މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ދުޅަހެއު ސިއްހަތެއްގައި ހުރުމަށްޓަކައި އިންސާނާއަށް ރަނގަޅު ކާނާ ބޭނުންވާ ފަދައިން ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކުން ފިލާވަޅުތައް ލިބިގަތުމަކީ މުއުމިނެއްގެ ރޫޙާނީ ދުޅަހެއުކަމަށްޓަކައި ބޭނުންވާ ކަމެކެވެ.
ކޮންމެ މުއުމިނަކީވެސް އިބުރަތް ލިބިގަތުމުގެ މިޒާޖު ހުންނަ މީހެކެވެ. ވަށައިގެން ހިނގާ ކަންތައްތަކުން ފިލާވަޅު ލިބިގަތުމުގެ މިޒާޖު ހުންނަ މީހެކެވެ.
އީމާންކަން، އާދަމުގެ ދަރިޔާ ހައްސާސް މީހަކަށް ހަދަނީ އޭނާގެ ތަބީއަތުގެ ސަބަބުންނެވެ. އޭނާ މަސައްކަތްކުރާނީ ކޮންމެ ކަމެއްގެވެސް އެންމެ ފުނަށް ވާސިލުވާށެވެ. އޭނާގެ މިޒާޖުގައި ހުންނާނީ ކަންތައްތަކަށް މަތިމަތީން މަންޒަރު ހިންގައިލުމުގެ ބަދަލުގައި ސީދާ ފުނަށް ވިސްނައި ބެލުމުގެ އާދައެވެ. ބައެއް މީހުން މަތިމަތީން ބަލައިލައިފައި ދޫކޮށްލާ ކަންތައްތަކުން އޭނާ ނުހަނު ގިނަ އިބުރަތްތައް ލިބިގަނެއެވެ. ފިކުރު ހިންގުމުގެ ތެރެއިން ލައިފައި ގޮސް އޭނާ ފިލާވަޅު ލިބިގަނެއެވެ.
މިއީ ވަރަށް މަތިވެރި އީމާނީ ސިފައެކެވެ. މި ސިފައިގެ ސަބަބުން އިންސާނާ އެތައް ސިފައެއްގެ ވެރި ޝަޚުސިއްޔަތަކަށް ބަދަލުކޮށްލައެވެ. ކޮންމެ އެއްޗަކުންވެސް އޭނާ އެތައް އައު ކަންތައްތަކެއް ދެނެގަނެއެވެ. ހޯދައިގަނެއެވެ. ފެތުރިފައިވާ މިވާ މާސިންގާ ކާއިނާތު އޭނާގެ ރޫހަށް ރިޒުގުލިބޭ ސުފުރާއަކަށް ބަދަލުވެގެން ހިނގައިދެއެވެ.
އިރުގެ އަލިކަމުން އޭނާއަށް ފެންނަނީ މައުރިފަތުގެ ނޫރެވެ. ވައިރޯޅިން އޭނާ ތަޖުރިބާކުރަނީ ރައްބާނިއްޔަ ބީއްސެވުމެވެ. ފެހި ގަސްގަހާއި ކުލަކުލައިގެ މޭވާއިން އޭނާއަށް ފެންނަނީ ކާއިނާތުގެ ފުރިހަމަކަމުގެ ހަގީގީ މާނައެވެ. ކޮންމެ ބަހާރު މޫސުމަކުން އޭނާއަށް ފެންނަނީ އެޔަށްވުރެ ފުރިހަމަ އެހެން ބަހާރު މޫސުމެކެވެ. ކޮންމެ ޚަރީފު މޫސުމަކުން އޭނާއަށް ފެންނަނީ އެޔަށްވުރެ މާނަފުން އެހެން ޚަރީފު މޫސުމެކެވެ.
އިންސާނީ އަދި ޣައިރު އިންސާނީ ކޮންމެ ވާގިއާއެއްވެސް އޭނާއަށްޓަކައި ވެގެންދަނީ ނަސޭހަތުގެ ޚަޒާނާއަކަށެވެ. އޭނާ އެހެން މީސްމީހުންގެ އިލްމުން އޭނާގެ އިލްމުގެ ޚަޒާނާ މުއްސަނދިކުރަމުން ގެންދެއެވެ. އެހެން މީސްމީހުންގެ ކަތިފިޔަވަޅުތަކަކީ އޭނާގެ އިސްލާހުގެ ސަބަބެއްކަމުގައި ހަދައެވެ. ކުދި ހިނިން ފެށިގެން ބޮޑެތި ޖަމަލުތަކާ ހަމައަށް، ކޯރުތަކުން ފެށިގެން ބޮޑެތި ފަރުބަދަތަކާ ހަމައަށް، ކޮންމެ އެއްޗަކުންވެސް އޭނާގެ އިލްމަށް އިތުރު ފަހިކަމެއް ގެނެސްދޭ ކަންތައްތަކެއް އޭނާ ދެކެގަނެއެވެ. މި ތަޖުރިބާތަކުގެ ސަބަބުން އިލްމީ ކަނޑުގެ އެންމެ ފުނަށް އޭނާ ވާސިލުވެގަނެއެވެ.
މާއްދީ ކާނާއަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެއްޗަކަށް ވާފަދައިން އިބުރަތާއި ނަސޭހަތަކީ އިންސާނާގެ ރޫހުގެ ކާނާއެވެ. މާއްދީ ކާނާއަކީ ޖިސްމާނީ ސިއްހަތުގެ ސަބަބަކަށް ވާފަދައިން ނަސޭހަތާއި އިބުރަތަކީ ރޫހާނީ ސިއްހަތުގެ ސަބަބެވެ.
