މުއުމިނުންނަކީ އަމަންއަމާންކަމަށް ލޯބިކުރާ ބައެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲ ލޯބިވެވޮޑިގެންވަނީ އަމަންއާމާންކަމަށެވެ. މުއުމިނާއަކީ އަމަންއަމާންކަމަށް ލޯބިކުރާ މީހެކެވެ. އޭނާ މަސައްކަތްކުރާނީ އަބަދުވެސް އަމާންކަން ދަމަހައްޓާށެވެ. އެއީ އޭނާގެ ތައުމީރީ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދާށެވެ.


މުއުމިނާއަކީ އަމަންއަމާންކަމަށް ލޯބިކުރާ މީހެކެވެ. އިމާންކަމާއި އަމަންއަމާންކަމަށް ލޯބިކުރުމާ ގުޅި ލާމެހިފައިވާ މިންވަރަކީ، މުއިމިނާ ހުރިހައި ހާލަތެއްގައިވެސް އަމަންއަމާންކަން ގާއިމުކޮށްފައި ބާއްވަން މަސައްކަތް ކުރާނެއެވެ. ކޮންމެ އެއްޗެއް އަތުން ބީވެގެން ދިޔަ ކަމުގައި ވިޔަސް، އަމަންކަމާއި ސުލްހަވެރިކަން އަތުން ދޫކޮށްލުމަކީ މުއުމިނަކު ކުރާނޭ ކަމެއް ނޫނެވެ.

މުއުމިނާ މި ދުނިޔޭގައި ވޭތުކުރާން ބޭނުންވާ ދިރިއުޅުން ވޭތުކުރެވޭނީ އަމަންއަމާންކަމާއި ސުލްހަވެރިކަން ގާއިމުވެފައި އޮވެގެންނެވެ. އަމަންއަމާންކަމާއި ސުލްހަވެރިކަމަކީ ފަހި މާހައުލެއް އުފައްދާ ކަމެކެވެ.  ނާމާންކަމާއި ދެކޮޅުވެރިކަމަކީ އިދިކީލި މާހައުލެއް އުފެދޭ ކަމެކެވެ.

އަމަންއަމާންކަމަކީ އަބަދުވެސް ގުރުބާނީއަށް އެދޭ ކަމެކެވެ. އެ ގުރުބާނީއަކީ މީހަކު ނާމާންކަމުގެ ސަބަބުތަކެއް އުފެއްދި ނަމަވެސް، އެކަމާ އަޅައިލުމެއް ނެތި އަމަންއަމާންކަމުގެ ހާލަތު ދެމެހެއްޓުމެވެ. މުއުމިނާ ހުންނާނީ އަބަދުވެސް މި ގުރުބާނީއަށް ތައްޔާރުވެގެންނެވެ. އޭނާ ކޮންމެ ގެއްލުމަކާއި އަނިޔާވެރިކަމެއް ބަރުދާސްކުރަމުން ގެންދާނީ އަމަންއަމާންކަން ނެތިގެން ދިޔަނުދޭން ވެގެންނެވެ. އޭނާ ބޭނުންވާނީ އަބަދުވެސް އަމާންކަމާއި ސުލްވެރިކަމުގެ މާހައުލެއް މެދުނުކެނޑި ދެމިއޮންނަ ގޮތް ހަދާށެވެ.

މުއުމިނާއަކީ އެތެރެއާއި ބޭރުންވެސް ބިނާކުރުމަށް ލޯބިކުރާ މީހެކެވެ. މި ބިނާކުރުމުގެ ހާލަތު އުފެއެްދޭނީ އަމާންކަމުގެ ހާލަތު ދެމެހެއްޓިގެންނެވެ. ވުމާއެކު ކޮންމެ ފަދަ އަގެއް އަދާކޮށްގެން ނަމަވެސް އެ ހާލަތު ދަމަހައްޓަން އޭނާ މަސައްކަތްކުރާނެއެވެ. އެއީ ބިނާކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނޭ މަގު ހުޅުވިފައި އޮންނާން އޭނާ ބޭނުން ވާތީއެވެ.

މުއުމިނާގެ ތަބީއަތަކީ ބަގީޗާއެއްގައި ފޮޅިފައިވާ މަލެއްފަދަ ތަބީއަތެކެވެ. މަލަކީ އާދަޔާ ޚިލާފަށް ހޫނުވެއްޖެނަމަ މިލައިފައި، ފިނިވެއްޖެނަމަ އޭގެ ހިތްގައިމު ވުޖޫދު ދަމަހައްޓާ އެއްޗެކެވެ. މުއުމިނާގެ މިސާލަކީވެސް މިއީއެވެ. އަމާންކަމަކީ މުއުމިނާގެ ލާޒިމީ ބޭނުމެކެވެ. އަމަންއަމާންކަމަކީ މުއުމިނާގެ ދިރިއުޅުމެވެ. މުއުމިނާއަކީ އަމަންއަމާންކަމަށް ފެންބޮވައިގެންފައިވާ މީހެކެވެ. އޭނާ ބޭނުންވާނީ އެއްވެސް ހުއްޓުމެއް ނުވަތަ ހުރަހެއް ނެތި، އިންސާނީ ގަހުގައި އީމާންކަމުގެ މައުތައް ފޮޅޭތަން ދެކޭށެވެ. އަދި ފިތުރަތުގެ ފަޒާގައި ބިރުވެރިކަމެއް ނެތް ބަހާރު މޫސުމެއް ފެންނާނޭގޮތް ވާށެވެ.

އަމާންކަމަކީ ކާއިނާތުގެ ދީނެވެ. އެއީ ފިތުރަތުގެ ބައިނަލްއަގުވާމީ ގާނޫނެވެ. ﷲ ލޯބިވެވޮޑިގެންވަނީ އަމަންއަމާންކަމަށެވެ. ނާމާންކަމަކީ އެކަލާނގެ ރުހިވޮޑިގެންވާ ކަމެއް ނޫނެވެ. މުއުމިނުން އަމަންއަމާންކަމަށް ލޯބިކުރުމަށްޓަކައި ހަމައެކަނި މި ސަބަބުވެސް ފުުދެއެވެ. މުއުމިނުން ފަހަރެއްގައިވެސް އަމަންއަމާންކަން ނެތިގެންދިއުން ބަރުދާހެއް ނުކުރާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.