މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ﷲގެ މަޚުލޫގުންނަށް ޚިދުމަތްކުރުމަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމެވެ. ﷲއަށް އަޅުކަން ކުރުން ފިޔަވައި ދެން އޮތް އެންމެ ބޮޑު ކަމަކީ އެކަލާނގެ އަޅުތަކުންނަށް ޚިދުމަތްކުރުމެވެ.
މުއުމިނެއްގެ ހިތުގައި އުފެދޭ އެންމެ މަތިވެރި އެއް ޖަޒުބާތަކަށް ވާން ޖެހޭނީ ﷲ ހެއްދެވި މަޚްލޫގުންނަށް ޚިދުމަތްކުރުމުގެ ޖަޒުބާތެވެ. އެއީ މަޚުލޫގުންނަށް އެހީތެރިވުމުގެ ޖަޒުބާތެވެ. މަޚުލޫގުންގެ ބޭނުންތައް ފުއްދައިދިނުމެވެ. ބަދަލުގައި އެއްވެސް ދުނިޔަވީ ފައިދާއެއް ލިބިގަތުމުގެ އެދުމަކާ ނުލައި މަޚުލޫގުންނަށް އެހީތެރިވުމުގައި ދެމިހުރުމުގެ ޖަޒުބާތެވެ.
އެހެން މީހުންނަށް އެހީތެރިވުމަކީ ހަގީގަތުގައި ﷲގެ ނިޢުމަތްތައް ގަބޫލުކުރުމެވެ. އެހެން މީހަކަށް އެހީތެރިވަނީ އެހެންމީހުންނާ އަޅައި ބަލާއިރު ތިމާގެ ކިބައިގައި އިތުރު ބައެއް ހެޔޮ ސިފަތައް ހުންނަ މީހުންނެވެ. މިސާލަކަށް ދެލޯ ފުރިހަމައަށް ހުރި މީހަކު އެއް ލޯ ނެތް މީހަކަށް އެހީތެރިވުން، ދުޅަހެއު ސިއްހަތެއްގައި ހުރި މީހަކު ބަލިމީހަކަށް އެހީތެރިވުން، މުއްސަނދި މީހަކު ފަގީރަކަށް އެހީތެރިވުން، އިސް ހައިސިއްޔަތެއް ލިބިފައިވާ މީހަކު އެއްވެސް ހައިސިއްޔަތެއް ނެތް މީހަކަށް އެހީތެރިވުން ފަދަ ކަންކަމަކީ ބައެއް ކަންކަން ފުރިހަމަ ވެފައިވާ މީހަކު އެ ކަންކަމުން މަހުރޫމުވެފައިވާ މީހަކަށް އެހީތެރިވުމެވެ.
މިފަދަ ދަނޑިވަޅެއްގައި ﷲ ދެއްވި ހައިސިއްޔަތެއްގެ ބޭނުންކޮށްގެން އެހެން މީހަކަށް އެހީތެރިވާ މީހާ އެ ކުރާ ކަމަކީ ﷲގެ އިހުސާންތެރިކަން ގަބޫލުކޮށް އެކަމަށް އިއުތިރާފުވުމެވެ. އޭނާގެ ހިމޭން ދުލުން އެ ބުނަނީއެވެ. އޭ ﷲއެވެ. މިއަޅާގެ ކިބައިގައި ވާހައި އެއްޗަކީ އިބަ ކަލާނގެ ދެއްވި އެއްޗިއްސެވެ. އެހެންވީމާ އެ އެއްޗެހި މި ހޭދަކުރަނީ އިބަ ކަލާނގެ ރުއްސަވާ މަގުގައެވެ. އެހެންވީމާ މި އަޅާއަށާއި މި އަޅާގެ އެހީތެރިކަން ލިބޭ މީހާއަށް ރަޙްމަތް ލައްވައިފާނދޭވެ.
ﷲގެ މަޚުލޫގުންގެ ބޭނުންތައް ފުއްދައިދިނުމަކީ ހަމައެކަނި އެ މީހުންނަށް އެހީތެރިވުމެއް ނޫނެވެ. އެއީ ތިމާގެ ހައިސިއްޔަތު އިތުރަށް ހަރުދަނާކުރުންވެސް މެއެވެ. ތިމާއަށް ލިބިފައިވާ އެއްޗެއް ހަމައެކަނި ތިމާއަށްޓަކައި ހޭދަކުރުމަކީ ހައިވާނުންގެ ދަރަޖައިގައި ކުރެވޭ ކަމެކެވެ. އެހެނީ ހައިވާނުންވެސް ކުރާ ކަމަކީ އެއީއެވެ. އެ ސޮރުމެންނަށް ލިބިފައިވާ ކޮންމެ އެއްޗަކީ އެ ސޮރުމެންގެ އަމިއްލަ އެއްޗިއްސެވެ. އެހެން ހައިވާނަކަށް އެތިކޮޅެއް ދިނުމަކީ އެ ސޮރުމެން ކުރާ ކަމެއް ނޫނެވެ.
އެކަމަކު އިންސާނާއަކީ އެޔަށްވުރެ މަތީ ފެންވަރުގެ މަޚުލޫގެކެވެ. އިންސާނުންނަކީ ﷲ ހެއްދެވި އެންމެ މަތިވެރި މަޚުލޫގުންނެވެ. އިންސާނާގެ މަތިވެރި ހައިސިއްޔަތާ އެކަށީގެންވާ ގޮތަކީ ތިމާގެ އަމިއްލަ އެދުމުގެ ކޮށީގައި ހައްޔަރުވެފައި ނޯވެ، މުޅި އިންސާނިއްޔަތުގެ ބައިވެރިއަކަށް ވެގެން އުޅުމެވެ. އެހެން މީސްމީހުންނަށް ހެޔޮއެދުމާއި އެހީތެރިވުންމަތީގައި ތިމާގެ މުޅި ދިރިއުޅުން ވޭތުކުރުމެވެ. އެހެން މީހުންނަށް ޚިދުމަތްކުރާން ތައްޔާރަށް ހުރުމެވެ. ތިމާގެ މުދަލާއި ފައިސާއާއި ހަކަތައިގައި އެހެން މީހުންގެ ހައްގުތަކެއް އެކުލެވޭ ކަމަށް ގަބޫލުކުރުމެވެ.
ﷲ ހެއްދެވި މަޚުލޫގުންނަށް އެހީތެރިވުމަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމެވެ. ﷲ އަށް އަޅުކަން ކުރުން ފިޔަވައި އިންސާނިއްޔަތަށް ޚިދުމަތްކުރުން ވަރުގެ ބޮޑު ކަމެއް ނުވެއެވެ.
