ ބޭކަލަކީމުއެވެ. މެހްމާނުންނަށް ގޮވައިލެއްވުން ދެއްވައި އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވާ ބޭކަލަކީމުއެވެ. ޙައްޤުގެ މަގުގައި ތުރާތަކާއި މުޞީބާތްތައް އުފުލާ މީހުންނަށް އަތްބާރުއަޅުއްވައިދެއްވައި އެހީތެރިވެވަޑައިގަންނަވާ ބޭކަލަކީމުއެވެ."
أمّ المــؤمــنـــيـــن މިވާހަކަފުޅުތައް ދެއްކެވީ އެކަމަނާގެ ސަލާމަތް ބުއްދިފުޅުގެ އެހީފުޅުގައެވެ. އެކަމަނާގެ އަމިއްލަފުޅު ތަޖްރިބާގެ މައްޗަށް ބިނާކުރައްވައެވެ. އެކަމަނާއަށް މީހުންގެ ޚުލުޤާއި ޚަޞީލަތްތައް ވިސްނިވަޑައިގެންފައިވާތީއެވެ. ނަމަވެސް އެކަމަނާގެ ނަޒަރުގައި މި މައްސަލައަކީ ވަރަށްބޮޑު މައްސަލައެކެވެ. ނުހަނު އަފޫރުއްބަ ކަމެކެވެ. އާދަޔާ ޚިލާފު ޙައްސާސު ކަމެކެވެ. މިފަދަ ކަމެއްގައި އެހެންމީހުންގެ މަޝްވަރާވެސް ބޭނުންފުޅު ވާނެއެވެ. މަޒްހަބުތަކާއި މަޒްހަބުތަކުގެ ތާރީޚާއި، ނުބުއްވަތާއި އެކަމުގެ ހޭޑިފޭޑިއާއި ސަމާވީ ފޮތްތަކުގެ ޚަބަރުދަބަރު ރަނގަޅަށް ފިލައިފައިހުރި މީހެއްގެ މަޝްވަރާއެވެ. ނަބީބޭކަލުންގެ ޙަޔާތްޕުޅުގެ ކަންކަން ހިނގާގޮތުގެ އެކޮޅުމިކޮޅު މޭރުންވެފައިހުރި މީހެއްގެ މަޝްވަރާއެވެ.
އެކަމަނާގެ ވިސްނުންފުޅަށްއައީ އެކަމަނާގެ ބޮޑުބޭބޭފުޅުގެ ޢިލްމުވެރި މަޢުލޫމާތު މުއްސަނދިފުޅު ދަރިކަލުން ورقـــة بـــن نـــوفـــل އެވެ. (ورقـــة بـــن نـــوفـــل بـــن أســـــد بـــن عــبـــد الــعـــــزّى އެވެ.) އެހެންކަމުން އެކަމަނާ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގޮވައިގެން ވަޑައިގެންނެވީ ورقـــة ގެ އަރިހަށެވެ. އޭރު ورقـــة ވަނީ މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ކޮށިވެފައެވެ. އެކަމަނާ ورقـــة ގެ އަރިހުގައި ވިދާޅުވިއެވެ.
"އޭ އަޚާއެވެ! ކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންގެ ވާހަކަފުޅު އަޑުއައްސަވާށެވެ."
ورقـــة بـــن نـــوفـــل ވިދާޅުވިއެވެ. "އޭ އަޚާއެވެ. ކަލޭގެފާނަށް ފެނިވަޑައިގެންނެވީ ކޮންކަމެއްތޯއެވެ؟" ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހާދިސާ ތަފްސީލުކޮށް ވިދާޅުވެދެއްވިއެވެ. އެހިނދު ورقـــة ވިދާޅުވިއެވެ. "އަޅުގަނޑުގެ ފުރާނަ އެފަރާތްޕުޅެއްގެ ބާރުފުޅުގެ ދަށުގައިވާ ރަސްކަލާނގެ ރަސްކަންފުޅު ގަންދެއްވައި ވިދާޅުވަމެވެ. ކަލޭގެފާނުގެ އަރިހަށް ތިޔަ ވަޑައިގެންނެވީ مــــوســــى عـــلـيــــه الـسّـــلام ގެ އަރިހަށް ވަޑައިގަންނަވާ نــامــــوس أكـبــــــر އެވެ. ކަލޭގެފާނުގެ ޤައުމު ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ދުވަހެއް އަންނާނެއެވެ. އެއުރެން ކަލޭގެފާނަށް އިހާނެތިކޮށް ހިތާނެއެވެ. ކަލޭގެފާނު ރަށުން ބޭރުކޮށްލާނެއެވެ. ކަލޭގެފާނާ ހަނގުރާމަ ކުރާނެއެވެ."
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ورقـــة ގެ ވާހަކަފުޅު އިވިވަޑައިގެންނެވުމުން ނުހަނު ބޮޑަށް ޙައިރާންފުޅުވިއެވެ. އެހެނީ قـــــريـش ންގެ ތެރޭގައި އެކަލޭގެފާނުގެ މަޤާމު އިތުރު ސާހިބާއަށް އެނގިވަޑައިގަންނަވައެވެ. އެބައިމީހުން އެކަލޭގެފާނާ މުޚާޠަބުކުރަނީ صـــادق الأمــيـــن ގެ ނަންފުޅުންނެވެ. އެހެންކަމުން އަޖާއިބުފުޅުވެވަޑައިގެން ސުވާލުކުރެއްވިއެވެ. "އެބައިމީހުން އަޅުގަނޑު ރަށުން ބޭރުކޮށްލާނެތޯއެވެ؟" ورقـــة ވިދާޅުވިއެވެ. "އާދޭހެވެ! ކަލޭގެފާނު ތިޔަގެންނެވި މެސެޖާއިގެން ވަޑައިގެންނެވި ހުރިހައި ބޭކަލުންނާވެސް މީހުން ދެކޮޅުވެރިވިއެވެ. ދުޝްމިނުކަމުގެ ކަމަރުބަނެވެ. ހަނގުރާމަކުރިއެވެ. އިހުއްސުރެ މިކަން އަންނަނީ ހިނގަމުންނެވެ. އަޅުގަނޑަށް އެދުވަސް ފެނުމުގެ ނަސީބު ލިބިއްޖެ ކަމުގައިވާނަމަ އަޅުގަނޑަށް ލިބިފައިވާ ހުރިހައި ބާރަކާއެކު ކަލޭގެފާނަށް ނަޞުރު ދޭނަމެވެ." (نـــبـــى رحـمت: مـــولانــا سيّــد أبـــوالحســن عــلــــى نــــدوى)
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެންމެފުރަތަމަ ވަޙީ ލިބިވަޑައިގެންނެވުމަށްފަހު ދުވަސްތަކަކަށްވަނީ ވަޙީ ލިބިވަޑައިގެންނެވުން މެދުކެނޑިފައެވެ. ގިނަދުވަސްތަކެއް ނުވަނީސް ورقـــة ވަނީ އަވަހާރަވެފައެވެ. ورقـــة އަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ނަބީކަމުގެ ޒަމާން ދެކެވަޑައިގެންފައި ދީނަށް ގޮވައިލެއްވުމުގެ ޒަމާން ދެކެވަޑައިނުގެން އަވަހާރަވި ބޭކަލެކެވެ.
ވަޙީ މެދުކެނޑުމާއި އަލުން ފެށުން
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެންމެފުރަތަމަ ވަޙީ ލިބިވަޑައިގެންނެވުމާ ގުޅިގެން އެމާތް ސާހިބާގެ ހިތްޕުޅުގައި އުފެދުނު ޣަރީޒީ އަސަރުތައް ފިލައިގޮސް ހަމަޖެހުން ލިބިވަޑައިގެންނެވުމުން އަލުން އަނެއްކާވެސް ފައިންޕުޅު ބީއްސެވީ ހިރާ ފަރުބަދަޔަށެވެ. އެ ފަރުބަދައިގެ ހޮހަޅައިގައި އިންނަވައި މުރާޤިބާ ކުރެއްވުމުގައި ރަމަޟާންމަސް ފުރިހަމަކުރެއްވިއެވެ. ނަމަވެސް އެންމެފުރަތަމަ ވަޙީ ލިބިވަޑައިގެންނެވުމަށްފަހު ވަނީ ވަޙީ ލިބިވަޑައިގެންނެވުން މެދުކެނޑިފައެވެ. ސީރަތުގެ ޢިލްމުވެރީން ވިދާޅުވާގޮތުގައި ވަޙީ ލިބިވަޑައިގެންނެވުން މެދުކެނޑުނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަޙީއަށް ޝައުޤުވެރި ކުރެއްވުމަށްޓަކައެވެ. ނަބީކަމާއި ރަސޫލުކަމުގެ މަސްއޫލިއްޔަތު އުފުއްލަވާން އެމާތް ސާހިބާގެ ހިތްޕުޅު އިތުރަށް އެދުންވެރިކުރައްވައި އެމާތް ސާހިބާގެ ނަފުސު ހޭނުއްވުމަށްޓަކައެވެ.
ވަޙީ މެދުކެނޑުމަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހިތްޕުޅަށް ވަރަށްބޮޑު ހިތާމަފުޅަކާއި މޮޅިވެރިކަމެއް ލިބިވަޑައިގެންނެވި ކަމެކެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަމުގެ ހިތާމަފުޅުގައި އެތައްފަހަރަކު ފަރުބަދަތަކަށް އަރައިވަޑައިގެން މަތިބައްލަވައި އުދަރެސްތައް ހޯއްދަވަމުން ގެންދެވިއެވެ. ބައެއްފަހަރު މާޔޫސްވެވަޑައިގެން ފަރުބަދަމަތީން ވެއްޓިވަޑައިގަންނަވާން ޤަޞްދުކުރެއްވިކަމުގައި ބުނެވެއެވެ. ނަމަވެސް އެއިން ކޮންމެފަހަރަކުވެސް جــبـــــريـــل الأمـيـــــن ފެނިވަޑައިގަންނަވައެވެ. جــبـــــريـــل ގެފާނު އިތުރު ސާހިބާއަށް ތަސައްލީ ދެއްވައެވެ. "އޭ محــمّــــد ގެފާނެވެ. ޝައްކެއްނެތެވެ. ކަލޭގެފާނަކީ اللّــــه ގެ ރަސޫލަކީމުއެވެ." މިފަދައިން ވިދާޅުވެއެވެ. މިކަމާ ބެހޭގޮތުން عــلاّمــــة شـبـــلـــى نـعــمـــانـــى އާއި عــلاّمــــة سـيّـــد ســلـيـمــان نــــدوى އާ ދެބޭކަލުން ލިޔުއްވައިފައިވާ ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم ގައިވާ ވާހަކަފުޅަކީ ޤަބޫލުކުރާން ވަރަށް ހިތްއެދޭ ވާހަކަފުޅެކެވެ. އާދެ، އެ ދެބޭކަލުން ލިޔުއްވައިފައިވެއެވެ.
"ނަބީބޭކަލަކަށް އެއްފަހަރު ވަޙީ ލިބިވަޑައިގެން އެއްފަހަރު ހިތްޕުޅަށް ތަސްކީނު ލިބިވަޑައިގެންނެވުމަށްފަހު އަލުން ތަކުރާރުކޮށް ހިތްޕުޅުގައި ޝައްކު އުފެދުމަކީ ވެދާނެކަމެއްބާވައެވެ. ނޫނެކެވެ. جــبـــــريـــل عـلــيـــه السّــلام އަށް ތަކުރާރުކުރައްވައި ތަސައްލީ ދެއްވާން ޖެހިވަޑައިގަންނަވާނެ ބާވައެވެ؟ ނޫނެކެވެ. އެއްވެސް ނަބީބޭކަލަކަށް އެއްފަހަރު ވަޙީ ލިބިވަޑައިގެންނެވުމުން އެބޭކަލަކީ ނަބީބޭކަލެއްކަމާމެދު ޝައްކު ކުރެއްވުނު ބާވައެވެ." އަރަހުށި މާތް اللّــــه، مــــوســــى عـــلـيــــه الـسّـــلام އަށް "ތިމަން ރަސްކަލާނގެއީ ޢާލަމްތަކުގެ ވެރި اللّــــه އޭ" ނިދާއިއްވެވިހިނދު އެކަލޭގެފާނަށް ކުޑައިކޮށްވެސް ޝައްކު ކުރެއްވުނު ބާވައެވެ. އެ ނިދާގެ އަޑު އިވިވަޑައިގެންނެވީ ގަހެއްގެ ތެރެއިންނެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)
އަނެއްކޮޅުން ވަޙީ ލިބިވަޑައިގެންނެވުން މެދުކެނޑުނު މުއްދަތަކާމެދުވެސް ޢިލްމުވެރީންގެ މެދުގައި ޚިލާފު ހުރެއެވެ. ވަޙީ މެދުކެނޑުނީ ދިހަދުވަހަށް ކަމުގައްޔާއި ފަނަރަ ދުވަހަށް ކަމުގައްޔާއި ދެއަހަރާ ބަޔަށް ކަމުގައްޔާއި ތިންއަހަރަށް ކަމުގައި ރިވާޔަތްތައް ހުރެއެވެ. (واللّــــه أعـــلــــم)
ކޮންމެއަކަސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިންތިހާދަރަޖައިގެ ޝައުޤުވެރިކަމާއެކު ވަޙީ ލިބިވަޑައިގެންނެވުން އެދިވަޑައިގެން ކުރައްވަމުން ގެންދެވި އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުނިޔެއަށް ގެންނަވާން ބޭނުންފުޅުވާ ރަޙްމަތުގެ އިންޤިލާބު ފެއްޓެވުމުގެ ސުންގަޑި ޖެހިއްޖެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެކަމުގެ އިޒުނަ ލިބިވަޑައިގެންނެވިގޮތާއި، ދެވަނަ ފަހަރަށް ވަޙީ ލިބިވަޑައިނުގަންނަވާން ފެށުނުގޮތް ބަޔާންކުރައްވަނީ މިދަންނަވާ މޭރުމުންނެވެ.
"އެއްދުވަހަކު އަހުރެން ހިނގައިފައި ދަނިކޮށް އުޑުމަތީން އަޑެއް އިވިއްޖެއެވެ. އަހުރެން އިސްއުފުލައި މަތިބަލައިލުމުން ފެނުނީ ޙިރާ ފަރުބަދައިގެ ކައިރީން އަހަރެން ދުށް މަލާއިކަތާއެވެ. އެ މަލާއިކަތާ އިންނެވީ އުޑާއި ބިމާ ދެމެދު ގޮނޑިކޮޅެއްގައި (ތަޚުތުކޮޅެއްގައި) އިށީނދެވަޑައިގެންނެވެ. جــبـــــريـــل عـلــيـــه السّــلام އެފަހަރު ފެނިވަޑައިގެންނެވިކަމުގައި ބުނެވެނީ އެކަލޭގެފާނުގެ އަސްލު ސޫރަފުޅުގައެވެ. އެ މަލާއިކަތާ ފެނުމުން އަހުރެންގެ ހިތުގައި ޖެހިލުންވުން އުފެދިއްޖެއެވެ. އަހުރެން އަވަހަށް ގެޔަށް އަތުވެއްޖައީމެވެ. އަހުރެން ބުނެފީމެވެ. އަހުރެންގެ ގައިގައި ރަޖާ އަޅައިދޭށެވެ. އަހުރެންގެ ގައިގައި ރަޖާ އަޅައިދޭށެވެ. އެވަގުތު ވަޙީ އަތުވެއްޖެއެވެ." އެފަހަރު ބާވައިލެއްވީ المــــدّثـــــر ސޫރަތުގެ އެއްވަނަ އާޔަތުން ފެށިގެން ހަތްވަނަ އާޔަތުގެ ނިޔަލަށެވެ.
"އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! ކަލޭގެފާނު ތެދުވެވަޑައިގެން އިންޒާރު ކުރައްވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތަކުބީރު ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރުކުރައްވާށެވެ. އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ! އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!" (المــــدّثـــــر: 1-7)
"އެއަށްފަހު މެދުކެނޑުމެއްނެތި އަހުރެންނަށް ވަޙީ އަންނާން ފަށައިފިއެވެ."
މިއީ އިސްލާމްދީނުގެ އިންޤިލާބީ ތަޙްރީކުގެ ފެށުމެވެ. މިއީ އަރަހުށި މާތް اللّــــه ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެންމެފުރަތަމަ ކުރެއްވި އަމުރުފުޅުތަކެވެ. މި އަމުރުފުޅުތައް ބާވައިލެއްވުމުގައި އިތުރު ސާހިބާއާ މުޚާޠަބު ކުރައްވައިފައިވަނީ يـَـااَيــُّهـَــا الــــرَّسُـــولُ ނުވަތަ يـَـااَيــُّهـَــاالـنَّــبِـــىُّ މިފަދަ ބަސްފުޅަކުންނެއް ނޫނެވެ. އަދި ކީއްތޯއެވެ. يـَـااَيــُّهـَــا الْـمُدَّثِّـــــرُ މިފަދައިންނެވެ. އެހެނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އުޑާއި ބިމާ ދެމެދުގައި جــبـــــريـــل عـلــيـــه السّــلام ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެން އިންނަވަނިކޮށް ފެނިވަޑައިގެންނެވުމުން މިފަހަރުވެސް އެމާތް ސާހިބާ ބިރުފުޅުގެން ވަޑައިގެންފައިވާތީއެވެ. އިތުރު ސާހިބާ ގެކޮޅަށް ވަޑައިގެން أمّ المــؤمــنـــيـــن ގެ އަރިހުގައި ރަޖާކޮޅު އަޅުއްވައިދެއްވާން ވިދާޅުވެފައިވާތީއެވެ. އެހެންކަމުން އަރަހުށި މާތް اللّــــه އިތުރު ސާހިބާއާ މުޚާޠަބުކުރެއްވީ يـَـااَيــُّهـَــا الْـمُدَّثِّـــــرُ މިބަސްފުޅުންނެވެ.
(ނުނިމޭ)

