ނަމާދުކުރުމަކީ މަޑުމޮޅިކަން އަންނަ ކަމެއް

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ނަމާދަކީ އިންސާނާ މަޑުމޮޅިކޮށްލާ ކަމެކެވެ. ހިތްތިރިކަމާއި ހެޔޮކަން ގެންނަ ކަމެކެވެ. ﷲއާއި އިންސާނާއާ ދެމެދު އޮންނަ ގުޅުމާއި އެހެން މީހުންނާ ދެމެދު އޮންނަ ގުޅުންވެސް ބަދަހިވެގެންދާ ކަމެކެވެ.


ނަމާދުކުރުމަކީ ﷲއަށް އަޅުކަންކުރުމެވެ. އެއީ އިސްލާމުންނަށް ކޮންމެ ދުވަހަކު ފަސް ފަހަރު އަދާކުރުން ފަރުޟު އަޅުކަމެކެވެ. ޖަމާޢަތުގައި އަޅުކަން ކުރުން ޚާއްސަވެފައި ވަނީ މިސްކިތްތަކަށެވެ.

ނަމާދުކުރުމަށްޓަކައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވުޟޫކުރުމެވެ. މޫނާއި އަތާއި ފައި، ފެނުން ދޮވުމުގެ ސަބަބުން އަބަދުވެސް ތާހިރު ދިރިއުޅުމެއް އުޅުމުގެ އިހުސާސް ހޭލައްވައެވެ. އޭނާ ނަމާދުކުރާން ފަށަނީ ﷲ އަކްބަރު (މަތިވެރިގެންވާ ފަރާތަކީ ހަމައެކަނި ﷲއެވެ.) ކިޔަމުންނެވެ. އެއީ ﷲ ފިޔަވައި މަތިވެރިކަމުގެ ދަރަޖަ ހައްގުވެގެންވާ އެެހެން ފަރާތެއް ނެތް ކަމަށް އިއުތިރާފުވުމެވެ. އޭނާއަށް އެންމެ އެކަށީގެންވާ ގޮތަކީ ތިމާގެ ނިކަމެތިކަމާއި އަޅުވަންތަކަން ގަބޫލުކޮށްގެން ދުނިޔޭގެ ދިރިއުޅުން ވޭތުކުރަމުން ގެންދިއުމެވެ.

ނަމާދު ނިންމަނީ ކަނާތްފަރާތަށާއި ވައަަތްފަރާތަށް ބަލައިލުމަށް ފަހު އައްސަލާމް ޢަލައިކުމް (ތިބާގެ މައްޗަށް ސަލާމަތާއި ރައްކާތެރިކަމާއި ﷲގެ ރަޙްމަތް ހުއްޓެވެ.) އޭ ކިޔައިލުމުންނެވެ. މިއީ ނަމާދު ނިންމުމަށް ފަހު ނަމާދުގެ ޒަރީޢާއިން ތަރުބިއްޔަތުވެގެން އޭނާ ކުރިމަތިލާ ދުނިޔޭގައި، އޭނާގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަން އެންމެންނަށް ލިބިގެންވާކަމާއި އެމީހުންނަށް ﷲގެ ރަޙްމަތްލެއްވުން އެދިގެން އޭނާ ހުރިކަން ދައްކައިދޭ މިސާލީ ކަމެކެވެ. އޭނާ ހުންނާނީ އަމާންކަމާއި ސުލްހައަށް އެދޭ މީހެއްގެ ގޮތުގައިކަން އަންގައިދޭ ކަމެކެވެ. އެއްވެސް މީހަކާމެދު ނުނިޔަތްލައިގެން، ނުބައި ވިސްނުމަކާއެކު މުއާމަލާތް ނުކުރާނޭކަން އަންގައިދޭ ކަމެކެވެ.

ނަމާދަކީ ﷲއަށް ކިޔަމަންވުމުގެ ގޮތުން ކުރާ އަޅުކަމެކެވެ. ﷲ ވޮޑިގެންވުމަށް ކުރާ އިއުތިރާފެކެވެ. ހުރިހައި މަތިވެރިކަމަކާއި ރަނގަޅުކަމެއް ޚާއްސަވެގެންވަނީ ﷲއަށް ކަމަށް ގަބޫލުކުރުމާއެކު އެކަލާނގެއަށް ސަޖިދަޖަހަނީއެވެ.

އެއް ނަޒަރަކުން ބަލާއިރު ނަމާދުން އިންސާނާ ތައްޔާރުކޮށް ދެނީ މީސްތަކުންގެ މެދުގައި ތެދުވެރި އިންސާނެއްގެ ގޮތުގައި ދިރިއުޅޭށެވެ. މީހުންނާ މުއާމަލާތްކުރުމުގައި ތަވާޟުއުވެރިކަމާއި ހަމްދަރްދީގެ ޖަޒުބާ އިސްކުރާށެވެ. ނަމާދުގެ ސަބަބުން ﷲއާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވެއެވެ. ހަމައެހެންމެ އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުންވެސް ރަނގަޅުވެގެން ދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.