ރޯދައިން ދަސްކޮށްދެނީ ކެތްތެރިވާން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ރޯދަ ހިފުމުގެ ސަބަބުން އިންސާނާގެ ކިބައިގައި ރަނގަޅު އަޚްލާގަކާއި ސުލޫކެއް އުފެދެއެވެ. މި އަޚްލާގާއި ސުލޫކުގެ ސަބަބުން އޭނާއަކީ ﷲއަށް އަޅުކަންކުރާ އަދި އެހެން މީސްމީހުންނަށް ހެޔޮއެދޭ މީހަކަށް ވެގެން ހިނގައިދެއެވެ.


ރޯދައަކީ އަހަރަކު އެއް ފަހަރު ކުރާ އަޅުކަމެކެވެ. މި އަޅުކަން އޮންނަނީ ކޮންމެ ރޯދަމަހަކު ތިރީސް ދުވަހު ނުވަތަ އޮނަތިރީސް ދުވަހު ކުރާ ގޮތަށެވެ. ފަޖުރުލީއްސުރެ އިރުއޮއްސޭންދެން ކެއިންބުއިމާއި ބައެއް އެހެން ހުއްދަކަންކަމާ ދުރުހެލިވުން ރޯދަވެރިޔާއަށް ލާޒިމުކުރެއެވެ. ރޯދައަށް ހުންނައިރު އަޅުކަމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރުން މުހިއްމެވެ. ރޯދައިގެ ބޭނުމަކީ އިންސާނާ މާއްދިއްޔަތާ ދުރުކޮށް، ރޫޙާނިއްޔަތާ ކައިރިކުރަމުން ގެންދިއުމެވެ. ރޫޙާނިއްޔަތުގެ ބައި ބޮޑުކުރަމުން ގެންދިއުމެވެ. ދުނިޔޭގައި ރޫޙާނިއްޔަ ދިރިއުޅުމެއް އުޅުމުގެ ގާބިލުކަން ހޯދައިދިނުމެވެ.

ރޯދައިގެ ސަބަބުން އިންސާނާގެ ހިތުގައި ޝުކުރުވެރިކަމުގެ ޖަޒުބާތު ހިލިގަނެއެވެ. ކެއިންބުއިމާ ދުރުހެލިވާން ޖެހުނީމާ، ކެއިންބުއިމުގެ އަހުމިއްޔަތުކަން އޭނާއަށް އެނގިދެއެވެ. ކެއިންބުއިމާއި ދުރުހެލިވުމުގެ ތަޖުރިބާ ދުވާލުގެ ހަތަރުދަމު ކުރުމަށްފަހު، އިރުއޮއްސުމާއެކު ކާންފެށުމުން ކާބޯތަކެތީގެ އަހުމިއްޔަތުކަމާއި އަގު ވަޒަންކުރެވި، ﷲ ތަޢާލާ އެތަކެތި އޭނާއަށް ދެއްވިކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭގޮތް ވެއެވެ. މި ތަޖުރިބާގެ ސަބަބުން ޝުކުރުވެރިވުމުގެ ޖަޒުބާތު އޭނާގެ މައްޗަށް އާދަޔާ ޚިލާފު ދަރަޖައަކަށް ވެރިވެގަނެއެވެ.

ރޯދައަކީ އިންސާނާގެ ކިބައިގައި ރީތި އަޚްލާގާއި ސުލޫކުވެސް އަށަގަންނުވާ ކަމެކެވެ. ރޯދައަށް ހުންނަ ވަގުތު ބައެއް ކަހަލަ ކަންކަމުން ދުރުހެލިވާން އެންގެވުމަކީ ދުނިޔޭގައި ހޭދަކުރާ ދުވަސްކޮޅު މުޅީން ވީއްލިގަނެގެން ނުގޮސް ވަކި ހަމަތަކެއްގެ ތެރޭގައި އުޅުމަށް މީސްތަކުން ތަމްރީނުކޮށްދެއްވުމެވެ.

ރޯދައަކީ ބާވަތެއްގެ ދުވެލިމަތައެކެވެ. މައްސަރެއް ވާންދެން ބައެއް ކަހަލަކަންކަން [މަތަކޮށްގެން] ހުރުމުގެ ސަބަބުން އިންސާނާއަށް ދަސްވަނީ މުޅި ދިރިއުޅުންވެސް ކޮންޓްރޯލުކޮށްގެން ވަކި ހަމަތަކެއްގެ މަތީގައި ވޭތުކުރަމުން ގެންދާށެވެ. ﷲ ކަނޑައަޅުއްވައިފައިވާ އިމުން ބޭރުވެގެން ނުގޮސް ހުންނާށެވެ.

ރޯދައަށް ހުންނައިރު ޒިކުރުކުރުމާއި އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމަކީ އަހަރެމެން ކުރާ ކަމެކެވެ. އެއީ ﷲ މިންވަރުކުރައްވައިފައިވާ ހެޔޮމަގުން މީހާ ގެންދެވުމުގައި [ކޮއްޕަވައިލެއްވުމެއް] ކަހަލަ ކަމެކެވެ. މި ކޮއްޕަވައިލެއްވުމުގެ ސަބަބުން ޒިކުރުކުރުމާއި އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގެ އާދަ މީހާގެ ކިބައިގައި އިތުރުވެގެންދެއެވެ. އެއީ އަބަދުވެސް ކުރާންޖެހޭ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭގޮތް ވެއެވެ.

ރޯދައަކީ ތަރުބިއްޔަތުގެ ކޯހެކެވެ. މަސް ދުވަހަށް ދިގުދެމިގެންދާ މި ކޯހުގެ ބޭނުންފުޅަކީ މުޅި އަހަރު ދުވަހު ﷲ ރުއްސަވާ ގޮތަށް އުޅޭށާއި އެކަކު އަނެކަކާމެދު ވިސްނައި ފިކުރުކޮށް އެހީތެރިވާން ދަސްކޮށްދެއްވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.