ސާދާކަމުގެ ރީތިކަން

މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


ﷲއަށް އަޅުވެތިވުމުގައި ދިރިއުޅޭ މީހެއްގެ ދިރިއުޅުން ސާދާވެގެން ދާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސާދާ ދިރިއުޅުމެއްގެ ތެރޭގައި އުޅޭ މީހަކު އަބަދުވެސް މަސައްކަތްކުރާނީ ދިރިއުޅުމުގެ ހަގީގީ މާނައިގައި ދިރިއުޅޭށެވެ.


މުއުމިނާއަކީ ﷲ ތަޢާލާ މައުރިފާކޮށްގަންނަ މީހާއެވެ. ﷲ މަޢުރިފާކޮށްގަންނަ މީހާ (ﷲ ލިބިގަންނަ މީހާ) މަތިވެރި ހަގީގަތްތަކެއްގެ ތެރޭގައި ދިރިއުޅޭން ފަށައެވެ. އޭނާ ހުންނަނީ މާއްދީ ނުވަތަ ބޭރުފުށުގެ އެއްޗެއްސަށްވުރެ މާ މަތީގައެވެ. އޭނާ ޝައުގުވެރިވާނީ މައުނަވީ އެއްޗިއްސަށެވެ.

މި ބުނެވުނުފަދަ އިންސާނެއްގެ މިޒާޖުގައި ތަބީއީގޮތުން ހުންނާނީ ސާދާކަމެވެ. އޭނާގެ ނަޒަރިއްޔާއަކަށް ވާނީ މިއެވެ. [ސާދާ ދިރިއުޅުމެއް ވޭތުކުރާށެވެ. އެކަމަކު ވިސްނުން މަތިވެރި ދަރަޖައެއްގައި ހިފަހައްޓާށެވެ.]

މާނަވީ ހަގީގަތްތަކުގެ ރަހަ ލިބިގަންނަ މީހަކަށް އެއްވެސް ކަހަލަ މާއްދީ އެއްޗަކުން ނުވަތަ ބޭރުފުށުގެ އެއްޗަކުން [ލާނެ ރަހައެއް] ނުހުންނާނެއެވެ. އޭނާއަށް އެންމެ މީރުވާނީ ސާދާކަމުގެ ރަހައެވެ. ދެއްކުންތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމުގެ މައްޗަށް އޭނާގެ ޝައުގުވެރިކަމެއް ނުހުންނާނެއެވެ. އޭނާގެ ރޫހަށް ހަމަޖެހުން ލިބޭނީ ގުދުރަތީ އެއްޗެހިންނެވެ. މަސްނޫއީ ތަކެތީންނާއި ގުދުރަތީ ނޫން އެއްޗެހީގެ މައްޗަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނުހުންނާނެއެވެ. އެފަދަ އެއްޗެހި އޭނާއަށް ފެންނާނީ އޭނާގެ ރޫޙާނީ ދިރިއުޅުމަށް ހުރަސްއަޅާ އެއްޗެހީގެ ގޮތުގައެވެ.

ސާދާކަމަކީ މުއުމިނާގެ ހަކަތައެވެ. ބާރެވެ. މަދަދުގާރެވެ. ސާދާކަން އިޚްތިޔާރުކުރުމުގެ ސަބަބުން ބޭނުމެއް ނެތް އެއްޗެހީގެ ތެރޭގައި ވަގުތު ނަގައިނުލުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އުފެދެއެވެ. ބޭނުމެއް ނެތް އެއްޗެހީގައި ބަނދެވިގެން އުޅުމުގެ ބަދަލުގައި އޭނާ ހުންނާނީ މަތިވެރި މަގުސަދެއް ހާސިލުކުރުމަށްޓަކައި ކަމަރުބަނދެގެންނެވެ.

ސާދާކަމަކީ މުއުމިނާގެ ފަރުވާއެވެ. ޣިޒާއެވެ. ސާދާކަން ވެގެންދާނީ އޭނާގެ ތަވާޟުޢުވެރިކަމުގެ ލިބާހެއް ކަމުގައެވެ. އޭނާގެ ޝަޚުސިއްޔަތު ރަނގަޅަށް ތަރުބިއްޔަތުވެގެން ދާނީ ސާދާކަމުގެ މާހައުލެއްގައެވެ. ސާދާކަމަކީ މުއިމިނާގެ ރީތިކަމެވެ. އޭނާގެ މުޅި ދިރިއުޅުމެވެ. މުއުމިނަކަށް މަސްނޫއީ ވިދުވަރުގެ ތެރެއަށް ވަދެވިއްޖެނަމަ އޭނާއަށް އިހުސާސްކުރެވޭނީ ހުރަގެއެއްގައި ބަންދުވެފައި ހުރެވެނީ ކަމުގައެވެ.

މުއުމިނާ ހުރިހައި ކަމެއްގައިވެސް، ހުރިހައި ހާލަތެއްގައިވެސް ބަލާނީ ތިމާއަކީ ﷲގެ އަޅެއް ކަމުގައެވެ. ނަތީޖާއަކީ އެކަލާނގެ އަޅުވެތިކަމުގެ ތެރޭގައި ދިރިއުޅެން އާދަވެފައިވާ މީހަކަށް އޭނާ ވުމެވެ. އަޅުވެތިކަމުގެ ތެރޭގައި ދިރިއުޅޭ މީހެއްގެ މިޒާޖު ސާދާވެގެން ދިއުމަކީ ނުވެނުދާނޭ ކަމެކެވެ. ސާދާ ދިރިއުޅުމަކުން ބޭރުގައި އުޅުމަކީ އޭނާގެ މިޒާޖާ ގުޅޭ ކަމަކަށް ނުވާނެއެވެ. އެހެންވީމާ އެފަދަ ދިރިއުޅުމެއް ޚިޔާރުކުޅައުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.