ހަގީގަތާ ދެކޮޅުހެދުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ހަގީގަތް ނުވަތަ ތެދު ގަބޫލުކުރަން މީސްތަކުން ދެކޮޅުހެދީ ހަމައެކަނި ކިބުރުވެރިކަމުގެ ސަބަބުންކަމާއި ބަހަނާއަކަށް [އުސޫލުގައި ހިފެހެއްޓުން] ދައްކަނީކަން ގިޔާމަތްދުވަހުން މީސްތަކުންނަށް އެނގޭނެއެވެ.


ކީރިތި ޤުރްއާނުގެ 7 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [ކޮންމެ އުއްމަތަކަށްމެ އަޖަލެއް ވެއެވެ. ފަހެ، އެއުރެންގެ އަޖަލުއައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ. އޭ އާދަމުގެދަރިންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، ތަގުވާވެރިވެ، އަދި  (އަމަލުތައް) އިސްލާހުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ. ﷲއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ ކާފަރުން ކަމުގައި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ.] (އަލްއަޢްރާފް: 34 – 37)

މަރުވުމަށް ފަހު އިންސާނާ ސުވަރުގެއަށް ނުވަތަ ނަރަކައަށް ވެއްދެވުން ބިނާވެފައި އޮންނަނީ ހައްގު ގޮތް ނުވަތަ ތެދު އޭނާޔާ ހަމައަށް އައީމާ އޭނާ ކަންތައްކުޅަ ގޮތެއްގެ މައްޗަށެވެ. ﷲގެ ހުއްޖަތް ގާއިމުކުރެވޭ ފެންވަރެއްގައި، ބުއްދި ގަބޫލުކުރާ ދަލީލުތަކަކާއެކު ހައްގު ގޮތް އިންސާނާގެ ކުރިމައްޗަށް އައީމާވެސް އެ ގޮތް ގަބޫލުނުކޮށް ދެކޮޅު ހަދާނީ ހަމަ ޔަގީނުންވެސް ކިބުރުވެރިކަމުގެ ސަބަބުންނެވެ. އެފަދަ ދަނޑިވަޅެއްގައި ހުރަހަކަށްވެ، އޭނާގެ މައްޗަށް ގަދަވެގަންނަނީ އަމިއްލަ ނަފުސު ބޮޑުކޮށްގަތުމުގެ ނަފުސިއްޔާތެވެ. އޭނާ ކަންތައް ކުރަން ޖެހޭ ގޮތަކީ ހައްގު ގޮތް ބޮޑު ކަމަށް ގަބޫލުކުރުމާއެކު ހައްގަށްވުރެ ތިމާ ކުޑަކަމުގައި ގަބޫލުކުރުމެވެ. މިޔާ އިދިކޮޅަށް ތިމާގެ ބޮޑުކަން އިސްކޮށްފި މީީހާއަށް ﷲގެ ހަޟުރަތުގައި ނަރަކަ ނޫން ތަނެއް ނޯންނާނެއެވެ.

އިންސާނާ ހައްގު ގޮތާ ދެކޮޅޅު ހަދާ ކޮންމެ ފަހަރަކު އޭނާ އެ ދެކޮޅުހަދަނީ ކޮންމެވެސް އެހެން އެއްޗަކަށް އިތުބާރުކޮށްފައެވެ. ބައެއް މީހުން އިތުބާރުކުރަނީ މުދަލާއި ފައިސާއަށެވެ. ބައެއް މީހުން އިތުބާރުކުރަނީ ތިމާގެ މަގުބޫލުކަމަށާއި އިއްޒަތްތެރިކަމަށެވެ. އެކަމަކު މިއީީ އިންސާނާ އަޅާ ނުބައި ފިޔަވަޅެކެވެ. އިމްތިހާނެއްގެ ގޮތުގައި ލިބިފައިވާ އެއްޗެއް އިތުބާރުކުރަންޖެހޭ ވަރުގެ އެއްޗަކަށް ބެލުމަކީ ހިޔަންޏަށް މުޑިނެގުން ކަހަލަ ކަމެކެވެ. ގިޔާމަތްދުވަހު އޭނާގެ އަތުން މި ބުނެވުނު އިމްތިހާނުގެ ވަސީލަތްތައް ނިގުޅައިގަނެވިފައިވާތަން ފެނުނީމާ، ތިމަން އިސްކުޅައީ ކިބުރުވެރިކަން ނޫން އެހެން ކަމެއް ނޫންކަން އިންސާނާއަށް ކަށަވަރުވެގެންދާނެއެވެ. ހައްގަށް އިންކާރުކުރުމާ ދެކޮޅުހެދުމުގެ ގޮތުން އުސޫލީ ވާހަކަތަކެއެް ދެއްކުނުކަންވެސް އޭނާއަށް އޮޅުމެއް ނެތްގޮތުގައި ސާފުވެގެން ދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.