ﷲގެ އަމުރުފުޅަކީ އިންސާފާއި ހެޔޮކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ކޮންމެ މީހަކީވެސް އަނެކުންގެ ޙައްޤުތައް އަދާކުރުމުގައި ދީލަތިކަން އިސްކުރާ މީހަކަށް ވާން ޖެހޭނެއެވެ. ބަލިކަށި މީހަކަށް، ބާރުގަދަ މީހަކަށް ނުބަލައި އިންސާފުން ކަންތައް ކުރާ މީހަކަށް ވާން ޖެހޭނެއެވެ.


ކީރިތި ޤުރްއާނުގެ 16 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން،  ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޘުއިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ތިޔަބައިމީހުން ﷲއަށް ޢަހްދުކޮށްފިނަމަ، އެ ޢަހްދުތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެތެވެ. (އައްނަޙްލު: 90-91)

އިންސާނާ އެންމެ ފުރަތަމަ ކަށަވަރުކުރާން ޖެހޭ އެއް ކަމަކީ ޢަދުލުވެރި ވެވޭ ކަމެވެ. އެ ބަހީ ކޮންމެ މީހަކުވެސް އެ މީހެއްގެ މައްޗަށް އޮންނަ އަނެކާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރެވިއްޖެކަން ކަށަވަރުކުރުމެވެ. އެ މީހަކީ ނިކަމެތި މީހަކު ކަމުގައި ވިޔަސް ނުވަތަ ބާރު ގަދަ މީހަކު ކަމުގައި ވިޔަސް ނުވަތަ ރުހޭ މީހަކު ކަމުގައި ވިޔަސް ނުވަތަ ނުރުހޭ މީހަކު ކަމުގައި ވިޔަސް ވެހެވެ. ޙައްޤުތައް އަދާކުރުމުގައި ބަލާން ޖެހޭނީ އެ މީހަކުގެ ޙައްޤެއް އޮތްތޯ ނުވަތަ ނޫންތޯއެވެ. އެހެން އެއްވެސް ކަމަކަށް ބަލައިގެން ނުވާނެއެވެ.

ދެވަނަ ކަމަކީ އިޙްސާންތެރިވުމެވެ. އެ ބަހީ ޙައްޤުތައް އަދާކުރުމުގައި މަތީ ދަރަޖައެއްގެ ސުލޫކެއް ހިފެހެއްޓުމެވެ. ޢަދުލު އިންޞާފާއެކު މުރުއްވަތްތެރިކަންވެސް ދެމެހެއްޓުމެވެ. ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ ޙައްޤުތައް އަދާކުރުމާއެކު، އޭގެ އިތުރަށް ހިތްހެޔޮކަމާއި ހަމްދަރުދީގެ ރަވައްޔާ އިޚްތިޔާރު ކުރުމެވެ. ތިމާއަށް ލިބޭން ޖެހޭ ޙައްޤުތައް ލިބުމުގައި އުނިކަމެއް ހުރި ކަމުގައި ވިޔަސް އެ ކަމަކަށް ރުހިގެން ހުރުމާއި އަނެކާއަށް ދޭން ޖެހޭ ޙައްޤުތައް ފޯރުކޮށް ދިނުމުގައި ދޭން ޖެހޭ މިންވަރަށްވުރެ އިތުރަށް ދިނުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނާން ވާނެއެވެ.

ތިންވަނަ ކަމަކީ ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމެވެ. އެބަހީ ތިމާގެ އަނބިދަރީންގެ ބޭނުންތައް ފުއްދައިދިނުމުގައި ފަރުވާތެރިވާ ފަދައިން ގާތްތިމާގެ އެހެން މީސްމީހުންގެ ބޭނުންތަކާމެދުވެސް ޙައްސާސްވުމެވެ. ތިމާއަށް ލިބިފައިވާ މުދަލާއި ތަނަވަސް ކަމަކީ ހަމައެކަނި ތިމާއާއި ތިމާގެ އަނބިދަރީންގެ ޙައްޤެއް ކަމުގައި ބެލުމުގެ ބަދަލުގައި އެ މުދަލާއި ތަނަވަސްކަމުގައި އެހެން މީސްމީހުންގެ ޙައްޤުތަކެއް އެކުލެވޭ ކަމަށް ގަބޫލުކުުރުމެވެ. އެހެން މީހުންގެ މައްޗަށް ތިމާގެ ޒިންމާތަކެއް އެބަހުރި ކަމަށް ގަބޫލުކުރުމެވެ.

މިޔަށް ފަހު މަތީގައި ބަޔާންކުރެވުނު އާޔަތްތަކުގައި ތިން ކަމެއް ވަނީ ނަހީ ކުރައްވައިފައެވެ.

ފުރަތަމަ ކަމަކީ ފާޙިޝް ޢަމަލުތަކެވެ. ހުތުރުކަން ބޮޑުވެގެންވާ ފާފަތަކެވެ. އެބަހީ ފާޅުކަން ބޮޑު ގޮތެއްގައި މީސްތަކުން ކުރަމުން ގެންދާ ފާފަތަކެވެ. އަޚްލާޤީ ހުތުރު ކަންކަމެވެ. އެ ބަހީ ޚުުދު ތިމާއަށްވެސް އެއީ ހުތުރުކަން ބޮޑުވެގެންވާ ނުބައި ކަމެއްކަން އެނގޭ ހާލު އެކަމުގެ ތެރެއަށް ވަނުމެވެ.

ދެވަނަ ކަމަކީ މުންކަރާތްތަކުން ދުރުހެލިވުމެވެ. މުންކަރާތަކީ މަޢުރޫފް ނުވަތަ ހެޔޮކަމުގެ އިދިކޮޅެވެ. މަޢުރޫފަކީ އެއީ ހެޔޮ ކަމެއް ކަމަށް މުޅި މުޖުތަމަޢު އެއްބަސްވާ ކަންކަމެވެ. މުންކަރާތަކީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުން ބޭރު ޢަމަލުތަކެވެ. ގިނަ ބަޔަކު ހެޔޮ ކަމެއް ކަމުގައި ގަބޫލުނުކުރާ ކަންކަމެވެ. މަތީގައި ބަޔާންކުރެވުނު ދެ އާޔަތުގައި މަނާ ކުރައްވައިފައި ވަނީ މިފަދަ ހުރިހައި ކަމެކެވެ. ކަނޑައެޅިފައިވާ ހައްދުން ބޭރުގައި ކުރެވޭ ކޮންމެ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.