ﷲ ގެ އެއްކައުވަންތަކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲ ގެ އެއްކައުވަންތަކަމުގެ ތަސައްވަރަކީ އިސްލާމްދީނުގެ އެންމެ މުހިއްމު އަސާސެވެ. ދީނުގެ އެހެން ހުރިހައި ތައުލީމެއް ބިނާވެފައި ވަނީ މި އަސާސުގެ މައްޗަށެވެ.

ﷲ އަކީ އެއްކައުވަންތަ ކަލާނގެއެވެ. އެއީ އުފެދުމެއް، ނެތިދިއުމެއް ނެތް އަބަދަށް ދެމިވޮޑިގެންވާ ކަލާނގެއެވެ. ހުރިހައި އެއްޗެއް ހެއްދެވީ އެކަލާނގެއެވެ. އެ ކަލާނގެއަކީ، އެ ކަލާނގެ ވުޖޫދަށްޓަކައި އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ބޭނުންވެވޮޑިގެންވާ ފަރާތެއް ނޫނެވެ. މުޅި ކާއިނާތު އުފައްދަވައި ހިންގަވަނީ އެ ކަލާނގެއެވެ.

ކީރިތި ޤުރްއާނުގައި އަންގަވައިފައި ވަނީ މިފަދައިންނެވެ. [ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤުގެން އަޅުކަމެއް ވެވޭ އިލާހަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ގާއިމުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެވޮޑިގެންގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޒުނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: ޚަލްޤުތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސީ، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ ޙަޟްރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ.] (ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތުގެ ތަރުޖަމާ)

މީގެ އިތުރަށް ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތްތަކުގެ ތެރޭގައި ހިމެނޭ އަލްޢިޚްލާޞް ސޫރަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. [ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲއެވެ. ﷲއީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ. އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމަ އެކައްޗެއްވެސް ނުވެއެވެ.] (އިޚްލާޞް ސޫރަތުގެ 4 އާޔަތުގެ ތަރުޖަމާ)

މި ކުރު ސޫރަތުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވައިފައި ވަނީ ﷲ ގެ އެއްކައުވަންތަކަމެވެ. ﷲއަކީ އެއް ކަލެއްކަމުގައި ވަޙީ ކުރައްވަނީއެއް ނޫނެވެ. އަންގަވައިފައިވަނީ އެއީ ހަމައެކަނި ކަލާނގެ ކަމުގައެވެ. މި ސޫރަތުގައި ވަނީ ﷲ ގެ އެއްކައުވަންތަކަމުގެ މަފުހޫމު ވަރަށް ރީތިކޮށް، ޝައްކު ނުކުރެވޭ މިންވަރަށް އަންގަވައި ދެއްވައިފައެވެ.

ﷲ އަކީ އެއްކައުވަންތަ ކަލާނގެއެވެ. ދުނިޔޭގައި ލެއްވިހައި ބަޔަކާއި ތަކެއްޗެއްމެ، ބޭނުންތެރިވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެއަށް ބޭނުންތެރިވެވޮޑިގެންވާ އެއްވެސް މީހަކު ނުވަތަ އެއްވެސް އެއްޗެއް ނުވެއެވެ. ހުރިހައި ބަޔަކާއި ތަކެއްޗެއްގެ މައްޗަށް ބާރު ހިންގަވަނީވެސް، އަދި އެ ބާރު މިލްކުވެވޮޑިގެންވަނީވެސް އެކަލާނގެއަށެވެ. އެކަލާޏގެއަކީ ކްރިސްޓިއަނުން ބުނާފަދައިން ދަރިކަލަކަށް ބޭނުންވެވޮޑިގެންވާ ކަލެއް ނޫނެވެ. އަދި އެކަލާނގެ އުފަންކުޅައީ އެހެން ބާރަކުން ނުވަތަ އެއްޗަކުން ނުމެނޫންމެއެވެ. އެކަލާނގެއާ އެއްވަރު ނުވަތަ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. ހުރިހައި ފުރިހަމަ ސިފަފުޅެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެއްކައުވަންތަ ﷲ ގެ މަފުހޫމަކީ އިސްލާމްދީނުގެ އެންމެ މައިގަނޑު އަސާސެވެ. އެ ދީނުގެ އެހެން ހުރިހައި ތައުލީމެއް ބިނާވެގެންވަނީ މި އަސާސުގެ މައްޗަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.