ކީރިތި ރަސޫލާގެ ސުންނަތް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ހަދީސު ޖަމާކުރެވިފައިވާ ފޮތްތަކަކީ ކީރިތި ރަސޫލާގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުގެ ޖަމާއެކެވެ. ކީރިތި ޤުރްއާނުން ގެނެސްދެނީ އަމުރުތަކެވެ. ހަދީސުން ދައްކައިދެނީ އަމަލެވެ.


ކީރިތި ޤުރްއާނަކީ ﷲގެ ކަލާމުފުޅެވެ. ބަސްފުޅެވެ. އެ ފޮތުގެ ކޮންމެ ލަފުޒަކީވެސް އަދި އެ ލަފުޒުގެ މާނައަކީވެސް އެކަލާނގެ ކަލާމުފުޅެވެ. ސުންނަތަކީ ﷲގެ މެސެޖު އިންސާނުންނާ ހަމައަށް ގެނެސްދިން އަމަލުފުޅުތަކާއި ބަސްފުޅުތަކެވެ. އެ އަމަލުފުޅުތަކާއި ބަސްފުޅުތައް ގެނެސްދެއްވީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. ކީރިތި ޤުރްއާނަކީ ސީދާ ﷲ ގެ ޙަޟްރަތުން އައިސްފައިވާ ހިދާޔަތެވެ. ހަދީސަކީ ނުސީދާކޮށް ﷲގެ ޙަޟްރަތުން އައިސްފައިވާ ހިދާޔަތެވެ.

ހަދީސު ޖަމާކޮށްފައިވާ ފޮތްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ފޮތަކީ އެހެން ފޮތްތަކަށްވުރެ ބޮޑަށް އިސްކަންދެވިފައިވާ ފޮތްފޮތެވެ. އެ ފޮތްތަކުގެ ތެރޭގައި ޞަޙީޙުލްބުޚާރީ އާއި ޞަޙީޙް މުސްލިމާއި ޖާމިޢުއްތިރްމިޛީއާއި ސުނަން އަބީ ދާވޫދާއި ސުނަން އައްނަސާއީއާއި ސުނަން އިބްނު މާޖާއާއި މުވައްޠާ އިމާމް މަލިކާއި މުސްނަދް އަޙްމަދު ހިމެނެއެވެ.

ޙަދީސަކީ ކީރިތި ޤުރްއާނުގެ ޝަރަޙައާއި ތަފުސީލެވެ. ޤުރްއާނުގައި އާއްމު ގޮތެއްގައި ގެންނަވައިފައިވަނީ ދިރިއުޅުމަށާއި ދިންނެވުމަށް ބޭނުންވާ އުސޫލީ ޙުކުމްތަކެވެ. އެ ޙުކުމްތަކުގެ ތަފުސީލު އެނގެނީ ހަދީސުންނެވެ. ހަމައެހެންމެ ޤުރްއާނުގެ އުސޫލީ ޙުކުމްތަކުގެ އަމަލީބައި ދައްކުވައިދެނީވެސް ހަދީސުންނެވެ. ނުވަތަ ސުންނަތުންނެވެ. ސުންނަތުގެ މުހިއްމުކަން ބޮޑުވަރީ، ސުންނަތާއި ޤުރްއާނާ މުޅީން ވަކިކޮށްލުމަކީ އެއްގޮތަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. ނުވަތަ ކޮށްގެންވާނޭ ކަމެއް ނޫނެވެ.

ދިރިއުޅުމުގެ ހުރިހައި ކަމަކަށް ބޭނުންވާ އިރުޝާދު ހަދީސު ފޮތްތަކުން ލިބެއެވެ. މިސާލަކަށް މުސްލިމެއްގެ ނިޔަތާއި ވިސްނުން ހުންނަންވާ ގޮތްވެސް ވަނީ ހަދީސުގައި ބަޔާންވެފައެވެ. މީގެ އިތުރަށް ނަމާދުގެ ހުރިހައި ތަފުސީލަކާއި ދިރިއުޅުމުގެ މުއާމަލާތްތަކުގައި އެހެން މީހުންނާ މުއާމަލާތްކުރާންވާ ގޮތާއި އެ މީހުންނާ ވާހަކަދައްކާންވާ ގޮތަށް ދާންދެން ވަނީ ހަދީސުގައި ބަޔާންވެފައެވެ. އާއިލީ އޮނިގަނޑު ރާވަންޖެހޭ ގޮތާއި ހަރާން ތަކެއްޗާއި ހަލާލު ތަކެތި ވަނީ ސާފުކޮށް ބަޔާންވެފައެވެ. އިޖްތިމާއީ މައްސަލަތައް ހައްލުކުރާނޭ ގޮތާއި ބައްޓަންކުރާނޭ ގޮތްވަނީ ތަފުސީލާއެކު ބަޔާންވެފައެވެ.

މި ދުނިޔޭގެ ކާމިޔާބީއާއި އާޚިރަތުގެ ދިންނެވުމަށް ބޭނުންވާ ހުރިހައި ކަމެއް ވަރަށް ތަފުސީލުކޮށް ހަދީސު ފޮތްތަކުގައި އެބަހުއްޓެވެ. ހަދީސުގައި ހުރި ވާހަކަތައް އުނގެނިގެން މެނުވީ އަހަރެމެންނަކަށް އިސްލާމްދީނުގެ ހުރިހައި ކަމެއް ނޭނގޭނެއެވެ. ދުނިޔޭގައި ރަނގަޅަށް އުޅެންވާ ގޮތެއް ނޭނގޭނެއެވެ.

ކީރިތި ޤުރްއާނަށް ފަހު އިސްލާމީ ތައުލީމުގެ އެންމެ ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ފެންނާން އޮތީ ހަދީސެވެ. ކީރިތި ރަސޫލާގެ ސުންނަތެވެ. ސައްހަ މަގުން އަހަރެމެންނާ ހަމައަށް އަންނަ ހަދީސެއްގެ މައްޗަށް އަމަލުކުޅައުމަކީ ކީރިތި ޤުރްއާނުގެ އެންގެވުންތަކަށް އަމަލުކުޅައުންހައި ބޮޑު ވާޖިބެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.