(7 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބައްޕައާއި ދަރިފުޅު
(1)
ލޮއްޚާގެ ހަނގުރާމައިގައި ނަޢީމް ބިން ރިޟްވާން ފަދަ މުޖާހިދުން އެ ބޭފުޅުންގެ ލޭފޮދުން އަންދަލުސްގެ ނަސީބުގެ ސަފުހާތައް ލިޔުއްވިއިރު ގްރަނާދާގެ ޝާހީ ދަރުބާރުގައި އެހެން ފައިސަލާއެއްވެސް ދިޔައީ ލިޔެވެމުންނެވެ.
އަލްޙައްމާގެ މައްޗަށް ކްރިސްޓިއަނުން ގަދަވެގަތް ޚަބަރު ލިބުމާއެކު އަބޫ ދާވޫދް ދިޔައީ އޭނާގެ ދަރިވަރުގެ އަރިހަށެވެ. އޭނާ ދެރަފުޅުވެފައި އިންނެވިތަން ފެނުނީމާ ކިޔައިފިއެވެ. [ޝެހެޒާދާއެވެ. އަޅުގަނޑު ކުރިންވެސް ދެންނެވީމެއް ނޫންތޯއެވެ؟ ގްރަނާދާގެ ރަސްކަން އަލުން ތައުމީރު ކުރެއްވުމަށްޓަކައި ގުދުރަތުން ހޮއްވަވައިފައި ވަނީ އަބުލްޙަސަނެއް ނޫނެވެ. މަނިކުފާނެވެ. އަންދަލުސްގެ އިސްލާމުންގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފަށާނީ މަނިކުފާނުގެ އިސްތަށިފުޅުގައި ގްރަނާދާގެ ތާޖު ތުރުކުރެވުނު ދުވަހަކުންނެވެ. އެ ވަގުތު އައިސް ޖެހިއްޖެއެވެ.]
[އެ ވަގުތު ޖެހޭނީ ކޮން ދުވަހަކުން ކަމެއް ނޭނގެއެވެ. އަލްޙައްމާ އަޅުގަނޑުމެންގެ އަތުން ސޮހިގެން ހިނގައްޖެއެވެ. އެމީހުން ކޮންމެ ވަގުތަކުވެސް ގްރަނާދާއަށް ހަމަލަދީފާނެއެވެ.]
[އަލްޙައްމާ އަތުން ދޫވެގެން ދިޔައީމާ އާއްމު ރައްޔިތުންނާއި ބައެއް އަމީރުންގެ އިހުސާސްތައް ހުރީ ކިހިނެއް ކަމާމެދު ވިސްނައިވަޑައިގަތީންތޯއެވެ؟ އެމީހުން ދެކޭ ގޮތުގައި މި ނާޒުކު ދަނޑިވަޅުގައި ގްރަނާދާގެ ވެރިކަން ބަދަލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެހެން ބޭނުން ކަމެއްވެސް މެއެވެ. އަޅުގަނޑު ބައެއް ބަރްބަރީ އަމީރުންނާއި އިސްޕޭނީ އަމީރުންނާ ބައްދަލު ކޮށްފީމެވެ. އެބައިމީހުން އަމިއްލަ ނަފުސަށް ކިޔާ އަގު އެހައި ބޮޑެއް ނޫނެވެ.]
[އެކަމަކު މޫސަ ހުރިހައި ހިނދަކު މީހަކަށް ބާރަށް ނޭވައެއް ލާކަށްވެސް ނުކެރޭނެއެވެ.]
[ވަގުތު ޖެހުނީމާ އޭނާގެ ކަންތައްވެސް އަޅުގަނޑުމެންނަށް ހަމަޖެއްސިދާނެއެވެ. އަބުލްޙަސަނާ ދެކޮޅަށް ބަޣާވާތް ކުރުމުގެ ކުށުގައި ބައެއް އަމީރުން ހުރަގެއަށް ލާފައި އެބަތިއްބެވެ. އެމީހުން ދޫކޮށްލައްވައިފިއްޔާ ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ.]
[މޫސަ ހުއްޓައެއް ތިޔަ ކަމެއް ނުކުރެވޭނެއެވެ.]
[އަޅުގަނޑަށް ފެންނަ ގޮތުގައި މޫސައަކީ މަނިކުފާނުގެ އެކުވެރިއެކެވެ.]
[އެކުވެރިއަކަށް ވިޔަސް މިކަމުގައި އޭނާ ވާނީ އަޅުގަނޑުގެ އެންމެ ބޮޑު ދުޝްމިނު ކަމުގައެވެ.]
[ވަގުތު ޖެހުނީމާ ތިޔަކަންވެސް ބަލަމާތޯއެވެ.]
[ވަގުތު ޖެހޭނީ ކޮން އިރަކުންތޯއެވެ؟]
[އަބުލްޙަސަން ބަލިވެވަޑައިގަތުމާއެކު ރައްޔިތުން އެނބުރޭނީ މަނިކުފާނާ ދިމާއަށެވެ.]
[ބައްޕަ ކާމިޔާބު ކާމިޔާބުވެވަޑައިގެންފިއްޔާ ވާނީ ކިހިނެއްތޯއެވެ؟]
[ތިޔައީ ވާނޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ފަތަޙަ ލިޔުއްވިފައި ވަނީ މަނިކުފާނުގެ ނަންފުޅުގައެވެ. އަބުލްޙަސަނަށް ކާމިޔާބީގެ ބައިކުޅަ ބައެއް ހާސިލު ކުރެއްވުނަސް އެއީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އޭނާ އުޅުއްވާނީ މަނިކުފާނާ އެއްބައްޕާފުޅު ބޭބޭފުޅަށް ވެރިކަން ދެއްވާށެވެ. ހަނގުރާމައަށް އޭނާ ގެންދެވީވެސް އާއެްމުންނަށް އެ މަންޒަރު ދައްކަވާން ވެގެންނެވެ.]
[ތިޔަކަން ތިޔަހެން އޮތަސް ބައްޕަޔާ އަރައިރުންވުމުގެ ގާބިލުކަމެއް އަޅުގަނޑުގެ ކިބައިގައެއް ނެތެވެ.]
[ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާށެވެ. އަރައިރުމުގެ މަހައްލެއް ނާންނާނެއެވެ.]
އޭގެ ހައެއްކަ ދުވަސް ފަހުން އަބޫ ޢަބްދުﷲއަށް ކޯރްދޮބާގެ ލަޝްކަރުގެ ހަލާކުގެ ޚަބަރު ލިބިވަޑައިގަތީމާ ވިދާޅުވިއެވެ. [ޖާސޫސުންގެ ފަރާތުން ޚަބަރު ލިބުނު ގޮތުގައި ކޯރްދޮބާގެ މަސައްކަތް ނިންމަވައިފައި މިހާރު ސަރަޙައްދީ ބާޒު އެ ވަޑައިގަންނަވަނީ ލޮއްޚާއާ ދިމާއަށެވެ.]
އަބޫ ދާވޫދް ބުނެފިއެވެ. [މާތް މަނިކުފާނެވެ. މިހާރު މި އޮތީ އަޅުގަނޑު ބިރުގަތް ވަގުތު އައިސް ޖެހިފައެވެ. ލޮއްޚާގައިވެސް އަބުލްޙަސަނަށް ކާމިޔާބީ ލިބިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ފަތަޙައެއް ވާނީ މަނިކުފާނުގެ ކުރިމަގަށް ކުރިމަތިވެވަޑައިގަންނަވާ ބޮޑު ނުރައްކަލަކަށެވެ. ރަސްގެފާނު އެނބުރި ވަޑައިގަތީމާ އެމަނިކުފާނުގެ ކޮންމެ ނިންމެވުމަކަށް ރައްޔިތުން ތާއީދު ކުރާނެއެވެ. އެއީ ނުބައި ނިންމެވުމަކަށް ވިޔަސް އެންމެ ރަނގަޅެވެ. އެއްބައްޕާފުޅު ބޭބޭފުޅުގެ އަގު އޮންނާނީ މަނިކުފާނަށްވުރެ މާ ބޮޑަށް ރައްޔިތުންގެ ކުރިމަތީގައި އަރައިފައެވެ. ހަނގުރާމައިގައި ބައިވެރިވީ އާދައިގެ ސިފައިންގެ މީހަކުގެ އަގުވެސް މަނިކުފާނަށްވުރެ މަތިވެރި ވާނެއެވެ.]
އަބޫ ޢަބްދުﷲ މާޔޫސީއާއެކު ވިދާޅުވިއެވެ. [އަޅުގަނޑަކަށް މަގެއް ނުފެނެއެވެ. ތިޔަ ދައްކަވާ ވާހަކަފުޅު އިވުނީމާ އަޅުގަނޑު ކަންބޮޑުވެއެވެ. އަޅުގަނޑުގެ ސިކުނޑިން ގޮވަނީ އެ ކަނޑެއްގެ ފުން މިން އިހުސާސް ކޮށްލިޔަސް ހިތް ބިރުގަންނަ ވަރުގެ ފުން ކަނޑަކަށް ފުންމައިލާށެވެ. މަންމަގެ ފައިންޕުޅު ފެނުނީމާ އިވެނީ މުޅީން އެހެން ވާހަކައެކެވެ. ބައްޕަ ހުންނެވީ އަހުދުފުޅު ފުއްދަވައި އަޅުގަނޑު ވަލީ އަހުދަކަށް ހައްދަވާން ގަސްތުފުޅު ކުރައްވައިގެން ކަމަށް މަންމަ މިއަދުވެސް ވިދާޅުވިއެވެ.]
އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނުގެ ހިތްޕުޅަށް ނުބައި ޚިޔާލުފުޅެއް ވަނަނުދީ ހިފެހެއްޓުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވިއްޖެއެވެ. އަޅުގަނޑުގެ ވާހަކަ ނިކަން ރަނގަޅަށް އަޑުއައްސަވާށެވެ. މަނިކުފާނުގެ ބައްޕާފުޅުގެ ޚިޔާލުފުޅު މި ވަގުތު ހުރީ މަނިކުފާނާ ދެކޮޅަށް ނޫން ކަމަށް ހިނދުކޮޅަކަށް ގަބޫލު ކޮށްފާނަމެވެ. އެކަމަކު މިހާރު މަނިކުފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ވެއްޖެއެވެ. ބައްޕާފުޅު އަދި ވިއްސަކަށް އަރަރު ވާންދެން ދުނިޔޭގައި ހުންނަވާނޭ ކަމަށް ބަލަމާތޯއެވެ؟ ވިހި އަހަރު ފަހުން މަނިކުފާނަށް ފަސްދޮޅަސް އަހަރުފުޅު ވެދާނެއެވެ. އެއީ އިންސާނާގެ ދިރިއުޅުމުގެ ހުރިހައި އެދުމެއް ފަނޑުވެގެންދާ އުމުރެވެ. އިންސާނާ ތިމާގެ އަމިއްލަ ސޫރަ މޫނުބަލާ ލޯގަނޑުން ދެކިފައި ބިރުގަންނަ އުމުރަކީ އެއީއެވެ. އެ އުމުރުގައި އިންސާނާގެ އެންމެ ގާތް އެކުވެރިޔަކީ އަރާމު އެނދެކެވެ. އެ އެނދު ހުންނަނީ ގަނޑުވަރެއްގައި ކަމުގައި ވިޔަސް ނުވަތަ ޖިފުޓިއެއްގައި ކަމުގައި ވިޔަސް އަންނާނޭ ތަފާތެއް ނެތެވެ. އެ އުމުރުފުޅުގައި މަނިކުފާނުގެ ވިސްނުންފުޅު މިހާރަށްވުރެ މާ ހަރުދަނާ ވެފައި ހުރެދާނެއެވެ. އެކަމަކު ޒުވާން އުމުރުފުޅުގެ ޖޯޝާއި ހަށިކޮޅުގެ ބާރުފުޅާއި ފަތަޙައިގެ ރޫޙުފުޅު އޮންނާނީ ނޭވާ ހޮޅިއަށް އެޅިފައެވެ. މީގެ އިތުރަށް ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި މަނިކުފާނާ ދެކޮޅަށް ބައްޕާފުޅު ހަރުކަށި ފިޔަވަޅުފުޅެއް ނާޅުއްވާނޭ ކަމުގެ ޔަގީންކަން އެބައޮތްތޯއެވެ؟ ދަންނަވަންތޯއެވެ؟ ޢިއްޒަތާއި މަޝްހޫރުކަމާއި ވެރިކަމުގެ ދޮރަކީ މީހަކު ހިތަށް އަރުވައިލުމާއެކު ހުޅުވޭ ދޮރެއް ނޫނެވެ. ވަންނަން ބޭނުންވާ މީހަކަށް ޖެހޭނީ އެ ދޮރުގައި ޓަކި ޖަހާށެވެ. އަދި ބައެއް ފަހަރަު ޖެހޭނީ ދޮރު ވައްޓައިލާފައި ވަންނާށެވެ. ހަރުދަނާ މީހުންގެ ދިރިއުޅުމުގައި ފައިސަލާކުރުވަނިވި މަރުހަލާއެއް އާދެއެވެ. އެ މަރުހަލާގައި ފިޔަވަޅެއް ނާޅައި ވިސްނަވިސްނައި ހުންނަ މީހާ ފަހަތަށް ސޮހިގެން ހިނގައިދާނެއެވެ. ވަގުތުގެ ހަނަފަސް ވެލިގަނޑުގައި އޭނާ އަޅަމުން ގެންދާ ފިޔަވަޅު ވަގުތުން ފޮހެވިގެން ހިނގައިދެއެވެ. އެކަމަކު ހިތްވަރާއި ކެރުމާއެކު ކުރިއަށް ފިޔަވަޅުއަޅާ މީހާ މަންޒިލާ ހަމައަށް ހިނގައިދެއެވެ. މަނިކުފާނުގެ ހިތްޕުޅުގެ ހާލުކޮޅެއް އަޅުގަނޑަކަށް ވިދާޅުވެއެއް ނުދެއްވައެވެ. އެހެންނަމަވެސް ތިޔަ އިންނެވީ ގްރަނާދާގެ ތަޚުތުގައި އިށީނދެވަޑައިގަންނަވާ ހިތްޕުޅުން ބޭގަރާރުވެވަޑައިގެންފައިކަން އަޅުގަނޑަށް އެނގެއެވެ. މަނިކުފާނު މި ދުނިޔެއިން އެންމެ ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަންތައް ފުރިހަމަ ނުކުރެއްވި އޮތީ މަނިކުފާނުގެ ހިތްޕުޅުގައި ބައްޕާފުޅަށް އޮތް ގަދަރެއްގެ ސަބަބުންނެއް ނޫނެވެ. ހަގީގީ ސަބަބަކީ އެއީއެއް ނޫނެވެ. ހަގީގީ ސަބަބަކީ މަނިކުފާނުގެ ހިތްޕުޅަށް ސަވާރުވެފައި އޮތް ބިރުވެރިކަމެކެވެ. އެއީ ދުނިޔެ މަނިކުފާނާމެދު ދެކޭނީ ކިހިނެއް ކަމުގެ ބިރުވެރިކަމެވެ. ރައްޔިތުން ނެރެފާނޭ ފަތުވާއަކާމެދު އޮތް ބިރުވެރިކަމެކެވެ. އެކަމަކު ހަނދުމަފުޅު ކުރައްވާށެވެ. ކާމިޔާބު ބާޣީއަކާމެދުވެސް ދުނިޔެ ދެކެނީ ފާތިހެއް ކަމުގައެވެ. އަދި ނާކާމިޔާބު މުސްލިހަކުވެސް ވެގެން ދަނީ ބާޣީއަކަށެވެ. އަބޫ ޢަބްދުﷲ ގްރަނާދާގެ ތަޚުތުގައި އިށީނދެވަޑައިގެން މުޅި އަންދަލުސްގައި މަތިވެރިކަމުގެ ދިދަ ވިހުރުވައިލެއްވީމާ ދުނިޔެ މަނިކުފާނާމެދު ދެކޭނީ ބަދުނަސީބު ބަފައެއްގެ ނަސީބުވެރި ދަރިކަލެއް ކަމުގައެވެ. ބައްޕާފުޅުގެ ތަޚުތާއި ތާޖުކޮޅު ހޯއްދެވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ހައްގެއް ކަމުގައެވެ. މަނިކުފާނު ތަޚުތުގެ އިންތިޒާރުގައި ފަސްދޮޅަސް ނުވަތަ ހަތްތަރި އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހު އަވަހާރަވެއްޖެ ނަމަ ތާރީޚުގެ ސަފުހާތަކުގައި މަނިކުފާނުގެ ނަންފުޅު އެއްގޮތަކަށްވެސް ނުލިޔެވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މަނިކުފާނާ ގުޅުން ބަދަހި ކުރީއަކީ އާދައިގެ އިންސާނެއް ކަމަށް ބަލައިގެންނެއް ނޫނެވެ. ޝައްކާއި ބިރުވެރިކަމުގެ ތެރޭގައި މުޅި ދިރިއުޅުން ހޭދަކުރައްވަން ގަސްތު ކުރައްވާ ނަމަ މިއަދުން ފެށިގެން އަޅުގަނޑާއި މަނިކުފާނާ ދެމެދު އޮތް ގާތް ގުޅުން ކެނޑުނީއެވެ.]
އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [ތިޔަހެން ނުހައްދަވާށެވެ.]
[އެހެން ވެއްޖެއްޔާ މިއަދު ވަކި ގޮތެއް ނިންމަވާށެވެ. މި ފުރުސަތު ފަހުން ލިބިވަޑައިނުގަތުން އެކަށީގެންވެއެވެ.]
[އަޅުގަނޑު މިހިރީ ތައްޔާރަށެވެ. އެކަމަކު ބައްޕަޔާ ދެކޮޅަށް ބަޣާވާތެއް ކުރާވަރުގެ ގާބިލުކަން އަޅުގަނޑުގެ ކިބައިގައި އެބަހުރިތޯއެވެ؟]
[އުމުރުންފުޅުން ވިހި އަހަރުގައި މަނިކުފާނު ގާބިލު ބޭފުޅަކަށް ވެވަޑައިގެންފިއެވެ. މިހާރު ތިޔަ ހުންނެވީ އުމުރުފުޅުގެ އެތައް އަހަރެއް ބޭކާރު ކޮށްލައްވައިފައެވެ. ފުލުހުން ތިބީ އަޅުގަނޑުމެންގެ ކޮޅުގައެވެ. ގަނޑުވަރުގެ ސަލާމަތީ ވެރިޔާ އެހެރީ މަނިކުފާނު ބައްލަވައިގެންފައެވެ. ބަރްބަރީ އަމީރުންނާއި އިސްޕޭނީ އަމީރުން އެތިބީ މަނިކުފާނުގެ އަމުރުފުޅެއްގެ އިންތިޒާރުގައެވެ. ޚަޒާނާ އޮތީ މަނިކުފާނުގެ އަތްޕުޅުގައެވެ.]
[މޫސަޔާ މެދު ވިދާޅުވަނީ ކީކޭތޯއެވެ؟]
[އޭނާ ހައްޔަރު ކުރުމަކީ ދަތިކަމެއް ނޫނެވެ.]
[ޢައްމު ރައްޔިތުންނަށް ހަދާނީ ކިހިނެއްތޯއެވެ؟]
[އެމީހުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދިދާނެއެވެ. އަރަބީންނާއި އިސްޕޭނީންނާއި ބަރްބަރީންގެ މެދުގައި އޮތް ދެކޮޅުވެރިކަމުގެ އަލިފާންގަނޑު ކަނިވީއެވެ. މުޅީން ނިވުނީއެއް ނޫނެވެ. އަރަބިންގެ އެއްބާރުލުން ލިބޭނޭ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެބައިމީހުންގެ ތެރެއިން ގަނެވޭނީ ހައެއް މީހުންނެވެ. އެކަމަކު މިހާރު އިސް ވަޒީފާތަކުގައި ތިބި އަރަބީން ވަކި ކުރައްވައި އެމީހުންގެ ބަދަލުގައި އިސްޕޭނީންނާއި ބަރްބަރީންނަށް ވަޒީފާ ދެއްވީމާ އަޅުގަނޑުމެންނަށް ދެ ފައިދާއެއް ލިބޭނެއެވެ. އެއް ފާއިދާއަކީ އެ މުވައްޒަފުންގެ އެއްބާރުލުން މަނިކުފާނަށް ލިބިވަޑައިގަތުމެވެ. ދެވަނަ ފައިދާއަކީ ބަރްބަރީންނާއި އިސްޕޭނީ އިސްލާމުންގެ މެދުގައި އަރަބީންގެ މައްޗަށް ވަރުގަދަ ނުރުހުންތެރިކަމެއް އުފެދުމެވެ. ނަތީޖާއަކަށް ވާނީ އަރަބީންގެ ގިނަ ބައެއްގެ ތާއީދުވެސް ލިބިވަޑައިގަތުމެވެ. އަލަށް ވަޒީފާ ދެއްވާ މީހުންގެ އިތުރަށް ހިތްހަމަޖައްސަވައި ދެއްވުމުގެ ގޮތުން މިހާރު ޖަލުތަކުގައި ތިބި އެބައިމީހުންގެ ބައިވެރިން ދޫކޮށްލައްވާށެވެ. ވަކި ގޮތެއް ނިންމެވުމަށް މަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ އެންމެ ދެ ދުވަހެވެ. އޭގެ ފަހުން ފުރުސަތެއް ލިބިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެކެވެ. މޫސަ ހައްޔަރު ކުރާނޭ ގޮތެއް އަޅުގަނޑު އޮތީ ރާވައިފައެވެ.]
(2)
ރޭގަނޑުގެ ވަގުތެވެ. އަލްޙަމްރާ ގަނޑުވަރުގެ ތަނަވަސް ކޮޓަރިކޮޅެއް ވަނީ ދިއްލައި އަޅައިފައެވެ. ގްރަނާދާގެ ބަރްބަރީ އަމީރުންނާއި އިސްޕޭނީން އަމީރުން ގޮނޑިގޮނޑީގައި އިށީނދެގެން ތިއްބެވެ. އެ މީހުން ގެންދިޔައީ އަބޫ ޢަބްދުﷲ އާ މަޝްވަރާ ކުރަމުންނެވެ. މޫސާ އެ ކޮޓަރިކޮޅަށް ވަދެވަޑައިގަތުމާއެކު މުޅި މަޖިލިސް ހިމޭންވެއްޖެއެވެ.
މޫސާ އެތާގައި ތިބި މީހުންނާ ދިމާއަށް މަތިމަތީން ބައްލަވައިލެއްވުމަށް ފަހު އަބޫ ޢަބްދުﷲ އަރިހަށް ޖެހިވަޑައިގެން ވައިއަޑުފުޅުން ވިދާޅުވިއެވެ. [ގިނިކަންޏާ މަނިކުފާނަށް ވާހަކައެއް ދަންނަވައިލާން އަޅުގަނޑު ބޭނުމެވެ.]
މޫސާ ކަންތައް ކުރެއްވި ގޮތުން އަބޫ ޢަބްދުﷲ ކުޑަކޮށް ޖެހިލުންވެވަޑައިގެންފިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ހަމަޖެހިވަޑައިގެންފިއެވެ. [ބުނަން ބޭނުންވާ ވާހަކައެއް މިތާގައި ބުނާށެވެ. ﷲ ގެ ފަޟުލުވަންތަކަމާއެކު މިތާގައި މިތިބީ ހައްތަހައިވެސް އިސްލާމުންނެވެ.]
މޫސާ ވިދާޅުވިއެވެ. [ބަޔަކު ތިއްބައި ނުދެއްކޭނޭ ވާހަކަ ހުންނާނެއެވެ.]
[އެކަމަކު މި ވަގުތު މި މަޖިލިސް ނިންމައިލެވޭކަށް ނެތެވެ. ވާހަކައެއް ދައްކަން އޮތިއްޔާ މިތާގައި ދައްކާށެވެ.]
އެތާގައި ތިބީ ކޮން ބަޔަކުކަން މޫސާއަށް އެނގިވަޑައިގަނެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މިހައިތަނަށް އަލްޙަމްރާ ގަނޑުވަރުގެ އެތެރެ ދުށް ބައެއްވެސް ނޫނެވެ. މޫސާ ވެދެވަޑައިގަތީމާ ނުތެދުވެ، އިށީނދެގެން އިނުމަކީ މިހައިތަނަށް އެ ގަނޑުވަރަށް ވަންނަ އެއްވެސް މީހަކަށް ކުރާން ކެރުނު ކަމެއް ނޫނެވެ. އަބޫ ޢަބްދުﷲގެ ވާހަކަފުޅު ގަބޫލުފުޅު ކުރައްވާންވެސް ހިނދުކޮޅަކަށް ދަތިފުޅުވިއެވެ. މޫނުފުޅުމަތީން ކޯފާގެ އަސަރު ފައުޅުވެގެން ދިޔައެވެ. އެހެންނަމަވެސް ކެތްތެރިކަން އިސްކުރައްވަމުން ވިދާޅުވިއެވެ. [ބާޣީންގެ އެތައް ބަޔަކު ޖަލުން މިނިވަން ކުރެއްވި ވާހަކަ އަޅުގަނޑު އަހައިފީމެވެ.]
[އެއީ ތެދެކެވެ.]
[ސަރުކާރަށް ވަފާތެރި ބައެއް މީހުން ވަޒީފާއިން ވަކިވެސް ކުރެއްވި ކަމަށް އެބަ އަޑުއިވެއެވެ.]
[އެ މީހުން އެއީ ވަފާތެރިން ކަމާމެދު އަހަންނަށް ޝައްކެވެ.]
[އެމީހުންގެ ބަދަލުގައި ގްރަނާދާގެ އެންމެ ބޮޑެތި ޣައްްދާރުންނަށް މަތީ ވަޒީފާވެސް ދެއްވައިފީމު ނޫންތޯއެވެ؟]
އަބޫ ޢަބްދުﷲ ކޯފާގެ ކޮޅަށް ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. [މޫސާއެވެ. އަހަރެންގެ ކުރިމަތީގައި ތިޔަ ކަހަލަ ވާހަކަ ދައްކައި ދެކޮޅުވެރިކަން ދެއްކުމަކީ ކަލޭގެ ވަޒީފާގެ ވާޖިބުތަކުގެ ތެރޭގައި އޮންނަ ކަމަކީ ހެއްޔެވެ؟]
[ވާޖިބުގެ އިހުސާސަކީ ބައެއް ފަހަރު މީހާގެ ކެރުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ.]
[ތިޔަ ކެރުންތެރިކަން އަހަންނަކަށް ކަމަކު ނުދެއެވެ. ވަގަށް ގަނޑުވަރަށް ވަނުމުގެ ހިތްވަރު ކަލެއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟]
[މިކަހަލަ ޝައިޠާނުންނަށްޓަކައި އަލްޙަމްރާ ގަނޑުވަރުގެ ދޮރުކޮޅު ހުޅުވައިލެވުނީމާ ވަގަށް ވަނުން ނޫން ގޮތެއް އަޅުގަނޑުމެން ކަހަލަ މީހުންނަކަށް ނޯންނާނެއެވެ.]
އެތާގައި އެ ވަގުތު ތިބި އަމީރުންނަށް މޫސާގެ ވާހަކަފުޅު އިވުނީމާ އެކަކު އަނެކަކާ ވައިއަޑުން ވާހަކަ ދައްކާން ފަށައިފިއެވެ. އޭގެ ތެރެއިން ބަރުބަރީ އަމީރަކު ތެދުވެފައި ބުނެފިއެވެ. [އަބޫ ޢަބްދުﷲގެ ވަފާތެރިންގެ ގަދަރެއް ޚުދު އެމަނިކުފާނުގެ ދަރުބާރުގައިވެސް ނޯންނަނީތޯއެވެ؟]
މޫސާ އެނބުރި ވަޑައިގެން އެމީހާޔާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [އަހަރެންގެ މުގާބިލުގައި އަބޫ ޢަބްދުﷲގެ ވަފާތެރިއެއް ކަމަށް ދައުވާ ކުރަނީ ކާކު ހެއްޔެވެ؟]
އެހެން އަމިރާކު ތެދުވެފައި ބުންޏެވެ. [ޢިއްޒަތްތެރި ވަލީޢަހުދެވެ. އަމުރުފުޅު ދެއްވައިފިއްޔާ މި އަދަބެއް ސަދަބެއް ނެތް ކަލޭގެ ކަންތައް ނިންމައިލާން އަޅުގަނޑުގެ ކަނޑި މި އޮތީ ތައްޔާރަށެވެ.]
މޫސާ ކޯފާވެގެން ގޮސް ތުރުތުރުއަޅާ ހާލުގައި ވިދާޅުވިއެވެ. [ތިޔަ ކަހަލަ އެއްޗެކޭ ބުނަން ކަލެއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ ކަލޭ ތިޔައީ ބަރްބަރީ އިސްލާމުންނަށް ހުތްލައިދީގެން އަރަބީންނާ ދެކޮޅު ހަދަން ދަސްކޮށްދިން މީހާއެއް ނޫން ހެއްޔެވެ؟ ހުރަގެއިން ނުކުމެގެން އައިސް އަލްޙަމްރާ ގަނޑުވަރަށް ވަދެވުނީމާ ކަލޭ ހީކުރީ ކަލޭގެ ކުށްތައް ފޮހެވުނީ ކަމަށް ހެއްޔެވެ؟ ކަލޭ ކަހަލަ ދެތިން ޣައްދާރުން ފެނުނީމާ މޫސާގެ ކަނޑީގެ ފަންވަރު ގެއްލި މަޑުވެގެން ހިނގައިދާނޭ ކަމަށް ކަލެއަށް ފެންނަނީ ހެއްޔެވެ؟ އަހަރެން މި އައީ އަބޫ ޢަބްދުﷲގެ އަރިހަށެވެ. އަހަރެން ބޭނުން ވާހަކައެއް އަބޫ ޢަބްދުﷲ އަށް ދަންނަވާން ކަލޭގެ ކަނޑިއަށް ހުއްޓުވިދާނެ ކަމަށް ގަބޫލު ކުރާނަމަ އަހަރެންގެ ކުރިމައްޗަށް އަންނާށެވެ. ހަށިގަނޑުން ބޯ ވަކިކޮށްގެން، ހަށިގަނޑަށް ލުޔެއް ދޭން ގަސްތުކުރާ މީހަކު ހުރިއްޔާ ބުނާށެވެ. އަބޫ ޢަބްދުﷲއެވެ. މަނިކުފާނު ތިޔަ އިންނަވަނީ އަޅުގަނޑުގެ މަސް ކޮށައިލާންވެސް ތައްޔާރަށް ތިބިކަމަށް ބުނާ ފިނޑި ބަޔަކު މަނިކުފާނަށް ވަފާތެރި ވެދާނޭ ކަމަށް ގަބޫލުފުޅު ކުރައްވައިގެންތޯއެވެ؟ އެއިން މީހަކަށް އަމިއްލަ ކަނޑީގައި އަތްލާންވެސް އެ އުޅެނީ ނުކެރިގެންނެވެ. ގްރަނާދާގެ ދުޝްމިނުންނަކީ އެކުވެރިން ކަމުގައި ބައްލަވަނީތޯއެވެ؟]
އަބޫ ޢަބްދުﷲގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކުއްލިއަކަށް ތެދުވެވަޑައިގެން ފިޔަވަޅުފުޅެއް ކުރިއަށް ޖެހިވަޑައިގެންފައި ސުވާލުކުރެއްވިއެވެ. [ކަލޭ ތިޔަ އައީ އަހަރެން ގަތުލުކުރަން ގަސްތުކޮށްގެން ހެއްޔެވެ؟]
[އަޅުގަނޑު މަނިކުފާނު އަވަހާރަކޮށްލާން އުޅޭނެތޯއެވެ؟ ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟] މިހެން ވިދާޅުވެފައި އަބޫ މޫސާ އޭނާގެ ކަނޑިކޮޅު އަބޫ ޢަބްދުﷲއަށް އަރުވައިފިއެވެ.
އަބޫ ޢަބްދުﷲ އެ ކަނޑިކޮޅު އެއް ފަރާތަކަށް އެއްލަވައިލެއްވުމަށް ފަހު އަތްތިލަބަޑިއެއް ޖައްސަވައިލެއްވިއެވެ. އެޔާއެކު ބަރްބަރީންނާއި ޙަބްޝީންގެ މައްޗަށް އެކުލެވޭ އަށް މީހަކު އެ ކޮޓަރިކޮޅަށް ވަދެގެން އައިސް އަބޫ ޢަބްދުﷲގެ އަމުރުފުޅެއްގެ އިންތިޒާރުގައި ތިބެއްްޖެއެވެ. އަބޫ ޢަބްދުﷲ ވިދާޅުވިއެވެ. [އަލްޙަމްރާގެ ދޮރާށިތަކުގައި ކިތަންމެ ވަރަކަށް ފޯރިމެރިޔަސް ކަލޭ މިތަނަށް ވަނުން މަނާ ނުކުރެވޭނެކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން ކަލެއަށް އެއް ކަމެއްގެ ޔަގީންކަން ދޭނަމެވެ. މި ތަނަށް ވަދެގެން ތިޔަ އައި މަގަކުން ނުކުމެގެން ދާކަށް ލާހިކެއް ނޫނެވެ.]
މޫސާ ހައިރާންފުޅުވެފައި އަބޫ ޢަބްދުﷲ އާ ދިމާއަށް ބައްލަވަމުން ގެންދެވިއެވެ. އެއީ އޭނާ އެމީހަކާއެކު ތުއްޕުޅު ދުވަސްވަރު ހޭދަކުރެއްވި މީހާއެވެ. އަހަށް ސަވާރުވެވަޑައިގަންނަވާށާއި ލޮންސި އާއި ކަނޑި ބޭނުން ކުރައްވަން ދަސްކޮށްދެއްވީ މޫސާއެވެ. އޭނާ ހައިރާންފުޅުވީ ކުރެއްވުނު ކުށެއް އެނގިވަޑައިނުގަންނަވާތީއެވެ. ހެނދުނު އޭނާ ގެންނަވައިފައި ކައިރި އަވަށްއަވަށުން ސިފައިންގެ ތެރެއަށް ވައްދާނޭ މީހުން ހޯއްދަވާން އެންގެވީ އަބޫ ޢަބްދުﷲއެވެ. އެ މަސައްކަތުން އަވަދިވެވަޑައިގެން، ވަޑައިގެންނެވިތަނުން އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ޚަބަރަކީ ބާޢީންގެ ބަޔަކު ހުރަގެއިން ނެރެ، ދޫކޮށްލެވުނު ޚަބަރެވެ. ދެވަނައަށް ލިބިވަޑައިގެންނެވި ޚަބަރަކީ ސަރުކާރަށް ވަފާތެރި އިސް ފަންތީގެ ބައެއް ބޭފުޅުން ވަޒީފާއިން ވަކި ކުރެވުނު ވާހަކައެވެ. އެއީ މޫސާ ވަރަށް ކަންބޮޑުވެ ވަޑައިގަތް ޚަބަރުތަކެކެވެ. އެހެންނަމަވެސް ވަޑައިގެން އަބޫ ޢަބްދުﷲ އާ ވާހަކަފުޅު ދައްކަވައި، ވިސްނަވައިދެއްވީމާ މައްސަލަ ހައްލު ވެގެން ހިނގައިދާނޭ ކަމުގެ ޔަގީން އޮތެވެ. އެހެންވީމާ މެންދުރުގެ ފަރީއްކޮޅުވެސް އިހަށް ލަސް ކުރެއްވުމަށް ފަހު ސީދާ ވަޑައިގަތީ ގަނޑުވަރަށެވެ. މީގެ ކުރިންވެސް އަބޫ ޢަބްދުﷲ އާއި އޭނާޔާ ދެމެދު ހަރުކަށި ވާހަކަތައް ބަދަލު ކުރެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް މިއަދު އެ ކޮޓަރިކޮޅަށް ވެންނެވުމާއެކު އޭނާގެ ތުއްޕުޅު އިރުގެ އެކުވެރިޔާ ވަރަށް ބޮޑަށް ބަދަލުވެއްޖެކަމުގެ އިހުސާސް ކުރެއްވުނެވެ. އޭނާގެ ކަނޑިކޮޅު އަބޫ ޢަބްދުﷲއަށް އެރުވީމާ މުޅިން މަޑުމަތިރިވެވަޑައިގެން، އޭނާގެ ކޮނޑުފުޅަށް އަތްޕުޅު އެއްލަވައިގެން އެހެން ކޮޓަރިކޮޅަކަށް ގެންދަވައި [މިހައި ކުޑަކުޑަ ކަމަކާހެދިވެސް ރުޅިއައީހޭ] އައްސަވާނެކަމުގެ ޔަގީންކަންވެސް އޮތެވެ.
އެހެންނަމަވެސް އަބޫ ޢަބްދުﷲ އޭނާގެ ކަނޑިކޮޅު އެއްލަވައިލެއްވީމާ ހީފުޅުވީ ހިތްޕުޅަށް ޚަންޖަރެއް ހަރުއްވައިލެއްވިހެންނެވެ. ކުރެއްވުނުހައިވެސް ކަމަކީ އަބޫ ޢަބްދުﷲއާ ދިމާއަށް ބަލައްވާން ހުންނެވުމެވެ. ކަންފަތްޕުޅުދޮށުގައި ގުގުމަމުން ދަނީ އެކުވެރިޔާގެ ބަސްފުޅެވެ. [އަހަރެން ކަލެއަށް އެއް ކަމެއްގެ ޔަގީންކަން ދޭނަމެވެ. މި ތަނަށް ވަދެގެން ތިޔަ އައި މަގަކުން ނުކުމެގެން ދާކަށް ލާހިކެއް ނޫނެވެ.] އޭނާ ސިފައިންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. ހިތްޕުޅަށް އެރިއެވެ. މިއީ ހަގީގަތެއް ނޫނެވެ. އަބޫ ޢަބްދުﷲ ސަމާސައެއް ކޮށްލެއްވީއެވެ.
މޫސާ ހިނިތުންވެވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. [އޭ އަބޫ ޢަބްދުﷲއެވެ. އަޅުގަނޑަކީ ކުށްވެރިއަކީމެވެ. އަހަރެންގެ އެއް ކުށަކީ ލޮއްޚާއަށް ދާނޭ ސިފައިން ހޮވުމުގެ ކުށެވެ. ދެވަނަ ކުށަކީ ވަލު ދޮރާށިން އަލްޙަމްރާ ގަނޑުވަރަށް ވަނުމެވެ. ތިން ވަނަ ކުށަކީ މިތިބަ މުޖުރިމުންނަކީ މުޖުރިމުންކަމަށް ބުނުމެވެ. އަޅުގަނޑުގެ އެންމެ ބޮޑު ކުށަކީ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާކަމަށް ވުމުގެ ކުށެވެ. އަޅުގަނޑުގެ ކުށްތަކަށް އަދަބު ދެއްވާށެވެ. ހުކުމް ކުރައްވާށެވެ.]
މިހެން ވިދާޅުވެފައި މޫސާ އިސްދަށަށް ޖައްސަވައިލެއްވިއެވެ. އަބޫ ޢަބްދުﷲގެ ލޯފުޅުން ކަރުނަފޮދު ފާއްދައިލައިފިއެވެ. އަތްޕުޅު އުފުއްލަވައިލައްވައި މޫސާގެ ކޮނޑުފުޅުގައި ހިއްޕަވަން ގަސްތުކުރެއްވި ވަގުތު މީހަކު ކުރިއަށް ޖެހިލައި އަތްޕުޅުގައި ހިފައިފިއެވެ. އެއީ އަބޫ ދާވޫދެވެ.
އަބޫ ޢަބްދުﷲ އެމަނިކުފާނުގެ މުރުޝިދާ ދިމާއަށް ބައްލަވައިލެއްވިއެވެ. އަބޫ ދާވޫދް ބޯ ހޫރައިލިއެވެ.
އަބޫ ޢަބްދުﷲ ސިފައިންނާ ދިމާއަށް ބައްލަވައިލައްވައިފައި ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. [މީނާ ގެންދާށެވެ.]
މޫސާ އިސް އުފުއްލަވައިލެއްވިއެވެ. އޭނާ އެ ވަގުތު ހުންނެވީ ސިފައިންގެ ކަނޑިތަކުގެ މެދުގައެވެ. އެއީ އަބޫ ޢަބްދުﷲގެ ގަސްތުފުޅަކީ ކޮބައިކަން ނޭނގޭތީ ކަނޑީގައި އަތްލާން ނުކެރިފައި ތިބި މީހުންނެވެ. މިހާރު އެތިބީ ކަނޑިތައް އުރައިން ދަމައިގަނެ ތައްޔާރު ވެގެންނެވެ.
އިސްޕޭނުގެ ފާރުތައް ރޫރުއަޅައިގަންނަފަދަ އަޑުފުޅުގެ ވެރިޔާ މިހާރު އެ ހުންނެވީ ހިމޭނުންނެވެ. މަންމަން ހާލުކޮޅުގައި އަބޫ ޢަބްދުﷲގެ މޫނުފުޅަށް ބައްލަވާށެވެ. ގްރަނާދާގެ މުޖާހިދުގެ ދޫފުޅު ގައުވެއްޖެއެވެ.
އަބޫ ޢަބްދުﷲއަކަށް މާ ގިނަ އިރަކު ބައްލަވާކަށް ނުހުންނެވުނެވެ. މޫނުފުޅު އަނބުރައިލެއްވުމަށް ފަހު ވަރަށް ބާރަށް ވިދާޅުވިއެވެ. [ގެންދާށެވެ.] އެކަމަކު އަޑުފުޅުގައި ހުރީ ކޯފާއެއް ނޫނެވެ. ހިތާމަވެރިކަމުގެ އަސަރެވެ.
މޫސާ އެއްވެސް އެއްޗެކޭ ވިދާޅުނުވެ ސިފައިންގެ ކުރީގައި ހުންނަވައިގެން ހިންގަވައިގެންފިއެވެ. އަބޫ ޢަބްދުﷲ ރުމާކޮޅުން ލޯފުޅު ފޮއްސަވައިލެއްވުމަށް ފަހު ބާރަށް ވަޑައިގެން އެހެން ކޮޓަރިކޮޅަކަށް ވެދެވަޑައިގެންފިއެވެ. އަބޫ ދާވޫދް އެތާގައި ތިބި މީހުންނާ ދިމާއަށް ބުނެފިއެވެ. [މިތާގައި ތިބޭށެވެ. އަހަރެން އެބަ އަންނަމެވެ.]
އަބޫ ޢަބްދުﷲ ވެދެވަޑައިގެންނެވި ކޮޓަރިކޮޅަށް ވަދެފައި އަބޫ ދާވޫދް ބުންޏެވެ. [ވަލީޢަހުދެވެ. ބޮޑެތި މީހުންގެ ހިތްވެސް ބޮޑުވާން ޖެހޭނެއެވެ.]
އަބޫ ޢަބްދުﷲ ހިތާމަވެރިކަމާއެކު ވިދާޅުވިއެވެ. [އެއީ އަޅުގަނޑުގެ އެކުވެރިއެކެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ.]
އަބޫ ދާވޫދް ބުންޏެވެ. [އެއީ މަނިކުފާނު ލޯބިފުޅުވާ ރީތި ކަށްޓެކެވެ. މަންޒިލަށް ވާސިލުވެ ވަޑައިގަތުމަށްޓަކައި އެކަހަލަ ކިތަންމެ ކަށްޓެއް މުލުން ލުހެލައްވައިވާން ވާނެއެވެ. މަނިކުފާނު ބޭނުންފުޅިއްޔާ މިހާރުވެސް މަނިކުފާނުގެ ތާޖުކޮޅުގެ އެހަކަށް އޭނާ ހެއްދެވިދާނެއެވެ. އެކަމަކު އެކަން މަނިކުފާނަށް ކުރެއްވޭނީ ގްރަނާދާގެ ތަޚުތަށް ދައުވާ ކުރާނޭ އެހެން މީހަކު ނެތް ދުވަހަކުންނެވެ. މަނިކުފާނު އަބުލްޙަސަންގެ ޖާގަ ނަންގަވައިފިކަން އެނގޭ ދުވަހަކު އޭނާ ހުރަގެއިން ނުކުމެ މަނިކުފާނަށް ބައިޢަތު ހިފާނެއެވެ. މަނިކުފާނަށް ޚިދުމަތް ކުރާކަށް އޭނާ ދެކޮޅެއް ނުހަދާނެއެވެ. ތެދުވެވަޑައިގަންނަވާށެވެ. މިއީ ވިސްނައިވަޑައިގަންނަވަން އޮތް ވަގުުތެއް ނޫނެވެ. އަމަލުކުރައްވާން އޮތް ވަގުތެކެވެ.]
(3)
ލޮއްޚާގެ ފަތަހައިގެ ދުވަހުގެ ފަހު ދުވަހު ބަދްރު ބިން މުޣީރާ ފެރްނާންދޯގެ ލަޝްކަރުގެ ފަހަތުން ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތުމުން އަބުލްޙަސަން މަޝްވަރާ މަޖިލިސް އެއްކުރެއްވިއެވެ. ބައެއް ބޭފުޅުން ލަފާ އެރުވީ އެނބުރި ގްރަނާދާއަށް ދިއުމަށް ފަހު ފުރިހަމައަށް ތައްޔާރުވެގެން އައިސް ފެރްނާންދޯގެ ރަސްކަމަށް ހަމަލަ ދިނުމަށެވެ. އެކަމަކު ބަދްރު ދެކެވަޑައިގެންނެވި ގޮތުގައި ފެރްނާންދޯއަށް ހަމަނޭވައެއް ލުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.
އޭނާ ވިދާޅުވިއެވެ. [މި ފަތަހައަށް ފަހު ލަސްނުކޮށް ކުއްލިއަކަށް ހަމަލަ ދިނީމާ އެއްވެސް މައިދާނެއްގައި ދުޝްމިނުންނަކަށް އަޅުގަނޑުމެންނަކާ މުގާބިލާއެއް ނުކުރެވޭނެއެވެ. ގްރަނާދާއަށް ގޮސް އަޅުގަނޑުމެންގެ ލަޝްކަރަށް ސިފައިން އިތުރު ކުރެވިދާނެކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އަޅުގަނޑުމެންނަށްވުރެ ވަސީލަތާއި މީހުންގެ ގޮތުން ދުޝްމިނުން މާ ވަރުގަދަކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ވަގުތު ދީފިއްޔާ އެމީހުން ފައިދާ ހާސިލުކުރާނެއެވެ. އެމީހުންނަށް އެހީތެރިވާން އަންނާނީ ހަމައެކަނި އަންދަލުސްގެ ކްރިސްޓިއަނުންނެއް ނޫނެވެ. ފްރާންސާއި އިޓަލީގައި ޞަލީބު އުފުލާ އެންމެން ކަހަލަ ގޮތަކަށް އަންނާނެއެވެ. މިޔަށްވުރެ ބޮޑަށް އަޅުގަނޑު ކަންބޮޑުވާ އެހެން ކަމެއްވެސް އެބައޮތެވެ. ފެރްނާންދޯ އޭނާ ބަލިވީމާ އެކަމުގެ ބަދަލު ހިފާނީ އޭނާގެ ބެލުމުގެ ދަށުގައި ތިބި އިސްލާމުންގެ ކިބައިންނެވެ. އެއީ ގްރަނާދާގެ އިސްލާމުންނަށްވުރެ ވަކީން މަދު ބައެއް ނޫނެވެ. އެހެންވީމާ އަޅުގަނޑުމެން ލަސްނުކޮށް ހަމަލަދީފިއްޔާ އަންދަލުސްގެ ހުރިހައި ރަށެއްގެ އިސްލާމުން އަޅުގަނޑުމެންނާ ބައިވެރިވާނެއެވެ. އޭރުން ފެރްނާންދޯގެ ސިފައިންނަށްވުރެ އަޅުގަނޑުމެންގެ ލަޝްކަރުގެ އަދަދު މާ ގިނަ ވާނެއެވެ. އެ އަދަދު ވެގެން ދާނީ އަޅުގަނޑުމެން ގްރަނާދާއަށް ގޮސް ލަޝްކަރަށް އިތުރުކުރި ކަމުގައި ވިޔަސް އެކުރެވޭ ވަރަށްވުރެ މާ ގިނަ ބަޔަކަށެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ހަމައެކަނި މައްސަލައަކީ ލަޝްކަރަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގެ މައްސަލައެވެ. އެކަމާ އަޅުގަނޑު ޖާމިނު ވެއްޖައީމެވެ.]
ބަދްރު ބިން މުޣީރާގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން އައްޒަޣަލް ވިދާޅުވިއެވެ. [މި ފަތަހައިގެ ނަތީޖާއެއްގެ ގޮތުން ކަސްތިއްޔާގެ ފާރުތަކާ ހަމައަށް ދާން ކުރާ މަސައްކަތުގައި އަޅުގަނޑުމެންނާ މާ ވަރުގަދަ އިދިކޮޅު ހަރަކާތަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. ވެއްޓެމުންދާ ދުޝްމިނުންނަށް ހަމަޖެހިލައި، އަނެއްކާވެސް ތެދުވުމުގެ ފުރުސަތު ދިނުމަކީ އަޅުގަނޑުމެން ކޮށްގެން ވާނޭ ކަމެއް ކަމަކަށް ނުފެނެއެވެ. ދެން އޮތީ ގްރަނާދާއިން ސިފައިން ގެނައުމުގެ ކަންތައް ހަމަޖެއްސުމެވެ. އެކަމަށްޓަކައި މޫސާއަށްވުރެ ރަނގަޅު މީހަކު ނުހުންނާނެއެވެ.]
އުމުރުން ދުވަސްވީ އަމީރަކު ވިދާޅުވިއެވެ. [އަޅުގަނޑަށްވެސް ގަބޫލުކުރެވޭ ގޮތުގައި ފަހަތަށް ޖެހުމަށްވުރެ މޮޅު ގޮތަކީ ކުރިއަށް ޖެހުމެވެ. އެކަމަކު މި ހަނގުރާމަ އައްޒަޣަލާ ހަވާލު ކުރައްވައިފައި ރަސްގެފާނު އެނބުރި ގްރަނާދާއަށް ވަޑައިގަތުމަކީ އަޅުގަނޑަށް ފެންނަ ގޮތެވެ. ވޭތުވެ ދިޔަ ގަރުނުތަކަށް ބަލާއިރު މިފަދަ މަރުހަލާތަކުގައި ދާޚިލީ ފިތުނަތަކުން ލިބިފައިވާ ގެއްލުން ވަރަށް ބޮޑެވެ. މޫސައަކީ ވިސްނުންތެރި ޒުވާނަކު ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ގްރަނާދާގެ ކަންތައްތަކުގައި ރަސްގެފާނު ރަށުގައި ހުންނެވީމާ އެ އޮންނަ ހިތްހަމަޖެހުން އެހެން މީހެއްގެ ފުށަކުން ނުލިބޭނެއެވެ. ނުނިޔަތް ލައިގެން ތިބޭ މުނާފިގުން ރަސްގެފާނު ރަށުގައި ނޫޅުއްވާތީ ފުރުސަތުގެ ބޭނުންކުރަން މަސައްކަތް ކުރާނެއެވެ. ރަސްގެފާނު ރަށުގައި އުޅުއްވަނިކޮށް ފެންމައްޗަށް ބޯ ހިއްލައިލުމަކީ އެކަހަލަ ބަޔަކަށް ކެރޭނޭ ކަމެއް ނޫނެވެ.]
އަބުލްޙަސަން ވިދާޅުވިއެވެ. [ގްރަނާދާގެ މައްސަލައެއްގައި އަޅުގަނޑުގެ އެއްވެސް ފިކުރެއް ނެތެވެ. ހިތްހަމަޖެހުން އެބައޮތެވެ. އެކަމަކު ތިޔަ ބޭފުޅުންގެ މަޝްވަރާ އަޅުގަނޑު ގަބޫލުކުރަމެވެ. އަދި ވަރުގަދަ ފަތަހައަކަށް ފަހު އެނބުރި ރަށަށް ދާނޭ ކަމަށް އަޅުގަނޑު ވައުދުވަމެވެ.]
މާދަމާ ހެނދުނު ލަޝްކަރުގެ ދަތުރަށް ފައްޓާން މަޣްރިބު ނަމާދު ވަގުތު ޖެހުމުގެ ކުރީން މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ. އެރޭ ފަތިސް ނަމާދަށް ފަހު އަބުލްޙަސަން ލަޝްކަރާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.
[އޭ މުޖާހިދުންނޭވެ. ލޮއްޚާގެ ފުރިހަމަ ފަތަހައަކީ ގުދުރަތުން ދެއްވި އަގުބޮޑު އިނާމެއް ކަމަށް އަހަރެން ގަބޫލުކުރަމެވެ. އެއީ ގްރަނާދާގެ އިސްލާމުން އެކަތިގަނޑެއްގެ ގޮތުގައި ތިބިއްޔާ މިއަދުވެސް ކުފުރުގެ ހުރިހައި ބާރެއް ފުނޑުފުނޑުކޮށްލެވިދާނޭ ކަމުގެ ހެއްކެކެވެ. ޖިހާދުގެ ޖަޒުބާތާ އެކު ނުކުމެއްޖެނަމަ އެބައިމީހުންގެ އެކަތައިގެ ހަތިޔާރާއި ފާރުތައް ބުރުބުރިކޮށްލެވޭނޭ ފަންވަރު އަހަރެމެންގެ ކަނޑިތަކުގައި އެބަހުރިކަމުގެ ހެއްކެކެވެ. މި ފަތަހައިގެ ސަބަބުން އަހަރެމެންނަށް ކާމިޔާބީގެ ސަރާސަރު ރާސްތާއެއް ހުޅުވިއްޖެއެވެ. ތިޔަބައިމީހުން ހިތްވަރު އެލުވައިނުލައިފިނަމަ އަހަރެން ޔަގީންކަން ދެމެވެ. ކޯރްދޮބާއާއި ސެވިއްޔާގެ ޝޫރާ މަޖިލީހުގައި އަނެއްކާވެސް އަހަރެމެންގެ ދިދަ ވިހުރުވައިލެވޭނޭ ދުވަސް އޮތީ ދުރެއްގައެއް ނޫނެވެ.
ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މި ގައުމުގެ ފުރަތަމަ މުޖާހިދަކީ ޠާރިޤް ބިން ޒިޔާދެވެ. އެމަނިކުފާނު މި ގައުމަށް ވަޑައިގަތީ މަދު މީސްކޮޅަކާ އެކީގައެވެ. ވެރިންގެ ފަރާތުން އެ މަނިކުފާނަށް އަންގަވައިފައި އޮތީ މި ގައުމުގެ ހާލަތު ބައްލަވައިފައި އެނބުރި ވަޑައިގަންނަވާށެވެ. އެހެންނަމަވެސް އިސްޕޭނިއާގެ ގޮނޑުދޮށަށް ފައިބައިވަޑައިގަތުމާއެކު އެ މުޖާހިދު ޚިޔާލުފުޅު ބަދަލުކުރައްވައިފިއެވެ. ވެރިންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ. [އަންދަލުސްގެ ގޮނޑުދޮށުގައި އަޅުގަނޑު އިސްލާމީ ދިދަ ވިހުރުވައިލައިފީމެވެ. މި ދިދަ އަންދަލުސްގެ ނިމޭކޮޅަށް ނުގެންދެވެނީސް އަޅުގަނޑު ފަހަތަކަށް ބަލައެއް ނުލާނަމެވެ. އަޅުގަނޑު މިތަނަށް ފޮނުއްވީ ރޮޑްރިކްގެ ބާރު ހުރިވަރެއް ބަލާށެވެ. އޭނާގެ ބާރު ވަރެއް ތިޔަ ބޭފުޅުންނަށް ވަޒަން ކުރެއްވޭނީ މި ބިމުގައި އަޅުގަނޑުގެ ދުވެލި ހުރި މިންވަރެއް ބެއްލެވީމައެވެ.] އެޔަށް ފަހު އެމަނިކުފާނުގެ ލަޝްކަރާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [އަހަރެމެން މިތަނަށް އައީ ރޮޑްރިކްގެ ބިމުގައި އަހަރެމެންގެ މަތިވެރިކަމުގެ ދިދަ ޖަހާކަށް ނޫނެވެ. އަހަރެމެން އައީ ﷲގެ ބިމުގައި ﷲގެ ދިދަ އުފުލާށެވެ. ޢަދަދުގެ ގޮތުން ބަލާއިރު އަހަރެމެންގެ މީސްކޮޅު މަދެވެ. އެކަމަކު ހަނދާންކުރާށެވެ. އިސްލާމުންގެ ބާރު ވަޒަންކުރަނީ ޢަދަދަކުންނެއް ނޫނެވެ. އެބައިމީހުންގެ އިޚްލާޞްތެރިކަމާއި އީމާންކަމުންނެވެ.]
އަހަރެންގެ ހިތްވަރުގަދަ މުޖާހިދުންނޭވެ. އަހަރެމެން މިއަދު މި އަޒުމުކަނޑައަޅަނީ ޠާރިޤްގެ ފިޔަވަޅުފުޅުގެ މަތީގައި ކުރިއަށް ދާށެވެ. މި ނިންމުމަށް ތިޔަބައިމީހުން ތާއީދުކުރަމު ހެއްޔެވެ؟]
ލަޝްކަރު އެކީގައި އެއްއަޑަކުން ޖައްވު ގުގުމައިގެންދާ ވަރަށް އެ ނިންމެވުމަށް ތާއީދުކޮށްފިއެވެ. ރަސްގެފާނު އަތްޕުޅުގެ އިޝާރާތުން ހިމޭންވުމަށް އެންގެވުމަށް ފަހު ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.
[ތިޔަބައިމީހުން ލޮއްޚާގެ ހަނގުރާމައިގައި ސާބިތުކޮށް ދިނީ އިސްލާމުންގެ އެންމެ ކަނޑިއެއް ކާފަރުންގެ ދިހަ ކަނޑިއާ މުގާބިލާކޮށްފާނޭ ކަމެވެ. މި ފަތަހައިން ވަނީ އަހަރެމެންނަށްޓަކައި ކާމިޔާބީގެ ދޮރު ހުޅުވިފައެވެ. ކަސްތިއްޔާއާއި އަރަގޮންގައި އަނިޔާ ލިބެމުންދާ އަހަރެމެންގެ އަޚުންނާއި އުޚުތުންގެ ދުޢާ އިޖާބަކުރެއްވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ހައެއްކަ ދުވަހަށް އެނބުރި ގްރަނާދާއަށް ދިޔައީމާ ފަތަހައިގެ އުފާ ފައުޅުކުރުމުގެ ހަފުލާތަކުގައި ބައިވެރިވެވޭނެކަން ކަށަވަރެވެ. ރައްޔިތުން އަހަރެމެންގެ މައްޗަށް މަލުގެ ވާރޭ ވެއްސާނެއެވެ. އެކަމަކު ކޯރްދޮބާއާއި ސެބިއްޔާގައި ކުރެވެމުންދާ އަނިޔާއަށް އަހަރެމެންގެ އަޚުންނާއި އުޚުތުން ކެތްތެރިވަމުން އެދަނީ ކޮންމެވެސް ދުވަހަކުން ގްރަނާދާގެ މުޖާހިދުން އެބައިމީހުން ސަލާމަތްކުރަން އަންނާނޭ ކަމުގެ އުއްމީދުގައެވެ. އަހަރެމެން ދިޔައީމާ އެތަނުން އަހަރެމެންނާ އިސްތިގުބާލުކުރެވޭނީ މަލުގެ ބަދަލުގައި ޝުކުރުވެރިކަމުގެ ކަރުނައިންނެވެ.
ގުދުރަތުން އަހަރެމެންނަށް މިފަދަ ބޮޑު ފަތަހައެއް ދެއްވައިފާނޭ ކަމަށް މީގެ ހައެއްކަ އަހަރު ކުރީން އުއްމީދުކުޅައީ ކާކު ހެއްޔެވެ؟ މި ފަތަހައަށް ފަހު ހައެއްކަ ދުވަސް ފަހުން ކޯރްދޮބާއާއި ކަސްތިއްޔާގެ މިސްކިތްތަކުން ބަންގީގެ އަޑު އިވޭނޭކަމަށާއި ޝާހީ ގަނޑުވަރުތަކުގައި އަހަރެމެން ދިދަ ވިހުރުވައިލެވޭނޭ ކަމަށް އުއްމީދު ނުކުރާނީ ކާކު ހެއްޔެވެ؟]
އަބުލްޙަސަންގެ ތަގުރީރުގެ ސަބަބުން ސިފައިންގެ ހިތުގައި އުއްމީދުގެ ބައްތި ދިއްލިއްޖެއެވެ. އެބައިމީހުންގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ކަސްތިއްޔާއާއި ކޯރްދޮބާގެ ޝާހީ ދަރުބާރެވެ. ކަސްތިއްޔާގެ ދަރުބާރުގައި ނަގައިފައިވާ ފަތަހައިގެ ދިދައެވެ. އަޅުވެތިކަމުގައި ދިރިއުޅުމުގެ އެތައް އަހަރެއް ވޭތުކޮށްފައިވާ އިސްލާމުންގެ ލޮލުން ފައިބާތަން އެމީހުންނަށް ފެންނަނީ ޝުކުރުވެރިކަމުގެ ހޫނު ކަރުނައެވެ. އެމީހުން އިސްލާމީ އަޚުންނާއި އުޚުތުންނާ މުޚާތަބުކޮށް ބުނަނީއެވެ. ކަލޭމެން މިހާރު ތިޔައީ މިނިވަނުންނެވެ. މީގެ ފަހުން އެއްވެސް ބަޔަކަށް އަހަރެމެން އަޅުވެއްޗެއް ނުކުރެވޭނެއެވެ. އަންދަލުހަކީ އަހަރެމެންގެ ތަނެކެވެ. މިހައި ދުވަސް ވާންދެން ކަލޭމެންގެ ހާލަތާމެދު ފިޔަވަޅެއް ނޭޅި އޮތަތީ އަހަރެމެން ހިތާމަކުރަމެވެ.
އަބުލްޙަސަން ވާހަކަފުޅު އިރުކޮޅަކަށް ހުއްޓަވައިލެއްވިއެވެ. އެމަނިކުފާނުގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ތަންކޮޅެއް ދުރުން ވަރަށް ބާރަން ދަތުރުކޮށްފައި އަންނަ އަސްވާރަކާ ދިމާއަށެވެ. އެމީހާ އައިސް އަހުން ފުންމައިލުމާއެކު މީސްތަކުން ކަފަމުން، އެއްފަރާތް ކުރަމުން ކުރިއަށް ހިނގައިގެންފިއެވެ. އެކަކު އޭނާގެ އަތުގައި ހިފެހެއްޓީމާ ފޮޅުވައިލައިފައި އަނެއްކާވެސް ޖެހެމުން ދިޔައީ ކުރިއަށެވެ. އޭނާ ބޭނުންވަނީ އަބުލްޙަސަންގެ އަރިހަށް ދާންކަން މީހުންނަށް އެނގުނީމާ މަގު ދައްކާން ދެ ފަރާތަކަށް ޖެހޭން ފަށައިފިއެވެ. އަބުލްޙަސަންގެ ހިތްޕުޅަށް އެރިއެވެ. މި އަސްވާރު އެއައީއަކީ ހެޔޮ ޚަބަރަކާއިގެން ކަމަކަށް ނުވާނެއެވެ. އެހެންވީމާ އަތްޕުޅުގެ އިޝާރާތުން އެމީހާއަށް މަޑުކުރަން އަންގަވައިފައި އަނެއްކާވެސް ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.
އަބުލްޙަސަންގެ އަރިހުގައި ހުންނަވައިފައި އައްޒަޣަލް އެމީހާޔާ ގާތަށް ޖެހިވަޑައިގެންފައި އެއްސެވިއެވެ. [ކަލޭ ތިޔަ އައީ ގްރަނާދާއިން ހެއްޔެވެ؟]
އެމީހާ ޖަވާބުގައި ދެންނެވިއެވެ. [އާދޭހެވެ. އަޅުގަނޑު މި އައީ ނުބައި ޚަބަރަކާއިގެންނެވެ.]
[ކަލޭ ފޮނުވީ މޫސަ ހެއްޔެވެ؟]
[ނޫނެކެވެ. އަޅުގަނޑު އައީ އަމިއްލައަށެވެ.]
[ކަލޭ ތިޔަ އައީ މޫސަ ފޮނުވައިގެން ނޫންކަމުގައި ވަނީނަމަ ކަލޭގެ ޚަބަރަކީ އަހަރެމެންނަކަށް މުހިއްމު ޚަބަރެއް ނޫނެވެ. މި ވަގުތު ގްރަނާދާގެ ރަސްގެފާނު ލަޝްކަރާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީކަން ކަލެއަށް އެނގެންވާނެއެވެ.]
[އަޅުގަނޑު މިތަނަށް އައީ ކޮންފަދަ ހާލަތަކާއެކުކަން އެނގިވަޑައިގަތީމާ އަޅުގަނޑުގެ އަދަބު ކުޑަކަމަށްޓަކައި މަނިކުފާނު މާފުކުރައްވާނެކަން ޔަގީނެވެ.]
އައްޒަޣަލް ވިދާޅުވިއެވެ. [ބުނާށެވެ. ކަލޭ ބުނާން ތިޔަ އުޅެނީ ކީކޭހެއްޔެވެ؟]
އެމީހާ ހަތަރު ފަރާތަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. [މިތާކު ނޫނެވެ.]
އައްޒަޣަލް ކުޑަކޮށް ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. [އަހަންނާއެކު އަންނާށެވެ.]
އައްޒަޣަލް އޭނާ ގޮވައިގެން މީހުނާ ދުރަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [އަހަންނަށް ނުބައި ޚަބަރެއް އިއްވުމުގެ ކުރިން ކަލޭ ތިޔައީ ކާކުކަން ބުނާށެވެ. ކަލޭގެ ވާހަކައިގެ މުހިއްމުކަން ވަޒަންކުރާން އަހަންނަށް އެނގޭނީ އޭރުންނެވެ. އަދި އެހެން ކަމެއްވެސް ހަނދާންކުރާށެވެ. ހަނގުރާމައިގެ ދަނޑިވަޅުގައި ދޮގު ޚަބަރު ފަތުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭނެއެވެ.]
އެމީހާ ބުންޏެވެ. [މަނިކުފާނު ފުންކޮށް ބައްލަވައިލައްވައިފިނަމަ އަޅުގަނޑަކީ ކާކުކަން އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަކީ ގަނޑުވަރުގެ ސަލާމަތީ ވެރިޔާގެ ދަރިއަކީމެވެ. ހަބީރާ ބިން ސަޢީދުގެ ދަރިވަރަކީމެވެ. މޫސަގެ އަރިހުގައި ޖިހާދުގެ ތަބްލީޣުގެ މަސައްކަތުގައި އަޅުގަނޑު އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ލަޝްކަރުގައި މިތިބަ މީހުންގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑު ދަންނާނެއެވެ. އަޅުގަނޑު މި ގެނައި ހިތާވެރި ޚަބަރަކީ ދޮގު ޚަބަރަކަށް ވެއްޖެނަމަ އަޅުގަނޑު ދަން ޖެއްސެވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑު މި ތަނަށް އައި އައުމާއި އަޅުގަނޑަށް ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކަކީ ހުވަފެނެއްކަމުގައި ވާނޭ ނަމަ ﷲ އަށް ހާސްފަށުން ޝުކުރު ހުއްޓެވެ.]
އެހައިތަނުން އައްޒައިޣަރީވެސް އެތަނަށް ވަޑައިގެންފިއެވެ. އޭނާއަށް އެ ޒުވާނާއަކީ ކާކުކަން އެނގިވަޑައިގެންފިއެވެ. [އޭ ސުލައިމާނެވެ. ޚަބަރުތައް ހެޔޮ ހެއްޔެވެ؟]
[އަޅުގަނޑު މި އައީ ވަރަށް ދެރަ ޚަބަރަކާއިގެންނެވެ. ގްރަނާދާގައި ބަޣާވާތްކޮށްފިއެވެ.]
އައްޒަޣަލް ކޯފާގެ ރާގަކަށް ވިދާޅުވިއެވެ. [ނޫނެކެވެ. ތިޔަ ވާނީ ކަލެއަށް ފެނުނު ހުވަފެނަކަށެވެ. މޫސަ ހުއްޓައެއް ބަޣާވާތެއް ކުރާކަށް އެއްވެސް މީހަކަށް ނުކެރޭނެއެވެ. ކަލެއަށް ހުވަފެނެއް ފެނުނީއެވެ. ކަލެއަކީ ދުޝްމިނުންގެ ޖާސޫސެކެވެ. ކަލޭ ތިޔަ އުޅެނީ އަހަރެމެން ހަނގުރާމައިގެ މައިދާނުން ދުރަށް ޖައްސާށެވެ. ތިޔައީ ދޮގެކޭ ބުނާށެވެ.] އައްޒަޣަލް ކޯފާ ވެގެން އެމީހާގެ ކޮނޑުގައި ހިއްޕަވައި ލަތްކެއް ޖެއްސެވިއެވެ. ސުލައިމާން ކިޔަމުން ދެއެވެ. [މިއީ ދޮގަކަށް ވާނެ ނަމައެވެ. އެކަމަކު މިއީ ދޮގެއް ނޫނެވެ. މިއީ ދޮގަކަށް ވާނެ ނަމައެވެ.]
[މޫސަ ބަޣާވާތްކުރީ ހެއްޔެވެ؟ ތިޔައީ ވާނޭ ކަމެއް ނޫނެވެ. ކަލޭ މޮޔަވީއެވެ.]
ސުލައިމާން ދެންނެވިއެވެ. [އަބޫ ޢަބްދުﷲ، މޫސަ ހައްޔަރު ކުރައްވައި ހުރަގެއަށް ލައްވައިފިއެވެ.]
އައްޒަޣަމް ސުލައިމާން ކޮއްޕަވައި ބިންމައްޗަށް ވައްޓަވައިލައްވައިފިއެވެ. އަދި އައްޒައިޣަރީއާ ދިމާއަށް ވިދާޅުވިއެވެ. [މި ކަލޭގެ ގެންދަވާށެވެ. މިއީ މޮޔައެކެވެ. އަބޫ ޢަބްދުﷲ އަޅުގަނޑު ގަތުލުކޮށްފާނެއެވެ. އޭނާގެ ބައްޕާފުޅު ހައްޔަރުކޮށްފާނެއެވެ. އެކަމަކު މޫސައަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވާންވެސް އޭނާ ހުންނާނީ ތައްޔާރަށެވެ. މި މޮޔަ ކަލޭގެ ގެންދަވާށެވެ.]
ސުލައިމާން ދެންނެވިއެވެ. [އަޅުގަނޑުގެ ވާހަކަ ތެދު ކުރުމަށްޓަކައި މިއަދު އިރުއޮއްސުމުގެ ކުރިން އެތައް ބަޔަކު އަންނާނެއެވެ. އަބޫ ޢަބްދުﷲ ވެރިކަން އިއުލާނު ކުރައްވައިފިއެވެ. ބާޣީން މިނިވަން ކުރައްވައިފިއެވެ. އަރަބި ވެރިންގެ ބަދަލުގައި އެ ބާޣީންނަށް ވަޒީފާ ދެއްވައިފިއެވެ. އޭނާގެ ވެރިކަން ގަބޫލު ނުކުޅަ މީހުންގެ ތެރެއިން ހައެއްކަ މީހުން ގަތުލު ކުރައްވައިފިއެވެ. ބާކީ ތިބި މީހުން ހުރަގެއަށް ލައްވައިފިއެވެ. އަލްޙަމްރާގައި މިހާރު އޮތީ ބަރްބަރީންނާއި އިސްޕޭނީންގެ ވެރިކަމެވެ. އެމީހުން މިހާރު ފަށައިގެން އުޅޭ މަސައްކަތަކީ އަރަބީންނާއި އަރަބީން ނޫން މީހުންގެ މެދުގައި ފިތުނަ އުފައްދައި އަރައިރުންވާނޭ ހާލަތުތައް އުފެއްދުމުގެ މަސައްކަތެވެ. މިހައިތަނަށް އަނދައި ހުލިވީ ކިތައް ގެކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މަރުވީ ކިތައް މީހުން ކަމެއް ނޭނގެއެވެ. އަޅުގަނޑު ބިރުގަންނަނީ މި އަލިފާންގަނޑު ގްރަނާދާގެ ކައިރި ރަށްރަށަށްވެސް ފޯރާނެތީއެވެ.]
(4)
އަބުލްޙަސަނަށް ވާހަކަފުޅު ކުރިއަށް ގެންދެވޭ ވަރެއް ނުވިއެވެ. ސަމާލުކަން ދެއްވެނީ އައްޒައިޣަރީއާއި އައްޒަޣަލަށެވެ. އެ ދެ ބޭފުޅުން އިސްޖައްސަވައިގެން އެ ދިމާއަށް ވަޑައިގަންނަވާތަން ފެނިވަޑައިގަތީމާ ހިތްޕުޅަށް ނުތަނަވަސްކަން ވެރިވާން ފަށައިފިއެވެ. ވިންދުފުޅު އަވަސްވެގެން ހިނގައްޖެއެވެ. އައްޒަޣަލްގެ މޫނުފުޅުން ނުތަނަވަސްކަން ފެނިވަޑައިގަތީމާ އެ އައި މީހަކު އައީ ރަނގަޅު ޚަބަރަކާއިގެން ނޫންކަން ވިސްނިވަޑައިގެންފިއެވެ. އެހެންވީމާ ތަގުރީރު ކުރުކޮށްލެއްވުމަށް ފަހު ދުޢާފުޅަށް އަތްޕުޅު އުފުއްލަވައިލެއްވިއެވެ. އަދި ޖަވާބަކަށް އެދިވަޑަައިގަންނަވާ ކަހަލަ ގޮތަކަށް އައްޒަޣަލާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ.
އައްޒަޣަލް ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ހިންގަވާށެވެ.]
އަބުލްޙަސަން ސުވާލުކުރެއްވިއެވެ. [ކޮން ތަނަކަށް ހެއްޔެވެ؟ ޚަބަރުތައް ރަނގަޅު ހެއްޔެވެ؟]
[ފޭލިގެކޮޅަށް ހިންގަވާށެވެ.]
އައްޒަޣަލްގެ އަޑުފުޅުގައި އެކުލެވޭ މޮޅިވެރިކަމުގެ އަސަރުގެ ސަބަބުން އަބުލްޙަސަންގެ ކަންބޮޑުވެވަޑައިގަތުން ދިޔައީ ބޮޑުވަމުންނެވެ. އެކަމަކު އިސްޓޭޖުން ފައިބައިވަޑައިގެން އެމަނިކުފާނުގެ ފޭލިގެކޮޅާ ދިމާއަށް ހިންގަވައިގެންފިއެވެ. ބައެއް ކޮމާންޑަރުން އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާން އުޅުއްވުމުން އައްޒަޣަލް އެކަން މަނާ ކުރައްވައިފިއެވެ. [ތިޔަ ބޭފުޅުން އަޅުގަނޑުގެ ފޭލިގެއަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެން އިރުކޮޅަކުން އެބަ ދަމެވެ.]
ކުޑަ ތަންކޮޅަކަށް ވަޑައިގެންފައި އަބުލްޙަސަން ސުވާލުކުރެއްވިއެވެ. [ޚަބަރެއް ދިނުމުގެ ކުރިން އެމީހާ އައީ ކޮން ތަނަކުންކަން އަހަރެން ގާތު ނިކަން ބުނެބަލާށެވެ. މިފަދަ ބޮޑު ފަތަޙައަކަށް ފަހު ކުދިކުދި ކަންކަމާ ހާސްވެގެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބުނެބަލާށެވެ. ކިހިނެއް ވީ ހެއްޔެވެ؟ ކޮއްކޮގެ ހިމޭންކަން ބަރުދާސްކުރަން އުނދަގުލެވެ.]
އައްޒަޣަލް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ސުލައިމާން އިހަށްވެސް ހުރިތާގައި އެބަހުއްޓެވެ. އައްޒަޣަލް އިޝާރަތް ކޮށްލެއްވީމާ އެ ބޭފުޅުންގެ އަރިހުގައި ހިނގައިގެންފިއެވެ.
އަބުލްޙަސަން ސުލައިމާނާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ކަލޭ އައީ ކޮން ތަނަކުން ހެއްޔެވެ؟ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ނުހުރެ ނިކަން ބުނެބަލާށެވެ. ކަލޭ ގެނައި ޚަބަރަކީ އަހަރެމެންގެ ސަރަހައްދުގެ ބައެއް، އަތްދަށުން ދޫވެގެން ދިޔަ ވާހަކަ ހެއްޔެވެ؟ ބަލިވުމުގެ ބަދަލު ހިފުމުގެ ގޮތުން ކްރިސްޓިއަނުން އިސްލާމުން ތަޅައިމަރާ ވާހަކަ ހެއްޔެވެ؟]
ޖަވާބެއް އެރުވުމުގެ ބަދަލުގައި ސުލައިމާން ބަލައިލީ އައްޒަޣަލާ ދިމާއަށެވެ. ލޯފުޅުގެ އިޝާރާތުން އަނގައިން ނުބުނާށޭ އެންގެވީމާ އެއްވެސް ޖަވާބެއް ނޭރުވިއެވެ.
އަބުލްޙަސަން ވަރަށް ބޮޑަށް ކޯފާވެފައި ހަޅޭއްފުޅު ލައްވައިގެންފިއެވެ. [އައްޒަޣަލެވެ. އަހަރެމެން ދެމީހުންނަށް ކިރުދިނީ އެއް މައެއް ނޫން ހެއްޔެވެ؟ ކޮއްކޮއަށް އަޑުއަހާން ކެރުނު ޚަބަރެއް އަހާން ބޭބެއަށް ނުކެރޭނީ ހެއްޔެވެ؟ މިކަލޭގެ ގެނައީ ބިންހެލުމެއްގެ ޚަބަރު ހެއްޔެވެ؟ އަލްޙަމްރާގައި ހުޅުރޯވީ ހެއްޔެވެ؟ އަބޫ ޢަބްދުﷲއަށް ބޮޑު އަނިޔާއެއްވީ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. އެކަހަލަ ޚަބަރަކުން ބޭބެ ހާހެއް ނުވާނެއެވެ. މިކަލޭގެ ގެނައި ޚަބަރަކީ ކްރިސްޓިއަނުންގެ ލަޝްކަރަކުން އަހަރެމެންގެ ސަލާމަތީ ކަންތައްތައް ތަންކޮޅެއް ބަލިކަށި ސަރަހައްދެއް ހިފި ޚަބަރަކަށް ވާނަމަ ކޮއްކޮއަށް އެ ވާހަކަ ލަޝްކަރުގެ ކުރިމަތީގައިވެސް ދެއްކުނީހެވެ. ލަޝްކަރާ ވާހަކަދައްކައިފައި ކުރިއަށް ދާން މި އުޅޭ ކަންތައްތައް ދެ ދުވަހަކަށް މަޑުވެސް ޖައްސައިލެވިދާނެއެވެ. ކޮއްކޯއެވެ. މަންމަންވެފައި ތިޔަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ބޭބެ ގާތު ބުނެބަލާށެވެ. މި މުޖާހިދުންގެ ކަނޑިތަކުން ފޫނުބެއްދޭވަރުގެ ކޮން ގެއްލުމެއް ލިބުނީ ހެއްޔެވެ؟ މި މުޖާހިދުންނަށް އަލުން އިމާރާތް ނުކުރެވޭ ވަރުގެ ގަނޑުވަރަކަށް ވެއްޓުނީ ކޮން ގަނޑުވަރެއް ހެއްޔެވެ؟ ސިފައިންގެ ކޮމާންޑަރެއްގެ އެންމެ އަގުބޮޑު ރައުސުމާލަކީ އޭނާގެ ސިފައިންނެވެ. މޫސައާއި އަބޫ ޢަބްދުﷲ ފިޔަވައި ބޭބެ އެބަޔަކު ދެކެ ލޯބިވާ އެންމެން މި ވަގުތު މިތާގައި އެބަތިއްބެވެ. އެއްވެސް މީހަކުގެ މަރަކީ ބޭބެއަށް ކެތް ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. ކޮއްކޮ ދުށީމެއް ނޫން ހެއްޔެވެ؟ ނަޢީމް ބިން ރިޟްވާން ކަށްވަޅައް ތިރިކުރި ވަގުތު ބޭބެގެ ލޮލުން އެންމެ ކަރުނަ ތިތްކެއްވެސް ނުވެއްޓެއެވެ. އެކަމަކު އޭނާ ދެކެ ބޭބެ ވާ ލޯބި އަބޫ ޢަބްދުﷲ ދެކެ ވާ ލޯތްބަށްވުރެ ވަކީން ކުޑައެއް ނޫނެވެ.]
މިހައި ތަނަށް ވާހަކަފުޅު ދެއްކެވުނުއިރު ފޭލިގެކޮޅާ ހަމައަށް ވަޑައިގެންނެވިއްޖެއެވެ. އަބުލްޙަސަން މާޔޫސީއާއެކު ދިގު ފިޔަވަޅުފުޅުތަކެއް އަޅުއްވަމުން ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. އައްޒަޣަލް ވެދެވަޑައިގެން ބޭބޭފުޅު ގެންދަވައި ގޮނޑިކޮޅެއްގައި ބެއިންދެވުމަށް ފަހު ވިދާޅުވިއެވެ. [ބޭބޭއެވެ. މި މީހާ އައީ ވަރަށް ބޮޑު ޚަބަރަކާއިގެންނެވެ. އަބޫ ޢަބްދުﷲ ވެރިކަން ބަދަލުކޮށް އޭނާގެ ވެރިކަން އިއުލާނުކޮށްފިއެވެ. ބާޣީން ހުރަގެއިން ނެރެ މަތީ މަގާމުތަކަށް އައްޔަނުކޮށްފިއެވެ. ރަށުތެރޭގައި އޮތީ ނާމާންކަމެވެ. ނަސްލީ ތަޅައިފޮޅުމެވެ. އަޅުގަނޑުމެންނަށްޓަކައި ގްރަނާދާގެ ދޮރުތައް ބަންދު ވެއްޖެއެވެ. އަބޫ ޢަބްދުﷲ، މޫސަ ހައްޔަރުކޮށް ހުރަގެއަށް ލައިފިއެވެ.]
އެ ވާހަކަފުޅުގެ ސަބަބުން އަބުލްޙަސަންގެ ހަށިކޮޅަށް ހޮނުއެޅި ކަހަލައެވެ. ގޮނޑިކޮޅުން ތެދުވެވަޑައިގަތުމާއެކު ކުއްލިއަކަށް އިށީނދެވަޑައިގެންނެވިއްޖެއެވެ. ވާހަކަފުޅު ދައްކަވާން އުޅުއްވިނަމަވެސް އަޑުފުޅެއް ނުނުކުތެވެ. ދެ ލޯފުޅު ބޮޑު ކުރައްވައިގެން އައްޒަޣަލާއި ސުލައިމާނާ ދިމާއަށް ބައްލަވާން އިންނެވީއެވެ. ކުރިފުޅުމަތީގައި ތަސައްވަރުވަމުންދާ ތަގުދީރުގެ ޗާޓަށް ބައްލަވަނީ ކަހަލައެވެ.
އައްޒަޣަލް ވިދާޅުވިއެވެ. [މި ޚަބަރު ލަޝްކަރަށް ދޭނޭ ގޮތަކާމެދު އަޅުގަނޑު މި ހުންނަނީ ކަންބޮޑުވެފައެވެ. މިއީ މާ ގިނައިރު ސިއްރު ކުރެވޭނޭ ޚަބަރެއް ނޫނެވެ. އިރުއޮއްސުމުގެ ކުރިން އެތައް ބަޔަކު ގްރަނާދާއިން އަންނާނެއެވެ. އަޅުގަނޑު ބިރުގަންނަނީ ގްރަނާދާޔާ އެއްގޮތަށް މިތާގައިވެސް އަރަބީންނާއި އަރަބީން ނޫން މީހުން އެއްބަޔަކު އަނެއް ބަޔަކާ ތަޅައިފޮޅައިގެންފާނެތީއެވެ. ލަޝްކަރުގެ ކޮމާންޑަރުން އަޅުގަނޑުގެ ފޭލިގެއަށް އެބަ ޖަމާވެއެވެ. ބޭބެއަށް ވަފާތެރިވާން ހުވައި ކުރުވުމަށްފަހު މި ޚަބަރު އިއްވަވާށެވެ. މޫސަ މިތާގައި ހުރިނަމަ ކޮންފަދަ ރަނގަޅުތޯއެވެ. އެކަމަކު މާޔޫސްވެވަޑައި ނުގަންނަވާށެވެ. ލޮއްޚާގެ ފަތަހައިގެ ޚަބަރު ލިބުނީމާ ގްރަނާދާގެ ރައްޔިތުންގެ އީމާންކަން އަނެއްކާވެސް އުތުރި އަރާން ފަށާނެކަން އަޅުގަނޑަށް ކަށަވަރެވެ. އެމީހުން އަބޫ ޢަބްދުﷲ އާ ދެކޮޅަށް ބަޣާވާތްކޮށް އަޅުގަނޑުމެންނަށްޓަކައި ގްރަނާދާގެ ދޮރާށި ހުޅުވާނެއެވެ. ތެދުވެވަޑައިގަންނަވާށެވެ. ހިތްވަރު ކުރައްވާށެވެ. މިއީ ފިކުރުކުރައްވާން އޮތް ވަގުތެއް ނޫނެވެ.]
އަބުލްޙަސަންގެ ދޫފުޅު ހަރަކާތް އެބަކުރެއެވެ. އެކަމަކު އަދިވެސް އަޑުފުޅެއް ނުނުކުމެއެވެ.
ސުލައިމާން މަޑުމަޑުން ދަންނަވައިފިއެވެ. [ހަކީމަކު ގެންނަވާށެވެ. ރަސްގެފާނުގެ ހާލުކޮޅު ރަނގަޅެއް ނޫނެވެ.]
އައްޒަޣަލް ކުޑަކޮށް ގުދުވެވަޑައިގެން ބައްލަވައިލެއްވުމަށް ފަހު ބޭރަށް ނުކުމެވަޑައިގެން ފާރަވެރިޔާ ގާތު ވިދާޅުވިއެވެ. [އަވަހަށް ގޮސް ބަޝީރް ބިން ޙަސަން ގޮވައިގެން އަންނާށެވެ. ޒަޚަމްވެފައި ތިބި މީހުންނަށް ފަރުވާ ދެއްވާން އޭނާ އެބަ އުޅުއްވައެވެ. ރަސްގެފާނުގެ ހާލުކޮޅު ރަނގަޅެއް ނޫނޭ އޭނާ އަރިހު ދަންނަވާށެވެ. އެކަމަކު ސިއްރުން ދަންނަވާށެވެ. އެހެން އެއްވެސް މީހަކަށް އިވިގެން ނުވާނެއެވެ.]
މާ ގިނަ އިރުތަކެއް ނުވެ ބަޝީރް ބިން ޙަސަން ވަޑައިގެންފިއެވެ. ރަސްގެފާނުގެ ހާލުކޮޅު ބެއްލެވުމަށް ފަހު ވިދާޅުވިއެވެ. [ވައުވެވަޑައިގަންނަވާފަދަ ކަމެއް މެދުވެރިވީއެވެ. އެކަމަކު ﷲ ގެ ރަޙްމަތްފުޅުން ވަރަށް އާދައިގެ ހަމަލައެކެވެ. ވަރަށް އަވަހަށް ފަސޭހަފުޅުވެދާނެއެވެ. މާ ވަރުގަދަ ސަދުމާއެއް ލިބިވަޑައިގަތް ވައްތަރު ޖަހައެވެ.]
(5)
އޭގެ އިރުކޮޅެއް ފަހުން އައްޒަޣަލް ސުލައިމާނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ކަލޭ ގޮސް އަރާމުކުރާށެވެ. އެކަމަކު އެއްވެސް މީހަކު ގާތު އަދި މި ވާހަކަ ދައްކައިގެން ނުވާނެއެވެ.]
އެޔަށް ފަހު ބަޝީރާ މުޚާތަބު ކުރެއްވިއެވެ. [އަޅުގަނޑު މިތާގައި އިނުން ކޮންމެހެން މުހިއްމު ނޫނިއްޔާ އިރުކޮޅަކަށް ބޭރަށް ޖެހިލާނަމެވެ.]
ބަޝީރް ވިދާޅުވިއެވެ. [ބޭބޭފުޅު މިހާރުވެސް ބައްލަވަމުން އެ ގެންދަވަނީ މަނިކުފާނާ ދިމާއަށެވެ. މަނިކުފާނު އިރުކޮޅަކަށް މިތަނުން ބޭރަށް ވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތެވެ. ބޭބޭފުޅުގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރޭނީވެސް އޭރުންނެވެ.]
އައްޒަޣަލް ފޭލިގެކޮޅަށް ވަދެވަޑައިގަތްއިރު ލަޝްކަރުގެ ހުރިހައި ކޮމާންޑަރުން އެތާގައި ތިއްބެވިއެވެ. އެ ބޭފުޅުން އައްޒައިޣަރީއާ ސުވާލުތައް ކުރިމަތި ކުރައްވަނީއެވެ. އޭނާ ބާރަށް ވިދާޅުވަމުން ގެންދަވައެވެ. [އަހަންނަކަށް ނޭނގެއެވެ. ސުލައިމާން ވާހަކަދައްކަން ބޭނުންވީ ހަމައެކަނި ރަސްގެފާނާއެވެ.]
އައްޒަޣަލް ވަދެވަޑައިގަތީމާ ހުރިހައި ބޭފުޅުން ހިމޭންވެވަޑައިގެންފިއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އައްޒަޣަލް ކޮމާންޑަރުންގެ ވަފާތެރިކަމުގެ ހުވައި ކުރުއްވައިފިއެވެ. އަދި ވެގެން އުޅޭ ގޮތް ވަރަށް ސާފުކޮށް އެ ބޭފުޅުންނަށް ވިދާޅުވެ ދެއްވުމަށް ފަހު ބޭރަށް ނުކުމެވަޑައިގެންފިއެވެ. ކޮމާންޑަރުންވެސް އެ ބޭފުޅެއްގެ ފޭލިގެކޮޅަށް ވަޑައިގެންފިއެވެ. މެންދުރުވީއިރު މި ޚަބަރު މުޅި ލަޝްކަރަށް އެނގިނިމިއްޖެއެވެ. މެންދުރުން އަނބުރައި ކުޑައިރުކޮޅެއް ވީތަނާ ގްރަނާދާއިން އައި ބަޔަކު ޚަބަރުގެ ޔަގީންކަން ބަދަހިކޮށް ދީފިއެވެ. މީގެ އިރުކޮޅެއް ކުރީން ކަސްތިއްޔާގެ ޝާހީ ގަނޑުވަރުގައި ދިދަ ނެގުމާއި ސެބިއްޔާ އާއި ކޯރްދޮބާގެ މިސްކިތްތަކުގައި ބަންގި ގޮވުމުގެ ހުވަފެން ދެކެމުން އައި މުޖާހިދުންގެ ސިކުނޑީގައި މިހާރު އޮތީ ރަށުގައި ހުރި އެމީހުންގެ ގެދޮރާއި އަނބިދަރީން ސަލާމަތް ކުރާނޭ ގޮތެއްގެ ފިކުރެވެ. ލޮއްޚާގެ ކާމިޔާބީގެ ޅެންތައް ހަދަމުން ދިޔަ ޅެންވެރިޔާ މިހާރު ހަދަމުން ދަނީ އަބޫ ޢަބްދުﷲގެ ޣައްދާރީގެ ޅެމެވެ. އަންދަލުސްގެ ތަގުދީރު ކުޑައިރުކޮޅަކަށް ހިނިތުންވެލުމަށް ފަހު އަނެއްކާވެސް ކަޅު ވިލާތަކެއްގެ ނިވަލަށް ވަދެ ގެއްލިއްޖެއެވެ.
ބަޝީރް ބިން ޙަސަންގެ ފަރުވާގެ ސަބަބުން ވިދިގެން އައި ދުވަހު އަބުލްޙަސަންގެ އަޑުފުޅު ރަނގަޅުވެ ވާހަކަފުޅު ދެއްކެވޭވަރު ވެއްޖެއެވެ. އެންމެ ފުރަތަމަވެސް ވިދާޅުވީ މިހެންނެވެ. [އަހަރެންގެ ދަރިފުޅާއެވެ. ތިޔަކުރީ ކީއްހެއްޔެވެ؟ ދަރިފުޅު ތިޔަ ޖަހައިގަތް ތަޚުތަކީ ތިޔަހެން ނުހެދިނަމަވެސް ދަރިފުޅުގެ އެއްޗެކެވެ. އެކަމަކު ވެރިކަމަށް އައުމުގެ އެދުމުގައި ދަރިފުޅު މިހާރު ތިޔަވަނީ އަންދަލުސްގެ އިސްލާމުންގެ ކުރިމަގު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓައިލައިފައެވެ. ދަރިފުޅާއި އަންދަލުސްގެ އިސްލާމުންގެ ބޮލާއި ކަނދުރާ ވަކިކުރުމަކީ ބައްޕަ ކުރަންޖެހޭ ކަމެއް ކަމުގައި ﷲ ނުލައްވާށިއެވެ. އަހަރެންގެ ދަރިފުޅާއެވެ. އަހަރެންގެ ޢަބްދުﷲއެވެ. މިހާރު ތިޔައީ ބައްޕަޔާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ.] އަބުލްޙަސަން އަނެއް ފަރާތަށް އެނބުރިވަޑައިގެންފިއެވެ. ކަންނެޔޮ ގާތަށް ލަފައިލައްވައި މަޑުމަޑުން ކީރިތި ކުރައްވާން ފައްޓަވައިފިއެވެ.
ދެ ދުވަހެއް ވީއިރު އަބުލްޙަސަންގެ ހަށިކޮޅަށް ވެރިވީ ވައުކަންވެސް ފިލައި ހިނގައްޖެއެވެ. އެކަމަކު ހަށިކޮޅުގައި އިހަށްހުރި ހަރާރަތެއް މިހާރަކު ނެތެވެ. އުމުރުފުޅުން ފަސްދޮޅަސް އަހަރުގައި ޒުވާނެއްގެ ބާރާއި ޖޯޝުގައި ހުންނަވާ ރަސްގެފާނު މިހާރު ވަނީ ބަލިކަށިވެވަޑައިގެންފައެވެ. ދިރިއުޅުއްވުމައި ކުރިމަތިވެވަޑައިގަތް އެންމެ ހާދިސާއެއްގެ ސަބަބުން މިހައިތަނަށް ކަނޑިއާ ކުޅުއްވުމުގައި އުޅުއްވި މުޖާހިދު މިހާރު އެ އުޅުއްވަނީ އަސާކޮޅެއްގެ އެހީގައެވެ.
ލަޝްކަރުގެ ގިނަ ކޮމާންޑަރުން ލަފާފުޅު އެރުވީ ދަތުރުފަށައިގެން ގޮސް ގްރަނާދާގެ ކައިރީ ރަށަކަށް ފޭބުމަށް ފަހު އަބޫ ޢަބްދުﷲ އަރިހަށް ވަފުދެއް ފޮނުވާށެވެ. [އޭނާ ހަމަ މަގަށް އެނބުރިވަޑައިނުގެންފިނަމަ ކަނޑީގެ ބާރުގައި ހަމަޔަކަށް އެޅުވުން ނޫން ގޮތެއް ނޯންނާނެއެވެ. ހަނގުރާމައެއްގެ ހާލަތެއް މެދުވެރިވެއްޖެނަމަ ގްރަނާދާގެ އާއްމުން އަބޫ ޢަބްދުﷲއާ ދެކޮޅުވެރިވާނޭކަން ޔަގީނެވެ. ގްރަނާދާގެ ހާލަތުގެ ސަބަބުން މި ލަޝްކަރަށް މެދުވެރިވެފައިވާ މާޔޫސީގެ ހާލަތުން އަރައިގަނެވޭން އޮތް ގޮތަކީވެސް ލަސްނުކޮށް ގްރަނާދާ ހިފުމެވެ. އަބޫ ޢަބްދުﷲ ކްރިސްޓިއަނުންނާ ގުޅިވަޑައިގެންފިނަމަ އަޅުގަނޑުމެންނަށް ކުރެވޭނޭ ކަމެއް ނޯންނަ ހިސާބަށް ކަންތައް ހިނގައިދާނެއެވެ.]
އަބުލްޙަސަން އެ ޚިޔާލުފުޅުތަކަށް ތާއީދު ކުރެއްވިއެވެ. އެހެންނަމަވެސް ދަތުރަށް ފެށުމުގެ ކުރީން ދިމާވީ ކަމަކުން އެމަނިކުފާނުގެ ހިތްވަރުފުޅު މުޅީން އެލިއްޖެއެވެ.
ދަތުރަށް ފަށަން އޮތް ދުވަހުގެ ކުރީ ދުވަހު ގްރަނާދާއިން ހަތަރު އަސްވާރަކު އަތުވެއްޖެއެވެ. އެ މީހުން އައީ އަބުލްޙަސަންގެ ފައިންޕުޅު ދެކޭށެވެ. އަބޫ ޢަބްދުﷲއަށް އެތަކެއްޗެއް ކިޔުމަށްފަހު އެ މީހުން ދެންނެވިއެވެ. [އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ އަރިހުގައި އެންމެ ފަހުގެ ލޭތިތްކާ ހަމައަށް ޖިހާދު ކުރަން ތައްޔާރަށެވެ. ގްރަނާދާގެ ރައްޔިތުންވެސް ތިބީ މަނިކުފާނަށް ތާއީދުކުރުންމަތީގައެވެ. މަނިކުފާނު ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އަބުލްޙަސަން އެމީހުންނަށް ވަރަށް ކަމޭހިއްތަވައި މެހުމާންދާރީ އަދާކުރެއްވިއެވެ. އަދި ލަޝްކަރުގެ ތެރެއަށް މި ހަތަރު މީހުން ލައްވައިފިއެވެ. އެ މީހުން ލަޝްކަރާއެކު ތިބި ހަތަރު ދުވަހު ފިސާރި ރަނގަޅަށް މަގުސަދު ހާސިލުކޮށްފިއެވެ. އަބޫ ދާވޫދް އެ ހަތަރު މީހުން ފޮނުވީ އަބުލްޙަސަންގެ ލަޝްކަރުގައި ފިތުނަ އުފައްދައި ބައިބައިކުރުވާށެވެ. މި ހަތަރު މީހުން ދަތުރުމަތީގައި އެންމެ ފުރަތަމަ އެރިގަތީ އަރަބީންގެ ބޮލަށެވެ. އެމީހުން ގާތު ބުންޏެވެ. [ގްރްނާދާގައި ބަރްބަރީންނާއި އެރަށުގެ އުފަން އިސްލާމުން އެއްބައިވެގެން ކަލޭމެންގެ އަޚުން އެތިބަގެން މަރައި ހުސްކުރަނީއެވެ.] އޭގެ ފަހުން ވަދެގަތީ ގްރަނާދާގެ އުފަން އިސްލާމުންނާއި ބަރްބަރީންގެ ތެރެއަށެވެ. އެމީހުން ގާތު ބުންޏެވެ. [އަބޫ ޢަބްދުﷲ ގެ ވެރިކަމަކީ ކަލޭމެންނަށް ލެއްވި ރަޙްމަތެކެވެ. އޭނާ މިހާރު ވަނީ ބޮޑެތި މަގާމުތަކުން ބީރައްޓެހިން ވަކިކޮށް ރަށު މީހުންނަށް ވަޒީފާ ދީފައެވެ. އެހެންވީމާ ކަލޭމެންނަށް އެންމެ ފައިދާހުރި ގޮތަކީ ގްރަނާދާއަށް ގޮސް އަބޫ ޢަބްދުﷲއަށް ތާއިދުކޮށް އޭނާގެ ވެރިކަން ގަބޫލުކުރުމެވެ.] ބައެއް ކޮމާންޑަރުންނަށް މަތީ މަގާމުތަކުގެ ދަހިވެތިކަން ކުރިމަތިކުރުވިއެވެ. ވާހަކަތައް ގަބޫލުފުޅު ނުކުރެއްވި ކޮމާންޑަރުން އަރިހު ދެއްކީ މުޅީން އެހެން ވާހަކައެކެވެ. [އަބުލްޙަސަނަށް ތާއީދުކުރައްވައިގެން އުޅުއްވައިފިނަމަ ގްރަނާދާގައި އަބޫ ޢަބްދުﷲ ތިޔަބޭފުޅުންގެ މުޅި އާއިލާ ގަތުލުކުރައްވާނެކަން ކަށަވަރެވެ. އެހެންނޫނީ ބޮޑެތި އަދަބު ދެއްވާނެއެވެ.] ތަންކޮޅެއް އީމާންކަން ބަލިކަށި މީސްމީހުންނަށް ފައިސާ ދީގެން ހައްލައިލައިފިއެވެ. މި މަސައްކަތް މިބައިމީހުން ކުރީ ވަރަށް ހުސިޔާރުކަމާއެކުގައެވެ. އެހެންވީމާ އަބުލްޙަސަންގެ ޚާއްސުންގެ ބަޔަކަށްވެސް ހިލަމެއް ނުވެއެވެ. ފުރަތަމަ ވާހަކަދެއްކީ އެމީހުންނަށް ތާއީދުކޮށްގެން ތިބިކަން ޔަގީންވާ މީހުންނާއެވެ. އެހެން މީހުންނާ ދިމާކޮށްލީ އެ މީހުންގެ އެހީތެރިކަމާ އެކުގައެވެ.
ދަތުރު ފަށައިގެން ކުރިއަށް ގޮސް އެއް ދުވަހަކު ހަވީރުގެ ވަގުތު ލަޝްކަރު ގްރަނާދާއާއި ވިއްސަކަށް މޭލު ދުރުގައި ގާފިލާކޮށްފިއެވެ. އެރޭ ތިންވަނަ ދަމުގައި އަބުލްޙަސަނަށް އެނގިވަޑައިގެންނެވި ގޮތުގައި ލަޝްކަރުގެ އަށެއްކަ ހާސް ބަރްބަރީންނާއި އިސްޕޭނީން ލަޝްކަރު ދޫކޮށް ވަކިވެގަނެގެން ގްރަނާދާއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
އައްޒަޣަލަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު އަބުލްޙަސަންގެ ފޭލިގެކޮޅަށް ވަޑައިގެންފިއެވެ. ކުޑައިރުކޮޅެއް ފަހުން ދެތިން ކޮމާންޑަރަކުވެސް ވަޑައިގެންފިއެވެ. އައްޒަޣަލް މަޝްވަރާ އެރުވީ ޣައްދާރުވި މީހުން މަގުމަތީން ހުއްޓުވައި އެމީހުންނަށް ވިސްނައިދޭށެވެ. ނަސޭހަތް ގަބޫލުނުކޮށްފިނަމަ ހަނގުރާމަކޮށް ބަލިކުރާނީއެވެ. ބައެއް ކޮމާންޑަރުން މި ވާހަކަފުޅަށް ތާއީދުކުރެއްވިއެވެ. ބައެއް ކޮމާންޑަރުން ތާއީދެއް ނުކުރެއްވިއެވެ. އެންމެ ފަހުން އަބުލްޙަސަން ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. [ދިޔަ ބަޔަކު ދާން ދޫކޮށްލާށެވެ. އިސްލާމުންގެ އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރުމަކީ އަހަރެން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އެކަމުގެ ހުއްދައެއް އަހަރެން ނުދޭނަމެވެ.]
މި ހިތާވެރި ހާދިސާ މެދުވެރިވީމާ ރަސްގެފާނު އަބުލްޙަސަން މިސްރާބު ޖެއްސެވީ މަލަގައާ ދިމާއަށެވެ. މަލަގަ އޮތީ އެންމެ ފުރަތަމަވެސް އަބޫ ޢަބްދުﷲ އާ ދެކޮޅު ކަމަށް އިއުލާނުކޮށްފައެވެ. އެ ރަށަށް ވަޑައިގަތުމާއެކު ރަށުން އަބުލްޙަސަނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަބުލްޙަސަން ހުންނަވާން ޚާއްސަކުރެވުނީ މަލަގަގެ ވެރިޔާގެ ގަނޑުވަރެވެ.
ދެތިން ދުވަހުގެ ތެރޭގައި އެކި ހިސާބުހިސާބުން މީހުން އައިސް އެބައިމީހުންގެ ރަސްގެފާނަށް ވަފާތެރިވާން އަހުދުވެއްޖެއެވެ.
ގްރަނާދާގެ ރަސްގެފާނު މީގެ ހައެއްކަ މަސް ދުވަސް ކުރީން ރަށުން ނުކުމެވަޑައިގަތީ މުޅި އަންދަލުސް ހިއްޕެވުމުގެ އަޒުމުފުޅާއެކުގައެވެ. މިއަދު އެމަނިކުފާނުގެ ވެރިކަން އެ އޮތީ ދެ ބަޔަކަށް ބެހިފައެވެ. ގްރަނާދާގައި އޮތީ އަބޫ ޢަބްދުﷲގެ ވެރިކަމެވެ. މަގަލަގައި އަބުލްޙަސަންގެ ވެރިކަމެވެ.
ނާކާމިޔާބީގެ ހިތާމައަށްވުރެ ބޮޑު އުފަލެއް ފެރްނާންދޯއަށް ލިބުނީ އަބޫ ޢަބްދުﷲގެ ބަޣާވާތުގެ ޚަބަރުންނެވެ. އެހެންވީމާ އަބުލްޙަސަނަށް އެންމެ ފަހުގެ ހަމަލާ ދޭން އޭނާ ތައްޔާރުވާން ފަށައިފިއެވެ.
(6)
ދުޝްމިނުންގެ އަތުން ބަލިވެވަޑައިގަތް ނަމަވެސް އަބުލްޙަސަން ހިތްވަރުފުޅު ދުލެއް ނުކުރެއްވީހެވެ. އެކަމަކު އެ ނާމީޔާބީގެ ސަބަބަކަށް އަމިއްލަފުޅު ދަރިކަލުން ވެވަޑައިގަތް ނާކާމިޔާބީއަކީ ބަރުދާސްކުރައްވާން ދަތިފުޅު ކަމަކަށް ވެއްޖެއެވެ. މިހާރަކު މި ވަގުތަކަށްވެސް އަދި ކުރިމަގަކަށްވެސް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތެވެ. ކޮއްކޯފުޅު އައްޒަޣަލާއި އެހެން ބައެއް ބޭފުޅުން ހިތްވަރުފުޅު އެރުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ގެންދަވައެވެ. އެންމެ ފަހުން ގޮސް ފައިންޕުޅު ދެކެވަޑައިގަންނަވާން ވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތު ދެއްވުން ހުއްޓަވައިލައްވައިފިއެވެ. ކުރައްވާހައިވެސް ކަމަކީ ހިތާމަފުޅު ކުރެއްވުމެވެ. ކަރުނަފޮދު އޮއްސެވުމެވެ. އެންމެ ފަހުން ލޯފުޅުގެ ބާރުދެރަވެ ފެނިވަޑައިގަތުމަށް އުނިކަން އަންނާން ފަށައިފިއެވެ.
އެއް ދުވަހަކު އައްޒަޣަލާއި ބަދްރު ބިން މުޣީރާއާ ދެ ބޭފުޅުން އަބުލްޙަސަންގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އައްޒަޣަލް ކުރިމަގުގެ ރޭވުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާން ފެއްޓެވީމާ އެ ވާހަކަފުޅު މެދުކަނޑުއްވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ކޮއްކޯއެވެ. އެހެން ވާހަކައެއް ދައްކާށެވެ. އަހަރެމެންނަށް ދުޝްމިނުންނާ ދެކޮޅަށް ހަނގުރާ ކުރެވިދާނެއެވެ. އެކަމަކު ތަގުދީރާ ދެކޮޅަށް ކުރެވޭނީ ކޮން ހަނގުރާމައެއް ހެއްޔެވެ؟]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މުޖާހިދުން އެބައިމީހުންގެ ތަގުދީރު ލިޔަނީ ކަނޑީގެ ތުނޑުންނެވެ.]
އަބުލްޙަސަން ވިދާޅުވިއެވެ. [އަޅުގަނޑުގެ ކަނޑި ބިނދިއްޖެއެވެ.]
ބަދްރު ވިދާޅުވިއެވެ. [މާޔޫސު ވެވަޑައިނުގަންނަވާށެވެ. ދުނިޔޭގެ ކޮންމެ ވަރުގަދަ ލީޑަރަކީ މިފަދަ ހާލަތާ ކުރިމަތިލައިފައިވާ މީހެކެވެ.]
[ވަރުގަދަ ލީޑަރުންގެ ސަފަށް ތިޔަ ގެންނަވަނީ ޢަބްދުﷲ ކަހަލަ ދަރިންގެ ބަފައިންތޯއެވެ؟ އަޅުގަނޑު މިތާނގައި އެކަނި އޮންނާން ދޫކޮށްލައްވާށެވެ. އަޅުގަނޑުގެ އަތަކު މިހާރު ކަރުނަ ނޫން އެއްޗެއް ނެތެވެ.] މިހެން ވިދާޅުވެފައި އަބުލްޙަސަން އަނެއްކާވެސް ބިއްދޮށަށް އެނބުރިވަޑައިގެންފިއެވެ.
ބަޝީރް ބިން ޙަސަން ސިއްރު ފިޔަވަޅުފުޅު އަޅުއްވަމުން ފޭލިގެކޮޅަށް ވެދެވަޑައިގެންފައި ވިދާޅުވިއެވެ. [ރަސްގެފާނުގެ ހާލުކޮޅު ރަނގަޅެއް ނޫނެވެ. ތިޔަ ދައްކަވާ ވާހަކަފުޅުން އެމަނިކުފާނުގެ ޖިސްމާނީ އަދި ނަފްސާނީ ހާލުކޮޅު އިތުރަށް ނުބައި ވާނީއެވެ. އެމަނިކުފާނަށް އޮތް ހަގީގީ ފަރުވާއަކީ އަބޫ ޢަބްދުﷲ ހަމަ މަގަށް ގެނައުމެވެ.]
ބަދްރު ބިން މުޣީރާ އައްޒަޣަލާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ޢަބްދުﷲ ހަމަ މަގަށް ގެނެވިދާނެއެވެ.]
ބަދްރުގެ އަޑުފުޅު އިވިވަޑައިގަތުމާއެކު ރަސްގެފާނު އޭނާޔާ ދިމާއަށް ބައްލަވައިލައްވައިފައި ހިތާމަފުޅާއެކު ވިދާޅުވިއެވެ. [އޭނާއަށް ވިސްނައިދޭނޭ މީހަކު ވާނެނަމައެވެ. އެކަމަކު އެއީ މީހަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް ހެޔޮގޮތް ގަބޫލުކުރާނޭވެސް މީހެއް ނޫނެވެ.]
ބަދްރު ވިދާޅުވިއެވެ. [އޭނާއަށް މަޖުބޫރުވާނެއެވެ.]
[އިސްލާމުންގެ މެދުގައި އަހުލީ ހަނގުރާމައެއް ފެށޭކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ.]
ބަދްރު ވިދާޅުވިއެވެ. [ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ ލަޝްކަރާ އަޅައި ބަލާއިރު އޭނާގެ ލަޝްކަރުގެ ހަގީގީ ބާރު އޮތީ ކިހައި ހިސާބެއްގައިތޯ އޭނާ އަމިއްލައަށް ވަޒަންކޮށްފިނަމަ އަހުލީ ހަނގުރާމައެއް ނުފެށޭނެއެވެ.]
މި ބައްދަލުވުމަށް ފަހު ބަދްރު ބިން މުޣީރާއާއި އައްޒަޣަލާއި އައްޒައިޣަރީއާއި ލަޝްކަރުގެ ބައެއް އެހެން ކޮމާންޑަރުން ބައްދަލުކުރެއްވުމަށް ފަހު ނިންމެވީ ލަޝްކަރު އަލުންބަލުން ތަރުތީބުކުރައްވާށެވެ. އައްޒަޣަލް ރަސްކަމުގެ އެކި ދާއިރާތަކަށް މަންދޫބުން ފޮނުއްވައިފިއެވެ. ބަދްރު ކުރެއްވި މަސައްކަތްޕުޅަކީ ލަޝްކަރު ކުދި ގްރޫޕުތަކަކަށް ބައްސަވައިލެއްވުމަށް ފަހު ޖިހާދުގެ ތަބްލީޣުގެ މަސައްކަތްޕުޅެވެ.
އެޔަށް ފަހު ފަސް ސަތޭކަ އަސްވާރުންނާއެކު ބަދްރު މަލަގައިން ނުކުމެވަޑައިގެން ވަޑައިގަތް ގޮތަށް ޖާގަ ޖެއްސެވީ ގްރަނާދާގެ ރަށްބޭރުގައި ތަންކޮޅެއް ދުރުގައެވެ. އެތާގައި ހުންނަވައިގެން ގްރަނާދާގެ ރައްޔިތުންގެ ހިތުގައި އަބޫ ޢަބްދުﷲއާ ދެކޮޅު ޚިޔާލުތައް އާލާކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ބަދްރުގެ ލަޝްކަރަށް ހުރަސްއަޅާން އަބޫ ޢަބްދުﷲގެ ސިފައިން މަސައްކަތް ކުރިއެވެ. އެކަމަކު އެކަމެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ދެތިން ފަހަރަކު ކުދިކުދި ކުރިމަތިލުންތައްވެސް ހިނގިއެވެ. ބަދްރުގެ ފަހުލަވާނުން އެމީހުން ބަލިކޮށް ފައްސާލައި ގްރަނާދާގެ ފާރާ ފެއަށް ޖެހުނަ ނުދީ ހިފަހައްޓަމުން ގެންދިޔައެވެ.
ހައެއްކަ ހަފުތާގެ މަސައްކަތްޕުޅަށް ފަހު ރަށްފުށުގެ އަވަށްތަކުގެ މީސްމީހުންގެ ތާއީދާއި އެހީޔާއެކު ގްރަނާދާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވައިފިއެވެ. ރަށަށް އަރާން އޮންނަ ހުރިހައި މަގެއް ބަންދު ކުރައްވައިފިއެވެ. ދަނޑުވެރިންވެސް ބަދްރުގެ މަސައްކަތްޕުޅަށް އެހީތެރިކަން ފޯރުވިއެވެ. އެމީހުން ހައްދާ ތަކެތި ގްރަނާދާއަށް ވިއްކުމާ މުޅީން ދެކޮޅު ހަދައިފިއެވެ. ތަދުމަޑުކަމާ ކުރިމަތިލާން ޖެހުނީމާ ގްރަނާދާގެ ރައްޔިތުންގެ އޮބިފައިވާ ޖަޒުބާތު ހިލޭން ފަށައިފިއެވެ. ބައެއް މީހުން ރަށް ދޫކޮށް މަލަގައަށް ދަތުރު ފަށައިފިއެވެ.
މައްސަލައިގެ ނާޒުކުކަން ވިސްނިވަޑައިގަތީމާ ބަދްރުގެ ލަޝްކަރު ބަލިކުރެއްވުމަށްޓަކައި އަބޫ ޢަބްދުﷲ ފަސް ހާސް މީހުންގެ ލަޝްކަރެއް ފޮނުއްވައިފިއެވެ. އެކަމަކު ހަފުތާއެއްހައި ދުވަސް ފަހުން ލިބިވަޑައިގަތީ އޭގެ ތެރެއިން ދެ ހާސް މީހުން ބަދްރުގެ ލަޝްކަރާ ގުޅުނު ޚަބަރެވެ. ބާކީ ތިބި މީހުން ބަލިވީމާ ދަނޑުވެރީންގެ އަވަށެއްގައި ހުޅު ޖަހައިފައި ފިލައިގެން އެނބުރި ގްރަނާދާއަށް ވަދެއްޖެއެވެ.
(ނުނިމޭ)
