މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އިންސާނުން އުފެއްދެވުމަށް ފަހު ﷲ ވަނީ އެބައިމީހުންނަށް މިނިވަންކަން ދެއްވައިފައެވެ. އާޚިރަތުގެ އަޒާބުންނާއި ދާއިމީ އަދަބަކުން އޭނާއަށް ސަލާމަތް ވެވޭނީ ފުރިހަމަ އިޚްތިޔާރާއެކު ﷲ އަށް ކިޔަމަންގަތީމައެވެ.
ކީރިތި ޤުރްއާނުގެ 33 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނަތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެ އަމާނަތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާ ވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ. (އެއީ) މުނާފިޤް ފިރިހެނުންނާއި، މުނާފިޤް އަންހެނުންނާއި، ޝަރީކްކުރާ ފިރިހެނުންނާއި، ޝަރީކްކުރާ އަންހެނުންނަށް ﷲ އަޒާބު ދެއްވުމަށްޓަކައެވެ. އަދި މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނަށް ﷲ ތައުބާ ލެއްވުމަށްޓަކައެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.] (އަލްއަޙްޒާބް: 72-73)
ކާއިނާތަކީވެސް އަދި އިންސާނާއަކީވެސް ﷲގެ މަޚްލޫޤުންނެވެ. މި ދެ މަޚްލޫޤުންގެ ކިބައިންވެސް އެދެވިގެންވާ ކަމަކީ ﷲގެ އަމުރުފުޅުގެ ދަށުގައި ކިޔަމަންތެރިކަމާއެކު ތިބުމެވެ. އެކަމަކު މި މަޚްލޫޤުންގެ ކިބައިގައި ތަފާތެއް އެބަހުއްޓެވެ. ކާއިނާތު ﷲއަށް ކިޔަމަންތެރިކަމުގައި ދެމިއޮންނަނީ މަޖުބޫރު ވެގެންނެވެ. އެހެން އެއްވެސް ގޮތެއް ނެތީމައެވެ. އިންސާނާއަށް ﷲ މިންވަރު ކުރައްވައިފައި ވަނީ އޭނާގެ ފުރިހަމަ އިޚްތިޔާރާއެކު، މިނިވަން ވިސްނުމެއްގެ ބޭނުންކޮށްގެން ﷲއަށް ކިޔަމަންތެރިކަން އަދާކުރާށެވެ.
މަތީގައި ބަޔާންކުރެވުނު އާޔަތުގައި އަމާނަތެއް ކަމުގައި އަންގަވައިފައިވަނީ ތަކުލީފުތަކެވެ. ނުވަތަ އިޚްތިޔާރުތަކެވެ. އިޚްތިޔާރަކީ އަމާނަތެއް ކަމުގައި އަންގަވައިފައި ވަނީ އެކަލާނގެ ދެއްވައިފައިވާ ބާރާއި އިޚްތިޔާރަކީ އިމްތިޙާނެއްގެ ގޮތުގައި ދެއްވައިފައިވާ ވަގުތީ އެއްޗަކަށް ވާތީއެވެ. އެއީ އިންސާނާ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ﷲއަށް ކިޔަމަންތެރިކަން އަދާކުރާނޭ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މި އާމަނަތް ގަބޫލުކުޅައުމަކީ އެހެން ބަހަކުން ބުނާނަމަ ﷲގެ ގާއިމްމަގާމަކަށް ވުމެވެ. ޚަލީފާއަކަށް ވުމެވެ. ﷲ ތަޢާލާ އިރުހަނދާއި ތަރިތަކާއި މި ނޫންވެސް އެހެން މަޚްލޫޤުންނާ މެދު ކަންތައް ކުރައްވާ ގޮތަށް އިންސާނާ ޚުދު އޭނާގެ ނަފުސާމެދު ކަންތައް ކުރުމެވެ. އެބަހީ ތިމާގެ އަމިއްލަ އިޚްތިޔާރުގައި ތިމާގެ ހުރިހައި ކޮންޓުރޯލެއް ﷲ ތަޢާލާއަށް ދޫކޮށްލުމެވެ.
މި ކާއިނާތުގައި ޙާކިމަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެން ހުރިހައި މަޚްލޫޤުންނަކީ މަޙްކޫމުންނެވެ. އަމުރުފުޅުގެ ދަށުގައިވާ ތަކެއްޗެވެ. އެކަމަކު އެކަލާނގެ އިރާދަކުރެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެކަލާނގެ ބޭނުންވެވޮޑިގެންވާ ކަންތައްތައް އެ ބައެއްގެ އިޚްތިޔާރާއެކު ކުރަމުން ގެންދާނޭ މަޚްލޫޤެއް އުފައްދަވާށެވެ. މި އިޚްތިޔާރީ ކިޔަމަންތެރިކަމަކީ ވަރަށް ނާޒުކު އިމްތިޙާނެކެވެ. އުޑުތަކާއި ބިމާއި ފަރުބަދަތަކަށްވެސް މި އިމްތިޙާނު ތަހައްމަލެއް ނުކުރެވުނެވެ. މި ކަމުގައި އެކުލެވިފައިވާ ހިރާސްތަކާއެކުވެސް އިންސާނާ ވަނީ އިމްތިޙާނު ގަބޫލުކޮށްފައެވެ. އެހެންވީމާ މި ދުނިޔޭގައި އިންސާނާ ވެފައި ވަނީ ﷲ ހަވާލު ކުރައްވައިފައިވާ އަމާނަތެއްގެ ބެލެނިވެރިން ކަމުގައެވެ. އޭނާއަށް ޖެހެނީ ﷲ ތަޢާލާ އެހެން މަޚްލޫޤުންނާ މެދު ކަންތައް ކުރައްވާ ގޮތަށް ޚުދު ތިމާގެ އަމިއްލަ ނަފުސާމެދު ކަންތައް ކުރާށެވެ. އަމިއްލަ ނަފުސުގެ މައްޗަށް ﷲގެ ޙުކުމްފުޅުތައް ތަންފީޒު ކުރާށެވެ. އިންސާނާ ދިރި އުޅެނީ އިމްތިޙާނުގެ ހާލަތެއްގައެވެ. މާސިންގާ ދުނިޔެއަކީ އޭނާގެ އިމްތިޙާނު ޖަގަހައެވެ.
މި އަމާނަތަކީ ވަރަށް ނާޒުކު ޒިންމާއެކެވެ. އެހެނީ ޖަޒާއާއި ސަޒާ އުފެދެނީ މި އަމާނަތުގެ ސަބަބުންނެވެ. އެހެން މަޚްލޫޤުންނަށް ޖެހިފައި ވަނީ މަޖުބޫރުވެފައި ވާތީ، ﷲއަށް ކިޔަމަންގަތުމުގައި ދެމި ތިބޭށެވެ. އެހެންވީމާ އެ މަޚްލޫޤުންގެ ކުރިމަތީގައި ޖަޒާއާއި ސަޒާގެ މައްސަލައެއް ނެތެވެ. އިންސާނާއަކީ މިނިވަން މަޚްލޫޤެކެވެ. ޖަޒާއާއި ސަޒާގެ ޙައްޤުވެރިއަކަށް އޭނާ ވަނީ އެހެން ވެގެންނެވެ.
