މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މުއުމިނަކަށްޓަކައި އީމާންކަން ވެގެންދަނީ ހައްދެއް ނެތް މިންވަރަށް ﷲއަށް އީމާންވުމަށެވެ. އީމާންކަމުގެ ސަބަބުން އޭނާގެ މުޅި ޝަޚުސިއްތަު ބަދަލުވެގެން ހިނގައިދެއެވެ. އޭނާގެ މުޅި ދިރިއުޅުން އާޚިރަތާ ދިމާއަށް އެނބުރިދެއެވެ.
އީމާންކަމުގެ ހަގީގަތަކީ ﷲ މައުރިފާވުމެވެ. ނުވަތަ ދެނެގަނެވުމެވެ. އެއްވެސް މީހަކަށް ﷲގެ ވުޖޫދުގެ ޔަގީންކަން ލިބި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހަގީގަތް ހިތުގައި ބިންވަޅުނެގޭގޮތް ވެއްޖެނަމަ އެމީހަކު އެހެރީ އީމާންވެގެންނެވެ. އީމާންކަމަކީ އެއީއެވެ.
މި ދެނެގަނެވުމަކީ އާދައިގެ ކަމެއް ނޫނެވެ. ﷲ އަކީ ހުރިހައި މަޚްލޫގެއް އުފެއްދެވި އަދި އެ މަޚްލޫގުންގެ ވެރި ކަލާނގެއެވެ. އަދަބު ދެއްވަނީވެސް އިނާމު ދެއްވަނީވެސް އެކަލާނގެއެވެ. އެއްވެސް މީހަކަށް އެކަލާނގެ އިންސާފަކުން ރެކިއެއް ނުގަނެވޭނެއެވެ. ކަލާނގެ މައުރިފާކުރެވުމާއެކު އިންސާނާގެ ދިރިއުޅުމަށް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް އާދެއެވެ. އޭނާގެ ވިސްނުން މުޅީން ބަދަލުވެގެން ގޮސް، އޭނާ ކުރާ ހުރިހައި ކަމެއް ﷲގެ ވަށައިގެން އެނބުރޭން ފަށައެވެ.
ނަތީޖާއަކީ އިންސާނާ ﷲގެ ކުރިފުޅުމަތީގައި (އޭނާގެ ހަގީގީ ހައިސިއްޔަތާ އެއްގޮތަށް) ނިކަމެތިވެގަތުމެވެ. ﷲގެ ނިޔާފުޅަށް ފުރިހަމައަށް ރުހިގަތުމެވެ. އޭނާގެ ހުރިހައި ސަމާލުކަމެއް ﷲއާ ދިމާއަށް އެނބުރުމެވެ. އެންމެފަހުން ގޮސް އޭނާގެ ދިރިހުރުމާއި މަރަކީ ހަމައެކަނި ﷲއަށް ޚާއްސަކޮށްފައިވާ ކަމަކަށް ވެގެން ހިނގައިދެއެވެ.
މި ބުނެވުނު އީމާންކަމުގެ ސަބަބުން އިންސާނާގެ ހުރިހައިކަމެއްގައި ﷲގެ [ކުލަ] ޖެހިދެއެވެ. އޭނާ ވާހަކަދައްކާނީ އޭނާގެ ވާހަކަތައް ﷲ އައްސަވައިވޮޑިގެންވާކަން ރަނގަޅަށް ދެނެހުރެއެވެ. އޭނާ ހިނގައިފައިދާއިރު ﷲ ނުރުއްސަވާ ގޮތަކަށް ފިޔަވަޅެއް އެޅިދާނެތީ ވަރަށް ބޮޑަށް ވިސްނާނެއެވެ. ކިބުރުވެރިވެވިދާނެތީ ފަރުވާތެރިވާނެއެވެ. އެހެން މީހުންނާ މުއާލަމާތްކުރާއިރު ﷲ ނުރުއްސަވާފަދަ ކަމެއް ކުރެވި، އެކަމުގެ ސަބަބުން އެކަލާނގެ ކޯފާވެވޮޑިގެންފާނެތީ ބިރުގަންނާނެއެވެ.
މި އީމާންކަމުގެ ސަބަބުން އިންސާނާގެ ދިރއުޅުން ސީދާ އާޚިރަތުގެ މައްޗަށް ބުރަވެގެން ހިނގައިދާނެއެވެ. ކުރާ ކޮންމެ ކަމެއްގައިމެ އޭނާގެ ނަޒަރު ހުއްޓިފައި ހުންނާނީ އާޚިރަތަށެވެ. މި ދުނިޔޭގެ ވަގުތީ ފައިދާއެއް ހޯދައިގަތުމުގެ ބަދަލުގައި އޭނާ ކުރާ ކޮންމެ ކަމެއް ކުރާނީ އާޚިރަތުގެ ފައިދާއަށް ވިސްނައިގެންނެވެ. މި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތުގެ ދިރިއުޅުމާ މެދު ވިސްނާ ކޮންމެ ފަހަރަކު އޭނާ މި ދުނިޔޭގެ ދިރިއުޅުމާމެދު ފަރުވާކުޑަކޮށްލައި އާޚިރަތުގެ ދިރިއުޅުމަށް އިސްކަންދޭނެއެވެ.
އޭނާގެ އީމާންކަން ވެގެންދާނީ އެއްވެސް ހައްދެއް ނެތި ﷲއަށް އީމާންވުމުގެ މައްޗަށެވެ. ކޮންމެ ވަގުތަކުމެ، ކޮންމެ ހާލަތެއްގައިމެ، އޭނާ އިތުރުބާރުކުރާނީ ﷲއަށެވެ. އީމާންކަމަކީ ފުރިހަމައަށް ﷲ މައުރިފާކުރެވުމަށް ފަހު، އޭނާގެ ހިތާއި ސިކުނޑީގައި އެ އީމާންކަން ބިންވަޅުނެގިދާނެއެވެ. އޭނާގެ މުޅި ޝަޚްސިއްޔަތު ބަދަލުވެ، މުޅީން ތަފާތު މީހަކަށް ވެގެން ހިނގައިދާނެއެވެ.
