އިންސާނާގެ ކިބައިގައި އުނިކަން ލެއްވީ ކީއްވެ؟

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ދުނިޔޭގައި އިންސާނާ ކުރިމަތިލާ މައްސަލަތަކުގެ ޙަޤީޤީ ސަބަބަކީ އޭނާ މިނިވަންކަން ނަހަމަގޮތުގައި ބޭނުން ހިފުމެވެ. މިނިވަންކަމުގެ ބޭނުން ހަމަގޮތުގައި ހިފާ މީހަކަށް އިނާމު ލިބޭނެއެވެ. ނަހަމަގޮތުގައި ހިފާ މީހަކަށް ލިބޭނީ އަދަބެވެ.


ކީރިތި ޤުރްއާނުގެ 67 ވަނަ ސޫރަތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އެކަލާނގެ ޔަދުޤުދްރަތްފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. ރަޙްމާނުވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، ތަކުރާރުކޮށް ނަޒަރުހިންގައި ބަލާށެވެ! އެއްވެސްކަހަލަ ޚަލަލެއް ތިބާޔަށް ފެނޭހެއްޔެވެ؟ ދެންވެސް ތަކުރާރުކޮށް ދެފަހަރަށް ނަޒަރުހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ ހާލުގައި (ތިބާގެ) ނަޒަރު އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު ޒީނަތްތެރިކުރެއްވީމެވެ. އަދި ޝައިޠާނުންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޝައިޠާނުންނަށް ނަރަކައިގެ ޢަޒާބު ތައްޔާރުކުރެއްވީމެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވި މީހުންނަށް ނަރަކައިގެ ޢަޒާބު ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.] (އަލްމުލްކް: 1-6)

ދުނިޔޭގައި ކަންހިނގާ މަގަށް ބަލާއިރު ބާވަތެއްގެ ފުށުއެރުމެއް ފާހަގަކުރެވެއެވެ. އިންސާނާ ފިޔަވައި މުޅި ކާއިނާތު ހިނގަމުން ދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީން، ތަރުތީބުކަމާއެކު، އިންތިހާއަށް ސީދާ އުސޫލުތަކެއްގެ މަތީންނެވެ. އެއްވެސް ކަހަލަ ކިލަނބުކަމެއް، ކަތިކަމެއް ނެތް ގޮތެއްގައެވެ. މިޔާ ޚިލާފަށް އިންސާނާގެ ދިރިއުޅުމުގައި ފެންނަނީ ފަސާދައާއި އަނިޔާވެރިކަމުގެ މަންޒަރުތަކެވެ. ސަބަބަކީ އިންސާނުން އުފައްދަވައިފައިވާ ގޮތް ތަފާތުވުމެވެ. އިންސާނާ ދުނިޔޭގައި އުޅެނީ އިމްތިޙާނުގެ ޙާލަތެއްގައެވެ. އިމްތާޙަނަކީ ލާޒިމީ ގޮތުން ޢަމަލުގެ މިނިވަންކަމަށް ބޭނުންވާ ކަމެކެވެ. ދުނިޔޭގައި ފަސާދަ އުފައްދައި އަނިޔާވެރިވެ އުޅުމުގެ ފުރުސަތު އިންސާނާއަށް ލިބެނީ މި ބުނެވުނު ޢަމަލުގެ މިނިވަންކަމުގެ ސަބަބުންނެވެ.

އިންސާނީ ދުނިޔޭގެ އަނިޔާވެރިކަމަކީ އިންސާނީ މިނިވަންކަމުގެ އަގެވެ. މި ހާލަތު ނެތްނަމަ އަނިޔާވެރިވުމުގެ ފުރުސަތު ނުލާހިކު ރަނގަޅަށް ލިބިފައި އޮތުމާއެކުވެސް، އަނިޔާވެރިކަމުން ދުރުވެގަތް އަގުހުރި މީހުން ވަކިކުރާނީ ކިހިނެއް ހެއްޔެވެ؟ ދެކޮޅުވެރިކަމާއި ފަސާދައިގެ ފުރުސަތު ލިބިފައި އޮތުމާއެކުވެސް އެއިން ކަމެއް ނުކޮށް ސީދާވެގަންނަ މީހުންގެ އަގު ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟

އިންސާނާ ފިޔަވައި ކާއިނާތުގައި ލައްވައިފައިވާ އެއްވެސް އެއްޗަކަށް ސުވަރުގެއެއްވެސް، ނަރަކައެއްވެސް ނެތެވެ. އިންސާނާ ލައްވައިފައި ވަނީ މުޅީން ތަފާތު ގިންތިއެއްގައެވެ. އޭނާއަކީ ޒިންމާދާރު މަޚްލޫޤެކެވެ. އިސްތިސްނާއެއްގެ ގޮތުގައި ޙައްޤާއި ބާޠިލު ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ވަނީ އިންސާނާއަށް ދެއްވައިފައެވެ. މިއަދު މިއޮތް ހާލަތަކީ ކުރިމަގުގައި އޮންނާނޭ ތަފާތުގެ ނިޝާނެކެވެ. މިއިން އެނގެނީ އެންމެ ފަހުން އިންސާނާގެ ޢަމަލުތަކުގެ ނަތީޖާ ބެއްލެވޭނޭ ކަމެވެ. އިމްތިޙާނުން ކާމިޔާބީ ހޯދި މީހުންނަށް އިނާމު ލިބޭނޭ ކަމެކެވެ. ނާކާމިޔާބީއާ ކުރިމަތިލާ މީހުންނަށް ޙައްޤު އަދަބު ލިބޭނޭ ކަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.