މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އަހަރެމެންގެ އެންމެ ފުރަތަމަ ތަރުބިއްޔަތުގާހަކީ ގެއެވެ. ގޭތެރެއިން ފުރިހަމައަށް ތަރުބިއްޔަތުވާ މީހާ ﷲގެ އަޅުތަކުންގެ ޙައްޤުތައް އަދާކުރުމާއެކު އޭނާގެ މައްޗަށް އޮންނަ ﷲގެ ޙައްޤުތައްވެސް ފުރިހަމައަށް އަދާކުރާނެއެވެ.
ކީރިތި ޤުރްއާނުގެ 46 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙް ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު ޢަމަލުތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ގަބޫލުކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް ވަޢުދުކުރައްވަމުން ގެންދެވި ތެދު ވަޢުދެވެ.] (އަލްއަޙްޤާފް: 15-16)
މި ދުނިޔޭގައި ނަސްލުތައް ކުރިއަރައިގެންދާން ﷲ ތަޢާލާ މެދުވެރިކުރައްވައި، އިރާދަކުރައްވައިފައިވާ ގޮތަކީ މަޔަކާއި ބަފައެއްގެ ޒަރީޢާއިން ދަރިން އުފަންވަމުން ދިއުމުގެ ނިޒާމެވެ. ދަރިން ބަލައި ބޮޑުކުރަނީ މައިންބަފައިންނެވެ. އެއީ އިންސާނާގެ ތަރުބިއްޔަތުގެ ޠަބީޢީ ނިޒާމެވެ. މި ނިޒާމު ގާއިމު ކުރައްވައިފައި ވަނީ އިންސާނާގެ ކިބައިގައި ޙައްޤުތަކާއި ފަރުޟުތަކުގެ ޝުއޫރު އުފެއްދެވުމަށްޓަކައެވެ. ތިމާގެ މުޙްސިނުގެ އިޙްސާންތެރިކަން ގަބޫލުކޮށް، އެ އިޙްސާންތެރިކަމުގެ ޙައްޤު އަދާކުރުމުގެ ޖަޒުބާތު އުފެއްދެވުމަށްޓަކައެވެ. މި ޖަޒުބާތުގެ ސަބަބުން މައިންބަފައިންގެ ޙައްޤުތައް އަދާކުރުމުގެ ތަރުބިއްޔަތުގެ އިތުރަށް އެހެން އިންސާނުންގެ ޙައެްޤުތައް އަދާކުރުމުގެ ތަރުބިއްޔަތުވެސް ލިބިގެން ދެއެވެ.
ފިޠުރަތޭ މިކިޔާ މުދައްރިސުގެ ފަރާތުން ފިލާވަޅު ލިބިގަންނަ މީހާ އޭނާގެ ޝުޢޫރުތައް ހޭލައްވައިލަނީ މައިންބަފައިންގެ ޙައްޤުތަކުން ފެށިގެން ގޮސް ﷲ ތަޢާލާގެ ޙައްޤުތައްވެސް ފިސާރި ރަނގަޅަށް ދެނެގަނެ އެ ޙައްޤުތައްވެސް އަދާކުރަމުން ގެންދާފަދަ މިންވަރަކަށެވެ. އާޚިރާތުގެ ދުނިޔޭގައި ﷲ ތަޢާލާގެ ނިމުމެއް ނެތް ރަޙުމަތުގެ ޙައްޤުވެރިންނަށް ވެގެން ދަނީ މިފަދަ މީހުންނެވެ.
ކޮންމެ މީހަކުގެވެސް ގެއަކީ އޭނާގެ ފުރަތަމަ ތަރުބިއްޔަތުގާހެވެ. މި ތަރުބިއްޔަތު ފެށެނީ މައިންބަފައިންނާ ހަމައިންނެވެ. އެޔަށް ފަހު މުޅި މުޖުތަމަޢަށް ފެތުރިގެން ހިނގައިދެއެވެ. އާދަމުގެދަރިޔާ މި ތަރުބިއްޔަތުގާހުން ފުރިހަމައަށް ތަރުބިއްޔަތު ލިބިގެންފިނަމަ އޭނާ ވާނީ ހަމައެކަނި އަޅުތަކުންގެ ޙައްޤުތައް އަދާކޮށްފައި ނިންމައިލާ މީހަކަށް ނޫނެވެ. އެ އާދަ ފުޅައުވެގެން ގޮސް ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުޅައުމުގެ ގާބިލުކަންވެސް އޭނާގެ ކިބައިގައި އަށަގެންފައި ހުންނާނެއެވެ.
