މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އާޚިރަތުގައި ދިންނަވާނޭ މީހުންނަކީ މި ދުނިޔޭގެ ދިރިއުޅުމުގައި ހެޔޮ އަމަލުތައްކޮށް އުޅުމުގެ ސަބަބުން ދިންނަވާނޭ މީހުންގެ ކިބައިގައި ހުންނަންވާނޭ ކަމަށް ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކުރާ މީހުންނެވެ.
އިންސާނާއަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ކޮބައިހެއްޔެވެ؟ އެއީ މަރުވުމަށް ފަހު އަންނާން އޮތް ދުނިޔޭގައި ސަލާމަތްވާނޭ މަގެއް ހޯދުމުގެ މައްސަލައެވެ. ﷲގެ ދާއިމީ ރަހުމަތުގެ ޖަގަހަ ހޯދުމުގެ މައްސަލައެވެ.
މި ދުނިޔެއަށް އުފަންވާ ކޮންމެ މީހަކުމެ، މަރުވުމަށް ފަހު އެހެން ދުނިޔެއަކަށް ވަންނާނެއެވެ. މި ދުނިޔޭގައި އިންސާނުންނަށް ލިބޭ ކޮންމެ ފުރުސަތަކީ އިމްތިހާނެއްގެ ގޮތުގައި ލިބޭ ފުރުސަތެކެވެ. އަންނާން އޮތް ދުނިޔޭގައި ނުވަތަ އާޚިރާތުގައި އިންސާނުންނަށް ލިބޭ އެއްޗަކީ މި ދުނިޔޭގައި އޭނާ ކުޅަ އަމަލުތަކުގެ ބަދަލެއްގެ ގޮތުގައި ލިބޭ އެއްޗެކެވެ. މާނައަކީ ހައްގު ވިޔަސް ނުވަތަ ހައްގު ނުވިޔަސް، މި ދުނިޔޭގައި ހުރިހައި އެއްޗެއް ވަނީ އިންސާނުންނަށް ދެއްވައިފައެވެ. އެކަމަކު އާޚިރަތުގައި އެކަން އޮންނާނީ މުޅީން ތަފާތު ގޮތަކަށެވެ. ކޮންމެ މީހަކަށްވެސް ލިބޭނީ އެ މީހަކަށް ހައްގުވާ މިންވަރެކެވެ. އިމްތިހާނެއްގެ ގޮތުގައި ދެއްވާ އެއްވެސް އެއްޗެއް ނޯންނާނެއެވެ.
މި ބުނެވުނު ވާހަކަތަކުގެ މާނައަކީ އާޚިރަތުގައި ގާބިލުކަމަށް ކަނޑައެޅޭ މީހުންނަށް ހުރިހައި ބާވަތެއްގެ ނިއުމަތެއް އެތައް ގުނައެއް އިތުރަށް ލިބޭނެއެވެ. ގާބިލު ނޫން ކަމަށް ކަނޑައެޅޭ މީހަކަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. އެފަދަ މީހަކަށް މަޖުބޫރުވާނީ އާޚިރަތުގެ ދުނިޔޭގައި މަހުރޫމީއާއެކު ދިރިއުޅޭށެވެ.
ކޮންމެ މީހަކަށްމެ ކުރިމަތިވާ އެންމެ ބޮޑު މައްސަލަ މި ބުނެވުނީއެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ވިސްނާންޖެހޭ ކަމަކީ އާޚިރަތުގެ ދުނިޔޭގައި ނިޢުމަތްތައް ލިބުން ހައްގު މީހެއް ކަމުގައި ކަނޑައަޅުއްވާތޯ ކުރާނޭ މަސައްކަތަކީ ކޮބައިތޯއެވެ. ނަޖާކުރައްވާ ނުވަތަ ދިންނަވާ މީހުންގެ ތެރޭގައި ހިމެނޭނީ ކިހިނެއްތޯއެވެ. ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަން ވާނީ ނުވަތަ އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނީ އާޚިރާތުގެ ދުނިޔޭގައި ދިންނަވާ މީހަކަށް ވުމަށްޓަކައި ނުވަތަ ނިއުމަތުގެ ހައްގުވެރިއަކަށް ވުމަށްޓަކައި ކުރާ މަސައްކަތުގެ މައްޗަށެވެ. ތިމާއަކީ ނިޢުމަތާއި ދިންނެވުން ހައްގު ނޫން މީހަކަށް ނުވާނޭ ފަދައިން ދިރިއުޅުމުގެ މައްޗަށެވެ.
މުޅީން ފުރިހަމަ ދާއިމީ ދުނިޔެއަކީ އާޚިރަތުގެ ދުނިޔެއެވެ. ހުރިހައި ވައްތަރެއްގެ އުފަލަކާއި އަރާމެއް އެއްކުރެވިފައިވަނީ އެ ދުނިޔޭގައެވެ. އިންސާނާ އެންމެ ބޮޑަށް އެދެންވާނެ ދުނިޔެއަކީ އެއީއެވެ. އޭނާގެ ހުރިހައި މަސައްކަތެއް ވަގުފުކުރަން ޖެހޭ ދުނިޔެއަކީ އެއީއެވެ. ނިއުމަތުން ފުރިފައިވާ އާޚިރަތުގެ ދުނިޔެ ހޯދުމަށްޓަކައި މަސައްކަތްކުރަން އޮތް ތަނަކީ މި ދުނިޔެއެވެ. މަރުވުމުގެ ކުރީގެ މަރުހަލާއެވެ. މަރުވުމަށް ފަހުގެ ދުނިޔެއަކީ މަސައްކަތްކުރާނެ ފުރުސަތެއް އޮތް ދުނިޔެއެއް ނޫނެވެ. މި ދުނިޔެއަކީ އަމަލުކުރުމުގެ ދުނިޔެއެވެ. އަންނާން އޮތް ދުނިޔެއަކީ އަމަލުތަކުގެ ނަތީޖާ ލިބިގަންނާން އޮތް ދުނިޔެއެވެ.
އާޚިރަތުގެ ނިޢުމަތާއި ދިންނެވުން ލިބެން އޮތީ އާޚިރަތް ދުވަސް އައުމުގެ ކުރިން އެ ނިޢުމަތްތަކާއި ދިންނެވުން ހައްގުވެއްޖެކަމަށް ކަނޑައެޅޭފަދަ ދިރިއުޅުމެއް އުޅުނު މީހަކަށެވެ.
