
(24 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިއީ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިވަޑައިގަތް ސިޓީއެކެވެ. އެކަމަކު ފިކުރުފުޅު ބޮޑުވާ ކަހަލަ ސިޓީއެއްވެސް މެއެވެ. އެހެންވީމާ ބަދްރުގެ ފަރާތްޕުޅުން ތޮލޭދޯއަށް ޖާސޫސަކު ފޮނުވައިފިއެވެ. ޖާސޫސު ގޮސްފައި އެނބުރި އައުމުގެ ކުރީން ކޯރްދޮބާގެ ސިއްރު ޖަމާޢަތެއްގެ މަންދޫބަކު އަތުވެއްޖެއެވެ. އޭނާ އިއްވީ ނުހަނު ހިތާމަވެރި ޚަބަރެކެވެ. އެއީ ތޮލޭދޯގެ ޢާއްމު މައިދާނެއްގައި އެންމެންނަށް ފެންނަ ގޮތަށް މުޣީރާ ދަންޖައްސައި ޝަހީދުކޮށްލީ ޚަބަރެވެ. އެމީހާ ބުނި ގޮތުގައި ސިއްރު ޖަމާޢަތަށް އެ ޚަބަރު ލިބުނީ ތޮލޭދޯއިން އައި ވިޔަފާރިވެރިންގެ ފަރާތުންނެވެ.
ކުޑަ ދުވަސްކޮޅެއް ފަހުން ބަދްރުގެ ޖާސޫސުވެސް އަތުވެއްޖެއެވެ. އޭނާވެސް އެރުވީ އެއް ޚަބަރެކެވެ. އެކަމަކު މުޣީރާއަށް ތޮލޭދޯއަށް ވަޑައިގަންނަވާން ދަޢުވަތު އެރުވީ ކާކުކަމެއް އޭނާއަކަށްވެސް ހޯދޭގޮތެއް ނުތްވެވެ. ޖާސޫސު ބުނި ގޮތުގައި މުޣީރާ ވަޑައިގަންނަވާން ދެންނެވުނު މެހުމާނުގެއަށް ރޭގަނޑުގެ ވަގުތު އޭނާ ދިޔައެވެ. މެހުމާނުގޭގެ ވެރިމީހާގެ މޭގައި ޚަންޖަރު ޖައްސައިލުމާއެކު، އެހެން ގޮތެއް ނެތިގެން އޭނާ ސީދާ ތެދުބަހުން ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ. އޭނާ ބުނި ގޮތުގައި އޭނާ ކަންތައްކުރަންވާ ގޮތް އެންގީ ސީދާ އެ ރަށުގެ މޭޔަރެވެ. ޖާސޫސުގެ ވާހަކައިން ބަދްރަށް އެނގިވަޑައިގަތީ މުޣީރާއަށް ދަޢުވަތު އަރުވާން އައި ޣައްދާރަކީ ތޮލޭދޯގެ މޭޔަރު ނުވަތަ ގަވަރުނަރުގެ މީހަކު ކަމެވެ. އޭނާގެ ބައިވެރިންނަށްވެސް ވިސްނުނު ގޮތަކީ މިއީއެވެ. މެހުމާނުގޭގެ ވެރިމީހާ ބޭނުންކޮށްފައި ވަނީ ޖަންގަލީގެ ރަސްގެފާނު މަޅިގައި ޖައްސާން ބޭނުންކުޅަ މަސްކޮޅެއްގެ ގޮތުގައެވެ.
މުޣީރާ ޝަހީދުވީ ޚަބަރު މަޑުމަޑުން ގޮސް މުޅި އަންދަލުހަށް ފެތުރިއްޖެއެވެ. ދުރު ރަށްރަށުގައި ޙަރަކާތްތެރިވަމުން ދިޔަ ޖާސޫސީ ޖަމާޢަތްތަކަށް މި ޚަބަރު ވެގެން ދިޔައީ މާޔޫސީގެ ޚަބަރަކަށެވެ. ގްރަނާދާގެ ރައްޔިތުންނަށްވެސް އިޙްސާސްކުރެވުނީ އެބައިމީހުންގެ ވަރުގަދަ އަތެއް ހަށިގަނޑުން ވަކިވެގެން ދިޔައީ ކަމުގައެވެ. އެކަމަކު ޖަންގަލީގެ މުޖާހިދުންގެ ހިތުގައި ޢުމުރުފުޅުން ނުލާހިކު ޒުވާން، އެކަމަކު ހިތްވަރުފުޅު ގަދަ ބަދްރުގެ މައްޗަށް އޮތީ ވަރަށް ބޮޑު އިތުބާރެކެވެ. އޭނާވެސް ހައެއްކަ ދުވަހުގެ ތެރޭގައި މި އިތުބާރަކީ އެ މީހުން ކުރާން އެންމެ ރަނގަޅު އިތުބާރެއްކަން ސާބިތުކޮށް ދެއްވައިފިއެވެ.
އެއް ދުވަހަކު، ކުރިން އެނގުމެއްވެސް ނެތި، ސަރަޙައްދުގެ ކްރިސްޓިއަން ގަވަރުނަރު، ބަދްރުގެ ސަރަޙައްދަށް ޙަމަލާދީފިއެވެ. ބަދްރު އޭނާގެ ލަޝްކަރު ފަހަތަށް ޖައްސަވައި، ކާފަރުންގެ ލަޝްކަރު އުނދަގޫކަން ބޮޑު، ދަތި މަގަކުން ލައިފައި ގޮސް ވާދީއެއްގެ ތެރެއަށް ވައްދަވައިފިއެވެ. އެއީ ތައްޔާރަށް އޮތް ތީރުވެރިންގެ ލަޝްކަރުގެ އަމާޒަށް ފިސާރި ރީތިކޮށް ޙަމަލާދެވޭހައި ކައިރި ތަނެކެވެ. ތީރުވެރިންގެ ޙަމަލާ ވެގެން ދިޔައީ ކާފަރުންގެ ލަޝްކަރަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ. ލަޝްކަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެގެން ދިޔައީމާ، ބާކީ ތިބި މީހުން ޖަންގައްޔާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ޖަންގަލީން އެ މީހުންނާ ކުރިމަތިލާން ޖެހުނު ތީރުވެރިންގެ ނުރައްކާތެރިކަން މާ ބޮޑެވެ. ތިމަންމެނަށް މި ޖެހުނު ދަތުރަކީ ރޯވެފައި އޮތް ޖަންގައްޔަކުން ނުކުމެގެން ގޮސް ގޮވަމުންދާ އަލިފާން ފަރުބަދައެއްގެ ބުޑަށް ނުކުތުން ކަހަލަ ކަމެއް ކަމުގެ އިހުސާސް ކްރިސްޓިއަނުންނަށް ކުރެވޭކަށް މާ ގިނަ ވަގުތެއް ހޭދައެއް ނުތްވެވެ. ބޯ ގަސްތަކުގެ ތެރޭގައި ފިލައި ތިބި ތީރުވެރީންގެ ކުރިމަތީގައި މިބައި މީހުންނަކަށް ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. ހަނގުރާމައަށް ނުކުތް ހަ ހާސް ސިފައިންގެ ތެރެއިން މަރުނުވެ ބާކީ ތިބީ އެންމެ ފަނަރަ ސަތޭކަ މީހުންނެވެ. ހިފައިގެން ދެވޭން އޮތް އެއްޗަކާ އެކު ޖާނު ސަލާމަތްކޮށްގެން ރައްކައުވެވޭތޯ މި ފަނަރަ ސަތޭކަ މީހުން މަސައްކަތް ފަށައިފިއެވެ. އެ ވަގުތު އެމީހުންގެ ވެރިއަކަށް ހުރިމީހާއަށް، ބަދްރުގެ ފަހުލަވާނަކު ޙަމަލާ ދީފިއެވެ. ގަހަކުން ފުންމައިލީ ސީދާގެ އެކަލޭގެ ބޮލަށެވެ. ދެމީހުން އެކީގައި ގުޅައަކަށް ބިންމައްޗަށް ޖެހިއްޖެއެވެ.
ކާފަރުންގެ ބައިގަނޑަށް އެބައިމީހުންގެ ވެރިމީހާ ވެއްޓުނުތަން ފެނިފައި އެނބުރި ބަލައިލާނޭ ހިތްވަރުވެސް ކުރާކަށް ނުކެރުނެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ، އެމީހަކަށް ޖެހުނު ދިމާއަކުން ދެމިގަނެގެން ދުއްވައިގެންފިއެވެ. ދުވެފައި ގޮސް އެމީހުންގެ ސަރަޙައްދާ ކައިރިވީތަނާ ލައިގަތީ އިހަށްވުރެ ބޮޑު މުޞީބާތަކާއެވެ.
ބަދްރުގެ އަސްވާރުން ތިބީ ހުރިހައި ދިމާއަކުން މަގު ބަންދުކޮށްގެންނެވެ. ފުރަގަހުން ތޫނު ތީރުގެ ވާރޭ ވެހެނީއެވެ. ކުރިމަތީން ވިދައިބަބުޅަމުން ދަނީ ތީރެވެ. ކިރިޔާވެސް ސަލާމަތުގެ އުއްމީދެއް ފެންނާން އޮތީ ވައަތްފަރާތުން ފެންނާން އޮތް ވާދީއެވެ. އެ ދިމާއަކުން އެއްވެސް ހުރަހެއް ފެންނާކަށް ނެތެވެ. ތީރުގެ ޙަމަލާތަކުން ސަލާމަތްވީ މީހުން އެ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެކަމަކު ވައަތްފަރާތުން ބައި މޭލެއްހައި ތަނަށް ދެވުނު ތަނާ ކުރިމަތީން ފެނުނީ މާސިންގާ ވަޅުގަނޑެކެވެ. ދުއިސައްތައެއްހައި މީހުން ގަންނާކުރެއްވި ބިރުން އެ ވަޅުގަނޑަށް ފުންމާލައިފިއެވެ. ބައެއް މީހުން ކަނޑިތައް އުކާލައި އަމާންދީފިއެވެ.
ބަދްރު ބިން މުޣީރާ ލަޝްކަރީންގެ ތެރެއިން އަމުރުކުރެއްވީ ވަޅުގަނޑަށް ފުންމައިލީ މީހުންގެ ފަހަތުން ދާށެވެ. ބާކި ތިބި މީހުންނަށް އެންގެވީ ހަތިޔާރު ބެހެއްޓި މީހުންގެ ކަންތަކާ ހަވާލުވާށެވެ.
(6)
މި ހަނގުރާމަ ފެށުނީ އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާއްދައިލީތަނާއެވެ. އިރުމެދު ޖެހުނު އިރު ބަދްރުގެ ދެ ހާސް ސިފައިން ތިބީ ޒަޚަމްވީ ކާފަރުންނާއި ހައްޔަރުކުރި ކާފަރުންގެ ޔުނިފޯމު އަޅައިގެން، ކްރިސްޓިއަން ލަޝްކަރަކަށް ބަދަލު ވެގެން، އަހަށް ސަވާރުވެ، ނިންމައިލީ ހަނގުރާމައަށްވުރެ ބޮޑު ހަނގުރާމައަކަށް ތައްޔާރު ވެގެންނެވެ.
އިރު އޮއްސޭން ކުޑަތަންވެފައި ވަނިކޮށް ފެންނާން ފެށީ ފެރްނާންދޯގެ މުހިއްމު ރަށެއްގެ އަހުލުވެރީން، އެ ރަށުގެ ސިފައިންގެ ޖެނެރަލަކަށް މަރުހަބާ ކިޔާން ތައްޔާރުވަމުންދާ މަންޒަރެވެ. އެއީ ކޮންމެވެސް ހަނގުރާމައެއްގައި ކާމިޔާބީ ހޯދައިގެން އަންނަ ޖެނެރަލެކެވެ. އިރުގެ ރަތް ދޮންކުލަ ފިލައިގޮސް އަނދިރިވާން ގާތްވެލީތަނާ ބުރުޒުމަތީގައި ފޯރިއަށް ހުރި ސިފައިންގެމީހާ ވަރަށް ބާރަށް ގޮވައިލީ އަޑު އިވުނެވެ. "އެބައި މީހުން އަތުވެއްޖެއެވެ. ކައުންޓް ސެންތިއާގޯއަށް ދިގު އުމުރެއް ދެއްވާށިއެވެ!"
ހުރިހައި ދިމާއަކުން އިވޭން ފެށްޓީ "ކައުންޓް ސެންތިއާގޯ ޒިންދާބާދު" އޭ ގޮވާ އަޑެވެ. ފައްޅީގެ ރަނގަބީލުތައް ޖަހާން ފަށައިފިއެވެ. ސަހަރުގެ ރަށްބޭރަށް އަންހެނުންނާއި ފިރިހެނުން އެތައް ބަޔަކު ޖަމާވެއްޖެއެވެ. އެންމެ ކުރީގައި މާފައްޗެއް ހިފައިގެން އެހެރީ ރަށުގެ ބިޝޮޕެވެ. އެންމެ ބޮޑު ފާދިރީއެވެ. އަހުގެ ފިޔަވަޅުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެޔާއެކު އުފަލުން ފޮޅިފައިވާ މީސްތަކުންގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ.
އަރަމުން ދިޔަ ބޯ ހިރަފުހުގެ ތެރެއިން ކުއްލިއަކަށް ސަވާރަކު ފެނިއްޖެއެވެ. އެމީހަކުގެ ހުދު ކުލައިގެ ޤުބާ ވަޔާ ވިހުރުވެމުން ދެއެވެ. އޭނާ ސަހަރުގެ މައި ދޮޜޯށްޓާ ވަރަށް ކައިރިއަށް އައިސްފައި މަޑުކޮށްލިއެވެ. އަދި އެނބުރި ފަހަތަށް ބަލައިލިއެވެ. މާ ގިނަ އިރުތަކެއްނުވެ ދެހާހެއްހައި އަސްވާރުން އެތަނަށް ޖަމާވެއްޖެއެވެ. ރައްޔިތުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ހާސްވެފައި ތިބެގެން ވަށައިގެން ހޯދައި ބަލާން ފަށައިފިއެވެ. ހުދު ހެދުން އެޅިމީހާ ގަދައަޑުން ތަކުބީރު ކިޔާން ފަށައިފިއެވެ. އޭނާގެ އަޑާއެކު އެހެން އަސްވާރުންގެ އަޑު ގުގުމާން ފަށައިފިއެވެ. "ﷲ އަކްބަރު!"
ފާދިރީއަކަށް މި އިވޭ އަޑަކީ ހެޔޮ އަޑެއް ކަމަށް ގަބޫލުކުރާންވެސް ދަތިވެއްޖެއެވެ. އަސްވާރުގެ އަތުގައި އޮތް ދިދައިގައި ޖަހައިފައި ހުރީ ސަލީބެއް ނޫންކަމާއި، ހަނދުފަޅިއެއްކަން އޭނާއަށް ފާހަގަ ކުރެވުމާއެކު އަތުގައި އޮތް މާފަތި ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.
ﷲ އަކްބަރުގެ އަޑު މެދުނުކެނޑި ދިޔައީ އިވެމުންނެވެ. ފެންނަމުން ދިޔައީ ހަނދުފަޅީގެ ނިޝާން ޖެހި ދިދައެވެ. މީހުންނަށް މިކަންކަން ފާހަގަ ކުރެވިގެން ޙަރަކާތެއް ކުރެވުމުގެ ކުރީން ބަދްރު ބިން މުޣީރާގެ ހިތްވަރުގަދަ ފަހުލަވާނުން، ހުޅުވިފައި ހުރި ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ. ކުރީގެ ޙަމަލާއިން ސަލާމްވެގެން ދުވެ ފިލި ބައެއް ކާފަރުންނަށް ރަށާ ހަމައަށް އާދެވުނުއިރު އޮތީ ވާނެ އެއްޗެއް ވެ ނިމިފައެވެ. ރަށްބޭރުގައި ކޮޅުކޮޅުމައްޗަށް ދުވާ މީސްމީހުންގެ ފަރާތުން އެނގުނު ގޮތުގައި މުސްލިމުން އައިސް އެ ރަށް ހިފައިފިއެވެ.
މެންދަންވުމުގެ ކުރިން، އެ ރަށުން ޣަނީމާގެ ގޮތުގައި ލިބުނު ރަންނާއި ރިއްސާއި އެހެނިހެން ތަކެތި ހިފައިގެން ބަދްރުގެ ލަޝްކަރު ރަށުން ފައިބައިފިއެވެ. ޢަނީމާގެ މުދައު ފަސް ސަތޭކަ އަސްވާރުންނާ ހަވާލު ކުރައްވައިފައި ބަދްރު މިސްރާބު ޖެއްސެވީ ކައިރީގައި ހުރި ރަށްރަށާއި އަވަށްއަވަށާ ދިމާއަށެވެ.
އަނެއް ދުވަހުގެ ހެނދުނު ލަޝްކަރު ޖަންގަލީގައި ހުންނަ، އެ މީހުންގެ ޖަގަހައަށް އެނބުރި އައީ އެތައް ޖަމަލަކާއި ހިމާރަކާއި އަހެއްގެ ޣަނީމާ މުދައުު ހިފައިގެންނެވެ.
އެރޭ އޮންނާން ޖެހޭނީ މުސްލިމުންގެ ގައިދުގައި ކަމެއް މީގެ އެއް ރޭ ކުރީން ކައުންޓް ސަންތިއާގޯގެ ހިތަކަށްވެސް ނާރައެވެ. މުސްލިމުންގެ އެންމެ ފަހު މީހާއަށް ދާންދެން ގަތުލުކޮށްފައި ނޫނީ އެނބުރި ރަށަށް ނާންނާން، އެއް ރޭ ކުރީން އެބައިމީހުން ވަނީ މަރިޔަމްގެފާނުގެ ބުދުގެ ކުރިމަތީގައި ހުވައި ކޮށްފައެވެ.
މުސްލިމުން ވަރުގަދަ ދިފާޢީ ހަމަލައެއް ދޭނޭކަން އޭނާއަށް އެނގެއެވެ. އެކަމަކު މުޣީރާ އަވަހާރަވުމަށް ފަހު އެހައި ވަރުގަދަ ޙަމަލައަކަށް މުސްލިމުން ތައްޔާރުވެގެން ތިބޭނޭ ކަމަކަށް އޭނާ ލަފައެއް ނުކުރެއެވެ. ހަނގުރާމައިގެ ތެރޭގައި އޭނާއަށް ވަނީ ހުދު ހެދުމެއްގައި ހުރި ފަހުލަވާނަކު ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. އެ މީހަކު ވިދުވަރެއްހައި ހަލުވިކަމާއެކު ޖަންގަލީގެ އެއްކޮޅުން އަނެއްކޮޅަށް އަސް ދުއްވަމުން ލަޝްކަރުގެ މީހުންނަށް އިރުޝާދުދެމުން ގެންދިޔަތަން އޭނާ ދުށްޓެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. މުޣީރާއަށް ފަހު މުސްލިމުންގެ ލީޑަރަކަށް މިވީ އަދި މާ ނުރައްކާތެރި މީހެއްތާއެވެ.
އޭނާ މުޅި ރޭ ހޭދަކުރީ ކުރާނޭ ކަމެއް ނެތް ހާލަތެއްގައި އެނދުގައި އަތްއަތަށް ފުރޮޅިފުރޮޅި އޮވެއެވެ. ކާން ގެނައި އެއްޗެހި ހަމަ އެ ހުރި ގޮތަށް އަތްވެސް ނުލައި އެބަހުއްޓެވެ. އޭނާގެ މަގާމާއި ހައިސިއްޔަތުގެ ބޮޑުކަމުން ފާރަވެރިންވެސް އޭނާޔާ މުޢާމަލާތް ކުރަމުން ގެންދިޔައީ އިޙްތިރާމާއި ގަދަރުވެރިކަމާ އެކީގައެވެ. ފާރަވެރިޔަކު އޭނާޔާ ވާހަކަދައްކަން އުޅެގަތީމާ އަހަފިއެވެ. "އެ ބާޒަކީ ކާކު ހެއްޔެވެ؟ އޭނާ މިހާރު ކޮބައި ހެއްޔެވެ؟ އަހަރެން އޭނާ ދެކިލަން ބޭނުމެވެ. މުޤައްދަސް މަރިޔަމްގެފާނު ގަންދީ ބުނަމެވެ. އެއީ އިންސާނެއް ނޫނެވެ." ބައެއް ފަހަރު އަރައިގަންނަ ރުޅީގައި ހަޅޭއްވެސް ލަވައިގަނެއެވެ. "އެނބުރި ގޮސް އަހަރެންގެ މީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ކަލޭމެން އަހަރެން މަރައިނުލައި ބާއްވައިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟"
އޭނާ ހައްޔަރުކުރި ވަގުތު، ފިލައިގެން ދާން ނޫޅޭނޭ ކަމަށް އޮތީ ވަޢުދުވެފައެވެ. އެހެންވީމާ އޭނާ ބާއްވައިފައި އޮންނަނީ ބިޑި އަޅުވައިފައެއް ނޫނެވެ. އަދި އޭނާގެ އަތުގައި ހުރި ހަތިޔާރެއްވެސް ނާތުލައެވެ. އޭނާ އުނަގަނޑުގައި ހުރި ޚަންޖަރު ނަގައިގެން އަމިއްލައަށް މަރުވެގަންނާން އުޅޭން ފެށުމުން ފާރަވެރިޔަކު އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި އޭނާގެ އަތުގައި ހުރި ހުރިހައި ހަތިޔާރެއް ގަދަކަމުން އަތުލައިފިއެވެ. އޭގެ ފަހުން އޭނާ ބަލަހައްޓާނޭ ވަކި ފާރަވެރިންގެ ބަޔަކު ކަނޑައަޅައިފިއެވެ. އިސް ފާރަވެރިޔާ ބުންޏެވެ. "އަހަރެމެންގެ ލީޑަރު އެނބުރި ވަޑައިގަންނަވާންދެން ކަލޭ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ."
ވިދިގެން އައި ދުވަހުގެ މެންދުރު ވުމުގެ އިރުކޮޅެއް ކުރީން ބަދްރު އެނބުރި ވަޑައިގެންފިއެވެ. އެ ވަގުތު ޖަންގަލި ގުގުމައިގެން ދިޔައީ "ﷲ އަކްބަރު" ގެ އަޑުންނެވެ.
ރޭގަނޑު ހަތަރުދަމު ނުނިދައި، އަރާމެއް ނެތި އޮތުމަށް ފަހު ކައުންޓް ސަންތިއާގޯ ފޭލިގެއިން ނުކުމެ، ބޭރުގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި އޮށޯވެ ނިދައިފިއެވެ. މަރުނިދީން އޭނާއަށް ހޭލެވުނީ މީސްތަކުންގެ ނަޣަރާގެ އަޑަށެވެ. ބަލައިލީއިރު އޭނާގެ ކުރިމަތީގައި މިހިރީ އެއްކަލަ ހުދު ހެދުމުގައި ހުރި މީހާއެވެ. ބަދްރުގެ ލޯފުޅު ނޫން އެހެން ތަނެއް ނުފެނެއެވެ. ހުންނެވީ މޫނުފުޅުވެސް ނިވައި ކުރައްވައިގެންނެވެ. އޭނާގެ ހުދު ހެދުންކޮޅުގައި ލޭގެ ލައްތައް ހުއްޓެވެ. ސަންތިއާގޯ އޭނާގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅާ ހަމައަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. "އަޅުގަނޑުގެ އަތް މަނިކުފާނުގެ މޫނުފުޅާ ހަމައަށް ފޯރާނެ ނަމައެވެ. އަޅުގަނޑުމެން މިހައި ބޮޑު ބައްޔަކުން ބަލިކުރެއްވި ފަހުލަވާނުގެ މޫނުފުޅު ދެކިލަން ވަރަށް ބޭނުމެވެ."
ބަދްރު ވިދާޅުވިއެވެ. "ސިފައިންނަކީ ކާމިޔާބީއާއި ނާކާމިޔާބީއާމެދު ވިސްނާ ބައެއް ނޫނެވެ."
އެޔަށް ފަހު އެތާނގައި ތިބި ފާރަވެރިންނާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. "އަހަރެން އުއްމީދުކޮށްގެން ހުރީ މީނާޔާމެދު ކަލޭމެން މިޔަށްވުރެ ރަނގަޅަށް ކަންތައް ކުރާނޭ ކަމުގައެވެ. މީނާގެ ޢިއްޒަތާއި ޝަރަފުގެ މަތީން ހަނދާން ނައްތައިލީ ކީއްވެގެން ހެއްޔެވެ؟ ހަތިޔާރު އަތުލީ ކީއްވެގެން ހެއްޔެވެ؟"
ބަދްރުގެ ސިފައިންގެ މަތީ އޮފުސަރުންގެ ތެރެއިން އެކަކު ކުރިއަށް ޖެހިލައިފައި ދެންނެވިއެވެ. "ހަތިޔާރު އަތުލީ އަމިއްލައަށް މަރުވާން އުޅެގަތުމުން އެކަން ހުއްޓުވާން ވެގެންނެވެ. ހިތްވަރު ގަދަ މީހުންނަކީ އެކަހަލަ ކަންތައްތައް ކުރާ ބައެއް ނޫނެއް ނޫންތޯއެވެ."
"އޭނާގެ އަހާއި ހަތިޔާރު އަނބުރައި ދޭށެވެ. އަދި އޭނާގެ ލަޝްކަރުގެ މީހުން ކަނުބަނދެގެން އެންމެން އެކީގައި ގެންގޮސް ސަރަޙައްދީ ރޮނގުގެ އަނެއް ފަރާތަށް ލާށެވެ."
ސަންތިއާގޯ ކަންބޮޑުވެފައި ހުރެގެން އަހައިފިއެވެ. "މަނިކުފާނުގެ ސިފައިން އަޅުގަނޑުމެން ސަރަޙައްދީ ރޮނގު ހުރަސްކުރުވާ ވަގުތު ތީރުވެރިން ފުރަގަހުން ޙަމަލާ ނުދޭނޭ ކަމަށް އަޅުގަނޑު ގަބޫލު ކުރާންވީތޯއެވެ؟"
ބަދްރު ކޯފާގެ އަސަރު އެކުލެވޭ ރާގަކަށް ވިދާޅުވިއެވެ. "އެކަހަލަ ކަންތައް ކުރާ ބަޔަކީ ކަލޭމެންނެވެ. އެއީ އަހަރެމެންގެ ސަގާފަތުގެ ބައެއް ނޫނެވެ."
އެ ވަގުތު އޮފުސަރަކު ބަދްރުގެ އަރިހަށް ޖެހިލުމަށް ފަހު ކަންފަތްޕުޅު ދޮށުގައި ވައި އަޑުން ދަންނަވައިފިއެވެ. "ފިދުޔައަކާ ނުލައި އެ މީހުން ދޫކޮށްލައްވާ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ."
ބަދްރު ސުވާލުކުރެއްވިއެވެ. "ކަލޭ ދެކޭ ގޮތުގައި ފިދުޔައަކަށް ވާނީ ކިހައި ވަރެއް ހެއްޔެވެ؟"
އޭނާ ދެންނެވިއެވެ. "މަދުވެގެން ފަސް ހާހެވެ."
ބަދްރު ވިދާޅުވިއެވެ. "އެމީހުންގެ އަތުން ތިޔައިގެ ސަތޭކަ ގުނަ މިހާރު އަހަރެމެންނަށް ލިބިއްޖެއެވެ. އެ މީހުން ގެންގޮސް ސަރަޙައްދީ ރޮނގުގެ އެ ފަރާތަށް ދޫކޮށްލާށެވެ. އަނެއްކާވެސް އެމީހުންގެ ޚަޒާނާ ފުރުނީމާ ޢިއްޒަތާއެކު މިތަނަށް އަންނާން ދަޢުވަތު ދޭނީއެވެ. މިހާރު އަހަންނަށާއި އަހަރެންގެ ބައިވެރިންނަށް ބޭނުންވަނީ އަރާމެވެ."
މިހެން ވިދާޅުވެފައި ބަދްރު ކިއްލާއާ ދިމާއަށް ވަޑައިގެންފިއެވެ.
(7)
މި ކާމިޔާބީއަށް ފަހު ސަންތިއާގޯ، ބަދްރަށް އެރުވި "ސަރަޙައްދީ ބާޒު"ގެ ލަގަބު މަޑުމަޑުން މަޝްހޫރުވަމުން ގޮސް އެންމެންގެ ތެރެއަށް ޢާއްމު ވެއްޖެއެވެ. މި ލަގަބުފުޅާއެކު ބަދްރުގެ ހިތްވަރުފުޅުގަދަކަމާއި ހުސިޔާރުފުޅުކަމުގެ އެތައް ވާހަކައެއް ފެތުރިގެން ހިނގައްޖެއެވެ. ޚުރާފާތީ ކަންތައްތަކަށް ތަބާވާ ކްރިސްޓިއަނުން ބުނާ ގޮތުގައި ސަރަޙައްދީ ބާޒަކީ އާފާޤީ މަޚްލޫޤެކެވެ. އެހެންވީމާ ޖަންގަލީގައި ހަނގުރާމަ ކުރައްވަމުން ގެންދަވާއިރު، ހަމަ އެ ވަގުތު އެތައް ސަތޭކަ މޭލެއްގެ ދުރުމިނުގައި އޮންނަ ކްރިސްޓިއަން ރަށެއްގައި ހަނގުރާމަ ކުރައްވަމުން ގެންދަވާތަންވެސް ވަނީ ފެނިފައެވެ. ފެރްނާންދޯގެ ރަސްކަމުން ފެށިގެން ގްރަނާދާއާ ހަމައަށް މި ޚަބަރުތައް ވަނީ ފޯރައިފައެވެ. އިސްލާމީ ޢިލްމުވެރިންނާއި މުވައްރިޚުން ބަޔާންކޮށްފައި ވަނީ އެއީ ޣާޒީއެއް ކަމުގައެވެ. ޅެންވެރިން، އޭނާޔާ އެކި ސަހަރުތަކުގެ ޝެހެޒާދީންނާ ގުޅުވައި ލޯބީގެ ޅެންތައް ހަދައި، ކިޔަމުން ގެންދެއެވެ. ލިޔުންތެރިން ވަނީ އޭނާގެ ޙަޔާތްޕުޅުގެ އެކި ކަންކަމަށް އަލިއަޅުވައި ލިޔުންތައް ލިޔެފައެވެ.
ދުރު ހިސާބުހިސާބުގައި މަސައްކަތްކުރާން ދާ ޖަނަވާރުގޮވީންވެސް މަސައްކަތް ނިންމައިފައި އެނބުރި ގެއަށް އައިސް މި ކަހަލަ އެތައް ވާހަކައެއް ކިޔައިދެއެވެ. އެވެނި ތަނަކުން، މިވެނި ވަގުތެއްގައި ސަރަޙައްދީ ބާޒު ދުށީމޭ ކިޔައިގެން ވާހަކަ ފަތުރަމުން ގެންދެއެވެ. އެހެންވީމާ މި ވާހަކަތަކަކީ މުޅި އަންދަލުހަށް މަޝްހޫރު ވާހަކަތަކަކަށް ވަމުންދަނީ ހަލުވިކަމާ އެކީގައެވެ.
ސަންތިއާގޯއަކީ ފެރްނާންދޯ އެންމެ އިތުބާރުކުރާ އަދި އެންމެ ހިތްވަރުގަދަ ކަމުގައި ދެކޭ ސިފައިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި ބޮޑު ނާކާމިޔާބީއަށް ފަހު ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި ދުޝްމިނާ ދެކޮޅަށް ވަގުތުން ސީދާ ފިޔަވަޅެއް އަޅާކަށް ފެރްނާންދޯ ބޭނުމެއް ނުވިއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ބޮޑު ލަޝްކަރެއް ފޮނުވުމުގެ ކުރީން އޭނާ ބޭނުންވީ ސަރަޙައްދުގެ އެތެރޭގައި އޭނާގެ ބާރު ގަދަ ކުރާށެވެ. ދެ އަހަރުގެ މަސައްކަތަށް ފަހު ސަރަޙައްދީ ބާޒުގެ ހައިބަތާއި ބާރު ދެރަކަން ސާބިތުކޮށްދީ، ރައްޔިތުންގެ ސިކުނޑީގައި އެ ނަންފުޅު އޮތް މިންވަރު ފަނޑުކޮށްލުމުގެ ބޭނުމުގައި އޭނާ ލަޝްކަރުތަކެއް ފޮނުވައިގެން ޙަމަލާތަކެއް ދިނެވެ. އެކަމަކު އެ ޙަމަލާތަކުން ނުކުތް ނަތީޖާއަކާ ކައުންޓް ސަންތިއާގޯ ކުޅަ ހަނގުރާމައިން ނުކުތް ނަތީޖާއަކާ މާ ބޮޑު ތަފާތެއް ނެތެވެ.
ސަރަޙައްދީ ބާޒަކީ އޭނާގެ ސަރަޙައްދުގައި ވަރަށް ވަރުގަދަ ބާރަކާއި ނުފޫޒެއް ހޯއްދަވައިފައިވާ ބޭފުޅަކުކަން ފެރްނާންދޯއަށް އެނގިއްޖެއެވެ. އެކަމަކު ލަޝްކަރީންނާއެކު ވަޑައިގެން އޭނާގެ ވެރިކަން ވައްޓައިލެވޭވަރުގެ ލަޝްކަރެއް ބަދްރަށް ލިބިވަޑައިގެންފައި ނުވާކަންވެސް ފެރްނާންދޯއަށް އެނގެއެވެ. ވުމާއެކު އޭނާގެ ހުރިހައި ވަގުތަކާއި ހަކަތައަކާއި ސަމާލުކަމެއް ހޭދަކުރީ ގްރަނާދާގެ އެންމެ ފަހުގެ ވެރިކަން ހަލާކުކޮށް ނިންމައިލުމުގެ މައްޗަށެވެ. އެ ރަށުގެ އަހުލުވެރީން ހަމައެކަނި ފެރްނާންދޯގެ ވެރިކަމުގެ ދަށުގައި ތިބުމާ ނުރުހެނީއެއް ނޫނެވެ. އެ މީހުން ގެންދިޔައީ އޭނާޔާ ދެކޮޅުހަދައި ގެއްލުނު ހައިބަތާއި މިނިވަންކަން ހޯދާން މަސައްކަތްވެސް ކުރަމުންނެވެ.
އަނެއްކޮޅުން ލިބިވަޑައިގަތް ފުރުސަތުގެ ބޭނުންފުޅު ކުރައްވައިގެން ބަދްރު ބިން މުޣީރާވެސް ގެންދެވީ އޭނާގެ އަސްކަރީ ބާރާއި ނުފޫޒު ގަދަ ކުރައްވައި އިންތިޒާމު ކުރައްވަމުންނެވެ. އެކި ރަށްރަށުގެ މީހުންނަށް ސަރަޙައްދީ ބާޒަކީ މުޣީރާގެ ޒުވާން ދަރިކަލުންކަން އެނގުނީމާ ޖިހާދުގެ ޝައުގުވެރިކަން ހުރި ބައެއް މީސްމީހުން އައިސް ބަދްރުގެ ލަޝްކަރާ ގުޅޭން ފަށައިފިއެވެ.
މިފަދައިން ރަށް ދޫކުރައްވައި ވަޑައިގެން ބަދްރުގެ ލަޝްކަރާ ގުޅިވަޑައިގަތް އެއް ބޭފުޅަކީ ކޯރްދޮބާއިން ވަޑައިގަތް ބަޝީރް ބިން ޙަސަނެވެ. ބަޝީރަކީ ޒުވާން ޢުމުރުފުޅުގައި ޢާއިލީ ދާއިރާކަމުގައިވާ ބޭސްވެރިކަމުގެ ދާއިރާއިން މަތީ ދަރަޖައެއް ހާސިލުކުރައްވައިގެން ހުންނެވި ކުޅަދާނަ ސަރުޖަނެކެވެ. ވުމާއެކު އޭނާ ހިމެނިގެން ދިޔައީ ބަދްރަށް ލިބިވަޑައިގަތް ވަރަށް ބޮޑު އެހީފުޅަކަށެވެ.
ކޯރްދޮބާއާއި ސެބިއްޔާގެ ވެރިން ވަނީ ބަޝީރްގެ އަރިހުން ޞިއްޙީ ފަރުވާ ހޯދައިފައެވެ. ކަސްތިއްޔާގެ ވަލީޢަހްދު އަހުން ވެއްޓި އަނިޔާވުމާ ގުޅިގެން ބޭސްކުރުމަށްޓަކައި ގެންދެވުނީ ބަޝީރެވެ. ބަޝީރުގެ ކުޅަދާނަފުޅުކަން ފެނިފައި ޝާހީ ޑަކްޓަރަކަށް ވެވަޑައިގަތުމުގެ ދަޢުވަތު ފެރްނާންދޯއާއި އިޒަބެއްލާ އެރުވިއެވެ. އެކަމަކު އެކަން ގަބޫލުފުޅު ނުކުރައްވައި ބަޝީރް އެނބުރި ކޯރްދޮބާއަށް ވަޑައިގަތީއެވެ. ދެ އަހަރު ފަހުން ބަދްރުގެ ސިޓީފުޅެއް ލިބިވަޑައިގަތުމާއެކު ޝާހީ ގަނޑުވަރަށް ނޫނެކޭ ވިދާޅުވެފައި ޖަންގައްޔަށް ވަޑައިގެން މުޖާހިދުންނާއި ގުޅިވަޑައިގަތީއެވެ.
(8)
އައްޒަޣަލް އާ ބައްދަލުކުރިތާ ދެ މަސް ދުވަސް ފަހުން ކޯރްދޮބާގެ ވެރިޔާ އަބުލްޙަސަން ނެރުއްވި ސިއްރު ޤަރާރަކުން، ކޯރްދޮބާގެ ސަރަޙައްދީ އިމުގެ ކައިރީން ސަރަޙައްދީ ބާޒުގެ ސަރަޙައްދާ ގުޅިފައިވާ ބައެއް ތަންތަން ބަދްރު ބިން މުޣީރާއާ ޙަވާލުކުރައްވައިފިއެވެ. އެ ތަންތަނުން ނަގާ ވާރާއި ޢަދުލު އިންޞާފުގެ ކަންތައްތަކާ ބަދްރު ބެހިވަޑައެއް ނުގަނެއެވެ. އެ ހުރިހައި ކަމެއް އޭނާ ދޫކޮށްލެއްވީ އިހަށްވެސް އޮތްގޮތަށް ރަސްމީ ގޮތުން ސަރަޙައްދު ބަލަހައްޓާ މީހުންގެ އަތްމައްޗަށެވެ. އޭނާ ބެހިވަޑައިގަތީ މިހާރުވެސް ހުރި ސިފައިންގެ އަމަން ބަލަހައްޓާ މަރުކަޒުތަކާއި ދިފާޢީ މަރުކަޒުތަކާއި އަލަށް ހަދާ އެފަދަ ތަންތަނުގެ ކަންތައްތަކާއެވެ.
އެމީހުންގެ ހުރިހައި ކަމެއް ބަލަހައްޓަވަމުން ގެންދަވާ ކޮމާންޑަރަކީ ސަރަޙައްދީ ބާޒުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ކުޅަދާނާ، ޒުވާން މުޖާހިދުކަމެއް ސިފައިންގެ މަތީ ދަރަޖައިގެ ބައެއް އޮފްސަރުން ނޫން އެކަކަށްވެސް ނޭނގެއެވެ. އެއް ދުވަހަކު ސަރަޙައްދު ބަލަހައްޓާމީހާ އެންގުމެއް އަންގައިފިއެވެ. ބައެއް ސިފައިން ޖަންގައްޔަށް ގެންދަވައިގެން ތަމްރީނު ކުރައްވާން ބޭނުންފުޅުވާ ކަމަށް ސަރަޙައްދީ ބާޒު އަންގަވައިފައިވާ ކަމުގައެވެ.
"އަހަރެން ސިފައިން ފޮނުވާނީ ދެ ޖަމާޢަތަކަށެވެ. ކޮންމެ ޖަމާޢަތެއްގައި ހިމަނާނީ ސަތޭކަ ސިފައިންނެވެ. މި ތަމްރީނުގެ ސަބަބުން ކަލޭމެންނަށް ވަރަށް ބޮޑު ފައިދާއެއް ވާނޭ ކަމަށް އަހަރެން އުއްމީދުކުރަމެވެ."
ސިފައިން ބޮޑަށް އުފާކުރީ ހަނގުރާމައިގެ އައު ހުނަރު ދަސްވާނެތީއެއް ނޫނެވެ. ސަރަޙައްދީ ބާޒު ދެކިލުމުގެ ނަސީބު ލިބޭނެތީއެވެ. ތަމްރީނު ލިބިގަތުމަށްޓަކައި ދިޔަ ސިފައިންނާ ސަރަޙައްދީ ބާޒަށް ވެގެން ބައްދަލުކުރެއްވީ، ބަދްރު ބިން މުޣީރާގެ ބަދަލުގައި އޭނާގެ ނައިބު މަންޞޫރް ބިން އަޙްމަދެވެ. ފަރުބަދަމަތީގައްޔާއި ވާދީތަކުގެ ތެރޭގައްޔާއި ޖަންގަލީގައި ހަނގުރާމަކުރާނޭ ގޮތް ދަސްކޮށްދެއްވުމަށް ފަހު މަންޞޫރު އެބައިމީހުން ފޮނުވައިލެއްވީއެވެ. ގްރަނާދާގެ އިމުގައި އަބުލްޙަސަން ކަންތައް ކުރެއްވި ގޮތާމެދު ފެރްނާންދޯ ކަންބޮޑުވުން ފާޅުކުރީމާ އޭނާ ވިދާޅުވީ އެއީ ސަރަޙައްދީ ބާޒުގެ ޙަމަލާއަކުން ރައްކާތެރިވެވަޑައިގަތުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމުގައެވެ. އަބުލްޙަސަންގެ ވާހަކަފުޅު ފެރްނާންދޯ ގަބޫލުކުޅަ މައިގަނޑު އެއް ސަބަބަކީ އެ ފިޔަވަޅުތަކާއެކުވެސް އިން ހުރަސްކޮށް މީހުން ވަނުން އެއްވެސް ސިފައެއްގައި ބަދްރު މަނާކުރައްވައިފައި ނުވުމެވެ. އިހެކޭ އެއްގޮތަށް ކޯރްދޮބާއާއި ކަސްތިއްޔާއިން އަންނަ ވިޔަފާރިވެރިންނަށް ފެރްނާންދޯ ހުއްދަ ދިން ކަމުގެ ލިޔުމެއް ދައްކައިލީމާ، އިން ހުރަސްކޮށް ގްރަނާދާގެ ރަށްރަށަށް ވަނުމުގައި އެއްވެސް ހުރަހެއް ނެތެވެ.
(ނުނިމޭ)