ތެދުބަހުން ވާހަކަދެއްކުން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ކާއިނާތުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގައިލިޔަސް ފެންނާނީ ތެދުވެރިކަމުގެ އުސޫލެވެ. ކޮންމެ މުއުމިނަކުވެސް ހިފަހައްޓަން ޖެހޭ އުސޫލަކީ މިއީއެވެ.


ކޮންމެ މުއުމިނަކުވެސް ވާންވާނީ ތެދުވެރިއަކަށެވެ. އަބަދުވެސް ތެދުބަހުން ވާހަކަދައްކާ މީހަކަށެވެ. ކަމަކާ ބެހޭ ގޮތުން ވާހަކަދައްކާނަމަ، ދައްކާނީ ސީދާ އެކަމެއް ހިނގި ގޮތަށެވެ. މުއުމިނަކަށް ދޮގު ހަދާކަށް ނުކެރޭނެއެވެ. ކަމެއް ހިނގި ގޮތަށް ސީދާ ތެދުބަހުން ނުބުނެއެއް ނުހުރެވޭނެއެވެ. ތެދުބުނުމަކީ ކޮބައިހެއްޔެވެ؟ ތެދުބުނުމަކީ އެ މީހަކަށް އެނގިފައި އޮންނަ އެއްޗަކާ ބުނާވާހަކަޔާ ތަފާތު ނުވުމެވެ. އެނގިފައި އޮތް އެއްޗެއް ސީދާ ބުނުމެވެ. އޭނާއަށް އެނގިފައި އޮތް އެއްޗަކާ އޭނާ ބުނާ ވާހަކަޔާ ސައްތައިން ސައްތައަށް ދިމާވުމެވެ. މިޔާ ޚިލާފަށް، ދޮގުހެދުމަކީ އޭނާއަށް އެނގިފައި އޮންނަ އެއްޗަކާ ދައްކާ ވާހަކަޔާ ދިމާނުވުމެވެ. ދައްކާނީ މުޅީން ތަފާތު ވާހަކައެކެވެ.

ތެދުވެރިވުމަކީ މުއުމިނާގެ ޝަޚްސިއްޔަތުގެ އެންމެ މުހިއްމު އެއް ބައެވެ. އޭނާ ކޮންމެ ކަމެއްވެސް ބަޔާންކުރާނީ އެކަމެއް އޮތް ގޮތަށެވެ. އިރުހަނދާއި ކޯރުތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި ގުރަހަތަކަށް ދާންދެން ގާއިމުވެފައި ވަނީ ތެދުގެ މަތީގައެވެ. އެއިން ކޮންމެ އެއްޗެއްވެސް ފެންނާނީ ހަގީގަތާ އެއްގޮތަށެވެ. ﷲ ގެ ކާއިނާތުގައި އެއްވެސް އެއްޗެއް ދޮގުގެ މަތީގައި ގާއިމު ކުރައްވައިފައެއް ނެތެވެ. އެއްވެސް އެއްޗެއްގެ ހަގީގަތް ވަކި ގޮތަކަށް އޮވެފައި މުޅީން އެހެން ސޫރައެއް ނުދައްކައެވެ.

ކާއިނާތުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގައިލިޔަސް ފެންނާނީ ފިތުރަތުގެ މި އުސޫލެވެ. ކޮންމެ މުއުމިނަކުވެސް ހިފަހައްޓަން ޖެހޭ އުސޫލަކީ މިއީއެވެ. އޭނާ ވާން ޖެހޭނީ ދެފުށްކެހެރިކަމާއި ދޮގުވެރިކަމާ ދުރުހެލިވެގެން އުޅޭ މީހަކަށެވެ. މުއުމިނުންނަކީ ހުރިހައި ކަމެއްގައިވެސް ތެދުވެރިންނެވެ. އޭނާގެ މުޅި ވުޖޫދު އުފެދިފައިވަނީ ތެދުވެރިކަމުގެ މައްޗަށެވެ. މުއިމިނަކު ފެނުމާއެކު ހިތަށް އަރާނީ މިއީ އެތެރެފުށާއި ބޭރުފުށުންވެސް ފިސާރި ތެދުވެރި މީހެކޭއެވެ.

ތެދުބަހުން ވާހަކަދެއްކުމަކީ މުއުމިނާގެ ސިޔާސަތެއް ނޫނެވެ. އެއީ އޭނާގެ ދީނެވެ. ތެދުވެރިކަން ދޫކޮށްލައި ފައިދާހުރި އެހެން ކަމެއް ޚިޔާރުކުޅައުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ. އޭނާ ތެދުބަހުން ވާހަކަދައްކަނީ ތެދުބަހުން ވާހަކަ ނުދައްކައި އޭނާއަށް ދިރިނުހުރެވޭނެތީއެވެ. އޭނާ ތެދުބަހުން ވާހަކަދައްކަނީ ދޮގުހެދުމަކީ ޚުދު ތިމާގެ އަމިއްލަ ނަފުސު ހަނދާން ނައްތައިލުން ކަމުގައި ވާތީއެވެ. އަމިއްލަ ނަފުސު ހަނދާންނައްތައިލާފަދަ ކަމެއް ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.