މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
އަވަށްޓެރިންނަށް ކަމޭހިތުމަކީ ކޮންމެ އިސްލާމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަވަށްޓެރިޔާގެ ފަރާތުން ފެންނަ ހިތްހަމަ ނުޖެހޭ ކަންތައްތައް ހަނދާން ނައްތައިލައި އޭނާއަށް އިހުސާންތެރިވުމަކީ އިސްލާމީ ސުލޫކުގެ ބައެކެވެ.
އަވަށްޓެރިޔާއަކީ ކޮންމެ މީހަކުގެވެސް އެންމެ ގާތް މީހާއެވެ. އާއިލާގެ މީހުން ފިޔަވައި އެންމެ ގިނައިން ފެނިދެނިވާ މީހަކީ އަވަށްޓެރިޔާއެވެ. އަވަށްޓެރިޔާ އުފަލުގައި ބެހެއްޓުމާއި ގާތް ގުޅުމެއް އުފެއްދުމަކީ ރައްބާނިއްޔަ ދިރިއުޅުމެއްގެ މުހިއްމު އެއް ބައެވެ.
އަވަށްޓެރިޔާއަކީ ތިމާގެ ދީނުގެ މީހަކަށް ވިޔަސް ނުވަތަ އެހެން ދީނެއްގެ މީހަކަށް ވިޔަސް އަދި ތިމާގެ ގައުމުގެ މީހަކަށް ވިޔަސް ނުވަތަ އެހެން ގައުމެއްގެ މީހަކަށް ވިޔަސް، އެމީހަކަށް އެހީތެރިވުމާއި ގަދަރުކުރުމާއި އިހުތިރާމުކުރުމަކީ ކޮންމެ ހާލަތެއްގައިވެސް ކުރަންޖެހޭނޭ ކަމެކެވެ. އިންސާނިއްޔަތުކަމުގެ މީޔާރަކީ އެއީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސުކުރައްވައިފައިވެއެވެ. [ﷲ ގަންދީ ވިދާޅުވަމެވެ. އެއީ މުއުމިނެއް ނޫނެވެ. ﷲ ގަންދީ ވިދާޅުވަމެވެ. އެއީ މުއުމިނެއް ނޫނެވެ. ﷲ ގަންދީ ވިދާޅުވަމެވެ. ތިމާގެ އަވަށްޓެރިޔާ އެމީހެއްގެ ނުބައިކަމުން ސަލާމަތްވެގެން ނުވާ މީހާއަކީ މުއުމިނެއް ނޫނެވެ.] މި ހަދީސުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި އިސްލާމަކު އޭނާގެ އަވަށްޓެރިޔާއަށް އުނދަގޫކުރުމުގައި ދެމިހުރުމުގެ ސަބަބުން، އަވަށްޓެރިޔާއަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނަމަ އަދި އޭނާ، އޭނާގެ އަވަށްޓެރިޔާގެ ހިތުގައި ޖައްސާ މީހަކަށް ވެއްޖެނަމަ، އެ މީހެއްގެ އީމާންކަމާއި އިސްލާންކަމާމެދު ޝައްކު އުފެދޭނެއެވެ.
ކޮންމެ މީހަކުގެވެސް އިންސާނިއްޔަތުކަމާއި ދީނީ ޖަޒުބާތުގެ ފުރަތަމަ އިމްތިހާނަކީ އަވަށްޓެރިޔާއެވެ. މީހަކުގެ ކިބައިގައި އެފަދަ ހެޔޮ ޖަޒުބާތެއް ހުރިކަމުގެ ހެއްކަކަށް ވާނީ އޭނާގެ އަވަށްޓެރިޔާއެވެ. އޭނާ އިސްލާމީ ހުކުމްތަކާމެދު ހައްސާސްކަމާއެކު ވިސްނާކަމުގެ ހެއްކަކީވެސް އަވަށްޓެރިޔާއެވެ.
ތިބާގެ އަވަށްޓެރިޔާ ހިތްހަމަޖެހިފައި ހުންނަ ނަމަ ނުވަތަ ތިބާ އޭނާޔާ މުއާމަލަތްކުރާ ގޮތާމެދު އުފަލުން ހުންނަ ކަމުގައި ވަނީނަމަ ތިބާއަކީ ރަނގަޅު މީހެކެވެ. އަވަށްޓެރިޔާ ތިބާޔާމެދު ހިތްހަމަ ނުޖެހިފައި ހުންނަ ނަމަ، ތިބާއަކީ ރަނގަޅު މީހަކަށް ނުވާނެއެވެ.
އަވަށްޓެރިޔާއާ ބެހޭ ގޮތުން އިސްލާމްދީން އަންގާ އެންގުންތަކަށް ބަލައިލީމާ، އަވަށްޓެރިޔާއަށް އިސްކަންދީ، ހެޔޮކޮށް ހިތުމަކީ ލާޒިމުކަމެއްކަން އެނގެއެވެ. އަވަށްޓެރިޔާގެ ފަރާތުން ފެންނަ ހިތްހަމަ ނުޖެހޭ ރަވައްޔާ ހަނދާން ނައްތައިލައި އޭނާޔާ މެދު އިހުސާންތެރިކަމާއެކު އަމަލުކުރުމަކީ އިސްލާމީ ރަނގަޅު ސުލޫކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރަނގަޅު އަވަށްޓެރިޔައަކަށް ވުމަކީ ރަނގަޅު އިންސާނަކަށް މީހާ ވެގެންދާ ކަމެކެވެ. ﷲގެ ރަޙްމަތް އޮހެނީ އެފަދަ މީހުންގެ މައްޗަށެވެ.
