މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
މުއުމިނަކީ ﷲ ތަޢާލާ އޭނާއަށްޓަކައި ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައި ދިރިއުޅޭ މީހާއެވެ. މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ﷲގެ ރަޙްމަތް ހައްގުވެގެންވަނީ އެ އިމުގެ ތެރޭގައި އުޅޭ މީީހާއެވެ.
މި ކާއިނާތުގައި ﷲ ވަނީ އެތައް ތަރިއަކާއި ގުރަހައެއް ލައްވައިފައެވެ. މި ތަރިތަކާއި ގުރަހަތައް ދަނީ ބޮޑުމިން އެނގުމެއްނުވާ ޖައްވެއްގައި ދައުރާނަކުރަމުންނެވެ. ޖައްވަކީ މި ބުނެވުނު ތަރިތަކާއި ގުރަހަތައް ދައުރާނަވުމަށް ލިބިފައިވާ މާސިންގާ ޖާގައެކެވެ. އެކަމަކު މި ޖާގައިގެ ތެރޭގައި ދައުރާނަވާއިރުވެސް އެއިން އެއްވެސް ތަރިއެއް ނުވަތަ ގުރަހައެއް އަނެއް ތަރިއަކާ ނުވަތަ ގުރަހަކާ މުޑިއަރާ ގޮތެއް ނުވެއެވެ.
މި ފުރިހަމަކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ. ސިއްރަކީ ކޮންމެ ތަރިއެއްވެސް އެންމެ ފުރިހަމަ ގޮތުގައި އެ ތަރިއަކަށް ޚާއްސަކުރެވިފައިވާ މަގުން، ކަތިނުވެ ދަތުރުކުރަމުންް ދިއުމެވެ. އެއިން އެއްވެސް ތަރިއެއް ނުވަތަ ގުރަހައެއް އޭގެ މަގުން ޒައްރެއްގެ މިންވަރަށްވެސް ކަސިޔާރުވެގެންނެއް ނުދެއެވެ. ތަރިތަކާއި ގުރަހަތައް އެކަތި އަނެއްކައްޗާ މުޑިނާރަނީ ހަރަކާތްކުރުމުގެ ގާނޫނާ އެ ތަކެތި ޚިލާފުނުވާތީއެވެ. މުޑިިއެރުން މަނާކުރަނީ މި ގާނޫނެވެ.
އިންސާނުންގެ ކިބައިންވެސް ފެނުން އެދެވިގެންވާ ހަމައަކީ މިއީއެވެ. އިންސާނާގެ [ދުވުން] ނުވަތަ ހަރަކާތްތެރިވުންވެސް ﷲ ތަޢާލާ ހަމަޖައްވައިފައިވަނީ ވަކި ހައްދެއްގެ ތެރޭގައެވެ. ކޮންމެ އިންސާނަކުވެސް ހަރަކާތްތެރިވާން ޖެހޭނީ މި ދާއިރާގެ ތެރޭގައެވެ. ކޮންމެ އިންސާނަކުވެސް އެ މީހަކަށް ކަނޑައަޅުއްވައިފައިވާ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވަމުން ދަނީނަމަ، މުޖުތަމައުގައި އޮންނާނީ އަމަންއަމާންކަން ގާއިމުވެފައެވެ. މީސްތަކުން އެބައިމީހުންނަށް ކަނޑައަޅުއްވައިފައިވާ ދާއިރާއިން ބޭރަށް ނުކުމެ، އެކި ދިމަދިމާއަށް ހޭރިޔާކުރަން ފަށައިފިނަމަ މުޖުތަމައުގައި ފުށުއެރުމާއި ހަމަނުޖެހުން އުފެދެން ފަށައިފާނެއެވެ. އެކަކު އަނެކަކާ މުޑިއަރައި ނަފުސުތައް ފުނޑުފުނޑުވެ، ހަލާކުވެގެންދާ މަންޒަރު ފެންނާން ފަށައިފާނެއެވެ. ކޮންމެ މީހަކުވެސް އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓި، އެހެން މީހުން ހަލާކުގެ ތެރެއަށް ވައްޓައިލާ މީހަކަށް ވެގެން ހިނގައިދާނެއެވެ.
އިޖުތިމާއީ ދިރިއުޅުމުގައި އިންސާނާ އުޅެންޖެހޭ ގޮތަކީ ކޮބައިހެއްޔެވެ. އެހެން މީހުންނާ މުއާމަލާތްކުރަން ޖެހޭ ގޮތަކީ ކޮބައިހެއްޔެވެ. އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ ސުލޫކީ ހަމަތަކަކީ ކޮބައިހެއްޔެވެ. ތިމާގެ އަމަލާއި ބަސް އަތުރައިލާން ޖެހޭ މިންގަނޑަކީ ކޮބައިހެއްޔެވެ. މި ހުރިހައި ސުވާލެއްގެ ޖަވާބު ދެއްވައިފައިވަނީ ﷲގެ ހުކުމްފުޅުތަކުގެ ގޮތުގައެވެ. އިންސާނާ ކުރަންޖެހޭ ކަންތައްތަކާއި ކޮށްގެން ނުވާނޭ ކަންތައްތައް މި ހުކުމްފުޅުތަކުގައި ވަނީ ބަޔާންކުރައްވައިފައެވެ. ތިިމާގެ މުއާމަލާތައް ﷲ އަންގައިވައިފާ މިންގަނޑާއި ހުދޫދުގެ ތެރޭގައި ހިފަހައްޓާ މީހާ، އެ ކުރާ ކަމަކީ ﷲ ކަނޑައަޅުއްވައިފައިވާ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވުމެވެ.
މިޔާ ޚިލާފަށް ﷲ މަނާކުރެއްވި ކަންތައްތަ ކޮށް އުޅޭ މީހުންނަކީ އެމީހުންނަށްޓަކައި ﷲ ކަނޑއަޅުއްވައިފައިވާ އިމުން ބޭރުވެގެން އުޅޭ މީހުންނެވެ. މުޖުތަމައުގައި ހުރިހައި ނުބައިކަމަކާއި ހަމަނުޖެހުމެއް އުފެދެނީ މިބައިމީހުންގެ ސަބަބުންނެވެ. އެމީހުން އަމިއްލައަށް ހަލާކުވެގެން ދިއުމާއެކު މުޖުތަމައުގެ ހަލާކުގެ ސަބަބަކަށްވެސް ވެގެންދަނީއެވެ.
ތެދުވެރި އިންސާނުންނަކީ ﷲ ކަނޑައަޅުއްވައިފައިވާ ދާއިރާގެ ތެރޭގައި ދިރިއުޅޭ މީހުންނެވެ. ދުނިޔޭގައި ﷲގެ ރަޙްމަތް ލިބިގަންނަ ބަޔަކީ މިބައިމީހުންނެވެ. އަދި އާޚިރަތުގައި އަބަދީ ރަޙްމަތް ލިބިގަންނަ މީހުންނަކީވެސް މިބައިމީީހުންނެވެ.
