ޚިލާފު އުފެދޭ ވަގުތުތަކުގައި…

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ޚިލާފު އުފެދުމަކީ ނުބައި ކަމެއް ނޫނެވެ. ނުބައި ކަމަކަށް ވަނީ ޚިލާފެއް އުފެދުނީމާ ތަގުވާވެރިކަން ދޫކޮށް އިދިކީލި ވެގަތުމެވެ. ޚިލާފުތަކާއެކުވެސް ތަގުވާވެރިކަމުގައި ދެމިހުރުމަކީ އިސްލާމީ އަމަލެކެވެ.


ޚިލާފު އުފެދުމަކީ ދިރިއުޅުމުގެ ބައެކެވެ. މީސްތަކުންގެ މެދުގައި ގިނަ ކަންކަމުގައި އެކި ބާވަތުގެ ޚިލާފުތައް އުފެދެއެވެ. އާދައިގެ މީހުންގެ މެދުގައި އުފެދޭ ފަދައިން އިޚްލާސްތެރިންނާއި މުއުމިނުންގެ މެދުގައިވެސް ޚިލާފު އުފެދެއެވެ. ޚިލާފު އުފެދުމަކީ ހުއްޓުވޭނޭ ކަމެއް ނޫނެވެ. އެކަމަކު ޚިލާފުތަކާއެކުވެސް ރަނގަޅު ރަވައްޔާއެއްގައި އުޅެވިދާނެއެވެ.

މުއުމިނުންނަކީ ޚިލާފުތައް މައްސަލަތަކަކަށް ހަދާ ބައެއް ނޫނެވެ. ޚިލާފުތައް ގެންގުޅެން ވާނީ ޚިލާފުގެ ހުދޫދުގެ ތެރޭގައެވެ. ޚިލާފެއް އުފެދުނީމާ ވަކި މީހަކީ ކޮންމެ ކަމެއްގައިވެސް ޚިލާފު އުފައްދާނޭ މީހެއް ކަމުގައި ބެލުމާއި މުނާފިގެއް ކަމުގައި ކަނޑައެޅުމާއި އިޚްލާސްތެރިކަމެއް ނެތް މީހެއް ކަމުގައި ހެދުމާ، މިހިރިމިހިރަ ކަންކަމަކީ އިސްލާމީ އުސޫލުތަކާ ޚިލާފު ކަންކަމެވެ.

ޚިލާފެއް އުފެދޭ ވަގުތު މީހަކާ އޮންނަ ގުޅުން ކަނޑައިލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ޚިލާފު އުފެދުނު މައްސަލަޔާމެދު ފުންކޮށް ވާހަކަދައްކައި ދޭދޭ ގުޅުން ރަނގަޅުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ޚިލާފު އުފެދުނު މީހާޔާ ސަލާންގަލާންކުރުމާއި ވާހަކަދެއްކުމާއި ބައްދަލުވެ އުޅުން ހުއްޓައިލުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ.

މި ދުނިޔޭގައި މެދުވެރިވާ ކޮންމެ ކަމަކީ އިމްތިހާނެކެވެ. މި ބީދައިން ޚިލާފަކީވެސް އިމްތިހާނެކެވެ. ވުމާއެކު ޚިލާފެއް އުފެދޭ ވަގުތު ނިކަން ރަނގަޅަށް ފަރުވާތެރިވެ ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚިލާފެއް އުފެދުމުގެ ސަބަބުން ﷲ ނުރުއްސަވާފަދަ ވާހަކައެއް ދެއްކިދާނެތީ ބިރުގަންނާން ވާނެއެވެ.

ޝައްކެއް ނެތެވެ. ޚިލާފުގެ ވަގުތު އިންސާފުގެ މަގުގައި ދެމިހުރުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު އެއީ ވަރަށް ގިނަ ދަރުމަހުރި ކަމެކެވެ. ކޮންމެ ރަނގަޅު ކަމަކީ އިސްލާމްދީނުގައި އަޅުކަމެކެވެ. ޚިލާފެއް ނުވަތަ ޚިޔާލު ތަފާތުވުމެއް އުފެދުނީމާ ހިތުގައި ދުޝްމިނުކަމާއި ބަދަލުހިފުމުގެ ރޫހު އުފެދުނަ ނުދީ ހިފަހައްޓައި އިންސާފުގެ މަގުން ކުރިއަށް ދިއުމަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ.

ޚިލާފު އުފެދުމަކީ ނުބައި ކަމެއް ނުވަތަ ދެރަ ކަމެއް ނޫނެވެ. ނުބައި ކަމަކީ ނުވަތަ ދެރަ ކަމަކީ ޚިލާފެއް އުފެދުނީމާ، އެ ކުރިމަތިވާ އިމްތިހާނުން ރަނގަޅަށް ފާސްނުވުމެވެ. ޚިލާފުގެ ވަގުތުގައި ﷲއަށް ބިރުވެތިވުމަކީ ނުވަތަ ތަގުވާވެރިވުމަކީ އިސްލާމީ އަމަލެކެވެ. ޚިލާފުގެ ވަގުތުގައި ހުދޫދުން ބޭރަށް ނުކުތުމަކީ ވަރަށް ހިތާމަވެރި އަދި ނުރައްކާތެރި ކަމެކެވެ. އިސްލާމްދީނުގެ ހަމަތަކާ ޚިލާފު ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.