މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މަލާއިކަތުންނަކީ ﷲގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރައްވާ ވަފާތެރިފުޅު ބައެކެވެ. އެބޭކަލުންނަށް ﷲ ވަނީ ޚާއްސަ ބާރުފުޅުތަކަކާއި އިޚްތިޔާރުތަކެއް ދެއްވައި ކާއިނާތުގެ ކަންތައްތައް އިންތިޒާމު ކުރެއްވުމާ ޙަވާލުކުރައްވައިފައެވެ.
މަލާއިކަތުންނަކީ ﷲ ހައްދަވައިފައިވާ މަޚްލޫޤުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެ ބޭކަލުންނަށް ވަނީ ޚާއްސަ ބާރުފުޅަކާއި އިޚްތިޔާރުފުޅެއް ދެއްވައިފައެވެ. އެއީ ކާއިނާތުގެ ކަންތައްތައް އެބޭކަލުން މެދުވެރި ކުރައްވައި ހިންގެވުމަށްޓަކައެެވެ. އެ ބޭކަލުން މި ކަންތައްތައް ހިންގަވަނީ ﷲއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރެއްވުމާއެކު އެކަލާނގެ އަންގަވާ ގޮތަކަށެވެ. ކުނޑިފުކަކަށްވެސް ބަދަލެއް ނުގެންނަވައެވެ.
މި ވަގުތުވެސް ކާއިނާތުގައި ސުމާރެއް ނެތް މިންވަރަށް ކަންތައްތައް ދަނީ ހިނގަމުންނެވެ. މިސާލަކަށް ތަރިތަކުގެ ދައުރާނަވުމާއި އިރުހަނދުގެ އަލިކަމާއި ބިމުގެ ދައުރާނަވުމެވެ. މީގެ އިތުރަށް ވާރޭވެހުމާއި މޫސުމަށް އަންނަ އެހެނިހެން ބަދަލުތައް އައުމާއި އިންސާނުންނާއި ހައިވާނުންގެ ނަސްލުތައް ދެމިގެން އައުމާއި މިފަދަ އެތައް ކަމެއް ކެނޑިނޭޅި ވަމުން އެބަދެއެވެ. މި ހުރިހައި ކަމެއް ﷲ ގެ އަމުރުފުޅާ އެއްގޮތަށް އިންތިޒާމުކުރައްވަމުން ގެންދަވަނީ މަލާއިކަތުންނެވެ. އެބޭކަލުންނަކީ އިންތިހާއަށް ކިޔަމަންތެރި، ވަފާތެރި ބޭކަލުންތަކެކެވެ.
އިންސާނާއަކަށް މަލާއިކަތުން ނުފެނެއެވެ. އެކަމަކު އެބޭކަލުންނަށް އިންސާނުން ފެނިވަޑައިގަނެއެވެ. ﷲ ގެ ފަރާތްޕުޅުން އިންސާނުންގެ ފާރަވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެބޭކަލުންނެވެ. އިންސާނާގެ މަރު ހިއްޕެވުމާއި ފުރާނަ ގެންދެވުމަކީވެސް އެބޭކަލުންނާ ހަވާލުކުރެއްވިފައިވާ ކަމެކެވެ.
މަލާއިކަތުން ގެންދަވަނީ މި ދުނިޔޭގެ ކަންތައްތައެް އިންތިޒާމު ކުރައްވަމުންނެވެ. އަދި އާޚިރަތް ދުވަހުން ސުވަރުގެއާއި ނަރަކައިގެ ކަންތައްވެސް ހިންގަވައި ބަލަހައްޓަވާނީ އެބޭކަލުންނެވެ. މަލާއިކަތުންގެ އަދަދެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ.
މަލާއިކަތުންގެ މަސައްކަތްޕުޅު ތަސަވަރުކޮށްލުމަށްޓަކައި ބޮޑު ކާރުޚާނާއެއްގެ މިސާލު ނެގިދާނެއެވެ. ކާރުޚާނާއެއްގައި ބޮޑެތި އަދި އާދައިގެ މީހަކަށް ހިންގުން އުނދަގޫ އެތައް މެސިނެއް ހުރެއެވެ. ކާރުޚާނާއިން އުފައްދާ އެއްޗެއް ނުކުންނަނީ އެ މެސިނުތަކުންނެވެ. އެކަމަކު މި މެސިނުތައް އަމިއްލައަމިއްލައަކަށް މަސައްކަތެއް ނުކުރެއެވެ. މެސިނު ހިންގަން މަސައްކަތުމީހުން ބޭނުންވެއެވެ. ކާރުޚާނާތަކުގައި އެތައް ބަޔަކު މަސައްކަތްކުރާ ސަބަބަކީ މިއީއެވެ. މި ބީދައިން ކާއިނާތުގެ މާސިންގާ ކާރުޚާނާ ހިންގެވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މަލާއިކަތުންނެވެ. އެބޭކަލުންގެ އަދަދެއް ނޭނގެއެވެ. މި ދެ ކާރުޚާނާގައި ހުރި ތަފާތަކީ ދުނިޔޭގައި އަހަރެމެން ހިންގާ ކާރުޚާނާތަކުގައި މަސައްކަތްކުރާ އިންސާނުން އަހަރެމެންނަށް ފެނުމާއި ކާއިނާތުގެ ކާރުޚާނާގައި މަސައްކަތްކުރައްވާ މަލާއިކަތުން އަހަރެމެންނަށް ނުފެންނަކަމެވެ.
