މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވާނީ އެ މީހަކު ކުޅަ ކަމެއްގެ ޖަޒާއެވެ. ކަނޑާން ލިބޭނީ އިންދި އެއްޗަކުންނެވެ. އެއްވެސް މީހަކު ކުރާ މަސައްކަތެއްގެ ފައިދާ އެހެން މީހަކަށް ނުލިބޭނެއެވެ.
ކީރިތި ޤުރްއާނުގެ 53 ވަނަ ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. [އަދި ކީއްހެއްޔެވެ؟ މޫސާގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ ޚަބަރު އޭނާޔަށް ނުލިބެނީހެއްޔެވެ؟ އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، އިބްރާހީމުގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ. އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފަޔެއް ނުއުފުލާނެތެވެ. އަދި އިންސާނާޔަށް އޭނާ ކުޅަ ޢަމަލެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން، އޭނާ ކުޅަ ޢަމަލެއް ނިކަންހުރެ އޭނާ ދެކޭނެތެވެ. ދެން އޭނާ ކުޅަ ޢަމަލަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ. އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.] (އައްނަޖްމް: 36-42)
އިންސާނުން ހެއްދެވުމަށް ފަހު ﷲ ތަޢާލާ އެބައިމީހުންނަށް ހިދާޔަތު ދެއްވުމަށްޓަކައި ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވަމުން ގެންދެވިއެވެ. އެކި ދައުރުދައުރުގައި އެކި ގައުމުތަކަށް ނަބީބޭކަލުން ނުވަތަ ރަސޫލުބޭކަލުން ވަޑައިގެން ﷲގެ ހިދާޔަތު ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. ދިރިއުޅޭން ބޭނުންވާ ހުރިހައި އެއްޗެއް އިންސާނުންނަށް ލިބެނީ މި ދުނިޔެއިންނެވެ. އެކަމަކު ދިރިއުޅޭނޭ އުސޫލުތައް އެ މީހުންނާ ހަމައަށް އަންނަނީ އުޑުންނެވެ.
ކޮންމެ ނަބީބޭކަލަކީވެސް، ކޮންމެ ރަސޫލުބޭކަލަކީވެސް އެއް މިންވަރެއްގައި ﷲގެ މަންދޫބުންނެވެ. އެކަމަކު ޒަމާނާއެކު މި ބޭބޭކަލުން ގެންނެވި ހިދާޔަތާއި ފޮތްތައް ވަނީ ބަދަލުވެފައެވެ. ނުވަތަ މުޅީން ނެތިގެން ގޮސްފައެވެ. މި ހިދާޔަތުގެ ސިލްސިލާ ދެމިގެން ގޮސް އެންމެ ފަހުން ކީރިތި ޤުރްއާނާއެކު ޢަރަބިކަރައިގެ ރަސޫލުބޭކަލަކު ވަނީ ފޮނުއްވައިފައެވެ. އެއީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނުގެ ހިދާޔަތާއި ފޮތް ވަނީ ޤިޔާމަތާ ހަމައަށް ރައްކާތެރިކުރައްވައި، ދުނިޔޭގެ ނިމުމާ ހަމައަށް ދިރިއުޅޭނޭ ހުރިހައި އިންސާނުންނަށް މަގު ދައްކާނޭ ވަސީލަތެއް ކަމުގައި ލައްވައިފައެވެ.
ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ޒަރީޢާއިން އަހަރެމެންނަށް ފައުޅުކުރެއްވި ޙަޤީޤަތަކީ ކޮންމެ އާދަމުގެ ދަރިއަކުވެސް، އޭނާ ކުރާ ކޮންމެ ޢަމަލެއްގެ ޖަޒާޔާ ކުރިމަތިލާނޭ ކަމެވެ. ތިމާގެ ޢަމަލުތަކުގެ ނަތީޖާއިން ރެކިގަތުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެހެން މީހަކު ސަލާމަތްކޮށް ދިނުމަކީވެސް އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުން މެދުވެރި ކުރައްވައި ﷲ ތަޢާލާ ދެއްވައިފައިވާ އިންޒާރަށް ސަމާލުކަން ނުދޭ ކޮންމެ މީހަކީ ވިސްނުން ކޮށި މީހެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.
ﷲގެ ނިސްބަތުގައި އިންސާނާގެ މުޢާމަލާތްތަކަށް ބަލާނަމަ އޭނާގެ ކޮންމެ ޢަމަލެއްގެ ޒިންމާދާރަކީ ޚުދު އޭނާއެވެ. އެއްވެސް މީހެއްގެ ޢަމަލުތަކުގެ ނަތީޖާގައި ބައިވެރިވުމަކީ އެހެން މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެއްވެސް ސިފައެއްގައި އެހެން މީހަކަށް އެހީތެރިވުމަކީވެސް އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ލިބޭނީ އެ މީހަކު ކުޅަ މަސައްކަތެއްގެ އަގެވެ. އެއްވެސް ހާލެއްގައި އެހެން މީހަކު ކުރާ މަސައްކަތެއްގެ އަގެއް އޭނާއަކަށް ނުލިބޭނެއެެވެ.
