މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ކީރިތި ޤުރްއާނަކީ ދާއިމަށް ދެމިގެންވާ އިލާހީ ފޮތެކެވެ. އިލާހީ ހިދާޔަތުގެ މުޢުތަބަރު ފޮތެކެވެ. އެއީ މީސްތަކުންނަށްޓަކައި އޮތް ރަޙްމަތެއް ކަމުގައި ހިމެނޭ ފޮތެއްމެއެވެ.
ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމުފުޅެވެ. އެ ފޮތް ވަނީ ބާވައިލެއްވި ގޮތަށް ރައްކާތެރިކުރެވިފައެވެ. ވުމާއެކު އެއީ ފުރިހަމައަށް އިތުބާރުކުރެވޭ، ގަޑުބަޑުވުމެއް، ކުށެއް ނެތް ފޮތެކެވެ. އެ ފޮތުގައި ވަނީ ﷲ ގެ ހިދާޔަތެވެ.
ކީރިތި ޤުރްއާން އެކުލެވިގެންވަނީ 114 ސޫރަތުގެ މައްޗަށެވެ. ޤުރްއާނުގެ މެސެޖުގެ ޚުލާސާއަކީ މިއީއެވެ. ކޮންމެ މީހަކުމެ ބޯލަނބާން ވާނީ އެންމެ ކަލަކަށެވެ. އެއީ އެއްކައުވަންތަ ﷲއެވެ. ޖަވާބުދާރީވާން ވާނީވެސް އެކަލާނގެއަށެވެ. ﷲ ގެ މެސެޖު އިންސާނުންނާ ހަމައަށް ގެނެސްދެއްވީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްކަމަށާއި، އެއީ އެންމެ ފަހުގެ ރަސޫލާކަމަށް ގަބޫލުކުރާން ވާނެއެވެ. އެކަލޭގެފާނު ގެނެސްދެއްވި ހުރިހައި ކަމަކަށް ފުރިހަމައަށް އީމާންވެގެން މެނުވީ ދިންނެވުމެއް ނެތެވެ.
ކީރިތި ޤުރްއާނަކީ ހުރިހައި އިންސާނުންނާއި ޖިންނީންގެ މައްޗަށް ބާވައިލެއްވި އިލާހީ ފޮތެކެވެ. އެންމެންގެ މައްޗަށް ބާވައިލެއްވި ފޮތަކަށް އެ ފޮތްވާ އެއް ސަބަބަކީ އިންސީންނާއި ޖިންނީން ހެއްދެވީ ﷲ ކަމުގައި ވުމެވެ.
ކީރިތި ޤުރްއާނަކީ ﷲ ބާވައިލެއްވި ފޮތްތަކުގެ ތެރެއިން އެއް ފޮތެވެ. އެކަމަކު އެ ފޮތުގެ ހަމައެކަނި ހައިސިއްޔަތަކީ މިއެއް ނޫނެވެ. މީގެ އިތުރަށް އެ ފޮތްތަކުގެ ތެރެއިން އިތުބާރު ކުރެވޭވަރުގެ ފޮތަކަށް ދުނިޔެމަތީގައި ދަމަހައްޓަވައިފައިވާ ހަމައެކަނި ފޮތަކީ ކީރިތި ޤުރްއާނެވެ. ކުރީގެ އެހެން އެއްވެސް ފޮތެއް އަސްލު ހާލަތުގައި މިހާރަކު ފެންނާކަށް ނެތެވެ. ކުރީގެ ފޮތްތަކަށް އީމާންވާ މީހަކު ކީރިތި ޤުރްއާނަށް އީމާންވާނަމަ އެއީ އޭނާގެ ދީނުން ބޭރުވުމެއް ނޫނެވެ. އެއީ އޭނާގެ އަސްލު ދީނަށް މާ ފުރިހަމަ ގޮތެއްގައި ރުޖޫޢަވުމެވެ.
އެއް ހަމައަކުން ބަލާނަމަ ކީރިތި ޤުރްއާނަކީ އައު ފޮތެއް ނޫނެވެ. އެއީ ކުރީން ބާވައިލެއްވި ފޮތްތައް ގަޑުބަޑުކޮށްފައި ވާތީ، އިސްލާހުކުރެއްވުމަށްފަހު، މާ ފުރިހަމަ ގޮތަކަށް ބާވައިލެއްވި އައު އިސްދާރެކެވެ. ހުރިހައި އިންސާނުންނަށާއި ޖިންނީންނަށް އަދި ހުރިހައި ގައުމަކަށް ބާވައިލެއްވި ފޮތެކެވެ. އެ ފޮތުގައި ވަނީ އެކަލާނގެ ރަޙުމަތާއި ދިންނެވުމެވެ. އެއީ މުޅި ދުނިޔެއަށް އޮތް ފޮތެކެވެ. ހެޔޮ މަގަށް އަލިކޮށްދޭ، އަލިގަދަ ދަންމަރެކެވެ. އިރަކީ ދުނިޔެއަށް ބޭނުންވާ ހޫނުކަމާއި އަލި ފޮނުވައިދޭ ވަސީލަތަކަށް ވާ ފަދައިންނެވެ.
