މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މީހަކުގެ ދިރިއުޅުން ޞާލިޙް ދިރިއުޅުމަކަށް ވަނީ ﷲ ގެ މައްޗަށް އޭނާގެ ހިތުގައި އޮންނަ އީމާންކަމާއި ޖަވާބުދާރީވާން ޖެހޭ ކަމުގެ އިހުސާސުގެ ސަބަބުންނެވެ. މިފަދަ އިހުސާސެއް ކުރެވުމާއެކު އޭނާގެ ދިރިއުޅުން ހުރިހައި މާނައެއްގައިވެސް ފަހި މިސްރާބަކަށް އެނބުރިގެން ހިނގައިދާނެއެވެ.
ކީރިތި ޤުރްއާނުގެ 16 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. (އައްނަޙްލު: 97)
ޞާލިޙް ދިރިއުޅުމެއް ފެށެނީ އިންސާނާ އޭނާ ހެއްދެވީ ﷲ ތަޢާލާކަމަށް ހެޔޮހިތުން ގަބޫލުކުރުމާއެކު އޭނާގެ ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްލަވައިވޮޑިގެންވަނީ އެކަލާނގެ ކަމަށް ގަބޫލުކުޅައީމައެވެ. ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅަކުމެ އޭނާ ވަނީ އެކަލާނގެ ބެލެނިވެރިވަންތަކަމުގެ ދަށުގައިކަމަށް ގަބޫލުކުޅައީމައެވެ. މި ދުނިޔޭގައި ޞާލިޙް ދިރިއުޅުމެއް ބިނާކުރުމުގެ ހަމައެކަނި ބިންގަލަކީ މި ބުނެވުނު ޢަޤީދާއެވެ.
މި ޙަޤީޤަތް ގަބޫލުކޮށްފި އެއްވެސް މީހަކު އޭނާ މި ޙަޤީޤަތް ގަބޫލުކުޅައުމުގެ ކުރީން ދިރިއުޅުނު ގޮތަކަށް ދިރިއެއް ނޫޅޭނެއެވެ. އޭނާގެ ދިރިއުޅުމަށް އޮންނާނީ އައު އިންޤިލާބެއް އައިސްފައެވެ. އޭނާގެ މުޅި ޝަޚުސިއްޔަތު ރައްބާނީ ޝަޚުސިއްޔަތަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. މުޅި ދިރިއުޅުމަށް މުޅީން އައު އޮފުދާރުކަމެއް އަތުވެދާނެއެވެ. ޞާލިޙް ނޫން ޢަމަލުތައް މުޅީން ދޫކޮށްލައި ޞާލިޙް ޢަމަލުތަކުގެ ނަމޫނާއަކަށް އޭނާ ވެދާނެއެވެ.
މި އީމާންކަމާއި ޞާލިޙް ޢަމަލުތަކުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ތާހިރުވެގެން ހިނގައިދާނެއެވެ. ބިނާކުރުވަނިވި ވިސްނުމަކަށް އޭނާގެ ވިސްނުން ބަދަލުވެގެން ހިނގައިދާނެއެވެ. ނިޔަތާއި ގަސްތު ފަހިވެގެން ހިގައިދާނެއެވެ. ހެޔޮ ދިމާއަށް މިސްރާބު ޖަހައިފާނެއެވެ. ހުރިހައި މާނައެއްގައިވެސް ދުޅަހެއު ރަވައްޔާއެއް އިޚްތިޔާރު ކޮށްގެން ދިރިއުޅޭން ފަށައިފާނެއެވެ. އެހެން މީހަކަށް އޭނާޔާ ބައްދަލުވާ ކޮންމެ ފަހަރަކުމެ، އެ މީހަކަށް އިހްސާސް ކުރެވޭނީ ހިތާއި ރޫޙުގައި އިލާހީ ނޫރެއް އެކުލެވިފައިވާ މީހަކާ ބައްދަލުކުރެވެނީ ކަމުގައެވެ.
މިއީ ކޮންމެ އަންހެނަކާއި ފިރިހެނަކަށްވެސް އޮތް ހަމައެކެވެ. މި ބުނެވުނު އީމާންކަމާއި ޞާލިޙް ޢަމަލަކީ ފިރިހެނަކު ކުރިއަރައިގެން ދިއުމުގެ ސިއްރަށް ވާ ފަދައިން އެއީ ކޮންމެ އަންހެނަކުވެސް ކުރިއަރައިގެން ދިއުމުގެ ސިއްރެވެ. މި ކަމުގައި އަންހެނަކާއި ފިރިހެނަކާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.
ދިރިއުޅުމުގެ ޙަޤީޤީ ބިންގަލަކީ މިފަދަ ދުޅަހެއު ރަވައްޔާއެއް ކަމުގައި ހަދައިފި ކޮންމެ މީހަކޫ ﷲ ރުހިވޮޑިގެންވާ މީހެކެވެ. ﷲ ގެ ޚާއްސަ ޖަޒާއަށްޓަކައި ހޮއްވަވާ ބަޔަކީ މިފަދަ މީހުންނެވެ. މި ދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި އާޚިރާތުގެ ދުނިޔޭގައިވެސް ފުރިހަމަ އިނާމު ހައްގުވެރިންނަކީ އެއީއެވެ.
މި ދުނިޔޭގައި ހެޔޮލަފާ ދިރިއުޅުމެއް ލިބެނީ ﷲ އިރާދަކުރައްވާ މީހަކަށެވެ. ﷲ އެފަދަ ދިރިއުޅުމެއް އިރާދަކުރައްވަނީ އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައި ހުރެގެން، އެކަލާނގެ ރުއްސަވާ ގޮތަށް ދިރިއުޅުން ވޭތުކުރާން ތައްޔާރަށް ހުންނަ މީހަކަށެވެ.
