މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ޙައްޖުގެ ސަބަބުން އިންސާނާ ﷲއާއި އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނާ ގާތްކުރުވައެވެ. މީގެ އިތުރަށް މި އަޅުކަމުގައި ބައިވެރިވާ އެންމެހައި އިސްލާމުންގެ މެދުގައި އެކުވެރިކަން އާލާވެއެވެ.
ޙައްޖަކީ އަޅުކަމެކެވެ. އެއީ ކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއް ފަހަރު އަދާކުރުން ފަރުޟު އަޅުކަމެކެވެ. ކުޅަދާނަކަން (މާލީ ގޮތުންނާއި، ގާބިލިއްޔަތުގެ ގޮތުން) ލިބިފައި ނެތް މީހަކަށް ޙައްޖު ފަރުޟެއް ނޫނެވެ.
ޙައްޖު ވުމަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް ދަތުރުކުރަން ޖެހެނީ ހިޖާޒުކަރައަށެވެ. ސުޢޫދީ ޢަރަބިއްޔާއަށެވެ. ޙައްޖުވެރިޔާ މައްކާއަށް ގޮސް ގެފުޅު ވަށައިގެން ޠަވާފުކުރެއެވެ. ޞަފާ ފަރުބަދަ އާއި މަރުވާ ފަރުބަދަޔާ ދެމެދު ހިނގައެވެ. އެއީ ސަޢްޔުކުރުމެވެ. ޢަރަފާތުގައި މަޑުކުރެއެވެ. ތިން ޖަމްރާއަށް ހިލަ އުކައެވެ. ހަދްޔު ކުރެއެވެ. އެއީ ނަޢަމް ސޫތްޕެއް ގުރުބާންކުރުމެވެ. ނަޢަމް ސޫތްޕަކީ ޖަމަލެއް ނުވަތަ ގެރިއެއް ނުވަތަ ބަކަރިއެކެވެ. މިފަދަ ތަފާތު އަޅުކަންތަކެއް ޙައްޖުމަހު ކުރުމަށް ކިޔާ ނަމަކީ ޙައްޖުވުމެވެ.
ޙައްޖަކީ ތިމާ ހެއްދެވި ކުޅަދުންވަންތަ ﷲއާ ހަވާލުވެގަތުމުގެ މިސާލެކެވެ. ބުނެވުނު އަމަލުތައް ކުޅައުމުން ޙައްޖުވެރިޔާ އަހުދުވަނީ ﷲއަށްޓަކައި އޭނާގެ މުޅި ނަފުސު [ވަގުފު] ކުރުމަށެވެ. އޭނާގެ މުޅި ދިރިއުޅުން ﷲގެ މަގުގައި ވޭތުކުރުމަށެވެ. ﷲއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރުމަށެވެ.
ޙައްޖުވުމުގައި، ޙައްޖުވެރިން ގެފުޅު ބިނާކުރެއްވި ދެބޭކަލުން ކަމުގައިވާ އިބްރާހީމް ޢަލައިހިއްސަލާމާއި އިސްމާޢީލް ޢަލައިހިއްސަލާމްގެ މަތީން ހަނދާންކުރެއެވެ. މާތް ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަނދުމަފުޅާ ގުޅިފައިވާ ތަންތަނަށް ޒިޔާރަތްކޮށް ބަލައިހަދައެވެ. އިސްލާމްދީން ފެށުމުގެ ތާރީޚު ގުޅިފައިވާ ތަންތާނގައި އޭނާ ދުވަސްކޮޅެއް ހޭދަކުރެއެވެ.
ވުމާއެކު ޙައްޖު ވެގެންދަނީ އިންސާނާ ﷲއާއި އެކަލާނގެ ފޮނުއްވި ނަބީބޭކަލުންނާ ގުޅުމުގެ ޒަރީޢާއެއް ކަމުގައެވެ. އެ މީހުން، އިސްލާމްދީންމަތީގައި އުޅުއްވި ހެޔޮ އަޅުތަކުންގެ ޒިކުރާ އައުކުރެއެވެ. އެކަން ވެގެން ދަނީ އިސްލާމީ ތާރީޚާ ދިރިހުރި ގުޅުމެއް އުފެއްދުމުގެ ވަސީލަތްތަކެއް ކަމުގައެވެ.
ޙައްޖަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ، ﷲއަށް އަޅުކަންކުރާ މީސްތަކުން އެކަތިގަނޑަކަށް ހަދައިދޭ ކަމެކެވެ. ދުނިޔޭގެ ހުރިހައި މުއުމިނުންގެ ހިތުގައި ވަކި ކަމެއް ބިންވަޅުނަގައިދެއެވެ. އެއީ ކޮންމެ ގައުމެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް، ކޮންމެ ނަސްލެއްގެ މީހަކު ކަމުގައި ވިޔަސް، ހުރިހައި މުއުމިނުންނަކީ އެއްބައެއް ކަމެކެވެ. އެއީ އެއްކައުވަންތަ ﷲއަށް އަޅުކަންކުރުމުގެ ބައިނަލްއަގުވާމީ އިއްތިހާދެއް ރަމްޒުކޮށްދޭ ކަމެކެވެ. ޙައްޖުވެރިން އެތައް ގައުމަކަށް ނިސްބަތްވީ ނަމަވެސް ﷲއަށް އަޅުކަންކުރުމުގެ ނިސްބަތުގައި އެއީ އެއްބައެކެވެ. އަދި އަބަދުމެ ތިބޭނީވެސް އެއްބައެއްގެ ގޮތުގައެވެ. ޙައްޖުގެ ހަގީގަތަށް ބަލާއިރު އެއީ ﷲއަށް ކުރެވޭ އަޅުކަމެކެވެ. އެ އަޅުކަމުގެ ޢަމަލީ ބަޔަށް ބަލާއިރު ވަރަށް ގިނަ މިއްލީ ފައިދާތައް ހިމެނޭ އަޅުކަމެއް މެއެވެ. އޭގެ ތެރެއިން އެއް ފައިދާއަކީ މުއުމިނުންގެ އިއްތިހާދެވެ.
