މައިންބަފައިންނަށް ހެޔޮކޮށް ހިތުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲއަށް ކިޔަމަންގަތުމާއި ޝުކުރުވެރިވުމަކީ ކޮންމެ މީހަކަށްވެސް ލާޒިމުކަމެކެވެ. އެޔަށް ފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އެމީހުންނާ ރީތިބަހުން ވާހަކަދެއްކުމާއި ބޭނުންތައް ފުއްދައިދިނުމަކީވެސް ލާޒިމުކަމެކެވެ.


ކީރިތި ޤުރްއާނުގެ 31 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ. އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ  ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބާވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.] (ލުޤްމާން: 14-15)

ﷲ އަށް ފަހު އިންސާނާގެ މައްޗަށް އެންމެ ބޮޑު ޙައްޤެއް އޮންނަނީ އޭނާގެ މަންމައާއި ބައްޕަގެ މައްޗަށެވެ. އެކަމަކު މައިންބަފައިންގެ އަމުރަކީ ﷲގެ ޙުކުމްފުޅާ ޚިލާފު އަމުރެއް ކަމުގައި ވަނީ ނަމަ އެ އަމުރަކާ ދެކޮޅުހެދުން ލާޒިމުވާނެއެވެ. އިސްކަން ދޭން ވާނީ ﷲގެ ޙުކުމްފުޅަށެވެ. މިފަދަ ހާލަތެއްގައިވެސް މައިންބަފައިންނަށް ޚިދުމަތްކުރުމުން ދުރުހެލިވެގެން ނުވާނެއެވެ.

ﷲއަށް ބަލާނަމަ، އިންސާނާއަށް އޮތް ވާޖިބަކީ އެކަލާނގެއަށް ޝުކުރުވެރިވުމެވެ. ހިތުންގެ އެންމެ ފުންމިނުން ﷲގެ އިލާހުވަންތަކަމަށް ފުރިހަމައަށް އިޢުތިރާފުވުމެވެ. އޭނާގެ ހުރިހައި ޖަޒުބާތަކާއި އިޙްސާސެއް ﷲގެ ނިޢުމަތްތައް ގަބޫލުކުރުމާއެކު ޝުކުރުވެރިވުމަށް ޚާއްސަކުރުމެވެ. އެންމެ ފަހުން ގޮސް ދިރިއުޅުމުގެ ކޮންމެ ސިކުންތެއްވެސް ﷲ ހަނދުމަކުޅައުމުގައި ހޭދަކުރުމެވެ. އޭނާގެ މުޅި ވުޖޫދަކީ ﷲ ތަޢާލާއަށް ޒިކުރު ކުރުމަށްޓަކައި އޮތް ވުޖޫދެއް ކަމުގައި ހެދުމެވެ.

މައިންބަފައިންނަށް ބަލާނަމަ، ކޮންމެ މީހަކަށްވެސް އޮތް ޒިންމާއަކީ އެމީހުންގެ ޙައްޤުތައް އަދާކުރުންމަތީގައި ދެމިހުރުމެވެ. އެމީހުންނަށް އިޙްތިރާމްކުރުމާއި ގަދަރުކުރުމެވެ. އެމީހުންނާމެދު މަޑުމައިތިރިކަމާއި ނިޔަނެތިކަމާއެކު ކަންތައް ކުރަމުން ގެންދިއުމެވެ. އެމީހުންގެ ބޭނުންތައް ފުއްދައި ދިނުމުގައި ފަރުވާތެރިވުމެވެ. ފުރިހަމަ މާނައިގައި އެމީހުންނަށް ޚިދުމަތްކުރާ މީހެއްގެ ގޮތުގައި ދިރިއުޅުން ވޭތުކުރުމެވެ.

މައިންބަފައިންގެ އަމުރުތަކާއި ﷲގެ ޙުކުމްފުޅުތަކާ ފުށުއަރާ ދަނޑިވަޅުގައި ލާޒިމުވެގެން ވަނީ ﷲގެ ފަރާތަށް އެނބުރި، އެކަލާނގެ ޙުކުމްފުޅުތަކާ އެއްގޮތަށް އަމަލުކުރުމެވެ. އެފަދަ ވަގުތެއްގައި މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ އޮތް ކަމެއް ނޫނެވެ. އެކަމަކު އެފަދަ ވަގުތެއްގައިވެސް މައިންބަފައިންނާމެދު މަޑުމައިތިރިކަމާއި ހެޔޮކަމާއެކު މުޢާމަލާތް ކުރުމަކީ ލާޒިމުކަމެކެވެ. އިންސާނާގެ ބޮލުގައި އެޅިފައިވާ އަޚްލާޤީ ޒިންމާތަކަކީ އެއްވެސް ހާލަތެއްގައި ދޫކޮށްލައިގެން ވާނޭ ހަމަތަކެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.