(25 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މީހަކު ޙައްޤަށް އިންކާރުކުރާއިރު އިންކާރުކުރަނީ އަދި ޙައްޤަށް ފުރައްސާރަކުރާން ތެދުވާއިރު އެކަމަކީ ހަމަ ހުރެލައިފައި ކުރާކަމަކަށެއް ނުވާނެއެވެ. މީހަކު އެކަހަލަގޮތެއް ޚިޔާރުކުރާނީ ކޮންމެވެސް ގޮތަކުން ބާރެއް ލިބިގަނެގެންނެވެ. އެކަމަކާހުރެ އޭނާ ޙައްޤާ އެއްކިބާވާ ކޮންމެވެސް ބޮޑާވެގަތުމުގެ ވަސީލަތެއް އޮވެގެންނެވެ. ކީރިތި ޤުރްއާނުގެ ســـــورة الــغــافـــــر ގެ 83 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.
"ފަހެ އެބައިމީހުންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން އެބައިމީހުންގެގާތަށް ވަޑައިގަތްހިނދު، އެބައިމީހުންގެ ގާތުގައިވާ (ދުނިޔޭގެ) ޢިލްމަށްޓަކައި އެބައިމީހުން އުފާކުރިއެވެ. އަދި އެބައިމީހުން ފުރައްސާރަކޮށްއުޅުނު ކަންތައް އައިސް އެބައިމީހުން ވަށައިލިއެވެ." (الــغــافـــــر: 83)
ލޯބިވާ ދަރިފުޅާއެވެ. ރަސޫލުން ފޮނުއްވޭ ޤައުމުތަކުގެ މީހުން އޭގެމައްޗަށް ބިނާކޮށް ބޮޑާވެގަންނަ "ޢިލްމު" ތަކުގެތެރޭގައި އަޞްލުގެއްލި މަސްހުނިވެފައިވާ މަޒުހަބުތައްވެސް ހިމެނެއެވެ. ދިގުޒަމާންތަކެއް ވޭތުވުމުގެ ސަބަބުން އެޤައުމުތަކުގެ މީހުންގެ ގާތުގައި އެދީންތަކަކީ މުޤައްދަސް ދީންތަކެއް ކަމުގައިވަނީ ބެލެވިފައެވެ. ކާބަފައިންގެ އެބާވަތުގެ ދީންތަކަކީ އަބަދުވެސް ފެތުރިފައިވާ ދީންތަކެކެވެ. އެބައިމީހުން ޤަބޫލުކުރާ މާތް މީހުންތަކެއްގެ ނަންތަކެއް އެދީންތަކާ ގުޅިފައިއޮވެއެވެ. އެދީންތަކުގެ ބިންގަލުގެމަތީގައި ބޮޑެތިބޮޑެތި އިދާރާތަކެއް ހިނގަމުންދެއެވެ. އެބައެއްގެ ޤައުމިއްޔަތުގެ މުޅި އޮނިގަނޑު ބިނާކޮށްފައި ހުންނަނީ އޭގެމައްޗަށެވެ. ދިގު ތާރީޚެއްގެ ނަތީޖާއެއްގެގޮތުން އެދީނެއް އޮންނަނީ އެބައެއްގެގާތުގައި މަތީ މަޤާމުގެ ބޮންތި އަތުލައިފައެވެ.
ލޯބިވާ ދަރިފުޅާއެވެ. އަނެއްކޮޅުން ނަބީބޭކަލަކު ވަޑައިގެން އުފުއްލަވާ ތައުޙީދުގެ އަޑުފުޅު ހިމެނެނީ ވަގުތުގެ މާޙައުލަށް ބީރައްޓެހި އަޑުފުޅެއްކަމުގައެވެ. އެބޭކަލަކީ ޙައްޤުގެ ދާޢީއެއްކަމަށް ކުރައްވާ ދަޢުވާ ހިމެނިފައި އޮންނަނީ އެދަޢުވާއެއްގެ ފަހަތުގައި ކަށަވަރުކޮށްދިނުމުގެ ތާރީޚެއް އެހައިތަނަށް ލިޔެވިފައި ނޯންނަ ދަޢުވާއެއް ކަމުގައެވެ. އެބޭކަލެއްގެ އަތްޕުޅުގައި އެބޭކަލެއްގެ ނަބީކަން ސާބިތުކޮށްދެއްވާނެ މާއްދީ ދަލީލުތަކާއި ހެކިތަކެއް ނުހުރެއެވެ. މިތަފާތުގެ ސަބަބުން އެބަޔަކަށް އެނަބިއްޔަކު ފެންނަނީ ވަރަށްވެސް ނިކަމެތިކޮށެވެ. އެބަޔެއްގެ ކާބަފައިންގެ ދީން ފެންނަނީ ވަރަށް މާތް އެއްޗެއްގެ ގޮތުގައެވެ.
މިސާލެއްގެގޮތުން މާފަ ބުނަމެވެ. ސަލާމްލެއްވި ޢީސާގެފާނަކީ އަމިއްލަފުޅު ގެދޮރެއްނެތް ބޭކަލެކެވެ. އަވަހާރަފުޅު ލައްޕަވައި އުޅުއްވީ ގަސްގަހުގެ ދަށުގައެވެ. އަނެއްކޮޅުން ޔަހޫދީންގެ ދީނީ އިމާމުންތިބީ ހައިކަލުގެ މަތިވެރި ޢިމާރާތުގައެވެ. އެހެންވީއިރު ހައިކަލުގެ ޗެއަރމަނާ އަޅައިބަލާއިރު ޙައްޤުގައި ހުންނެވީ ގެއެއްދޮރެއްނެތި ބިކަހާލުކޮޅެއްގައި ހުންނެވި ބޭކަލަކުކަމުގައި ޢާންމުކޮށް ޤަބޫލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟
މާފަގެ ކުޑަދަރިފުޅާއެވެ. އިސްވެދިޔަ ޤައުމުތަކުގެ މީހުން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވި ނަބީބޭކަލުންނަށް ފުރައްސާރަކޮށް އުޅުނީ މިހެންވެގެންނެވެ. އެބައިމީހުން އެގޮތަށް ފުރައްސާރަކޮށް ހަދާއިރު އެބައިމީހުން ހީކުރަނީ ތިމަންމެން މިތިބީ ކާބަފައިންކުރެ އެވެނިމިވެނި "މާތްބޭކަލުން" ގެ ދާވަނިކޮޅުގައި ހިފަހައްޓައިގެން ކަމުގައެވެ. "އެބޭކަލުން" ނާ އަޅައިބަލާއިރު މި "މައްމީހާގެ" އޮތީ ކޮން ޙައިޘިއްޔަތެއް ހެއްޔެވެ؟ ކާބަފައިންގެ މި ފިހުރިސްތުގައި އިސްވެދިޔަ ނަބީބޭކަލުން ހިމެނިވަޑައިގެންފައިވިޔަސް ޢަމަލީގޮތުން އެބޭކަލުން ހިމެނިވަޑައިގެންފައިވަނީ ޤައުމީ އަބްޠާލުންކުރެ ބާވަތެއްގެ ބޭކަލުން ކަމުގައެވެ. ޙައްޤުގެ މަގަށް ގޮވައިލެއްވި ބޭކަލުން ކަމުގައެއްނޫނެވެ.
މާތް اللّــــه ގެ ކަލިމަފުޅު މަތިވެރިވުން
މަގުތަކުގެ ހަތަރުއަނގޮޅި ކަންމަތީގައި ސިގްނަލް ލައިޓް ބަހައްޓައިފައި ހުންނަ މަންޒަރު ދަރިފުޅު ވާނީ ދެކެފައެވެ. ސިގްނަލް ލައިޓުގައި ފެހިއައްޔާއި ރަތްއަލި ހުރެއެވެ. ފެހިއަލި ދިއްލައިފައި ހުންނަ ފަރާތުން އެއްޗެތި ދުއްވުން ހުއްދައެވެ. ރަތްއަލި ދިއްލައިފައި ހުރުމުގެ މާނަޔަކީ އެއްޗެހި ދުއްވުން މަނާވުމެވެ. އެއްވެސް ދުއްވާއެއްޗެއް އެނިޝާންތައް ދައްކާގޮތާ ޚިލާފުވެއްޖެކަމުގައިވާނަމަ އެއެއްޗެއް ދުއްވި މީހަކުވާނީ ވާހަނައިގެ ޤަވާޢިދާއި ޤާނޫނުގެ ދަށުން ކުށްވެރިވެ އަދަބު ޙައްޤުވެއްޖެ މީހެއްކަމުގައެވެ.
ތެދުމަގަށް ގޮވައިލާ މީހާއަކީވެސް މާފަ އިސްވެމިބުނި ލައިޓްޕޯސްޓްފަދަ މަގުދައްކައިދޭ މީހެކޭ އިސްތިޢާރީގޮތުން ބުނެވިދާނެއެވެ. އެއީ ޙަޔާތުގެ މަގުތަކުގައި މާތް اللّــــه ޢައްޔަން ކުރައްވައި ބައިތިއްބަވާ ބޭކަލުންނެވެ. ދާންވީ ކޮންދިމާޔަކަށްކަމާއި ނުދާންވީ ކޮންދިމާޔަކަށްކަން އެންގެވުމަށްޓަކައެވެ. ސުވަރުގެއާ ދިމާއަށް ދެވޭ މަގަކީ ކޮބައިކަމާއި ނަރަކަޔާ ދިމާޔަށް ދެވޭ މަގަކީ ކޮބައިކަން އޮޅުންފިލުއްވައި ދެއްވުމަށްޓަކައެވެ.
ތައުޙީދުގެ އެންމެ ފުރަތަމަ ދައުރަށްފަހު ޝިރުކަށް ކުރިލިބުމުގެ ދައުރު އައުމުން މާތް اللّــــه ގެ ޙަޟުރަތުން ވަޑައިގެންނެވި އެންމެހައި ރަސޫލުން ވަޑައިގެންނެވީ މާފަ މިކިޔައިދިން ޚާއްޞަ މަޤްޞަދުގައެވެ. މާތް اللّــــه އެބޭކަލުން ފޮނުއްވީ ޙަޤީޤަތް ދެނެވަޑައިގަތުމުގެ ފުރިހަމަ ޢިލްމު ދެއްވައިފައެވެ. އެޢިލްމުގެ އަލީގައި އެބޭކަލުންގެ ޤައުމުތަކަށް މަގުދެއްކެވުމަށްޓަކައެވެ. ދުނިޔަވީ ޙަޔާތުގައި ރަނގަޅު ކަންކަމަކީ ކޮބައިކަމާއި ނުބައިކަންކަމަކީ ކޮބައިކަން ވިސްނައިދެއްވުމަށްޓަކައެވެ. ކޮންމެ ނަބިއްޔަކުވެސް އެނަބިއްޔެއްގެ މިޒިންމާ ފުރިހަމަޔަށް އަދާކުރެއްވިއެވެ. އެބޭކަލުން މީހުންނަށް ވިސްނައިގަތުން ފަސޭހަ ބަހުރުވައިން ދަލީލުތަކުގެ ފުރިހަމަ ބާރާއެކު މީސްތަކުންގެ ކުރިމައްޗަށް ޙައްޤު ހުށަހެޅުއްވިއެވެ. މެދުކެނޑުމެއްނެތި އެކަން ހާމަކޮށްދެއްވިއެވެ. މީސްތަކުންގެ ކުރިމައްޗަށް މާތް اللّــــه ގެ މެސެޖް ހުށަހެޅުއްވުމަށްޓަކައި ޙުއްޖަތް ޤާއިމްކުރެއްވުމުގެ ކޮޅުނެތްކޮޅާ ހަމައަށް ވަޑައިގެންނެވިއެވެ. އެހެންކަމުން އެބޭކަލުންނަށް ތަބާވި މީހުން މާތް اللّــــه ގެ ޙަޟުރަތުގައި ހިމެނުނީ ސުވަރުގެވަންތަވެރީން ކަމުގައެވެ. އެބޭކަލުން ޤަބޫލުނުކޮށް، ބޯހަރުވެ ނުކިޔަމަންތެރިވެ އުރެދުނުމީހުން ހިމެނުނީ ނަރަކަވަންތަވެރީން ކަމުގައެވެ.
ލޯބިވާ ދަރިފުޅާއެވެ. ނަބީބޭކަލުން މެދުވެރިކުރައްވައި މާތް اللّــــه ތެދުމަގު ބަޔާންކުރެއްވުމާއެކު އެކަލާނގެ އެދިވޮޑިގަތުމުގައިވަނީ ދެވަނަފަހަރަށް ޙައްޤު ފާޅުވާށެވެ. ޙައްޤު އިޢުލާން ކުރެއްވުމަކީ މީސްތަކުންނަށް ޙައްޤު ފުރިހަމައަށް ބަޔާންކޮށްދެއްވުމެވެ. ހެޔޮއެދުމާއި ޙިކްމަތްތެރިކަން ލާޒިމުކުރާ ހުރިހައި ގޮތްތަކެއްގެ ބޭނުން ހިއްޕަވައިގެން މީސްތަކުންނަށް ޙައްޤަކީ ކޮބައިކަން އޮޅުންފިލުވައިދެއްވުމެވެ. އަޑުއަހާ އެއްވެސް ބަޔަކަށް ތިމަންމެންނަށް ޙައްޤަކީ ކޮބައިކަމެއް އެނގިފައެއް ނެތޭ ބުނެވޭނެ ޖާގައެއް ނޯންނަ ވަރަށެވެ. ތިމަންމެންނަށް ޙަޔާތުގެ ހެޔޮގޮތާއި ނުބައިގޮތް އެނގިފައެއްނެތޭ ނުބުނެވޭ ވަރަށެވެ. ޙުއްޖަތް ޤާއިމްކުރެއްވުމުގެ ކޮޅުނެތްކޮޅަކީ އެއީއެވެ.
ލޯބިވާ ދަރިފުޅު دائـنــــة އެވެ. ޙައްޤު ފާޅުކުރެއްވުމަކީ މާފަ މިކިޔައިމިދިން ވަރަށްވުރެވެސް މަތީ ދަރަޖައެކެވެ. ޙައްޤު ފާޅުކުރެއްވުމަކީ ދުނިޔޭގައި އެންމެމަތީ މަޤާމު ލިބިފައިވާ ފިކުރަކީ ޚާލިޞް ދީނީ ފިކުރުކަމުގައި ވުމެވެ. ދީނީ ފިކުރާ އަޅައިބަލާއިރު އެހެން ހުރިހައި ބާވަތެއްގެ ފިކުރުތަކުގެ ހަރުދަނާކަން ކެނޑި އޮބިގެންދިއުމެވެ. މާފަ އެހެން ޢިބާރާތަކުން ދަރިފުޅަށް ކިޔައިދޭނަމަ މާތް اللّــــه ގެ ކަލިމަފުޅު މަތިވެރިވުމެވެ. މާތް اللّــــه ގެ ކަލިމަފުޅު މަތިވެރިވުމުގެ މާނައަކީ ކޮންމެހެން އިސްލާމީ ހުރިހައި ޙައްދުތަކަކާއި ޤާނޫނުތަކެއް ވަގުތުން ތަންފީޒު ކުރެވުމެއް ނޫނެވެ. އަދި ކީއްހެއްޔެވެ! އެއީ ތައުޙީދުގެ ޢަޤީދާއަށް ފިކުރީގޮތުން އެންމެމަތީ މަޤާމު ލިބުމެވެ. ބޯދާ ޢިލްމުތަކާ އަޅައިބަލާއިރު ޒަމާނީ ޢިލްމުތަކަށް މިޒަމާނުގައި ލިބިފައިމިވާކަހަލަ މަޤާމެއް ދީނީ ފިކުރަށް ލިބުމެވެ. ޝަހެންޝާހިއްޔަތުގެ މައްޗަށް ޖުމްހޫރިއްޔަތަށް ލިބިފައިވާ ފިކުރީ ކާމިޔާބީފަދަ ކާމިޔާބީއެއް ދީނީ ފިކުރަށް ލިބުމެވެ. ހީކުރެވޭ ހީކުރުންތަކުގެ މައްޗަށް ބިނާވާ ފަލްސަފާއާ އަޅައިބަލާއިރު ތަޖްރިބާގެ މައްޗަށް ބިނާވެފައިވާ ސައިންސަށް ލިބިފައިވާފަދަ ފިކުރީ ކާމިޔާބީއެއް ދީނީ ފިކުރަށް ލިބުމެވެ. މިޒަމާނުގެ ސައިންޓިފިކް ދުނިޔޭގައި ބައެއް ޢިލްމުތަކަށް ވަނީ ވަރަށް މަތިވެރި މަޤާމެއް ލިބިފައެވެ. ބައެއް ޢިލްމުތައްވަނީ އެޢިލްމުތަކާ އަޅައިބަލާއިރު އޭގެ މަތިވެރިކަން ގެއްލިފައެވެ. ބާޠިލް ދީންތަކުގެ މައްޗަށް ޙައްޤުދީނަށްވެސް ލިބުން ބޭނުންވެފައިވަނީ މިބަޔާންކުރިފަދަ މަޤާމަކާއި ޤަދަރެކެވެ.
ލޯބިވާ ދަރިފުޅާއެވެ! މާތް اللّــــه އީ ކަށަކުޅަދުންވަންތަ ރަސްކަލާނގެއެވެ. އިރުގެ އަލި ބިމުގެ ހުރިހައި އަލިތަކެއްގެ މައްޗަށް ގަދަވާ ފަދައިން އެހެނިހެން ބާޠިލު ކަންކަމުގެ މައްޗަށް ޙައްޤު ފާޅުކުރައްވައި މަތިވެރި ކުރެއްވުމަކީ އެކަލާނގެ ރަސްކަންފުޅަށް ނުހަނު ފަސޭހަފުޅުކަމެކެވެ. ނަމަވެސް މިދުނިޔެއަކީ އިމްތިޙާނުގެ ދުނިޔެ ކަމުގައިވާތީ މާތް اللّــــه އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތައްވެސް ޢާންމުކޮށް ފާޅުކުރައްވަނީ އަސްބާބުތަކުގެ ތެރެއިންނެވެ. މުޢުޖިޒާގެ ސިފައިގައެއް ނޫނެވެ. އެހެންކަމުން މާތް اللّــــه މިންވަރުކުރެއްވީ އަސްބާބުތަކުގެ ދާއިރާގައި މިމަޤްޞަދަށްޓަކައި ބޭނުން ހުރިހައި ކަންތައްތަކެއް ފުރިހަމަ ކުރައްވާށެވެ. އެއަށްފަހު ޚާއްޞަގޮތެއްގައި އެކަލާނގެ ޙަޟުރަތުން ކާމިޔާބާއި ނަޞްރު މިންވަރު ކުރައްވައިފައިވާ ނަބީބޭކަލަކު ފޮނުއްވާށެވެ. އެބޭކަލަކު އިލާހީ މިޝަންގައި އަމިއްލަފުޅަށް ޝާމިލުވެވަޑައިގަތުމަށެވެ. އެބޭކަލެއްގެ މަސައްކަތްޕުޅަކީ ހަމައެކަނި ޙައްޤު އިޢުލާން ކުރެއްވުމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ޙައްޤު ފާޅުކުރެއްވުންވެސް މެއެވެ. މާތް اللّــــه ގެ އަޅުތަކުންގެ މައްޗަށް ބަރަކާތުގެ ދޮރުތައް ހުޅުވުމަށްޓަކައެވެ. އެއީ އެބައިމީހުންގެ މޮޔަކަމުން އެބައިމީހުންގެ މައްޗަށް ބަންދުކޮށްފައިހުރި ދޮރުތަކެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުގައި އިޝާރާތް ކުރައްވައިފައިވާ ފަދައިންނެވެ.
"އެބައިމީހުން އެދެނީ އެބައިމީހުންގެ އަނގަތަކުން ފުމެ، اللّــــه ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނު ކަމުގައިވިޔަސް اللّــــه އެކަލާނގެ ނޫރުފުޅު ފުރިހަމަކުރައްވާ ހުއްޓެވެ. އެކަލާނގެއީ ތެދުމަގާއި ޙައްޤުދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހައި ދީންތަކުގެ މައްޗަށް އެދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ." (ســــورة الـصّـفّ: 8-9)
رســـول اللّــــه صـلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީޘްކުރައްވައިފައިވެއެވެ. ތިމަންކަލޭގެފާނަކީ ސަލާމްލެއްވި إبــــراهــيـــــم ގެފާނުގެ ދުޢާފުޅެވެ. إبــــراهــيـــــم عــلــيـــه الـسّــلام، كــعـــبـــة اللّــــه ގެފުޅު ބިނާކުރެއްވިއިރު ދުޢާފުޅު ކުރެއްވިއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާގެ ދަރިފުޅު إسمـــــاعـــيــــل ގެ ދަރިކޮޅުން ރަސޫލަކު ފޮނުއްވާނދޭވެ! ނަމަވެސް إبــــراهــيـــــم ގެފާނުގެ މިދުޢާފުޅު ކުރެއްވުމާ ރަޙްމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وســلّـــــم ރައްކައުވުމާ ދެމެދު ގާތްގަނޑަކަށް ދެހާސް ފަސްސަތޭކަ ވަރަކަށް އަހަރުގެ ރާސްތާއެއް ވެއެވެ. މިތާނގައި ވިސްނައިލަންޖެހޭކަމެއް އެބައޮތެވެ. ސަލާމްލެއްވި زكـــــــريــّـا ގެފާނު އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބިއްޔަކު ލެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވުމުން އެއްއަހަރުގެ ތެރޭގައި އެކަލޭގެފާނަށް يحــــيى ގެފާނު ލިބިވަޑައިގެންފިއެވެ. ނަމަވެސް إبــــراهــيـــــم ގެފާނު ހަމަ އެބާވަތުގެ ދުޢާފުޅެއް ކުރެއްވުމުން އެދުޢާފުޅު ޤަބޫލުކުރެއްވުމުގެ ޢަމަލީ ނަތީޖާ ފާޅުވުމާމެދު ދެހާސް ފަސްސަތޭކަ ވަރަކަށް އަހަރުގެ މުއްދަތު ހޭދަވިއެވެ. މިތަފާތުގެ ސަބަބަކީ ކޮބައިތޯއެވެ؟
(ނުނިމޭ)


