މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ދުޅަހެއު އާއިލާއެއްގެ ކޮންމެ މެންބަރަކުވެސް ސަމާލުކަން ދޭންވާނީ ތިމާގެ ވާޖިބުތައް އަދާކުރާށެވެ. ހައްގުތަކުގެ ވާހަކަދައްކާކަށް ނޫނެވެ. މައްސަލައެއް ކުރިމަތިވީމާ، ފެށުމާއެކު އެ މައްސަލައިގެ ހައްލެއް ހޯދަން ވާނެއެވެ. މައްސަލަ ބޮޑުވިޔަދީގެން ނުވާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސުކުރައްވައިފައިވާ ގޮތުގައި މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އޭނާގެ އަނބިދަރިންނަށް އެންމެ ހެޔޮ މީހާއެވެ. (އިބްނުމާޖާ 1977) މިއީ ގޭގެ އެންމެންނަށްޓަކައި އޮތް އިރުޝާދެކެވެ. އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ކުޑަކުއްޖަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އެއްވެސް މީހަކު އިސްތިސްނާއެއް ނުވެއެވެ. އާއިލާގެ ތެރޭގައި ހެޔޮ މީހެއްކަން ސާބިތުކޮށްދިނުމަކީ ދެ ޖިންސު އެކުލެވޭހެން، އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ކޮންމެ މީހަކަށްވެސް ޖެހެނީ އާއިލާގެ ހެޔޮ މެންބަރަކަށް ވާށެވެ.
ގެއަކީ ނުވަތަ އާއިލާއަކީ ކޮބައިހެއްޔެވެ؟ ގެއަކީ އިޖްތިމާއީ ދިރިއުޅުމުގެ އިބްތިދާއީ ޔުނިޓެވެ. މުޖުތަމައެއް އުފެދެނީ މިފަދަ އެތައް ގެއެއް އެކުވީމައެވެ. ގޭތެރޭގެ މާހައުލު ރަނގަޅުނަމަ، މުޖުތަމައުގެ މާހައުލުވެސް ރަނގަޅުވާނެއެވެ. ގޭތެރޭގެ މާހައުލު ޚަރާބުވެއްޖެނަމަ، މުޖުތަމައުގެ މާހައުލުވެސް ހަލާކުވެގެން ދިއުމަކީ ކަށަވަރުކަމެކެވެ. ރަނގަޅު ގެތަކެއްގެ މަޖްމޫއާއަކަށް ކިޔާ އަނެއް ނަމަކީ މުޖުތަމައެވެ. މިޔާ ޚިލާފަށް ނުބައި ގެތަކެއްގެ މަޖުމޫއާކަށް ކިޔާ އަނެއް ނަމަކީ ނުބައި މުޖުތަމައެވެ.
އާދަމުގެ ދަރިޔާގެ ރަނގަޅު ކަމުގެ މީޔާރަކީ އެންމެ ފުރަތަމަ އޭނާގެ ގެއެވެ. މީހަކު ގެއިން ބޭރުގައި މީހުންނަށް ހެޔޮކޮށް ހިތައި، ރަނގަޅު އަޚްލާގެއް ދައްކައިފައި، ގޭތެރޭގައި އަންހެނުންނަށް ހަރުކަށިކަން ދައްކާނަމަ، އެއީ ރަނގަޅު މީހަކު ކަމުގައެއް ނުބުނެވޭނެއެވެ. އެހެނީ އިންސާނާގެ ރަނގަޅުކަމުގެ އަސްލު މީޔާރަކީ އޭނާގެ ގޭތެރޭގެ ދިރިއުޅުމެވެ. ގެއިން ބޭރުގެ ދިރިއުޅުމެއް ނޫނެވެ.
ގޭތެރޭގައި އުޅެންޖެހޭ ގޮތަކީ ކޮބައިހެއްޔެވެ. އެންމެ ފުރަތަމަ، ބޮޑެތި މީހުން ކުޑަކުދިންނަށް (ހަގު އުމުރުގެ މީހުންނަށް) އޯގާތެރިވާން ޖެހޭނެއެވެ. ކުޑަކުދިން (ހަގު އުމުރުގެ މީހުން) ބޮޑެތި މީހުންނަށް އިހުތިރާމުކުރަން ޖެހޭނެއެވެ. ފިރިހެނުން، އަންހެނުންނާމެދު މަޑުމަތިރިކަމާއެކު މުއާމަލާތްކުރަން ޖެހޭނެއެވެ. އަންހެނުންނަކީ ފިރިހެނުންނަށްޓަކައި މައްސަލަތައް އުފައްދާ ބަޔަކަށް ވެގެން ނުވާނެއެވެ. ގޭގެ ކޮންމެ މީހަކުވެސް ސަމާލުކަން ދޭން ޖެހޭނީ ތިމާގެ ވާޖިބުތައް އަދާކުރާށެވެ. ހައްގުތައް ހޯދަން މަރުފަލިޖަހާކަށް ނޫނެވެ. ކޮންމެ މީހަކުވެސް ޖެހޭނީ ތިމާގެ އަމިއްލަ ވާޖިބުތައް އަދާކުރުމާއެކު ގޭގެ އެހެން މީހުންނަށްވެސް، އެމީހުންގެ ވާޖިބުތައް އަދާކުރުމުގައި، އެހީތެރިވާށެވެ. ގޭތެރޭގައި މައްސަލައެއް ޖެހިއްޖެނަމަ، ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހޭނީ އެ މައްސަލައެއް އުފެދުމާއެކު ހައްލަކާ ދިމާއަށް ދާށެވެ. މައްސަލަ ބޮޑުވެ، ފުޅާވެގެން ދިއުމުގެ ކުރިން ހައްލެއް ހޯދަންވާނެއެވެ.
ކާމިޔާބު ގެވެހި ދިރިއުޅުމެއްގެ ސިއްރަކީ ޚިދުމަތްކުރުމާއި އެކަކު އަނެކަކާ ގުޅިގެން އުޅުމެވެ. ގޭގެ ކޮންމެ މީހަކުގެ ހިތުގައިވެސް ގޭގެ އެހެން ފަރުދުންނަށް ޚިދުމަތްކުރުމުގެ ޖަޒުބާތާއެކު، ޚިލާފުތަކާއި ޝަކުވާތައް ހަނދާން ނައްތައިލައި، އެކުވެރިކަމާއެކު، އެއްބައެއްގެ ގޮތުގައި ދިރިއުޅުމުގެ ޖަޒުބާތުވެސް އޮންނާންވާނެއެވެ.
