މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ރަސޫލުބޭކަލުން ތިއްބަވަނީ ﷲއާއި އިންސާނުންނާ ދެމެދުގައެވެ. ﷲގެ މެސެޖު އިންސާނުންނަށް ފޯރުކޮށްދެއްވަނީ އެބޭކަލުންނެވެ.
ރަސޫލުބޭކަލުންނަކީ ﷲ އެކަލާނގެ މެސެޖު އިންސާނުންނަށް ދެއްވުމަށްޓަކައި ވަސީލަތެއްގެ ގޮތުގައި ހޮއްވަވާ ބޭކަލުންނެވެ. ﷲ ރަސޫލުބޭކަލަކު ޚިޔާރު ކުރެއްވީމާ، އެކަލާނގެ މެސެޖާއިގެން އެ ބޭކަލަކާ ހަމައަށް ވަޑައިގެން އެ ޚަބަރު އެ ބޭކަލަކަށް ދެއްވަނީ މަލާއިކަތެކެވެ. އެ ބޭކަލަކަށް ރަސޫލުކަން ޔަގީންވެވަޑައިގަންނަވަނީ މަލާއިކަތެއްގެ އެންގެވުމާއެކީގައެވެ. އޭގެ ފަހުން ﷲ އެ ބޭކަލަކަށް އެކަލާނގެ މެސެޖު އަންގަވައިދެއްވީމާ އެ ބޭކަލަކު އިންސާނުންނަށް އެ މެސެޖު ފޯރުކޮށް ދެއްވަނީއެވެ. ރަސޫލުބޭކަލުން ތިއްބަވަނީ ﷲއާއި އިންސާނުންނާ ދެމެދުގައެވެ. ﷲ ގެ މެސެޖު އިންސާނުންނަށް ފޯރުކޮށްދެއްވަނީ އެބޭކަލުންނެވެ.
ﷲ ވަނީ އިންސާނާއަށް ބުއްދި ދެއްވައިފައެވެ. އޭނާއަށް ފެންނަ ކަންތައްތަކުގެ ހަގީގަތް ދެނެގަންނަނީ ބުއްދީގެ ބޭނުން ކޮށްގެންނެވެ. އެކަމަކު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން އޭނާއަށް ދެނެނުގަނެވޭ އެތައް ކަމެއް ހުރެއެވެ. ﷲ އާއި އާޚިރަތުގެ ދުނިޔެ އިންސާނުންގެ ހަމަ ލޮލަކަށް ނުފެނެއެވެ. އެހެންވީމާ ނުފެންނަ އެއްޗެހީގެ ފުރިހަމަ ހަގީގަތް އޮތީ އިންސާނާގެ ބުއްދީގެ ދާއިރާއިން ބޭރުގައެވެ. ރަސޫލުބޭކަލުން ކުރައްވާ ކަމަކީ އިންސާނާގެ މި ނުކުޅެދުންތެރިކަން ފޫބައްދަވައި ދެއްވުމެވެ. ދިރިއުޅުމުގެ ހަގީގަތްތައް އިންސާނާއަށް ވިދާޅުވެދެއްވަނީ ރަސޫލުބޭކަލުންނެވެ. އާޚިރަތުގެ ދުނިޔޭގައި ކަންތައް ވާނޭގޮތް ވިދާޅުވެދެއްވަނީވެސް އެބޭކަލުންނެވެ. އެބޭކަލުންގެ މި މަސައްކަތްޕުޅުގެ ސަބަބުން އިންސާނާއަށް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އޭނާގެ ދިރިއުޅުން އާރާސްތުކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.
އިންސާނުން ދުނިޔޭގައި ދިރިއުޅޭން ފެށީއްސުރެ ﷲ ގެންދެވީ ރަސޫލުބޭކަލުން ފޮނުއްވަމުންނެވެ. އެކި ދުވަސްވަރު އެކި ބޭކަލުންނާ މި މަސްއޫލިއްޔަތު ގެންދެވީ މަތިކުރައްވަމުންނެވެ. އެބޭކަލުން ގެންދެވީ ﷲ ރުހިވޮޑިގަންނަވާ ކަންތައްތަކާއި ރުހިވޮޑިގެން ނުވާ ކަންތައްތައް މީސްތަކުންނަށް އަންގަވައި ދެއްވަމުންނެވެ. އެހެންނަމަވެސް ގަދީމީ ޒަމާނުގެ ރަސޫލުބޭކަލުންގެ ހުރިހައި ވާހަކައެއް ސައްހަ ގޮތެއްގައި އަހަރެމެންނާ ހަމައަށް އައިސްފައެއް ނެތެވެ. ހާލަތަށް އައި އެތައް ބަދަލަކާއެކު އެބޭކަލުންގެ ޝަޚްސިއްޔަތާ ބެހޭ ވާހަކަތައް ވަނީ ގެއްލިފައެވެ. އެކި ބޭކަލުންނަށް ބާވައިލެއްވި ފޮތްތަކަށްވެސް މެދުވެރިވެފައި ވަނީ މިފަދަ ހާލަތެކެވެ.
ﷲ އެންމެ ފަހުން ފޮނުއްވި ރަސޫލުބޭކަލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ އިންސާނުން ތާރީޚީ ރެކޯޑުތައް ރައްކާކުރަން ފަށައިގަތް ފަހުންނެވެ. އެކަލޭގެފާނުގެ ރަސޫލުކަމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ ޗާޕުކުރުމާއި ފޮތުގެ ދައުރު ފެށިއްޖެއެވެ. ވުމާއެކު އެކަލޭގެފާނުގެ ތާރީޚާއި، އެކަލޭގެފާނު މެދުވެރި ކުރައްވައި ﷲ ބާވައިލެއްވި ފޮތް، ކީރިތި ޤުރްއާން އަބަދަށްޓަކައި ރައްކާތެރިކުރެވޭނޭ މަގު ﷲ ތަނަވަސްކޮށް ދެއްވައިފިއެވެ. ފޮތުގެ ދުވަސްވަރު ކަމަށް ވުމާއެކު ކީރިތި ޤުރްއާނަށް ކުޑަނަމަވެސް ބަދަލެއް ގެނައުމުގެ ފުރުސަތު އެކަލާނގެ ބަންދުކުރައްވައިފިއެވެ.
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެންމެ ފަހުގެ ރަސޫލާއެވެ. އެހެން ރަސޫލުބޭކަލަކު ﷲ ދެނެއް ނުފޮނުއްވާނެއެވެ. ގިޔާމަތާ ހަމައަށް ދެމިއޮންނާނީ އެކަލޭގެފާނުގެ ރިސާލަތެވެ.
