ޞަޙީޙް މުސްލިމް: ހަދީސު ނަންބަރު 9

ޙަދީޘު ނަންބަރު (9)

كَانَ أَوَّلَ مَنْ قَالَ فِي الْقَدَرِ بِالْبَصْرَةِ مَعْبَدٌ الْجُهَنِيُّ فَانْطَلَقْتُ أَنَا وَحُمَيْدُ بْنُ عَبْدِ الرَّحْمَنِ الْحِمْيَرِيُّ حَاجَّيْنِ أَوْ مُعْتَمِرَيْنِ 1 فَقُلْنَا لَوْ لَقِينَا أَحَدًا مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَسَأَلْنَاهُ عَمَّا يَقُولُ هَؤُلاَءِ فِي الْقَدَرِ فَوُفِّقَ لَنَا عَبْدُ اللَّهِ بْنُ عُمَرَ بْنِ الْخَطَّابِ 2 دَاخِلاً الْمَسْجِدَ فَاكْتَنَفْتُهُ أَنَا وَصَاحِبِي أَحَدُنَا عَنْ يَمِينِهِ وَاْلآخَرُ عَنْ شِمَالِهِ فَظَنَنْتُ أَنَّ صَاحِبِي سَيَكِلُ الْكَلاَمَ إِلَيَّ فَقُلْتُ أَبَا عَبْدِ الرَّحْمَنِ إِنَّهُ قَدْ ظَهَرَ قِبَلَنَا نَاسٌ يَقْرَءُونَ الْقُرْآنَ وَيَتَقَفَّرُونَ الْعِلْمَ وَذَكَرَ مِنْ شَأْنِهِمْ وَأَنَّهُمْ يَزْعُمُونَ أَنْ لاَ قَدَرَ وَأَنَّ اْلأَمْرَ أُنُفٌ قَالَ فَإِذَا لَقِيتَ أُولَئِكَ فَأَخْبِرْهُمْ أَنِّي بَرِيءٌ مِنْهُمْ وَأَنَّهُمْ بُرَآءُ مِنِّي وَالَّذِي يَحْلِفُ بِهِ عَبْدُ اللَّهِ بْنُ عُمَرَ لَوْ أَنَّ لأَحَدِهِمْ مِثْلَ أُحُدٍ ذَهَبًا فَأَنْفَقَهُ مَا قَبِلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ ثُمَّ قَالَ حَدَّثَنِي أَبِي عُمَرُ بْنُ الْخَطَّابِ قَالَ بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ شَدِيدُ سَوَادِ الشَّعَرِ لاَ يُرَى عَلَيْهِ أَثَرُ السَّفَرِ وَلاَ يَعْرِفُهُ مِنَّا أَحَدٌ حَتَّى جَلَسَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ يَا مُحَمَّدُ أَخْبِرْنِي عَنِ اْلإِسْلاَمِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اْلإِسْلاَمُ أَنْ تَشْهَدَ أَن لاَّ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتُقِيمَ الصَّلاَةَ وَتُؤْتِيَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً قَالَ صَدَقْتَ قَالَ فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ قَالَ فَأَخْبِرْنِي عَنِ اْلإِيمَانِ قَالَ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ اْلآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ قَالَ صَدَقْتَ قَالَ فَأَخْبِرْنِي عَنِ اْلإِحْسَانِ قَالَ أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ قَالَ فَأَخْبِرْنِي عَنْ السَّاعَةِ قَالَ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ قَالَ فَأَخْبِرْنِي عَنْ أَمَارَتِهَا قَالَ أَنْ تَلِدَ اْلأَمَةُ رَبَّتَهَا وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ قَالَ ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا ثُمَّ قَالَ لِي يَا عُمَرُ أَتَدْرِي مَنِ السَّائِلُ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ قَالَ فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ  3

ތަރުޖަމާ (9):

މާތް  ﷲ ރަޙްމަތްލެއްވި ޔަޙްޔާ އިބްނު ޔަޢުމަރަގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ބަޞަރާގައި ޤަޟާޤަދަރުގެ މައްސަލާގައި ޝައްކުގެ ވާހަކައެއް ދެއްކި އެންމެ ފުރަތަމަ މީހަކީ މަޢުބަދުލް ޖުހަނީއެވެ. މިއަޑު އަހާފައި ތިމަންނައާއި ޙުމައިދު އިބްނު ޢަބްދުއްރަޙްމާނާއި ދެމީހުން އެއަހަރު ޙައްޖަށް (ނުވަތަ ޢުމުރާއަށް) ދިޔައިމެވެ. މައްކާއަށް ދިޔަ މަގުމަތީގައި ތިމަންމެން ބުނީމެވެ. މިދަތުރުގައި ތިމަންމެނާ ލޮބުވެތި رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބު ބޭކަލަކާ ބައްދަލުވެއްޖެ ނަމަ، މިޤަދަރީން ދައްކަމުންދާ ވާހަކަ ދަންނަވާލަންޖެހޭނެއެވެ. އިއްތިފާޤުން، މަސްޖިދުލްޙަރާމުގެ ތެރޭން، ތިމަންމެނާ ބައްދަލުވަނީ މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢުމަރު އިބްނުލް ޚައްޠާބާއެވެ. ތިމަންމެން ގޮސް އެކަލޭގެފާނުގެ އަރިހުގައި ދެފަރާތުގައި އިށީދެއްޖެއީމެވެ. އެކަކު ކަނާތް ފަރާތުގައެވެ. އަނެކަކު ވާތް ފަރާތުގައެވެ. އިސްވެ ދަންނަވަންޖެހުނީ ތިމަންނާއަށް ކަމުގައިވާތީ، ތިމަން ދެންނެވީމެވެ. އޭ ޢަބްދުﷲ ގެފާނެވެ! ތިމަންމެންގެ ތެރޭގައި އުޅުއްވާ ޢިލްމުވެރިންތަކެކެވެ. ޤުރުއާން ކިޔަވައި، ޢިލްމުގެ މައިދާނުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ބައެކެވެ. މިހެން ދަންނަވާ އެމީހުންގެ ޢިލްމީ ޤާބިލިއްޔަތުކަމުގެ ވާހަކައިން ކޮންމެވެސް ވަރެއް ދެންނެވީމެވެ. ދެން ދެންނެވީމެވެ. މިމީހުން ދެކޭގޮތުގައި ޤަޟާޤަދަރަކީ އޮންނަ އެއްޗެއް ނޫނެވެ. ކޮންމެ ކަމަކީ ވެސް އަލަށް އަންނަ ކަމެކެވެ. ﷲގެ ޙަޟުރަތުގައި ކުރިއަކުން އެކަމެއް ލިޔެވި ﷲގެ ޢިލްމުފުޅުގައި އެކަން އޮންނަނީއެއް ނޫނެވެ. މިއަޑު އައްސަވާފައި ޢަބްދުﷲ ގެފާނު ވިދާޅުވިއެވެ. ތިޔަބޭކަލުންނާ އެމީހުންނާ ދެން ބައްދަލު ވެލައްވައިފިނަމަ، މިފަދައިން ވިދާޅުވެދެއްވާށެވެ. "ތިޔަބައިމީހުންނަކާ ތިމަންކަލޭގެފާނަކާ ގުޅުމެއް ނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވަމެވެ." ދެން ޢަބްދުﷲގެފާނު ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. ޤަޟާޤަދަރަށް އީމާންނުވާ މީހަކު، އެމީހެއްގެ އަތުގައި އުޙުދު ފަރުބަދައާ އެއްވަރުގެ ރަން ހުރެފައި، އެތަކެތިން ޞަދަޤާތްދީ އުޅުނު ކަމުގައި ވިއަސް މާތް ﷲ އެމީހާގެ އެޢަމަލު ޤަބޫލެއް ނުކުރަށްވާނެ ކަން ކަށަވަރެވެ." އެއަށް ފަހު ޢަބްދުﷲ ގެފާނު މިފަދައިން ވިދާޅުވިއެވެ. ތިމަންގެ ބައްޕާފުޅު މާތް ﷲ ރުއްސުންލެއްވި ޢުމަރު އިބްނުލްޚާބު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންމެން ލޮބުވެތި رَسُولُ اللَّهِ ޞައްލަﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އިށީނދެ ތިބީމެވެ. އެހިނދު އެތަނަށް ހުދު ހެދުމެއްގައި ހުރި ފިރިހެނަކު ވަނެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ސާފު ކަޅުކުލައިގައެވެ. ތިމަންމެންގެ ތެރޭގައި މީގެ ކުރިން އޭނާ ދުށް މީހަކު ނޫޅެއެވެ. އަދި ބީރައްޓެއްސެއް ކަމުގައި ވިއަސް، އެއްވެސް ކަހަލަ ދަތުރުވެރިކަމުގެ ނިޝާނެއްވެސް ގައިން ފެންނާކަށް ނެތެވެ. ދެން މިސްކިތަށް ވަދެ، އިތުރު އެކަލޭގެފާނުންގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ކަކޫފުޅާ އޭނާގެ ކަކުލާ ޖެހޭގޮތަށް އަރިހުގައި އިށީދެއްޖެއެވެ. ދެން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފައިންޕުޅުގައި އަތް ބާއްވައިގެންހުރެ، ދެންނެވިއެވެ. އޭ މުޙައްމަދެވެ! އިސްލާމް ކަމަކީ ކޮބައިކަން ނިކަން ވިދާޅުވެ ބައްލަވާށެވެ! އެހިނދު رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. އިސްލާމް ކަމަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް ކަލޭ ހެކިވުމާއި މުޙައްމަދުގެފާނަކީ އެއިލާހުގެ ރަސޫލާކަމުގައި ޤަބޫލުކުރުމެވެ. އަދި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަ ހިފުމާއި ކަލެއަށް އެކަމަށް ކުޅަދާނަ ވެއްޖެނަމަ ގެފުޅަށް ގޮސް ޙައްޖު ވުމެވެ. މިބަސްފުޅު އަހާފައި އޭނާ ބުންޏެވެ. ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. މިތާގައި ޢުމަރުގެފާނު ވިދާޅުވެފައި ވެއެވެ. މިމީހާ ސުވާލު ދަންނަވާފައި އިތުރު އެކަލޭގެފާނު ޖަވާބު ދެއްވުމުން އެބަސްފުޅު ތެދުކަން ބަޔާންކުރާތީވެ ތިމަންމެން ތިބީ ޢަޖައިބުވެފައެވެ. ދެން އޭނާ ދެންނެވިއެވެ. އީމާންކަމަކީ ކޮބައިކަން ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެއީ ﷲ އަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހުގެ ފޮތްތަކަށާއި އެއިލާހުގެ ރަސޫލުންނަށާއި އާޚިރަތް ދުވަހަށް ކަލޭ އީމާންވުމެވެ. އަދި ހެއުމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. މިބަސްފުޅު އަހާފައިވެސް އޭނާ ދެންނެވީ، ތިޔައީ ތެދުފުޅަކޭ މިހެންނެވެ. ދެން ދެންނެވިއެވެ. އިޙްސާންތެރިކަމަކީ ކޮބައިކަން ވިދާޅުވެ ދެއްވަބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އިޙްސާންކަމަކީ ކަލޭ ﷲ ދެކެދެކެހުރެ އަޅުކަން ކުރާ ފަދައިން އަޅުކަން ކުރުމެވެ. މިހެނީ ތިމާއަށް އެއިލާހު ފެންނަ ކަމުގައި ނުވިއަސް، އެއިލާހު، ތިމާ ދެކެވޮޑިގެންވާކަން ދަންނަން ޖެހެއެވެ. ދެން އެމީހާ ދެންނެވިއެވެ. އެހެންވެއްޖެއްޔާ ޤިޔާމަތާ ބެހޭގޮތުން ވިދާޅުވެދެއްވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ތިޔާއިމެދު ސުވާލުކުރި މީހާއަށް ވުރެން ބޮޑަށް ސުވާލުވެވުނު މީހާއަކަށް ނޭގޭނެއެވެ. އެހިނދު އޭނާ ދެންނެވިއެވެ. އެހެން ވެއްޖެނަމަ ނިކަން ޤިޔާމަތުގެ ޢަލާމަތާ ބެހޭގޮތުން ވިދާޅުވެ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އަންހެންވެރިން، ދަރިންގެ ގޮތުގައި ތިމާގެ ސާހިބުން ވިހަންފަށާނެއެވެ. ޤައުމުގެ ނިކަމެތި ފަޤީރުން އުސް އިމާރާތްތައް ބިނާކޮށް، އެކަމުގައި ތިމާމެންގެ ބޮޑާކަމާއި މަތިވެރިކަން ދައްކަމުންދާނެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. މިފަދައިން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވުމުން، މިމީހަކު ނިކުމެގެން ހިނގައްޖެއެވެ. އިރުގަނޑެއް ކޮށްލައްވާފައި ތިމަންގެ ގާތުން، ކީރިތި ރަސޫލާ އެއްސެވިއެވެ. އޭޢުމަރެވެ! އެއައި މީހާއަކީ ކާކުކަން އެގިވަޑައިގަންނަވަމުތޯއެވެ؟ ތިމަން ދެންނެވީމެވެ. އެކަން ބޮޑަށް އެނގި ވަޑައިގަންނަވާނީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށެވެ. އެހިނދު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެވަޑައިގަތީ ޖިބްރީލުގެފާނެވެ. އެކަލޭގެފާނު ވަޑައިގަތީ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން އުނގަންނައި ދެއްވުމަށެވެ. 4


1 – މިޙަދީޘާއި މިނޫން ޙަދީޘުތައް ތަރުޖަމާކުރުމުގައި އަޅުގަނޑު ގެންގުޅެފައިވާ އުޞޫލަކީ ކަމާގުޅޭ އެހެން ޙަދީޘުތަކަށް ބަލައިގެން، ހުށަހެޅިފައިވާ އަޞްލު ޙަދީޘު ގެންނެވުމުގައި އިމާމު ނަވަވީ ކުރަށްވާފައިވާ ޝަރަޙައަށް ބުރަވެހުރެ، އޭގެ ދިވެހި ތަރުޖަމާ ގެނައުމެވެ. މިހެން މިދެންނެވީ ފަހަރެއްގައި ހުށަހެޅިފައިވާ ޙަދީޘުގައި ސީދާ ފެންނަން އޮންނަ ލަފުޒުތަކާ ތަރުޖަމާއާ ލަފުޒުން ލަފުޒަށް އަޅާކިޔަން މީހަކު ފަށައިފިނަމަ ދިމާނުވެދާނެތީއެވެ. އެހެންކަމުން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލީއެވެ.

2 – މިއީ މާތް ﷲ ރުއްސުންލެއްވި ޢުމުރު އިބްނުލްޚާއްޠާބްގެ ދަރިކަލުން ޢަބްދުﷲގެފާނެވެ. މަންމާފުޅަކީ ޒައިނަބް ބިންތި މަޒްޢޫނެވެ. ކުއްނިއްޔަތަކީ އަބޫޢަބްދުއްރަޙްމާނެވެ. އެކަލޭގެފާނަކީ ޤުރައިޝުވަންހައިގެ ބޭކަލެކެވެ. ނިސްބަތްވަނީ އަލްޢަދްވީ ޤަބީލާއަށެވެ. ދިރިއުޅުއްވީ މައްކާއާއި މަދީނާގައެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 73 ވަނަ އަހަރު މައްކާގެ ކައިރީގައި އޮތް މަރްވުއްރޫޛް ކިޔާ އަވަށެއްގައެވެ. ބުނެވޭގޮތުގައި ފަސްދާނު ލެވުނީ އަލްމުޙައްޞަބް ކިޔާ އަވަށެއްގައެވެ. އެއިރު އެކަލޭގެފާނުންގެ ޢުމުރުފުޅަކީ 78 އަހަރުފުޅެވެ. ބައެއް މުއައްރިޚުން 74 އަހަރުފުޅު ކަމުގައި ވެސް ބަޔާންކުރަށްވާފައި ވެއެވެ. އެކަލޭގެފާނަކީ މައްކާގައި އަވަހާރަވި އެންމެ ފަހުގެ ޞަޙާބީއެވެ. އެކަލޭގެފާނުންގެ 13 ބޭފުޅުން ތިއްބެވިއެވެ. އެއީ 10 ފިރިހެން ބޭފުޅުންނާއި 3 އަންހެން ބޭފުޅުންނެވެ. އެކަލޭގެފާނުންގެ އަރިހުން މިރިވާޔަތް ރިވާކުރަށްވާފައިވަނީ އޭގެތެރެއިން އެއްބޭކަލަކު ކަމުގައިވާ ސާލިމެވެ. ސާލިމްގެ މައިކަނބަލަކީ އަޅުއަންހެން ބޭކަނބަލެކެވެ.

ޢަބްދުﷲގެފާނަކީ ކީރިތި ރަސޫލާގެ އަޞްޙާބުބޭކަލުންގެ ތެރެއިން އެންމެ ވަރަޢުވެރި އެއްބޭކަލެކެވެ. އެކަލޭގެފާނުންގެ ބައްޕާފުޅުގެ ދުވަސްވަރުގައި ޤާޟީކަން ދެއްވަން އުޅުއްވުމުން އެކަމާ ޢުޛުރުވެ ވަޑައިގަތެވެ. އަދި ޢުޘްމާނުގެފާނުން އެކަމަށް އެދިވަޑައިގަތުމުން އެކަލޭގެފާނުގެ އަރިހުގައިވެސް ޢުޛުރުވެރިވާވާހަކަ ދެންނެވިއެވެ. ޢަލީގެފާނުންގެ ދުވަސްވަރުގައި ޝާމުކަރައިގެ ގަވަރުނަރުކަން ދެއްވުމުން އެކަލޭގެފާނު އެކަމަށް ޢުޛުރުވެރިވެވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު ދެއްކެވި ޢުޛުރު، ޢަލީގެފާނުން ޤަބޫލު ކުރެއްވުމާ ދެކޮޅު ހެއްދެވުމުން، ދައްތާފުޅު ޙަފްޞަތުގެފާނުންގެ އަރިހު ދަންނަވާފައި، ހަމައެރޭ ޝާމުކަރައިން ދަތުރު ފަށްޓަވައި، ސިއްރިއްޔާތުގައި މައްކާއަށް ވަޑައިގަތީގައެވެ.

3 – މިރިވާޔަތް ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި އިމާމު މުސްލިމުގެ އިތުރުން، ބުޚާރީ ފިޔަވައި އަނެއް ހަތަރު އިމާމުންނެވެ.

4 – މިނޫނަސް ތަފާތު އެހެން ބޭކަލުންގެ ކިބައިންވެސް މަޢުބަދްގެ މިރިވާޔަތް އެބޭކަލުން ޙައްޖަށް ވަޑައިގަތް ވާހަކައާއި އިބްނު ޢުމަރު މިމައްސަލާގައި ވިދާޅުވި ބަސްފުޅާއި ޢުމަރުގެފާނުގެ މިރިވާޔަތް ކުދިކުދި ތަފާތުތަކާއެކު ވާރިދުވެގެން އައިސްފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.