(13 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
عــبـــدالمـطَّــلِــب ގެފާނު އެންމެފަހުން އެ މައްސަލަ ޔަޘްރިބުގައި ތިއްބަވާ އެކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުން ކަމުގައިވާ ނައްޖާރުވަންހައިގެ ބޭކަލުންގެ ސަމާލުކަމަށް ގެންނަވައިފިއެވެ. عــبـــدالمـطَّــلِــب ގެފާނު އެބޭކަލުންނަށް ފޮނުއްވި ޅެންބައިތުތަކެއްގައެވެ. عــبـــدالمـطَّــلِــب ގެފާނުގެ ބޮޑުބޭބޭފުޅު أبـــو ســعــد بـــن عـــدى الـنـجّـــار އައްޑިހަ ސަވާރުންނާއިގެން ޔަޘްރިބުން ފުރައިވަޑައިގެން މައްކާއަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު މަޑުކުރެއްވީ މައްކާގެ އަބްޠަޙުގައެވެ. عــبـــدالمـطَّــلِــب ގެފާނު އަބްޠަޙަށް ވަޑައިގެން އެބޭކަލުންނާ ބައްދަލުކުރައްވައި މަރްޙަބާ ވިދާޅުވިއެވެ. عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ގޭދޮށަށް ވަޑައިގަންނަވަމާ ހިންގަވާށެވެ." أبـــو ســعــد ޖަވާބު ދެއްވިއެވެ. "މާތް اللّــــه ގެ ރަސްކަންފުޅު ގަންދީ ބުނަމެވެ. ދަރިފުޅުގެ ބޮޑުބޭބެ نـــوفـــل އާ ބައްދަލުކޮށްލައިފައެވެ." عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "އޭނާ ޙަރަމްފުޅުގެ ތެރޭގައި އެބައިންނެވިއެވެ."
أبـــو ســعــد ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގެންނެވިއިރު نـــوفـــل އިންނެވީ ގެފުޅުގެ އަރިހުގައި ޙަޠީމުގައެވެ. قـــــريـش ވަންހައިގެ ބޮޑުންގެ ޖަމާޢަތެއްގައެވެ. أبـــو ســعــد ކަނޑިއުރައިން ދަންމަވައިގެން ވަޑައިގެން ވިދާޅުވިއެވެ. "މިހިރަ ގޭގެވެރި ރައްބު ގަންދެއްވައި ވިދާޅުވަމެވެ. އަހަރެންގެ ކޮއިކަމަނާގެ ދަރިކަލުންގެ ގޯއްޗާއި މުދާތައް އަނބުރައި ނުދީފިކަމުގައިވާނަމަ މިކަނޑި ތިބާގެ ހަށިގަނޑު ފޫއަޅުވައިލައިފާނެއެވެ." نـــوفـــل ވިދާޅުވިއެވެ. "އެންމެރަނގަޅެވެ. އަޅުގަނޑު އެތަކެތި އަނބުރައި ދީފީމެވެ." أبـــو ســعــد އެކަމުގެ މައްޗަށް قـــــريـش ވަންހައިގެ ބޮޑުން ހެކިކުރެއްވިއެވެ. އެއަށްފަހު عــبـــدالمـطَّــلِــب ގެފާނުގެ ގޭގައި ތިންދުވަސްވާންދެން ހުންނަވައިފައި ޢުމްރާއެއް ކުރައްވައިގެން އެނބުރި ޔަޘްރިބަށް ވަޑައިގެންފިއެވެ.
މި ހާދިސާއަށްފަހު نـــوفـــل އާއި عــبـــد الـشّـمس ގެ ބޭފުޅުން هـــاشــــم ވަންހައިގެ ބޭފުޅުންނާ ދެކޮޅަށް އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދެއްވަން ޢަހްދު ކަށަވަރުވެވަޑައިގެންފިއެވެ. އަނެއްކޮޅުން ޚުޒާޢަތުވަންހައިގެ މީހުންވެސް ދާރުއްނަދުވާއަށްގޮސް ބަނޫނައުފަލާއި ބަނޫޢަބްދުއްޝަމްސާ ދެކޮޅަށް ބަނޫހާޝިމަށް އެހީތެރިވެ އެއްބާރުލުންދޭން ޢަހްދުކަށަވަރުވެއްޖެއެވެ. ޚުޒާޢަތުވަންހައިގެ މީހުން ނައްޖާރުވަންހައިގެ މީހުނަށް ނިސްބަތްކޮށް ބުންޏެވެ. "عــبـــدالمـطَّــلِــب އަކީ ތިޔަބައިމީހުންގެ ދަރިކަލަކަށްވާފަދައިން އަހަރެމެންގެވެސް ދަރިކަލެކެވެ. އެކަލޭގެފާނަށް އެހީތެރިވުން އަހަރެމެންނަށް މާޙައްޤުކަން ބޮޑެވެ." عــبـــد مـــنـــــاف ގެ މައިކަނބަލުންނަކީ ޚުޒާޢަތުވަންހައިގެ ބޭކަނބަލެކެވެ. މި ޢަހްދު ދެމިއޮންނަމުންއައިސް އިސްލާމީ ދައުރުގައި މައްކާ ފަތަޙަވުމުގެ ސަބަބަކަށްވެފައިވަނީ މިއެއްބާރުލުމެވެ. (އައްރަޙީޤުލް މަޚްތޫމި)
عــبـــدالمـطَّــلِــب ގެފާނުގެ ޙަޔާތްޕުޅުގައި بـيـت اللّــــه އާ ގުޅުންހުރި ވަރަށް މުހިންމު ދެ ހާދިސާއެއް ވަނީ ކުރިމަތިވެފައެވެ. އޭގެތެރެއިން އެއްކަމަކީ ޒަމްޒަމްވަޅުކޮޅު ކޮންނެވުމެވެ. އަނެއްކަމަކީ ފީލުބާގައިގެ މީހުން ގެފުޅު މުގުރާން އައުމެވެ.
ޖުރުހަމްވަންހައިގެ މީހުން ޒަމްޒަމްވަޅުކޮޅު ބަރައިލިވާހަކަ އިސްވެ ހިނގާއްޖެއެވެ. عــبـــدالمـطَّــلِــب ގެފާނުގެ ޒަމާން އައިއިރު ޒަމްޒަމްވަޅުކޮޅު ހުރީ ކޮންތަނެއްކަން ދަންނަމީހަކުވެސް ނެތެވެ. އަރަހުށި މާތް اللّــــه، عــبـــدالمـطَّــلِــب ގެފާނަށް ހުވަފެންފުޅުގެ ޒަރީޢާއިން އެވަޅުކޮޅުގެ ޚަބަރު ދެއްވިއެވެ. އެވަޅުކޮޅު ކޮންނަވާން އަމުރު ކުރެއްވިއެވެ. عــبـــدالمـطَّــلِــب ގެފާނަށް ތިންރެޔަކުގެމަތީން އެހުވަފެންފުޅު ފެނިވަޑައިގެންނެވިކަމުގައި ބުނެވެއެވެ.
عــبـــدالمـطَّــلِــب ގެފާނު އެކަލޭގެފާނުގެ ދަރިކަލުން الحـــــارث ގޮވައިގެން ވަޑައިގެން އެކަލޭގެފާނަށް ހުވަފެންފުޅުގައި އިޝާރާތްކުރެއްވުނުތަން ކޮންނަވާން ފެއްޓެވިއެވެ. إسمـــــاعـــيــــل عــلــيـــه الـسّــلام ޒަމްޒަމްވަޅުކޮޅުގެ ވަށައިގެން ޖައްސަވައިފައިހުރި ހިލަތައް ފެނިވަޑައިގެންނެވީ ތިންދުވަސްވާންދެން ކޮންނެވި ފަހުންނެވެ. عــبـــدالمـطَّــلِــب ގެފާނު އެހިލަތައް ފެނިވަޑައިގެންނެވުމުން ތަކުބީރު ވިދާޅުވިއެވެ. ލަސްތަކެއްނުވެ މައްކާގައި އެޚަބަރު ޢާންމުވެއްޖެއެވެ. قـــــريـش ވަންހައިގެ އެކި ޤަބީލާތަކުން މީހުން އައިސް عــبـــدالمـطَّــلِــب ގެފާނަށް ދެންނެވިއެވެ. "ތިޔައީ އަޅުގަނޑުމެން އެންމެންގެވެސް ޙައްޤެކެވެ. ތިޔަ މަސައްކަތްޕުޅުގައި އަޅުގަނޑުމެންވެސް ބައިވެރިކުރައްވާށެވެ." عــبـــدالمـطَّــلِــب ގެފާނު ވިދާޅުވިއެވެ. "ނޫނެކެވެ. މިއީ ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނަށް ޚާއްޞަގޮތަކުން ދެއްވިކަމެކެވެ. އެހެންކަމުން މިކަމުގައި އެހެންބަޔަކު ބައިވެރިޔެއް ނުކުރެވޭނެއެވެ." قـــــريـش ވަންހައިގެ މީހުން ދެންނެވިއެވެ. މިކަމުގައި އަޅުގަނޑުމެންނާއި ކަލޭގެފާނާ ދެމެދު އިންސާފެއް ނުކުރެވިއެއް ކަމަކުނުދާނެއެވެ. عــبـــدالمـطَّــلِــب ގެފާނު އެކަން ޤަބޫލުކުރައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ރުހޭމީހެއްގެ ގާތަށް އިންސާފު ޤާއިމުކުރުވާން ދަމާހިނގާށެވެ.
قـــــريـش ވަންހައިގެ މީހުން ހުށަހެޅީ ســعــد بـــن هـــذيـــــم ވަންހައިގެ ކާހިނު ކަނބުލޭގެއެވެ. އެކަނބުލޭގެ އިންނަނީ ޝާމުކަރައިގައެވެ. އެހެންކަމުން عــبـــدالمـطَّــلِــب ގެފާނާއި قـــــريـش ވަންހައިގެ ބޮޑުންގެ ބަޔަކާއެކު އެކަނބުލޭގެގާތަށް ވަޑައިގަންނަވާން ދަތުރު ފައްޓަވައިފިއެވެ. ނަމަވެސް އެ ޤާފިލާއަށް ދަތުރުކުރާ މަގު އޮޅިއްޖެއެވެ. އެބައިމީހުންނަށް ޖެހުނީ ޙިޖާޒުކަރައާއި ޝާމުކަރައާ ދެމެދުގެ ޖަންގައްޔެއްގައި މަގުގެއްލިގެން އުޅޭށެވެ. އެގޮތުގައި އުޅެއުޅެތިއްބައި އެބައިމީހުންގެ އަތުގައިހުރި ފެންފޮދު ހުސްވެއްޖެއެވެ. އަރަހުށި މާތް اللّــــه އެނާޒުކު ވަގުތުގައި އެބައިމީހުންނަށް ޚާއްޞަ ޢަލާމާތެއް ދެއްކެވިއެވެ. عــبـــدالمـطَّــلِــب ގެފާނު قـــــريـش ންގެ ބަޔަކާއެކު ފެންހޯއްދަވާން ވަޑައިގަންނަވާން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން ޖަމަލުކޮޅު ދުއްވައިލެއްވުމާއެކު عــبـــدالمـطَّــلِــب ގެފާނުގެ ޖަމަލުކޮޅުގެ ކުރީމޮށްގަނޑު ޖެހުނުތަނުން ފެންއަރައިގެންފިއެވެ. އެހިނދު قـــــريـش ންނަށް ޔަޤީންވީ ޒަމްޒަމް ވަޅުކޮޅަކީ ޤުދުރަތުން عــبـــدالمـطَّــلِــب ގެފާނަށް ދެއްވި ޚާއްޞަ ދެއްވުމެއްކަމެވެ. ޤުރައިޝުން އެކާހިނާއެއްގެ ގާތަށްދާން ދަތުރުކުރި ކާހިނާގެ ގާތަކަށް ނުދިޔައެވެ. އެބައިމީހުން ޒަމްޒަމްވަޅުކޮޅާ ބެހޭގޮތުން عــبـــدالمـطَّــلِــب ގެފާނާ އަރައިރުން ނުވާން ޢަހްދުކޮށްފިއެވެ.
عــبـــدالمـطَّــلِــب ގެފާނު އެތައް މަސައްކަތްޕުޅަކުން މަގު ހޯއްދަވައިގެން قـــــريـش ވަންހައިގެ މީހުން ގޮވައިގެން މައްކާއަށް އެނބުރި ވަޑައިގެންފިއެވެ. عــبـــدالمـطَّــلِــب ގެފާނު އަނެއްކާވެސް ޒަމްޒަމް ވަޅުކޮޅު ކޮންނަވާން ފައްޓަވައިފިއެވެ. ކޮންނަވަމުން ގެންދަވަނިކޮށް ޖުރުހަމުވަންހައިގެ މީހުން އެވަޅުކޮޅަށްއެޅި މުދާތައް ފެނިއްޖެއެވެ. އެތަކެތި ފެނުމުން قـــــريـش ން އަނެއްކާ އެތަކެއްޗާމެދު އަރައިރުންވާން ފަށައިފިއެވެ. އެންމެފަހުން އެއްބަސްވީ އެޒަމާނުގައި ފާލުބަލައި ޤުރްޢަތުހިފައި އުޅޭގޮތުގެމަތީން އެކަން ނިންމާށެވެ. ފާލުބެލުމުން ފާލަށްއައީ ރަނުންވާހައި އެއްޗެއް ގެފުޅަށެވެ. ހަތިޔާރާއި ދަގަނޑުދަހަނާފަދަ ތަކެތި عــبـــدالمـطَّــلِــب ގެފާނަށެވެ. قـــــريـش ންނަކަށް އެކައްޗެއްވެސްނެތެވެ. عــبـــدالمـطَّــلِــب ގެފާނު އެތަކެތީން ގެފުޅުގެ ދޮރުކޮޅު ހައްދަވައިފިއެވެ. ރަނުގެ ދެފުއްލާވެސް ގެފުޅުގެ ދޮރުކޮޅުގެ ދެފަރާތުގައި ހަރުކުރައްވައިފިއެވެ. ޒަމްޒަމް ވަޅުކޮޅާ ގުޅިގެން إسمـــــاعـــيــــل ގެފާނުގެ ނަންފުޅު ފާހަގަކުރާ ފަދައިން عــبـــدالمـطَّــلِــب ގެފާނުގެ ނަންފުޅުވެސް ފާހަގަކުރާން ޖެހެއެވެ.
عــبـــدالمـطَّــلِــب ގެފާނު ގެފުޅުގެ އަރިހުގައި ދަރިކަލަކު ޤުރްބާންކުރައްވާން ނަދުރު ވިދާޅުވީވެސް ޒަމްޒަމް ވަޅުކޮޅު ކޮންނެވުމުގެ ތެރޭގައެވެ. قـــــريـش ންނާ ވެވަޑައިގަންނަވާން ޖެހިވަޑައިގެންނެވި އަރައިރުމުގެ ތެރޭގައެވެ. އެކަލޭގެފާނު ނަދުރު ވިދާޅުވީ އެކަލޭގެފާނަށް ދިހަ ފިރިހެން ބޭފުޅުން ލިބިވަޑައިގެން އެބޭފުޅުންގެ އަމިއްލަފުޅު ނަފްސު ދިފާޢުކުރެއްވޭވަރަށް ބޮޑުފުޅުވެއްޖެ ކަމުގައިވާނަމަ އޭގެތެރެއިން އެއްބޭފުޅަކު كــعـــبـــة ގެ އަރިހުގައި ޤުރްބާން ކުރައްވާށެވެ. (އައްސިޔަރަތުއްނަބަވިއްޔާ – ޞަލާޙުއްދީން، އައްރަޙީޤުލް މަޚްތޫމި)
عــبـــدالمـطَّــلِــب ގެފާނުގެ ފިރިހެން ބޭފުޅުންގެ ޢަދަދާމެދުވެސް މުއައްރިޚުންގެ މެދުގައި ޚިޔާލުފުޅު ތަފާތެވެ. ބައެއް ބޭކަލުންގެ އަރިހުގައި ފިރިހެން ބޭފުޅުންގެ ޢަދަދަކީ ދިހައެކެވެ. ބާރަ ބޭފުޅުން ކަމަށާއި ތޭރަ ބޭފުޅުންކަމުގައިވެސް އަދި ފަނަރަ ބޭފުޅުން ކަމުގައިވެސް ރިވާޔަތްތައް ހުރެއެވެ. ދިހަބޭފުޅުން ކަމުގައި ވިދާޅުވާ ބޭކަލުން ވިދާޅުވާގޮތުގައި ދިހަޔަކަށްވުރެ ގިނަކަމުގައި ބަޔާންކުރެވޭ ރިވާޔަތްތަކުގައި އެވަނީ ނަންފުޅުތަކުގެ ތަކުރާރުވުމެވެ. އެހެންކަމުން މިތާނގައި އަޅުގަނޑު މިބަޔާންކުރަނީ ދިހަ ނަންފުޅެވެ. އެއީ:
اَلْحـَــــارِثُ، الـــزّبــيــــــر، غَــيــــداقَ، صَـفَــــارُ، مُــقَـــــوِّم، أَبـُــولَــهْب، أبـــوطــالــب، حَـــمْـــــزة، عــبّـــاس، عــبـــد اللّــــه، މި ދިހަބޭފުޅުންނެވެ.
އަންހެން ބޭފުޅުންނަކީ أمّ الحـكــيــم (بـيـضـــاء) ، بـَــــرَّة، عَـاتـِكَــة، صَـفـــيّـــة، اَرْوَاى، أُمَــيْــمَـــة އެވެ. އަޅުގަނޑު عــبـــدالمـطَّــلِــب ގެފާނުގެ ބޭފުޅުންގެ ނަންފުޅުތައް މިބަޔާންކުރީ الّـــرحـيـــق المـخــتــــوم ގައިވާ ގޮތަށެވެ. މިބޭފުޅުންގެ ރީތިފުޅުކަމާއި އަޚްލާޤު ރަނގަޅުފުޅުކަމާއި ޤާބިލުކަމުގެ ސަބަބުން عــبـــدالمـطَّــلِــب ގެފާނުގެ ހިތްޕުޅުވަނީ އުފާވެރިކަމުން ފުރިފައެވެ. عــبـــدالمـطَّــلِــب ގެފާނުގެ ފިރިހެން ބޭފުޅުންގެ ތެރެއިން ފަސްބޭފުޅަކުވަނީ އިސްލާމްކަމުގެ ނުވަތަ ކުފުރުގެ ސަބަބުން ވަރަށްބޮޑަށް ނަންފުޅު ހިނގައި މަޝްހޫރުވެފައެވެ. އެބޭފުޅުންނަކީ عــبـــد اللّــــه، حَـــمْـــــزة، عــبّـــاس، أبـــوطــالــب، أَبـُــولَــهْب މި ފަސްބޭފުޅުންނެވެ. أَبـُــولَــهْب ގެ އަސްލު ނަމަކީ عــبــدالــعـــــزّى ކަމުގައި ބުނެވެއެވެ. ބައެއް މުއައްރިޚުން ޚިޔާލުކުރައްވާ ގޮތުގައި އޭނާއަށް أَبـُــولَــهْب ގެ ނަން ދެއްވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެވެ. ނުވަތަ ޞަޙާބީންނެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުންފުޅެއް ނޫނެވެ. إبـــن ســعـــد އޭނާގެ ޠަބަޤާތުގައިވަނީ ޞަރީޙުކޮށް އެވާހަކަ ލިޔުއްވައިފައެވެ. عــبــدالــعـــــزّى އަށް أَبـُــولَــهْب އެވެ ވިދާޅުވެ ނަންދެއްވީ ޚުދު عــبـــدالمـطَّــلِــب ގެފާނެވެ. عــبـــدالمـطَّــلِــب ގެފާނު އޭނާއަށް އެނަން ދެއްވި ސަބަބަކީ އޭނާގެ ރީތިކަމެވެ. ޗާލުކަމެވެ. ޢަރަބި ބަހުގައިވެސް ފާރިސީ ބަހުގައިވެސް ރީތިކޮށް ދޮންކޮށް ހުންނަ މޫނަށް އަލިފާނުގެ ހުޅުކޮޅު ނުވަތަ އަލިފާނުގެ ކޯތާފަތް މިފަދަ އިސްތިޢާރާތައް ބޭނުންކުރެއެވެ. (ސީރަތު ޝިބްލީ)
(ނުނިމޭ)


