(21 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފުރޮޅިލުމެއް
(1)
ބޮޑުވަޒީރު ފޮނުވައިލުމަށް ފަހު އަބޫ ޢަބްދުﷲ ގޮސް އަންހެނުންނަށް ޚާއްސަ ބަޔަށް ވަންއިރު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ރާނީގެ ކޮޓަރިކޮޅާ ދިމާއަށް ހިނގައިގަތީމާ ކަނީޒަކު ކުރުނީސްކޮށްފައި ބުނެފިއެވެ. [ރާނީއާއި އެކަމަނާގެ މަންމާފުޅު ވަޑައިގެންވީ އަލްޙަމްރާގެ ބޮޑު ދޮރާށީގެ ބުރުޒުގައެވެ.]
އަބޫ ޢަބްދުﷲ ކަންބޮޑުވެފައި ކުޑައިރުކޮޅަކު ހުއްޓިގެން ހުއްޓެވެ. [އެ މީހުން މިތާނގައި ތިއްބަސް މުޒާހަރާކުރާ މީހުންގެ ހަޅޭކުގެ އަޑު އިވޭނެއެވެ.] އޭނާގެ އަޑުގައި ހުރީ ހިތިކަމެވެ.
ކަނީޒު އަހައިފިއެވެ. [އިއްޒަތްތެރި ރަސްގެފާނު ވަޑައިގެން ހުންނެވި ވާހަކަ އަޅުގަނޑު ގޮސް ރާނީއަށް ދަންނަވަންތޯއެވެ؟]
އަބޫ ޢަބްދުﷲ ބުންޏެވެ. [ނޫނެކެވެ. އަހަރެން އެތަނަށް ހިނގައިދާނަމެވެ.]
އަބޫ ޢަބްދުﷲ އަންހެނުންނަށް ޚާއްސަ ބައިން ނުކުމެއްޖެއެވެ. ހަށިފާރަވެރިން އޭނާގެ ފަހަތުން އާދެއެވެ. ކުޑަ ތަންކޮޅަކަށް ގޮސްފައި އޭނާ އަނބުރައިލިއެވެ. [އަހަރެން އެކަނި ހުންނާން ދޫކޮށްލާށެވެ.]
ހަށިފާރަވެރިން އޭނާ ދޫކޮށްލައިފައި ހިނގައްޖެއެވެ. އަބޫ ޢަބްދުﷲ ސަންގުމަރުމަރު ހިލައިގެ މަތީން ގޮސް މިސްރާބުޖެހީ ބޮޑު ދޮރާށްޓާ ދިމާއަށެވެ.
މުޒާހިރާކުރާ މީހުންގެ އަޑު އޭނާއަށް ކުރިއަށްވުރެ ސާފުކޮށް އެބައިވެއެވެ. ބުރުޒުގެ ސިޑިއާ ހަމައަށް ގޮސްފައި އޭނާ ހުއްޓިހުރެ ހިތާމަޔާއެކު ވިސްނަމުން ގެންދިޔައެވެ. އޭނާ އަނބިމީހާ ގާތަށް ދިޔައީ ދިރިއުޅުމުގައި އޭނާ އަޅާން އުޅޭ ވަރަށް ހިތި އެހެންނަމަވެސް މުހިއްމު ފިޔަވަޅަކާ މެދު ވާހަކަ ދައްކައިލާށެވެ. އެކަމަކު އެ ފިޔަވަޅަށް އަމަލީ ސިފައެއް ގެނެވޭނޭ ކަމުގެ ޔަގީންކަމެއް އޭނާގެ ކިބަޔަކު އަދިވެސް ނެތެވެ. އަލްޙަމްރާއިން ބޭރުގައި އޭނާ ހޭދަކޮށްފައިވަނީ ދިރިއުޅުމުގެ ވަރަށް މަދު ވަގުތުކޮޅެކެވެ. މިއީ އޭނާގެ މުޅި ދުނިޔެއެވެ. އޭނާގެ ސުވަރުގެއަކީވެސް މިއީއެވެ. އެކަމަކު ހާލަތު ނިޔާކުރި ގޮތުން އޭނާއަށް މިހާރު ޖެހިފައިވަނީ މި ގަނޑުވަރުން ނުކުންނާށެވެ. [ދިރިހުރެގެން މި ގަނޑުވަރު ދޫކޮށްލުމަކީ އަހަންނަށް ކުރެވިދާނޭ ކަމެއް ހެއްޔެވެ؟ ގަނޑުވަރުގެ ދޮރު އަހަންނަށްޓަކައި ބަންދު ވުމަށް ފަހު އަލުން ހުޅުވިދާނެ ހެއްޔެވެ؟ މިކަމަށްޓަކައި އަހަންނަށް ޖެހޭނީ ފެރްނާންދޯގެ އެހީތެރިކަން ހޯދާށެވެ. އެ ނޫން އެއްވެސް ގޮތެއް ނެތެވެ. އޭނާ ހުރީ އަހަންނަށް އެހީތެރިވާން ތައްޔާރަށެވެ. މިހާރު މި އޮތީ ހަމައެކަނި ބައްޕައާއި ބޮޑުބޭބެއާ ދެކޮޅަށް އެކަންޏެއް ނޫނެވެ. އަހަރެންގެ ރައްޔިތުންނާ ދެކޮޅަށް ކަނޑި އުފުލައިލުމަށްޓަކައި ފެރްނާންދޯގެ އެހީއަށް އެދޭން ޖެހިފައެވެ. އެކަމަކު އަހަންނަށް ލިބުނު ނާކާމިޔާބީއާއެކު ޚުދު އޭނާއަށްވެސް ބޮޑު ނުރައްކާތެރިކަމަކާ ކުރިމަތިލާން ޖެހޭ ފަދަ ހަނގުރާމައެއް ކުރާން ފެރްނާންދޯ އެއްބަސްވާނެ ހެއްޔެވެ؟ ހަނގުރާމައިން އޭނާ ބަލިވެއްޖެނަމަ އަހަންނާއި އަހަރެންގެ ބައިވެރިންގެ ނިމުން އަންނާނީ އިބުރަތުން ފުރިފައިވާ ގޮތަކަށް ނޫން ބާވައެވެ؟ އޭނާއަށް ކާމިޔާބުވެއްޖެ ނަމަ އަހަންނަކީ އެ ކާމިޔާބީގެ ބައިވެރިއެއް ކަމަށް ބަލައި އިނާމު ހައްގުވާ މީހަކު ކަމަށް ގަބޫލު ކޮށްފާނެ ހެއްޔެވެ؟]
މި ސުވާލުތަކުގެ ޖަވާބުވެސް އައީ އޭނާގެ ހިތުގެ އަޑިންނެވެ. [އަބޫ ޢަބްދުﷲއެވެ. ކަލެއަކީ ގްރަނާދާގެ އުޑުގައި ހުރި ސުންޕާ ތަރިއެކެވެ. ފެރްނާންދޯ މެދުވެރިކޮށް އަމިއްލަ އެދުމުގައި ގްރަނާދާގެ ދޮރު ހުޅުވުން ވެގެން ދާނީ ގްރަނާދާގެ އިސްލާމުންގެ ބާރާއި ދިފާޢު މުޅީން ފުނޑުފުނޑު ކޮށްލުން ކަމުގައެވެ. އަލްޙަމްރާގެ ދޮރާށި ދޮށުގައި ހުންނާނީ އިސްލާމުންގެ ގަބުރުތައް ފުނިޖެހިފައެވެ. ކަލެއަށް ފެރްނާންދޯގެ އެހީތެރިކަމާއެކު ލިބޭ ތަޚުތަކަށް، މިހާރު ބޭރުގައި ތިބެގެން އެ ހަޅޭއްލަވާ އިސްލާމުން އިހުތިރާމެއް ނުކުރާނެއެވެ. އިސްލާމުންގެ ގަބުރުތަކުގެ މަތީގައި ބައިންދައިގެން އުޅޭ ތަޚުތުގައި ކަލޭ އިށީނީމާ އެމީހުން ބަލާނީ ކަލޭ ތިޔައީ ޣައްދާރެއް ކަމުގައެވެ. އެކަމަކު މިހާރު ކުރިމަތީގައި މި އޮތީ ފުރާނަ ސަލާމަތްކުރުމެވެ. މި ގަނޑުވަރުގައި އެއް ދުވަސް ނުވަތަ ދެ ދުވަހަށްވުރެ ގިނަ ދުވަހަކު އަހަންނަކަށް ނުހުރެވޭނެއެވެ. އަހަރެންގެ ބޮޑުބޭބެ ގްރަނާދާއަށް ހަމަލަދޭނެކަން ޔަގީނެވެ. ރުޅި އައިސް ފުފިފައި އެތިބަ މީހުން ބޮޑުބޭބެއަށް ތާއީދު ކުރާނެއެވެ. އެހީތެރިވާނެއެވެ. ދެން ބޮޑުބޭބެ އަހަރެންގެ ވައުވެފައިވާ ބައްޕަ ގެނެސް ތަޚުތުގައި ބައިންދާނެއެވެ. ބައްޕަ ވާނީ ކުޅޭކުޅޭ ބުދަކަށެވެ. ވެރިކަން ކުރާނީ ބޮޑުބޭބެއެވެ. އޭނާގެ ބޭނުން ފުދުނީމާ ފެރްނާންދޯއާާ ސުލްހަވެރިވުމަކީ ނުވާނެ ކަމެއް ހެއްޔެވެ؟ ހަމައެކަނި އަހަރެންގެ ހައްގުގައި ފެރްނާންދޯ ބޮޑުބޭބެއާ ދެކޮޅު ހަދާނެ ހެއްޔެވެ؟ ނުވަތަ އަމިއްލަ ފައިދާގެ އެދުމުގައި އަހަރެން ބޮޑުބޭބެއާ ހަވާލު ނުކުރާނެ ހެއްޔެވެ؟ އަހަރެން މިހިރީ އަމިއްލަ އެދުމަށްޓަކައި އުފަން ބައްޕަވެސް ގުރުބާންކޮށްފައި ނޫން ހެއްޔެވެ؟ މަލަޚާގެ އާދައިގެ ލަޝްކަރެއްގެ އަތުން ބަލިވީމާ ފެރްނާންދޯގެ ކުރިމަތީގައި އޮންނާނީ އަހަރެންގެ ކޮން އަގެއް ހެއްޔެވެ؟]
މިފަދަ ކަންބޮޑުވާ ކަހަލަ ޚިޔާލުތަކުން ސަލާމަތް ވުމަށްޓަކައި މީގެ ކުރިން އޭނާ ހޯދަނީ އަބޫ ދާވޫދްގެ ޖާދުވީ ވާހަކަތަކުގެ އެހީއެވެ. އަބޫ ދާވޫދް ކައިރީގައި އުޅުނު އިރު މާ ބޮޑު ވިސްނުމެއް ވިސްނާކަށް އޭނާއަކަށް ނުޖެހެއެވެ. މިހައިތަނަށް އެޅުނު ކަތި ފިޔަވަޅުތައް އެޅުނީ، އެ ފިޔަވަޅުތަކުގެ ބިރުވެރި ނަތީޖާއާމެދު ވިސްނައިލުމުގެ ފުރުސަތު އޭނާއަށް އަބޫ ދާވޫދް ނުދިނީތީއެވެ. އޭނާ ފިކުރު ބޮޑުވެފައި ހުންނަތަން ފެނުމާއެކު އަބޫ ދާވޫދް ބުނެއެވެ. އަންދަލުސްގެ ރަސްގެފާނަކީ ތިޔާހެން ފިކުރުފުޅު ބޮޑު ކުރައްވާން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރަސްކަލުންނަކީ މިފަދަ މަރުހަލާތައް ކަޑައްތުކުރައްވާން ޖެހިވަޑައިގަންނަވާ ބޭފުޅުންނެވެ. ރަސްކަލުންގެ ހިތްޕުޅު ވާންޖެހޭނީ ވަރުގަދަ ހިތްޕުޅަކަށެވެ. އޭނާގެ ދިރިއުޅުމުގެ އަމާން ބޮއްކުރާ ރާޅާއި އޮއިވަރުގެ ޠޫފާނެއްގެ ތެރެއަށް ނެރުނު މީހަކީ އަބޫ ދާވޫދެވެ. ކޮންމެ ޠޫފާނެއްގައި ޖެހުނީމާ އޭނާގެ ހިތްހަމަ ޖައްސައިދެނީ އަބޫ ދާވޫދެވެ. އެކަމަކު މިހާރު އެ ބޮއްކުރާ މި ވަނީ އޭނާގެ ލޮލަށް ފޮރުވައިފައި އޮތް ވަރުގަދަ ފަރުބަޔާ ހަމައަށް އައިސްފައެވެ. މި ހުރިހައި ކަމެއް ކުޅައީ އަބޫ ދާވޫދެވެ.]
އަބޫ ޢަބްދުﷲ ބުރަހެލި ފިޔަވަޅުތަކެއް އަޅަމުން ސިޑިން މައްޗަށް އަރައިފިއެވެ. ބުރުޒުގެ ކުޅިބަލާގެކޮޅުގައި އޭނާގެ އަނބިކަނބަލުންނާއި މަންމާފުޅު ބޭރަށް ބައްލަވަން ތިއްބެވިއެވެ. މުޒާހިރާކުރާ މީހުންގެ އަޑު ގަދަކަމުން އޭނާ އައި ކަމެއް އެއިން ބޭފުޅަކަށް އެނގިވަޑައެއް ނުގަތެވެ. އެ ދެމައިކަނބަލުންގެ އަރިހުގައި ގަހުރަމާނުންވެސް ތިއްބެވެ. އޭނާވެސް ކުޑައިރުކޮޅެއް ވާންދެން ތިރިއަށް ބަލަހައްޓައިގެން ހުއްޓެވެ. ދޮރާށިދޮށުގައި ތިބި މީހުން ހަރު އަޑުން ގޮވަމުން ގެންދެއެވެ. [އަބޫ ޢަބްދުﷲ އަކީ ޣައްދާރެކެވެ. އަބޫ ޢަބްދުﷲ އަކީ ގައުމު ވިއްކާލި މީހެކެވެ. އަބޫ ޢަބްދުﷲ ދަން ޖައްސާށެވެ. އަލްޙަމްރާގައި ހުޅު ޖަހާށެވެ.]
ބައެއް މީހުންގެ އަތުގައި ހުޅުދާންކޮށްފައި ހުރި ދަންމަރުވެސް ހުއްޓެވެ. ބައެއް މީހުން ތިބީ ކަނޑިއާއި ލޮންސި އުފުލައިގެންނެވެ. އަބޫ ޢަބްދުﷲގެ ހިތުގައި ހިނގިއެވެ. [ފެރްނާންދޯގެ މަދަދާއެކު މިބައިމީހުންގެ މައްޗަށް ވެރިކަން ކުރުމަކީ އަހަންނަށް ކުރެވޭނޭ ކަމެއް ހެއްޔެވެ؟] ސުވާލުގެ ޖަވާބުވެސް ހިނގައިގަތީ ހިތުގައެވެ. [ނޫނެކެވެ. ނޫނެކެވެ. އަހަރެންގެ އެދުމުގެ މަތީން ފެރްނާންދޯ އައިސް ގްރަނާދާ ފުނޑުފުނޑުކޮށްލުމަކީ ވެދާނޭ ކަމެކެވެ. ގްރަނާދާގެ ކޮންމެ ހަތަރުއަނގޮޅިއެއް ގަބުރުން ފުރައިލުމަކީވެސް ކުރެވިދާނޭ ކަމެކެވެ. އެކަމަކު މި ރައްޔިތުން އަހަރެންގެ ކިޔަމަނުގައި ތިބެން މަޖުބޫރު ކުރުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަހަރެންގެ އަތުން ގްރަނާދާ ހަލާކުވެގެން ދިއުން ތަގުދީރުގައި ލިޔުއްވީ ބާވައެވެ؟] މި ޚިޔާލު ކުރެވުމާއެކު އޭނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. [އަބޫ ޢަބްދުﷲއެވެ. ކަލެއަށް މިހާރު އޮތީ އެންމެ ގޮތެކެވެ. އެއީ ތަޚުތާއި ތާޖު އަބަދަށްޓަކައި ދޫކޮށްލުމެވެ. އަންދަލުސް ދޫކޮށްފައި ދިއުމެވެ. އެކަމަކު ދާނީވެސް ކޮން ތަނަކަށް ހެއްޔެވެ؟ ފެރްނާންދޯ ގާތަށް ހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ގާތަށް ހިނގައްޖެ ނަމަ މާނައަކީ ގްރަނާދާގެ ދުވަސް ދުއްވައިލުމުގެ އަޒުމު އޮތުމެވެ. ފެރްނާންދޯ އަބަދުވެސް ކަލޭ ބޭނުން ކުރަމުން ގެންދާނީ އޭނާގެ އަމިއްލަ ބޭނުމަށެވެ. ކަލެއަކަށް އޭނާގެ އެދުމަކާ ދެކޮޅެއް ނުހެދޭނެއެވެ. އޭނާގެ އެންމެ ބޮޑު އެދުމަކީ އަންދަލުސްގެ ބިމުން އިސްލާމުން ހުސްކުރުމެވެ. ކަލޭ ބޭނުންވަނީ ކަންބަޅިތައް ބެލެހެއްޓުމުގެ ޒިންމާ ހިޔަޅަކާ ހަވާލުކުރަން ހެއްޔެވެ؟ ނޫނެކެވެ. ކަލޭ ފެރްނާންދޯ ގާތަކަށް ނުދާނެއެވެ. މިއަދާ ހަމައަށްވެސް ކަލެއަކީ އޭނާ ބޭނުން ކުރަމުން އައި އާލަތެކެވެ. އަބޫ ދާވޫދްވެސް މަސައްކަތްކުރީ އޭނާގެ އާލަތެއްގެ ގޮތުގައެވެ. ކަލޭ ތިޔަވަނީ ފެރްނާންދޯގެ އާދައިގެ ނޯކަރަކު ޖެހިހައި ބެރަކަށް ނަށައިފައެވެ. އެއީ ކަލޭ ކުޅަ ވަރަށް މޮޔަ ކަމެކެވެ. ކަލޭ އޭނާއަށް އިތުބާރުކުރީމުއެވެ. އެކަމަކު އެންމެ ބޮޑަށް ބޭނުން ޖެހުނު ވަގުތު އޭނާ ކަލޭ ދޫކޮށްލައި، ފިލައިގެން ހިނގައްޖެއެވެ. ކަލެއަކީ އޭނާ ކުޅޭން ގެންގުޅުނު ބުދެކެވެ. އޭނާ އަބޫ މޫސާ ހައްޔަރުކުރަން ކަލެއަށް ވަސްވާސް ދިނުމާއެކު އެންމެ ގާތް އެކުވެރިޔާ ގެންގޮސް ޖަލަށް ލީއެވެ. ސަރަހައްދީ ބާޒު ޝަހީދުކޮށްލުމުގެ ވަސްވާސް ދިނުމާއެކު އަންދަލުސްގެ އިސްލާމުންގެ އެންމެ ބޮޑު މަދަދުގާރު، އެންމެ ގާތް އެކުވެރިޔާ ޝަހީދުކޮށްލަންވެސް އެއްބަސްވީއެވެ. އޭނާ ކަލޭގެ އަތަށް ދަންމަރެއް ދިނީމާ ފޫގަޅައިގެން، އަމިއްލަ ގޭގައި ހުޅުޖަހަން ދުއްވައިގަތީއެވެ. ކަލޭގެ ހިތަށްވެސް ގެންނާން ނޭނގޭ ކަހަލަ އެތައް ކުށެއް އޭނާ ކަލޭ ލައްވައި ކުރުވައިފިއެވެ. އަދަބުގެ ވަގުތު ޖެހުނީމާ ގްރަނާދާގެ ރައްޔިތުންގެ މެދަށް ކަލޭ ދޫކޮށްލައިފައި އޭނާ ފިލައި ރައްކާވީއެވެ.]
އަބޫ ޢަބްދުﷲގެ ހިތުގައި ފުރަތަމަ ފަހަރަށް އަބޫ ދާވޫދްގެ މައްޗަށް ނަފުރަތުގެ ޖަޒުބާތު އުފެދިގެން ހިނގައްޖެއެވެ. އޭނާގެ ޚިޔާލީ ލޮލަށް ފެންނަނީ އަބޫ ދާވޫދް ގޮސް ފެރްނާންދޯގެ އަރިދޮށުގައި އިނދެގެން އޭނާއަށް މަލާމާތްކޮށް ހޭނތަނެވެ. އޭނާ ބުނާ އަޑު އެބައިވެއެވެ. އަބުލްޙަސަންގެ ދަރިއަކީ އަޅުގަނޑާއި މަނިކުފާނާ ހީކުޅަ ވަރަށްވުރެ މާ މޮޔަ ސޮރެކެވެ. އަޅުގަނޑު އެތަން ދޫކޮށް މި އައީ އޭނާގެ ފަރާތުން ދެން ހިފޭނޭ ބޭނުމެއް ނެތް ކަމަށް ފެނުނީމައެވެ.]
[ކަމީނާ… ދޮގުވެރި… މަލްޢޫނު… އަހަރެންގެ އަތް އޭނާގެ ކަނދުރާއަށް ފޯރާނެނަމައެވެ.] އަބޫ ޢަބްދުﷲއަށް ބޭއިޚްތިޔާރުގައި މިހެން ބުނެވުނީ ވަރަށް ބާރަށެވެ. އެ ވަގުތު ކުޅިބަލާގޭގައި ތިބި އަންހެނުން ދިޔައީ ސިއްސައިގެންނެވެ.
ކުޑަ އިރުކޮޅަކަށް ފަހު ގްރަނާދާގެ ހަގީގީ ރާނީ، އަބޫ ޢަބްދުﷲގެ މަންމާފުޅު ވަޑައިގެން އޭނާޔާ ދެތިން ފިޔަވަޅެއްގެ ކައިރިއަށް ހުއްޓިވަޑައިގެންފިއެވެ. ހިނދުކޮޅެއް ވާންދެން ދެމައިން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވިއެވެ.
އަބޫ ޢަބްދުﷲ ބަލިކަށި އަޑަކުން ބުނެލިއެވެ. [މަންމާފުޅުގެ އިޒުނަފުޅު އޮތިއްޔާ މިތިބަ މީހުން ފޮނައިލަންތޯއެވެ؟ އަޅުގަނޑު އެކަނި މަންމާފުޅާ ވާހަކަ ދައްކައިލާން ބޭނުމެވެ.]
މަންމާފުޅު ގަހުރަމާނުންނާ ދިމާއަށް ބައްލަވައިލެއްވީމާ އެ މީހުން ފައިބައިގެން ހިނގައްޖެއެވެ. އަނބިކަނބަލުން ހިންގަވައިގަތީމާ އަބޫ ޢަބްދުﷲ ބުންޏެވެ. [ކަމަނާ ވަޑައިނުގެން ހުންނަވާށެވެ.]
އަނބިކަނބަލުން އެއް ފަރާތަކަށް ހުއްޓިވަޑައިގެންފިއެވެ. ހަނދުވަރުގެ އަލީގައި ތިންމައިކަނބަލުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ މޫނުފުޅަށް ބައްލަވަމުން ގެންދަވަނީއެވެ. ބޭރުގެ އަޑުފަށްގަނޑު މެދުނުކެނޑި އިވެމުން ދިޔައެވެ. [ޣައްދާރު އަބޫ ޢަބްދުﷲ… ޣައްދާރު އަބޫ ޢަބްދުﷲ… އަބޫ ޢަބްދުﷲ އަކީ އިސްލާމްދީނުގެ ދުޝްމިނެކެވެ.] އެ ގޮވެލިފަތިން ކުރާ ހިތި އަސަރަށްވުރެ ދެމައިންގެ ހިމޭންކަމުން އަބޫ ޢަބްދުﷲއަށް ކުރަމުން ދިޔަ އަސަރު މާ ބޮޑެވެ.
އެންމެ ފަހުން ވާހަކަދައްކާން ފެއްޓީ އަބޫ ޢަބްދުﷲއެވެ. [ގްރަނާދާގެ ޣައްދާރު މިހިރީ މަންމާފުޅުގެ ކުރިފުޅުމަތީގައެވެ. އަނބިމީހާގެ ކުރިފުޅުމަތީގައެވެ. އަޅުގަނޑުގެ ސުވާލަކީ ތިޔަ ދެމައިކަނބަލުންވެސް ގްރަނާދާގެ ރައްޔިތުން ފަދައިން އަޅުގަނޑަށް ދެއްވާނޭ އަދަބެއް ކަނޑައަޅުއްވައިފިންތޯއެވެ؟]
މަންމާފުޅު ވިދާޅުވިއެވެ. [ގްރަނާދާގެ ޣައްދާރުގެ މަންމަ ވިސްނަމުން ގެންދަނީ އެންމެ ކަމަކާއެވެ. އޭނާ ދަރިފުޅަށް ގާތުން ކިރުދިނެވެ. މިހާރު އެ މަންމަ ކުރާ ސުވާލަކީ ބޭރުގައި އެތިބަ މީހުންގެ ކުރިމައްޗަށް ނުކުމެ އަހަރެންގެ މި ދަރިއަކީ އެ މަންމަގެ ކޮއްކޮއާއި ފިރިމީހާ އެ މަންމަގެ ވަފާތެރިކަމުގެ ނަމުގައި ކިތަންމެ ބޮޑު ހުވައެއް ކުރާންވެސް ތައްޔާރަށް ތިބި މަންމަގެ ދަރިއެކޭ ބުނާން ކެރޭނެ ހެއްޔެވެ؟]
ބުރުޒުގައި ހުރި ގުއްބު އޭނާ ބޯ މައްޗަށް ވެއްޓުނު ނަމަވެސް އަބޫ ޢަބްދުﷲއަށް އެވަގުތު އިހުސާސް ކުރެވުނު ވޭނެއް އިހުސާސެއް ނުކުރެވޭނެއެވެ. އޭނާ ނިކަމެތިކަން އިހުސާސް ކުރަމުން މަންމާފުޅާ ދިމާއަށް ބަލައިލިއެވެ. [މަންމާފުޅާއެވެ. މިއަދު އަޅުގަނޑުގެ މުގައްދިމާ މަންމާފުޅުގެ ޝަރީޢަތަށް މި ހުށަހެޅީއެވެ. އަޅުގަނޑަށް އޮތް އަދަބެއް ވިދާޅުވާށެވެ. މި ބުރުޒުން ބިންމައްޗަށް ފުންމައިލާށޭ ވިދާޅުވިޔަސް ފުންމައިލާނަމެވެ. އަމިއްލައަށް ކަރުގައި ވަޅިއަޅައިގެން މަރުވާށޭ ވިދާޅުވިޔަސް އެފަދައިން ކަންތައް ކުރާނަމެވެ.]
އެ އަޒުމުފުޅު ވަރުގަދަ މަންމައަކަށް އެ ވާހަކައަކުން އެއްވެސް އަސަރެއް ނުކުރިއެވެ. [ދަރިފުޅު ތިޔަހެން ތިޔަ ބުނަނީ މައިންނަށް އަޑުއެހޭނީ ހަމައެކަނި ރަހުމުގެ އެދުންކަމާއި އަދަބެއް ކަނޑައެޅުމަކީ މަޔަކަށް ކުރެވޭނޭ ކަމެއް ނޫންކަން ދަރިފުޅަށް އެނގޭތީއެވެ. ދަރިފުޅު ތިޔަ ފެންދިން ގަހަކީ ކަށިން ފުރިފައިވާ ގަހެކެވެ. އެ ކަށިތަކުން ދަރިފުޅު ސަލާމަތް ކުރުމަކީ މަންމައަށް ކުޅަދާނަކަމަށް ވާނެނަމައެވެ. ދަރިފުޅު ތިޔަ އައީ ކުރެވުނު ކަންތަކާހެދި ދެރަވެގެންނެއް ނޫނެވެ. ކުރި ކަންތަކުގެ ނަތީޖާ ދެކެ ބިރުންނެވެ. ދަރިފުޅު ބޭނުންވަނީ މަންމަގެ ފަރާތުން ތަސައްލީއެކެވެ. އެކަމަކު މި މަންމަގެ ކިބަޔަކު ތަސައްލީދޭން ބުނާނޭ އެއްވެސް ވާހަކައެއް ނެތެވެ.] މިހައިތަނަށް ވާހަކަފުޅު ދެއްކެވުނުތަނާ އެކަމަނާގެ އަޑުފުޅު ކުރެހިއްޖެއެވެ. ލޯފުޅަށް ކަރުނަފޮދު ޖަމާވެއްޖެއެވެ.
އަބޫ ޢަބްދުﷲ ވަރަށް ދެރަވެފައި ބުނެފިއެވެ. [މަންމާއެވެ. އަޅުގަނޑަކަށް މިހާރު ސަލާމަތްވާނޭ މަގެއް ނެތެވެ. މާދަމާ އަޅުގަނޑު މިތަން ދޫކޮށް ހިނގައިދާނަމެވެ. އޭގެ ފަހުން ދުވަހަކުވެސް މިރަށަކުން އަޅުގަނޑު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެހެންވީމާ އަޅުގަނޑު އަހައިލާން ބޭނުންވެއެވެ. އައިޝާއެވެ. އަޅުގަނޑާއެކު ވަޑައިގަންނަވާނަންތޯއެވެ؟]
އަނބިކަނބަލުން އައިޝާ އިރުކޮޅަކު ހިމޭނުން ހުންނެވުމަށް ފަހު ފިޔަވަޅުފުޅެއް ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ޙިމާޔަތް ހޯއްދަވާން ތިޔަ ވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ގައުމުގެ ދުޝްމިނެއްގެ ގާތަށެވެ. ފެރްނާންދޯގެ ގަނޑުވަރުގައި އުޅުމަށް ވުރެ ގްރަނާދާގެ ގަބުރުސްތާނުގައި ވަޅުލެވުން އަޅުގަނޑަށް މާ ރަނގަޅެވެ.]
އަބޫ ޢަބްދުﷲ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ލޮލުން ފައިބާން ފެށި ކަރުނަ ފޮރުވާން ވެގެން އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ބޭރުން މިހާރު އިވެނީ ގޮވެލިފައްޗެއްގެ އަޑެއް ނޫނެވެ. ކޮންމެވެސް މީހަކުގެ ތަގުރީރެއްގެ އަޑެވެ. އަބޫ ޢަބްދުﷲ މަޑުމަޑުން ގޮސް ކުޅިބަލާގޭގެ ތެރެއިން ބޭރު ބަލައިލިއެވެ. ދަންމަރު ހިފައިގެން ތިބި ހައެއްކަ މީހުންގެ މެދުގައި ހުރެގެން ތަގުރީރުކުރަމުން ގެންދަނީ ޒުވާނެކެވެ. އެއް ބަޔަކު އަތުގެ އިޝާރާތުން އެއްވެފައި ތިބި މީހުންނަށް އިށީންނާން އަންގަމުން ގެންދެއެވެ. ފުންކޮށް ބަލައިލީމާ އެއީ ކާުކަން އަބޫ ޢަބްދުﷲއަށް އެނގިއްޖެއެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ދަރުބާރުން މާޔޫސީއާއެކު ނުކުމެގެން ދިޔަ ޒުވާނާއެވެ. ސަރަހައްދުގެ ގަވަރުނަރެވެ.
(2)
ސަރަހައްދުގެ ގަވަރުނަރު ހަރުއަޑުން ތަގުރީރުކުރައްވަމުން ގެންދަވަނީއެވެ.
[ތިޔަބައިމީހުން އެމީހަކާ ދެކޮޅަށް ތިޔަ އަޑުފުލާ ޢަބްދުﷲ މަރުވެއްޖެއެވެ. އަމިއްލަ ބަފަޔާ ދެކޮޅަށް ބަޣާވާތް ކުރުމަށް ފަހު ތާޖާއި ތަޚުތުގެ މައްޗަށް ގަދަވެގަތް ދުވަހު އޭނާ މަރުވެއްޖެއެވެ. އަހަރެން މިއައީ އޭނާގެ ގަބުރު ދެކިފައެވެ. ކަލޭމެންގެ އަޑު އިވިގެންނެއް އޭނާ ދިރިގެންނެއް ނާންނާނެއެވެ. އޭނާގެ ހަށިގަނޑަކު ހަރާރަތެއް ނުއުފެދޭނެއެވެ. ގަބުރެއްގެ ގައިގައި ޗާބޫކުން ތެޅުމަކުން ވާނޭ ފައިދާއެއް ނެތެވެ. އެ ގަބުރު ގެނެސް ކަލޭމެންގެ ބައެއް އަމީރުން، ތަޚުތުގައި ބޭންދި ދުވަހު ކަލޭމެން އަޑު އުފުލިނަމަ ހައުދަހައިވާ ރަނގަޅޭ ހިތަށް އަރައެވެ. އަބޫ ޢަބްދުﷲ މަލަޚާއަށް ހަމަލަދިނީ ކްރިސްޓިއަނުންގެ ހިތްހަމަ ޖައްސައިދޭށެވެ. މިއަދު އެ ކްރިސްޓިއަނުން އަހަރެމެންގެ ސަރަހައްދުގެ އަވަށްތައް ސުންނާފަތި ކުރަމުން އެހެރަގެން ދަނީއެވެ. އަބޫ ޢަބްދުﷲއަކީ އެއްވެސް ރަހުމެއް ނެތް މީހެއް ކަމަށް މިއަދު ތިޔަބައިމީހުންނަށް އެބަފެނެއެވެ. އެކަމަކު ބައްޕަޔާ ދެކޮޅަށް އޭނާ ބަޣާވާތްކުރި ދުވަހަކު ތިޔަބައިމީހުންނަކަށް އޭނާގެ ރަހުމުކުޑަ ކަމެއް ނުފެނުނެވެ. ކުފޫ ހަމަނުވާ މީހަކު ގްރަނާދާގެ ތަޚުތަށް އެރިއިރުވެސް ތިޔަބައިމީހުން ބަލަހައްޓައިގެން ހިމޭނުން ތިބީއެވެ. އަބޫ ޢަބްދުﷲ އެހެރީ އަހަރެމެންގެ ގައުމުގެ ކުރިމަގު ދުޝްމިނުންނާ ހަވާލުކޮށްގެންނެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އަހަރެން އަޑަށް ބާރުލައިފައި ބުނާނަމެވެ. އޭނާގެ އެ ކުށުގައި ތިޔަބައިމީހުންވެސް ބަރާބަރަށް ބައިވެރިވެއެވެ. ތިޔަބައިމީހުންގެ ހިއްސު ކެނޑުމާއެކު ކުށްވެރިވާ ދަރަޖައަށް ޣާފިލުވުމުގެ ނަތީޖާއެއްގެ ގޮތުން ގްރަނާދާގެ ވެރިކަން މިހާރު މިއޮތީ ފެރްނާންދޯ ބޭނުން ގޮތަކަށް އަނބުރާ ބުމަރަކަށް ވެފައެވެ. ތިޔަބައިމީހުން އަމިއްލަ ކުރިމަގު ބަނަވާން ދާއިރު ލޯ މަރައިލައިގެން ނުތިބޭނޭ ކަމުގެ އިހުސާސް އަބޫ ޢަބްދުﷲގެ ހިތަށް ވެއްދިނަމަ، އޭނާއަކަށް މިފަދަ ނުބައި ފިޔަވަޅެއް އަޅާކަށް ނުކެރުނީހެވެ. މިއަދު ތިޔަބައިމީހުން މިތަނަށް އެއްވެ، އަބޫ ޢަބްދުﷲގެ ވިޔާނުދާ ކަމުގެ މައްޗަށް ދެރަވެ، އަޑުއުފުލަމުންދާ މަންޒަރު ފެނުނީމާ އަހަރެން ދެރަވެއެވެ. ތިޔަބައިމީހުންގެ ހިއްސު ކެނޑިފައިވާ މިންވަރު ނިކަން ދެކިބަލާށެވެ. މި ވަގުތު ސަރަހައްދުގެ އަވަށްތަކުގައި ކްރިސްޓިއަން ހަނގުރާމަވެރިން ލޫޓުމާރުކުރަނީއެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނަށް ދާންދެން މަރަމުން ގެންދަނީއެވެ. އެތައް ހާސް ގެއެއް އަންދައި އަޅިއަށް ހަދައިލައިފިއެވެ. އެތައް އަންހެނެއްގެ ޢިއްފަތްތެރިކަން ފޭރިގެންފިއެވެ. އެކަމަކު ތިޔަބައިމީހުން ކަހާތަން ހިރުވައިވެސް ނުލަމުއެވެ. މިއަދު އަހަރެން މި އައީ އެ ނިކަމެތީންގެ ފަރިޔާދާއިގެންނެވެ. އަހަރެންގެ ސުވާލަކީ އެމީހުންނާ ހަމައަށް އަހަރެން ގެންދާންވީ ޖަވާބަކީ ކޮބައި ހެއްޔެވެ؟ އެ އަންހެންކުދިންގެ އަބުރު ރައްކާތެރިކުރާން ތިބި މީހުން މި ވަގުތު އަލްޙަމްރާގެ ދޮރާށި ދޮށަށް އެއްވެ ތިބެގެން އަބޫ ޢަބްދުﷲއާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވުމުގެ މުގައްދަސް ފަރުޟު އަދާކުރަނީއޭ ބުނާންވީ ހެއްޔެވެ؟ އަބޫ ޢަބްދުﷲއަށް ބެވުމަކީ އަހަރެން މަނާކުރާ ކަމެއް ނޫނެވެ. އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުނީމާ އޭނާޔާ ދިމާއަށް ތިޔަބައިމީހުންނަށްވުރެ މާ ބާރަށް އަހަރެން ބަވާނަމެވެ. އެކަމަކު މިއީ ހަޅޭއްލަވާންވީ ވަގުތެއް ނޫނެވެ.
އަހަރެންގެ އެކުވެރީންނޭވެ! ގައުމުގެ ވެރިޔާއަކީ އެ ގައުމުގެ އަޚުލާގުގެ މޫނުބަލާ ލޯގަނޑެވެ. އަބޫ ޢަބްދުﷲއަކީ ހިއްސުކެނޑިފައިވާ މީހަކު ކަމުގައި ތިޔައިމީހުން ބުނާނަމަ، އޭނާގެ ވެރިކަމާ ރުހިގެން ތިބި މީހުންނާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އަބޫ ޢަބްދުﷲއަކީ ފިނޑި މީހެކެވެ. އޭނާ އެ ހުންނަނީ ކްރިސްޓިއަނުން ދެކެ ގަންނާކުރައްވާ ބިރުން ދެކަމު ހާޖިތަށް އެއްފަހަރާ ދެވޭވަރު ވެފައެވެ. އެކަމަކު އެޔާ އެއްވަރުގެ އެހެން ހަގީގަތެއް އަހަރެން ބުނެދެން ހެއްޔެވެ؟ ސަރަހައްދުގެ ކުޅަދާނަ ފަހުލަވާނުންނާއި އައްޒަޣަލްގެ ހިތްވަރުގަދަ މުޖާހިދުން ނުކުމެ، ކިތަންމެ ވަރުގަދަ އެކަތައެއްނަމަވެސް، ކަނޑައި ފޫދުއްވައިލުމުގެ ބާރު އިސްލާމުންގެ ކަނޑިތަކުގައި މިއަދުވެސް އެބަހުރިކަން ސާބިތުކުރުމާ ހަމައަށް ތިޔަބައިމީހުންވެސް ތިބީ ކްރިސްޓިއަނުން ދެކެ ބިރުން ރޫރުއަޅައަޅައެވެ. އޭގެ ކުރިއަށް ބަލާއިރު ކަންތައް އޮތީ ކިހިނެއް ހެއްޔެވެ؟ އަބުލްޙަސަން ގަދަކަމުން މައިދާނަށް ނެރުއްވުމާ ހަމައަށް، ތިޔަބައިމީހުންވެސް ތިބީ ފިނޑިކަމާއި އަގުވެއްޓުމާއެކުވެސް ކްރިސްޓިއަނުން ދެއްކި ދިރިއުޅުމެއްގައި ތިބޭން ރުހިގެންނެވެ.
ހަނދާންކުރާށެވެ. ތާރީޚުގައި އަބޫ ޢަބްދުﷲގެ ނަން ލިޔެވިގެން ދާނީ ކުރިމަގާމެދު ވިސްނުމުގެ ގާބިލުކަމެއް، ހިތްވަރެއްވެސް ނެތް އިންސާނެއްގެ ގޮތުގައިކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމައެޔާއެކު އަބޫ ޢަބްދުﷲގެ ވެރިކަމުގެ ދަށުގައި ތިބި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކީ އެބައިމީހުންގެ އިޚްލާސްތެރި، ހިތްވަރުގަދަ ވެރިމީހާޔާ ދެކޮޅަށް ނުކުމެ، ބަޣާވާތްކޮށް، އެ ވެރިމީހާގެ ގާބިލުކަމެއް ނެތް، ފިނޑި ދަރި، ވެރިއެއްގެ ގޮތުގައި ގަބޫލުކުޅަ، ގޮތެއްފޮތެއް ނެތް ބައެއް ކަމުގައި ތާރީޚުގައި ލިޔެވިގެން ދާނެކަމީވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ. އަހަރެންގެ އެކުވެރީންނޭވެ! އަބޫ ޢަބްދުﷲއަކީ ތިޔަބައިމީހުންގެ ނުބައި އަމަލުތަކުގެ އަދަބެވެ. އަބޫ ޢަބްދުﷲއަކީ ފެރްނާންދޯގެ އަޅުންކަމުގެ ލަގަބަކީ އެމީހުންގެ ކަރުގައި އެޅުވޭ ރަނުގެ ގަހަނާކަމުގައި ދެކިގެން ތިބި އަމީރުންނާއި ބޮޑުންގެ އަޅެކެވެ.
އަބޫ ޢަބްދުﷲއަކީ ތިޔަބައިމީހުންގެ ހަށިގަނޑުގައި ދައުރުކުރާ ޖަރާސީމެކެވެ. އެ ޖަރާސީމު އުފެދެނީ ލޭ ނުބައިވީމައެވެ. މުލާއި ބުޑުގައި ވަރެއް ނެތް ގަސްގަސް ހުންނަ ޖަންގަލިތަކުގައި ވެރިކަން ކުރާނީ ގެރިބަކަރިއެވެ. ތިޔަބައިމީހުންގެ ލޭ ތާހިރުކޮށް ހެޔޮ މަގަށް ނާޅުވާހައި ހިނދަކު މި ޖަރާސީމަކުން ސަލާމަތެއް ނުވެވޭނެއެވެ. ޖަރާސީމުގެ އަސަރު ނުފެންނަ ގޮތަކަށް ނުހެދޭނެއެވެ.
ހަނދާންކުރާށެވެ. ތިޔަބައިމީހުންގެ ހިތުގައި ދިރިތިބުމުގެ އެދުން އޮވެފައި، ތިމަތިމާމެންގެ އަބުރާއި އިއްޒަތާއި މިނިވަންކަމުގެ އަގު އަދާކުރާން އެނގޭނަމަ އަބޫ ޢަބްދުﷲގެ ވާހަކަ ވެގެން ދާނީ އެންމެ ފަރުދެއްގެ ވާހަކައަކަށެވެ. މުވައްރިޚުން ލިޔާނީ މިހެންނެވެ. އާވާރާ މިޒާޖުގެ، ނިޔަތް ނަޖިސް ރަސްދަރިއަކު، އޭނާގެ ގައުމު، ދުޝްމިނުންނަށް ވިއްކާލަން އުޅުނީމާ، އޭނާއަށް ކުރިމަތިލާން ޖެހުނީ ލަދާއި އަގުވެއްޓުމާއެވެ. އެކަމަކު ތިޔަބައިމީހުންނަށް މިނިވަންކަމުގެ އަގު އަދާކުރާން ނޭނގިއްޖެނަމަ، މުވައްރިޚުން ލިޔާނެއެވެ. އެއީ ގޮތްކުޑަ ބަޔަކު ދިރިއުޅުނު ގައުމެކެވެ. އެ ގައުމު ނިމިގެން ދިޔައީ ގޮތްކުޑަ ބަޔަކު ދިރިއުޅޭ ގައުމެއް ނިމިގެންދާން ޖެހޭ ގޮތަށެވެ. ނިމިގެން، ފަނާވެގެންދާ ގައުމުތަކުގެ އެންމެ ހިތާމަވެރި ޚާސިއްޔަތަކީ އެއްވެސް މާނައެއް ނެތް ހަޅޭއްލެވުމެއްގެ ތެރޭގައި ހަގީގަތް ފޮރުވުމެވެ. އެބައިމީހުންގެ އިޖުތިމާއީ ޒިންމާގެ ބުރަ، ގާބިލުކަމެއް ނެތް ބައެއްގެ ބޮލުގައި އަޅުވައިފައި ރެކިގަނެގެން ދިއުމެވެ. ނިކަން ވިސްނައިބަލާށެވެ. ތިޔަބައިމީހުން މިހާރުވެސް ތިޔަ ދެކެނީ ދުޝްމިނުންގެ ކިއްލާގެ ދޮރާށި ވައްޓައިލުމުގެ ބަދަލުގައި އަލްޙަމްރާގެ ދޮރާށި ވައްޓައިލުން މާ ފަސޭހަ ކަމުގައެވެ. މިތަނަށް އެއްވެ ތިޔަ ތިބީ އެހެންވެގެންނެވެ. އެއްވެގެން ތިޔަ ތިބީ އެއްވާން ޖެހޭ ތަނަކަށް ނޫނެވެ. މިތަނަށް އެއްވެގެން ތިޔަ ތިބީ ދުޝްމިނުންނާ ކުރިމަތިލައިގެން އުފުލާން ޖެހޭ ބުރައަށްވުރެ، މިތަނަށް އެއްވެ ތިބެ ހަޅޭއްލެވުން މާ ފަސޭހަވީމައެވެ. ތިޔަހެން ހަޅޭއްލަވައި ވަރުބަލިވެ، ޖޯޝް ފިނިވެ، މައިތިރިވީމާ އެނބުރި ގޭގެއަށް ހިނގައިދާނޭކަން އަބޫ ޢަބްދުﷲއަށްވެސް އެނގެއެވެ. ތިޔައީ ހުރިހައި ހުރަހެއް ކަފާސްކޮށް، އެއްފަރާތް ކުރުމަށް ފަހު ކުރިއަށް ދެމިގެންދާ، އޮއިގަދަ ފެންގަނޑެއް ނޫންކަން އޭނާއަށް އެނގެއެވެ. ތިޔަބައިމީހުންގެ މިސާލަކީ ހުއްޓިފައި އޮތް ފެންގަނޑެއްގެ މިސާލެވެ. އެ ފެންގަނޑަށް ގާބުރިއެއް އެއްލީމާ ގޮސް ޖެހިފައި، ކުދި ރާޅުބާނިތަކެއް އުފެދިފައި އަނެއްކާވެސް މަރުގެ ހިމޭންކަން އަތުވެދާނެއެވެ.
އަބޫ ޢަބްދުﷲއާ ދެކޮޅަށް އަޑު ނުއުފުލާށެކޭ އަހަރެން ފަހަރެއްގައިވެސް ނުބުނަމެވެ. އެކަމަކު މި ވަގުތު އަހަރެމެންގެ ގެތައް އަނދަމުންދާކަންވެސް ހަނދާންކުރާށެވެ. އަހަރެމެންގެ އުޚުތުންނާއި އަންހެންދަރީންގެ ޢިއްފަތްތެރިކަން ލޫޓުވަމުންދާކަންވެސް ހަނދާންކުރާށެވެ. އެ އުޚުތުންނާއި އަންހެންދަރީން އެބަ ސުވާލުކުރެއެވެ. ތިޔައީ އިންސާނިއްޔަތުގެ ފާރަވެރިކަމާއި ރައްކާތެރިކަމާ ހަވާލުވެފައި އޮތް ގައުމުގެ ދަރީން ހެއްޔެވެ؟ ތިޔައީ އަނިޔާވެރިންގެ އަތްތައް ބުރިކޮށްލުމަށްޓަކައި އުފުލު ކަނޑިތަކުގެ ޣީރަތްތެރި އަހުލުވެރިން ހެއްޔެވެ؟ ތިޔަބައިމީހުންގެ މައިން އެބަ ސުވާލުކުރެއެވެ. އެ ހިތްވަރުގަދަ ފިރިހެން ދަރިން ކޮބައިހެއްޔެވެ؟ ތިޔަބައިމީހުންގެ އުޚުތުން އެބަ ސުވާލުކުރެއެވެ. އަހަރެމެންގެ ޢިއްފަތްތެރިކަމާ ދިމާއަށް ނަޖިސް އަތްތަކެއް އުފުލެމުންދާ ދަނޑިވަޅު އަހަރެމެންގެ އަޚުންވީ ކޮންތާނކު ހެއްޔެވެ؟ ތިޔަމައިމީހުންގެ މުސްކުޅިން އެބަ ސުވާލުކުރެއެވެ. އަހަރެމެންގެ ތުނބުޅިއާއި ބޮލުގައި މިހިރަ ނުރައިގެ އަގު ހިފަހައްޓާން ތިބި ދަރިންނަށް ވީ ކިއެއް ހެއްޔެވެ؟
އަހަރެން އެނބުރި ގޮސް ބުންނަވީ މިހެން ހެއްޔެވެ؟ ކަލޭމެން އަބުރާއި އިއްޒަތާއި މިނިވަންކަމާއި ޢިއްފަތްތެރިކަމުގެ ފާރަވެރީން މި ވަގުތު ތިބީ، ކަލޭމެންގެ ގާބިލުކަމެއް ނެތް ވެރިންނާ ދެކޮޅަށް އަޑު އުފުލުމުގައި އަވަދިނެތިއެވެ. އެހެންވީމާ ކަލޭމެންނަށް ވަމުންދާ ގޮތެއް ބަލާނޭ ވަގުތެއް އެމީހުންނަކަށް ނެތެވެ. ހިމޭނުން ތިޔަ ތިބީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ސުވާލުތަކަށް ޖަވާބެއް ދީބަލާށެވެ.]
ތަގުރީރުގެ ޖަޒުބާތުގައި ޖެހުނު ޒުވާނަކު އައިސް ގަވަރުނަރުގެ ގާތަށް ހުއްޓިހުރެ ހަރު އަޑުން ގޮވައިލިއެވެ. [މަނިކުފާނު ކުރީގައި ހުންނަވައިގެން މައިދާނާ ދިމާއަށް ދަތުރު ފައްޓަވާށެވެ. މަނިކުފާނުގެ ފަހަތްޕުޅުން ފޯރީގައި ދަތުރަށް ނުނުކުންނަވަރުގެ ބޭޣީރަތްތެރިއަކު އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ.] ހިނދުކޮޅެއް ނުވެ އޭނާގެ ވާހަކައަށް ތާއީދުކުރުމުގެ ގޮތުން އެންމެން އެކީގައި ކަހަލަ ގޮތަކަށް ގޮވައިލިއެވެ. [އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. ދުޝްމިނުންގެ ކިބައިން އަޅުގަނޑުމެން ބަދަލުހިފާނަމެވެ.]
ސަރަހައްދުގެ ގަވަރުނަރުގެ ނަމަކީ އަބޫ މުޙްސިނެވެ. އޭނާގެ ވާހަކަދެއްކެވުމުގައި އެފަދަ ބާރެއް ހުރިކަމުގެ އިހުސާސެއް މީގެ ކުރިއަކުން ޚުދު އޭނާއަކަށްވެސް ކުރެއްވިފައެއް ނެތެވެ. މީސްތަކުންގެ ޖޯޝާއި ފޯރި ފެނިވަޑައިގަތުމުން އޭނާ އުޑާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ދެއަތްޕުޅު އުފުލައިލެއްވިއެވެ. ލަފުޒުތަކަކުން މީސްތަކުންނަށް އަސަރުކުރުއްވި ގަވަރުނަރު އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އޭނާގެ ލޯފުޅަށް ޝުކުރުވެރިކަމުގެ ކަރުނަފޮދު ޖަމާވަމުން ދަނީއެވެ. ތުންފަތްޕުޅު ތުރުތުރުއަޅަނީއެވެ. އެތައް މަސައްކަތްޕުޅަކާއެކު ވިދާޅުވެވުނީ ހަމައެކަނި މިހެންނެވެ. [އޭ އަޅުގެ ވެރި ރަސްކަލާނކޯއެވެ! މިއަޅާގެ ގައުމަށް ނަސްރު ދެއްވައިފާނދޭވެ!]
ކުޑައިރުކޮޅަކުން އަބޫ މުޙްސިނަށް ހަމަޖެހުމަކަށް ވަޑައިގެންނެވިއްޖެއެވެ. އޭނާ އެއްވެފައި ތިބި މީހުންނާ މުޚާޠަބްކުރައްވައި ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން ހަތިޔާރު ހިފައިގެން ތިބި މީހުން ކޮޅަށް ތެދުވެ ސަފެއް ހަދާށެވެ. ހަތިޔާރު ނެތް މީހުން ގޮސް ހަތިޔާރު ހިފައިގެން ވީހައި އަވަހަކަށް އަންނާށެވެ. ކުރީސަފުގައި ނުކުންނާން އަހަރެން އިސްކަން ދޭނީ ޒުވާނުންނަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ގޮވައިލާނީ ބޭނުން ޖެހިއްޖެ ހާލަތެއްގައެވެ. ވަގުތު ބޭކާރު ނުކޮށް އަވަސް ކުރާށެވެ. ވީހައި އަވަހަކަށް ދަތުރަށް ފައްޓާން އެބަޖެހެއެވެ.]
(3)
އެ ދުވަހުގެ މެންދުރުފަހު އަލްޙަމްރާގެ މައި ދޮރާށީގެ ކުރިމަތީގައި ހަތިޔާރުއެޅި ފަސް ހާސް މީހުންގެ ލަޝްކަރެއް ސަފުސަފަށް އެތުރިގެން ތިއްބެވެ. އަބޫ މުޙްސިން އަހަކަށް ސަވާރުވެޑައިގެން ސަފުތައް މުއާއިނާ ކުރައްވަމުން ގެންދަވަނީއެވެ. ދޮރާށްޓާ ދިމާއިން މަތީގައި، ކުޅިބަލާގޭގައި ތިއްބަވައިގެން އަބޫ ޢަބްދުﷲއާއި އޭނާގެ މަންމާފުޅާއި އަނބިކަނބަލުން މި މަންޒަރު ބައްލަވަމުން ގެންދަވައެވެ. އަބޫ ޢަބްދުﷲގެ މޫނުމަތީން ފެންނަނީ ތަކުލީފާއި ހިތާމައިގެ އަސަރެވެ.
އަބޫ ޙަސަންގެ ތަގުރީރަށް ފަހު މަންމާފުޅު ވިދާޅުވިއެވެ. [ދަރިފުޅާއެވެ. މިހާރު ހުންނާނީ ވަރުބަލިވެފައެވެ. އަރާމުކުރަން ދާށެވެ.]
އަބޫ ޢަބްދުﷲއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނާ އާދޭހުގެ ރާގަކަށް ބުންޏެވެ. [މަންމާފުޅާއެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ. އަދި އަޅުގަނޑު ކަންތައް ކުރާންވީ ގޮތެއް ވިދާޅުވެދެއްވާށެވެ.]
ހިތްވަރުފުޅުގަދަ މަންމާފުޅު ދަރިފުޅުގެ ވާހަކައަކަށް ސަމާލުކަމެއް ނުދެއްވިއެވެ. އައިޝާއާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ދަރިފުޅާ އައިޝާއެވެ. އުޅާކޮޅު ބާލާއިފައި އަބޫ ޢަބްދުﷲއަށް ދޭށެވެ. މި ވަގުތުން ފެށިގެން ތިޔައީ ގްރަނާދާގެ ރާނީއެވެ. ރަސްގެފާނު ވަޑައިގެން ނޫޅުއްވާ ވަގުތު ރަސްކަމުގެ ވާޖިބު އަދާކުރައްވަނީ ރާނީއެވެ. އަލްޙަމްރާގެ ދޮރާށި ހުޅުވައިލާށެވެ. ތިމަންގެ ފިރިމީހާގެ މަންމަ އޭނާއަށް ކިރުދިނުމުގައި ބަޚީލުކަން އިސްކުރީއޭ ރައްޔިތުން ގާތު ބުނާށެވެ. އަދި އޭނާގެ ބައްޕަ އޭނާއަށް ފިރިހެންވަންތަކަން ދަސްކޮށެއް ނުދިނޭވެސް ބުނާށެވެ. އެކަމަކު ތީރުގެ ވާރޭގެ ތެރޭގައި ރައްޔިތުންނާއެކު ގްރަނާދާގެ ރާނީ އެބަހުރީމޭވެސް ރައްޔިތުން ގާތު ބުނާށެވެ.]
އައިޝާ އޭނާގެ ފިރިމީހާއާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ފިރިމީހާއަށް މި އުޅާކޮޅު އަނބުރައި ދިނުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ފިރިމީހާ އޭނާގެ ކަނޑިކޮޅު އަޅުގަނޑާ ހަވާލުކުރައްވައިފިއްޔާ ހަވާލުވާން ތައްޔާރަށް ހުރީމެވެ.]
އަބޫ ޢަބްދުﷲގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. [އައިޝާއެވެ. ﷲއަށްޓަކައި ބުނަމެވެ. ހިމޭނުން ހުންނާށެވެ.]
އަބޫ ޢަބްދުﷲގެ މަންމާފުޅު ވިދާޅުވިއެވެ. [އައިޝާއެވެ. އެއީ ތެދެކެވެ. އަހަރެންގެ ދަރިފުޅަކީ ވަރަށް ހައްސާސް ކުއްޖެކެވެ. އޭނާ ކަންބޮޑުވާ ކަހަލަ ވާހަކަ ނުދައްކާށެވެ.]
އަބޫ ޢަބްދުﷲ އިންތިހާއަށް ލަދުވެތިވާ ހާލު އޭނާގެ މަންމާފުޅާއި އައިޝާއާ ދިމާއަށް ބަލައިލުމަށް ފަހު އަނގައިންވެސް ނުބުނެ ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ ސިޑިން ފައިބާ އަޑު ކެނޑޭންދެން ދެމައިން ބަސްފުޅެއް ވިދާޅުނުވެ ތިއްބެވިއެވެ. އެ އަޑު ކެނޑުނީމާ އައިޝާ ބުންޏެވެ. [މަންމާފުޅާއެވެ. އިޒުނަފުޅު ދެއްވައިފިއްޔާ މުޖާހިދުންނާ ބައިވެރިވާން އަޅުގަނޑު މިހިރީ ތައްޔާރަށެވެ.]
މަންމާފުޅު ވިދާޅުވިއެވެ. [ދަރިފުޅާއެވެ. މި ދެކެވުނު ވާހަކަތަކަށްފަހު މަންމަ ހީކޮށްގެން އިނީ އަބޫ ޢަބްދުﷲ އަހަރެމެން މާޔޫސް ނުކުރާނޭ ކަމަށެވެ. އެކަމަކު އަހަރެމެންގެ ނަސީބުގައި ލިޔުއްވައިފައިވަނީ ލަދުވެތިވުންތާއެވެ. އެހެންވީމާ މަންމަ މީނީ ދަރިފުޅާއެކުގައެވެ. އަބޫ ޢަބްދުﷲއަށް ތެދު މަގު ދައްކަވާތޯ ދަރިފުޅުވެސް ދުޢާކުރާށެވެ.]
ދެމައިކަނބަލުން އިރުކޮޅަކު ވާހަކަފުޅު ދައްކަވާން ތިއްބެވުމަށް ފަހު އަނެއްކާވެސް ވަޑައިގެން ބޭރުގައި ލަޝްކަރު ރުކުރުވަމުންދާ މަންޒަރު ބައްލަވާން ފައްޓަވައިފިއެވެ.
ލަޝްކަރު ރަނގަޅަށް ރުކުރުވައި ނިންމެވުމަށް ފަހު އަބޫ މުޙްސިން އަހުގައި ވަޑައިގެން ގަނޑުވަރުގެ ދޮރުކޮޅުމައްޗަށް ހުއްޓިވަޑައިގެންފިއެވެ. ހިނދުކޮޅަކު ހިމޭނުން އިންނެވުމަށް ފަހު ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.
[އޭ މުޖާހިދުންނޭވެ! މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ހީކުރީ އަހަރެމެންގެ ގައުމު ވެއްޓިގެން ގޮސް ދެން އަރައިނުގަނެވޭ ވަރަށް ވެއްޓިއްޖެ ކަމުގައެވެ. އެހެންނަމަވެސް އައްޒަޣަލާއި ސަރަހައްދުގެ މުޖާހިދުންގެ ކުލަގަދަ ކާމިޔާބީގެ ސަބަބުން އަހަރެންގެ މާޔޫސީ އުއްމީދަށް ބަދަލުކޮށްލައިފިއެވެ. މީގެ އިރުކޮޅެއް ކުރީން އަހަރެން ތިޔަބައިމީހުންގެ ކުރިމަތީގައި ހުއްޓުނުއިރު ދައްކާނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ. އެކަމަކު ކޮންމެވެސް ވާހަކައެއް ދައްކާން ވާނެއެއް ނޫންހެއްޔެވެ؟ ކިޔުނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. އަހަރެން މިއީ ތަގުރީރުކުރުމުގެ ފަންނުގެ މީހެއް ނޫންކަމަށް އިއުތިރާފު ވަމެވެ. މި ފެންނަ ފޯރިއާއި ޖޯޝަކީ ތިޔަބައިމީހުންނަކީ ދިރިތިބި ބަޔަކުކަން އަންގައިދޭ ކަމެކެވެ. މި ތަނުން ދަތުރަށް ފެށުމުގެ ކުރީން އަލްޙްމަރާގެ ދަގަނޑު ދޮރާށީގެ އަނެއް ފަރާތު ކޮންމެވެސް ތަނެއްގައި އަރާމުކޮށް ނިދައިފައި އޮތް އަބޫ ޢަބްދުﷲއަށް މެސެޖެއް ދޭން އަހަރެން ބޭނުމެވެ. އޭ އަބޫ ޢަބްދުﷲއެވެ. އަހަރެންގެ ގައުމު މަރެއް ނުވެއެވެ. ކަލެއަކަށް އެބައިމީހުން ފެރްނާންދޯގެ އަޅުން ކަމުގައެއް ނުހެދޭނެއެވެ. ކަލެއަކީ ގައުމުގެ ޝަރަފުވެރި ރައްޔިތުން ދޫކޮށްލުމަށް ފަހު އަމިއްލަ ކުރިމަގު ގޮތްކުޑަ ދުޝްމިނަކާ ހަވާލުކުޅަ މީހެކެވެ. އަބޫ ޢަބްދުﷲއެވެ. ކަލޭގެ ގައުމުގެ ރައްޔިތުން ވަރަށް ހިތްހެވެވެ. ދީލައްޗެވެ. މިއަދު ކަލޭ އެނބުރި ހެޔޮ މަގަށް އަޔަސް އެބައިމީހުން ކަލެއަށް މާފުކުރާނެއެވެ. އަންނާށެވެ. މާފުގެ ހުރިހައި ދޮރެއް ބަންދުވުމުގެ ކުރީން ނުކުންނާށެވެ. ކަލޭގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭށެވެ. އެހެން ނޫންނަމަ ހަނދާންކުރާށެވެ. ކަލެއަކަށް ގަނޑުވަރުގައި އަރާމު ނިދީގައި މާ ގިނަ އިރަކު ނޯވެވޭނެއެވެ. މިއީ ގައުމުގެ ޒުވާނުން ކަށްޓާއި ލޭ ހޭދަކޮށްގެން އަޅައިފައިވާ ގަނޑުވަރެކެވެ. ކަލޭގެ އަމިއްލަ ޝަރަފަށްޓަކައި ގައުމުގެ އިއްޒަތާއި މިނިވަންކަން ވިއްކައިނުލާށެވެ. ﷲ ގަންދީ ބުނަމެވެ. ގައުމުގެ ރައްޔިތުން ނުދިން އިއްޒަތެއް އެހެން ބަޔަކަށް ނުދެވޭނެއެވެ. ގައުމުގެ ރައްޔިތުން ވައްޓައިލީ މީހަކު ނަގައި ކޮޅަށް ޖަހައިދޭނޭ މީހަކު ނުހުންނާނެއެވެ. ގްރަނާދާގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ހެކިވާށެވެ. އަހަރެން މި ދަނީ އަބޫ ޢަބްދުﷲގެ ގަނޑުވަރުގެ މައި ދޮރާށީގައި ޓަކިޖަހައިފައެވެ.]
އަބޫ މުޙްސިން އިތުރަށް ވާހަކަފުޅު ދައްކަވާން ބޭނުންފުޅުވިއެވެ. އެކަމަކު ކުއްލިއަކަށް އަލްޙަމްރާގެ ދޮރާށި ހުޅުވިއްޖެއެވެ. ފުރަތަމަ ފެނުނީ ދަންމަރު ހިފައިގެން ތިބި ހައެއްކަ ސިފައިން ނުކުތްތަނެވެ. އެމީހުންގެ ފަހަތުން ފައިމަގުގެ ހަނގުރާމަވެރީންގެ ބަޔަކު ނުކުތެވެ. އޭގެ ފަހަތުން ފެނުނީ ވިހި އަސްވާރުން ނުކުތްތަނެވެ. އެންމެ ފަހަތުން ފެނުނީ ހުދު އަހަކަށް ސަވާރުވެގެން އިން މީހެކެވެ. ބޮލުގައި އޮތީ ހުދު ފަގުޑިއެކެވެ. އަތުގައި އޮތީ ގްރަނާދާގެ ދިދައެވެ. ބޭރަށް ނުކުމެވުމާއެކު އަސްވާރުންނާއި ފައިމަގުގެ ސިފައިން ދެ ފަރާތުގައި ސަފަކަށް އެތުރިގެންފިއެވެ. ހުދުއަސް ބޭރަށް ނުކުމެއްޖެއެވެ. ކުޑަކޮށް މަޑުޖެހިލުމަށް ފަހު އަބުލްޙަސަނާ ދިމާއަށް އަސް ދުއްވައިލައިފިއެވެ. އެއީ އަބޫ ޢަބްދުﷲއެވެ.
އޭނާ ވިދާޅުވިއެވެ. [އަބޫ މުޙްސިނެވެ. އަޅުގަނޑާ ބެހޭ ގޮތުން ވިދާޅުވީ މުޅީންވެސް ތެދު ވާހަކަފުޅެވެ. އެކަމަކު އެއް ވާހަކަފުޅެއް ދޮގެވެ. ގަނޑުވަރުގެ ދޮރުކޮޅުތައް ލައްޕައި ތަޅުލައިގެން އެއްވެސް ވެރިއަކަށް އަރާމު ނިންޖެއް ނުނިދޭނެއެވެ. އަޅުގަނޑު މިއިނީ ގައުމުގެ އަދާލަތަށް ހާޒިރުވެއެވެ. އަޅުގަނޑު ރަޙުމަކަށް ނޭދޭނަމެވެ. އަޅުގަނޑު ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ އަޅުގަނޑުގެ ކުށް އިސްލާހުކުރުމުގެ ފުރުސަތެއް ދެއްވުމެވެ. މި ލަޝްކަރުގެ ކޮމާންޑަރަކީ މަނިކުފާނެވެ. ހުއްދަ ދެއްވައިފިނަމަ ލަޝްކަރުގެ ސިފައެއްގެ ގޮތުގައި ދާން އަޅުގަނޑު ބޭނުމެވެ. މިއަދުން ފެށިގެން އަޅުގަނޑަކާއި ގްރަނާދާގެ ތަޚުތަކާ އެއްވެސް ގުޅުމެއް ނެތެވެ. އަޅުގަނޑު ވެރިކަމަކަށް ދައުވާއެއްވެސް ނުކުރާނަމެވެ. އަޅުގަނޑުގެ ބޮޑުބޭބޭފުޅު އައްޒަޣަލާއި ބައްޕާފުޅު ގްރަނާދާއަށް ވަޑައިގެން އަޅުގަނޑާމެދު ނިންމަވާ ކޮންމެ ނިންމެވުމެއް އަޅުގަނޑު ހިތުން ރުހުމުން ގަބޫލުކުރާނަމެވެ.]
ކުޑަ އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. ދެން ލަޝްކަރުގެ މީހުން އެކަކު އަނެކަކަށް ވައިއަޑުން ވާހަކަދައްކާން ފަށައިފިއެވެ. ހައްދަވާނޭ އެއްޗެއް އެނގިވަޑައިނުގެން އަބޫ މުޙްސިން އަބޫ ޢަބްދުﷲއާ ދިމާއަށް ބައްލަވާން އިންނެވީއެވެ.
އަބޫ ޢަބްދުﷲ ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. [އަޅުގަނޑުގެ ކުށަކީ މާފުކުރުން އެކަށީގެންވާ ކުށެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު މީނީ ގައުމުގެ ރައްޔިތުންގެ އަދާލަތަށް އައިހެވެ. އަޅުގަނޑު ކޮށައި ކުދިކޮށްލާށޭ އެބައިމީހުން ގާތު ވިދާޅުވާށެވެ. ރަހުމު ކުރުމަކަށް އަޅުގަނޑު ފަހަރެއްގައިވެސް ނޭދޭނަމެވެ. އެކަމަކު ލަޝްކަރުގައި އަޅުގަނޑު ގެންދަވައިފިއްޔާ އަޅުގަނޑުގެ ފަސްބައިގައި ޖެހުނު ލައްތައް، އަޅުގަނޑުގެ ލެއިން ދޮވެލެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.]
އަބޫ މުޙްސިން ލަޝްކަރާ ދިމާއަށް ބައްލަވައިލައްވައިފިއެވެ. އެޔަށް ފަހު އަބޫ ޢަބްދުﷲ އާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [މަނިކުފާނުގެ ފަސްބައިކޮޅުގައި ޖެހުނު ލައްތައް ގައުމުގެ މީހުން އެބައިމީހުންގެ ޝުކުރުގެ ކަރުނައިން އެތިބަގެން ދޮންނަނީއެވެ.]
އޭގެ ކުޑައިރުކޮޅެއް ފަހުން ގަނޑުވަރުގެ ހުޅަނގުފަރާތު ދޮރުން ފަސް ހާސް ސިފައިންގެ ލަޝްކަރެއް ނުކުމެއްޖެއެވެ. ލަޝްކަރުގެ އެންމެ ކުރީގައި ތިއްބެވީ އަބޫ މުޙްސިނާއި އަބޫ ޢަބްދުﷲއެވެ. ލަޝްކަރުގެ އެންމެން ފަތިސްނަމާދުކުރީ ސަހަރާ ތަންކޮޅެއް ބޭރަށް ނުކުމެއެވެ. ދެވަނަ ފަހަރަށް ދަތުރު ފެއްޓުމުގެ ކުރީން އަބޫ މުޙްސިން، އަބޫ ޢަބްދުﷲ އެއް ފަރާތަކަށް ގެންދަވައިގެން ވިދާޅުވިއެވެ. [އަޅުގަނޑު އަޑު އަހައިފައި އޮތް ގޮތުގައި އަބޫ މޫސާ އޮންނެވީ ހައްޔަރުކުރައްވައި ހުރަގެއަށް ލައްވައިފައެވެ. ލަޝްކަރުގެ ކޮމާންޑަރުކަމަށް އެޔަށްވުރެ ވަކީން ގާބިލު އެހެން ބޭފުޅަކު ނުހުންނާނެއެވެ. މިހައިތަނަށް ވިސްނިވަޑައިގެންފައި ނެތަސް، އަދި އަޅުގަނޑުމެން މާ ދުރަކަށް ނުދަމެއް ނޫންތޯއެވެ؟]
އަބޫ ޢަބްދުﷲ ކަންބޮޑުވެވަޑައިގެންފައި އަބޫ މުޙްސިނާ ދިމާއަށް ބައްލަވައިލެއްވިއެވެ. [އަބޫ މޫސާ އަލްޙަމްރާއަކު ނެތެވެ. ހަނގުރާމައިން އެނބުރި އައިސް ނޫނީ އަޅުގަނޑަކަށް އޭނާޔާ ބެހޭ ގޮތުން ކުރައްވާ އެއްވެސް ސުވާލަކަށް ޖަވާބެއް އެރުވޭނޭ ހެންނެއް ހިޔެއް ނުވެއެވެ. އެކަމަކު ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އޭނާ ދިރިދުނިޔޭގައި އެބަހުންނެވިއެވެ. ވަގުތު ޖެހުނީމާ އަޅުގަނޑު އޭނާގެ ކުރިމައްޗަށް ނުކުންނާނަމެވެ. އަޅުގަނޑަކީ އަބޫ މޫސާގެ މުޖުރިމަކީމެވެ. އޭނާ ދެއްވާ ކޮންމެ އަދަބެއް އަޅުގަނޑު ގަބޫލުކުރާނަމެވެ. އެކަމަކު ހަނގުރާމައިން އެނބުރި އަންނައިރު އަޅުގަނޑުގެ ފަސްބައި މިހައި ކަޅެއް ނުވާނެއެވެ. މި ވަގުތު އޭނާ މިތާނގައި ހުންނެވި ނަމަވެސް ކުރިފުޅުމައްޗަށް ނުކުންނާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. އަޅުގަނޑު އޭނާގެ ކުރިމައްޗަށް ނުކުންނާން ބޭނުންވަނީ އަޅުގަނޑުގެ ފަސްބައި ލެއިން ތަތްތެޅި، އަޅުގަނޑުގެ މޫނު ޒަޚަމުން ފުރިފައިވާ ހާލުގައެވެ. ހިތްވަރު ކޮށްފައި އަޅުގަނޑު ބުނާން ބޭނުންވަނީ އެންމެ ވާހަކައެވެ. އޭ އަބޫ މޫސާއެވެ. މަނިކުފާނުގެ މުޖުރިމު މި ދަނީ ފައިސަލާކުރުވަނިވި މަގާމަކަށެވެ. އަޅުގަނޑުގެ ކުށަށް މާފު ނުދެއްވާނުތޯއެވެ؟]
އޭނާގެ ވާހަކަފުޅަށްވުރެ ބޮޑަށް އަބޫ މުޙްސިނަށް އަސަރުކުޅަކީ އޭނާގެ ހިތާމަވެރި އަޑުފުޅުގެ ސަބަބުންނެވެ. ކުޑައިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު އަބޫ ޢަބްދުﷲ އަނެއްކާވެސް ވިދާޅުވިއެވެ. [އަޅުގަނޑުގެ ހިތުގެ ހާލަތު މަނިކުފާނަށް މިހާރު ވިސްނިވަޑައިގަންނަވާނެއެވެ. އެކަމަކު ލަޝްކަރުގެ މީހުން އަބޫ މޫސާ ކޮބައިހޭ އަޅުގަނޑާ ސުވާލުކުރީމާ އަޅުގަނޑު ދޭ އެއްވެސް ޖަވާބެއް އެމީހުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ.]
އަބޫ މުޙްސިން ވިދާޅުވިއެވެ. [ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާށެވެ. މި ވަގުތު އެމީހުންނަށް އެނގެނީ މަނިކުފާނު އެމީހުންނާ އެކުގައި ހުންނެވިކަމެވެ. އެޔަށްވުރެ ދުރަށް، އެހެން ކަމަކާމެދު ވިސްނާކަށް މި ވަގުތު އެކަކުވެސް ބޭނުމެއް ނުވާނެއެވެ.]
(4)
މަލަޚާގެ ކުލަގަދަ ކާމިޔާބީއަށް ފަހު އައްޒަޣަލް މަލަޚާގައި ޖާގަޖައްސަވައިފިއެވެ. ލަޝްކަރު އަލުން ތަރުތީބުކުރައްވައި ގްރަނާދާއަށް ދަތުރުކުރައްވާން ފެއްޓެވުމުގެ ކުރީން އަބޫ ޢަބްދުﷲއަށް މެސެޖެއް ފޮނުއްވައިފިއެވެ. [ތައުބާގެ ދޮރު އަދި ބަންދެއް ނުވެއެވެ. ކްރިސްޓިއަނުންގެ ފަރާތުން ލިބޭނޭ ކަމަށް ހީކުޅަ ކަންތައްތަކަކީ އަވާމެންދުރެއްކަން މިހާރު އޮންނާނީ ކޮއްކޮއަށް އެނގިފައެވެ. އަހަރެމެން ބޭނުންވަނީ ހަނގުރާމައަކާ ނުލައި ދާ ގޮތަށް ގޮސް ގްރަނާދާއަށް ވަންނާށެވެ. އަހަރެމެންގެ މަގަށް ހުރަސްއަޅާން ގަސްތުކުރާނަމަ ހަނދާންކުރާށެވެ. އަލްޙަމްރާގެ ދަގަނޑު ދޮރާށްޓަކަށް އަހަރެމެން ނުހުއްޓެވޭނެއެވެ.]
މެސެޖް ހިފައިން ދިޔަ މަންދޫބު އެނބުރި އައިސް ދެންނެވިއެވެ. [މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ގްރަނާދާ ދަނީ ތައްޔާރުވަމުންނެވެ. ސަރަހައްދަށް ހަމަލަދިން ކްރިސްޓިއަނުންނާ ހަނގުރާމަ ކުރައްވާން އަބޫ ޢަބްދުﷲ ލަޝްކަރާއިގެން ނުކުމެވަޑައިގެންފިއެވެ.]
މިހެން ދަންނަވައިފައި މަންދޫބު އައްޒަޣަލްގެ އަތްޕުޅަށް އެރުވީ އަބުލްޙަސަންގެ އަނބިކަނބަލުންގެ ސިޓީފުޅެކެވެ. [މިއީ ރަނިކަމަނާ، އެކަމަނާގެ ފިރިކަލުންނަށް އަރުވާން ދެއްވި ސިޓީފުޅެކެވެ.]
މަންދޫބާ ދެތިން ސުވާލެއް ކުރެއްވުމަށް ފަހު އައްޒަޣަލް ވަޑައިގަތީ އަބުލްޙަސަންގެ އަރިހަށެވެ. މުސްކުޅިފުޅުވެފައިވާ ރަސްގެފާނު އެނދުދާންކޮޅުގައި އޮށޯވެވަޑައިގެން ފިކުރުފުޅު ކުރައްވާން އޮންނެވިއެވެ. އެމަނިކުފާނުގެ ދިރިއުޅުއްވުމުގެ އެންމެ ފަހުގެ ގަޑިތައް ހޭދަކުރައްވަނީއެވެ. މިހާރު ލޯފުޅަކަށް ފެނިވަޑައެއް ނުގަނެއެވެ. ދަރިކަލުންނާ ބެހޭ ގޮތުން އައްޒަޣަލް ދެއްކެވި ވާހަކަފުޅު އައްސަވައިފައި ތެދުވެވަޑައިގެންފިއެވެ. [ތިޔައީ ހަމަ ތެދު ވާހަކައެއް ހެއްޔެވެ؟ ތިޔައީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟] އެމަނިކުފާނު ސުވާލުކުރައްވަމުން ގެންދެވިއެވެ. [ނޫނެކެވެ. ނޫނެކެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮއްކޮގެ މަންދޫބު މިތަނަށް ގެންނާށެވެ.]
އައްޒަޣަލް ވިދާޅުވިއެވެ. [ރަނިކަމަނާ ފޮނުއްވި ސިޓީފުޅެއްވެސް އޭނާ ގެނައެވެ.]
އަބުލްޙަސަން ބޭގަރާރީއާއެކު ވިދާޅުވިއެވެ. [ސިޓީގައި އޮތީ ކީކޭ ހެއްޔެވެ؟ އަހަންނަށް ކިޔައިދޭށެވެ.]
އައްޒަޣަލް ސިޓީފުޅު ވިދާޅުވާން ފައްޓަވައިފިއެވެ.
[އަޅުގަނޑުގެ ސާހިބާއެވެ. އަޅުގަނޑުގެ މައިވަންތަކަން އަބޫ ޢަބްދުﷲއާ މެދު މާޔޫސުވިޔަކަ ނުދިނެވެ. މި ވަގުތު އެންމެ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ފެނުނީ އަލްޙަމްރާގައި އިނުމެވެ. ﷲ އަޅުގަނޑުގެ ދުޢާ އިޖާބަކުރެއްވީ ހަތަރުފަރާތުން އުދަރެސް ބެދި، އަޅުގަނޑު އެންމެ ބޮޑަށް މާޔޫސްވީ ދަނޑިވަޅުގައެވެ. ދުޝްމިނުންނާ މުގާބިލާ ކުރުމަށްޓަކައި އަބޫ ޢަބްދުﷲ ނުކުމެއްޖެއެވެ. އަޅުގަނޑުގެ މައިވަންތަ ހިތް ދޮގު ނުހަދާ ކަމުގައި ވަނީނަމަ، އޭނާ އެ ނުކުތީ ކުރެވުނު ކުށުގެ ކައްފާރާ އަދާކުރުމުގެ ނިޔަތް ނޫން އެހެން ނިޔަތެއްގައެއް ނޫނެވެ. ގްރަނާދާއަށް މިހާރު ސާހިބާގެ ބޭނުން ޖެހިފައިވަނީ ވަރަށް ބޮޑަށެވެ. ވަޑައިނުގެންނެވޭނަމަ އައްޒަޣަލް ފޮނުއްވާށެވެ. އަބޫ ޢަބްދުﷲއާއެކު އޭނާ ވާވައްދައިގެން ގައުމު ވިއްކާލި ޣައްދާރުންގެ ބަޔަކު ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި އިންނަނީ އެކަމާ ބިރުންނެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އަބޫ ޢަބްދުﷲ މަގުފުރައްދާން އެމީހުން މަސައްކަތް ކުރާނެއެވެ. އެހެންވީމާ އަބޫ ޢަބްދުﷲ އެނބުރި އައުމުގެ ކުރީން ގްރަނާދާގެ މައްޗަށް ސާހިބާގެ ބާރު ހިންގެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.]
އަނެއް ދުވަހުގެ ހެނދުނު އައްޒަޣަލް ލަޝްކަރަށް ތައްޔާރުވާން އަންގަވައިފިއެވެ. ކްރިސްޓިއަނުން ބަލި ކުރެއްވުމަށް ފަހު ބަދްރު ބިން މުޣީރާ ލަޝްކަރާއެކު ވަޑައިގަތީ އެމީހުން އުތުރާއި އިރުމަތީ ސަރަހައްދަށް ވަނަ ނުދީ ހިފެހެއްޓެވުމުގެ މަސައްކަތް ކުރައްވާށެވެ. ބަޝީރް ބިން ޙަސަނަށް ޖެހިވަޑައިގަތީ އަބުލްޙަސަނަށް ބޭސްކޮޅު އަރުވަން މަލަޚާގައި މަޑުކުރައްވާށެވެ.
އާލާސްކަންފުޅު ކިތަންމެ ބޮޑުވިޔަސް، ހަށިކޮޅުގައި ވަރުފުޅު ނެތަސް އަބުލްޙަސަން ގަދައަޅުއްވަމުން ގެންދެވީ ގްރަނާދާއަށް ވަޑައިގަންނަވާށެވެ. އެންމެ ފަހުން އައްޒަޣަލަށް ޖެހިވަޑައިގަތީ އަބުލްޙަސަނަށް ޚާއްސަ ގާޑިޔާކޮޅެއް އިންތިޒާމު ކުރައްވާށެވެ. މަލަޚާ ބެލެހެއްޓެވުން ހަވާލުކުރެއްވީ އައްޒައިޣަރީއާއެވެ.
އައްޒަޣަލްގެ ލަޝްކަރު ފަތަޙައާއި ކާމިޔާބީގެ ދިދަ ވިހުރުވަމުން ގަރްނާދާއަށް އަރައިފިއެވެ. ރަށުގެ ބޮޑު ދޮރާށިން ފެށިގެން އަލްޙަމްރާ ގަނޑުވަރާ ހަމައަށް ވަނީ މާމެލާމެލިން ފުރިފައިވާ މަގެކެވެ. އަބުލްޙަސަން އޮންނެވުމާއެކު ގާޑިޔާކޮޅު ދުއްވަނީ ތަންކޮޅެއް މަޑުން ކަމަށް ވާތީ ގަނޑުވަރާ ހަމައަށް ފޯރި ތަންކޮޅެއް ލަހުންނެވެ. ރަށުތެރޭގައި އެއް އަޑަކަށް ހިފައިފައި ހުރީ [އައްޒަޣަލް ޒިންދާބާދު… އަބުލްޙަސަން ޒިންދާބާދުގެ] ގެ އަޑެވެ.
ރައްޔިތުންގެ އުފާވެރިކަމާއި ޖޯޝުގެ މައިގަނޑު އަނެއް ސަބަބަކީ ހުޅަނގުއިރުމަތީ ސަރަހައްދުން ލިބުނު ޚަބަރުތަކެވެ. އެއީ އަބޫ ޢަބްދުﷲ ހަނގުރާމަ ކާމިޔާބުކުރެއްވި ޚަބަރެވެ. ޚަބަރު ގެނެސްދޭ މީހުން ބުނާ ގޮތުގައި ކްރިސްޓިއަން ހަނގުރާމަވެރިން ބަލިކުރެއްވުމަށް ފަހު އަބޫ ޢަބްދުﷲ ދުޝްމިނުންގެ ސަރަހައްދަށް ވެދެވަޑައިގެންފިއެވެ. އަދި އެބައިމީހުންގެ ހައެއްކަ އަވަށް ހިއްޕަވައިވެސްފިއެވެ.
ނާކާމިޔާބީގެ ސަބަބުން ލިބުނު ހިތި ފިލާވަޅާއެކު، ފެރްނާންދޯ ރަނގަޅަށް ތައްޔާރުވެގެން ނޫނީ ދެން އެހެން ފިޔަވަޅެއް ނާޅާނޭކަން އައްޒަޣަލަށް އެނގިވަޑައިގަނެއެވެ. އަލުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ހޭދަވާނެއެވެ. އެހެންވީމާ ލަޝްކަރު ތައްޔާރު ކުރައްވައިގެން ވަރަށް އަވަހަށް އަބޫ ޢަބްދުﷲއަށް އެހީތެރިވެޑައިގަންނަވާން ވަޑައިގަންނާވާނޭ ވާހަކަ އަންގަވައިފިއެވެ. އަދި ދުޝްމިނުންގެ ސަރަހައްދަށް، މާ ފުނަށް، ވެދެވަޑައިގަތުމުގެ ބަދަލުގައި ރައްކާތެރިތަނެއްގައި ގާފިލާ ކުރެއްވުމަށް ފަހު ދޭތެރެދޭތެރެއިން ކުދި ހަމަލަ ދެއްވުމުގައި ދެމިހުންނަވާށޭވެސް އެންގެވިއެވެ. އަބޫ ޢަބްދުﷲ އަށް ފޮނުއްވި ލިޔުމުގައި އައްޒަޣަލް ލިޔުއްވިއެވެ. [ކޮއްކޮއަށް ކުރެވުނު ކުށުގެ ކައްފާރާ މިހާރު އަދާކުރެވިއްޖެއެވެ. އެނބުރި ގްރަނާދާއަށް އަންނައިރު ގްރަނާދާގެ ރައްޔިތުންގެ ފަރާތުން ފެންނަ އުފާވެރިކަމާއި މަރުހަބާގެ ޝުއޫރު ކޮއްކޮގެ ބޮޑުބޭބެއާއި ބައްޕާފުޅުގެ ފަރާތުން ފެންނާނެއެވެ. އަބޫ މޫސާ ވީތަނެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ބޭބެ ހީކޮށްގެން ހުރީ ކޮއްކޮއާއެކު ދިޔައީ ކަމަށެވެ. އެކަމަކު ތިޔަކޮޅުން އައި މީހުން އަބޫ މޫސާ ދުށް ކަމަކަށް ނުވެއެވެ. އޭނާ ކޮބައި ހެއްޔެވެ؟ ގްރަނާދާގެ ރައްޔިތުން ތިބީ އޭނާ ވީ ތަނެއް ނޭނގި ކަންބޮޑުވެފައެވެ.]
(5)
ހަތަރު ދުވަސް ފަހުން ގްރަނާދާއަށް އޮތީ ބޮޑު ހިތާމައެއް ވެރިވެފައެވެ. އިރުއެރުމާއެކު ލިބުނު ޚަބަރަކީ އަބޫ ޢަބްދުﷲ ދުޝްމިނުންގެ އަތުން ބަލިވެވަޑައިގަތް ވާހަކައެވެ. އަދި ދުޝްމިނުން އޭނާ ހައްޔަރުކޮށްފި ވާހަކައެވެ. އިރުއޮއްސެން ވާއިރަށް އެ ޚަބަރުގެ ވަރަށް ގިނަ ތަފުސީލުވެސް ލިބިއްޖެއެވެ.
ގްރަނާދާއަށް އައްޒަޣަލް ވަޑައިގަތް ޚަބަރު ލިބިވަޑައިގަތުމުން ބިރުން ތިބި ބައެއް ޣައްދާރުން އަބޫ ޢަބްދުﷲގެ އަރިހުގައި ވަފާތެރިން ކަމުގައި ހެދިގެން ދިޔައެވެ. މި ހާދިސާގެ ސަބަބުން ގްރަނާދާގެ ރައްޔިތުންނަށް އައި ހެޔޮ ބަދަލުތައް ފެނުނީމާ ބާކީ ތިބި މީހުންވެސް ރަށް ދޫކޮށް ގޮސް ފެރްނާންދޯގެ ފޫބުޑަށް ވަދެއްޖެއެވެ. އެކަމަކު ފަހުގެ ފުތޫޫހާތުގެ ސަބަބުން އަބޫ ޢަބްދުﷲ ބަދަލުވެވަޑައިގަތްތަން ފެނުނީމާ އެބައިމީހުން ވަރަށް ނުބައި ރޭވުމެއް ރާވައިފިއެވެ. އެއް ދުވަހަކު އަބޫ ޢަބްދުﷲ ފެރްނާންދޯގެ ބާރުގެ ދަށުގައި އޮތް އަވަށެއް ހިއްޕަވައިފިއެވެ. އެ ވަގުތު ޣައްދާރުންގެ ތެރޭގައި ހިމެނޭ، އެކަމަކު ލަޝްކަރާއެކު ތިބި ދެ މީހަކު އައިސް އަބޫ ޢަބްދުﷲއަށް ދެންނެވީ ހުޅަނގު ފަރާތުން އެ އަވަށާ ދިމާއަށް ކްރިސްޓިއަނުންގެ ލަޝްކަރެއް އަންނަ ކަމުގައެވެ. މީގެ އިތުރަށް އިރުމަތީ ފަރާތުންވެސް ކްރިސްޓިއަނުންގެ ދެހާސް މީހުންގެ ލަޝްކަރެއް ދުށްކަމަށާއި އެބައިމީހުންގެ މިސްރާބުވެސް ހުރީ އެ އަވަށާ ދިމާއަށް ކަމުގައި ދަންނަވައިފިއެވެ. މި ޚަބަރު ލިބިވަޑައިގަތީމާ އަބޫ ޢަބްދުﷲ މަޝްވަރާ މަޖިލިސް އެއްކުރައްވައިފިއެވެ. މި މަޖިލީހުގައި ޣައްދާރުންގެ ބަޔަކުވެސް ވަނެވެ. މިބައިމީހުން މަޝްވަރާ އެރުވީ އެ އަންނަ ކްރިސްޓިއަން ލަޝްކަރަށް އަވަށް ހިސާރުކުރުމުގެ ފުރުސަތު ދެއްވާށެވެ. އެޔަށްފަހު ރޭގަނޑު ހަމަލަދީ ކާފަރުންގެ ލަޝްކަރަށް އެހީ އަންނަ މަގުތައް ބަންދުކުރާނީއެވެ. އެ މީހުން ހިފަހައްޓަވައިގެން ދެ ދުވަހެއްވަރު މަޑުކޮށްލައްވާއިރު އިސްލާމުންގެ އެހެން ލަޝްކަރެއް އަންނާނޭ ކަމުގައިވެސް މި ބައިމީހުން ދަންނަވައިފިއެވެ.
ރޭގަނޑުގެ އަނދިރީގައި ނުކުމެ ދުޝްމިނުންނާ ކުރިމަތިލުމާ އަބޫ މުޙްސިން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވިއެވެ. [ކާފަރުންނަށް ހިސާރުކުރުމުގެ ފުރުސަތު ދީފައި އަޅުގަނޑުމެން ރަށުތެރޭގައި ތިބެގެން ހަނގުރާމަކުރީމާ ތިން ހަފުތާއެއްހައި ދުވަހު ހިފަހައްޓައިލެވޭނެއެވެ. އެހައިތަނަށް ގްރަނާދާއިން ލަޝްކަރު އަންނާނެއެވެ.] އެކަމަކު ޣައްދާރުން ދޫނުކޮށް ހިފެހެއްޓުމުގެ ސަބަބުން ރޭގަނޑުގެ ހަމަލައަށް ލަޝްކަރު ތައްޔާރުކުރާން އަބޫ ޢަބްދުﷲ އަންގަވައިފިއެވެ. ލަޝްކަރު ބަހައިލެވުނީ ދެ ބަޔަކަށެވެ. އެއް ބަޔަކު އަބޫ މުޙްސިންގެ ގިޔާދަތުގައި ހުޅަނގު ފަރާތަށް ދާ ގޮތަށް ހަމަޖެއްސުނެވެ. ދެވަނަ ބައި އަބޫ ޢަބްދުﷲގެ ގިޔާދަތުގައި ދިޔައީ އިރުމަތީ ފަރާތަށެވެ. އަބޫ ޢަބްދުﷲގެ އަރިހުގައި ވަރަށް ގިނަ ޣައްދާރުން ދިޔައެވެ.
ޖާސޫސުންގެ ބަޔަކާއެކު އަބޫ މުޙްސިން ހުޅަނގު ފަރާތުން ވިއްސަކަށް ކޯހުގެ ދުރަށް ވަޑައިގެން ބެއްލެވި އިރުވެސް ލަޝްކަރެއްގެ ހިލަމެއް ފެނިވަޑައެއް ނުގަތެވެ. އޭނާ އަރިހުގައި އައި ޖާސޫސަށް އަޑުފުޅުލެއްވިއެވެ. އެންމެ ފަހުން ރޭގަނޑުގެ ތިންވަނަ ދަމަށް އަޅައިގަތީމާ، ވަރުބަލިފުޅުކަމާއެކުވެސް، އަސްކޮޅުގެ މިސްރާބު އަވަށާ ދިމާއަށް ޖައްސަވައިފިއެވެ. އަވަށާ ހަތަރު ކޯހެއްހައި ގާތަށް ވަޑައިގެންވެުނުތަނާ ސިފައިންގެ ބަޔަކާ ބައްދަލުވެވަޑައިގެންފިއެވެ. އެއީ އަބޫ ޢަބްދުﷲގެ އަރިހުގައި ދިޔަ ބައެކެވެ.
އަބޫ މުޙްސިންގެ ހިތްޕުޅުގައި ޝައްކެއް އުފެއްދިއްޖެއެވެ. ލަޝްކަރަށް މަޑުކުރާން އެންގެވުމަށް ފަހު ސިފައިންނާ ދިމާއަށް ގިނިކަންޏާ ވަޑައިގެންފިއެވެ. ކައިރިއަށް ވަޑައިގެންނެވުނީމާ ފާހަގަ ކުރެއްވުނު ގޮތުގައި އެ މީހުން ތިބީ ލެޔާ ތަތްތެޅިފައެވެ. ސުވާލު ނުކުރައްވަނީސް އެމީހުން ދަންނަވައިފިއެވެ. [އަޅުގަނޑުމެން ބަލިވެއްޖެއެވެ. މިއީ ވަރަށް ހީލަތްތެރި ރޭވުމެކެވެ. އަޅުގަނޑުމެންގެ ލަޝްކަރުގައި ގިނައިން ތިބީ ޣައްދާރުންނެވެ. ޖާސޫސުން އަޅުގަނޑުމެން ގޮސް ޖެއްސީ މަޅިއެއްގައެވެ. ހަތަރު ފަރާތުން އޮހިގަތީ ދުޝްމިނުންގެ ތީރެވެ. ދުޝްމިނުންގެ ގޮވެލިފަތީގެ އަޑު އިވުމާއެކު ޣައްދާރުން އަބޫ ޢަބްދުﷲއަށް ދެންނެވީ މިހާރު މިއޮތީ ހުރިހައި ދިމާއަކުން ބެދިފައިކަމަށާއި ހަނގުރާމަކުރުމަކީ ބޭކާރު ކަމެއް ކަމުގައެވެ. އަޅުގަނޑުމެން ހަތިޔާރު ބަހައްޓާން ދެކޮޅުހެދީމާ ޣައްދާރު އެއްފަރާތަކަށް ޖެހި ވަކިވެގެންފިއެވެ. ދުޝްމިނުން އެއް ފަރާތުން ނުކުމެ އަޅުގަނޑުމެންނާ ހަމަލަދޭން ފެށީމާ ފުރަތަމަ ޣައްދާރުން ހިމޭނުން ތިބީއެވެ. ފަހުން ދުޝްމިނުންނާ ބައިވެރިވެ އަޅުގަނޑުމެންނާ ދިމާކޮށްލައިފިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ އަށްސަތޭކައެއްހައި މީހުން ޝަހީދުވެއްޖެއެވެ. ފިލައިގެން ޖާނު ސަލާމަތްކުރުން ނޫން ގޮތެއް ނެތިއްޖެއެވެ.]
އަބޫ މުޙްސިން ސުވާލުކުރެއްވިއެވެ. [އަބޫ ޢަބްދުﷲ ކޮބައިހެއްޔެވެ؟]
ޒުވާން ސިފަޔަކު ދެންނެވިއެވެ. [ހަނގުރާމަ ހިނގަމުން ދިޔައިރު އަޅުގަނޑުމެންނާއެކު ހުންނެވިއެވެ. އަސްކޮޅުން ވެއްޓިވަޑައިގަތްތަން ދެތިން މީހަކު ދުށްޓެވެ. އަޅުގަނޑަށް ހީވާ ގޮތުގައި ދުޝްމިނުން އެމަނިކުފާނު ހައްޔަރުކޮށްފިއެވެ. މިއީ ކެހިވެރި ރޭވުމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މުނާފިގުން އެހައި ގިނަ އަދަދަކަށް ތިބިކަން ކުރިން އެނގުނު ނަމައެވެ.]
އަބޫ މުޙްސިން ވިދާޅުވިއެވެ. [އަހަރެމެންނަށްވެސް އޮޅުވައިލީއެވެ. އަހަރެން ޖާސުސު ކުރެން އަހައިލާނަމެވެ.]
މިހެން ވިދާޅުވެފައި ލަޝްކަރާ ހަމައަށް ފަހަތަށް ވަޑައިގެންފައި ސުވާލުކުރެއްވިއެވެ. [އެ ޖާސޫސުކަލޭގެ ކޮބައި ހެއްޔެވެ؟]
ސިފައިން އެކި ދިމަދިމާއަށް ބަލައި ހޯދައި އެކަކު އަނެކަކާ ސުވާލުކުރުމަށް ފަހު ދެންނެވިއެވެ. [ފަތިސް ނަމާދަށް ފަހު އަޅުގަނޑުމެން އޭނާ ނުދެކެމެވެ.]
އަބޫ މުޙްސިން މާޔޫސީއާއެކު ވިދާޅުވިއެވެ. [ދެން އެނބުރި ސަރަހައްދަށް ދިއުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ.]
ލަޝްކަރުގެ ބަލިވުމާއި އަބޫ ޢަބްދުﷲގެ ގެއްލިވަޑައިގަތުން ވެގެން ދިޔައީ އަބުލްޙަސަންގެ ފުރާނަފުޅުގެ ހުޅުކޮޅަށް ޖެހުނު އެންމެ ފަހުގެ ވައިރޯޅިކަމުގައެވެ. ގްރަނާދާގެ މައްޗަށް އަނެއްކާވެސް ހިތާމައިގެ ކަޅު ވިލާތައް ފެތުރިއްޖެއެވެ. އޭގެ އަނެއް ދުވަހު ރައްޔިތުންނަށް ފެނުނީ އަބުލްޙަސަންގެ ޖަނާޒާއެވެ. ގްރަނާދާގެ ފަޒާ ވަނީ އެތައް ރަސްކަލަކާއި ވެރިންނެއްގެ ޖަނާޒާ ދެކިފައެވެ. އެކަމަކު މި މުޖާހިދުގެ ހަށިކޮޅު ކަށްވަޅަށް ތިރި ކުރެވުމާއެކު ކުރިމަގުގެ އެތައް ހާސް އުއްމީދެއް ނިދީއެވެ.
މި ކަންތައްތަކަށް ފަހު ގްރަނާދާގައި ހަނދުފަޅިއާއި ޞަލީބުގެ ހަނގުރާމަ ދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔައެވެ. އެހެން އޮވެފައި 890 ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގެ ތެރޭގައި ފެރްނާންދޯގެ ބޮޑު ލަޝްކަރެއް އައިސް މަލަޚާ ހިސާރުކޮށްފިއެވެ. މިއީ ހަމަ ކުއްލިއަކަށް ނުވެސް އެނގިތިއްބައި ކުޅަ ކަމަކަށް ވާތީ އައްޒަޣަލަށް ފުރިހަމަ ބާރާއެކު ދިފާޢުކުރައްވާނޭ ފުރުސަތެއް ލިބިވަޑައެއް ނުގަތެވެ. އެކަމަކުވެސް ބަގާވަނާއި ރުންދާ ހިފާން ކުޅަ މަސައްކަތް ނާކާމިޔާބުވީމާ ދުޝްމިނުންނަކަށް ކުރިއަށް ދާކަށް ނުކެރުނެވެ. ދެން ދުޝްމިނުން ހަމަލަދިނީ މިޝީނާއަށެވެ. އެކަމަކު އެތަނުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ދުޝްމިނުން ބަލިކުރެއްވުމަށް ފަހު އައްޒަޣަލް އެމީހުންގެ މައްޗަށް ވަރުގަދަ ހަމަލައެއް ދެއްވައި ވަރަށް ޣަނީމާ އެއްކުރައްވައިފިއެވެ.
ފެރްނާންދޯގެ ވެރިކަމުގެ ސަރަހައްދަށް ވެދެވަޑައިގެން، ވަރުގަދަ ހަމަލަތަކެއް ދެއްވައި، ބަލިކޮށްލެއްވީމާ ނޫނީ ކްރިސްޓިއަނުންގެ މި ޢުދުވާނުން ސަލާމަތްވެވަޑައި ނުގަންނަވާނޭކަން އައްޒަޣަލަށް ވިސްނިވަޑައިގެންފިއެވެ. އެކަމަކު އެވަރުގެ ބޮޑު ހަނގުރާމައަކަށް ތައްޔާރުވެވަޑައިގަންނަވާން ވަގުތު ބޭނުންފުޅުވެއެވެ. ދެކުނު އިރުމައްޗާއި އުތުރު ހުޅަނގުގައި ސަރަހައްދީ ބާޒުގެ ފާރަވެރިކަން ފުރިހަމައަށް ގާއިމުވެފައި އެބައޮތެވެ. އެހެންވީމާ އެ ދެ ދިމާއިން ދުޝްމިނުންގެ ނުރައްކާތެރިކަން ނުފޯރާނޭކަމުގެ ޔަގީންކަން އެބައޮތެވެ. ދެކުނަށް ބަލާނަމަ އައްޒައިޣަރީ އެ ދިމާ ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން އެބަގެންދަވައެވެ. އެއީ ނުހަނު ތަޖުރިބާކާރު، ކުޅަދާނަފުޅު މުޖާހިދެކެވެ. ބޮޑު ލަޝްކަރެއް ތައްޔާރު ކުރެއްވުމާއި، ވަސީލަތްތައް ހަމަކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވުމަށްޓަކައި ގްރަނާދާގައި ހުންނެވުމުގެ މުހިއްމުކަންވެސް އައްޒަޣަލަށް ވިސްނިވަޑައިގަނެއެވެ. އެހެންވީމާ ސަރަހައްދު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަބޫ މުޙްސިނާ ހަވާލުކުރައްވައިފައި ގްރަނާދާއަށް ވަޑައިގެން ލަޝްކަރު ތައްޔާރުކުރެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ.
(6)
އަބޫ ޢަބްދުﷲ ހައްޔަރުކޮށްގެން ގެންދެވުނީ ކަސްތިއްޔާއަށެވެ. އޭނާއަށް ދެވޭން އޮތް އެންމެ ހަރުކަށި އަދަބެއް ފެރްނާންދޯ ދޭނޭކަން އޭނާއަށް އެނގިވަޑައިގަނެއެވެ. އެކަމަކު ގަނޑުވަރުގެ ދޮރުމައްޗަށް އޭނާ ގެންދެވުމުން ފެނިވަޑައިގަތީ ތަފާތު މަންޒަރެކެވެ. ދޮރުމަތީގައި ހުއްޓައި ފެނިވަޑައިގަތީ ފެރްނާދޯއެވެ. އޭނާ ސަލާން ކުރުމަށްޓަކައި އަބޫ ޢަބްދުﷲއާ ދިމާއަށް އަތްދިއްކޮށްލިއެވެ. އަބޫ ޢަބްދުﷲ ހައިރާންފުޅުވެފައި ހުންނަވައިގެން ސަލާންކޮށްލެއްވިއެވެ.
ފެރްނާންދޯ އޭނާގެ އަމީރުންނާ ދިމާއަށް ބަލައިލައިފައި ބުނެފިއެވެ. [ކަލޭމެން ބަލަހައްޓައިގެން ތިޔަތިބީ ކީއްވެގެން ހެއްޔެވެ؟ ގްރަނާދާގެ ރަސްގެފާނަށް މަރުޙަބާ ދަންނަވާށެވެ. މިއީ އަހަރެމެންގެ މެހުމާނެކެވެ.] އަމީރުން އަބޫ ޢަބްދުﷲއަށް އަދަބު އަދާކުޅައުމުގެ ގޮތުން ކުރުނީސްކޮށްފިއެވެ.
ފެރްނާންދޯ އަބޫ ޢަބްދުﷲގެ އަތްޕުޅުގައި ހިފައިގެން ގޮސް ގަނޑުވަރަށް ވަދެއްޖެއެވެ. ބައްދަލުކުރާ ކޮޓަރީގެ ދޮރުމަތީގައި ދެތިން ޚާދިމާއިންގެ މެދުގައި ރާނީ އިޒަބެއްލާ އިނެވެ. ފެރްނާންދޯ އިޒަބެއްލާގެ ގާތަށް ގޮސް ކިޔައިފިއެވެ. [ރާނީއެވެ. ރާނީ ދެކެވަޑައިގަންނަވާ ހިތްޕުޅުން އިންނަވާ އަހަރެމެންގެ ދަރިފުޅު މިހިރީއެވެ. އަބޫ ޢަބްދުﷲގެ މޫނުފުޅަށް ބަލައިލީމާ މިހާރުވެސް ހީވަނީ ގައިދީއަކު ކަމުގައި ހީފުޅުކުރައްވާ ހެންނެވެ. ރާނީ މީނާއަށް ޔަގީންކަން އަރުވާށެވެ. މިއީ އަޅުގަނޑުމެން އެ މީހަކަށްޓަކައި އެތައް އަހަރެއް ވާންދެން އިންތިޒާރު ކުރަމުން އައި މެހުމާނޭވިދާޅުވާށެވެ.]
އިޒަބެއްލާ ބުންޏެވެ. [އަޅުގަނޑުމެންގެ ސިފައިން ދަތުރުމަތީގައި މީނާއަށް އެއްވެސް ތަކުލީފެއް ޖެއްސިތޯއެވެ؟]
ފެރްނާންދޯ ބުންޏެވެ. [އަޅުގަނޑު އޮންނާނީ އަޅުގަނޑުމެންގެ އެކުވެރިޔާގެ އިސްތައްޓެއް ތެމުންވަރުގެ ތަކުލީފެއްވެސް ނުޖައްސާން އަންގައިފައެވެ. އެކަމަކު ދަތުރުމަތީގައި އެއްވެސް ތުރާލެއް މެދުވެރިވެވަޑައިގަތް ކަމުގައި ވަނީނަމަ، އެ ތުރާލެއް ޖެއްސި މީހަކަށް ހަރުކަށި އަދަބު ދޭނަމެވެ.]
އަމީރުން ތަންކޮޅެއް ދުރުގައި ކޮޅަށް ތިއްބެވެ. ފެރްނާންދޯއާއި އިޒަބެއްލާއާއި އެ ދެމީހުންގެ ދަރި، އަބޫ ޢަބްދުﷲ ގޮވައިގެން ގޮސް ކޮޓަރިއަކަށް ވަދެއްޖެއެވެ. އެ ކޮޓަރީގެ ވަށައިގެން ހުރީ ގޮނޑި ޖަހައިފައެވެ. އެ މީހަކަށް ހުރި ގޮނޑިއެއްގައި އެމީހަކު އިށީނދެ ހަމަޖެހުނީމާ ފެރްނާންދޯ ބުންޏެވެ. [މަނިކުފާނުގެ ބައިވެރިން މިހާރު ވާނީ ޝާހީ މެހުމާނުޚާނާގައެވެ. މަނިކުފާނަށްޓަކައި ވަނީ މި ގަނޑުވަރުގެ އެންމެ ރަނގަޅު ކޮޓަރިކޮޅު ތައްޔާރުކޮށްފައެވެ.]
އަބޫ ޢަބްދުﷲ ކެތްތެރިކަން ކުޑަ ރާގަކަށް ވިދާޅުވިއެވެ. [މި ކަހަލަ ސަމާސައަކީ ފެރްނާންދޯގެ ޝަރަފާ ޚިލާފު ކަމެކެވެ. އަޅުގަނޑު މިހިރީ ދެއްވާން އޮތް އަދަބަކަށް ތައްޔާރު ވެގެންނެވެ.]
ފެރްނާންދޯ ބުންޏެވެ. [އެއް ފަހަރު އެކުވެރިކަމުގެ އަތް ދިއްކުރުމަށް ފަހު ދަމައިގަތުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫނެވެ. މަނިކުފާނު ކުރެއްވި ކަމެއް ކުރެއްވީ މަޖުބޫރުވެވަޑައިގެންކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުގެ ވާހަކަ ގަބޫލުކުރައްވާށެވެ. މަނިކުފާނުގެ ސަރަހައްދަށް އަޅުގަނޑުގެ ލަޝްކަރުން ހަމަލަދިނީ އަޅުގަނޑުގެ އަމުރާ ޚިލާފަށެވެ. އެމީހުން ތިބީ ވީ ބަލީގައި ވާނުވާ ރަނގަޅަށް ނޭނގޭ ހާލަތަކަށް ގޮސްފައެވެ. މަނިކުފާނު ހީފުޅުކުރެއްވީ އަޅުގަނޑުމެން އަހުދު އުވައިލީ ކަމަށެވެ. އެފަދަ ހާލަތެއްގައި މަނިކުފާނު އެމީހުންނާ ދިފާޢީ ހަނގުރާމައެއް ކުރެއްވުމަކީ އެކަން ވާނެ ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑުގެ ދޮޅަހަކަށް މޮޔައިންގެ ހިތާމަވެރި އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ނުހަނު ގާތް އެކުވެރިއަކުގެ ހިތްޕުޅުގައި ވަހުމުތައް އުފެދުނީތީ އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑު ދެކެނީ ތިޔައީ އަޅުގަނޑުގެ ދަރިއަކު ކަމުގައެވެ. އެ މޮޔައިންނަށް ހަރުކަށި އަދަބުދޭން އަޅުގަނޑު އަންގައިފީމެވެ.]
އަބޫ ޢަބްދުﷲ ދެލޯފުޅު ބޮޑުކުރައްވައިގެން ބައްލަވާން އިންނެވިއެވެ.
ފެރްނާންދޯ ބުންޏެވެ. [މަނިކުފާނަށް އަޅުގަނޑުގެ ވާހަކަ ގަބޫލުފުޅު ނުކުރެއްވެނީތޯއެވެ؟ ފަހަރެއްގައި އެހެން މީހަކަށް މަނިކުފާނު ގަބޫފުޅުކުރައްވާ ވަރު ކުރެވިދާނެއެވެ.]
ފެރްނާންދޯ އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. [ދަރިފުޅާއެވެ. އަބޫ ދާވޫދް ގެންނާށޭ ކޮންމެވެސް މީހަކު ގާތު ބުނެބަލާށެވެ.]
[އަބޫ ދާވޫދޭތޯއެވެ؟] އަބޫ ޢަބްދުﷲ ސިހިވަޑައިގަތެވެ.
ފެރްނާންދޯ ބުންޏެވެ. [އާދޭހެވެ. އޭނާ އަޅުގަނޑާ ހަމައަށް ވަޑައިގެންފިއެވެ. އޭނާ އެދިވަޑައިގެންފައި އޮތީ މަނިކުފާނުގެ އަތްޕުޅުން ބީވެގެން ދިޔަ ރަސްކަން މަނިކުފާނަށް އަތުލައިދޭން އަވަހަށް ފިޔަވަޅު އަޅާށެވެ. އެކަމަކު އެކަމަށްޓަކައި ތައްޔާރުވާން ދިގު މުއްދަތެއް ހޭދަވާނެއެވެ.]
އަބޫ ޢަބްދުﷲގެ ހިތްޕުޅުގައި އަބޫ ޢަބްދުﷲގެ މައްޗަށް ވަރަށް ގިނަ ޝަކުވާ އުފެދުނެވެ. އެކަމަކު ބަލިކަށި މީހަކަށް ކުރެވޭން އޮންނާނެ ކަމަކީ ބާރުގަދަ މީހާގެ އެހީތެރިކަން ހޯދުމެވެ. އަމިއްލަ އޮޑީގެ ހުންގާނު އޭނާ ހަވާލުކުރެއްވީ އަބޫ ދާވޫދާއެވެ. އަބޫ ދާވޫދް ފިލައިގެން ދިޔުމަށް ފަހު އަބޫ މުޙްސިންގެ ތަގުރީރުން ކުޅަ އަސަރެއްގެ ބޮޑުކަމުން އެޅުއްވި ފިޔަވަޅުފުޅާއެކު މިހާރު ހުންނަވާން ޖެހިވަޑައިގެންފައި ވަނީ މުޅީން ތަފާތު ހަތަރުއަނގޮޅިއެއްގެ މަތީގައެވެ. ޖެހިވަޑައިގަތް ހުރިހައި މުސީބާތެއްގެ އަސްލަކީ އަބޫ ދާވޫދްކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަނެއެވެ. އެކަމަކުވެސް އަބޫ ދާވޫދާ ވާހަކަފުޅު ދެއްކެވުނީމާ ހިތްޕުޅު ހަމަޖެހިދާނެއޭ ހިތްޕުޅަށް އެރިއެވެ. ފެރްނާންދޯގެ ހިނިތުންވުން ފެނިވަޑައިގަތީމާ ހަނދުމަފުޅަށް އައީ ގްރަނާދާގައި އޭނާ ވެއްޓިވަޑައިގަންނަވާން އުޅުނު ނުރައްކާތެރި ހާލަތެވެ. ފެރްނާންދޯގެ ބައިވެރިއަކަށް ވެވަޑައިގަންވާކަށް އޭނާ ބޭނުންފުޅެއް ނުވެއެވެ. އެހެން ހައްދަވައިފިނަމަ އަނެއްކާވެސް ކުރީގެ ހާލަތަށް ވެއްޓިގެން ހިނގައިދާނޭކަމަށް ބިރުފުޅުގަނެއެވެ. އަބޫ ދާވޫދްގެ ވާހަކައިގެ ސަބަބުން އޭނާގެ ޒަމީރުގެ އަޑުފުޅު ފަނޑުވެގެން ދާނެކަން އެނގިވަޑައިގަނެއެވެ. އެއީ ފިނޑިއެއްގެ ވިސްނުމެވެ. މުނާފިގެއްގެ ޚިޔާލެވެ. އަބޫ ޢަބްދުﷲގެ ހިތްޕުޅަށް އެރިއެވެ. [އަހަރެން އެ ޚިޔާނަތްތެރިޔާއާ ދިމާއަށް ބުނާނަމެވެ. ކަލޭ އަހަރެން ލަދުގަންނަވާލައިފިއެވެ. ގައުމުގެ ޣައްދާރަކަށް އަހަރެން ހަދައިފިއެވެ. އެއީ އަހަރެންގެ މޮޔަކަމެވެ. އެކަމަކު މިހާރު އަހަރެންގެ ލޯ ހުޅުވިއްޖެއެވެ. ދެން އަހަންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. ހަލާކުގެ ތެރެއަށް އަހަރެން ވައްޓައިލާން ނޫޅޭށެވެ. ގްރަނާދާގެ ތަޚުތުގެ ބޭނުމެއް އަހަންނަކަށް ނެތެވެ. އެކަމަކު ތަގުދީރާ ދެކޮޅަށް އަހަންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންގެ ރުހުމާ ޚިލާފަށް ގްރަނާދާއަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ފެރްނާންދޯގެ ގޮނޑިކޮއްކޮއަކަށް އަހަރެން ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނޫނެކެވެ. ނޫނެކެވެ. އަހަރެން އަބޫ ދާވޫދް ގާތު ބުނާނަމެވެ. ﷲއަށްޓަކައި އަހަންނަށް ރަހުމުކުރާށެވެ. އަހަރެން ނުބައި މަގަކަށް ނުގެންދާށެވެ. ގައުމު ވިއްކާލި މީހުންގެ ލިސްޓުގައި އަހަރެންގެ ނަން ޖައްސާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ފެރްނާންދޯ ބުނެފައި އޮތީ މިނިވަންކަމާއެކު އަހަރެންގެ ގައުމުގައި ރަސްކަން ކުރާން ދޫކޮށްލާނޭ ކަމަށެވެ. އެއީ ދޮގެކެވެ. އަހަރެން އަބޫ ދާވޫދް ގާތު ބުނާނަމެވެ. އަހަރެންގެ ކުރިމަތީގައި ހުރެގެން ފެރްނާންދޯގެ ދޮގަކީ ތެދެއް ކަމަށް ސާބިތުކުރާން ނޫޅޭށެވެ. އެކަމަކު އެމީހުންގެ ކުރިމަތީގައި އަހަރެންގެ ޖަޒުބާތު ފާޅުކުރެވޭނެ ހެއްޔެވެ؟ އެންމެ ރަނގަޅު ގޮތަކީ އެ މީހުން ވައުވައްދައިފައި ބޭތިއްބުމެވެ. ދަނޑިވަޅެއް ލިބުމާއެކު ފިލައިގެން ދާނީއެވެ.]
އަބޫ ދާވޫދް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަބޫ ޢަބްދުﷲއަށް އިހުސާސްކުރެއްވުނީ ބިރުވެރި ހުވަފެންފުޅެއްގައި އިންނަވައިފައި ހޭފުޅުލެއްވުނީ ކަމުގައެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވަޑައިގެންފިއެވެ. އަބޫ ދާވޫދް ސަލާން ކުރުމަށްޓަކައި އަތް ދިއްކޮށްލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން ބުނާ ކަހަލައެވެ. [ކަލޯއެވެ. އަހަންނަށް ފިލައިގެން އުޅޭނީ ކޮންތާނކު ހެއްޔެވެ؟ ކަލޭގެ ހިތުގައި އޮތް އެއްޗެއް އަހަންނަށް އެބަ އެނގެއެވެ.]
(ނުނިމޭ)
