ދިރިއުޅުމުގެ ބޭނުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲ ތަޢާލާ އިންސާނާ ހައްދަވައިފައި ވަނީ ތިމާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅެއްކަން ސާބިތުކޮށްދިނުމާއެކު އާޚިރަތް ދުވަހުން ﷲ އިންސާނާއަށްޓަކައި އިރާދަކުރައްވައިފައިވާ އަބަދީ ނިޢުމަތުގެ ޙައްޤުވެރިއެއްކަން ސާބިތުކޮށްދޭށެވެ.


ކީރިތި ޤުރްއާނުގެ 51 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން، ﷲއީ، ރިޒްޤްދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ. ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް ޢަޒާބުގެ ޙިއްޞާއެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި ޢަޒާބަކާ އެއްފަދަ ޙިއްޞާއެކެވެ. ފަހެ، ޢަޒާބު އަވަސްވުންއެދި ތިމަންރަސްކަލާނގެ ޙަޟްރަތަށް އެއުރެން، ނޭދޭހުށިކަމެވެ! ފަހެ ކާފިރުވި މީހުންނަށް އެއުރެންނަށް ވަޢުދުކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.] (ޤާފް: 16-29)

ހުރިހައި ބާރަކާއި އިޚްތިޔާރެއްގެ ވެރިފަރާތަކީ ﷲ ތަޢާލާއެވެ. އެހެންނަމަވެސް މާސިންގާ ކާއިނާތުގެ ކަންތައްތައް އިންތިޒާމު ކުރެއްވުމަށްޓަކައި އެކަލާނގެ ވަނީ މަލާއިކަތުން ހައްދަވައިފައެވެ. އިންސާނުން ހެއްދެވި ސަބަބު މުޅީން ތަފާތެވެ. އަހަރެމެން އުފައްދަވައިފައި ވަނީ ﷲގެ އެއްވެސް ކަމެއް އިންތިޒާމު ކުރައްވާކަށެއް ނޫނެވެ. އަހަރެމެން އުފެއްދެވި ހަމައެކަނި ބޭނުންފުޅަކީ އެކަލާނގެއަށް އަޅުކަން ކުރުމެވެ. އަޅުކަމުގެ މާނައަކީ ﷲގެ ކުރިފުޅުމަތީގައި ބޯލަނބައި ކިޔަމަންގަތުމެވެ. ހުރިހައި މާނައެއްގައި ﷲގެ މަގުގައި ހިނގާ މީހަކަށް ވެގަތުމެވެ.

މި އަޅުކަމުގެ ޚުލާސާއަކީ މަޢުރިފަތެވެ. (ތަފްޞީރް އިންބު ކަޘީރް، ވޮލިއުމް 7، ޞަފްޙާ 396) އެހެން ޢިބާރާތަކުން ބުނަނީނަމަ އިންސާނާއަށް ޖެހެނީ ﷲ ފުރިހަމައަށް ދެނެގަންނާށެވެ. ﷲގެ ދީދާރުފުޅު ނުދެކި، އެކަލާނގެ ވޮޑިގެންވާކަން ރަނގަޅަށް ދެނެގަންނާށެވެ. މަޢުރިފަތުގެ މާނައަކީ މިއީއެވެ. މި މަޢުރިފަތުގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށް އަންނަ ބަދަލާއެކު އޭނާ އުޅޭއުޅުމަށް ކިޔާ ނަމަކީ އަޅުކަމެވެ.

ފެންމަތީގައި އޮންނަ ދަޅެއް ފަދަ އެއްޗަކަށް ފެން އެޅި ފުރުނީމާ އެ އެއްޗެއް އަޑިއަށް ފެތިދެއެވެ. މި ބީދައިން ދުނިޔޭގައި އިންސާނާއަށް ކަނޑައެޅިފައި އޮތް މުހުލަތު ހަމަވީމާ އޭނާ މަރުވެދެއެވެ. ދަޅަށް ފެންއެޅި ފުރުމުގެ ކުރިން ތިމާގެ ނަފްސު އިސްލާހުކޮށްގަންނަ މީހާއަކީ ސަލާމަތްވެއްޖެ މީހެކެވެ. އެންމެ ފަހު ވަގުތު އައިސް ޖެހޭއިރުވެސް ޣާފިލުކަންމަތީ ހުރެއްޖެ މީހާއަކީ ހަލާކުވެއްޖެ މީހެކެވެ.

އުރެދޭ މީހުންނަށް ވަގުތުން އަޒާބު ނުދެއްވުމަކީ އެބައިމީހުން އުޅޭނޭ ގޮތަކަށް އުޅެފައި ސަލާމަތްވެގެން ދެވޭނޭ ގޮތް ހެއްދެވުން ކަމުގައި ދެކިގެން ނުވާނެއެވެ. އެބައިމީހުން އެހެން އެ ތިބެނީ ﷲގެ އިރާދަފުޅަކީ ވަގުތުން ހިއްޕަވައި ގަންބަވައިގަތުން ކަމުގައި ނުވާތީއެވެ. އެކަލާނގެ އެބައިމީހުން ނުހިއްޕަވައި ދޫކޮށްލަވާނެތީއެއް ނޫނެވެ.

ﷲ ތަޢާލާ އިންސާނުން ހެއްދެވީ އެކަލާނގެ ޒާތުފުޅު ފުރިހަމަ ކުރައްވާކަށެއް ނޫނެވެ. އިންސާނުން ހެއްދެވީ ދުނިޔެއަކީ އިމްތިހާނުގެ ޖަގަހައެއް ކަމުގައި ލައްވައި، ދުނިޔޭގައި ދިރިއުޅޭން ލިބޭ ވަގުތުކޮޅުގެ ތެރޭގައި ތިމާއަކީ ﷲގެ ތެދުވެރި އަޅެއްކަން ސާބިތުކޮށްދީ ﷲގެ އަބަދީ ނިޢުމަތުގެ ޙައްޤުވެރިއަކަށް ވެގަތުމުގެ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.