ﷲއަށްޓަކައި އުފެދޭ ބޭގަރާރުކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ޢިލްމުވެރިޔަކީ ﷲގެ މަތީން ހަނދާންވީމާ ހިތުގައި ބޭގަރާރުކަން އުފެދޭ މީހާއެވެ. ހަމައެކަނި ކުރިމަތިވާ މާއްދީ ހާލަތެއްގެ ސަބަބުން ބޭގަރާރުވެ ތެޅިގަންނަ މީހާއަކީ ޢިލްމުވެރިޔަކަށް ނުވާނެއެވެ.


ކީރިތި ޤުރްއާނުގެ 39 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ ދުޢާކުރެތެވެ. ދެން، އޭނާއަށް ނިޢުމަތެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ ދުޢާކޮށް އުޅުނުފަރާތް (އެބަހީ: ﷲ) ހަނދާން ނައްތައިލައެވެ. އަދި ﷲއަށް ޝަރީކުންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ ކާފިރުކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، އާޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.] (އައްޒުމަރް: 8-9)

ގޮތް ހުސްވެ، ހަދާނޭ ގޮތް ބޮޑުވުމުގެ ހާލަތަކީ ދިރިއުޅުމުގެ ކޮންމެވެސް މަރުހަލާއެއްގައި ކޮންމެ މީހަކަށްވެސް ކުރިމަތިލާން ޖެހޭ ހާލަތެކެވެ. އެ އެއްޗަކީ ނުވަތަ އެ ކަމަކީ ތިމާގެ އެންމެ ބޮޑު އެހީތެރިޔާ ކަމުގައި ބަލައިގެން އުޅޭ އެއްޗަކަށްވެސް ނުވަތަ ކަމަކަށްވެސް މިފަދަ ހާލަތެއްގައި އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ ގޮތެއް ނުވެއެވެ. މިފަދަ ދަނޑިވަޅެއް އައުމާއެކު އިންސާނާ ހުރިހައި އެއްޗަކާއި ކަމެއްގެ މަތީން ހަނދާން ނައްތައިލުމަށް ފަހު ﷲގެ މަދަދުވެރިކަމަށް އެދި ގޮވައިގަނެއެވެ. މުސީބާތުގެ ވަގުތު އައިސް ޖެހުމާއެކު ﷲ ފިޔަވައި އަޅުކަން ކުރުން ޙައްޤު އެހެން އިލާހަކު ނުވާކަން އިންސާނާއަށް އެނގިދެއެވެ. އެކަމަކު މުސީބާތުން އަރައިގަނެވުމާއެކު އަނެއްކާވެސް އިހު އުޅުނު ގޮތަށް އުޅެގަނެއެވެ. ﷲ ފިޔަވައި އެހެން ދިމަދިމާއަށް އިންސާނާ އެނބުރޭ މައިގަނޑު ސަބަބަކީ އޭނާގެ މި ބަލިކަށިކަމެވެ. އޭނާއަށް މެދުވެރިވާ ކޮންމެ ޙާލަތަކީ މަޢުބޫދެއްގެ ކުޅަދުންވަންތަކަމާއި އިރާދަފުޅުކަން ހަނދާން ނައްތައިލައި އެއީ ކޮންމެވެސް ދުނިޔަވީ ހާލަތެއްގެ ނަތީޖާ ކަމުގައި ގަބޫލުކުރާން ފަށަނީ ކިބުރުވެރިކަމާއެކުގައެވެ.

އެކަކަށް ބޭގަރާރުކަން ލިބެނީ ހަމައެކަނި މާއްދީ ހިތާމައެއްގެ ސަބަބުންނެވެ. އަނެކަކު ބޭގަރާރުވަނީ ﷲ ހަނދުމަކުޅައުމުންނެވެ. ﷲގެ ފަޅީގެ މީހާއަކީ އެކަލާނގެ ހަނދުމަކުޅައުމުން ބޭގަރާރުވާ މީހާއެވެ. އޭނާގެ ހިތަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ދުނިޔަވީ ހާލަތެއްގެ ސަބަބުން އަންނަ ބަދަލުތަކެއް ނޫނެވެ. އެއީ އޭނާގެ ޢަޤީދާގެ ސަބަބުން އަންނަ ބަދަލުތަކެކެވެ. އޭނާ ﷲ މަޢުރިފާކޮށްގަންނަނީ އޭނާގެ ހުރިހައި އުއްމީދެއް ފުރިހަމަކޮށް ދެއްވާ ފަރާތުގެ ގޮތުގައެވެ. އޭނާގެ ހުރިހައި މަސައްކަތަކާއި އުއްމީދެއް ގުޅިފައި ހުންނާނީ ﷲއާއެވެ. މި ވިސްނުމާއެކު އޭނާގެ ހިތުގައި އުފެދޭ ބޭގަރާރުކަމެއްގެ ސަބަބުން ރޭގަނޑު ތަންމަތީގައި އޮންނާންވެސް އުނދަގޫވެދެއެވެ. އޭނާގެ އެކަނިވެރިކަމަކީ ޣަފްލަތުގެ އެކަނިވެރިކަމެއް ނޫނެވެ. އެއީ ﷲ ހަނދުމަކުޅައުމުގެ އެކަނިވެރިކަމެވެ. އޭނާ އަރާމު ތަންމަތި ދޫކޮށް ތެދުވެ، އެކަނިމާއެކަނި އިންނަނީ ﷲ ގެ ލޯބީގައެވެ.

ޢިލްމުވެރިޔަކީ ﷲ ހަނދުމަވީމާ އޭނާގެ ނަފްސިއްޔާތުގައި ލޯތްބާއި އަޅުކަމުގެ ޝައުގުވެރިކަން އުފެދިގަންނަ މީހާއެވެ. ޢިލްމެއް ނެތް މީހަކީ ހަމައެކަނި މާއްދީ ހާލަތެއްގެ ސަބަބުން އޭނާގެ ހިތުގައި އެކި ބާވަތުގެ ޝުޢޫރުތައް ހިލިގަންނަ މީހާއެވެ. މިފަދަ މީހުން ނިދީން ހޭލާނީ މާއްދީ ލޮޅުމެއްގެ ސަބަބުންނެވެ. އެޔަށް ފަހު އަނެއްކާވެސް ޣަފްލަތުގެ ނިދީން ނިދައިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.