އަހަރެމެން ޝުކުރުވެރި ނުވަނީ ކީއްވެގެން؟

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


އިންސާނާގެ ކިބައިގައި ވަނީ ބުއްދިއާއި ޝުއޫރުގެ ލައްވައިފައެވެ. އޭނާގެ އެތެރެހަށީން އިވޭ އަޑު އެހުމާއި ނާހައި ހަވާނަފުސަށް ހެއްލިގަތުމުގެ އިޚްތިޔާރު ވަނީ ދެއްވައިފައެވެ.


ކީރިތި ޤުރްއާނުގެ 14 ވަނަ ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [ﷲއީ، އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އުޑުން ވާރޭ ވެއްސެވިއެވެ. ފަހެ، އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް ރިޒުޤެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެކަލާނގެ އިޒުނަފުޅާއެކު، އެ ތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށްޓަކައި ނާފަހަރު ޚިދުމަތްތެރި ކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ކޯރުތައް ޚިދުމަތްތެރިކުރެއްވިއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ ޚިދުމަތްތެރި ކުރެއްވިއެވެ. އަދި އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ.] (އިބްރާހީމް: 32 – 34)

މި ދުނިޔެ ދަނީ ހައިރާންވާފަދަ ދަރަޖައަކަށް ﷲގެ ވޮޑިގަތުމުގެ ހެކި ދައްކަމުންނެވެ. ތަނަވަސްކަން ބޮޑު ފަޒާގައި ތަރިތަކާއި ގުރަހަތައް ދައުރާނަވުމާއި، ދުނިޔޭގައި އުޅޭ މީހުންނަށް ކެނޑިނޭޅި ރިޒުގުދެއްވުމާއި، ބޭނުންވާ ވަރަށް ދުނިޔެއަށް ފެން ދެއްވުމާއި، އިންސާނާ އޭނާ ބޭނުންވާހައި ހިނދަކު ބިންމަތީގައްޔާއި، ކަނޑުގައްޔާއި، ޖައްވުގައި އުޅަނދުފަހަރު ދުއްވުމާއި، ކޯރުތަކާއި ފަރުބަދައިގެ ޒަރީޢާއިން އިންސާނުންނަށް ފުރުސަތުތައް ހުޅުއްވައިދެއްވުމާއި، އިރާއި ހަނދުގެ ދައުރާނަވުމުން ރޭދުވާ ބަދަލުކުރެއްވުމާއި މޫސުމަށް ބަދަލުތައް ގެންނެވުމާ، މިހިރިމިހިރަ ކަންކަމަކީ ލަފުޒުތަކަކުން ބަޔާންކުރެވޭ ވަރަށް ވުރެ މާ މަތިވެރި ހެކިތަކެކެވެ. އިންސާނާއާއި ކާއިނާތާ ހުރި އާދަޔާ ޚިލާފު ގުޅުމާއި އެއް އުއިވުމަކީވެސް މިފަދަ ކަމެކެވެ. އިންސާނާއަށް ވިސްނައިގަނެވޭ އަދި ވިސްނައިނުގަނެވޭ ވަސީލަތްތަކަށް ދާންދެން ބޭނުންވާ މިންވަރަށް މިވަނީ އަދި ގެންދަވަނީ ކެނޑިނޭޅި ދެއްވަމުންނެވެ.

މި ހުރިހައި ކަންކަމަކީ އިންސާނާގެ ސިކުނޑި ގުޑުވައިލާފަދަ އަދި މި ކަންކަމުގެ ސަބަބުން ﷲ ތަޢާލާއަށް އީމާންވުމުގެ ޖަޒުބާ އޭނާގެ ހިތުގައި އުފެދިގެންދާފަދަ ކަންކަމެވެ. އެކަމަކުވެސް ކަން ހިނގާ މަގަކީ އެޔެއް ނޫނެވެ. މި ކަންކަން ފެނުނީމާ ނުވަތަ އިހުސާސްކުރެވުނީމާ އިންސާނާގެ ހިތުގައި ވިސްނައި ފިކުރު ކުރުމުގެ ޖަޒުބާތު އުފެދި، ކާއިނާތުގެ ޚާލިޤްގެ ކުޅަދުންވަންތަކަން ފެނި ހީބިހި ނަގަައިގަންނަގޮތް ނުވަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބާމެދު ވިސްނައިލަމާ ހިނގާށެވެ. އިންސާނާ އުފަންވުމާއެކު އޭނާއަށް ކާއިނާތު ފެނިދެއެވެ. އުމުރުން ދުވަސްވަމުން ދަނީ އެ ކާއިނާތު ދެކެމުންނެވެ. ވުމާއެކު އެއީ އާދައިގެ އެއްޗަކަށް ވެދެއެވެ. ކާއިނާތުގައި ހިނގާ ކަންތައްތަކަށް ފަރިތަވެ، އާދައިގެ ކަންކަމަށް ވެދެއެވެ. އެއިން ކަމަކުން ނުވަތަ އެއްޗަކުން އެއްވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ނުފެނެއެވެ.

ހަމަ މިޔާއެކު އިންސާނާއަށް މި ދުނިޔޭގައި ލިބޭ ކޮންމެ އެއްޗެއް ލިބެނީ ސަބަބެއް މެދުވެރިވެފައެވެ. އެ އެއްޗެއްގެ ސަބަބުން މެދުވެރިވާ ކޮންމެ ކަމަކަށްވެސް އޭނާއަށް ހާމަކޮށް ފެންނަ ސަބަބެއް އޮވެއެވެ. ވުމާއެކު އޭނާ ގަބޫލުކުރަނީ ލިބޭ ކޮންމެ އެއްޗަކީ އޭނާގެ މަސައްކަތާއި ބުއްދިވެރިކަމާއި ވިސްނުމާއި ހުނަރުވެރިކަމުގެ ސަބަބުން ލިބޭ އެއްޗެއް ކަމުގައެވެ. ހުރިހައި އެއްޗެއް ދެއްވާ މަތިވެރިވަންތަ ﷲއަށް ޝުކުރުވެރިވުމުގެ ޖަޒުބާތު އިންސާނާގެ ކިބައި ނުހުންނަ ސަބަބަކީ މިއީއެވެ.

ދުނިޔޭގައި ނާއިންސާފާއި ޝުކުރުވެރިނުވުން އަށަގެންފައިވަނީ އިންސާނާގެ މި ޣަފްލަތުގެ ސަބަބުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.