ﷲއަށް އަޅުކަންކުރުމުގެ ދިރިއުޅުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


މުއިމިނުން ދަތުރުކުރާނީ ﷲގެ މަގުގައެވެ. އާދައިގެ ހަގީގަތްތަކަށްވުރެ މަތިވެރި ހަގީގަތްތަކެއްގެ ތެރޭގައެވެ. މުއުމިނުން މައްސަލަތައް ހައްލުކުރާނީ ވަގުތީ ފައިދާއަށް ބަލައިގެންނެއް ނޫނެވެ. ﷲއަށް ޖަވާބުދާރީވުމާއެކު އާޚިރަތަށް އަމާޒުކޮށްގެންނެވެ.


އިސްލާމްދީނުގެ ބޭނުމަކީ ދުނިޔޭގެ ދިރިއުޅުން، ﷲއަށް އަޅުކަންކުރުމާއި ކިޔަމަންތެރިކަމުގައި ވޭތުކުރާ މީހަކަށް އާދަމުގެދަރިޔާ ހެދުމެވެ. އަދި ﷲއަށް އަޅުކަންކުރުމާއި ކިޔަމަންތެރިވުމާ ދުރުގައި ވޭތުކުރާ ދިރިއުޅުން ނިމުމަކަށް ގެނައުމެވެ. ﷲއަށް އަޅުކަންކުރުމާ ދުރުގައި އުޅުމުގެ މާނައަކީ އޭނާގެ ޝައުގުވެރިކަން ﷲގެ ބަދަލުގައި ދުނިޔަވީ އެއްޗިއްސާ ދިމާއަށް އެނބުރިފައި ހުރުމެވެ. އިސްލާމްދީނުން ބޭނުންވަނީ އޭނާގެ ނަޒަރު މަޚުލޫގުންނާ ދިމާއަށް ހުއްޓުވުމުގެ ބަދަލުގައި ޚާލިގާ ދިމާއަށް އަމާޒުކުރުވުމެވެ. އެކުވެރިކަން ގާއިމުކުރާނަމަ ﷲއަށްޓަކައި، އަދި ދުޝްމިނުކަން ގާއިމުކުރާނަމަވެސް ﷲއަށްޓަކައި ގާއިމުކުރާ މީހަކަށް ހެދުމެވެ. އޭނާގެ ވިސްނުމާއި ޖަޒުބާތުގެ މައި މަރުކަޒަކީ ﷲ ތަޢާލާ ކަމުގައި ކަނޑައަޅާ މީހަކަށް ހެދުމެވެ. މީހަކު ތަނަކަށް ދާން ގަސްތުކޮށްފިނަމަ ކޮންމެވެސް މަގެއް ޚިޔާރުކުޅައުމަކީ ލާޒިމުކަމެކެވެ. މިފަދައިން މަގެއް ޚިޔާރުކުޅައުމަށްފަހު ކަނާތްފަރާތަށާއި ވައަަތްފަރާތަށް ގޯޅިއެޅުމުގެ ބަދަލުގައި އޭނާ ދާން ޖެހޭނީ ކަނޑައެޅި މަގުން ސީދަލަށެވެ. މަންޒިލަށް ވާސިލުވުމަކަށް މި ނޫން ގޮތެއް ނޯންނާނެއެވެ. މިއީ އިންސާނާއާއި ﷲގެ މުއާމަލާތްތަކުގައިވެސް ކަން އޮތް ގޮތެވެ.

މި ދުނިޔޭގައި އިންސާނާ އޭނާގެ ދިރިއުޅުން ފެށުމާއެކު އޭނާ ދަތުރުކުރާން އޮންނަ އެއް މަގަކީ ﷲއާ ދިމާއަށް ދާ މަގެވެ. ދެން އޮންނަ މަގަކީ ސީދާ މަގެއް ނޫނެވެ. އެއީ އެކި ގޮތްގޮތަށް ހޫރެމުންދާންޖެހޭ މަގުތަކެކެވެ. ﷲގެ ދަރިވަރެއްނަމަ އެގޮތް މިގޮތަށް އެނބުރުމުގެ ބަދަލުގައި ރަނގަޅަށް ތައްޔާރުވެގެން ހުރެ މަންޒިލާ ދިމާއަށް ދާން އޭނާ ދަތުރުކުރަމުން ދާނީ ސީދާ މަގުންނެވެ. ދެ ފަރާތުން ފެންނަ ހަނި ގޯޅިތަކަށް ވަނުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ. ﷲއާ ދިމާއަށް ދާން އޮންނަ ސީދާ މަގުން ދަތުރުކުރަމުންދާ މީހަކަށް އެންމެ ފަހުން އެކަލާނގެއާ ހަމައަށް ދެވޭނޭކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިޔާ ޚިލާފަށް އެގޮތް މިގޮތަށް ހޫރެމުން، އެއް ގޯޅިން އަނެއް ގޯޅިއަށް ވަންނަމުންދާ މީހަކަށް ދުވަހަކުވެސް ﷲއަކާ ހަމައަކަށް ނުދެވޭނެއެވެ.

އެގޮތް މިގޮތަށް އެނބުރުމޭ ބުނެވޭ ބަހުގެ މާނައަކީ އާދަމުގެދަރިޔާ އޭނާގެ އެދުންތަކަށް ތަބާވެގެން ދަތުރުކުރަމުން ގެންދިއުމެވެ. ބޭރުފުށުގެ ފައިދާއަށް އިސްކަން ދިނުމެވެ. ރުޅިއާއި ނަފުރަތާއި ހަސަދައާއި މަވެތިކަމުގެ ޖަޒުބާތުގެ ޝިކާރައަކަށް ވުމެވެ. އެއްވެސް ވިސްނުމަކާ ނުލައި އޭނާގެ ކުރިމަތީން ފެންނާން އޮތް ކޮންމެ މަގަކުން ދަތުރުކުރަމުން ދިއުމެވެ.

ﷲގެ މަގުގައި ސީދާ މަގުން ދިއުމޭ ބުނެވެނީ ﷲގެ ހުކުންފުޅުތަކާމެދު ވިސްނައި ފިކުރުކޮށް، ސީރިއަސް ފައިސަލާއަކާއެކު ކުރިއަށް ދާނޭ މަގު ކަނޑައެޅުމަށެވެ. އާޚިރަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނޭކަން ދެނެހުރެ، އެ އަގީދާގެ މަތީގައި ދަތުރުކުރަމުން ދިއުމަށެވެ. ވަގުތީ ފައިދާއާއި ވަގުތީ ހަމަޖެހުމަކަށް އިސްކަން ނުދީ ދަތުރުކުރަމުން ގެންދިއުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.