ޞަޙީޙް މުސްލިމް: ހަދީސު ނަންބަރު 6

ޙަދީޘު ނަންބަރު (6):

عَنْ حَفْصِ بْنِ عَاصِمٍ[1] قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ [2]

ތަރުޖަމާ (6):

މާތް ﷲ ރަޙްމަތްލެއްވި ޙަފްޞު އިބްނު ޢާޞިމްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ލޮބުވެތި رَسُولُ اللَّهِ  ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރަށްވާފައި ވެއެވެ. މީހާ، ތިމާއަށް އަޑުއިވޭހާ ވާހަކައެއް ދެއްކުމަކީ ދޮގުވެރިއަކަށް [3] ވުމަށް ފުދޭނެކަމެކެވެ. މިއެވެ. [4]

قَالَ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ [5]  بِحَسْبِ الْمَرْءِ مِنَ الْكَذِبِ أَنْ يُحَدِّثَ بِكُلِّ مَا سَمِعَ [6]

މާތް ﷲ ރުއްސުންލެއްވި ޢުމަރު އިބްނުލްޚައްޠާބް ވިދާޅުވެފައި ވެއެވެ. މީހާ ތިމާއަށް އަޑުއިވޭ ކޮންމެ ވާހަކައެއް ދައްކައިހެދުމަކީ، ތިމާ އެހަދަނީ ދޮގުކަމަށް ފުދޭނެ ކަމެކެވެ. މިއެވެ.

أَخْبَرَنَا ابْنُ وَهْبٍ [7] قَالَ قَالَ لِي مَالِكٌ [8] اعْلَمْ أَنَّهُ لَيْسَ يَسْلَمُ رَجُلٌ حَدَّثَ بِكُلِّ مَا سَمِعَ وَلاَ يَكُونُ إِمَامًا أَبَدًا وَهُوَ يُحَدِّثُ بِكُلِّ مَا سَمِعَ [9]

މާތް ﷲ ރަޙްމަތްލެއްވި އިމާމު މާލިކުގެފާނު މިފަދައިން ވިދާޅުވި ކަމަށް އިބްނު ވަހްބުގެ ކިބައިން ރިވާވެގެން ވެއެވެ. ކަލޭ ދަންނާށެވެ! އެއްވެސް މީހަކު ޢިލްމުވެރިއެއް ކަމުގައި ވެއްޖެއްޔާ ތިމާއަށް އަޑުއިވޭހައި ވާހަކައެއް ޤަބޫލުކޮށެއް ނުހަދާނެއެވެ. އަދި ތިމާއަށް އަޑުއިވޭ ކޮންމެ ވާހަކައެއް ދައްކާ މީހާއީ އެއްގޮތަކަށްވެސް އިމާމުވެރި ބޭކަަލަކަށް ކަމުދާނެ މީހެއް ނޫނެވެ. މިއެވެ.

عَنْ عَبْدِ اللَّهِ [10] قَالَ بِحَسْبِ الْمَرْءِ مِنَ الْكَذِبِ أَنْ يُحَدِّثَ بِكُلِّ مَا سَمِعَ

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު މަސްޢޫދު ވިދާޅުވެފައި ވެއެވެ. މީހާ، ތިމާއަށް އަޑުއިވޭ ކޮންމެ ވާހަކައެއް ދައްކާނަމަ، އޭނާއަކީ ދޮގުހަދާމީހެއްކަމުގައި ވުމަށް ފުދޭނެއެވެ. މިއެވެ.

سَمِعْتُ عَبْدَ الرَّحْمَنِ بْنَ مَهْدِيٍّ [11]  يَقُولُ لاَ يَكُونُ الرَّجُلُ إِمَامًا يُقْتَدَى بِهِ حَتَّى يُمْسِكَ عَنْ بَعْضِ مَا سَمِعَ

ޢަބްދުއްރަޙްމާން އިބްނު މަޙްދީ ވިދާޅުވިކަމަށް ވެއެވެ. ތިމާއަށް އަޑުއިވޭ ބައެއް ވާހަކަތައް ހިފަހައްޓައިނުލެވޭ މީހަކީ އިމާމުވެރި ބޭކަލަކަށް ބަލައިގެން، އޭނާއަށް ތަބާވާން ކަމުދާނެ މީހެއްނޫނެވެ. މިއެވެ.

عَنْ سُفْيَانَ بْنِ حُسَيْنٍ [12] قَالَ سَأَلَنِي إِيَاسُ بْنُ مُعَاوِيَةَ [13] فَقَالَ إِنِّي أَرَاكَ قَدْ كَلِفْتَ بِعِلْمِ الْقُرْآنِ فَاقْرَأْ عَلَيَّ سُورَةً وَفَسِّرْ حَتَّى أَنْظُرَ فِيمَا عَلِمْتَ قَالَ فَفَعَلْتُ فَقَالَ لِيَ احْفَظْ عَلَيَّ مَا أَقُولُ لَكَ إِيَّاكَ وَالشَّنَاعَةَ فِي الْحَدِيثِ فَإِنَّهُ قَلَّمَا حَمَلَهَا أَحَدٌ إِلاَّ ذَلَّ فِي نَفْسِهِ وَكُذِّبَ فِي حَدِيثِهِ

މާތް ﷲ ރަޙްމަތްލެއްވި ސުފްޔާނު އިބްނު ޙުސައިންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހު އިޔާސް އިބްނު މުޢާވިޔާ، ތިމަންނައާ ސުވާލު ކުރެއްވިއެވެ. އަދި މިފަދައިން ވިދާޅުވިއެވެ. ޝައްކެއްނެތި ކަލޭގެފާނަކީ ކީރިތި ޤުރުއާނާބެހޭ ޢިލްމު ދިރާސާ ކުރެއްވުމުގައި އަބަދުމެ މަޝްޣޫލުވެ އަޅުއްވާ ބޭކަލެކެވެ. އަޅެ އެއިން ސޫރަތެއް ވިދާޅުވެ ތިމަންނާއަށް ތަފްސީރު ކޮށްދެއްވަންވީ ނޫންތޯއެވެ؟ ތިމަން ބޭނުންވަނީ ކަލޭގެފާނުންގެ ޢިލްމީ ފެންވަރު އަންދާޒާ ކޮށްލުމަށެވެ. މިހެން ވިދާޅުވުމުން އެކަލޭގެފާނުންގެ އަރިހުގައި ސޫރަތެއް ކިޔަވައި އޭގެ ތަފްސީރު ތިމަން ކޮށްލަދިނީމެވެ. މިއަޑު އެއްސެވުމަށްފަހު ތިމަންގެ ގާތު ވިދާޅުވިއެވެ. ތިމަންގެ މިބަސް އަބަދުމެ ހަނދާނުގައި ބަހައްޓަވާށެވެ! ޙަދީޘު ބަޔާންކުރަށްވައި އުޅުއްވުމުގައި ނަމަނަމަ، މުންކަރު ޙަދީޘެއް ބަޔާން ނުކުރަށްވާށެވެ! ފަހަރެއްގައި އެފަދަ ޙަދީޘެއް މީހަކު ޤަބޫލުކޮށްލަފާނެއެވެ. އެކަމަކު އާޚިރު ނަތީޖާއަކަށް ވެގެންދާނީ އޭގެ ސަބަބުން ތިމާ ނިކަމެތިވެގެން ދިއުމެވެ. އަދި އެކަމާހުރެ ތިމާ ދޮގުވެރިއަކަށް ބަދަލުވެގެން ހިނގައިދާނެއެވެ.

عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ [14] أَنَّ عَبْدَ اللَّهِ بْنَ مَسْعُودٍ قَالَ مَا أَنْتَ بِمُحَدِّثٍ قَوْمًا حَدِيثًا لاَ تَبْلُغُهُ عُقُولُهُمْ إِلاَّ كَانَ لِبَعْضِهِمْ فِتْنَةً

މާތް ﷲ ރަޙްމަތްލެއްވި ޢުބައިދު ﷲ އިބްނު ޢަބްދު ﷲ އިބްނު ޢުތުބާގެ ކިބައިން، މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު މަސްޢޫދު ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކަލޭ އެއްވެސް ބައެއްގެ ގާތު އެބައިމީހުންގެ ވިސްނުމާ ހަމައަށް ނުފޯރާ މިންވަރެއްގެ ވާހަކައެއް ދައްކާކަމުގައި ވަނީނަމަ، އޭގެ ތެރެއިން ބަޔަކަށް އެވާހަކަ ނުވިސްނުމުގެ ސަބަބުން އެކަން ފިތުނައަކަށް ވެގެން ހިނގައިދާނެކަން ކަށަވަރެވެ. މިއެވެ.

بَابُ النَّهْيِ عَنِ الرِّوَايَةِ عَنِ الضُّعَفَاءِ وَاْلاِحْتِيَاطِ فِي تَحَمُّلِهَا

[1] ޙަފްޞުއަކީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުންގެ ދަރިކަލުން ޢާޞިމުގެ ދަރިކަލުން ޙަފްޞެވެ. އެކަލޭގެފާނަކީ ތާބިޢީ ބޭކަލުންގެ ތެރެއިން މެދު ދަރަޖައިގެ ބޭކަލެކެވެ. ދިރިއުޅުއްވީ މަދީނާގައެވެ.

[2] މުސްލިމުގެ އިތުރުން މިޙަދީޘު ރިވާކުރަށްވާފައި ވަނީ އިމާމު އަބޫދާއޫދެވެ. އަދި އެހެން މަގަކުންވެސް އިމާމު މުސްލިމު މިރިވާޔަތް ރިވާކުރަށްވާފައި ވެއެވެ.

[3] ދީނުގެ ދަންނަބޭކަލުންގެ ތެރެއިން ޙައްޤުގެ އަހުލުވެރިން ވިދާޅުވާ ކަމަށް އިމާމު ނަވަވީ ވިދާޅުވެފައި ވަނީ "ދޮގަކީ އެއްޗަކާ ބެހޭގޮތުން،  އޭގެ ޙަޤީޤަތާ ޚިލާފަށް ޚަބަރެއް ދިނުމެވެ." މީގައި ދޮގަކަށް އެބަސްވުމަށް ކޮންމެހެން ދަނެގެން އެވާހަކަ ދެއްކުން ލާޒިމެއް ނުކުރެއެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެދޮގު ހެދުމުން އޭނާ ފާފަވެރިވާނީ ދަނެގެން އެކަން ކުރިކަމަށް ވާނަމައެވެ.

[4] އިމާމު މުސްލިމު މިޙަދީޘުފުޅުގެ ދަށުގައި ދެން ބަޔާންކުރަށްވަނީ މިމައުޟޫޢާ ގުޅޭގޮތުން ބައެއް ބޭބޭކަލުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އިމާމުވެރި ބޭކަލުންގެ ކިބައިންނެވެ.

[5] މިއީ ކީރިތި ރަސޫލާގެ ދެވަނަ ޚަލީފާ މާތް ﷲ ރުއްސުންލެއްވި ޢުމުރު އިބްނުލްޚާއްޠާބެވެ. މަންމާފުޅަކީ ޒައިނަބް ބިންތި މަޒްޢޫނެވެ. ކުއްނިއްޔަތަކީ އަބޫޢަބްދުއްރަޙްމާނެވެ. އެކަލޭގެފާނަކީ ޤުރައިޝުވަންހައިގެ ބޭކަލެކެވެ. ނިސްބަތްވަނީ އަލްޢަދްވީ ޤަބީލާއަށެވެ. ކުއްނިއްޔަތަކީ އަބޫޙަފްޞުއެވެ. ލަޤަބަކީ އަމީރުލްމުއުމިނީން، އަލްފާރޫޤެވެ. ދިރިއުޅުއްވީ މަދީނާގައެވެ. އަވަހާރަވީ ހިޖުރައިން 23 ވަނަ އަހަރުއެވެ.

[6] އިމާމު ނަވަވީ މިބަސްފުޅު ޝަރަޙަ ކުރަށްވަމުން ވިދާޅުވެފައި ވެއެވެ. މިރިވާޔަތް އިމާމު އަބޫދާއޫދާއި އައްދާރު ޤުޠްނީއާ ދެބޭކަލުން ރިވާކުރަށްވާފައި ވެއެވެ. ދާރު ޤުޠްނީ ރިވާކުރަށްވާފައިވަނީ މުރްސަލް ރިވާޔަތަކަށެވެ. ނަމަވެސް އަބޫދާއޫދު މުރްސަލް ގޮތުގައްޔާއި މުއްތަޞިލް ގޮތުގައި ރިވާކުރަށްވާފައި ވެއެވެ. ދެން ނަވަވީ ވިދާޅުވެފައި ވެއެވެ. ރިވާޔަތެއްގެ މުރްސަލާއި މުއްތަޞިލް ސާބިތު ވެއްޖެނަމަ މުރްސަލްވެސް ބަލަންވާނީ މުއްތަޞިލް އެއްޗެއްގެ ގޮތުގައެވެ. މިއީ ފިޤްހުވެރިންނާއި އުޞޫލުގެ ބޭކަލުންނާއި ޙަދީޘުގެ ބައެއް ޢިލްމުވެރިން ޞައްޙަ ކަމަށް ދެކެވަޑައިގަންނަވާ ގޮތެވެ. އެހެންކަމުން މިއީ މުއްތަޞިލު ރިވާޔަތަކުން ސާބިތުވާ ޙަދީޘުފުޅެކެވެ.

[7] އިބްނު ވަހްބަކީ ޢަބްދުﷲ އިބްނު ވަހްބު އިބްނު މުސްލިމެވެ. މިއީ ކުޑަ ދަރަޖައިގެ ތާބިޢީ ބެއިކަލެކެވެ. ދިރިއުޅުއްވީ މަރްވުގައެވެ. ނިސްބަތްވަނީ ޤުރައިޝު ވަންހައަށެވެ. ކުއްނިއްޔަތަކީ އަބޫ މުޙައްމަދެވެ.

[8] އެކަލޭގެފާނަކީ އަބޫޢާމިރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން އަނަސްގެ ދަރިކަލުން މާލިކުއެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޙުމައިރަތު ވަންހައަށެވެ. ކުއްނިއްޔަތަކީ އަބޫ ޢަބްދު ﷲ އެވެ. އެކަލޭގެފާނަކީ ތަބުޢުއްތާބިޢީ ބޭކަލުންގެ ތެރެއިން އެންމެ މަތީ ދަރަޖައިންގެ ބޭކަލެކެވެ. އަދި މަޝްހޫރު ހަތަރު އިމާމުންގެ ތެރެއިން އެއް އިމާމެވެ. މާލިކީ މަޛްހަބު ނިސްބަތްވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނު ލިއުއްވި މުއައްޠާ އަކީ ޙަދީޘު ޢިލްމުގައި ލިޔެވުނު އެންމެ ފުރަތަމަ ފޮތެވެ. އަދި އެންމެ ގިނަ މުޙައްދިޘުންނާއި އިމާމުވެރި ބޭކަލުން އެފޮތެއް ދަސްފުޅު ކުރެއްވި ފޮތްވެސް މެއެވެ. އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. " މާލިކުފާނުންގެ ފޮތް މުއައްޠާއަކީ ކީރިތި ޤުރުއާން ފިޔަވައި ބިންމަތީގައި އޮތް އެންމެ ޞައްޙަ ފޮތެވެ." މާލިކުފާނަކީ ތަބުޢުއްތާބިޢީ ބޭކަލެއް ކަމުގައި ވިއަސް ވަރަށް ގިނަ ތާބިޢީންވެސް އެކަލޭގެފާނުންގެ އަތްޕުޅު މައްޗަށް ދަރިވަރުވެ ވަޑައިގަތެވެ. ބުނެވޭގޮތުން އިމާމު އަބޫޙަނީފާއަކީވެސް އެކަލޭގެފަނުންގެ ދަރިވަރެކެވެ. އަދި އިމާމު ޝާފިޢީއަކީ އެކަލޭގެފާނުންގެ މަޝްހޫރު ދަރިވަރެކެވެ. އިމާމު މާލިކު ދިރިއުޅުއްވީ މަދީނާގައެވެ. އަވަހާރަވީވެސް މަދީނާއަށެވެ. އެއީ ހިޖުރައިން 179 ގައެވެ. ފަސްދާނު ލެވުނީ ޖައްނަތުލްބަޤީޢުގައެވެ.

[9] އިމާމު މާލިކުގެ މިބަސްފުޅުގެ މުރާދަކީ އެމީހަކަށް އަޑު އިވޭހާ ވާހަކައެއް ދައްކަން ފަށައިފި މީހެއްގެ ބަހުގައި ކުށްތައް ގިނަވާނެކަމާއި ކުށްތައް ގިނަ ވުމުން އެމީހެއްގެ ބަހުގެ ބަރޯސާ ކެނޑިދާނެ ކަމެވެ. މިފަދަ މީހަކު އިމާމަކަށް ނުވާނެ ވާހަކައެވެ. އަދި އެއީ ޢިލްމުވެރިއަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ.

[10] މިއީ މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު މަސްޢޫދެވެ. އެކަލޭގެފާނަކީ، ކީރިތި ރަސޫލާގެ މަޝްހޫރު އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނަކީ، ޙުބައިބުގެ ފުތް ޣާފިލްގެ ފުތް މަސްޢޫދުގެ ފުތް ޢަބްދުﷲ އެވެ. އެކަލޭގެފާނުގެ ނަސަބު ފުޅަކީ އަލްހުޛަލީއެވެ. ކުއްނިއްޔަތަކީ އަބޫ ޢަބްދުއްރަޙްމާނެވެ. ލަޤަބަކީ އިބްނު އުއްމު ޢަބްދެވެ. އެކަލޭގެފާނަކީ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ޢިލްމަށް އަރާހުންނެވި ބޭކަލެކެވެ. ޚާއްޞަކޮށް ފިޤްހުޢިލްމަށާއި ތަފްސީރު ޢިލްމަށެވެ. އަދި އެކަލޭގެފާނުވަނީ ކީރިތި ރަސޫލާގެ އަރިހުން ގިނަ ޙަދީޘުތަކެއް ރިވާކުރަށްވާފައެވެ. އެކަލޭގެފާނުގެ އަރިހުން އެތަކެއް އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން ދަރިވަރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ކޫފާގައެވެ. އަވަހާރަވީ ހިޖުރައިން 32 ގައެވެ. އަދި އަވަހާރަވެ، ފަސްދާނު ލެވުނީ މަދީނާގައެވެ. އެއިރު އެކަލޭގެފާނުންގެ ޢުމުރުފުޅަކީ 60 އަހަރުފުޅެވެ.

[11] ޢަބްދުއްރަޙްމާން އިބްނު މަހްދީއަކީ ކުޑަ ދަރަޖައިގެ ތާބިޢީ ބޭކަލެކެވެ. ނިސްބަތްވަނީ ލުއުލުއު ޤަބީލާއަށެވެ. ކުއްނިއްޔަތަކީ އަބޫސަޢީދެވެ. ދިރިއުޅުއްވީ ބަޞަރާގައެވެ. އަވަހާރަވީ ހިޖުރައިން 189 ގައި ބަޞަރާއަށެވެ.

[12] ސުފްޔާނު އިބްނު ޙުސައިން އަކީ މަތީ ދަރަޖައިގެ ތާބިޢީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ އަލްވާސްޠާ ޤަބީލާއަށެވެ. ކުއްނިއްޔަތަކީ އަބޫ މުޙައްމަދެވެ. ދިރުއުޅުއްވީ ހީތުގައެވެ. އަދި އަވަހާރަވީ ރައްޔު އަށެވެ.

[13] އިޔާސް އިބްނު މުޢާވިޔާ އަކީ ކުޑަ ދަރަޖައިގެ ތާބިޢީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ އަލްމުޒްނީ ޤަބީލާއަށެވެ. ކުއްނިއްޔަތަކީ އަބޫ ވާޘްލާއެވެ. ދިރުއުޅުއްވީ ބަޞަރާގައެވެ. އަވަހާރަވީ ހިޖުރައިން 122 ގައި ޠޫސް ކިޔާ ރަށަކަށެވެ.

[14] މިއީ ޢުބައިދުﷲ އިބްނު ޢަބްދުﷲ އިބްނު ޢުތުބާ އިބްނު މަސްޢޫދެވެ. ކުއްނިއްޔަތަކީ އަބޫ ޢަބްދުﷲ އެވެ. ނިސްބަތްވަނީ ޙުޛައިލަށެވެ. އެކަލޭގެފާނަކީ މެދު ދަރަޖައިގެ ތާބިޢީބޭކަލެކެވެ. ދިރިއުޅުއްވީ މަދީނާގައެވެ. އަވަހާވީ ހިޖުރައިން 98 ގައި މަދީނާއަށެވެ. އިމާމު ޢުބައިދުﷲ އަކީ ތާބިޢީ ބޭކަލުންގެ ތެރެއިން ފިޤުވެރި ހަތް އިމާމުންގެ ތެރެއިން ވަރުގަދަ އެއް އިމާމެވެ. މަދީނާގެ މުފްތީއެވެ. އިބްނު ޝިހާބުގެ އެންމެ އިސް އިމާމެވެ. ފިޤުހުވެރި މުޙައްދިޘެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.