
ޙަދީޘު ނަންބަރު (8)
أَخْبَرَنِي مُسْلِمُ بْنُ يَسَارٍ [1] أَنَّهُ سَمِعَ أَبَا هُرَيْرَةَ يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ يَأْتُونَكُمْ مِنَ اْلأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلاَ آبَاؤُكُمْ فَإِيَّاكُمْ وَإِيَّاهُمْ لاَ يُضِلُّونَكُمْ وَلاَ يَفْتِنُونَكُمْ [2]
ތަރުޖަމާ (8)
މާތް ﷲ ރަޙްމަތްލެއްވި މުސްލިމު އިބްނު ޔަސާރު އަލްމިޞްރީގެ ކިބައިން ރިވާވެގެން ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވި އަޑުއެއްސެވިކަމަށް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ލޮބުވެތި رَسُولُ اللَّهِ صلّى اللَّه عليه و سلّم ޙަދީޘުކުރެއްވިއެވެ. ފަހު ޒަމާނުގައި ދޮގުވެރި ދައްޖާލުންތަކެއް އަންނާނެތެވެ. އެބައިމީހުން އައިސް ދީނޭކިޔައިގެން ތިޔަބައިމީހުންވެސް އަދި ތިޔަބައިމީހުންގެ ކާބަފައިންވެސް އަޑުއަހާފައިނުވާ ކަހަލަ ވާހަކަތައް ދައްކައި ހަދާނެއެވެ. ހަނދުމަބަހައްޓާށެވެ! އެމީހުންގެ ކިބައިން ތިޔަބައިމިހުން ސަލާމަތްވެ ތިބޭށެވެ. އަދި އެމީހުންގެ ފިތުނަވެރިކަމަށް ގެއްލިގަނެ، މަގުފުރެދިނުގަންނާށެވެ!
قَالَ عَبْدُ اللَّهِ إِنَّ الشَّيْطَانَ لِيَتَمَثَّلُ فِي صُورَةِ الرَّجُلِ فَيَأْتِي الْقَوْمَ فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ فَيَتَفَرَّقُونَ فَيَقُولُ الرَّجُلُ مِنْهُمْ سَمِعْتُ رَجُلاً أَعْرِفُ وَجْهَهُ وَلاَ أَدْرِي مَا اسْمُهُ يُحَدِّثُ
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު މަސްޢޫދު ވިދާޅުވެފައި ވެއެވެ. ޝައިޠާނާ މީހުންގެ ގާތަށް އަންނާނީ ކޮންމެވެސް ފިރިހެނެއްގެ ސިފައިގައެވެ. އަދި އައިސް އެބައިމީހުންގެ ގާތު ދޮގު ވާހަކަތައް ދައްކައި މީހުން ބައިބައިކޮށް ހަދާނެއެވެ. އެހިނދު އެތާ ހުރި މީހަކު ބުންޏެވެ. ތިމަން އެމީހަކު ދަންނަ، އެކަމަކު ނަންނޭގޭ މީހަކު އައިސް އެއްފަހަރު ވާހަކަދައްކައި ހެދިތަން ތިމަން ދުށީމެވެ. މިއެވެ.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ [3] قَالَ إِنَّ فِي الْبَحْرِ شَيَاطِينَ مَسْجُونَةً أَوْثَقَهَا سُلَيْمَانُ يُوشِكُ أَنْ تَخْرُجَ فَتَقْرَأَ عَلَى النَّاسِ قُرْآنًا [4]
މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢަމްރު އިބްނުލްޢާޞްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކަނޑުފުރޭތަތަކެއް މާތް ﷲ ވަނީ ކަނޑުގައި ބަންދު ކުރަށްވާފައެވެ. އެއީ ސުލައިމާނުގެފާނު ގެންގުޅުއްވި ޝައިޠާނުންތަކެވެ. މިތަކެތި ބަންދު ކުރެވިފައިހުރި ހުރަގެތަކުން މިތަކެތި ސަލާމަތްވާހިނދު މީސްތަކުންގެ ގާތަށް އައިސް ޤުރުއާން ކަހަލަ ކިޔެވެލިތަކެއް ކިޔައިދޭނެއެވެ. އެކަމަކު އެއީ ޤުރުއާނެއް ނޫނެވެ.
عَنْ طَاوُسٍ [5] قَالَ جَاءَ هَذَا إِلَى ابْنِ عَبَّاسٍ يَعْنِي بُشَيْرَ بْنَ كَعْبٍ [6] فَجَعَلَ يُحَدِّثُ وَيَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ ابْنُ عَبَّاسٍ لاَ يَأْذَنُ لِحَدِيثِهِ وَلاَ يَنْظُرُ إِلَيْهِ فَقَالَ يَا ابْنَ عَبَّاسٍ مَالِي لاَ أَرَاكَ تَسْمَعُ لِحَدِيثِي أُحَدِّثُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلاَ تَسْمَعُ فَقَالَ ابْنُ عَبَّاسٍ إِنَّا كُنَّا مَرَّةً إِذَا سَمِعْنَا رَجُلاً يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ابْتَدَرَتْهُ أَبْصَارُنَا وَأَصْغَيْنَا إِلَيْهِ بِآذَانِنَا فَلَمَّا رَكِبَ النَّاسُ الصَّعْبَ وَالذَّلُولَ لَمْ نَأْخُذْ مِنَ النَّاسِ إِلاَّ مَا نَعْرِفُ [7]
މާތް ﷲ ރަޙްމަތްލެއްވި ޠާއޫސުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢައްބާސްގެ އަރިހަށް އެއްދުވަހު ބުޝައިރު އިބްނު ކަޢުބު ވަޑައިގަތެވެ. އަދި އިބްނު ޢައްބާސްގެ އަރިހުގައި رَسُولُ اللَّهِ صلّى اللَّه عليه و سلّم ޙަދީޘުކުރެއްވިއޭ، رَسُولُ اللَّهِ صلّى اللَّه عليه و سلّم ޙަދީޘުކުރެއްވިއޭ، މިހެން ވިދާޅުވެ ވާހަކަތަކެއް ދައްކަން ފެއްޓެވިއެވެ. މިގޮތަށް ބުޝައިރު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ރިވާކުރަށްވަން ފެއްޓެވި ރިވާޔަތުން ބަޔަކާމެދު ޢަބްދު ﷲގެ ފާނުގެ ހިތްޕުޅު ހަމަނުޖެހިގެން ބުޝައިރުގެ ވާހަކަފުޅަށް ސަމާލުކަން ނުދެއްވައި، އެހެން ފަރާތަކަށް މޫނުފުޅު އަނބުރާ ލެއްވިއެވެ. މިތަން ފެނިވަޑައިގެން ބުޝައިރު ދެންނެވިއެވެ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި رَسُولُ اللَّهِ صلّى اللَّه عليه و سلّمގެ ޙަދީޘުފުޅު ދަންނަވާއިރުވެސް، ކަލޭގެފާނު އަޅުގަނޑުގެ ވާހަކައަކަށް ސަމާލުކަން ނުދެއްވަނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ޢަބްދު ﷲގެ ފާނު ވިދާޅުވިއެވެ. މީސްތަކުން رَسُولُ اللَّهِ صلّى اللَّه عليه و سلّمގެ ނަންފުޅުގައި ދޮގުތައް ހަދައި އެވާހަކަތައް އެކަލޭގެފާނަށް ނިސްބަތްކުރަން ފެށުމުގެ ކުރިން، އެކަލޭގެފާނޭ ކިޔައިގެން މީހަކު ވާހަކައެއް ދައްކައްޏާ އެވާހަކައެއް އަޑުއެހުމަށްޓަކައި އެހެންހުރިހައި ކަމަކުން ދުރިހެލިވެގެން ތިމަންމެން އެއަށް ކަންފަތް ދީގެން، އެމީހަކާ ދިމާއަށް ކަޅި ހުއްޓާލައިގެން ތިބެމެވެ. ދެން އެކަމަކު ހެވާއި ނުބައި އެއްކޮށްލައިގެން، އުނދަގުލާއި ފަސޭހަ ވަކިކޮށްލައިގެން، ހިތުހުރި ގޮތަކަށް ރިވާކުރަން ބަޔަކުމީހުން ފެށުމުން، ތިމަންމެން އެހުރިހާ ވާހަކައެއް ދޫކޮށްލައި، ތިމަންމެނަށް އެނގިހުރިއެއްޗެއް ނޫނީ ރިވާކުރުމުން އެއްކިބާވެގަތީމެވެ.
عَنْ ابْنِ أَبِي مُلَيْكَةَ قَالَ كَتَبْتُ إِلَى ابْنِ عَبَّاسٍ أَسْأَلُهُ أَنْ يَكْتُبَ لِي كِتَابًا وَيُخْفِي عَنِّي فَقَالَ وَلَدٌ نَاصِحٌ أَنَا أَخْتَارُ لَهُ اْلأُمُورَ اخْتِيَارًا وَأُخْفِي عَنْهُ قَالَ فَدَعَا بِقَضَاءِ عَلِيٍّ فَجَعَلَ يَكْتُبُ مِنْهُ أَشْيَاءَ وَيَمُرُّ بِهِ الشَّيْءُ فَيَقُولُ وَاللَّهِ مَا قَضَى بِهَذَا عَلِيٌّ إِلاَّ أَنْ يَكُونَ ضَلَّ [8]
މާތް ﷲ ރަޙްމަތްލެއްވި ޢަބްދުﷲ އިބްނު އަބީ މުލައިކާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢައްބާސްގެފާނުންގެ އަރިހަށް ޔަމަނުން، ތިމަން ސިޓީއެއް ފޮނުވީމެވެ. އޭގައި ޢަލީގެފާނުގެ ނަންފުޅުގައި ލިޔެވިފައިވާ ވާހަކަތަކެއް ތިމަން ލިއުނީމެވެ. އަދި ދެންނެވީމެވެ. މިއީ ޢަލީގެފާނުންގެ ނަންފުޅުގައި ހަދަހަދާއިގެން ޝިޔަޢީންނާއި ރަވާފިޟުން ގެނެސްފައިވާ ވާހަކަތަކެއްހެން ތިމަންނައަށް ހީވެއެވެ. އެވާހަކަތައް ފާޅުކޮށްފިނަމަ ފިތުނަފަސާދަތައް ބޮޑަށް އިތުރުވެގެންދާނީއެވެ. އެހެންކަމުން މީގެ ތެރެއިން އުނިކުރަންވާ ބައެއް އުނިކުރަށްވާފައި ތިމަންނާއަށް އަންގަވައި ދެއްވުން އެދެމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އިބްނު ޢައްބާސް ޢަލީގެފާނުގެ ނަންފުޅުގައި އައިސްފައިހުރި ވާހަކަތައް ލިޔެވިފައިއޮތް ފަތް ގެންނަވައި، އޭގައިހުރި ބައެއް ވާހަކަތައް އުނިކުރަށްވައި، އަނެއްބައި ވާހަކަތައް ބެހެއްޓެވިއެވެ. އަދި އުނިކުރެއްވި ވާހަކަތަކާ ބެހޭގޮތުން ވިދާޅުވިއެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. މިއީއަކީ ޢަލީގެފާނު ވިދާޅުވާނެ ވާހަކައެއްނޫނެވެ. މިފަދަ ބަސްތައް ޤަބޫލުކުރާ މީހަކު މަގުފުރެދޭނެކަން ކަށަވަރެވެ.
[1] މިއީ މުސްލިމު އިބްނު ޔަސާރު އައްޠަންބަޛީ އަލްމިޞްރީ، މައުލާ އަލްއަންޞާރެވެ. ކުއްނިއްޔަތަކީ އަބޫ ޢުޘްމާނެވެ. ދިރިއުޅުއްވީ މަރްވުގައެވެ. މިއީ މެދު ދަރަޖައަށްވުރެން ދަށުދަރަޖައިގެ ބޭކަލެކެވެ. އިބްނު ޙަޖަރު އައްތަޤްރީބުއްތަހްޛީބުގައި ވިދާޅުވެފައިވަނީ އެކަލޭގެފާނަކީ ހަތަރުވަނަ ފަންތީގެ ބޭކަލުންގެ ތެރެއިން މަޤްބޫލު ބޭކަލެއް ކަމަށެވެ. އަވަހާވީ އެފްރިކާގެ ރަށަކަށެވެ.
[2] އިމާމު މުސްލިމުގެ އިތުރުން މިޙަދީޘު ރިވާކުރަށްވާފައިވަނީ އިމާމު އަޙްމަދެވެ.
[3] މިއީ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ޢަބްދުﷲ އިބްނު ޢަމްރު އިބްނުލްޢާޞްއެވެ. ނަންފުޅަކީ ޢަބްދުﷲ އެވެ. ކުއްނިއްޔަތަކީ އަބޫ މުޙައްމަދެވެ. ބައްޕާފުޅަކީ ޤުރައިޝު ވަންހައިގެ މަޝްހޫރު ބޭކަލެއް ކަމުގައިވާ ޢަމްރު އިބްނުންޢާޞްއެވެ. ޢަބްދުﷲގެފާނަކީ އަޞްޙާބުބޭކަލުންގެ ތެރެއިން ފިޤުހުވެރިކަމަށް އަރާހުންނެވި އެއްބޭކަލެކެވެ. ބުނެވޭގޮތުން އިސްލާމްވެ ވަޑައިގަތީ ބައްޕާފުޅަށްވުރެން ކުރިންނެވެ. އެކަލޭގެފާނަކީ އެންމެ ގިނައިން ކީރިތި ރަސޫލާގެ އަރިހުން ޙަދީޘު ރިވާކުރެއްވި އެއްބޭކަލެކެވެ. އެކަލޭގެފާނަށް ޙަދީޘު ލިޔެއުޅުއްވުމުގެ ހުއްދަ އޮތީ ކީރިތި ރަސޫލާ ދެއްވާފައެވެ. " މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާގެ އަޞްޙާބުންގެ ތެރެއިން ޢަބްދު ﷲ އިބްނު ޢަމްރު ފިޔަވައި ތިމަންކަލޭގެފާނަށް ވުރެން ގިނައިން ޙަދީޘު ރިވާކުރަށްވައި އުޅުއްވި ބޭކަލަކު ނެތެވެ." މިޞްރު ފަތަޙަވުމަށްފަހު ބައްޕާފުޅާއެކު އެކަލޭގެފާނު މިޞްރަށް ވަޑައިގަތެވެ. ދެން މަރްވަށް ވަޑައިގެން، ދިރިއުޅުއްވީ މަރްވުގައެވެ. ފަހުން ދިރިއުޅުއްވަން ފެއްޓެވީ ޠާއިފުގައެވެ. އަވަހާރަވީ ޠާއިފުގައެވެ. ފަސްދާނުލެވުނީ ހިޖުރައިން 63 ގައެވެ.
[4] މިޙަދީޘު ރިވާވެގެންވަނީ ޞަޙީޙު މުސްލިމުގެ އިތުރުން ސުނަނުއްދާރިމީއާއި ޠަބަޤާތު އިބްނު ސަޢުދުއާއި އަލްޔަދަޢު އިބްނުލް ވައްޟާޙުއާއި އިބްނު ޙަޖަރުގެ އަލްމަޠާލިބުލްޢާލިޔާއާއި ޠަހާވީގެ މަޝާކިލުލް އާޘާރްއާއި އިބްނު ޙަމާދުގެ އަލްފިތަންއާއި މަޢުމަރު އިބްނު ރާޝިދުގެ އަލްޖާމިޢުއާއި މިފޮތްތަކުގައެވެ. (އަލްޖާމިޢު ލިލްޙަދީޘިއްނަބަވީ)
[5] މިއީ ޠާއޫސް އިބްނު ކައިސާންއެވެ. ކުއްނިއްޔަތަކީ އަބޫ ޢަބްދުއްރަޙްމާނެވެ. ނިސްބަތްވަނީ އަލްޔަމާނީ އަލްޖުންދީއަށެވެ. އަޞްލަކީ ފާރިސީއެވެ. އުފަންވެ ވަޑައިގަތީ ޔަމަނުގެ މަރްވުއްރައުޛުގައެވެ. އެއީ ހިޖުރައިން 33 ގައެވެ. ދިރިއުޅުއްވީވެސް އެރަށުގައެވެ. އެކަލޭގެފާނަކީ ވަރަށް މަޝްހޫރު މުޙައްދިޘެކެވެ. މޮޅު ފިޤުހުވެރިއެކެވެ. މެދު ދަރަޖައިގެ ތާބިޢީ ބޭކަލެކެވެ. އަޞްޙާބު ބޭކަލުންގެ ތެރޭން 50 ބޭކަލުންނާ ބައްދަލުވެ ޙަދީޘު ރިވާކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. މަޝްހޫރުވެފައި ވަނީ ޔަމަނުގެ ޢިލްމުވެރިއެއްގެ ގޮތުގައެވެ. އަވަހާރަވީ އެކަލޭގެފާނު އުފަންވެވަޑައިގަތް ރަށް މަރްވުގައެވެ. އެއީ ހިޖުރައިން 106 ގައެވެ.
[6] ބުޝައިރަކީ އުބައްޔުގެ ފުތް ކަޢުބުގެ ފުތް ބުޝައިރެވެ. އެކަލޭގެފާނަކީ ތާބިޢީންގެ ތެރެއިން ބޮޑު ދަރަޖައިގެ ބޭކަލެކެވެ. ނަސަބުފުޅަކީ ޙުމައިރީ، ޢަދަވީއެވެ. ކުއްނިއްޔަތަކީ އަބޫ އައްޔޫބެވެ. ދިރިއުޅުއްވީ ބަޞަރާގައެވެ.
[7] މިރިވާޔަތް އިމާމު މުސްލިމުވަނީ ބަހުގެ ކުދިކުދި ތަފާތުތަކެއް ހުރީތީ، އެތަފާތުތަކާއެކު ތިންގޮތަކަށް ގެންނަވާފައެވެ. އަޅުގަނޑު ގެނެސްފައި މިވަނީ އެތިން ރިވާޔަތުގެ ޚުލާޞާއެވެ.
[8] މިވާހަކަވެސް ކުރީގެ ވާހަކައާ އެއްގޮތަށް އިބްނު އަބީ މުލައިކާއާއި ޠާއޫސުއާއި އަބޫ އިސްޙާޤާއި މުޣީރާއާއި މިބޭބޭކަލުންވެސް އެކިއެކި ތަފާތު ބަސްބަހުން ރިވާކުރަށްވާފައި ވެއެވެ. އަޅުގަނޑު މާނަލިޔެފައިވަނީ މިހުރިހާ ރިވާޔަތްތަކަށް ރިޢާޔަތް ކޮށްގެންނެވެ.