ދުޢާގެ ސަބަބުން އީމާންކަން ތާޒާވޭ

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ދިމާވާ ކޮންމެ ކަމަކާއެކު މުއުމިނާގެ ދޫމައްޗަށް ކޮންމެވެސް ދުޢާއެއް އާދެއެވެ. އެ ދުޢާގެ ސަބަބުން އޭނާގެ އީމާންކަން ދުވަހުން ދުވަހަށް ތާޒާވަމުންދެއެވެ. މަރުވުމާހަމައަށް މިކަން މެދުނުކެނޑި ކުރިއަށް ދެއެވެ.


އިސްލާމްދީނުން އަހަރެމެންނަށް ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި ދުޢާކުރުން ހިމެނެއެވެ. ހަދީސު ފޮތްތަކުގައި ވަރަށް ގިނަ ދުޢާ ވާރިދުވެފައި ވެއެވެ. މި ދުޢާތަކުގައި ކިޔައިދީފައިވަނީ މުއުމިނާ އެކި ހާލަތްތަކުގައި ބޭނުންކުރާނޭ ދުޢާގެ ލަފުޒުތަކާއި އޭނާގެ ކިބައިން ފެންނަންވާނޭ އިހުސާސްތަކެވެ.

މިސާލަކަށް މީހަކު އަނެކަކާ ބައްދަލުކުރަނީއެވެ. ދެމީހުން އެކަކު އަނެކާ ސަލާންކުރެއެވެ. ސަލާންކުރުމުގައި އިސްނަގާ މީހާ ކިޔަނީ ألسلام عليكم و رحمة الله و بركاته މިހެންނެވެ. މާނައަކީ ތިބާގެ މައްޗަށް ﷲގެ ސަލާމަތްތެރިކަމާއި ރަޙްމަތް ހުއްޓެވެ. މުއުމިނަކު ކާން ފެށުމުގެ ކުރިން ބިސްމި (بسم الله الرحمن الرحيم) ކިޔުމަކީ ކުރަންޖެހޭ ކަމެކެވެ. އޭނާ ކާން ފައްޓަނީ ބިސްމި ކިޔައިފައެވެ. ކައި ނިކުނީމާ ކިޔަނީ الحمد لله މިހެންނެވެ. މި ނޫން މިފަދަ އެހެން ކަލިމަތައްވެސް އޭނާ ކިޔައެވެ. މާނައަކީ މުއުމިނާ ކާންބޯން ފައްޓަނީ ﷲގެ ނަންފުޅުންނެވެ. ކައިބޮއި ނިމިގެން ﷲއަށް ޝުކުރުއަދާކުރުމާއެކު އެކަލާނގެ ދެއްވި ނިއުމަތަށް އިއުތިރާފުވެއެވެ.

މުއުމިނެއްގެ ހިތަށް އެހެން މީހަކާމެދު ނުބައި ޚިޔާލެއް ވަދެއްޖެނަމަ، އޭނާ ﷲގެ ޙިމާޔަތަށް އެދި ދަންނަވައެވެ. އޭނާ މިފަދައިން ކިޔައެވެ. أللهم إنى أعوذبك من الشيطان الرجيم މައްސަލައަކާ ކުރިމަތިވެއްޖެނަމަ މިފަދައިން ކިޔައެވެ. أللهم عليك توكلنا އެބަހީ އަޅަމެން ވަކީލުކުރަނީ ނުވަތަ އިތުބާރުކުރަނީ އިބަ ﷲއަށެވެ. މާލީ ފައިދާއެއް ވެއްޖެނަމަ މިފަދައިން ކިޔައެވެ. أللهم بارك لنا فى أموالنا މާނައަކީ އޭ ﷲއެވެ. އަޅަމެންގެ މުދަލުގައި ބަރަކާތް ލައްވައިފާނދޭވެ. މުއުމިނަކު ދަތުރަކު ނުކުމެއްޖެނަމަ އޭނާ މިފަދައިން ކިޔައެވެ. أللهم أنت الصاحب فى السفر و أنت الخليفة فى الأهل މާނައަކީ އޭ ﷲއެވެ. މި ދަތުރުގައި އަޅަމެންގެ ބައިވެރިއަކީ އިބަ ﷲއެވެ. އަޅަމެން ދޫކޮށްފައި މިދާ އާއިލާގެ ރައްކައުތެރިޔަކީވެސް އިބަ ﷲއެވެ.

ކާރިސާއެއް ކުރިމަތިވެއްޖެނަމަ މުއުމިނާ ކިޔަނީ މިފަދައިންނެވެ. إنا لله و إنا إليه راجعون މާނައަކީ އަޅަމެން ވަނީ ﷲއަށްޓަކައެވެ. އެނބުރިދާނީވެސް އެކަލާނގެ ޙަޟުރަތަށެވެ. މިފަދައިން ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އަދި ކޮންމެ ހާލަތެއްގައިވެސް ކުރާނޭ އެތައް ދުޢާއެއް އިސްލާމްދީނުން ވަނީ އަންގައިދީފައެވެ. މިއިން ކޮންމެ ދުޢާއަކީވެސް މުއުމިނާގެ އީމާންކަން އިތުރަށް ތާޒާކޮށްދޭ ދުޢާއެކެވެ. މި ދުނިޔޭގެ ކޮންމެ ތަޖުރިބާއެއް އޭނާ ދެކޭނީ ރައްބާނިއްޔަ ތަޖުރިބާއެއް ގޮތުގައެވެ. ވުމާއެކު މުއުމިނާ ދިރިއުޅުން ވޭތުކުރަމުން ގެންދާނީ ޒިކުރާއި ދުޢާގެ ހިޔަލުގައެވެ. މަރުވުމަށް ދާންދެން އޭނާގެ މި އާދަ މި ގޮތުގައި ދެމިހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.