އާޚިރަތްދުވަހަކީ ޔަގީން ދުވަހެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲ ތަޢާލާ އިންސާނާ ހައްދަވައިފައިވަނީ އަބަދީ މަޚްލޫގެއްގެ ގޮތުގައެވެ. އޭނާގެ ދިރިއުޅުން ވަނީ ދެބަޔަކަށް ބައްސަވައިފައެވެ. ކުޑަދުވަސްކޮޅެއް ހޭދަ ކުރާނީ މި ދުނިޔޭގައެވެ. މިއީ އަމަލުގެ ބައެވެ. ދެވަނަބައި އޮތީ އާޚިރަތުގައެވެ. އެއީ ދާއިމީ ބައެކެވެ. ދުނިޔޭގައި ކުޅަ ކަންކަމުގެ ބަދަލު ލިބިގަތުމުގެ ދައުރަކީ އެއީއެވެ.


ﷲ ތަޢާލާ އިންސާނާ ހައްދަވައިފައިވަނީ އަބަދީ މަޚްލޫގެއްގެ ގޮތުގައެވެ. މާނައަކީ ދުވަހަކުވެސް ނެތިގެން ނުދާނޭ މަޚްލޫގެއްގެ ގޮތުގައެވެ. އިންސާނާގެ ދިރިއުޅުން ވަނީ ދެބަޔަކަށް ބައްސަވައިފައެވެ. މި ދުނިޔޭގައި ދިރިއުޅޭ ގޮތަށް މިންވަރު ކުރައްވައިފައިވަނީ ދިރިއުޅުމުގެ ފުރަތަމަ ބައެވެ. އެއީ ކުޑަ ދުވަސްކޮޅެކެވެ. އެ ދުވަސްކޮޅު ހަމަވުމުން، މަރުވުމަށް ފަހު، ދެވަނަ ބައި އޭނާ ހޭދަކުރާނީ އާޚިރަތުގެ ދުނިޔޭގައެވެ. މި ދުނިޔޭގެ ބަޔަކީ އަމަލުކުރުމުގެ ބައެވެ. އާޚިރަތުގެ ދުނިޔެއަކީ ދުނިޔޭގެ އަމަލުތަކުގެ ނަތީޖާ ފެންނަ ދުނިޔެއެވެ.

މި ދުނިޔެއަކީ އުނިކަމާއެކު ހައްދަވައިފައިވާ ދުނިޔެއެކެވެ. އާޚިރަތުގެ ދުނިޔެއަކީ ހުރިހައި ގޮތަކުންވެސް ފުރިހަމަ ދުނިޔެއެކެވެ. ފަނާވުމެއް ނެތް ދުނިޔެއެކެވެ. އެ ދުނިޔޭގައި އިންސާނާއަށް ބޭނުންވާ ކޮންމެ އެއްޗެއްމެ، ވަނީ އެންމެ ފުރިހަމަ ގޮތުގައި ލައްވައިފައެވެ.

ﷲ ތަޢާލާ ސުވަރުގެ ލައްވައިފައި ވަނީ އާޚިރަތުގެ ދުނިޔޭގައެވެ. ސުވަރުގެއަކީ ހުރިހައި ނިޢުމަތެއް ފުރިހަމަ ކުރައްވައިފައިވާ ތަނެކެވެ. މި ދުނިޔޭގައި އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އަޅުކަންކޮށް، އެކަލާނގެ ރުއްސަވާ މަގުން ހިނގި އެންމެން ވަންނާނީ އާޚިރަތުގެ ދުނިޔެއަށެވެ. ދުނިޔޭގައި އާޚިރަތް ދުވަހާ ހަމައަށް އުޅުނު އެންމެން ހަމަވީމާ ﷲ ތަޢާލާ އެ މީހުންނަށްޓަކައި ތައްޔާރު ކުރައްވައިފައިވާ އަބަދީ ޖަގަހަ ކަމުގައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައި، އެންމެން އެތަނަށް ވައްދަވާނެއެވެ.

ދެން ތިބޭނީ ﷲ ތަޢާލާ ނުރުއްސަވާ މަގުން ހިނގައި، ﷲ ނޫން ފަރާތްތަކަށް އަޅުކަންކޮށް އުުޅުނު މީހުންނެވެ. ކިބުރުވެރިކަމާއި ދެކޮޅުވެރިކަމާއެކު ﷲއަށް ފުރަގަސްދިން މީހުންނެވެ. އެ މީހުން ވާނީ ސުވަރުގެއިން މަހުރޫމުކުރައްވާ މީހުން ކަމުގައެވެ.

މި ދުނިޔޭގައި އަހަރެމެންނަކަށް ﷲއެއް ނުފެނެއެވެ. އެކަމަކު އާޚިރާތުގެ ދުނިޔޭގައި އެކަލާނގެ ފުރިހަމަ ބާރުފުޅާއި ޝާނާއެކު ފައުޅުވެވޮޑިގަންނަވާނެއެވެ. އެ ވަގުތު އެންމެން އެކީގައި އެކަލާނގެއަށް ބޯލަނބާނެއެވެ. އެކަމަކު އެ ވަގުތު ބޯލެނބުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ބޯލެނބުމުގެ ފައިދާއެއް ކުރާނީ މި ދުނިޔޭގައި ﷲ ލޮލަށް ނުފެންނަ ހާލުގައި ތިބެގެން ބޯލެނބީމައެވެ. އާޚިރަތް ދުވަހު ﷲ ލޮލަށް ފެނިގެން ކިޔަމަންތެރިކަން އަދާކުރުމަކީ އެއްވެސް ފައިދާއެއް ވާނޭ ކަމެއް ނޫނެވެ.

މަރަކީ އިންސާނާގެ ނިމުމެއް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ދެވަނަ ދައުރުގެ ފެށުމެވެ. މަރަކީ ދެ ދައުރުގެ މެދެވެ. މަރުގެ ވަގުތުކޮޅަކީ އޭނާ މި ވަގުތީ ދުނިޔެއިން ވަކިވުމާއި އާޚިރަތުގެ ދާއިމީ ދުނިޔެއަށް ވަނުމާ ދެމެދު ހޭދަކުރާ ކުޑަ ވަގުތުކޮޅެކެވެ. އޭނާ މި ދުނިޔެއިން ނުކުމެގެން ގޮސް ވަންނަނީ އާޚިރަތުގެ ދުނިޔެއަށެވެ. އެއީ ކޮންމެ މީހަކުވެސް ވަންނާނޭ ދުނިޔެއެކެވެ. އާޚިރަތުގެ އިންސާފާއި ނަތީޖާއަކީ އެއްވެސް މީހަކަށް އެއިން ސަލާމަތްވެގެން ދެވޭނޭ ކަންކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.